އިންސާފު ލިބޭނެބާ؟-1
ސުކޫލު ނިމިގެން ގެއަށް ދިއުމަށްޓަކައި ޒާރާ މަގުމައްޗަށް ނުކުތެވެ. ދިއްލާފައިވާ ރަތްދަކަ އަވިން ސަލާމަތްވުމަށްޓަކައި ގަސްގަހުގެ ހިޔަލުން ހިނގޭތޯ އޭނަ ބެލިއެވެ. ވެފައި ހުރި ވަރުބަލިކަމާއި ބަނޑުހައި ހޫނުކަން އިހުސާސް ކުރެވޭ ކޮންމެފަހަރަކު ޒާރާ އޭނަގެ ހިނގުން ބާރުކޮށްލައެވެ. ފޮތްދަބަސް ހިފައިގެން ގޭދޮށަށް އާދެވުމާއިއެކު ޒާރާ ދިޔައީ ސިއްސައިގެންނެވެ. މުޅި ގޭދޮށް ވަނީ މީހުންތައް އެއްވެ ތޮށްޖެހިފައެވެ. އިނގިލި ކުރި ޖައްސައިލާނެހާ ތަންކޮޅެއްވެސް ނެތެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހައިރާންކަމާއި ބިރުވެރިކަމެވެ. އެންމެންގެ ތެރެއިން ދުވެފައި ކަހަލަ ގޮތަކަށް ޒާރާ ގެއަށް ވަންއިރު ކަމަކުދާކަށް ނެތެވެ. ޒާރާގެ ފައިދަށުން ބިންގަނޑުދަމައިލިހެންވެސް އޭނައަށް ހީވިއެވެ. އޭނަގެ ހިތަށް ފިނިފެން އެއްޗެއް އޮއްސާލި ކަހަލައެވެ.
ޒާރާގެ ލޯކުރިމަތީ ހުދު ފޮތިގަނޑެއް އަޅައިފައި އެއޮތީ ކާކު ކަމެއް ޒާރާއަކަށް ނޭނގުނެވެ. ވަށައިގެން ލޯހިންގާލިއިރު ގޭ އެންމެން ތިއްބެވެ. ނެތީ ހަމައެކަނި ޒާރާގެ ލޯބިވާ ދޮންތަ ނާޔާއެވެ. ހުރި ތަނުން ގުޑާލަން ނުކެރިފައި ހުރި ޒާރާ ފަޔަށް ލެވުންހައި ބާރެއްލައިފައި އޭނާގެ ދޮންތަގެ ފުރާނެ ނެތް ހަށިގަނޑާއި ދިމާލަށް ދުއްވައިގަތެވެ. ޒާރާ ބިރުން ތުރުތުރު އަޅާ ހާލު ކަކޫ މައްޗަށް ވެއްޓިގަތެވެ. މޫނުމަތިން ފޮތިގަނޑު ނަގާނެހާ ހިތްވަރެއް ޒާރާގެ ނެތެވެ. ޒާރާ އިސްއުފުލައިފައި އޭނަގެ މަންމައަށް ބަލައިލެވުނެވެ. ޒާރާގެ މަންމަ އައިންތުގެ ހާލު ސިފަކުރަންވެސް ދައްޗެވެ. ރޮއިރޮއި އައިންތުގެ ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. އެއްދިމާލަކަށް ގެއްލިފައި އިންއިރު ހީވީ ދުނިޔެއަށް މޮޔަވެފައި އިންމީހެން ހެންނެވެ. ގާތުގައި ޒާރާގެ މާމަ ސަކީނާއާއި ޒާރާގެ ބައްޕަ އަހުމަދުވެސް ހުއްޓެވެ. ދައްތައާއި ދައްތަގެ ފިރިމީހާވެސް ހުއްޓެވެ.
މާގިނަ ވަގުތު ބޭކާރު ނުކޮށް ޒާރާ މަޑުމަޑުން އޭނަގެ ދޮންތަގެ މޫނުމަތިން ފޮތިގަނޑު ނަގަންފެށިއެވެ. ތުރުތުރު އަޅާ އަތަކާއިއެކު ފޮތިގަނޑު ނެގުނީ ވަކި ހިސާބަކަށެވެ. ނާޔާގެ މޫނު ފެނުމާއިއެކު ޒާރާ ފަހަތަށް ޖެހިގަތީ އިތުރަށް ބަލާނެ ހިތްވަރެއް ނުލިބިގެންނެވެ. ނާޔާގެ މޫނުވަނީ ފާޑަކަށް ނޫވެފައެވެ. މޫނުގައި ހުރި ނާރުތަށްވެސް ވަކިވަރަކަށް ފެންނަން ހުއްޓެވެ. ޒާރާގެ ކޯތާފަތް މައްޗަށް ފައިބަމުންދިޔަކަރުނަތައް ވީއިތުރެވެ. ޒާރާ އޭނާގެ ލޯކުރިމަތީ ފެންނަ މަންޒަރު ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ޒާރާ އޭނާގެ މަންމައާއި ދިމާލަށް ދުއްވައިގަތީ އޭނާ ސިކުނޑިތެރޭގައި އެބުރެމުންދާ ސުވާލުތަކުގެ ޖަވާބުލިބޭނެކަމުގެ އުއްމީދުގައެވެ.
“މަންމާ! މަންމާ! ވާހަކަ ދައްކަބަލަ! މަންމަ ހެޔޮނުވާނެ އެއްޗެއް ބުނެބަލަ ނިކަން…ދޮންތައަށް ކިހިނެއްވީ؟” ޒާރާ އޭނާގެ މަންމަގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ސުވާލުފައްޗެއް އަމުނާލިއެވެ. ނަމަވެސް ކުރި މަސައްކަތް ވީ ބޭކާރެވެ.
“މާމާ! މާމައަށް އިނގޭނެ ދޯ ވީގޮތް؟ ޕްލީސް މާމާ ބުނެބަލަ! ކިހިނެތްތަ ވީ؟ މީހުވަފެނެއް ދޯ؟ ޒާރާއަށް މިފެންނަނީ ހުވަފެނެއްދޯ؟” ޒާރާ އޭނާގެ މާމަ ގާތު މިއީ ހަޤީޤަތެއް ނޫންކަން ބުނުމަށް ކެނޑިނޭޅި ބުނަމުންދިޔައެވެ. ސަކީނާއަށް އިސްޖަހައިލެވުނެވެ. ޒާރާއާއި ދިމާލަށް ބަލާކަށް އޭނައަކަށް ކެތެއްނުވިއެވެ. ސަކީނާގެ ފަރާތުން ޖަވާބު ނުލިބުމުން ޒާރާ އޭނާގެ ބައްޕަ ގާތު އާދޭސް ކުރަން ފެށިއެވެ. ޒާރާގެ ބައްޕަވެސް އޭނާގެ ސުވާލުތަކަށް ޖަވާބެއް ނުދިނެވެ.
“ކީއްވެތަ އެކެއްވެސް އަހަރެންގެ ސުވާލުތަކަށް ޖަވާބުނުދެނީ؟ އޭނ! ދައްތާ… ބޭބޭ؟ ދޮންތައަށް ކިހިނެއްހޭ ވީ؟” ގިސްލެވޭ ހާލު ޒާރާއަށް މިހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ.
“ދޮންތަބޭ! ދެން ދޮންތަބެއަށް ޖަވާބުދެވޭނީ! ޕްލީސް ބުނެބަ.. މީ ކިހިނެއްވީކަމެއް؟ ދޮންތަބޭ؟” ނާޔާގެ ވާން އުޅުނު ފިރިމީހާ ލައިޝް ގާތުވެސް ޒާރާ ދިޔައި ވީނުވީ އޮޅުންފިލުވައި ދިނުމަށް އާދޭސް ކުރަމުންނެވެ.
“ޒާރާ…” ލައިޝް ވިސްނައިދޭ ރާގަކަށް ޒާރާއަށް ގޮވައިލިއެވެ. “މީ ތިކަހަލަ ވާހަކަ ދައްކަން އެހާ ރަނގަޅު ވަގުތެއް ނޫން… ދޮންތަބެ ފަހުން ވީނުވީއެއް ކިޔައިދޭނަން. އެންމެ ރަނގަޅުވާނީ ޒާރާ ގޭތެރެއަށް ވަނިއްޔާ”
“އެކަމު ދޮންތަބޭ…” ބޮޑާހާކާ ރާގަކަށް ޒާރާ ބުންޏެވެ.
“ޕްލީސް ޒާރާ” ދެލޮލުން ކަރުނަ އައުން ނުހުއްޓޭހާލު ލައިޝް ޒާރާ ގާތު ބުންޏެވެ.
“ދޮންބޭ! ދޮންބޭ! ކީއްވެ މިތާ އެޙާ މީހުން ގިނަވެފަ….” ދުވަމުން ދުވަމުން ގޯތިތެރެއަށް ވަން ލައިޝްގެ ކޮއްކޮ ޝަބާނާ ވަކި ހިސާބަކަށް ބުނެވުނު ތަނާ އޭނަގެ ލޮލަށް އަޅައިގަތީ ނާޔާގެ ފުރާނަ ނެތް ހަށިގަނޑެވެ.
“ދޮންބެދައްތާ” ހިތާހިތުން ޝަބާނާއަށް އެހެން ބުނެވުނެވެ. ސުވާލުން ފުރިފައިވާ ނަޒަރަކުން ޝަބާނާ ލައިޝްއާއި ދިމާލަށް ބަލައިލިއެވެ.
“ޒާރާއާ ޝަބާނާ ވަދޭ އެތެރެއަށް… އަވަސް!” ލައިޝްގެ މަންމަ ދެކުދިން ގާތު އެދުނެވެ. އިތުރަށް އެއްޗެކޭ ނުބުނެ ދެކުދިންވެސް ވަނީ ގޭތެރެއަށެވެ. ވަނުމުގެ ކުރިން ފަހު ފަހަރު ދެކުދިންވެސް އެކުދިންގެ ލޯބިވާ ނާޔާއާއި ދިމާލަށް ބަލައިލިއެވެ.
ޒާރާއާއި ޝަބާނާއަކީ އެންމެ ކުޑއިރުއްސުރެ ވަރަށް ގާތް ދެއެކުވެރިންނެވެ. ހުރިހާ ހިތާމައަކާއި އުފާތަކެއްވެސް އެކަކު އަނެކަކާއި ހިއްސާ ކުރަމުން އަންނަ މިދެކުދިންނަކީ އެކުވެރިކަމުގެ މިސާލެކޭ ބުންޏަސް ގޯހެއް ނުވާނެއެވެ. ޒާރާއާއި ޝަބަނާ ވަނީ ޒާރާގެ މަންމަގެ ކޮޓަރިއަށެވެ. ޒާރާއާއި ނާޔާ އުޅޭ ކޮޓަރި ވަނީ ވަނުން މަނާ ކޮށްފައެވެ. އެތާނގައި ހަރަކާތް ތެރި ވަމުން ދިޔައީ ޕޮލިހުންނެވެ.
“ޒާރާ… ދޮންބެދައްތަ… ކިހިނެއް؟ މީ ކޮންކަމެއް؟” ޝަބާނާއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ.
“ޝަބާނާއަށް ކިހިނެއް އިނގުނީ ތިގޭ އެންމެން އުޅުނީ މިގޭގަކަން؟” ޒާރާ ކުރީ މުޅިން އެހެންސުވާލެކެވެ.
” އަހަރެންގެއަށް ދިޔައިރު ގެޔަކު ނޫޅޭ އެކެއްވެސް. ދޮންބެއައް ގުޅާ ގުޅާ ދޮންބެ ނުނެގި ފޯނެއް. މަންމައަށް ގުޅި އިރަކުވެސް ފޯނެއް ނުނަގާ. ދެން އަވަހަށް އެއްޗެހި ބަދަލު ކޮށްގެން ބޭރަށް ނުކުތްއިރު ބައިވަރު މީހުން މިގެޔާ ދިމާލަށް އަންނަތަން ފެނުން. އަހަރެން ހިތަށް އެރި އަނެއްކާ ކިހިނެއް ވެގެންހޭ އެ އުޅެނީ… މިގެޔާ ހިސާބަށް އައިރު ޔަގީންވި ކޮންމެސް ކަމެއް ހިނގައިގެން އުޅޭކަން… ގޯތިތެރެއަށް ވަންއިރު ފެނުނީ ދޮންބެ… ދޮންބެއަށް ގޮވަމުން މިހިސާބަށް އައިތަނާ ފެނުނީ ދޮންބެދައްތަ…” ޝަބާނާއަށް އެހިސާބަށް ބުނެވުނުތަނާ އޭނައަށް ރޮވެން ފެށުނެވެ. އަދި ހަމައެއާއެކު ޒާރާއަށްވެސް ރޮވެން ފެށުނެވެ. އެންމެ ކުޑައިރުއްސުރެ ފެށިގެން ފެންނަމުން އަންނަ އެހާ ގާތް މީހެއް ކުއްލި ގޮތަކަށް މިދުނިޔެ ދޫކޮށް ދިޔައީމައި ކުރާނެ އަސަރު ވިސްނޭނީވެސް އެކަހަލަ ހާދިސާއެއް ދިމާވެފައި ހުރި މީހަކަށެވެ.
“ޒާރާއަކަށްވެސް ނޭނގެ… ގެއަށް އައިސް އެންމެން ގާތު އެހިން. އެކެށްވެސް ޖާވާބެއް ނުދޭ… އެކެއްވެސް! އެއޮށް ވަރަށް އާދޭސް ކުރީމާވެސް ނުދިން!” ޒާރާ ބުންޏެވެ.
“އަޅެ ހީކޮށްބަ ދޮންބެ ދެރަވާނެ ވަރު… އަންނަ ހަފްތާ ހުކުރު ދުވަހު އެދެމީހުން ކައިވެނި ކުރަން ހަމަޖެހިފަ އޮތީ… އެކަމަކު ދޮންބެދައްތަ އެދިޔައީ އެންމެން ދޫކޮށްފަ!” ޝަބާނާ ރޮމުން ރޮމުން ބުންޏެވެ.
“ޝަބާނާ… އަހަރެން ބޭނުން ދޮންތަ ވަޅުލަންދެން ދޮންތަ ގާތު ހުންނަން…. ޕްލީސް އަހަރެން ގެންދޭ ދޮންތަގާތަށް… އަހަންނަކަށް ނޫޅެވޭނެ ދޮންތައާ ނުލައެއް.. ދެން މީގެ ފަހުން ދޮންތައަކަށް ޖެއްސުމެއްވެސް ނުކުރާނަން އުނދަގުލެއްވެސް ނުކުރާނަން… ޝަބާނާ ޕްލީސް” ޒާރާ އާދޭސް ކުރަމުން ގެންދިޔައެވެ.
“ޒާރާއަށް އިނގޭނެ ދޯ މަންމަމެން…. ނުގެންދާނެ އެކަހަލަ ތަންތާކަށް… މިހާރު ދޮންބެދައްތަ ގެންގޮސްފާނެ ހިނާވާ ކަންތައް ކުރަން…” ޝަބާނާ ބުންޏެވެ. ދެކުދިންވެސް ރޮއެ ހިތާމަ ފާޅުކުރިއިރު ވަގުތު ދިޔަގޮތެއްވެސް ނޭނގުނެވެ.
ހަވީރުގެ ވަގުތެވެ. ޒާރާއާއި ޝަބާނާ ތިބީ އޭރު ވަންގޮތަށް ކޮޓަރި ތެރޭގައެވެ. އިރުކޮޅެއްނުވެ ލައިޝް އެކޮޓަރިތެރެއަށް ވަނެވެ. ލައިޝްގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ހިތާމަވެރިކަމެވެ. މިއަދުގެ ފަހުން އޭނާގެ ލޮލުން ކަރުނަ ނުހިކޭނެ ކަހަލައެވެ. ލައިޝް ފެނުމުން ޝަބާނާ ގޮސް ލައިޝް ގައިގައި އޮޅުލައިގަތެވެ. ލައިޝް ހިފަހައްޓައިގެން ހުރި ކަރުނަތައް އޭނަގެ ކޯތާފަތް މައްޗަށް ފައިބާން ފެށިއެވެ. ކިތަންމެ ނުރޯން އަޒުމް ކަނޑައަޅައިގެން ދިޔަޔަސް އެންމެފަހުން ޖެހުނީ ރޯށެވެ. ޒާރާއަކަށް މިމަންޒަރު ބަލާކަށް ކެތެއްނުވިއެވެ.
“މިއައީ ނާޔާ ވަޅުލާ ހުރިހާ ކަމެއް ކޮށްފަ” އެތާއިން ގޮޑިއެއްގައި އިށީންނަމުން ލައިޝް ބުންޏެވެ. “ދޮންތަބެ ވަރަށް ބުނިން ޒާރާއާ ޝަބާނާ މޫނު ބަލާތަނައް ގެންނަން… އެކަމަކު އެކެއްވެސް ބޭނުމެއް ނުވި… މާމަ ބުނި ޒާރާއަށާއި ޝަބާނާއަކަށް ކެތެއްނުވާނެޔޯ… ޒާރާގެ މަންމައަށް ވީ ވަރު ބޭނުމެއް ނޫނޯ ޒާރާއަކަށް ވާކަށް”
“މަންމައަށް ވީވަރު ވާށޭ؟ މަންމައަށް ކިހިނެއްވީ؟” ޒާރާ އެހިއެވެ.
“ޒާރާގެ މަންމަ ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ…ޝޮކެއް ޖެހިފަޔޯ ވަނީ… ހާލު ވަރަށް ދެރަ… ހަގަޑިއިރު ތެރޭ ހޭނާރާފިއްޔާ ޖެހޭނީ މާލެ ގެންދާށޯ” ލައިޝް ބުންޏެވެ. ވަގުތުން ޒާރާ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެއްކޮޅުން ނާޔާ މަރުވިކަން ޒާރާއަށް ގަބޫލު ނުކުރެވުނެވެ. އަނެއްކޮޅުން ޒާރާގެ މަންމަގެ ހާލު ދެރަވި ވާހަކައެވެ. ހަމަ ރަނގަޅަށްވެސް ހަތަރު އުދަރެސް ފެނުޖެހިއްޖެއެވެ. ލިބުނު ސިހުމެއްގެ ސަބަބުން ޒާރާ ހުރި ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ދޮންބޭ… ކިހިނެއްތަ ދޮންބެދައްތައަށް ވީ؟” ޝަބާނާ އެހިއެވެ. ލައިޝް ފުން ނޭވާއެއްލައިފައި ކިޔައިދޭން ފެށިއެވެ.
…………………………………………….
“މަންމާ! މި ވަންނަނީ ފެންވަރާލަން ހިނގޭ!” ނާޔާ އޭނާގެ މަންމަ ގާތު ބުނެފައި ކޮޓަރިއަށް ވަނެވެ.
“ނާޔާ.. ދަރިފުޅާ ނާޔާ… އާދެބަލަ މާމައާ އެކު ފިހާރައަށް ދާން!” އިރުކޮޅެއް ފަހުން ސަކީނާ ނާޔާއަށް ގޮވިއެވެ.
“މަންމާ… ނާޔާ ވަނީ ފެންވަރަން ވަދެ” އައިންތު ސަކީނާ ގާތު ބުންޏެވެ.
“މިހާރު ކޮންއިރެއް ފާހަނައަށް ވަދެ އުޅޭތާ” ސަކީނާ ސޯފާގައި އިށީނދެލަމުން ބުނެލިއެވެ.
“މަންމާ… މަންމައަށްވެސް އިނގޭނެ ދޯ ނާޔާ ފާހަނައަށް ވަދެފިއްޔާ އަވަހަކަށް ނުކުންނާކަށް ނޭނގޭނެކަން” ހެމުން ހެމުން އައިންތު ބުންޏެވެ.
ބައިގަޑިއިރުވެ ބޮޑުވެއްޖެއެވެ. ސަކީނާގޮސް ނާޔާގެ ކޮޓަރިގައި ތަކި ޖަހަންފެށިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.



are you sidheeqa
Very curious abt what happen… varah reethi mi part … waiting for the nxt part
thanks riff… in sha allah vrh avahah kiyaalan libeyne. vaahaka submit kohlaifin dhn admin in post kurihaa avahakah kiyaalan libeyne
Maasha Allah. ?? v v reethi and haadha curious kohlaafa thi nimmaaliy…… when is next.
Waiting for the next part
?
thank you alika….vaahaka upload kohlin iyyega. in sha allah miadhuge vaguthehga kiyan libeyne.