Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަ

ހާދަ ބޭނުންވިޔޭ

Aminath rau Level 110 Stories
May 9, 2020 5 Mins Read
0 Comments

ނޯޓް: މިއީ ހަޤީގީ ހަދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއް! ވާހަކައިގައި ބޭނުން ކުރެވިފައިވާނީ އަސްލު ނަން ތަކެއް ނޫން..!

އާދުވަހަކަށް ދުނިޔެ މަރުޙަބާކީ އެއްބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުން، އަނެއް ބައެއްގެ ހިތްތައް ކުދި ކުދި ކުރަމުންނެވެ. ދެރަ މީހާއަށް ދެރަގޮތް، މޮޅުމީހާއަށް މޮޅުގޮތް މެދުވެރި ކުރަމުންނެވެ. އެނދުގެ ބޯލާ ކޮޅުގައި އަޔާޒު ލެގިލައިގެން އިނީ ހިޔާލީ ފުންކަނޑަކަށް ގެނބިފައި ކަހަލައެވެ. އަތުގެ އެތަން މިތަނުން ލޭ އޮހޮރެމުން ދިޔައިރު މުޅި ކޮޓަރި ވަނީ އެފުއްމިފުށަށް ޖަހާފައެވެ. ވީދާ ކުދިކުދި ކޮށްލާފައި ހުރި ބާލިހުގެ ކަފަތަށް ފަންކަލުގެ ވަޔާއިއެއްވަރަށް މުޅި ކޮޓަރީގައި އެނބުރެމުން ދިޔައެވެ. ތަޅާއިގެން ގޮސްފައިވާ ބިއްލޫރިތައް އެތަން މިތަނުން ފެންނަމުން ދިޔަ ނަމަވެސް އަޔާޒު އިނީ ގަބުވެފައެވެ. ދެލޯވަނީ ރަތްވެފައެވެ. ރޮއިރޮއި މޫނު ވަނީ ދުޅަވެފައެވެ. މުޅި ކޮޓަރީގައި ލޭގެ ކޯރެއް ހެދިފައިވާކަން އަޔާޒަށް ރޭކާވެސް ނުލައެވެ. ޒަހަމްވެފައިވާ އަތުގެ އެތަން މިތަނުން އަޅަމުން ދިޔަ ވޭނާއި ނަގަމުން ދިޔަ ތޫނު ދިލަ ކިތަންމެ ބޮޑު ނަމަވެސް އަޔާޒުގެ ހިތައްލިބިފައިވާ ޒަޙަމް މާ ބޮޑެވެ.

ހިޔާލުގެ ފުން ކަނޑަކަށް ގެނބެމުން ގޮސް އަޔާޒު މޫނު މަތީގައި އަތްއަޅައި ބައްދާލިއެވެ. އަޔާޒަކީވެސް އެހެން މީހުން ކަހަލަ އިންސާނެކެވެ. ލޯތްބާއި އޯގާތެރިކަމަށްވެސް ބޭނުންވެއެވެ. ކުރާނީ ކީއްހެއްޔެވެ. އަޔާޒަށް ލޯބިވެވުނީއެވެ. އިންތިހާއަށްށެވެ. މަރުދޭވަރަށްށެވެ. ހިތުގެ އެންމެ ފުންމިނުންނެވެ. ލޯތްބަކީ ވަކި ފަންތިއެއްގެ، ވަކި ބަޔަކަށް ވެވޭ އެއްޗެއް ކަން ކުރިން އެނގުނުނަމަ އަޔާޒު އެވަރަށް ލޯބިނުވީސްކަން ޔަގީނެވެ.

ރަނާއެވެ. އަޔާޒުގެ ހިތުގެ ވިންދެވެ. ވަރަށް ލޯބިވިއެވެ. އެންމެ ފުރަތަމަ އަޔާޒަށް ރަނާ ފެނުނީ މީގެ ދެތިން އަހަރެއް ކުރިން އެގޭ ޖޯލިފަތިންނެވެ. އެއީ ރަށުން ބޭރުގައި އަޔާޒު ހުރުމަށްފަހު މަންމަ ކައިރިއަށް ރަށަށް ބަދަލުވި ދުވަސް ވަރެވެ. އޭރު މީހުންނަށް އަޔާޒު އެނގުނެއް ކަމަކު ރަށުގެ ގިނަ މީހުންނެއް އަޔާޒަކަށް ނޭނގެއެވެ.

ދޮން ރީތި މޫނެކެވެ. ޖާދުވީ ލޮލެކެވެ. ފަން ،ކަޅު އިސަތަށިގަނޑެވެ. ލޫޅާފަތި ހަށިގަނޑައި ހުންނަ ސަކަ މިޒާޖެވެ. މިހެން ގޮސް ކިޔާނެކަމެއް ނެތެވެ. ގުދުރަތުން ރަނާއަށް ދެއްވާފައިވަނީ އެހެން ކުއްޖަކާ އަޅާކިޔޭ ވަރަށް ވުރެ ފުރިހަމަ ކަމެކެވެ.

އަޔާޒަށް ރަނާދެކެ ލޯބިވެވުނީ ކޮޅެއް ނެތް ވަރަށްށެވެ. އެކަމަށް އިގުރާރު ނުވެ ހުރެވުނީ މަދު ދުވަސް ކޮޅެކެވެ. ކެތެއް ނުކުރެވުނެވެ. ބޭނުންވަނީ ރަނާ އޭނާގެ މިލްކަކަށް ހަދާންށެވެ. އަބަދުމެ ގާތުގައި ބާއްވާންށެވެ. ކެތްތެރިކަން ކޮޅުންލީއެވެ. އަވަހަށް ރަނާއަށް ލޯބި ހުށައެޅިއެވެ. ހީކުރިވަރަށް ވުރެ އަވަހަށް އަޔާޒަށް އެކަން ކާމިޔާބުވެސް ވިއެވެ. ރަނާ އާބަސް ބުންޏެވެ.

ލޯބީގެ ގަނޑުވަރު ބިނާ ކުރަމުން ދިޔައީ ދެމީހުން އެކު އެކީގައެވެ. ވަރަށްވެސް ލޯބިންނެވެ. މަޝްވަރާ ކުރެވިފައި އޮތީ ވީހާވެސް އެންމެ އަވަހަކަށް އެ ގުޅުމުގައި ކައިވެނީގެ މާތް ގޮއްޖަހާލުމަށްށެވެ. އަޔާޒު ގެ ހުރިހަމަ އެކަނި މީހަކީ ލޯބިވާ މަންމަ ކަމުން އަޔާޒު އޮތީ މަންމަ ގާތުގައި ވެސް ކައިވެނީގެ ވާހަކަ ދައްކާފައެވެ. މަންމަ ރުހި ގަބޫލެވެ. ދެން އޮތީ އެންމެ މުހިއްމު މީހުންނެވެ. ރަނާގެ މައިންބަފައިންނެވެ. ރަނާ އަދިވެސް މަންމަމެން ގާތު އެވާހަކަ ނުދައްކައެވެ. ކީއްވެކަމެއް އަޔާޒަކަށްވެސް ނޭންގުނެވެ. އެކަމާ ހިތްހަމަ ނުޖެހިގެން އަޔާޒު ޝަކުވާވެސް ކުރިއެވެ. އެކަމަކު ރަނާ ވާހަކަ ބަދަލު ކޮއްލައެވެ. އަދި ބުނާނެ ކަމަށް ބުނެފައެވެ.

އެއްދުވަހެއްގެ މެންދަން ވަގުތެވެ. ރަނާއާއި އަޔާޒު ހުރީ ރަނާމެންގޭ ގޯތިތެރޭގައެވެ. އެއްވެސް މީހެއްގެ ހިލަމެއްނެތް އެވަގުތު އެތާގައި ރަސްކަން ކުރަމުންދިޔައީ އަނދިރިކަމެވެ. ވާނީވެސް އެހެންތާއެވެ. ވަގުތަކީ އެންމެންގެ ލޯތައް ނިދީގެ ފޮނިމީރުކަން އިހުސާސް ކުރަމުންދާ ވަގުތެވެ. ދެމީހުން ތިބީ ނުހަނު ގާތުގައެވެ. އެކަކު އަނެކަކުގެ ނޭވައިގެ ހޫނުކަން އިހުސާސް ކުރެވޭހާވެސް ގާތުގައެވެ.

ކުއްލިއަކަށް މުޅި ތަން އަލިވެގެން ދިޔައެވެ. ހީވީ ވިދުވަރެއްގެ އަލިހެންނެވެ. އެކަމަކު އެއީ ވިދުވަރެއްގެ އައްޔެއް ނޫނެވެ. ކުރިމަތީގައި ހުރީ ރަނާގެ މަންމަ އާއި ބައްޕައެވެ. އަޔާޒު ޖެހިލުންވިއެވެ. ބަލާލެވުނީ ރަނާގެ މޫނަށްށެވެ. ރަނާގެ ދެލޯވަނީ ތަންމިނަށް ބޮޑުވެފައެވެ. ކުރިމތީގައި ހުރި ރަނާގެ މަންމައާއި ބައްޕަގެ ލޯމަތިން ފެންނަމުން ދިޔައީ ނަފުރަތެވެ. ރުޅިވެރިކަމަވެ. އަޔާޒު ވާހަކަ ދައްކަން އަނގަހުޅު ވާލިއެވެ. އިސާހިތަކު މޫނުމައްޗަށް ވެރިވީ ރަނާގެ ބައްޕަގެ އަތުގެ ހޫނު އެތިފަހަރެކެވެ.

” ކަލޭތީ ހާދަ ލަދު ހަޔާތް ކުޑަ މީހެކޭ ދޯ… މީހުންގެ ހުއްދަޔާނުލައި މީހުންގެ ގޯތިގެދޮރަށް ވަދެގެން ތިއުޅެނީ ތިމާވަރުގެ މީހެއް ނެތިގެންތަ.. ” އިވުނީ ރަނާ ބައްޕަގެ ހަޅޭކުގެ އަޑެވެ.

އަޔާޒުގެ އަރެތެރެ ބެދޭގޮތްވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ.
” ކަލޭއަށް ހީވޭތަ ކަލޭކަހަލަ މީހަކާ އަހަރެން އަހަރެންގެ ދަރިފުޅު ދެވާ ފާނެހެން… ކަލޭތީ ހަރާން ބަ*** ކޭ… ކަލޭ އަމަޔަށްވެސް ނޭނގެ ކަލޭގެ ބަފަޔަކީ ކާކުކަމެއް.. ލަދެއް ނުގަނޭތަ މީހުންގެ ދަރިން ވާ ވައްދަން ދުވާއިރު” ރަނާ ބައްޕަގެ އެ ޖުމުލައިން އަޔާޒަށް ހީވީ އޭނާ ދިރިހުއްޓާ ވަޅުލިހެންނެވެ. ގަބޫލުކުރަން ބޭނުން ނުވާ ހަޤީގަތާ ކުރިމަތިލާކަށް އަޔާޒަކަށް ހިތްވަރެއް ނުލިބުނެވެ.

އެރޭ އަޔާޒު އެތަނުން ދިޔައީ އަނގައިގައި ތަޅެއް ލެވިފައިވާ މީހެއް ހެންނެވެ. ރަނާގެ ބައްޕަ އެބުނީ ތެދެކެވެ. އަޔާޒަކީ ބައްޕަ ކަށަވަރު ނުވާ މީހެކެވެ. އެއީ އަޔާޒު ގަބޫލު ކުރަން ބޭނުންނުވާ ، ނަމަވެސް ހަޤީގަތެކެވެ. މިއޮއްހާ ދުވަހު އަޔާޒު މަންމައާ ދުރުގައި ހުރީވެސް އެހެންވެއެވެ. އެހަޤީގަތާ ކުރިމަތި ލާން ބޭނުން ނުވާތީއެވެ. ކުރާނީ ކީއް ހެއްޔެވެ؟ އަޔާޒަށް ރަނާ ގެއްލުނީއެވެ. ތަދުބީރުގެ ކުރިމަތީގައި ތަޤުދީރު އިސްޖަހައި ލީއެވެ.

އަޔާޒަށް ހޭވެރިކަމެއްވީ މަންމަ ދޮރުގައި ޓަކި ދޭ އަޑަށްށެވެ. ” ދަރިފުޅާ… ސައިބޯން ވީނު” މަންމަގެ އަޑުގައި ވަނީ އޯގަތެރިކަމެވެ. އަޔާޒު އިރުކޮޅަކުން އެބަ ދަން ކަމަށް ބުނުމުން މަންމަވެސް ދިޔައީއެވެ.

ދެމައިން ސައިބޯން ތިބިއިރު އެތަނަށްވެރި ވެފައިވަނީ ހަމަހިމޭން ކަމެވެ. އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ. އަޔާޒަށް ކުރަމުންދާ އަސަރާއި އެ ހިތުގައި އަޅަމުންދާ ވޭން ކިތަންމެ ރަނގަޅަކަށްވެސް އޭނާގެ މަންމައަށް އެނގުނެވެ. ލޮލަށް ފެންނަން ހުރި ޒަހަމު ތަކަށްވުރެ ހިތަށް ލިބިފައިވާ ޒަޙަމު މާ ބޮޑުކަން މަންމައަށް އިހުސާސް ވެއެވެ. ވާނީވެސް އެހެންތާއެވެ. ދަރިއެއްގެ އިހުސާސްތައް މަޔަކަށްވުރެ ރަނގަޅަށް ދެނެގަނެވޭނީ ފަހެ ކާކަށް ހެއްޔެވެ؟

“ދަރިފުޅަ… މަންމައަށް މާފު ކުރޭ… ތީ މަންމައަށް ކުރެވުނު ކުށުގެ ސަބަބުން ދަރިފުޅަށްވީގޮތް…” މަންމަގެ ގިސްލުމުގެ އަޑުއަހާކަށް އަޔާޒަކަށް ކެތެއް ނުކުރެވުނެވެ.

” ނޫން މަންމާ… ކޮންމެ ކަމެއްވެސް ވާނީ ހަމަ ރަނގަޅަކަށް… މަންމަ ތިހެން ނުބުނޭ..” ހިތްވަރު ކުރާގޮތް ދައްކަމުން އަޔާޒު އޭނާގެ މަންމައާ ވާހަކަ ދެއްކިއެވެ. އެއީ އަޔާޒު ގަބޫލު ކުރާގޮތެވެ. މީހަކު ކުރި ކުށެއްގެ ސަޒާ އެހެން މީހަކަށް ލިބިގެން ނުވާނެއެވެ. އަދި ކުށްކުރިމީހާ އެކަމަށް ތައުބާވުމަށްފު އެއީ ކުއްވެރިއެއް ނޫނެވެ.

ދުވަސް ހަފްތާތަކަށް ވެ ހަފުތާތައް މަސްތަކަށް ބަދަލު ވަމުން ދިޔައެވެ. ދުނިޔެ ދާމަގުން ހިނގަމުން ބުރުއަޅަމުން ދިޔައެވެ. ރަނާއާ ނުލައި އަޔާޒު ގުނަމުންދާ ކޮންމެ ދުވަހަކީ އެތައް އަހަރުތަކެއް ކަހަލައެވެ. ހީވަނީ ހިތުން ވިންދު ވަކިވެފައިވާހެންނެވެ. ހަށިގަނޑުގައި ދިރުމެއް ނެތް ހެންނެވެ. އަޔާޒު ޙިޔާރު ކުރީ ކެތްތެރިކަމެމެވެ. އަޔާޒަށް ރަނާއެއް ނުގުޅައެވެ. އަޔާޒު ރަނާއަށް ނުގުޅީވެސް އެހެންވެއެވެ. ރަށުތެރޭގައި ރަނާ އެހެން މީހަކާ ލޯބީގެ ގޮތުން ގުޅެގެން އުޅޭ އަޑުތަކެއް އަޔާޒުގެ ކަންފަތަށްވެސް އެރިއެވެ. ހިތަށް ވަރަށް ތަދުވިއެވެ. ނަމަވެސް އަޔާޒު ކެތްތެރިވިއެވެ. ކޮންމެކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ހެޔޮކަމެއް ނުވަތަ ނަސީބެއް ވާނެކަން އަޔާޒު އަބަދުވެސް ހަނދާން ކުރެއެވެ.

ދުވަހުގެ އެންމެ ގަދައަވި ބިމުގައި ރަސްކަން ކުރަމުންދިޔަ ވަގުތެވެ. ކޮޓަރީގައި ހުރި އަޔާޒު ނުކުތެވެ. މަންމަ މާވަރަކަށް ގޮވުމުންނެވެ. އަޔާޒަށް ލިބުނީ ސިހުންވެރިކަމެކެވެ. ކުރިމަތީގައި ހުރި ރަނާގެ ބައްޕައާއި މަންމަ ފެނުމުން އަޔާޒުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ފާޑަކަށް އެމީހުންނާ ދިމާއަށް ލޯ އަޅައި ލެވުނެވެ. ހިތުގައި އެތަކެއް ސުވާލުތަކެއް އުތުރި އަރަމުން ދިޔައެވެ.

“ކިހިނެއް ވެގެން މިގެއަށް ތިއައީ.. އަހަންނެއްވެސް ނުދަން ކަލޭމެނަށް އުނދަގޫ ކުރާކަށް… އައިސްފައިވާ ރުޅިއެއްގެ ސަބަބުން އަޔާޒަށް ބުނެވުނެވެ.

އެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައާއި ހިތްދަތި ކަން ކަމުގައި ވީނަމަވެސް އަޔާޒުގެ ހިތުގައި ކުޑަކޮށްނަމަވެސް ހަމްދަރުދީއެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. އަޔާޒުގެ ހިތްވަނީ ޒަޙަމު ކޮށްލާފައެވެ. އެންމެ ފުރަތަމަ ވީ ލޯބިވެސް ވަނީ ކަފުންކޮއްފައެވެ. ހަމަ އެމީހުންގެ ސަބަބުންނެވެ. ދެން ނުވެ އޮތީ ކޮންކަމެއް ހެއްޔެވެ؟

“އަޔާޒު… އަހަރެމެންނަކަށް ނޭންގެ އަޔާޒާ ދައްކާނީ ކޮންވާހަކައެއް ކަމެއްވެސް… އެކަމަކު…” އިސްވެވާހަކަ ދެއްކީ ރަނާގެ ބައްޕައެވެ.އަޑުގައި ވަނީ މާޔޫސް ކަމެވެ. ރަނާ މަންމަ ހުރީ އިސްދަށަށް ޖަހައިގެންނެވެ.

“ކޮން އެކަމުއެއް ކިޔާކަށް… ކަލޭމެން އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލީ.. އަހަންނާ އަހަރެންގެ ހިތުގެ ވިންދާ ވަކިކޮއްލީ… އަހަރެންގެ ހިތް ޒަޙަމު ކޮއްލީ… އާން..! އަހަންނަކީ ބައްޕަ ކަށަވަރު ނުވާ މީހެއް.. ޒިނޭގެ ދަރިއެއް… އެއީ ކަލޭމެންނާ ބެހޭ ކަމެއް ނޫން.. ދެން ކޮންކަމެއް ނުވެގެން ކަލޭމެން މިގެއަށް ތި އައީ… އަހަރެން ރޮއި ހިތާމަ ކުރާތަން ބަލަންތަ؟ ނޫނީ އަހަރެން ދިރިހުއްޓާ މަރާލަންތަ..؟ ” ރުޅިއައިސްގެން ގޮސް އަޔާޒު ރޫރޫ އަޅަނީއެވެ. އޭރު އަޔާޒުގެ މަންމަ ގިސްލާ ރޮނީއެވެ.

“އަޔާޒު.. އަހަރެމެންނަށް މައާފު ކުރޭ! އަހަރެންގެ ދަރިފުޅު އިނީ އަޔާޒުގެ ދަރިއަކަށް ބަލިވެ.. ވީ ކަމެއް ހަނދާން ނައްތާލާފަ.. ރަނާއާ ގުޅޭ.. އާދޭސް ކޮށްފަމިބުނީ..” ރަނާގެ މަންމައަށް ކެތް ނުވެގެން ވާހަކަދެއްކިއެވެ. ގިސްލާ ރޮމުންނެވެ.

އާޔާޒުގެ ހިތަށް ފެންއެއްޗެއް އޮއްސާލި ކަހަލައެވެ. ދެލޯ ތަންމިނަށް ހުޅުވުނެވެ. ހިތްތެޅެމުން ދިޔައީ އޭގެ އެންމެ ބާރު މިނުގައެވެ. އަޔާޒުގެ މަންމަގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހައިރާން ކަމެވެ. އެއީ އަޔާޒު މަންމަ ދުވަހަކުވެސް އުއްމީދު ކޮށްގެން ހުރި ގޮތެއް ނޫނެވެ.

“ކީ…ކކީކޭ..؟” އަޔާޒަށް އެހެން ބުނެވުނީ ބޭއިޙްތިޔާރުގައެވެ.
“ރަނާ… ރަނާ ބަލިވެއިނީ އޭ؟ މަގޭ ދަރިއަކަށްށޭ…؟” އަޔާޒަށް ހިތާހިތުން ކިޔާލެވުނެވެ. އޭރުވެސް އަޔާޒުގެ ގައިން ގޮއްދާހިއްލަމުން ދިޔައެވެ.
“އާނ.. އަޔާޒު” ރަނާގެ ބައްޕަ ބުންޏެވެ.
“ތީ ކިހިނެއް ވާނެ ކަމެއް…” އަޔާޒުގެ ފައިން ވަރު ދޫވެގެން ގޮސް ކައިރީ ހުރި ގޮނޑިއެއްގައި އިށީންދެވުނެވެ. ބޮލުގައި އަތް އަޅައި ވިސްނަން ފެށިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ކުއްލިއަކަށް އަޔާޒު ތެދުވިއެވެ.

“ކަލޭމެން ތީ ހާދަ ލަދު ހަޔާތް ވެސް ކުޑަ ބައެކޭދޯ… ކަލޭމެންގެ ދަރި ފިރިހެނެއްގެ ތުންފުސަކަށް ހަދާ.. ނަހަލާލަށް ބަލިވެ އިނީމަށް އެކަން ފޫބައްދަން އައިސް އަހަރެން ގާތު ތިކިޔަނީ ކައިވެނި ކުރާށޭ… ލަދެއް ނުގަނޭތަ..” އަޔާޒު ހުރީ ވަރަށް ރުޅި އައިސްފައެވެ.
“އަޔާޒު… ތިހެން ނުބުނޭ… ” ރަނާ ގެ ބައްޕަ ވާހަކަ ދެއްކިއެވެ.

“އަހަރެން ކީއްވެ މިހެން ނުބުނަންވީ.. ބަލަ އަހަންނަކީ ހޭ ބުއްދި ފިލާފައި ހުރި މޮޔައެއް ނޫނޭ.. އަހަންނަށް ޔަގީނޭ އަހަންނާ ރަނާއާ ދެމެދު އެކަހަލަ އެއްވެސް ގުޅުމެއް ނުހިނގާ ކަން..” އަޔާޒުގެ އަޑު އިތުރަށް ގަދަ ވިއެވެ.

އަޔާޒު އެހެން ބުނުމާއެކު ރަނާގެ މަންމަ އާއި ބައްޕަ އިސްދަށަށް ޖަހައިލިއެވެ. އިތުރު އެއްޗެކޭނުބުނެ އެތަނުން ދިއުމަށް ހިނގައިގަތެވެ.
“މަޑުކޮށްބަލަ” އަޔާޒުގޮވާލިއެވެ. އެދެމީހުން އެނބުރި ބަލައިލިއެވެ.
“އާން! އަހަރެން މީ ނަހަލާލު ބ****އެއް .. މިހާރު ކަލޭމެންގެ ދަރީގެ ބަނޑުގައިވެސް އެއޮތީ ހަމަ ނަހަލާލު ބ**** އެއް… ޒިނޭގެ ދަރިއެއް… ” އަޔާޒު އެހެން ބުނުމާއެކު އެދެމީހުންގެ ލޮލުން ކަރުނަ ހިލުނެވެ. އަދި ފަސް އެނބުރިބަލާލުމެއް ނެތި އެތަނުން ދާން ހިނގައިގަތެވެ.

މާތް ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ. އިއްޔަ މީހަކާ ދިމާއަށް “ތިއައީ ޒިނޭގެ ދަރިއެކޭ” ބުނިމީހާގެ އަމިއްލަ ދަރިފުޅު މިހާރު އެއިނީ ހަމަ “ޒިނޭގެ ދަރިއަކަށް ބަލިވެއެވެ. ﷲގެ ނިޔާ ނިކަން ދެކިބަލާށެވެ. ތެދެކެވެ. މީހުންނަށް ބަދުބަސް ނުބުނާށެވެ. މާލާމާތް ނުކުރާށެވެ. މާދަން އެކަމެއް މެދުވެރިވާނީ ތިބާއަށް ކަމެއް ތިބާގެ އާއިލާއަށް ކަމެއް ދެނެވޮޑިގެންވަނީ ހަމަ އެކަނި މާތް ﷲ އެވެ.

އަޔާޒު ރަނާ ދެކެ ކިތަންމެހާވެސް ލޯބިވިއެވެ. ޢަޔާޒު ހުރީ ރަނާއަށްޓަކައި ޖާނާ މާލުން ޤުރުބާންވާން ތައްޔާރަށްށެވެ. ރަނާއާއެކު ވަރަށް ލޯބިން އުޅެން އަޔާޒު ކިތަންމެ ބޭނުންވި ނަމަވެސް ދެން އެފުރުސަތެއް ރަނާއަކަށް ނުދޭނެއެވެ.
(ނިމުނީ)

Share Article

Follow Me Written By

Aminath rau

Level 110 Stories

Crazy person?? who loves to write✍️? A student nurse ?‍⚕️?? Just 18 years old? A Thalassophile???

Other Articles

Previous

ތާރާ- 7,8,9,10

Next

ނިޤާބު

Next
May 9, 2020

ނިޤާބު

Previews
May 9, 2020

ތާރާ- 7,8,9,10


All Right Reserved!