
ނިޤާބު
ނޯޓު: މިއީ ހަޤީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޙިޔާލީ ވާހަކައެކެވެ. ވާހަކައިގެ ބައެއް ބައިތަށް ބައްޓަންކޮށްފައިވާނީ އަޅުގަނޑުގެ ޙިޔާލުގެ މައްޗަށްށެވެ. ވާހަކައިގައި ބޭނުންކޮށްފައިވާނީ އަސްލު ނަންތަކެއް ނޫނެވެ.
އަހަރެންގެ ވެސް ފުރަތަމަ ކައިވެނި ރޫޅުނީއެވެ. ހަޤީގަތުގައި ބުނާނަމަ ރޫޅައިލީއެވެ. އަހަރެން އަމިއްލައަށްށެވެ. އަހެރެން ބޭނުންވެގެންނެވެ.ފުރަތަމަ ކައިވެނި ނިމުމަކަށް އާތް އިރު އަހަންނަށް ލޯބިލޯބި އަންހެން ދަރިއެއް ލިބިފައި ހުއްޓެވެ. އޭރު ދަރިފުޅަށް 2 އަހަރުވަނީއެވެ. އެކަމަށްވެސް އެއްވެސް ފަރުވާލެއްނެތެވެ. ދަރިފުޅު ބެހެއްޓީ ދަރިފުޅުގެ މަންމަ ކައިރީގައެވެ. އަހަރެން ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ؟ ދަރިފުޅަށް ދޭންޖެހޭ ހަރަދު އަހަރެން ބަރާބަރަށް ކުރަމެވެ. އަދި ކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އެބަ އޮތެވެ. ކޮންމެއަކަސް ކައިވެނީގެ ގޮއްމުހާލުމަށްފަހު އަހަރެންވެސް ދެވަނަ ކައިވެންޏެއް ކުރީމެވެ. އަލުން ޖަވާޒީ ޙަޔާތެއްފަށައި ދިރިއުޅުން ފުރިހަމަ ކުރުމުގެ އުއްމީދުގައެވެ.
ރޫބީއަކީ ހުރިހާ ގޮތަކުންވެސް ހަމަ އެއްވަނައެވެ. ލިބިފައިވާ ލޫޅާފަތިހަށިގަނޑާއި ފަންއިސްތަށިގަނޑެވެ. ހަމުގެ ކުލަ ދޮންކަމުން ހީވަނީ ޔޫރަޕުކުއްޖެއް ހެންނެވެ. އުޅެނީވެސް އަހަންނަށް އެއްމެ ކަމުދާ ގޮތަށްށެވެ. ލަނީވެސް އަހަރެން ، އަހަރެންގެ އަނބިމީހާއަށް ލައްވާން ބޭނުން ކަހަލަ ޒަމާނީ ހެދުމެވެ. އާއިލާއަކީ ޝާހީ އާއިލާއެކެވެ. މާލޭގައި ގެދޮރުހުރެއެވެ. އަހަރެން ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ؟ އަހަންނަށްވުރެ 12 އަހަރު ހަގެއް ކަމަކު އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ.
ލޯބީގެ އަހަރެމެންގެ ގަނޑުވަރުގައި އަހަރެމެން ދުވަސްތައްގުނަމުން ދިޔައީމެވެ. ވަރަށްވެސް ލޯބިންނެވެ. އަހަންނަށް ވަޒީފާއަށް ދާކަށް މަޖުބޫރެއް ނޫނެވެ. ރޫބީގެ ބައްޕަގެ މުއްސަނދި ކަމުގައި ރޫބީއަށްވެސް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ގޭގެކަންތައް ކޮށްދޭން ނޯކަރުން ތިބެއެވެ. އެއީ އަހަރެން ބޭނުންވެސް ވާގޮތެވެ. އަހަރެމެން އުޅެން ވަކިން އެޕާރޓުމެންޓެއް ދިނެވެ. ހާސްވާންޖެހޭ އެއްވެސް ކަމެއްނެތެވެ. ދަރިފުޅުގެ ހަރުދުތައްވެސް ބަލަނީ ހަމަ އެމުއްސަނދި ކަމުގެ ފައިސާއިންނެވެ. މުއްސަނދިކަމުގެ ދާނެއްގައި ފައިސާތައްމަތީގައި އަހަރެން އުދުހެމުން ދިޔައީމެވެ. ދަރިފުޅުމަތިން ހަނދާނެއް ނުނެތެއެވެ. ހަފުތާއަކު އެއްދުވަހު ދަރިފުޅު ގެއަށްގެންނަމެވެ. އެކަމާ ރޫބީގެ ވެސް އެއްވެސް ޝަކުވާއެއްނެތެވެ. ދަރިފުޅުވެސް ރޫބީއާ ވަރަށް ގުޅެއެވެ. އެކުގައި ސަކަރާތްވެސް ޖަހައެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އެއްވެސް ކަމަކާ ވިސްނާން ނުޖެހުމުންނެވެ.
ކައިވެންޏަށް އަހަރެއްހާ ދުވަސް ނުވަނީސް އަހަރެންގެ ނަމުގައި ފިހާރައެއް ހުޅުވީމެވެ. އެއީވެސް ރޫބީ ބައްޕަގެ އެހީތެރިކަމެވެ. ރަޖިސްޓުރީ އޮތީ އަހަރެންގެ ނަންމަތީގައެވެ. ފިހާރައިގެ ކަންތައް ބަލަނީވެސް އަހަންނެވެ. ލިބޭ ހުރިހާ ލާރިއެއްވެސް ލިބެނީ ހަމަ އަހަންނަށްށެވެ. މިހާރު ކާރެއް ގަނެވިއްޖެއެވެ. އެވެސް އެންމެފަހު އެންމެ މޮޅު އެއްޗެކެވެ.
އެއްދުވަހެއްގެ ރޭގަނޑުގެ ވަގުތެވެ. އަހަރެން ކޮޓަރިއަށްވަނީ ރޫބީގެ ހަބަރެއްވޭތޯއެވެ. ފިނި ބުރެއްޖަހާލަން ދާންވެގެން ރޫބީ ތައްޔާރުވާތާ ކިތަންމެ އިރެއްވެއްޖެއެވެ. އަހަރެން ދޮރު ހުޅުވާލިއިރު ރޫބީހުރީ ޑުރެސިން ޓޭބަލު ކައިރީގައެވެ. ލައިގެންހުރި ރަތްކުލައިގެ ނިވާކަން ކުޑަ ހެދުމުން ގައިގެ ވަނާތައް ފާޅުވަމުން ދިޔައެވެ. ލައިގެން ހުރި މަޑު ނޫކުލައިގެ ޖިންސު ބާރުކަމުން ރޫބީއަށް އިތުރު ފުރިހަމަކަމެއް ގެނުވައިދެއެވެ. ފަންއިސްތަށިގަނޑު ވަނީ ހާމައަށް ދޫކޮށްލާފައެވެ. ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތްކުލައިން ތުންފަތް ހީވަނީ ފޮޅިފައިވާ ރަތް ފިނިފެން މަލެއް ހެންނެވެ. އެ ރީތިކަމަށް ގެއްލިފައި އަހަންނަށް ހުރެވުނީއެވެ. ސިހިގެން ދިޔައީ ރޫބީއައިސް ފުއްޓަތްކެއް ޖެހުމުންނެވެ.
” ކޯޗަކަށް ގެއްލިފަ…؟” ހިނިތުންވެލަމުން ރޫބީ ސުވާލު ކުރިއެވެ.
” ގެއްލޭނެދޯ… ތިހާރީތި ކުއްޖެއް ފެނުނީމަ….” ރޫބީގެ ކަރުގައި ބޮސްދެމުން އަހަންނަށް އެހެން ބުނެވުނީ މަސްތުވެފައި ހުރި މީހެއްހެންނެވެ. ހަމަ ރަނގަޅަށްވެސް އަހަރެން މަސްތުވީއެވެ #. ބޭރަށްދާހިޔާލުވެސް ބަދަލުވީއެވެ. ޖިންސީ އަރާމަށް ފެންބޮވައިގަތީއެވެ.
“ދެން….. ހިނގާބައަވަހަށް ދާން… ފަހުންދޯ…. ބޭރަށް ގޮއްސަ އައިސް….” އަހަންނަށް ވަމުންދިޔަ ގޮތް އެނގުމުން ރޫބީ އަހަރެމެން ފިނިބުރު ޖަހަން ދާ ވާހަކަ ހަނދާންކޮށްދިނެވެ.
އެރޭ އަހަރެމެން ދިޔައީ ކާރުގައެވެ. އަހަންނަށް އިރު އިރުކޮޅާ ރޫބީއަށް ބަލައިލެވެއެވެ. އޭނާގައިގައި ފިރުމައިލެވެއެވެ. އެހާވެސް ރޫބީ ލޯތްބެވެ. “ކޮން އިރިކުންތަ އަހަރެން ބޭބީއެއް ހޯދާނީ…” އެއީ އަބަދުވެސް އަހަރެން ރޫބީއާ ކުރާ ސުވާލެކެވެ. ރޫބީގެ ޖަވާބެއް ނުލިބުމުން އަހަރެން ބަލައިލީ ރޫބީއަށްށެވެ. ރޫބީ އިނީ ފޯނަށް ގެއްލި ހުސްވެފައެވެ. އަހަރެން ދެއްކި ވާހަކަވެސް ރޫބީއަށް އަޑު ނީވޭކަހަލައެވެ.
އަހަރެން ވާހަކަ ދައްކަމުންދާއިރު ވެސް ރޫބީ ފޯނާކުޅެން އިނދެދާނެއެވެ. ބައެއްފަހަރު ހޭނެއެވެ. އަހަންނަށް އެކަން ފެނުނެއް ކަމަކު ފެނުނު ކަމަކަށް ނަހަދަމެވެ. ޝަކުވާ އެއްވެސް ނުކުރަމެވެ. ރޫބީގެ ފޯނުގައި އަތްވެސް ލާފައި ނޯންނާނެއެވެ. އެއަށްވުރެބޮޑަށް އަހަރެން ރޫބީއަށް އިތުބާރު ކުރަމެވެ.
ކާރު ޕާކު ކުރީ އާޓިފިޝިއަލް ބީޗު ކައިރިއަށްށެވެ. އެތާނގައި ހުރި ތަނެއްގައި އިށިންނަމުން އަނެއްކާވެސް އަހަރެން ރޫބީއާ އެސުވާލު ކުރީމެވެ. މިފަހަރު ރޫބީއަށް އަޑު އިވުނެވެ. ނަމަވެސް ލިބުނީ އެހެންނާވެސް ލިބޭ ޖަވާބެވެ.
ރޫބީ އަދި ދަރިއަކު ބޭނުންނޫން ވާހަކައެވެ. އަދިއެކަމަށް އަވަސް ކަމަށްށެވެ. ރޫބީގެ އުމުރު ހަގު ކަމަށްށެވެ. އެއީ އަބަދުވެސް އަހަންނަށް އިވޭ ވާހަކައެކެވެ. އަހަރެން އެކަމަކާ ޝަކުވާއެއް ނުކުރަމެވެ. ކިތަންމެ ދަރިއަކު ބޭނުންނަމަވެސް ރޫބީއެކަން ބޭނުންނުވާތީއޭ ކިޔާ ރުޅި ހަދައިގެނެއް ނޫޅެމެވެ. ރޫބީ އަހަންނަށް ވުރެ އެހާ ހަގުވެފައި ގެއްލިދާނެތީއެވެ. ރޫބީ ވެފައިވަނީ އަހަރެންގެ ބަލިފަޔަށްށެވެ.
ދުވަސްތައް ވޭތުވަމުން ދިޔައީ އެގޮތުގައެވެ. ފިހާރައިގެ ކަންތަކުގައި ބޭރުގައި އުޅެންޖެހުނު ވަގުތު އިތުރު ވިއެވެ. ގިނަފަހަރު މެންދުރު ދާގޮތަށް އާދެވެނީ މެންދަމު ބާރަ ޖަހާފަހުންނެވެ.ރޫބީ އެކަމަކާ ޝަކުވާއެއް ނުކުރެއެވެ. އަހަރެން އަންނައިރު އޮންނަނީ ނިދާފައެވެ. ކައިރިވާއިރަށް ވަރުބަލިކަމަށްބުނެ ދުރަށް ޖެހިލާ ރޭރޭވެސް އާދެއެވެ. އަހަރެންވެސް ޝަކުވާއެއް ނުކުރަމެވެ. ވެފައިވާ ވަރުބަލި ކަމެއްގެ ބޮޑުކަމުން އަހަންނަށްވެސް ނިދެނީއެވެ.
ރެއަކީ ވަރަށް ވިއްސާރަ ރެއެކެވެ. ވެހެމުންދިޔަ ބޯވާރޭ ތުނިކޮށްލީ ރޭގަނޑު 10 ޖަހަން ގާތްވެފައި ހުއްޓާއެވެ. ކާރު ހަލާކުވެފައި އޮތުމުން އަހަރެން ފިހާރައަށް ދިޔައީ ފައިމަގުގައެވެ. އެހެންވެ ވާރޭ ތުނި ކުރަންދެން މަޑުކުރަން މަޖުބޫރޫވީއެވެ. ފޯނު ނިވިފައި އޮތުމުން ރޫބީއަށް ގުޅޭގޮތެއްވެސް ނުވިއެވެ. ހަނދާންނެތި ޗާޖަރުވެސް ނުގެނެވެއެވެ. އެހެންނޫނަމަ ރޫބީ ބައްޕަގެ ކާރު ނަމަވެސް އަހަރެން ބަލައި އައިހެވެ.
ވިއްސާރަ ތުނިކޮށްލި ވަގުތު ބަލާފައި އަހަރެން އަވަސްވެގަތީ ގެއަށް ދިޔުމަށްށެވެ. ކޯރު ހެދިފައިވާ މަގުތަކުން ހިނގަމުން އަހަރެން އައީމެވެ. ފެންގަނޑު ބޮޑުކަމުން މާބާރަށް ހިނގޭ ގޮތެއްވެސް ނުވިއެވެ. ފައިމަގުގައި އަހަންނަށް ގެޔާހިސާބަށް ފޯރީއިރު 11 ޖަހަން ގާތް ވެއްޖެއެވެ.
ލިފްޓު ގޮސް ހުއްޓުނީ އަހަރެމެން ގެ އެޕާޓްމެންޓު ހުންނަށް ފަންގިފިލަޔަށްށެވެ. ޖީބުގައި އޮތް ތަޅުދަނޑި ނެގުމަށްފު ތަޅަށް ޖަހައިލައި ދޮރު ހުޅުވާލީމެވެ. އެތެރެއަށްވަދެ ފުން ނޭވާއެއް ލުމަށްފަހު މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށްށެވެ. ކޮޓަރި ހުޅުވާލީއިރު ފެނުނު މަންޒަރަކުން ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ދަމައިގަތްހެންނެވެ. ހަތަރު އުދަރެސް ފެނުޖެހުނެވެ. އެނދުމަތީގައި އޮރިޔާން ހާލުގައި އޮތް ދެމީހުން ފެނިފައެވެ. ފިރިހެން މީހާއޮތް ރޫބީގެ ގައި މަތީގައެވެ. އަހަންނަށް ހަޅޭލަވައި ގަނެވުނެވެ. ދެމީހުންވެސް ތެދުވިއެވެ. ގައިގައި ބެޑުޝީޓު އޮޅާލަމުން ހަށިގަނޑު ނިވާ ކުރަމުންނެވެ.
“ކަލޭ މަރާލާނަށް… ލަދެއް ނުގަނޭތަ މީހުންގެ އަނބީން ކައިރިއަށް ވަދެ އޮންނާކަށް…” ރުޅިއައިސް ރަތްވެގެން އަހަރެން ގޮސް އެ ފިރިހެން މީހާގެ ކަރުގައި ހިފީމެވެ. ރޫބީ މަސައްކަތް ކުރީ އަހަރެންގެ އަތް ނެއްޓުވުމަށްށެވެ. ކުއްލިއަކަށް އަހަރެންގެ މޫނުމައްޗަށް އެރި ރޫބީގެ އަތުގެ ހޫނު އެތިފަހަރަކުން އަހަރެންގެ ފަހަތަށް ޖެހިލީމެވެ. އަހަރެން ހައިރާން ވެހުރެ ރޫބީއަށް ބަލާލީމެވެ. ދިލަނަގަމުންދިޔަ ހިސާބުގައި ފިރުމައިލަމުންނެވެ.
“ކަލޭ ތީކާކުތަ މީނަ މަރާލަން… އަހަރެން ނުވެ އޭ ކަލޭ ދެކެ ލޯތްބެއް… އަހަރެން އިތުރުގޮތެއް ނެތިގެން ކަލޭޔާ ކައިވެނި ކުރީ… އަހަރެންގެ މިގޮތް ކަނޑުވަންށޭ ކިޔާފަ ބައްޕަ އަހަންނަށް މަޖުބޫރު ކުރުވީ މީހަކާ އިންނަން… އެހެންވެ އޭ އަހަރެން ކަލޭ އާ އިނީ… ކަލޭއަށް ހީވޭތަ އަހަރެން ކަހަލަ ޒުވާން ކުއްޖަކު ކަލޭކަހަލަ މުސްކުޅިއަކާ ހިތާ ވާނެހެން… އަހަންނަކަށް ނުފުދޭ އެކަކުންނެއް… ބޭނުންވަނީ ގިނައިން… ތަފާތު މީހުން…” ރޫބީގެ އެ ޖުމުލަ ތަކުން އަހަރެންގެ ހިތް ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެރޭ އަހަރެން އެގެއިން ނުކުމެގެން ދިޔައީ ރޫބީ ވަރިކޮށްފައެވެ.
ވެހެމުން ދިޔަ ބޯ ވާރޭގައި އަހަރެން ހިނގާފައި ދިޔައީ މަގު ގެއްލިފައިވާ މުސާފިރެއް ފަދައިންނެވެ. އަހަރެން ދާންވެސް އޮތީ ވަކި ކޮންތަނެއް ހެއްޔެވެ؟ އަހަރެންގެ ދިރިއުޅުން ޖަހަންނަމައަކަށް ވެގެން މިދިޔައީ ހަމަ އަހަރެންގެ ސަބަބުންނެވެ. ހުއްޓުމެއްނެތި ވެހުމުން ދިޔަ ވާރޭއާއި ޖަހަމުން ދިޔަ ބާރު ގުގުރިއަކަށް އަހަންނަކަށް ކެތެއް ނުކުރެވުނެވެ. ފިހާރައެއް ދޮށުގައި ހިޔާވެފައިހުރި ތަނެއްގައި އަހަރެން އިށީންދެލީމެވެ. ބޮލުގައި އަތް އަޅައި ވިސްނައިގަނެވުނެވެ. މާޒީ ކުލަވާންފެށީއެވެ.
އަހަރެން މިއީ ކޮންފަދަ އުފާވެރިކަމެއްގެ ހަޔާތެއް އާބާދު ކުރަމުން އާތް މީހެއް ހެއްޔެވެ؟ ފުރަތަމަ ކައިވެންޏެއްކޮށް ލިބުނީ ކިޔަމަންތެރި ހެޔޮލަފާ އަންބެކެވެ. އެހާމެ ރީތި އަންބެކެވެ. ކައިވެނިކުރީވެސް ދެމީހުން ބޭނުންވެގެންނެވެ. އިނދެގެން ތިން އަހަރެއް ހާ ދުވަސް ވީއިރު ދަރިއެއްވެސް ލިބިއްޖެއެވެ. އެއީ އަހަރެންގެ އެދުމުގެ މަތިންނެވެ. އަހަރެންގެ އެދުމަކަށް އޭނާ ދުވަހަކުވެސް ދެކޮޅު ހަދާފައެއް ނުވެއެވެ. ޖެހުނީ ހަމަ އެންމެ މައްސަލައެކެވެ.
ކައިވެނިކުރުމުގެ ކުރިންވެސް ނޫރާ އަކީ ގަޔަށް ދޫ ހެދުންލާ ކުއްޖެކެވެ. ގައިގައި ވަނާތައް ފިރިހެނުންގެ ކުރިމަތީގައި ފާޅުކުރަން ބޭނުންވާ ކުއްޖެއް ނޫނެވެ. ކައިވެންޏަށްފަހު ނޫރާގެ އެއުޅުމަށް ބަދަލެއް ނާދެއެވެ. ފަރުޞު ފަސް ނަމާދު ކުރާނެއެވެ. އަބަދުވެސް ހުންނާނީ އަހަރެންގެ ހިދުމަތުގައެވެ. ފިރިއަކަށް ދޭން ޖެހޭ ހުރިހާ ހިދުމަތް ތަކެއް އަހަންނަށް، އެންމެ ފުރިހަމައަށް ކޮށްދޭނެއެވެ. ކައިވެންޏަށް ދަރިއަކު ލިބުމަށްފަހު ނޫރާ ބޭނުންވީ ނިޤާބު (މޫނު ބުރުގާ) އަޅާންށެވެ. އެކަމަކީ އަހަރެން މާ ހިތްހަމަޖެހޭ ކަމަކަށްނުވިއެވެ.
އަހަރެން ބުނީމެވެ. މޫނު ބުރުގާ އެޅުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ؟ ނޫރާ އަހަރެންގެ ބަސް ގަބޫލެއް ނުކުރިއެވެ. އަހަރެން ގަބޫލު ނޫނަސް ގަބޫލު ކަމަށްހެދުނީއެވެ. އެދުވަހަށްފަހު އަހަރެން ނޫރާ މަތިން ފޫހިވިއެވެ. އަހަރެން ބޭނުމީ އަހަރެންގެ އަނބިމީހާ ކައިރީގައި ހުންނައިރު އެހެން މީހުން އަހަރެންގެ އަނބިމީހާއަށް ތައުރީފު ކުރާންށެވެ. ނަމަވެސް ނޫރާ ކަންތައް ކުރިގޮތުން އަހަންނަށް އިވެމުންދަނީ ރައްޓެހިންގެ މަލާމާތުގެ އަޑެވެ.
އޭގެ މަހެއްހާ ދުވަސްފަހުން އަހަރެންގެ ކެތްތެރިކަން ކޮޅުންލީއެވެ. ނޫރާއާއެކު އުޅެން ބޭނުން ނުވީއެވެ. އަހަރެން ނޫރާ ވަރިކޮށްލީމެވެ. ކުޑަ ލޯބި ދަރިއަކާއެކު ދުނިޔެއަށް ބިކަ ކޮށްލީމެވެ. ކުރާނީ ކީއްހެއްޔެވެ؟ އަހަންނަށް ނުވިސްނުނީއެވެ. ދުނިޔޭގެ އުފަލާއި އަރާމަށް ހިތް ގޮވައިގަތީއެވެ. އާޙިރަތުގެ އުފާވެރިކަމަށް ކުޑަކޮށްވެސް ވިސްނާލުމެއް ނެތިއެވެ. އެއީ އަހަރެންގެ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯހެވެ. ކުރެވުނު އެންމެ ބޮޑު ކުށްވެސްމެއެވެ.
މިހާރު އަހަންނަށް ވިސްނިއްޖެއެވެ. އަންހެނުންގެ ތެރެއިން އެންމެ މާތް އަންހެނުންނަކީ ތިމާގެ ފިރިމީހާއަށްޓަކާ، ތިމާގެ ރީތިކަން ނިޤާބުން ފޮރުވާ މީހާއެވެ. ދުނިޔެވީ އުފަލަށްވުރެ އާޙިރަތުގެ އުފަލަށްވިސްނާ މީހާއެވެ. ފިރިމީހާއަށް އޯގާތެރިވާ ، ކަމޭހިތާ އަންހެނާއެވެ.
އެންމެފަހުން ކެތްނުވެގެން އަހަރެން ނޫރާ ގާތަށް ދިޔައީމެވެ. ރޮއި އާދޭސްކޮށް މަޢާފަށް އެދުނީމެވެ. ވަރަށް އޯގާތެރި ކަމާއެކު ނޫރާ އަހަންނަށް މަޢާފުވެސް ކުރިއެވެ. އަލުން ޙަޔާތެއް އާބާދުކުރަން އެއްބަސްވެސް ވިއެވެ. މިހާރު އަހަރެން މީ ހެޔޮލަފާ އަންބަކާއެކު ، ދުނިޔަވީ ހަޔާތަށްވުރެ އާހިރަތަށް އިސްކަންދީގެން ދުނިޔެ އާރާސްތު ކުރަމުންދާ މީހަކީމެވެ. ރައްޓަހިން ކުރަމުންދާ މަލާމާތަކަށް ނުވިސްނަމެވެ. އެމީހުންނަށް ވެސް ވިސްނައިދިނީމެވެ. ނިޤާބަކީ އަންހެނާގެ ރައްކާތެރިކަމެވެ. ރީތިކަންވެސް މެއެވެ.
(ނިމުނީ)
3 Comments!
Comments are closed.
Alhey Maashaa Allah ? haadha rythi eyy mi stryy ?
Masha Allah. V furihama vaahakaeh. Mee Hama hageegatheh. Baeh firihenunna anbimeehaage reethi kamakee kobai kan engenee vaguthu faaith vaa fahun.
Anhenaa ge reethikan faalhukuranvaany hama ekani firimiyhaa kurimathy… moonu neylhinamavx gayah dhoo hedhunlaa aura nivaakuranvaane…Maasha Allah v vx reethi maasha Allah…❤❤