Skip to content
އެސްފިޔަ

ޢީދު ހަދިޔާ

އެއީ އީދު ދުވަހެއްގެ ފަތިސް ވަޤުތެވެ. ދުވަސް ވަރަކީ ފުދޭވަރަކަށް ވިއްސާރަކޮށް އުޅުން ދުވަސްވަރެއް ކަމުން ގޭގެ ކުޑަ ދޮރު ހުޅުވާލުމާއެކުގެ ގައިގާ އައިސް ބީހިލީ ތެތް ފިނި ވައި ރޯޅިތަކެވެ. މާލޭގެ ފުރިބާރުވެ ތޮށްޖެހިފައިވާ މާޙަޢުލުގައި އެފަދަ ފިނި ރޯޅިއަކުންވެސް ހިތަށް ލިބިދޭ ހިތްހަމަ ޖެހުން ބަޔާން ކުރަން ދައްޗެވެ.

އެވަޤުތު އަހަރެންގެ ވިސްނުން ދަތުރުކުރީ ރަށްފުށުގެ ހިތްގައިމު ދިރިއުޅުމަށެވެ. ދިރިއުޅުމުގައި އުފުލަންޖެހޭ ޒިންމާތަކެއް ނެތް ޚިޔާލެއް ފިކުރެއް ނެތި ހޭދަކޮށްލެވުނު މަޖާ ދުވަސްތަކެކެވެ. ދުވާލު އިރު އަރާގޮތަށް ރޭގަނޑު އިރު އޮށްސި ނިދަން ވަންދެން ވަޤުތުތައް ހޭދަކޮށްލީ ކުޅުމާއި ސަކަރާތުގައެވެ. އެދުވަސް ތައް ހަނދާން ވުމުން ހިތަށް ލިބޭ އުފާވެރި ކަމާ އެއްވަރަށް ލިބޭ ހިތާމަވެސް ކުޑައެއް ނޫނެވެ. މިހާރު ހިތަށް އަރައެވެ. އެދުވަސްތައް ކުޅުމާއި މަޖަލުގައި ހޭދަ ކުރުމުގެ ބަދަލުގައި ފޮތަކުން އަކުރެއް ރޯފިލާތޯ އުޅެވުން ނަމައެވެ. އޭރުން މިއަދު ދިމާވެފައިވާ ދަތި ތަކުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހިތަށް ލިބުނީސްކަން ގައިމެވެ. މިއަދު އަދާކުރަމުންދާ ވަޒީފާއަށް ވުރެ ދެމިހުރުމުގެ ޔަޤީންކަން ބޮޑު ވަޒީފާއެއް ލިބުނީސް ކަންނޭނގެއެެވެ. ވަރީގެ ސަބަބުން ހިތަަށް ލިބުނު ތަކުލީފުތައް ކޮންމެވެސް ވަރަކަށް ލުއި ވީހެވެ.

ދެން ޚިޔާލުތަކުގެ ސަމުގާ އެނބުރުނީ ގާސިމާ އެކު އަހަރެން ފެށި ޒަވާޖީ ހަޔާތުގެ މައްޗަށެވެ. ދެމީހުންގެ ވެސް އަލަތު ކައިވެނި 8 އަހަރަށްފަހު ރޫޅެން ދިމާވީ އަހަރެންގެ ހުރި ނުކުޅެދުންތެރި ކަމުގެ ސަބަބުންނެވެ. އަހަރެން ދަރިމައިނުވާ މީހެއްކަމަށް ޑަކުޓަރު ލޭބަލް ކުރި ހިސާބުންނެވެ. އަހަރެން ވަރި ކުރި ކަމުގެ މައްޗަކަށް ގާސިމާ މެދު ހިތްބުރައެއް ނުކުރަމެވެ. އޭނާ އެކަން ކުރި ސަބަބު އަހަންނަށް ވިސްނެއެވެ. ކޮންމެ ދެމަފިރި އަކުވެސް ކައިވެންޏަށް ފަހު ދަރިއެއް ލިބުމަށް އުންމީދު ކުރާނެ އެވެ. އެކަމަކު އަހަރެން ހިތަށް އަރައެވެ. ކައިވެނީގެ މަޤްސަދަކީ ހަމައެކަނި ދަރިން ހޯދުން ބާއެވެ؟ އާއެކެވެ. ކައިވެންޏެއްގެ އެންމެ ބޮޑު އެއް މަޤްސަދަކީ އެއީ އެވެ. ތިމާ މަރު ވުމަށްފަހުގައިވެސް ތިމާއަށް ދުޢާކޮށްދޭނެ ރަނގަޅު ޞާލިޙް ދަރިން ތަކެއް ހޯދުމެވެ. އެކަމަކު އަހަރެން ޤަބޫލު ކުރާގޮތުގައި ކައިވެންޏަކީ އެކަމާ ވިދިގެން އަދިވެސް އެތަކެއް ބައިވަރު ގުޅުންތަކެއްގެ ބިންގަލެކެވެ. ދެމަފިރިން އެކަކު އަނެކަކަށް ދުޢާ ކުރުމަކީ ކައިވެނީގެ މަޤްސަދެއް ނޫންހެއްޔެވެ؟ އެކަކު އަނެކެއް ބަލިވުމުން އަޅާލާ އޯގާތެރި ވުމަކީ ކައިވެނީގެ މަޤްސަދެއް ނޫންހެއްޔެވެ؟ އެއްމެ މުހިއްމު ކަމަކަށް ދެމަފިރިން އެކަކު އަނެކެއްދެކެ ލޯބިވުމަކީ ކައިވެނީގެ މަޤްސަދެއް ނޫންހެއްޔެވެ؟ ދެމަފިރިންނަކީ އެކަކު އަނެކެއްގެ ފޭރާމެވެ. އެހެނަސް އަހަރެން ފަދަ ނުކުޅެދުންތެރިކަން ހުންނަ ކިތައް ކިތައް މީހުން ކައިވެނީގެ އުފަލުން މަޙްރޫމް ވެފައި ވާނެ ހެއްޔެވެ؟ ހަމަ އެންމެ ސަބަބަކައްޓަކައެވެ.

ކައިވެނި ކުރުމަށްފަހު މާލެ ބަދަލުވި ނަމަވެސް އެކައިވެނި ރޫޅުމުންވެސް ރަށަށް ދާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. މާލޭގެ ދިރިއުޅުމަށް އޭރުވަނީ އާދަވެ ހޭނިފައެވެެ. ރަށުގެ އެކުވެރިން މަލާމާތަކަށް ތިހުރީ މާލޭ ފެން ބޮވިފައޭ ބުނެއެވެ. އަހަރެން އަޅައެއް ނުލަމެވެ. ކޮންމެ ފެނެއް ބުޔަސް ފެންވާނީ ފެނަށެވެ. ދިރުޅުން ވާނީ ދިރިއުޅުމަށެވެ. އެތާވެސް މިތާވެސް އަޑި ގުޑަން ތަކެވެ. ދުނިޔެ ދައުރުވާނީ ތޮށަލި ދުޅަޔަށެވެ.

ފުންނޭވާއެއް ފަޒާގެ ތެރެއަށް ބޭރުކޮށްލުމަށްފަހު ވިސްނާލެވުނީ އަދި ހެދިކާތައް ތެލުލަން ތައްޔާރު ކުރަން ޖެހޭނެ ކަމެެވެ. އަހަރެންގެ މަސައްކަތަކީ ކައިރި ކެފޭތަކަށް ހެދިކާ ހަދައި ދިނުމެވެ. މިއަދަކީ އީދު ދުވަސްކަމުން ލިބިފައި ހުރި އޯޑަރުތައް ފުދޭވަރަކަށް ގިނައެވެ.

އެހެނަސް ހެދިކާ ތެލުލަން ފެށުމުގެ ކުރިން ސާފު ވައި ކޮޅެއް ހޯދާލުމަށް ބޭރަށް ނިކުންނަ ހިތްވިއެވެ. ފަތިސް ގަޑިއަކީ މާލޭގެ މަގުތައް އެންމެ އަމާންކަމަށް އަހަންނަށް ފާހަގަ ކުރެވުނު ގަޑިއެވެ. ގޭގައި އަޅަން ގެންގުޅޭ ވަށް ބުރުގަލެއް ބޮލަށް މަހާލަމުން އަހަރެން ހިނގައިގަތީ މައި ދޮރާ ދިމާއަށެވެ.

އަހަރެން ކުއްޔަށް އުޅޭ ގޭގެ ހަނި ހަނި ސިޑިން ފައިބައިގެން ނިކުމެވޭނީ ހަނި ހަނި ގޯޅިއަކަށެވެ. ގޯޅިން ހިނގާފައި ބޭރަށް ނިކުންނަށް އަޅާލި ފިޔަވަޅާއި އެކު ކަންފަތުގެ ހިނދުރީގައި ޖެހުނީ ތުއްތު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. ފުރަތަމަ ދުނިޔެއަށް ލާނޭވާއާއެކު ރޮއިލާ ރުއިން ފަދައެވެ. އަހަރެންގެ ހިއްސުތައް ހަދަނީ ތެދުކަމުގައިވަނީނަމަ އެއަޑު އިވުނީ މަގުމަތިންނެވެ. އެހެނަސް މިފަދަ ވަޤުތެއްގައި މަގުމަތިން ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވެންވީ ކީއްވެހެއްޔެވެ؟ ދެވަނަ ފަހަރަށްވެސް އެތުއްތު އަޑުން ކުކުރާލި އަޑު ކަންފަތުގައި ޖެހުނެވެ. ދާން ނުދާން ހުންނަ ބީދައިން މަޑު ފިޔަވަޅުތަކެއް އަޅަމުން އަހަރެން ކުރިއަށް ހިނގައިގަތީމެވެ. ގޯޅިގަނޑު ނިމޭ ހިސާބަށް ދެވުނު އިރު އަހަންނަށް ހީވީ އެއް ގަރުނު ފާއިތުވީހެންނެވެ.

މަގުމައްޗަށް ކަރު ދަމާލަމުން ފަރާތް ފަރާތަށް އަހަރެން ބަލައިލީމެވެ. އެހެނަސް ދިރޭ ފުރާނައެއްގެ ހިލަމެއްވެސް އެތަނަކުން ނުވެއެވެ. ކުއްލިއަކަށް ސިއްސައިގެން ގޮސް އަހަންނަށް ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނީ އެ ތުއްތު ކުއްޖާގެ ރުއިން ނުހަނު ގާތުން އިވުމުންނެވެ. ދެވަނަ ސިކުންތުގައި ދުވާރު މައްޗަށް އަހަރެންގެ ލޯ ދައުރުކޮށްލިއެވެ. ލިބުނު ސިހުމުގައި އަހަންނަށް އަނގަމަތީ އަތް އަޅާލެވުނެވެ. އަހަރެންގެ ދެލޯ ބޮޑުވެފައި ވާއިރު ފުންކޮށް ނޭވާ ލެވެމުން ދިޔައެވެ. ދުވާރުމަތީގައި އެއޮތީ ތުއްތު ތުއްތު ދިރޭ ފުރާނައެކެވެ. ގައިގާ ފޮތިގަނޑެއްހާ ހިސާބުވެސް އޮޅާލެވިފައިނުވާ އިރު އޮތީ ފޫޅުދަނޑިވެސް ބުރި ކޮށްނުލައެވެ. އެކުޑަ ކުޑަ ފުރާނަ އޮތް ހާލު ފެނުމުން އަހަރެންގެ ހިތަކަށް ކެތެއް ނުވިއެވެ. އެއްވެސް އިޚްތިޔާރެއްނެތި އެ ތުއްތު ކުއްޖާ އާ ދިމާއަށް އަހަރެންގެ އަތް ދަތުރު ކުރިއެވެ. އަތުގައިވީ ތުރުތުރުލުން އިޙްސާސްކުރެވުނީވެސް ދެނެވެ. އަތުގެ ތެރެއަށް ލަމުން މެޔާލާ އެކުއްޖާ ބޮނޑި ކޮށްލެވުނު އިރު ދުވަހަކުވެސް ހިތަށް ނުކުރެވޭފަދަ އިޙްސާސްތަކެއް ކުރެވިގެން ދިޔައެވެ. މައިވަންތަ ކުލުނޭ މިކިޔާ ލޯބި އަހަރެންގެ ހިތުގައި އުފެދިގެން ދިޔަ ކަހަލައެވެ.

އަވަސް އަވަހަށް މަގުގެ އެކި ކަންކޮޅަށް އަހަންނަށް ނަޒަރު ހިންގާލެވުނީ އެކުއްޖާއާ ގުޅުމެއް ހުރި ފަރާތެއް ކައިރި ހިސާބުގައި ހުރެދާނެތީއެވެ. އެހެނަސް އެކަކުގެ ހިލަމެއްވެސް ނުވުމުން އެކުއްޖާ ގޮވައިގެން އަނބުރާ ގޯޅިގަނޑުގެ ތެރެއަށް ވަނީމެވެ.

މޭތެރޭ ފޮރުވާލެވިފައިވާ އެ ތުއްތު ކުއްޖާގެ މޫނަށް އަހަންނަށް ބަލައިލެވުނީ ދެނެވެ. ވަށްވަށް ލޯބި މޫނެކެވެ. ފުށްކޮޅެއްހެން ހީވާ ރަތްވެފައިވާ ދެކޮލެވެ. އަހަރެންގެ ތުންފަތަށް ބޭއިޚްތިޔާރުގައި ހިނިތުންވުން ވެރިވިއެވެ. ހިތުގައިވާ ހުރިހާ އުދާހެއް ވަޔަށް ބުރައިގެން ދިޔަ ފަދަ ހިންހަމަ ޖެހުމެއް ހިތަށް ލިބިގެން ދިޔައެވެ.

ކުއްލި އަކަށް އެކުއްޖާ ވަރަށް ބާރަށް ރޯންފެށިއެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި ހުރެ އަހަންނަށް ބާރު ފިޔަވަޅުތަކުގައި ގޮސް އަހަންނާ އެއް އިމާރާތެއްގައި ޖެހިގެން އު
ހުރިބައިގެ ދޮރުގައި ޓަކި ޖަހަން ފެށީމެވެ. ލޯ އުނގުޅަމުން ނިކުން އަވަށްޓެރިޔާއަށް އަހަރެންގެ އަތުގައި އޮތް ކުއްޖާ ފެނުމުން ދެލޯ ބޮޑުކޮށްލިއެވެ. ހީވީ އޭނާގެ މޫނުމަތިން ނިދީގެ އަސަރު އެއްކޮށް ފިލައިގެން ދިޔައެވެ.

އެކުއްޖާ ރޯވަރުން ހަދާނެ ގޮތެއް ނޭނގިފައި ހުރެ އަހަރެން ވީގޮތް އޭނާއަށް ކިޔައިދިނީމެވެ. ވަގުތުން އޭނާ ޕޮލިހުންނަށް ގުޅަން ފޯނުގެނައެވެ. ޕޮލިހުންގެ ވާހަކަ ބުނުމުން އަހަރެން ބިރު ގަތްނަމަވެސް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމުގައި އަހަންނަށްވެސް ވިސްނުނެވެ.

ވަޤުތުން ޕޮލިހުންގެ ޖިޕެއް އަހަރެން އުޅޭ ގޭދޮށަށް މަޑު ކޮށްލިއެވެ. ތަޙުޤީޤުގެ ބޭނުމަށް އަހަންނާ އެތައް ސުވާލެއް ކުރިއެވެ. ޖެހިލުންވެ ހުރެމެވެސް އެއިން ކޮންމެ ސުވާލަކަށް ތެދު ތެދަށް އަހަރެން ޖަވާބު ދިނީމެވެ.

ޕޮލިހުން އެތުއްތު ކުއްޖާ ގެންދިޔައީ ހޮސްޕިޓަލަށެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. އެ ކުއްޖާ ގެންދެވުމާއެކު ބުނެދެން ނޭނގޭ ހުސްކަމެއް އަހަރެންގެ ހިތުގައި އުފެދުނެވެ. އެހިސާބުން އަހަރެން ނިންމުމެއް ނިންމީމެވެ. އެ ތުއްތު ފުރާނައަށް މައެއްގެ ލޯބި އަހަރެން ދިނުމަށެވެ.

ދެތިން ދުވަހުގެ ތެރޭގައި ޖެންޑަރ މިނިސްޓްރީ އަށް ހުށައަޅައިގެން އަހަރެންގެ އެދުން ފުރިހަމަވިއެވެ. އެ ކުޑަ ދަރިފުޅުގެ މަންމަ އަކަށް އަހަރެން ރަޖިސްޓްރީ ކުރެވުނެވެ.

އަހަރެން އެ ތުއްތު ލޯބި ކުއްޖާއަށް ކީ މުހައްމަދު އަޔާން އެވެ. މާނައަކީ މާތް ﷲގެ ހަދިޔާއެވެ. އާއެކެވެ. އެއީ އަހަރެންގެ މުޅި ދިރިއުޅުމަށް ލިބިގެން ދިޔަ އެންމެ އަގުބޮޑު ހަދިޔާއެވެ.

އަހަރެން ކުއްޖެއް ގެންގުޅޭކަން އިނގުމުން ގިނަ ބައެއްގެ ފާޑު ކިޔުން ކުރިމަތިވިއެވެ. އެއް ބަޔަކު ބުނެފާނެއެވެ. ތި ކުރަނީ ބޭކާރު ކަމެކެވެ. ބޭކާރު ޚަރަދެކެވެ. ކާންދޭ އަތުގައި ދަތް ނާޅަނިސް ކުޑަ ކުދިންގެ ހިޔާއަށް ފޮނުވާލާށެވެ. ތިއައީ އޭނާގެ އަސްލު މަންމަ ނޫންކަން އިނގޭ ދުވަހު ދޫކޮށްލާފައި ދާނެއެވެ. އެފަދަ ވާހަކަތަކަށް އަހަރެން ދިނީ ބީރު ކަންފަތެެކެވެ. އަހަރެން ދެކޭ ގޮތުގައި އެއީ އަހަރެންގެ އަމިއްލަ ދަރިއެކެވެ. ލޮލުގެ ނޫރެވެ. ހިތުގެ ހިތްހަމަޖެހުމެވެ.

އެ ކުޑަ ދަރިފުޅަށް ކުޑަވެސް ހާނިއްކައެއް ނުދީ ގެންގުޅެވޭތޯ އަހަރެން ބެލީމެވެ. އަމިއްލަ ބަނޑަށް ކާއެތި ކޮޅު ނުލާވެސް އެ ދަރިފުޅު ބަނޑުހައިވިޔަ ދޭނެ ފުރުސަތެއް އަހަރެން ނުދެމެވެ. ބައެއްފަހަރު ހެދިކާ ހަދަން ލިބޭ އޯޑަރުތައް މަދުވުމުން އަތްމަތި ދަތިވެގެން ދިޔަ ދުވަސްތައްވެސް އައެވެ. އެހެނަސް އަޔާން އަށް ބޭނުންވާ ކިތަންމެ ކުޑަ ކަމެއް އޮތަސް ލޯބޯ ކޮށައިގެންވެސް އެކަމެއް ކޮށްދިނުމަށް އަހަރެން މަސައްކަތް ކުރީމެވެ.

ބައެއް މީހުން ބުނާތީ އަހަރެން އަޑު އަހަމެވެ. ދަރިމައި ނުވާމީހަކަށް މައިވަންތަ ކަމުގެ އިޙްސާސެއް ނުކުރެވޭނެއެވެ. ދަރިއެެއް އުފަންކޮށް އެދަރިފުޅު ބަލާ ބޮޑުކުރުމުގައި ކަޑައްތު ކުރާ ހިރާސް ތައް އަންދާޒާއެއް ނުކުރެވޭނެއެވެ. ތެދެކެވެ. ގަރުބަ ގަތީއްސުރެ ނުވަ މަސްދުވަހު މައި މީހާގެ ބަނޑުގައި އެ ތުއްތު ފުރާނަ ބާއްވައިގެން ދުނިޔެއަށް އުފަންކުރަން އެ އުފުލާވޭން އަހަންނަކަށް އިޙްސާސެއް ނުވަތަ އަންދާޒާއެއްވެސް ނުކުރެވޭނެއެވެ. އެހެނަސް މައިވަންތަ ކަމުގެ ކުލުނަކީ ހަމައެކަނި އެއީ ހެއްޔެވެ؟ ބައެއް އަންހެނުން ނުވަ މަހުގެ ބުރައަށްފަހު ދަރިފުޅު އުފަންކޮށް އެ ތުއްތު ފުރާނަ ވަޅިން ކޮށާ ކުދި ކުދި ކޮށްލާކަށްވެސް ފަހަަކަށް ނުޖެހެއެވެ. ކިތަށް މައިން އެމީހުންގެ ދަރިފުޅު ދުނިޔެއަށް ލީ ފުރަތަމަނޭވާޔާ އެކު މަގުމައްޗަށް އެއްލާލާފައި ވޭހެއްޔެވެ؟ ކިތައް މައިން އެމީހުންގެ ދަރިފުޅު ވައްޓާލަން މަސައްކަތް ކުރޭ ހެއްޔެވެ؟ އަދި އެގޮތަށް ކަންތައް ކުރާނެ މަގެއް ނުފެނުމުން އެ ކުށެއް ނެތްމަޢުސޫމު ތުއްތު ފުރާނައަށް ކިތަށް މައިން ބަދު ދުޢާ ކުރޭ ހެއްޔެވެ؟ އެމީހުން އެކިޔާ މައިވަންތަ ކަމުގެ ލޯތްބަކީ އެއީ ހެއްޔެވެ.

ލޯތްބަކީ ލެއަކުން އުފެދޭ އެއްޗެއް ނޫނެވެ. ލޭގެ ގުޅުން އޮވެ ކިތައް ކިތައް މައިންނާއި ދަރިން މޫނު ކެނޑެން ޖެހޭ ހެއްޔެވެ؟ ލޯތްބަކީ ހިތުގެ ގުޅުމެވެ. ހިތުގައި އަނެކާގެ މައްޗަށް އޮންނަ އިޙްސާސް ތަކެވެ.

އަހަރެންގެ ހިތުގައި އާޔަންގެ މައްޗަށް އުފެދުނީ މައެއްގެ ކުލުނެވެ. ދަރިފުޅު ބަލިވެއްޖިއްޔާ އަހަރެންގެ ދެލޮލަށް ނިދިވެސް ނާދެއެވެ. އެ ތުއްތު އަޑުން ރޯލައިފިއްޔާ ހީވަނީ އަހަރެންގެ ހިތުގައި ހިފާ މީހަކު ބާރު ކޮށްލާހެންނެވެ. އެދަރިފުޅުގެ ކޮންމެ އުފަލަކާ ހިތްހަމަ ޖެހުމަކީ އަހަރެންގެ ވެސް އުފަލާ ހިތްހަމަ ޖެހުން ކަމަށް ހެދީމެވެ.
********

އަޔާންގެ އުމުރުން 18 ވެއްޖެއެވެ. މިހާރު އެއީ ފުރާ ފުރިހަމަ ވެފައިވާ ޒުވާނެކެވެ. ކިޔެވުމަށް އިންތިހާއަށް މަސައްކަތްކުރާ އޭނާގެ ޒިންމާތަށް ދަންނަ ކިޔަމަންތެރި ދަރިއެކެވެ. ވަރަށް ވިސްނުމަށްފަހު އަހަރެން ދަރިފުޅު ގޮވައިގެން އައިސް އިށީނީ ކޮޓަރި އެނދުގައެވެ. އަދި އަލަމާރި ހުޅުވާލުމަށްފަހު ފަށްޖެހާފައި އޮތް
ނޫސް ގަނޑެއް އަހަރެން ނެގީމެވެ. އެގަނޑަށް ބަލަން އަހަންނަށް އިރުކޮޅަކު ހުރެވުނެވެ. ދުވަސްވުމުގެ ސަބަބުން ރަތްވެ ވީދެން ކައިރި ވެފައިވާ އެގަނޑަކީ މިއޮށް ހުރިހާ ދުވަހު އަޔާންގެ ކިބައިން ސިއްރު ކޮށްގެން އަހަރެން އުޅުނު ހަޤީޤަތެވެ. އެ ހަޤީޤަތް އެނގުމަށްފަހު އަޔާން އަހަންނާމެދު ދެކޭނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. އެހެނަސް ކޮންމެވެސް ދުވަހަކުން އޭނާއަށްވެސް ހަޤީޤަތް އިނގޭނެ ކަން ޔަޤީނެވެ.

އަހަރެން އައިސް އަޔާންގެ އަތަށް އެ ނޫސް ގަނޑު ލައި ދިނުމަށްފަހު ކައިރީގައި އިށީނދެލީމެވެ.

އަޔާން އަހަންނަށް ބަލައިލަމުން ނޫސްގަނޑު ހުޅުވާލިއެވެ. އެގަނޑުގެ މަތީގައި އިން ސުރުޙީ ބާރަށް ކިޔާލިއެވެ.

“މާލޭގެ މަގަކަށް އެއްލައިލާފައި އޮތް އެއް ދުވަސް ނުފުރޭ ކުޑަކުއްޖެއް ފެނިއްޖެ!” ސުރުޙީ ކިޔާލުމަށްފަހު އަޔާން އަހަންނާ ދިމާއަށް ބަލައިލިއެވެ. އެވަޤުތު އަހަންނަށް އިސްޖަހާލެވުނީ ދަރިފުޅުގެ މޫނަށް ބަލާނެ ހިތްވަރު ނެތުމުންނެވެ.

އަހަރެން ހީކުރި ގޮތާ ޚިލާފަށް އަޔާން ެ ނޫހެއް ނުކިޔައެވެ. އެނދުގައި ގަނޑު ބާއްވާލުމަށްފަހު އަހަރެންގެ ކުރިމަތީ ކުޑަ ކަކޫ ޖަހާލަމުން މުށިތައް މަތީ އިށީނެވެ.

“އަޅުގަނޑަށް އިނގޭ މަންމާ.. ކުރިން ދުވަހަކު މިގޭ އަވަށްޓެރިޔާ ދެއްކި ވާހަކަ އަޑު އިވުން.. އަޅުގަނޑު ކައިރީ ހަޤީޤަތް ހާމަ ކުރާނީ ކޮން އިރަކުންހޭ ކިޔާފަ މަންމަ ކައިރި ދެއްކި ހުރިހާ ވާހަކައެއްވެސް އަޑުއިވުން.. އެކަމަކު އަޅުގަނޑުގެ މަންމަ އަކީ ތިއީ.. އެކަން ދުވަހަކުވެސް ބަދަލެއް ނުވާނެ.. އަބަދުވެސް އަޅުގަނޑު ވާނީ މަންމަގެ ދަރިއަކަށް..” އަހަރެންގެ އުނގުގައި ބޯ އަޅާލަމުން އަޔާން ދެއްކި ވާހަކަތަކުން އަހަންނަށް ރޮވެން ފެށުނެވެ. އެހެނަސް އެއީ އުފާވެރި ކަމުގެ ކަރުނައެވެ. އެދަރިފުޅައްޓަކައި އުފުލި ޤުރުބާނީގެ ބަދަލުގައި އެބަސްތައް އަހަންނަށް ފުދެއެވެ.

ޚިޔާލު ތަކުގެ ތެރެއިން އަހަންނަށް ނިކުމެވުނީ ކުއްލި އަކަށް ފައިގާ އެއްޗެއް ޖެހިލުމުންނެވެ. ފަޔާ ދިމާއަށް ބަލާލި އިރު 4 އަހަރުގެ ލޯބި ލޯބި ފިރިހެންކުއްޖެއް އެ ކުޑަ ކުޑަ އަތްތިލައިންއަހަރެންގެ ފައިތިލައިގާ ހިފަހައްޓައިގެން ހުއްޓެވެ. އަހަރެން ބަލައިލުމާއެކު ކުދި ކުދި ދަތްތައް ފެންނަ ވަރަށް ހީލިއެވެ. އަހަންނަށް އެ ތުއްތު ކުއްޖާގެ ބޮލުގައި ލޯތްބާއެކު ފިރުމާލެވުނެވެ. އެއީ އަހަރެންގެ މާމަ ދަރިފުޅެވެ. ހަމަ ހީވަނީ އަޔާންގެ ކުޑަ އިރުގެ ތަސްވީރު ހެންނެވެ. ދަރިފުޅު އަޔާން ގޭގައި ނޫޅޭ ވަގުތު ލިބޭ ހުސްކަން އެމޫނު ފެންނަ ކޮންމެ ފަހަރަކު ފިލައިގެން ދެޔެވެ.

ގޭގެ މައިދޮރު ލެއްޕުނު އަޑަށް ސޯފާގައި އިނދެފައި އަހަންނަށް ބަލައިލެވުނެވެ. އޭރު އަޔާން ގޭތެރެއަށް ވަންނަނީއެވެ. ޕައިލެޓް ޔުނީފޯމްގައި ހުރި ދަރިފުޅު ފެނުމުން އަހަރެންގެ ހިތް ފަޚުރުވެރިކަމުން ފުރުނެވެ.

“މަންމާ..” ފުޅާ ހިނިތުންވުނަކާ އެކީ އަހަންނާ ދިމާއަށް އަންނަމުން އަޔާން ގޮވާލިއެވެ. އެއީ އެންމެ ކުރިއެކޭވެސް އެއްގޮތަށް އަހަރެންގެ ހިތަށް އަސަރުކުރުވާ ލަފްޒެވެ. އެ ދުލުން އެ ލަފްޒު ބޭރުވާ ކޮންމެ ފަހަރަކު މަލުގެ ގުލްދަސްތާ ތަކެއް ބޯ މައްޗަށް ވެހޭ ކަމުގެ އިޙްސާސްކުރެވެއެވެ.

“އީދު މުބާރަކް” އަހަރެންގެ ރޫގިނަވަމުން އަންނަ އަތުގައި ހިފާލަމުން އާޔަން އެއަތަށް ބޮސްދިނެވެ.

“ދަރިފުޅަށްވެސް އީދު މުބާރަކް..” ލޯތްބާއި އޯގާތެރި ކަމާއެކު އެ އިސްތަށިގަނޑުގައި ފިރުމާލަމުން އަހަރެން ބުނެލީމެވެ.

ކައިރީގައި ކަރު މައްޗަށް ޖަހާލައިގެން ހުރި އިޔަން އަށް އާޔަން ބަލައިލީ ދެނެވެ.

“ބައްޕިގެ ޕްރިންސް.. ކޮބާ މަންމި؟” އިޔަން ނަގާ އުރާލަމުން އަޔާން ވާހަކަ ދެއްކިއެވެ

“މަންމި ކޮއްކޮ ނިންދަވަނީ..” މަޢުސޫމު ލޯބި އަޑުން އިޔަން ބުނެލިއެވެ. އަހަންނަށް ބަލައިލުމަށްފަހު އަޔާން އެބަ އަންނަން ކަމަށް ބުނެ އިޔަން އާ ލޯބި ކުރަމުން އޭނާގެ ކޮޓަރިއަށް ހިނގައިގަތެވެ.

ދެބަފައިންގެ ހަރަކާތްތައް ބަލަން އަހަންނަށް ހުރެވުނީ ހިނިތުންވެވިފައެވެ. ހިތަށް އެރިއެވެ. މާތް ރަސްކަލާނގެ ރަޙުމަތުން އަހަންނަށް ވުރެ ވަކި އުފާވެރި މީހެއް މި ބިންމަތީގައި ހުރެ ދާނެ ބާއެވެ. އަހަންނަށް ނުހަނު އޯގާތެރި އަޅާލާ ދަރިއެއް އެބަހުރިއެވެ. ނުހަނު ޚިދުމަތްތެރި ދަނބި ދަރިއެއް ލިބިފައި އެބަހުއްޓެވެ. ހިތަށް ފިނިކަން ލިތްބައިދޭ ދެ މާމަ ދަރިފުޅު އެބަހުއްޓެވެ. ދުވަހަކުވެސް އަހަންނަކީ ދަރިމައި ނުވާ މީހެއްގެ އިޙްސާސް ކުރާނެ ޖާގައެއް ނުލިބެއެވެ.

އަހަރެން އަޔާން އަށް ދެވުނު ތަރުބިއްޔަތައް އުފާކޮށް ފަޚުރުވުރިވަމެވެ. އާޔަ

އަޔާން އުފަންކުރީ އެހެން އަންހެނަކަށް ވިޔަސް އެދަރިފުޅުގެ އުޅުމާއި އަޚުލާޤު ބައްޓަން ކުރީ އަހަންނެވެ. އަޔާން އޭނާގެ ދެ ދަރިންނަށް ދޭ އަޅާލުމާ އޯގާތެރި ކަމަކީ އޭގެ ހެއްކެކެވެ. މައިންބަފައިންގެ ގޮތްތައް ދަރިފުޅު ވާރުތަ ކުރާނެ އޭ މީހުން ބުނެއެވެ. އެއީ މުޅިއަކުން ދޮގަކަށްވެސް ނުވެ ދާނެއެވެ. އެހެނަސް މުހިއްމު ކަމަކީ އެ ދަރިފުޅަށް ދެވޭ ތަރުބިއްޔަތެވެ. އެ ތުއްތު ސިކުނޑިއަށް ނަގައިގަނެވޭނީ އޭނާގެ ލޯ ކުރިމަތިން ފެންނަ މަންޒަރެވެ. އަޔާން އޭނާގެ ދަރިންނަށް ކަންތައް ކޮށްދެނީ އަހަރެން އޭނާއަށް ކަންތައް ކޮށްދިން ބީދައިންނެވެ. އެއީ އަހަރެންގެ ލޮލަށް ފިނިކަން ގެނެސްދޭ މަންޒަރެކެވެ.

އިރުކޮޅެއް ފަހުން އަޔާން ކޮޓަރިން ނިކުމެގެން އަންނަ ތަން ފެނުނެވެ. އޭރު ހުރީ ލައިގެން ހުރި އެއްޗެހިވެސް ބަދަލު ކޮށްފައެވެ.

“އަދިވެސް އެމަންޖެ ނުނިދަނީތަ؟” އަޔާން އައުމުން އޭނާއަށް ކާން ހަދައިދެން އަހަރެން އަވަސް ވެގަތީމެވެ.

“ނޫން.. ނިދިފަ އޮތީ.. ރީން އަށްވެސް އޮތީ ނިދިފަ..އިޔަން ވެސް އަރާ އެބެއް ރީންގައިގަ ބޮނޑިވެ ގަނެގެން” އަޔާން ހީލަމުން ބުންޏެވެ.

” ދަރިފުޅުހެން މަންމަގެ ވަސްޖެހޭ ހިސާބުގައި ނޫނީ އެ ސޮރަށް ވެސް ނުނިދޭނެ..” ތައްޓައް ފެން އަޅަމުން އަހަރެން ކުރީގެ ހަނދާންތައް އާކޮށްލަމުން ބުނެލީމެވެ.

“މަންމާ.. އަޅުގަނޑު އެބެއް ހަދިޔާއެއް ދޭންވެފަ މަންމަ އަށް..” އަޔާން އަހަރެން އަތުގައި ހިފައިގެން ގެނެސް ކައިރީގައި އިން ގޮނޑީގައި ބޭނދިއެވެ. އަދި ޖީބުން ނެގި ކުޑަ ކުޑަ ފޮށްޓެއް ހުޅުވާލިއެވެ. އޭގާ ވަނީ ވަރަށް ރީތި ހުދުކުލައިގެ އެހެއް ޖަހާފައި އިން އަނގޮއްޓި އެކެވެ.

“މާޝާﷲ.. ވަރަށް ރިތި..” އަޔާން އަހަރެންގެ އިނގިލީގައި އަނގޮއްޓި އަޅުވާލުމުން އަހަންނަށް ހިނިތުންވެލެވުނެވެ.

” ދަރިފުޅަށް އިނގޭތަ މިއަށް ވުރެ ރީތި އަގު ބޮޑު ހަދިޔާއެއް އީދު ދުވަހު މަންމަ އަށް ލިބުންކަން؟” އަހަރެންގެ ވާހަކައާއެކު އަޔާން ބަލައިލީ ކޮބާހޭ އަހާފަދަ ގޮތަކަށެވެ.

“ތިއީ.. މަންމަ އަށް ލިބުނު އެންމެ އަގުބޮޑު އީދު ހަދިޔާ އަކީ ތިއީ..” އެދަރިފުޅުގެ އަތުގައި ފިރުމާލަމުން އެހެން ބުނެވުނު އިރު އަހަރެންގެ ލޯ ފެންކަޅި ވެއްޖެއެވެ. އަހަންނަށް ލިބިފައިވާ ނިޢުމަތަށް ޝުކުރުވެރިވާ ހާލުއެވެ.

-ނިމުނީ-

Comments (19)

  1. Wonder

    Eid Mubarak to my dear lovely readers. As i told u guys before, here is the surprise! Hope u all will like my first short story.. Please point out my mistakes and let me know what u guys think about the story. Once again wish a Happy Eid for u n ur family ❤????

  2. MariyamSaula

    Wow wow wow just wow…. Masha Allah ❤️ I really like this story ❤️ lym n be safe ❤️ عيد مبارك ❤️

  3. Sherher

    Vvvvvvvvvvvvvv reethi mi stry…btw
    Eid mubarak wonder..n be safe

    1. Wonder
      Sherher

      Thank u soo much Sherher. V ufaavejje mi story kamudhiyaeema.. Eid Mubarak to u as well..u too b safe dear❤

  4. Larkuu??

    Eid Mubarak to you ?❣️❣️❣️ story ves varah furihama Masha Allah..mizamaanuga Susan kanaka kudhin madhuvaane..muskulhi Verma ammilla main bafain ves dhookollaafa dhaneeviyya .story is amazing ly and stay safe ❤️

  5. Sher

    Wowwwwwww♥️??♥️????♥️? مشاء الله???????????? Mi vaahaka varah varah varah varah varah reethi❤️❤️❤️❤️ mihaathanah kiyun kuru vaahaka thakun hama faahaga kohleveyne varuge vaahaka eh mee.. ???? Wonder varah varah varah varah varah varah varah varah molhu مشاء الله?❣️??❣️?❣️??
    Varah bodah thanks Mikahala loabi Eid hadhiyaa eh dhineema?????
    ?تقبل الله منا ومنكم?
    ✨?عيد مبارك‎?✨
    Wonder asha hurihaakudhinnah varah ufaaveri Eid akah edhen????????????????????????????????????
    Stay safe??????

  6. Liyaa

    Mashaa allah v reethi vaahaka

  7. Maishaa

    Masha Allah. Varah reethi mi vaahaka??

    1. Wonder
      Maishaa

      Thank u so much Maishaa.. v ufaavejje mi vaahaka kamdhudhiyaeema ❤

  8. Sara?

    Reethi vaahakaeh?

  9. Anonymous

    Keevvetha mi site ah story’s upload nubaneeee?????

    1. Wonder
      Anonymous

      Story thah up vaanyy admin check kohfa..ehenve kudakoh delay eh ulhenyy dear?

  10. Fauxan

    Eid mubarak to all

    1. Wonder
      Fauxan

      Eid Mubarak to u too Fauxan❤

  11. Wonder

    Thank u so much Sara. Story kamudhiyaeema v ufaavejje❤

  12. Wonder

    Thank u soo much Liyaa. Vaahaka kamdhudhiyaeema v ufaavejje❤

  13. Wonder

    Eid Mubarak to u too Larkuu.. v ufaavejje mi vaahaka kamdhudhiyaeema.. yes we should always take care of our parents dhw. Lym n stay safe❤

  14. Wonder

    Thank u soo much Mariyam Saula. Story ehaa kamudhiyaeema v ufaavejje.. Eid Mubarak to u as well.. lym n b safe❤

  15. Anonymous

    Wow❣️wonder

Comments are closed.