Skip to content
އެސްފިޔަ

ފާހަގަ ކުރަންވީ ހަމައެކަނި ޖޫން މަހުގެ 5 ވަނަ ދުވަހެއް ނޫން!

މިއަދު މި ދުނިޔެ އަޅުގަނޑުމެންނަށް  އެދި ގޮވަނީ އެހީއަށެވެ. މާތް ﷲ އަޅުގަނޑުމެންނަށް ދެއްވި މި ނިއުމަތަށް (ދުނިޔެއަށް) އަޅުގަނޑުމެން އިހާނެތިވެވެނީ ކީއްވެހެއްޔެވެ؟ ފެން ކައްކާ ބޮލީގެ އިއްޒަތް ފަދައެވެ. ތިމާވެށީގެ ބޭނުން ޖެހުނީމައި އެއަށް އިހްތިރާމް ކޮށްފައި، ބޭނުން ނިމުމުން ކޮޅުފައިން ޖަހައި އެއްލާލަނީއެވެ. ލޯހިންގާލާ ކޮންމެ ދިމާލަކުންވެސް ފެންނަނީ މި މަންޒަރެވެ. މިއަދު މިއީ ތިމާވެށީގެ ދުވަހެވެ. ކޮންމެ ޤައުމަކުންވެސް ބަލަނީ އެޤައުމަކުން ފާހަގަކުރެވޭ އެންމެ ކުލަގަދަކޮށް މިދުސް ފާހަގަ ކުރެވޭތޯއެވެ. ނަމަވެސް މިދުވަސް ނިމުމުން ތިމާވެއްޓަކީ އޮންނަ އެއްޗެއްކަންވެސް ގިނަ މީހުން ހަނދާން ނެތެއެވެ. މިއީ ވަރަށްވެސް ހިތާމަ ހުރި ހަޤީޤީގަތެކެވެ.

މި ކުޑަ ކުޑަ ދިވެހިރާއްޖެއައް ބަލާލަމާތޯއެވެ. ރާއްޖެ ގިރުމުން ސަލާމަތްކުރެވެން ދެން އޮތީ އެންމެ 10 އަހަރުކަމަށް 2017 ވަނަ އަހަރު “ޕާރލޭ” އިން ކުރި ދިރާސާއަކުން ދައްކައެވެ. 2020 ވަނަ އަހަރައް ބަލާނަމަ ބާކީ ދެން އޮތީ އެންމެ 7 އަހަރެވެ. ދުނިޔެ ހޫނުވުމުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމު ދެމިއޮންނާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއް އެބައޮތްހެއްޔެވެ؟ ދުވަހަކުން ދުވަހަކަށް ރާއްޖޭގެ އެކި ރަށްތައް ގިރުމުގެ ޙަބަރުތައް ދަނީ އިތުރުވަމުންނެވެ. މީގެ އަހަރުތަކެއް ކުރިން އަޅުގަނޑުމެން ދުއް އެކި ކުލަކުލައިގެ މުރަކަތަށް މިހާރު ދަނީ ހަމަ އަޅުގަނޑުމެންނަށް ކުރެވޭ ނޭދެވޭ ޢަމަލުތަކުގެ ސަބަބުން ހަލާކުވަމުންނެވެ. މިކަމުގެ ސަބަބުން ރީތި ދޮންވެލީގެ ގޮނޑުދޮށްތައްވެސް ދަނީ ގިރެމުންނެވެ. ކުރިއަށް އޮތް ޖީލަށް ރާއްޖޭގެ މި ރީތި މަންޒަރުތައް ފެންނަނެކަމާއިމެދުވެސް ޝައްކެވެ.

ބޭރުޤައުމުތަކުގައި ހުންނަ ބޮޑެތި ކާރުހާނާ ފަދަ ތަންތަން ރާއްޖޭގައި ނުހުރުމީ ހަމަ އަޅުގަނޑުމެންގެ ނަސީބެވެ. އެހެންނޫންނަމަ މި ކުޑަ ކުޑަ ޖަޒީރާ ތަޣައްޔަރުވުމީ ޝައްކެއްވެސް ނެތްކަމެކެވެ. މާޔޫސްވާންޖެހޭ ސަބަބަކީ ދިވެހިރާއްޖޭގައި ކާރުހާނާތަކުގެ ރޯލު އަދާކުރަނީ އަޅުގަނޑުމެންނަށްވާތީއެވެ. މާލޭގެ މަގުތައްމަތިންނާއި ބަނދަރުމަތިން ހިނގައިލިޔަސް ފެންނަނީ ނުޠާހިރުކަމެވެ. ދޯނިތައް އަޅައިފައި އޮންނަހިސާބުގަނޑުގެ މޫދަކީ އެކި އެކި ޒާތްޒާތުގެ ކުނިބުނި އެއްވެފައިހުންނަ ހިސާބެކެވެ. އެތަނުން ނުފެންނަވައްތަރެއްގެ ކުންޏެއްނޯވެއެވެ. ކުނިތައް ނައްތާލުމަށް ޤަވާއިދުތަކެއް ހެދިފައި ވީނަމަވެސް އެޤަވާއިދުތަކާއި އެއްގޮތައް އަޅުގަނޑުމެންނަށް ޢަމަލު ނުކުރެވެންވީ ކީއްވެހެއްޔެވެ؟ ގިނަ ފަހަރު އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަ ގޮތުން މަގުތަކާއި ތަންތަންހަޑިވުމަށް މަގުފަހިވެގެންދެއެވެ. ތަފާތު ހިސާބުތަކުގައި ޑަސްބިން ބެހެއްޓިފައިވީނަމަވެސް އޭގެ ބޭނުން އެންމެއެދެވޭ ގޮތުގައި ނުހިފާކަމީ ހިތާމަހުރިކަމެކެވެ. އަޅުގަނޑުމެންނަކީ މިހާ ކަންފަސޭހަ ބައެއްހެއްޔެވެ؟ ބުނާ ބުނުމުން ސާފުތާހިރުކަމަކީ ދިވެހިން ވަރަށް ކުރީއްސުރެ އިސްކަމެއް ދެމުން އަންނަކަމެކެވެ. މާލޭގެ މަގުތަކަށް ނުކުމެލީމައި މިއީ ކިހާވަރެއްގެ ހަގީގަތެއްކަން ހާމަވެގެންދާނެއެވެ.

އަޅުގަނޑު ހިތަށް އަރައެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ހުރިހާ ގޮތަކުންވެސް ގެއްލުންވަމުން ދަނީ ހަމައެކަނި އިންސާނުންނަކަށް ނޫންހެއްޔެވެ؟ މުޅި ދުނިޔޭގެ ގައުމުތައް ފުރަބަންދުކުރުމުގެ ސަބަބުން ކާރު، ބަސްފަދަ ތިމާވެއްޓައް ގެއްލުންވާ “ގްރީން ހައުސް” ގޭސް ދޫކުރާ އުޅަނދުތައް ދުއްވުން ހުއްޓުމުންނާއި ކާރުހާނާތައް ބަންދުވުމުން ތިމާވެއްޓައް އަންނަ ހެޔޮބަދަލާއި ދޭތެރޭ ނިކަން ރަނގަޅަށް ވިސްނާލާށެވެ!  ކުރިން ހަލާކުވަމުން އަންނަ “އޯޒޯން” ފަށަލަ މިހާރު އަންނަނީ ރަނގަޅުވަމުންކަން އުފަލާއިއެކު ފާހަގަކުރަމެވެ. ވީއިރު އަޅުގަނޑުމެންނަށް ތިމާވެށި ސަލާމަތް ނުކުރެވެންވީ ކީއްވެހެއްޔެވެ؟

އަޅުގަނޑުމެން ތިމާވެއްޓައް ބޭނުންހާ ގޮތެއް ހަދާއިރު އެއްފަހަރު ނަމަވެސް ތިމާވެއްޓައް ވާނެ ގެއްލުންތަކާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ ތިމާވެއްޓަކީ އަޅުގަނޑުމެން ފަދަ ނިކަމެތި އިންސާނެއްނަމަ ކުރާނެ އަސަރުތަކާއި ވާނެވަރު ހިތަށް އަރުވާލިން ހެއްޔެވެ؟ ތިމާ މީހަކު ގާތު ތިމާގެ ފުރާނައަށްޓަކައި ކުރާ އާދޭސްތަކާއި ކެކުޅުންތަކަށް އެމީހާ ބީރު ކަންފަތެއް ދިނުމުން ވާނެ އިހުސާސް ހިތަށް ގެނެސްލާށެވެ. އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަނީ މިފަދަ ގޮތަކަށެވެ. އަޅުގަނޑުމެންނަށް ދުންގަނޑު ތެރޭ ނޭވާ ލުމަކީ އެހާ ފަސޭހަކަމަކަށް ނުވާއިރު ކޮންމެ ދުވަހަކު އަޅުގަނޑުމެން ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުން ތިމާވެއްޓަށް ވާނެ އުދަނގޫތަށް ނިކަން ވިސްނާލަބަލާށެވެ!  ދިރިއުޅެން އިތުރުޖާގަ ބޭނުންވުމުން އަޅުގަނޑުމެން ގަސްގަހާގެހި ކަނޑައިނަގަނީއެވެ. ބިންބޮޑުކުރުމަށްޓަކައި ފަޅުތައްހިއްކަމުންދަނީއެވެ. ނަމަވެސް އެކަނޑައިލައި ގަސްތަކުން ފިނިކަން ލިބެމުންދާކަން އިހުސާސްކުރެވެނީ ކިތަށް ފަރުދުންނަށްތޯއެވެ؟  އަޅުގަނޑުމެންގެ ރަށް ގިރުމުން ސަލާމަތްކުރުމަށްޓަކައި ރާޅުތަކާއި ހަނގުރާމަކުރީވެސް ހަމަ އެ ފަޅުހިއްކަން ނެގި މުރަކަތައްކަން ހަނދާން ބަހައްޓާނީ ފަހެކާކުހެއްޔެވެ؟ ކުރާނީވެސް ކީއްހެއްޔެވެ؟ އަޅުގަނޑުމެންނަކީ އަމިއްލައެދުންތަކުން ފޮވެފައިތިބޭ ބައެކެވެ.

ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަސްއިންދުމާއި ރަށުތެރެއާއި ފަޅުތެރެ ސާފުކޮށް ހެދުމަކީ ހަމައެކަނި ޖޫން މަހުގެ 5 ވަނަ ދުވަހުއެކަނި ކުރާ ކަމެއްގެގޮތުގައި ނުހަދަމާތޯއެވެ! ރަށުފެންވަރުގަޔާއި އަތަޅުފެންވަރުގައިވެސް ދާއިމީކޮށް މިކަންތައްތައް ކުރަންވިސްނަމާތޯއެވެ! ތިމާވެއްޓަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ވަރަށް މުހިންމެ ރޯލެއް އަދާކުރާ އެއްޗެކެވެ. އެއީ އަޅުގަނޑުމެންނަށް އޭގެ ޒާތުގައި ބައިވަރު އިބުރަތްތަކެއް ދޭއެއްޗެކެވެ.  ތިމާވެއްޓެކޭ އުއްބަތިއެކޭ އެއްފަދައެވެ. އެއްކޮޅުގައި އުއްބަތި އަމިއްލައަށް އަނދައިފައި އެހެންމީހުންނަށް އަލިކަންދެއެވެ. އެއްވެސް ޝަރުތެއް، އެއްވެސް ޝަކުވާއެއްނެތިއެވެ. އަނެއްކޮޅުން ތިމާވެށްޓަކީ އަޅުގަނޑުމެން އެއަށް ކޮންމެގޮތެއް ހެދިޔަސް އޭތި އަދާކުރަންޖެހޭ ޒިންމާތައ ފުރިހަމައަށް އަދާކުރާ އެއްޗެކެވެ. މާދަމާ އަޅުގަނޑުމެންނަށް ފިނިކަމެއްވެސް ލިބެމުންދާނީ ހަމަ އެގަސްގަހާއިގެންނެވެ. ރަށްގިރުމުން ސަލާމަތްކުރުމަށް ރާޅުތަކާއި ހަނގުރާމަ ކުރާނީވެސް ހަމަ އެމުރަކަތަކެވެ. އަދިވެސް ލަހެއްނުވެއެވެ. ވަގުތު ފާއިތުނުވަނީސް ފަރުދީ ގޮތތުންނަމަވެސް ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެންމެން އަތުކުރިއޮޅާލަމާ ހިނގާށެވެ. ޒިންމާދާރުވާން ހިނގާށެވެ. ކުރިއަށް އޮތް ޖީލަށް ދިވެހިރާއްޖޭގެ ރީތިކަން ފެންނާނީ އޭރުންކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ.

-ނިމުނީ-

Comments (6)

  1. Sadha

    Vrh vrh iburahtheri vhk kolheh ma sha allah… in sha allah hurihaa kameh vx rangalhu vaane… ?

    1. Raaya
      Sadha

      thank you sadha…

  2. Livy

    Varah Varah Varah iburahtheri vaahaka kolheh ?????????????
    Insha Allah rangalhu vaane Adhi ❤️❤️❤️❤️
    Mi vaahaka Kolhu Varah Varah reethi ❣️?
    Maa sha Allah ?????✨?

    1. Raaya
      Livy

      in sha allah… rangalhu vaane. and thankyou for the comment

  3. Riff?

    Great work… varah ragalhu vaahaka thakeh keep it up

    1. Raaya
      Riff?

      varah bodah thanks riff… vrh faahaga kurevey hama raaya liyaa konme vaahaka and mazumoonah comment eh kohlaakan. really appreciate your support

Comments are closed.