Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ.

Arupha Level 1
March 18, 2015 8 Mins Read
16 Comments

ޒަހުވާގެ ހިތްވަނީ ނުތަނަވަސް ކަމުން ފުރިފައެވެ. އޭނާގެ ޙަޔާތްވަނީ ބަނަވެ އަނދިރި ކަމުގެ ތެރޭގައެވެ. ފެންނަ ފެނުމަށް އޭނާވަނީ ދިރިއުޅުންމަތިން ފޫހިވެ އުންމީދުކަނޑާލާފައެވެ. އޭނާގެ ހިތް ބުނާކަހަލަ އެވެ. “އަހަރެން ދިރިހުންނަންވީ ކީއްވެ ހެއްޔެވެ؟ ދުނިޔޭގައި އަހަރެންނަށްޓަކައި އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެންގެ ޙަޔާތް ވޭތުވެގެން ދިޔައީ ފާފަކުރުމުގައެވެ. ހިނގަމުން ދިޔަ މަގުން ވެއްޓޭނީ އަނދަވަޅަކަށްކަން އެނގިހުރެމެ އެމަގުން ހިނގީމެވެ. ހަވާނަފްސްގެ އެދުންތަކަށް ތަބާވެ ދުނިޔަވީ ޙަޔާތް އުޚުރަވީ ހަޔާތުގެ މައްޗަށް އަހަރެން އިސްކުރީމެވެ. އަހަރެންނަކީ ކޮންފަދަ ބޮޑު ބަދުނަސީބު ވެރިއެއްހެއްޔެވެ؟” ޒަހުވާއަކީ ހުންގާނުނެތް ދޯންޏެއްފަދައިން ދާނެ ނުދާނެ މިސްރާބެއް ނޭނގި ދަތުރުކުރަމުންދާ އުޅަނދެކެވެ. އޭނާ އިސްލާހުވާން ބޭނުމެވެ. ނަމަވެސް ކުރެވިފައިވާ ފާފަތަކާއި މެދު ވިސްނި ވިސްނިހެން ތަކުރާރުކޮށް އަމިއްލަ ނަފްސާ ކުރެވެނީ އެންމެ ސުވާލެކެވެ. “ﷲ އަހަރެންނަށް ޢަފޫ ކޮށްދެއްވާނެ ހެއްޔެވެ؟”

ޒަހުވާ ވަނީ މީހެއްގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައެވެ. ދިރިއުޅުމާއިގެން ކުރިއަށްދާނެ ހިތްވަރުދީ އުންމީދުގެ ހުޅުކޮޅު ރޯކޮށްލަދޭނެ އެހީތެރިއެކެވެ. އޭނާއަށް ހެވާއި ނުބައި ބުނެދީ ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތް ނަހީ ކުރާނެ ޞާލިޙު އެކުވެރިއެކެވެ. ސާރާއެވެ. ސާރާއާއި ޒަހުވާ ވާހަކަ ނުދައްކާތާ ވަރަށް ޒަމާން ވެއްޖެއެވެ. އެހެން ކަމުން ސާރާއާ ވާހަކަ ދައްކަން އޭނާ ޖެހިލުންވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި، އަތް ތުރު ތުރު ލަމުންދާހާލު ޒަހުވާ ސާރާގެ ނަންބަރަށް ގުޅާލިއެވެ. އޭނާގެ ފޯނަށް ސާރާ ޖަވާބު ދޭނެގޮތެއް ނޭނގޭ ޙާލުގައެވެ.

“އައްސަލާމު ޢަލައިކުމް”

“ވަޢަލައިކުމް ސަލާމް. ކާކު؟”

މީ އަހަރެން ….ޒަހުވާ…'”

ސާރާއާއި ޒަހުވާއާއި ދެމެދަށް ހަމަ ހިމޭންކަން ވެރިވެގެން ދިޔައެވެ.

“ސާރާ އެބަ އިނިންތަ؟” ޒަހުވާއަށް އަހާލެވުނެވެ.

“އާނ.. ހާދަ ދުވަހެއް ވެއްޖެޔޭ ޒަހުވާގެ ޚަބަރެއް ނުވާތާ. ކިހިނެއްތަ ހާލު؟”

“އަހަރެން ރަނގަޅު. ސާރާއާ ބައްދަލު ކޮށްލަން ބޭނުން. އޯކެތަ؟ ވަރަށް އަވަހަށް.” ޖެހިލުންވެފައި ހުރެ ޒަހުވާ އަހާލިއެވެ.

“އާނ.. މައްސަލައެއް ނެތް.”

ސާރާއަކީ ދީންވެރި އަޚުލާޤު ރަނގަޅު ކުއްޖެކެވެ. ދީނުގައި ﷲ އަންގަވާފައިވާ ގޮތަށް އުޅުމަށް ގަދައަޅާ މަސައްކަތްކުރާ ޞާލިޙު އަޅުވެރިއެކެވެ. ސާރާއާއި ޒަހުވާއާ ދެމެދު އޮތް ގުޅުން ހީނަރުވެ ދެމީހުން ބީރައްޓެހިން ފަދައިން ވެދިޔައީވެސް އޭގެ ސަބަބުންނެވެ. ސާރާއާއެކު އުޅުން ޒަހުވާއަށްވީ ބޮޑު އުދަގުލަކަށެވެ. ޒަހުވާ ދެކުނު ގޮތުގައި ސާރާ މާ “ދީންވެރީއެވެ”. ނަމަވެސް ޙަޔާތުގެ މިދަނޑިވަޅުގައި ސާރާގެ އެހީއަށް ޒަހުވާއަށް އެދެވުނު ސަބަބެއް ޚުދު ޒަހުވާއަކަށްވެސް ނޭނގެއެވެ.

ސާރާއަށް އޭނާގެ ފޯނަށް ބަލަން އިނދެވުނެވެ. ކޮންމެވެސް ކަމެއް ރަނގަޅު ނޫންކަން އޭނާއަށް ޔަޤީންވިއެވެ. އެހެންކަމުން އޭނާ އިންތިޒާރުކުރަމުން ދިޔައީ ޒަހުވާއާ ބައްދަލުވާނެ އިރަކަށެވެ. ސާރާ އުޅޭ ގޭގެ ދޮރާހަމައަށް އަރާފައިވެސް ޒަހުވާއަށް އިރުކޮޅެއްވާންދެން ހުރެވުނެވެ. އޭނާ ހުރީ ސާރާއާ ބައްދަލުކުރަން ވަރަށް ޖެހިލުންވެ ފިނިވެފައެވެ. ޒަހުވާގެ އުންމީދަކީ ސާރާ އޭނާގެ ހިތްވަރު އެލުވައި ނުލުމެވެ. ސާރާގެ އެހީއާއިއެކު އޭނާގެ ޙަޔާތަށް އާ ދިރުމެއް ގެނެސްދިނުމެވެ. ޒަހުވާގެ ހިޔާލުތައް މަޒީގެ ސަފުޙާތައް އުކަންފެށިއެވެ. އޭނާއާއި ސާރާއެކުގައި އުޅުނު އުފާވެރި ދުވަސްތަކެވެ. ދެމީހުންގެ ގުޅުން ހީނަރުވާން މެދުވެރިވި ސަބަބަކީ ޚުދު ޒަހުވާކަން އޭނާ ޤަބޫލުކުރެއެވެ. އެހެނީ މިދުނިޔަވީ އުފާ ސާރާ ނަސޭހަތްތެރިވަމުންދިޔަ ކަންތަކަށްވުރެ ޒަހުވާއަށް މުހިންމުވީއެވެ. ޒަހުވާ ޤަބޫލުކުރިގޮތުގައި ސާރާގެ ޙަޔާތަކީ ވަރަށް ފޫހި އެއްވެސް ދިރުމެއްނުވާ ޙަޔާތެކެވެ.

**       **           **

“އައްސަލާމުޢަލައިކުމް” ޒަހުވާ ވަރަށް ހިތްވަރުކޮށްފައި ސަލާމް ގޮވާލިއެވެ.

“ވައަލައިކުމް ސަލާމް. އަވަހަށް އެތެރެއަށްވަދޭ” ހިނިތުންވެފައިހުރެ ސާރާ ބުންޏެވެ.

ސާރާ ފެނުމުން ޒަހުވާގެ ހިތް ވިރިގެން ދިޔަކަހަލައެވެ. ބޭއިޚްތިޔާރުގައި ޒަހުވާއަށް ސާރާގައިގައި އޮޅިލައިގަނެ ރޯންފެށުނެވެ. ސާރާ ޒަހުވާ ހުއްޓުވަން މަސައްކަތެއް ނުކުރެއެވެ. އޭނާ ހިތްހަމަޖެހެންދެން ރުއިމަށް ފުރުސަތު ދިނެވެ.

“އަހަރެންނަށް މަޢާފުކުރޭ.. މިއީ އަހަރެން ސާރާއަށް މަރުޙަބާ ކިޔަން ބޭނުންވިގޮތެއްނޫން.” ކަރުނައިން ތެމިފައިވާ ދެލޮލާއިއެކު ޒަހުވާ ސާރާއާ ވާހަކަދެއްކިއެވެ.

“ޒަހުވާ އަހަރެންނަށް ފެނުމަކީވެސް އަހަރެންނަށް ކިޔޭ ވަރަށް ހޫނު މަރުޙަބާއެއް.” ސާރާ ހިނިތުންވެފައި ހުރެ ޒަހުވާއަށްބުންޏެވެ.

ބޭކާރު ވާހަކަދެއްކުމުގައި ވަގުތު ހޭދަކުރުމަށްވުރެ ބޮޑަށް ޒަހުވާބެލީ އޭނާ ސާރާއާ ބައްދަލު ކުރާން ބޭނުންވި ސަބަބު ހާމަކުރާށެވެ. ގިސްލައި ރޮވޭ ޙާލު ޒަހުވާ ސާރާއަށް އޭނާގެ މާޒީގެ ޞަފުޙާތައް ކިޔައިދީ ނިންމާލިއެވެ.

ސާރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހުއްޓިފައި ހުރި ބުދެއްފަދައިން އޭނާ އިނެވެ. ސާރާގެ މި ހަމަހިމޭންކަން ޒަހުވާއަށް އުނދަގޫކުރަން ފެށިއެވެ. އެންމެ ފަހުން ކެތްނުކުރެވިގެން ޒަހުވާ އޭނާ އިން ތަނުން ތެދުވެ ހިނގައި ގަންނަން ފެށިއެވެ.

“އިށީންދޭ!!” އަމުރުވެރި ރާގަކަށް ސާރާ ބުންޏެވެ.

ކިޔަމަންތެރި ކުޑަ ކުއްޖެއް ފަދައިން ޒަހުވާއައިސް އިށީނެވެ.

ސާރާ ވަރަށް ދެރަވިއެވެ. އަދި އަމިއްލަ ނަފްސްދެކެ ރުޅިއައެވެ. އެހެނީ، މަޑުމަޑުން ޒަހުވާ އޭނާއާއި ދުރަށްދިޔައިރުވެސް އެކަން ހުއްޓުވަން އޭނާ އަށް މަސައްކަތް ނުކުރެވުނީމައެވެ. ސާރާއަށް ވިސްނުނުގޮތުގައި ޒަހުވާގެ ދިރިއުޅުމުގައި ކަންތައް ވީ ގޮތުގެ ޒިންމާ އުފުލަންޖެހޭނީ ޚުދު ޒަހުވާއެވެ. އެހެނީ ޒަހުވާގެ އަމިއްލަ އަތުން އޭނާގެ ޙަޔާތް އޭނާ ބަރުބާދު ކޮށްލީއެވެ. ޒަހުވާއަކީ ހެވާއި ނުބައި ނުދަންނަވަރުގެ ކުޑަ ކުއްޖެއްނޫނެވެ. “އަހަރެން ޒަހުވާއާ ކުރަން ބޭނުމީ އެންމެ ސުވާލެއް. ތެދަށް ޖަވާބުދޭތި.”

“އާނ.. އަހާބަލަ. އަހަރެން ތެދަށް ޖަވާބުދޭނަން.”

“ޒަހުވާގެ ދިރިއުޅުމުގައި ތިގޮތައް ކަންތައް ވެގެން ތި ދިޔައީ ޒަހުވާގެ ސަބަބުން ކަމަށް ޤަބޫލުކުރަންތަ؟ ނޫނީ ޒަހުވާއަށް ތިފަދަ ދިރިއުޅުމެއް ދެއްވިކަމަށްޓަކައި ޒަހުވާ ކުށްވެރިކުރަނީ ހެއްދެވި ފަރާތްތަ؟”

“ނޫން ނޫން.. އަހަރެންގެ ޢަމަލު ތަކުގެ ޒިންމާ އަހަރެން އުފުލަން. އެހުރިހާ ފާފައެއް ކުރަމުން ދިޔައިރުވެސް އަހަރެންނަށް އެނގޭ ﷲ ސުބުޙާނަހޫވަތަޢާލާ އަހަރެންގެ ޢަމަލުތައް ބައްލަވާ ވޮޑިގެންވާކަން. އަހަރެންނަށް އެނގޭ އެއީ އެކަލާނގެ ޙަރާމް ކުރައްވާފައިވާ ކަންތައްކަން. އެކަމަކު އަހަރެން ފާފަ ކުރުމުގައި ދެމިހުރީމު. އަހަރެން އެ ޢަމަލުތަކާ ދުރަށްދާން ބޭނުންވި. އެކަމަކު އޭރު އަހަރެންގެ އެހާ ހިތްވަރެއްނެތް. ނަމަވެސް ތައުބާވުމަށް އަހަރެންގެ ނަފްސް ގޮވަންފެށި. އަދި ކުރެވެމުން ދިޔަ ފާފަތަކާމެދު ލަދުވެތިކަން އަހަރެންގެ ހިތުގައި އުފެދި އުތުރިއަރަންފެށި. އޭގެ ސަބަބުން އެ އަނދިރި ކަމުގެތެރެއިން ނުކުންނަން މަސައްކަތް ފެށުމަށް އަހަރެންނަށް މަޖުބޫރުވި. އެއިން ނުކުމެދާނެ ނަތީޖާއަކާއި މެދުވެސް އަޅައެއްނުލަން.”

ސާރާއަށް ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ. އެހެނީ ޒަހުވާ އޭނާގެ ކުށް ޤަބޫލު ކުރެއެވެ. އެއީ ސާރާ ބޭނުންވި ގޮތެވެ.

“އަހަރެން ދައްކަން މިއުޅޭ ވާހަކައާމެދު ފަހަރެއްގައި ޒަހުވާ ހިތްހަމަ ޖެހިވެސްދާނެ، ނުޖެހިވެސްދާނެ. ޒަހުވާ ތިޙާލުގައި ހުއްޓައި ފެނުމުން އަހަރެންގެ ހިތް ކުދިކުދި ވެއްޖެ. ޒަހުވާ ތިޔަ ކުރި ކަންތައްތަކަނީ އެއްވެސް ޙާލެއްގައި ޤަބޫލު ކުރެވޭނެ ކަންކަމެއްނޫން. ނަމަވެސް އުފާ ކުރަންޖެހޭ ކަމަކީ ޒަހުވާއަށް ޒަހުވާގެ ކުށް ޤަބޫލުކުރެވިއްޖެކަން. ﷲ ސުބުޙާނަހޫވަތަޢާލާ ޒަހުވާއަށް ތެދުމަގު ދެއްކެވި ކަމަށްޓަކައި އެކަލާނގެއަށް ޝުކުރުކުރޭ. އެކަލާނގެ ރަޙުމަތަކީ އަހަރެމެންނަށް ގުނާ އަދަދު ނުކުރެވޭނެ އެއްޗެއް. އަދި ތައުބާވޭ. ﷲ ސުބުޙާނަހޫވަތަޢާލާގެ ހަޟުރަތުން އަޅާގެ ތައުބާ ޤަބޫލު ކުރެއްވުމުގެ 3 ޝަރުތެއްވޭ.

  1. ފާފާ ކުރުން ހުއްޓާލުން
  2. ކުރެވުނު ފާފާއާމެދު ހިތާމަކުރުން
  3. އެފާފަ އަލުން ތަކުރާރު ނުކުރުމަށް ޢަޒުމް ކަނޑައެޅުން.

އިޚްލާސްތެރިކަމާއެކު މި ތިން ޝަރުތު ފުރިހަމަ ކުރޭ. ﷲ ސުބުޙާނަހޫވަތަޢާލާގެ ހަޟުރަތައް ރުޖޫޢަވާމީހާ މާޔޫސްވެ އެނބުރި ދާކަށްނުޖެހޭނެ.

ތިޔަ ކުރެވުނު ފާފައާ މެދު ހިތާމަ ކުރުން އެއީ ﷲ ސުބުޙާނަހޫވަތަޢާލާގެ ހަޟުރަތުން ލެއްވި ރަހުމަތެއް. އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫވަތަޢާލާ ވާޙީކުރައްވާފައިވަނީ،

“….އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.”

އެހެންކަމުން އަހަރެމެން ﷲ ސުބުޙާނަހޫވަތަޢާލާގެ ރަޙުމަތުން އުންމީދު ކަނޑާލައިގެން ނުވާނެ. އިޚްލާސްތެރިކަމާއެކު ތައުބާވޭ. ޒަހުވާ ޙަޤީޤަތުގައިވެސް އިސްލާހުވާން ބޭނުންނަމަ ﷲ ސުބުޙާނަހޫވަތަޢާލާގެ ހަޟުރަތައް ރުޖޫޢަވޭ. ތިބާގެ ވަށާލާފައި ތިޔަވާ ހިތާމަޔާއި ހިތްދަތިކަމުގެ ކަޅުވިލާތައް ނަގައި އެއްލާލަން ބޭނުންނަމަ އެކަމުގެ ހައްލަކީ ﷲ ސުބުޙާނަހޫވަތަޢާލާ މަތިން ހަނދުމަކުރުން. އެކަލާނގެ ހަޟުރަތައް ރުޖޫޢަ ވެއްޖެ އަޅަކީ ހިތާމަކުރާނޭ މީހެއްނޫން.”

ޒަހުވާގެ ލޮލުން އުންމީދުން ފުރިގެންވާ ވިދުވަރެއް ފެނިގެންދިޔައެވެ. އޭނާގެ ޙަޔާތުގައި އުންމީދުގެ ހުޅުކޮޅު ދިއްލާލި ކަހަލައެވެ.

***         ***         ***                   ***

ޒަހުވާއަށް ހަމައެކަނި އެނގެނީ ދީނުގެ އަސާސްތަކެވެ. އިސްލާމީ ތަޢުލީމް އުނގެނުމާމެދު އޭނާ އެއް އިރެއްގައިވެސް ނުވިސްނައެވެ. އޭއީ އޭނާއަށް މުހިންމު ކަމެއްނޫނެވެ. އޭނާއަށް މުހިންމުވީ މި ދުނިޔަވީ ޙަޔާތެވެ. އުޚުރަވީ ޙަޔާތާއި މެދު ވިސްނާ ފިކުރުކޮށްހެދުމަކީ ޒަހުވާ ކޮށްއުޅުނުކަމެއް ނޫނެވެ. ނަމަވެސް ސާރާގެ ބަސްތަކުން ޒަހުވާއަށް އޭނާގެ ޙަޔާތާއި މެދު ވިސްނުމަށް މަޖުބޫރު ކުރުވިއެވެ. ރަޙުމާންވަންތަ ރަޙީމްވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުހުން ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ޒަހުވާގެ ޟަމީރު އޭނާއަށް ގޮވަންފެށިއެވެ. ހާސިލް ކުރަންވީ ލަނޑުދަނޑި ވަރަށްވެސް ސާފެވެ. ނަމަވެސް އަދި މިއީ އެލަނޑުދަނޑިއާ ހަމައަށް ވާސިލްވުމަށްކުރާ ދަތުރުގެ ފެށުމެވެ.

**   **     **

ޒަހުވާއަކީ އަބަދުވެސް ވަރަށް ވާހަކަ ކިޔާ ހިތްވާ ކުއްޖެކެވެ. އޭނާއަށް ކަންކަން އަންގައިދިނުމަށާއި ވިސްނައިދިނުމަށް އެންމެ ފަސޭހަ ގޮތަކީ ވާހަކައެއްގެ ޒަރީޢާއިން އެކަން ކުރުމެވެ. ސާރާއަށް ވަރަށް ރަނގަޅަށް އެކަން އެނގެއެވެ. އެހެންކަމުން ސާރާއަށް އޭނާގެ މަސައްކަތް ފަށަންވީ ކިހާ ހިސާބަކުންކަން އެނގެއެވެ.

ސާރާގެ ފުރަތަމަ މަސައްކަތަކަށްވީ ރަސޫލުންގެ ޙަޔާތްޕުޅާއި ގުޅޭގޮތުން އެކިއެކި ދީނީ ޢިލްމުވެރިން ކިޔައިދީފައި ހުރި ވާހަކަތަކުގެ އޯޑިއޯތައް ޒަހުވާއަށް އަޑުއެހުމަށް ދީގެން އެބޭކަލުންގެ ޙަޔާތްޕުޅާއި މެދު އިތުރަށް މަޢުލޫމާތު ހޯދުމުގެ ޝައުގުވެރިކަން ޒަހުވާގެ ހިތުގައި އުފެއްދުމެވެ. ކަންތައް ވެގެން ދިޔައީވެސް ސާރާ އުންމީދުކުރި ގޮތަށެވެ. ރަސޫލު ބޭކަލުންގެ ހަޔާތްޕުޅުގެ ވާހަކަތައް އަޑުއަހާފައި ޒަހުވާގެ ހިތައް ވަރަށް އަސަރު ކުރިއެވެ. އޯޑިއޯ އަކަށްފަހު އޯޑިއޯއެއް އަޑު އަހަމުން އޭނާ ދިޔައެވެ. އެބޭކަލުންގެ ޙަޔާތްޕުޅާއި ގުޅޭ އިތުރު ވާހަކަތައް ހޯދުމަށް ޒަހުވާގެ ހިތް އޭނާއަށް ގޮވަންފެށިއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެބޭކަލުންނަށް ލެއްވެވި އެކިއެކި ރަޙުމަތްޕުޅާއި، އެބޭކަލުންގެ ޢަޒުމްގެ ވަރުގަދަކަމާއި ކެތްތެރިކަމުގެ ވާހަކަތައް އެނގެން ބޭނުންވިއެވެ. ރަސޫލުންގެ ހަޔާތްޕުޅުގެ ވާހަކަތަކަށްފަހު ސާރާ ދެން މަސައްކަތްކުރީ ސަޙާބީންގެ ހަޔާތްޕުޅުގެ ވާހަކަތައް ޒަހުވާއަށް އަންގައިދިނުމަށެވެ.

ސަހާބީންގެ ޙަޔާތްޕުޅުގެ ވާހަކަތައް އަޑުއިވުމުން ބުނެދޭންވެސް ނޭނގޭ އިހުސާސްތަކެއް ޒަހުވާގެ ހިތައް ކުރުވިއެވެ. އެ ސަޙާބީން ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްދެކެ ވާ ލޯތްބާއި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ ވަޑައިގަންނަވާ މިންވަރާއި، އެންމެހައި މުސްލިމުންނަށް އެބޭކަލުންގެ ހިތުގައި އޮތް ލޯބި އެނގި އިހްސާސްވުމުން ޒަހުވާއަށް ރޮވުނެވެ. އަދި އެބޭކަލުން ހިންގެވިމަގުން ހިނގުމަށް ހިތާ ހިތުން އެދެވުނެވެ.

ސާރާގެ ދެވަނަ ލަނޑުދަނޑިވެސް އޭނާއަށް ހާސިލްކުރެވުނެވެ. އެހެންކަމުން ދެން އޭނާ މަސައްކަތްކުރީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހަދީޘްތަކަށް ޒަހުވާ އަހުލުވެރިކުރުވުމެވެ. މިކަމަށްޓަކައި ސާރާ އިޚްތިޔާރުކުރި ފޮތަކީ އިމާމް ނަވާވީ ރަޙިމަހުﷲ ލިޔުއްވާފައިވާ “ރިޔާޟް އައް ޞާލިޙީން” އެވެ. ނަމަވެސް އޭގައިވާ އެއްޗެއް އޮޅުން ނުފިލައި ޒަހުވާ އޮފޮތް ކިޔައި ނިންމާލާކަށް ސާރާބޭނުމެއް ނުވެއެވެ. އޭނާ ބޭނުންވީ އެ ޙަދީޘްތަކާއި ގުޅޭ އިތުރު މައުލޫމާތާއި، އެއިން ލިބިގަނެވޭނެ ތަފާތު ޢިބުރަތްތައްވެސް ޒަހުވާއަށް އެނގޭށެވެ. އެއީ އުނދަގޫ ކަމެއް ކަމަށްވިޔަސް އެއިން ކުރާނެ މަންފާ ނުހަނު ބޮޑުވާނެއެވެ. އެހެންކަމުން ސާރާ ބޭނުންވީ ވޭހާވެސް އަވަހަށް އެމަސައްކަތް ފަށާށެވެ.

“އައްސަލާމު ޢަލައިކުމް ޒަހުވާ”

“ވަޢަލައިކުމް ސަލާމް ސާރާ. ކިހިނެއްތަ؟”

“އަލްޙަމްދުﷲ! ޒަހުވާ.. އަހަރެންނާއި އެކު އިސްލާމީ ތަޢުލީމް ދަސްކުރަން ކޮންމެ ދުވަހަކުވެސް އެއްގަޑި އިރު ހޭދަ ކޮށްލެވިދާނެތަ؟ އަހަރެންނަށް އެނގޭ ވަރަށް ރަނގަޅު ޙަދީޘް ފޮތެއް. ހިނގާބަލަ ދެމީހުން ވެގެން މިކަމުގައި އެކެއް އަނެކަކަށް އެހީތެރިވާން؟”

“އާން…. ކިހިނެތްތަ އެކަން ކުރިއަށް ގެންދާން ތި ވިސްނަނީ”

” ކޮންމެ މީހަކުވެސް ނަގާނީ ވަކި ޙަދީޘެއް. ދެން ކޮންމެ މީހަކުވެސް އެމީހެއްގެ ޙަދީޘްއާ ބެހޭގޮތުން ލިބެން ހުރި ހުރިހާ ސައްހަ މަޢުލޫމާތެއް ހޯދައި އެއްކޮށްގެން އަނެއް ދުވަހު ގެންނާނީ. ދެން އެ މަޢުލޫމާތު ތަކުގެ އެހީގައި އެ ޙަދީޘް ރަނގަޅަށް ދެނެގަންނަން މަސައްކަތް ކުރާނީ. އަދި މީގެ އިތުރުން، މި ޙަދީޘްތަކުން އަހަރެމެންނަށް ދަސްވާ އެކިއެކި ފިލާވަޅުތައް ފޮތެއްގައި ލިޔެ، އަހަރެމެންގެ ދިރިއުޅުމުގެ ޢަމަލީ މައިދާނުގައި އެ ޙަދީޘްގެ ބޭނުން ހިފާނެގޮތްވެސް މަޝްވަރާކުރާނީ.. އިންޝާ ﷲ”

ޒަހުވާއަށް މި ޚިޔާލު ވަރަށް ކަމުދިޔައެވެ. އޭނާއަކީ އަބަދުވެސް ދިރާސާތާކޮށް އެ މަޢުލޫމާތު ފޮތުގައި ލިޔެ ޖަމާކުރާހިތްވާ ކުއްޖެކެވެ. އެހެންކަމުން ދީނީ ޢިލްމު އުގެނުމަށްޓަކައި އެކަން ކުރުންވީ އޭނާ ވަރަށް ޝައުގުވެރިވީ ކަމަކަށެވެ. އެކަން ފެށުމަށްޓަކައި އޭނާ ހުރީ ކެތްމަދުވެފައެވެ.

ސާރާގެ މި ރޭވުން އޭނާއާއި ޒަހުވާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވިއެވެ. އޭގެ ސަބަބުން އިސްލާމް ދީނާއި އަދި ﷲ ސުބުޙާނަހޫ ވަތަޢާލާއާއި ޒަހުވާއާ އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ދިޔައެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް އާ ނަޒަރަކުން ދެކެވެން ފެށިއެވެ. އޭނާ ގެނބިގެންފައި ހުރި އަނދިރި ވަޅުގަނޑުގެތެރެއިން އަލިކަމެއް ފެންނަން ފަށައިފިއެވެ. ޒަހުވާއަށް އަންނަމުން ދިޔަ ބަދަލުތަކުން ސާރާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. މިހާރު ޒަހުވާއަކީ ދިނީ ޢިލްމު އުނގެނުމަށް ޝައުޤުވެރިވާ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި ފުއްސެވުން ހޯއްދަވަން ގަދައަޅައި މަސައްކަތް ކުރާ ކުއްޖެކެވެ.

ޒަހުވާގެ ދިރިއުޅަށް މި އަންނަންފެށި ހެޔޮ ބަދަލުތަކާއިއެކު އޭނާ ކުރިން ކޮށް އުޅުނު ނުބައި ކަންތައްތަކާއި ދުރަށްދާން ފެށިއެވެ. ހަރާމް ކަންތައްތައް ކުރުމަށް އޭނާއަށް ގޮވަމުންދިޔަ ރައްޓެހިންނާ ބީރައްޓެހިވާން ފެށިއެވެ. ޒަހުވާއަށް އަންނަމުން ދިޔަ ބަދަލުތައްފެނި އެ ރައްޓެހިން އޭނާއަށް މަލާމާތްކޮށް ހަޖޫ ޖަހާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާ ހައިރާންވީ އޭނާއަށް އެއީ އެއްވެސް މައްސަލައެއް ކަމަށް ނުވުމުންނެވެ. އޭމީހުންގެ އެ ބަސްތަކާއި ޢަމަލުތައް އެމީހުންނަށެވެ. ޒަހުވާގެ އުފަލަކަށްވީ ހެއްދެވިފަރާތުގެ ރުހުންހޯދުމެވެ.

ސާރާ އެކިއެކި ދަރުސްތަކަށް ދާއިރު އޭނާއާއި އެކީ ޒަހުވާ ގެންދަންފެށިއެވެ. އެފަދަ ދަރުސްތަކަށް ދިއުމަކީ ޚުދު ޒަހުވާވެސް ވަރަށް ޝައުގުވެރިވީ ކަމެކެވެ. އެހެންކަމުން ސާރާ އިސްލާމިކް ސެންޓަރ ގައި ކިޔަވަމުންދިޔަ އަޤީދާއާއި ތަފްސީރް ކްލާސްތަކުގައި ޒަހުވާ ބައިވެރި ކުރުވިއެވެ. އެ ކްލާސްތަކަށް ދިޔުމަކީ ޒަހުވާ ވަރަށް ކުރާހިތްވީ ކަމަކަށްވިއެވެ.

ތަފްސީރް ކްލާސްތަކުގެ ސަބަބުން ޒަހުވާއާ ޤުރުޢާނާއި ދެމެދު ގުޅުމެއް އުފެދިގެން ދިޔައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަސްފުޅުތަކުން ފެންނަމުންދިޔަ މުޢުޖިޒާތްތަކުން ޒަހުވާ އަޖާއިބުވެ އަންތަރީސް ވިއެވެ. ޤުރުޢާނުން ޒަހުވާގެ ހިތާއި ސިކުނޑިއަށް ވަރަށްވެސް ބޮޑަށް އަސަރުކުރުވިއެވެ. ޤުރުޢާނުގެ ކޮންމެ އާޔަތެއްވެސް އޭނާއާ ވާހަކަ ދައްކާ ކަހަލައެވެ. ކޮންމެ އާޔަތެއްވެސް އޭނާގެ ލޮލުން ކަރުނައޮހޮރުވައެވެ.

އެއްދުވަހެއްގެ ކްލާހުގައި މުދައްރިސް އަލް ޤަމަރް ސޫރަތުގެ 17ވަނަ އާޔަތް ކިޔަވައިދެއްވަމުންދިޔައެވެ.

“ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟” (54:17)

މިއާޔަތްވީ ޒަހުވާއަށް އޭނާގެ އަމިއްލަ ނަފްސާ އެތަކެއް ސުވާލުތަކެއް ކުރަން މަޖުބޫރު ކުރުވި އާޔަތަކަށެވެ. “މި އާޔަތްމަތިން އަހަރެން ހަނދާން ނައްތާލީ ކިހިނަކުން ހެއްޔެވެ؟” ޒަހުވާ އޭނާގެ އަމިއްލަ ނަފްސާ މި ސުވާލުކޮށް ލަދުގަތެވެ. “ޤުރުޢާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައިވާ އެއްޗެއް ނޭނގޭނަމަ އަހަރެން ޙާސިލްކުރި ޑިގްރީތަކާއި، އެއްކުރި މެޑަލްތަކަކީ ބޭކާރު އެއްޗެކެވެ. އަހަރެންގެ ކުޅަދާނަކަމާއި ހުނަރު، ދީނީ ޢިލްމު އުނގެނުމަށްޓަކައި ބޭނުން ނުކުރީ ކީއްވެހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާފައިމިވާ ދިރިހުރުމުގެ އަގުބޮޑު ނިޢުމަތް ބޭކާރުގޮތުގަޔާއި އެކަލާނގެ ނަހީ ކުރެއްވި ކަންތައް ކުރުމުގައި އަހަރެން ހޭދަކުރީ ކީއްވެ ހެއްޔެވެ؟” ޒަހުވާގެ ސުވާލުތަކަށް ނިމުމެއްނެތެވެ. އަދި އޭނާގެ ހިތާމަތައް އެހާމެ ފުނެވެ.

ދުވަސްތައް މަސްތަކަށް މަސްތައް އަހަރުތަކަށް ބަދަލުވެގެން ދެއެވެ. އެއާއިއެކު ސާރާއާއި ޒަހުވާގެ އެކުވެރިކަންވެސް ދިޔައީ އިތުރަށް ބަދަހިވަމުންނެވެ. ޒަހުވާގެ ހިތުގައި އުފެދެމުންދިޔަ އެތައް ސުވާލުތަކެއްގެ ޖަވާބު އޭނާއަށް ލިބިއްޖެއެވެ. އޭނާގެ މާޒީ އޭނާއަށް ދަސްކޮށްދިނީ ތެދުމަގުގައި ސާބިތުވެ ހުރުމުގެ މުހިންމުކަމެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ހަނދުމަކުރުމުން އެއްކިބާވެފައިވި ޒަހުވާގެ ޙަޔާތުގެ އެދުވަސްތަކަކީ އެއްވެސް ބޭނުމެއްނެތް ބޭކާރު ދުވަސްތަކެއްކަން އެމާޒީ އޭނާއަށް އަބަދުވެސް ހަނދާންކޮށްދެއެވެ. މަޒީގައި އެކަންތައްތައް ނުވިނަމަ އޭނާއާއި ސާރާގެ ގުޅުން ބަދަހިވެސްނުވީހެވެ. އެހުރިހާ ކަމެއްވެސްވީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތްޕުޅުންނެވެ. މިކަންތައް ޙިޔާލަށް އަންނަ ކޮންމެ ފަހަރަކު ޒަހުވާގެ ހަނދާނަށް އަންނަނީ ސޫރަތުލް ބަޤަރާގެ 152 ވަނައާޔަތުގައި ﷲ ސުބުޙަނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅެވެ.

“ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ހަނދުމަ ކުރާށެވެ! އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ………”(2:152)

ކުރެވުނު ފާފައެއްގެ ސަބަބުން ހިތަށްކުރާ އަސަރަކީ ނުހަނު ވޭންދެނިވި އިހުސާސެކެވެ. ނަމަވެސް އެފާފައިގެ ހިތިރަހަ ތިބާގެ ކަރުބުޑުގައި ލުމަކީ ތިބާއަށް ހެޔޮމަގު ދައްކަވައި އެމަގުގައި ސާބިތުވެ ހުރުމަށް ﷲ މެދުވެރިކުރެއްވި ސަބަބުކަމުގައިވެސް ވެދާނެއެވެ. ޒަހުވާއަށްވެސް ވީ މިފަދައިންނެވެ.

***     ***   ***       ***

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ! ޒަހުވާގެ މިވާހަކައަކީ ޚިޔާލީ ވާހަކައެއްނޫނެވެ. މިވާހަކަ މެދުވެރިކޮށް ޒަހުވާ އަހަރެމެންނަށް އަންގައިދޭން ބޭނުމީ ތެދުމަގަށް ރުޖޫޢުވުމަކީ ކޮންމެ މީހަކަށްވެސް ވާނޭކަމެއް ކަމެވެ. ހަމައެކަނި ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ތިބާ ޣަރަޤު ވެފައިތިވާ ފާފައިގެ ފުންކަނޑުން ފީނައި ﷲ ސުބުޙަނަހޫ ވަތަޢާލާގެ ރަޙުމަތުގެ އަލިމަގަށް ވާސިލް ވުމަށް ދަތުރުފެށުމަށް އަދިވެސް ވަގުތު އެބައޮތެވެ.

ދީންވެރި ކުއްޖަކަށްވުމަށްޓަކައި ޒަހުވާ މިކުރި ދަތުރަކީ ފަސޭހަ ދަތުރެއްނޫނެވެ. އޭނާގެ މާޒީ އަބަދާއި އަބަދު އޭނާއަށް ހުރަސްއަޅަމުން ދިޔައެވެ. އޭނާގެ ލޯބިވާ ގާތް ރަހުމަތްތެރިން އޭނާއަށް އެތައް މަލާމާތެއްކޮށް ފުރައްސާރަ ކުރިއެވެ. ނަމަވެސް އޭނާ ތެދުމަގުގައި ސާބިތުވެ ހުއްޓެވެ. އޭގެ ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ. އޭގެ ސަބަބުން އޭނާއަށް ލިބުނު ހިތްހަމަޖެހުމާއި އުފަލަކީ މީގެކުރިން ދުވަހަކުވެސް އޭނާއަށް ނުކުރެވޭ އިހުސާސެކެވެ.

“………… ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟” (އައް ރަޢުދު ސޫރަތް 13:28)

މިހާރު ޒަހުވާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަޒާބަށް ބިރުވެތިވާ އެކަލާނގެ ރަޙުމަތުން އުންމީދު ކަނޑާނުލާ އަޅެކެވެ. އޭނާގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އޭނާގެ އުމުރު ދިގުކުރައްވައި، އުމުރުގެ ބާކީ އޮތްދުވަސްތަކުގައި އެކަލާނގެ ދީނަށް ނަސްރުދިނުމަށް މަސައްކަތްކުރާ އަޅެއްކަމުގައި އޭނާ ލެއްވުމެވެ. ދިރިއުޅުމުގައި ދިމާވާ ދަތިއުނދަގޫތަކާއި އޭނާ ކުރިމަތިލަނީ ހިނިތުންވުމާއި އެކުގައެވެ. އެ ދަތިއުނދަގޫތަކަކީ އޭނާގެ ނަފްސަށް ލިބިގެންދާ ޠާހިރުކަމެއް ކަމަށް އޭނާދެކެއެވެ. އޭނާއަކީ ކެތްތެރި އަދި ތަޤުވާވެރި އަޅެކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަންގަވާފައިވާ ގޮތުގެމައްޗަށް އަމިއްލަ އެދުން އިސްކުރުމަށް އޭނާ ބިރުވެތިވެއެވެ.

ޒަހުވާގެ ހަޔާތުން ސާބިތުވެގެން ދިޔައީ ޤުރުޢާނުގެ އަންނަނިވި އާޔަތުގެ ތެދުކަމެވެ.

“……..ފަހެ، ހަމަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ………(35:8)

ޒަހުވާގެ ޙަޔާތުން އަހަރެމެންނަށް އެނގެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތައް ރުޖޫޢަވާ އަޅަކު މާޔޫސް ނުވާނޭކަމެވެ. ސުވަރުގޭގެ އަހުލުވެރިންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ ނިޢުމަތްތަކުގެ ވާހަކަ އަޑުއިވޭ ކޮންމެ ފަހަރަކު ޒަހުވާއަށް ރޮވެއެވެ. އަދި އޭނާއަކީވެސް ސުވަރުގޭ އަހުލުވެރިއެއް ކަމުގައި ލެއްވުމަށް ހިތާހިތުން ދުޢާކުރެއެވެ. ނަމަވެސް އޭނާ ބިރުގަންނަނީ އޭނާ މަޒީގައި ކޮށްފައިވާ ފާފަތަށް ސުވަރުގެއަށް އޭނާ ވެއްދުމުގެ މަގަށް ހުރަސްއަޅާފާނެތީއެވެ. އެހެންކަމުން އޭނާ އަބަދާއި އަބަދު ރަޙުމާންވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުން ފާފަފުއްސެވުމަށް އެދެއެވެ. އަދި އެކަލާނގެ ރުހުން ހޯދުމަށް ގަދައަޅައި މަސައްކަތްކުރެއެވެ.

**           **           **

އަހަރެން ތިބާ ދޫކޮށްލާނީ ޒަހުވާ ތާއަބަދު އޭނާގެ އަމިއްލަ ނަފްސާ ކުރާ ސުވާލާއި އެކުގައެވެ.

” ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެންގެ ފުރާނަ ހިތްޕެވުމަށް މި ވަގުތު އިރާދަކުރައްވައިފި ނަމަ، އެކަލާނގެއާ ކުރިމަތިލާން އަހަރެން ތައްޔާރު ހެއްޔެވެ؟”

ތިބާގެ ޖަވާބަކީ ނޫނެކޭ ކަމުގައިވާނަމަ، ހޭ އަރައި ތެދުވާށެވެ. ގަޑީގެ ކަށި ސިކުންތަކަށްފަހު ސިކުންތެއް ކުރިއަށް ހިނގަމުންދާއިރު އެ ފާއިތުވަނީ ތިބާގެ ދިރިއުޅުމުންވެސް ސިކުންތެކެވެ. އެ ފާއިތުވާ ކޮންމެ ސިކުންތަކާއިއެކު މަރާއި ތިބާއާ ދެމެދު އޮތް ރާސްތާ އެދަނީ ކުރުވަމުންނެވެ. އަދިވެސް ހޭ އަރާކަށް ނުވޭ ހެއްޔެވެ؟

(ނިމުނީ)

ނޯޓް: މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ޢާއިޝަތު އަހުމަދު އިސްލާމިކް އޮންލައިން ޔުނިވާރސިޓީގެ ވެބްސައިޓުގައި ލިޔެފައިވާ ވާހަކައެއް އަސްލެއް ކަމަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. އަޅުގަނޑުގެ ދުޢާއަކީ މިވާހަކައިން ޢިބުރަތް ޙާސިލްކޮށް ދިރިއުޅުން އިސްލާހުކުރާން މަސައްކަތްކުރާ ބަޔަކުކަމުގައި އަޅުގަނޑާއި އަދި ތި އެންމެހާ ކިޔުންތެރިން ލެއްވުމެވެ.

އާމީން!

Share Article

Follow Me Written By

Arupha

Level 1

Other Articles

Previous

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި…

Next

އަހަރެންގެ ހައްގެކެވެ. (8 ވަނަ ބައި)

Next
March 19, 2015

އަހަރެންގެ ހައްގެކެވެ. (8 ވަނަ ބައި)

Previews
March 18, 2015

ލޯބި ހަމަ އެންމެ ލޯބީ ކަރުނައިގެތެރޭގައި…

16 Comments!

  1. khushuu says:
    March 19, 2015 at 5:57 am

    Alhamdhlillah . Varah ibraiytheri.. . May allah guide us all towards the right path..

  2. naa says:
    March 19, 2015 at 11:12 am

    Maa Sha Allah v furihama liyumeh.. v ufaa vejje mikahala vaahaka eh fenunyma.. may Allah bless u arufa.. jazaakillah khairan..

  3. Mishfau says:
    March 19, 2015 at 1:38 pm

    Masha Allah v iburaiytheri liyumeh, konme meehakuves visnaalanjehey kankan. Jazaka Allah. May Allah forgive us.

  4. athoo.. says:
    March 19, 2015 at 3:39 pm

    WOOOOOOOOOOOOW MaaaaaaaaaaaaaShaa allah. May god give us hidhaayath. mikahala vaahaka thakun aharemenge hayaaithakah faidhaa kuraany………. Thanks for the story.

  5. shau says:
    March 19, 2015 at 4:29 pm

    Mashaa allah… nice story.
    Mihaaru saaraa kahala ekuverin v madhu vaane..

  6. mustho says:
    March 19, 2015 at 7:08 pm

    Mashaa allah v v iburaiytheri vaahakaeh…

  7. don't care says:
    March 19, 2015 at 9:07 pm

    Mashaa allah my god bless us , and make over future. With all good this

  8. lees says:
    March 20, 2015 at 12:05 am

    Masha allah v furihama vaahaka eh… heekuran adhi vs mikahala ruthi vaahaka eh kiyaalan libey neh kama….

  9. Azu says:
    March 20, 2015 at 2:20 am

    Masha allah. Jazaakillah khairan. Mikahala vaahaka gina in upload kohdhee. Insha allah thibaa ya allah heyo jazaa minvaru kurah vaathi. Aameen.

  10. athoo says:
    March 20, 2015 at 11:49 am

    Theege kithah meehuntha mi fadha dheen veri ragalhu meehakah veveytho masaikai kuranee
    Vaahaka ves liyevi dhaane kiyi dhaane comment kurevidhaane ekamu ragalhu amaleh kuraa meehaku nolheyne dhehkun theri kamuge ves inthihaa ah gossa

  11. athoo.. says:
    March 21, 2015 at 8:58 pm

    ehentha reader athoo? meehunnah hadhaan koh dhinumaky ragalhu kameh, eyakah nukiyaane dhehkuntheri kamey. ehen vee iru fas vaguthu namaadhu kuraa meehaa aky ves dhehkuntheri meehehtha?

  12. jam says:
    March 28, 2015 at 1:18 am

    Alhamdhulihlaah. mashaa ah’llah varah iburahtheri vaahakaeh. jazaka ah’llah.

  13. nillu says:
    April 16, 2015 at 4:29 pm

    Al’hamdhu Lillah… Allah aharumen emmennah thedhumagu dhakka waafaaandheywe!!

  14. Who KNows! says:
    May 7, 2015 at 10:23 pm

    Ma sha Allah… Hunaru ebahuri vaahaka liyumuge..
    but at the begning i thout zahuvaa is a dude.

  15. laii says:
    August 29, 2015 at 7:42 pm

    Masha Allah vvvv iburaiytheri vaahaka eh

  16. naai says:
    January 1, 2017 at 10:24 am

    Maasha allah. Vvvvvvvv iburaiytheri

Comments are closed.



All Right Reserved!