ޝުކުރިއްޔާ ބައްޕާ!
ރިސެޕްޝަން ތެރެއިންލައިފައި އަހަރެން މިސްރާބުޖެހީ ލިފްޓަށް އަރަންދިއުމަށެވެ. ރިސެޕްޝަންގައި ލައިފައި ހުރި މަޑު އަޅިކުލައާއި އެލުވައިފައި ހުރި “އެއަރ ޕްލާންޓު”ތަކުން އެތަނުގެ ހިތްގައިމުކަން އިތުރުވެގެންދެއެވެ. އަދި އެތާ ބަހައްޓައިފައި ހުރި ޒަމާނީ ފަރުނީޗަރުތަކުން އެތަން އިތުރަށް ފުރިހަމަކުރުވައެވެ. ލިފްޓަށް އަރައިފައި އަހަރެން ދާންވީ މަންޒިލުގެ ނަމްބަރަށް އޮބާލީމެވެ. ފަސްވަނަ ފަންގިފިލާއަށް ލިފްޓު ހުޅުވުމުން އަހަންނަށް ފެނިގެންދިޔައީ އުފާވެރި މާހައުލެކެވެ. މަޑުހިނގުމެއްގައި ހިނގަމުންދިޔައިރު އަހަންނަށް ފާހަގަވީ މުއައްޒަފުންގެ އެކުވެރިކަމެވެ. އެމީހުންގެ މޫނުމަތިންފެންނަ ހިނިތުންވުމެވެ.
ބިއްލޫރި ދޮރު އެތެރެއަށް ކޮއްޕާލަމުން އަހަރެންގެ ކެބިންއަށް ވަނީމެވެ. ފާރުގައިލައިފައި ހުރި ކުލަޔާއި ފަރުނީޗަރުތައް ހުދު ކުލައިގައި ހުރުމުން އެތަނުގައި ޝާހީ ގޮތްގަނޑެއް ހުއްޓެވެ. އެރީތިކަން އިތުރުކޮށްދެނީ ކުޑަދޮރުން ބޭރުންފެންނަށް އޮތް ރަސްފަންނު ބީޗެވެ. އަހަރެން ގޮނޑީގައި އިށީނދެފައި ހަމަޖެހިލީމެވެ. އެހެންއިންދާ އަހަރެންގެ ލޮލަށް އަޅައިގަތީ އަހަރެން ކިޔަވައިނިމުނު ދުވަހު އަހަރެންގެ ބައްޕައާއި އެއްކޮށްނަގައިފައި އިން ފޮޓޯ ފުރޭމަށެވެ. ފުރޭމުނަގައިގެން އެއަށް ބަލަންއިންއިރު އަހަރެން ދިޔައީ މާޒީގެ ފުން ކަނޑުގެ ތެރެއަށް ގެނބެމުންނެވެ.
……………………………………………………………………………………………………………………………………………….
މަދަރުސާގެ ރަނގަބީލުޖެހުމާއިއެކު އަހަރެންއަވަސްވެގަތީ ފިހާރައަށް ދިއުމަށެވެ. އެއީ އަހަރެން ޕާޓް ޓައިމް ވަޒީފާ އަދާކުރާތަނެވެ. އަހަންނާއި އަހަރެންގެ ދެ ކޮއްކޮއާއި ބައްޕަ ބަނޑުފުރައިގެން އުޅެނީ އަހަރެންގެ އާމްދަނީގެ މައްޗަށެވެ. އާއިލާގައި މަސައްކަތްކުރަނީ އަހަރެން އެކަންޏެވެ. މީގެ ދެވަރަކަށް އަހަރު ކުރިން ހިނގި ކާރު އެކްސިޑެންޓެއްގައި އަހަރެންގެ ލޯބިވާ މަންމަވަނީ މިފަނާވަނިވި ދުނިޔެދޫކޮށް ގޮސްފައެވެ. އެހާދިސާގެ ސަބަބުން ބައްޕަގެ ފަޔަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. އެހެންކަމުން ބައްޕަ އަބަދުވެސް އިންނަން ޖެހެނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އަހަރެން ވަޒީފާ އަދާކުރަން ނިންމީ އެހާދިސާއަށް ފަހުއެވެ. ފުރަތަމަ ކޮޅު ކިތަންމެހާލަކު އުޅެން ޖެހުނަސް ފަހުން ފަހުން އައިސް ކަންތައްތައް ހަމައަކަށް އެޅުނެވެ. އެކަމާއި ކޮންމެ ދުވަހަކު އަހަރެން މާތް ﷲއަށް ޝުކުރުދަންނަވަމެވެ.
އަހަރުމެންނަކީ މެދުފަންތީގެ އާއިލާއެކެވެ. އަހަންނަށް ލިބޭ އާމްދަނީއިން މަހުގެ ދެކޮޅު ޖެއްސެނީ ކިރިޔާއެވެ. އަހަރުމެން ހަތަރު މީހުންނަށް ކެވޭވަރަށް އެއްޗެއް ނެތިއްޔާ ބައްޕައަށާއި ދެކޮއްކޮއަށް ބަނޑުފުރައި ކައިލެވޭ ވަރަށް ތަކެތި ހަދައިދެމެވެ. ބައްޕަ އަހަރެންގާތު ކައިފިންހޭ އަހާ އިރަށް އަހަރެން ކޮންމެވެސް ބަހާނާއެއް ދައްކަމެވެ. ނޫނީ ވާހަކަ އޮޅުވައިލަމެވެ.
ހެނދުނު މަދަރުސާގައިއުޅެފައި މެންދުރުގަޑީގައި އަހަރެން ފިހާރައަށް ދަމެވެ. ހަވީރު ކޮއްކޮމެން ބަލާދާންވާއިރަށް ފިހާރާއިގެ ކަންތައްތައް ނިންމާލެވޭތޯބަލަމެވެ. އަހަރެންގެ މަގުސަދަކީ އަހަރެންގެ އާއިލާއަށް ރަނގަޅު ދިރިއުޅުމެއްހޯދައިދިނުމެވެ. ކޮއްކޮމެންނަށް މަންމަ ނެތް ކަމުގެ އިހުސާސްވިޔަ ނުދެވޭތޯ އަހަރެން ކެނޑިނޭޅި މަސައްކަތްކުރަމެވެ. ކޮއްކޮމެންނާއި އެކު ކުޅެ މަޖާކޮށް ހަދަމެވެ. ކިޔަވައިދީ ހަދަމެވެ.
ކޮއްކޮމެން ބަލައި ސުކޫލަށް ދިޔަމަގުމަތީ ހަވީރު ސައިބޮއިލާނެ ހެދިކާކޮޅެއް ގަތީމެވެ. ގެއަށް ގޮސް ސައި ތައްޔާރު ކޮށްފައި އަހަރެން ދިޔައީ ބައްޕަގެ ކޮޓަރިއަށް ބައްޕަ ބަލައެވެ. އަހަރެން ވަންތަނާ ބައްޕަ އަމިއްލައަށް ތެދުވަން މަސައްކަތް ކުރިއެވެ.
“ބައްޕާ! ކިތަށް ފަހަރު ބުނަން ތިހެން އަމިއްލައަށް ނުތެދުވާށޭ… ވެއްޓި އަނިޔާއެއްވެދާނެއްނު ؟” އަހަރެން ބައްޕަ ފުރޮޅުލީ ގޮނޑީގައި އިށީންނަން އެހީތެރިވަމުން ބުނީމެވެ.
“ބައްޕައެއް ނުވެއްޓޭނޭޔޭ! އެއަށްވުރެ ބައްޕަ މާ ވަރުގަދަ ވާނެ!” ސަމާސާ ކުރާ ރާގަކަށް ބައްޕަ ބުންޏެވެ.
ސައިބޮއި ނިމިގެން އަހަރެން ބެލީ އެއްޗެހި ދޮވެފައި ހިއްކަން އެޅޭތޯއެވެ. އެކަން ކުރުމަށްފަހު ގޭތެރެ ފޮޅައި ސާފު ކުރީމެވެ.
“ރީނާ… ދަރިފުޅު ދެން ތި މަސައްކަތް ހުއްޓާލާފަ އައިސްބަލަ މިތާ އިށިނދެލަން… މިހާރު ކޮންއިރެށް މަސައްކަތް ކުރާތާ!” ބައްޕަ އަހަރެން ގާތު ބުންޏެވެ.
“އެކަމަކު ބައްޕާ… އަޅުގަނޑު ކުރަންހުރި ބައިވަރު މަސައްކަތް އެބަހުރި. ގޭތެރެފޮޅައި ނިންމައިފައި ޖެހޭންނު މިރެއަށް ކައްކަންވެސް” އަހަރެން ބުނީމެވެ.
“ހަމަ މަންމަ!” ބައްޕަ ހީނލަމުން ބުންޏެވެ.
ރޭގަނޑު ކައި ނިމިގެން އަހަރެން ބެލީ އަވަހަށް ކޮއްކޮމެން ނިންދެވޭތޯއެވެ. ފަހު އަހަރުކަމުން އިމްތިހާން އޮތީ ބޯމަތިވެފައެވެ. ރޭގަނޑަކީ އަހަރެން ކިޔާވާ ވަގުތެވެ. އެކި ރޭރެއަށް މާއްދާތައް ބަހައިލައިގެން ކިޔެވުމަކީ އަހަންނަށް ވަރަށް ފަސޭހަކަމެކެވެ. އިތުރު ގަޑިތަކަށް ނުދެވެނީ ކުރަން ހުންނަ މަސައްކަތްތައް ގިނަކަމުންނެވެ. ކިޔެވުމަށް ވުރެ އަހަރެން އަހަރެންގެ އާއިލާއަށް އިސްކަންދެމެވެ. އަހަރެންގެ އާއިލާއަކީ އަހަރެންގެ މުޅި ދުނިޔެއެވެ. އިތުރު ގަޑިތަކުގެ ފިލާވަޅުތައް ނަގަނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އާޔާގެ އެހީތެރިކަމާއި އެކީގައެވެ. ފޯނުން ގުޅައިގެން ނޫނީ ފިލާވަޅުތަކުގެ ފޮޓޯ ފޮނުވައިގެންނެވެ. އަހަރެން ކިޔަވަން އިންނަ އިރު ބައްޕަ އެތަނަށް އަންނަކަން އަހަރެންނަށް ފާހަގަކުރެވުނީ ވަރަށް ފަހުންނެވެ. ބައްޕަ އަހަންނަށް ވަރަށް ހިތްވަރުދޭނެއެވެ. ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަށެވެ. ނަމަވެސް އަހަރެންގެ ހިތުގައި ވަނީ ކޮންކަމެއްކަން ބައްޕަ ގާތު ބުނަން އަހަންނަކަށް ނުކެރެއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައެވެ. މިއަދަކީ އަހަރެންގެ ދިހަ އަހަރުގެ މަސައްކަތުގެ ނަތީޖާ ލިބޭނެ ދުވަހެވެ. މަދަރުސީ ހަޔާތް ނިމުމަށްފަހު އަހަރެން ދާއިމީކޮށް ފިހާރައަށް ދާން ފެށީމެވެ. ފިހާރައިގައި އިނދެފައި ނަތީޖާ ބަލާ ދާންޖެހޭ ވަގުތު ޖެހުމުން އަހަރެން މަދަރުސާ ދިމާލަށް މިސްރާބު ޖެހީމެވެ. ސުކޫލަށް ވަންއިރު ފެނިގެންދިޔައީ އާދަޔާ ޙިލާފު މަންޒަރެކެވެ. އެއްބަޔަކު އުފަލުން ރޮވޭ ވަރު ވެފައި ތިއްބެވެ. އެއީ ޔަޤީނުންވެސް މަތީ ފާސްތައް ލިބިފައިތިބި ކުދިންނެވެ. އަނެއްބައި ކުދިންގެ މޫނުމަތިން ފެންނަނީ އިންތިހާޔަށް ހިތާމަވެރިކަމެވެ. އެއީ އުއްމީދުކުރި ނަތީޖާ ނުލިބުނު ކުދިންކަމާއި މެދު ޝައްކެތް ނެތެވެ. ނަތީޖާ ކަރުދާސް އަހަރެންނަށް ލިބުމުން އަހަރެން އުފަލުން ފެންކަޅިވިއެވެ. އަހަންނަށް ދެ (A*) އާއި ހަތަރު(A) އާއި ދެ (B) ލިބުނެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަހަރެން ނިކުތް އިރު އަހަރެންގެ އިންތިޒާރުގައި ހުއްޓެވެ. ދެމީހުންވެސް ތިބީ އެއްހާލެއްގައެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ އާއްކޯ! އާއްކޮ ނެތްނަމަ މިވަރު ނުވެސްވީސް! ކިހިނެއް އަހަރެން އާއްކޮއަށް ޝުކުރު އަދާ ކުރާނީ؟ މިހުންނަނީ ބުނާނެ އެއްޗެއްވެސް ނޭނގިފަ!” އަހަރެން ރޮވޭ ހާލު އާޔާއަށް ޝުކުރުއަދާކުރަމުން ގެނދިޔައީމެވެ.
“އަޅޭ… ދެން ތިހާވަރު ނުކޮށްބަލަ! ޝުކުރު އަދާކުރާނެ ކަމެއް ނެތް. އިޓްސް މައި ޑިއުޓީ!” އާޔާއަށްވެސް އުފަލުން ބުނެވުނެވެ.
” ރީނާ… ބައްޕަ ގާތު ބުނާނީ ކީކޭ؟ ރީނާ ބޭނުމެންނު އާއިލާއަށް ޓަކައި މަސައްކަތް ކުރަން” ސުކޫލުން ނުކުންނަމުން އާޔާ އެހިއެވެ.
” އަދި ނޭނގެ… ބައްޕަ އެހީމަ ދެން ތިކަމާ ވިސްނާނީ” އަހަރެން ދިނީ ވަރަށް ކުރު ޖަވާބެކެވެ.
“އޭ! އިނގޭތަ؟ ރީނާ ވަޒީފާ އަދާކުރާ ފިހާރައިން އަހަރެންނަށްވެސް ވަޒީފާ ލިބިއްޖެ! ދެން ނުޖެހޭނެ ރީނާ ފޫހި ވެގެން އުޅޭކަށް.” އާޔާ ބުންޏެވެ.
“އަސްލުވެސް ތަ؟” އަހަރެން އެހީމެވެ. ޖަވާބުދާރީ ވުމުގެ ގޮތުން އާޔާ ބޯޖަހައިލިއެވެ. އެހިސާބުން އަހަރުމެން ދެމީހުން ވަކި ވެގެން ދިޔައީ ދެންވެސް ދިމާވާނެ ކަމުގެ އުއްމީދުގައެވެ.
ގެއަށް ގޮސް އަހަރެން އިނީ އަހަރެން ކިޔަވާ މޭޒުކައިރީގައެވެ. އަހަރެން ނަތީޖާ ކަރުދާސް ނެގީމެވެ. އަދި އެއަށް ބަލައިލައިފައި ހީނލީމެވެ. ލިބުނު ހިތްހަމަޖެހުމުގެ ސަބަބުންނެވެ. އިރުކޮޅަކު އެއަށް ބަލަން އިނދެފައި މޭޒުމަތީ ބާއްވައިފައި އޮތް ފޮތަކަށް އަހަރެން އެ ކަރުދާސް ލީމެވެ.
ރޭގަނޑު އަށެއް ޖެހިއިރު އަހަރުމެންތިބީ ކެއުމަށް އިންސާފުކުރާށެވެ. އެހެން ތިއްބާ ބައްޕަގެ ސުވާލެއް އަހަންނަށް އަމާޒުވިއެވެ.
“މިއަދު ނަތީޖާ ލިބޭ ވާހަކަ ބައްޕަ އަޑުއެހިން… ދަރިފުޅުގެ ނަތީޖާ ކިހިނެއް ވަނީ؟”
“އެހާ ރަނގަޅެއް ނޫން…” އަހަރެން ބައްޕައަށް އޮޅުވާލީމެވެ.
” އެއީ؟ ބައްޕަ ހީކުރީ ދަރިފުޅު ކޮންމެ ރެއަކު ކިޔަވަނީ ކަމަށް! ބައްޕަ ނުލާހިކު ނަސޭހަތްވެސް ލައިދިނިން! ދެން ކީއްވެ ނަތީޖާ ރަނގަޅު ނުވާންވީ؟!” ބައްޕަ ނުރުހުމުގެ ރާގަކަށް ބުންޏެވެ.
“ބައްޕާ… އަހަރެން ބޭނުން މަސައްކަތް ކުރަން” މިއޮށް ހުރިހާ ދުވަހު ނުބުނެވިގެން އުޅުނު ވާހަކަ ބުނެވުނެވެ.
“މަސައްކަތް ކުރާށޭ؟ ކޮން މަސައްކަތެއް ކުރާނީ؟ ތިއުޅެނީ އަދި ކިޔާވާ ވެސް ނުނިމިގެން! ކާކު ރީނާއަށް މަސައްކަތް ދޭނީ! އޭނ! ބުނެބަލަ! ބައްޕަހެން ބޭކާރު މީހަކަށް ވާން ދޯ ބޭނުމީ!” ބައްޕަގެ އަޑު ފަހަރަކުން ފަހަރަކަށް ދިޔައީ ބާރުވަމުންނެވެ. ބައްޕަ އެހިސާބަށް ބުނިއިރު އަހަންނަށް ރޮވެން ފެށުނެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިގެން ދިޔައީ ފެން އިސްކޫރެއް ދޫކޮށްލިހެންނެވެ.
“އެކަމަކު ބައްޕާ… އަޅުގަނޑު މަ..މަސައްކަތް ކުރާނީ ބައް…ޕައަށާ ކޮއްކޮމެންނަށް ރަނގަޅު ދިރިއުޅުމަކަށް މަގު..ފަހި ކޮ…ކޮއްދޭށޭ” ގިސްލެވޭ ވަރުން އަހަންނަށް އެހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ.
“ތިކަމެއް ބޭނުމެއް ނޫން! މަސައްކަތް ކުރަންޏާ މިގެއަށް ނުވަންނާތި!” ބައްޕަ ވަރަށް ބާރަށް މޭޒު މަތީގައި ޖަހައިލިއެވެ. “އަޑުއަހާ ތިދެކުދިން! ތިމީހުންގެ ދޮންތަ އުޅޭ ހެން ނޫޅޭތި! ސަޗް އަ ފެއިލިއާރ!” ބައްޕަ ވަރަށް ހަރުކަށިކޮށް ކޮއްކޮމެންނާއި ދިމާލަށް ބުންޏެވެ. ބައްޕަ ފަހުން ބުނި ބަސްތައް ހީވީ ސީދާ އަހަރެންގެ ހިތަށް އަމާޒުކޮށްފައި އެއްލި ތީރެއްހެންނެވެ. ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. އަހަރެންގެ ބަސް ހުއްޓުނެވެ. ބައްޕަ ފުރޮޅުލީ ގޮނޑި ދުއްވަމުންގޮސް ބާރުބާރަށް ކޮޓަރި ދޮރު ޖެހި އަޑު އިވުނެވެ. އަހަންނަށް ބައްޕަ އަހަރެންނާއި ދޭތެރޭ ރުޅި އަންނާނެ ވަރު ވިސްނެއެވެ. ވާނީވެސް އެހެންތާއެވެ. ބައްޕަ ނުލާހިކު ހިތްވަރު ދިނެވެ. ބައްޕަގެ ހުވަފެނަކީ އަހަރެން ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމެވެ. އެހުވަފެނުގައި ކުލަ ޖެއްސުމުގެ ބަދަލުގައި އަހަންނަށް މިކުރެވުނީ ކީއްހެއްޔެވެ؟ ބައްޕަ ދުއް ހުވަފެންތައް ވެއްޔަށް ލައި މޮޑެލީއެވެ.
އައު ދުވަހަކަށް ދުނިޔެ މަރުހަބާ ކިއެވެ. އަހަންނާއި އަހަރެންގެ ދެ ކޮއްކޮމެން ތިބީ ނާސްތާއަށް ބައްޕަ ނިކުތުމުގެ އިންތިޒާރުގައެވެ. ބައްޕައެއް ނުނިކުތެވެ. އެހެންކަމުން ފިހާރައަށް ދިޔުމުގެ ކުރިން އަހަރެން ދިޔައީ ބައްޕަގެ ކޮޓަރިއަށް ނާސްތާ ލައިފައެވެ. ބައްޕައަށް އެހީ ވެދެން އުޅުމުން ބައްޕަ އަހަރެންގެ އަތް ފޮޅައިލާނެއެވެ. އަހަރެން ގޭގައި އުޅޭ ވަގުތު ކޮޓަރިން ބޭރަކަށް ނުނިކުންނާނެއެވެ. އެކަމާ އަހަރެން އިންތިހާއަށް ހިތާމަކުރަމެވެ.
އެއްދުވަހު ފިހާރައިން ނިމިގެން އައިއިރު ބައްޕަ އިނި އަހަރެންގެ ކޮޓަރީގައި އަހަރެންގެ ނަތިޖާ ކަރުދާސް ހިފައިގެންއިނެވެ. ބައްޕަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފާޅުވިއެވެ. އަހަރެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ބައްޕަ ގާތު އިށީނީމެވެ.
“ބައްޕާ… ކޮންތާކުން ތި ގަނޑު ފެނުނީ؟” އަހަރެން ބައްޕަ ގާތު އެހީމެވެ. ޖަވާބު ދިނުމުގެ ގޮތުން އަހަރެން އެ ކަރުދާސް ލައިފައި އޮތް ފޮތަށް އިޝާރާތް ކޮށްލިއެވެ.
“ދަރިފުޅާ! ބައްޕައަށް މާފުކުރޭ! ބައްޕައަށް މާފުކުރޭ!” ބައްޕަ އަހަރެން ގާތު އާދޭސް ކުރަން ފެށިއެވެ. “ބައްޕަގެ ކުށެއް އެއީ! ބައްޕައަށް ދަރިފުޅު ނޭނގުނީ!”
ގިސްލެވޭ ވަރުން އަހަންނަށް އެއްޗެއް ނުބުނެވުނެވެ. ހީވަނީ އަހަރެންގެ އަޑު ބެދިފައި ހުރި ހެންނެވެ. ކުރެވޭހާވެސް ކަމަކީ ދެފަރާތައް ބޯހެލުވުމެވެ.
“ބައްޕާ! ތިހެން ނުބުނެބަލަ! ބައްޕަ ނުޖެހޭނެ މާފަށް އެދޭކަށް! މާފަށް އެދެންޖެހޭނީ އަޅުގަނޑު… ދެން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ! ބައްޕަ ހާސްނުވޭ! އަޅުގަނޑު ކިޔަވާނަން! ބައްޕަ ފަޙުރުވެރިވާ ފަދަ ދަރިއަކަށް ވާނަން..” އަހަންނަށް ބުނެވުނީ އެހިސާބަށެވެ. ބައްޕަ އަހަރެން ގައިގައި ވަރަށް ލޯބިން ބައްދައިލިއެވެ.
……………………………………………………………………………….
ހިޔާލު ތަކުގެ ފުންކަނޑުން އަހަންނަށް ނުކުމެވުނީ އާޔާ އައިސް އެތެރެއަށް ވަނުމުންނެވެ. އެއީ އަހަރެންނަށް ބައްޕަގެ އިތުރުން އަހަންނަށް އެހީ ދިން އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަންނަށް ލިބުނު ހުރިހާ ކާމިޔާބީގެ ސިއްރަކީ އަހަރެންގެ ބައްޕައާއި އާޔާއެވެ. މިއަދު އަހަންނަކީ ބައްޕަ ފަޙުރުވެރިވާފަދަ ދަރިއެކެވެ. ބޮޑު ކުންފުންޏެއްގެ ވެރިއެކެވެ. މިއަދު ބައްޕަ ދުނިޔޭގައި ހުރިނަމަ ބައްޕަ އުފާވާނެ ވަރު އަހަންނަށް އިނގެއެވެ. ބުނެވެން އޮތްހާވެސް އެއްޗަކީ- ޝުކުރިއްޔާ ބައްޕާ!
-ނިމުނީ-
6 Comments!
Comments are closed.



Masha allah varah reethi mi story vs
…. curiously waiting for a new one
mi hindhi drama eh..belin meethi
.reethi dhen
ekamu amihla stories liyen try kuraanama copy nukoh
mee video clip akun inspire vegen liyefai in vaahaka eh. meegai e clip aa ehvahtharu gotheh huredhaane. In sha allah kuriyah oithaagai 100% alhuganduge amihla vaahaka eh genesdheynan. thank you for your view.
Eakah nukiyaane copy eh.. eah kiyaanii tharujamaa .. btw stry hama habeys.. ?♥️ love it..
mee alhugandu beli video akun inspire vegen liyunu vaahaka eh. meegai huredhaane egoii vaa than than kolhu. in sha allah, varah avahah alhuganduge amihla story e genesdheynan
vrh salhi..maasha allah..witing for ur next story..best of luck raaya..