
އެތަކެއް ތެތް ރޯޅިތަކެކެވެ. އަހަރެންގެ ފަން އިސްތަށިތަކަށް ހަމަލާދެނީއެވެ. ގަސްގަހުގެ އެތަކެއް ގޮފިތަކެއްގެ ޝިކާރައަކަށްވެ އަހަރެންގެ މޫނާއި ދެއަތް ޒަހަމްވެފައިވެއެވެ. އަހަރެންގެ ހަލުވި ފިޔަވަޅުތަކުގެ ދަށުވެ ހިކިފަތްތައް މުގުރިގެންދާ އަޑު ވެހެމުންދިޔަ ވާރޭތެރޭން ފަޒާގައި މެދުނުކެނޑި ގުގުމަމުން ދިޔައެވެ. ކުރިމަތިވަމުން އައިހާ ހުރަހަކުން ރެކެމުން އަހަރެން ދުވީމެވެ. ނުހަނު ބާރަށެވެ. އެގޮތުގައި އެތައް އިރެއް ވަންދެން ދުވީމެވެ. ގައިން ވަރު ދޫވާން ފެށިއެވެ. ދުވެދުވެ ހުއްޓާ މޫގަނޑެއްގައި އަޅައިގަނެ އަހަރެން އަނގަވަތަށް ވެއްޓުނެވެ. ނެތް ހިތްވަރެއް ނެރުމަށް މަސައްކަތްތަކެއް ކުރުމުގައި އުޅެނިކޮށް މަޑުމަޑުން އަހަރެންގެ ލޯ މައްޗަށް އަނދިރިވެ ހަބަރު ހުސްވިއެވެ.
“މި ނޫން ގެއެއް ގަންނަން ބައްޕައަށް ހަމަ ނުލިބުނީތަ؟” އަރާޔާ ހުރީ ކުޑަވަރެއްގެ ހިތްހަމަނުޖެހުމެއްގައެވެ.
“ކީއްވެ ކަމުނުދާންވީ؟ މަށަށް ވަރަށް ކަމުދޭ” އަދުހަމް މައި ދޮރަށް ތަޅުދަނޑި ކޮއްޕާލިއެވެ.
“މިހިސާބު ހާދަ ފަޅޭ. މި ގެވެސް މީ މީހުން ނޫޅޭތާ ވަރަށް ޒަމާންވެފަ ހުރި ގެއެއްނު؟ ” މައި ދޮރާއި އަރާ ހަމަކުރަމުންދިޔަ ވަފާއަށް ބަލާލަމުން އަރާޔާ އަދުހަމަށް ބުންޏެވެ.
“ހާދަ ފޭކޭ. ތިކަހަލަ ވާހަކަ ނުދައްކާ. މިތާކު ނޫޅޭނެ އެކަހަލަ އެއްވެސް ކަމެއް” އަދުހަމް އަރާޔާގެ ވާހަކަ އެއްފަރާތް ކޮށްލުމަށްފަހު ގޭޓު ލައްޕާފައި ހިނގައިގަތް އަފްރާއާއި އަރީންއަށް އަވަހަށް އައުމަށް އިށާރާތް ކޮށްލިއެވެ. އޭރު އިރު އޮއްސި އުދަރެހުގެ ރަތްކަން އަލްވަދާޢު ކިޔަން ފަށައިފިއެވެ.
ދުރުގައި މަންޒަރު ބަލަން އަހަރެން ހުރީމެވެ. އަހަރެންގެ ޒަހަމްތަކުން ތޫނު ދިލައެއް ނަގަމުން ދިޔައެވެ. ހޭވިފައިވާ އިސްތަށިގަނޑު އަތްފުނާ އަޅާލުމަށްފަހު ކުރިއަށް ފިޔަވަޅެއް ނެގީމެވެ. އަހަރެން ދެކެން ބޭނުންވާ މީހާ ނެތްކަން ހިއްސުތައް ދެނެގަތީ ދާދި އަވަހަށެވެ. އަހަރެން މާޔޫސްވިއެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާ ގޮތަކަށް އަހަރެން ހުރިތަނުގައި އޮށޯވެ ކުރުގެޅިލީމެވެ.
ރޭގަނޑުގެ ނާސްތާ ތައްޔާރުކުރުމުގައި ވަފާ ބަދިގެތެރޭގައި އުޅޭ އަޑު އިވެއެވެ. އޭނާއަށް ލުއިކޮށްދިނުމަށްޓަކައި އަތްގާތްކޮށްދޭން އަފްރާއާއި އަރާޔާ އުޅުނެވެ. ތަނަވަސް ސިޓިންރޫމް ގައި ބަހައްޓާފައި އިން ސޯފާގައި އިނދެ އަދުހަމް ކޮފީ ކޯވަރެއް ބޯލިއެވެ. ޓީޝާޓު ގަޔަށް މަހާލަމުން ނިކުތް އަރީންވެސް އަދުހަމްއާއި ކުރިމަތީގައި އިން ސޯފާގައި އިށީނެވެ.
“ދޮންބޭ، ދެން ބައްޕަ އެ ގެ ހަދާ ނިމެންދެން އަހަރެމެން އުޅެންޖެހޭނީ މިގޭގަދޯ؟” އަރީން އިސްވެ އަދުހަމްއާއި ވާހަކަދެއްކިއެވެ.
“ހމމ. ނަގާނެ ދުވަސްކޮޅެއް. މާދަމާ ވާނެ ބައްޕައަށް ގުޅާލަން. ވަފާމެން ނުނިމޭތަ؟” އަދުހަމް ކޮފީތަށި ހުސްކޮށްލުމަށްފަހު ބަދިގެއަށް ހިނގައިގަތެވެ.
ބަދިގެއާއި ދިމާލުގައި އިން ކުޑަދޮރާއި ނުހަނު ގާތުގައި އަހަރެން އެ އެންމެންގެ ހަރަކާތްތަކަށް ގެއްލިފައި ހުރީމެވެ. އެއެންމެންނަކީވެސް ހަބީބްގެ ދަރިންނެވެ. މާލޭގައި ހަބީބް ހަދަންފަށައިފައިވާ ގެ ނިމެންދެން އޭނާގެ ދަރިން ރާއްޖެތެރޭ ރަށަކުން ދިރިއުޅޭނެ ގެއެއް ގަތުމަށްޓަކައި ހަބީބް މިރަށަށް އައި މަންޒަރު އަހަރެން ދުށީމެވެ. ކަން ވާން އުޅޭ ގޮތް އެނގުމާއެކު އަހަރެން އަވަސްވެގަތީ އާއިލާއަށް ހަބަރުދޭށެވެ. ނަމަވެސް އަހަރެންގެ ބައްޕަގެ ގާތިލުގެ ކިބައިން ބަދަލު ހިފުމުގެ ވިސްނުމެއް އެމީހުނެއް ނުގެންގުޅެއެވެ. މަންމަ އަހަރެން ވަރަށް ޅަ އިރުގައި ވަކިވުމާއެކު އަހަރެންގެ ހުރިހާމީހަކަށް ބައްޕަ ވެފައި އޮއްވާ ހަބީބްގެ ވަކިތަކުގައި ބައްޕަ ޖެހުންވީ އަހަންނަށް ކުރިމަތިކުރުވި ވަރަށްވެސް ބޮޑު ހިތާމައަކަށެވެ.
އެންމެން ރޭގަނޑުގެ ކެއުން ނިންމާލުމާއެކު ސުފުރާމަތީގައި އެނބުރެމުން ދިޔަ މެހިތައް އަތުން ފައްސާލަމުން ކާއެއްޗެހި އަޅާފައި ހުރި ތަށިތަކުގައި އަފްރާ މަތިޖެހިއެވެ. ތެލިތަކާއި ތަށިތައް ދޮވެ ތަރުތީބުކުރުމުގައި ވަފާ އަވަދިނެތި އުޅެއެވެ. ވާހަކައިގައި ހުރެ އަރާޔާވެސް ބަދިގެތެރެ ފޮޅާ ނިންމާލިއެވެ. ހުރިހާކަމެއް ނިމުމާއެކުހެން އަރީން ތާސްބައެއް ހިފައިގެން ނިކުތެވެ. އަދުހަމްއަށް ގޮވަމުން އޭނާ އަފްރާމެނަށް ކުޅެން އައުމަށް ދައުވަތު ދިނެވެ.
ރެއިލިންގައި އަތް އަޅުވާލައިގެން އަދުހަމް ހުއްޓެވެ. ޖެހެމުންދިޔަ ވަޔާއެކު އޭނާގެ އިސްތަށިގަނޑު ލުއިގޮތަކަށް ވިހުރެމުން ދިޔައެވެ. އަޅައިގެން ހުރި ފަށުގެ ފުލާއި ކުޅެލަމުން އޭނާ އަރީންގެ ގާތަށް ދިއުމަށް އެނބުރުނެވެ. އެ ވަގުތު ތަންކޮޅެއް ދުރުގައި ހުރި ހޮޅިދަނޑިއެއް ކައިރީގައި އޮތް އެއްޗެއް ހެލިގަތް މަންޒަރު އަދުހަމްގެ ލޮލުގައި އަޅައިގަތެވެ. ރެއިލިންގައި ހިފަހައްޓާފައި ލޯ ހަނިކޮށްލަމުން ފަރުވާލަކާއެކު އޭނާ އެދިމާލަށް ބަލާލިއެވެ. އިރުކޮޅެއް ހޭދަވާންދެން އެގޮތުގައި އަދުހަމް ހުރުމަށްފަހު އަވަސްއަވަހަށް އެނދުމަތީގައި އޮތް ޓީޝާޓުގެ ކަރުވަޅަށް ބޯ ކޮށްޕާލަމުން ކޮޓަރިން ނިކުތެވެ. ބިއްލޫރި މޭޒު ވަށައިގެން އަރީންމެން އޭރު އެތުރިލައިގެން ތިބިއިރު އަދުހަމްއަށް ވެސް އިށީންނާނެ ތަނެއް ހުއްޓެވެ. އަރީން ތާސްބައި ބަހަން އިނދެ ކޮންތާކަށް ދަނީތޯ އެހުމުން އެބައަންނަމޭ ބުނެ އަދުހަމް ހަލުވިކަމާއެކު މައި ދޮރުން ބޭރަށް ދެމިގަނެ ދޮރު ޖެހިއެވެ.
އަހަރެން ހޮޅިދަނޑީގައި ލެނގިލައިގެން އުޑަށް ބަލަހައްޓައިގެން އިނީމެވެ. ބައްޕަ ހުރިނަމަ ކޮންފަދަހޭވެސް އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ހަމައެއާއެކު ހަބީބްއާއި ބައްޕައާއި ދެމެދުގައި ވަނީ ކޮން ގުޅުމެއްތޯ ބަލަންވެސް އަހަރެން ބޭނުންވެފައި ހުރީ އިންތިހާއަށެވެ. އަދި ހަބީބް އަހަރެންގެ ބައްޕަ ދުނިޔެމަތިން ފުހެލީތީވެ އެކަމުގެ ބަދަލު އަހަރެން އަމިއްލައަށްވެސް ހިފުމުގެ ރޫޙު އާވަމުންދިޔައެވެ. އެފަދަ ޚިޔާލުތަކެއްގައި ފީނަން އިނދެ އަހަރެން އިސްޖަހާލީމެވެ. އަތުގެ ޝަހާދަތް އިނގިލިން ފަސްގަނޑުގައި ކުރަހާލަ ކުރަހާލާ އިނީމެވެ.
ގޭޓު ހުޅުވާ އަދުހަމް ބޭރަށް ބޯދިއްކޮށްލިއެވެ. ދެފަރާތް ބަލާލުމަށްފަހު އޭނާ މަގަށް ނިކުތެވެ. އޭނާ މަޑުމަޑުން ބޮލުގައި އަތްހިންގާލުމަށްފަހު ހޮޅިދަނޑި ހުރި ދިމާލަށް ހިނގައިގަތެވެ. ލަސް ހިނގުމެއްގައި އޭނާ ހޮޅިދަނޑިއާއި ގާތްވި ވަރަކަށް އިސްޖަހާލައިގެން ފަސްގަނޑުގައި ކުރަހާލަ ކުރަހާލާ އިން އަންހެންކުއްޖާ އަދުހަމްގެ ސަމާލުކަން ހޯދިއެވެ.
އަދުހަމް ތަންކޮޅެއް ގާތަށް ޖެހިލާ ކަރު ކެހެލިއެވެ. ހީވާގޮތުންނަމަ އޭނާ އަހަރެންގެ ސަމާލުކަން ހޯދަން ބޭނުންވީއެވެ. ކުރެހުން ހުއްޓާލުމަށްފަހު އަހަރެން އިސްއުފުލާ އޭނާއާއި ހަތަރުކަޅި ހަމަކޮށްލީމެވެ. މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އަތުން އެއްފަރާތް ކޮށްލުމަށްފަހު އަހަރެން އަތް ފޮޅާލީމެވެ.
އަދުހަމްއަށް ވެރިވެފައިވާ ހައިރާންކަމާއެކު އެ ގޮތްނޭނގޭ އަންހެންކުއްޖާއަށް ބަލަން ހުރެވުނެވެ. އޭނާއަށް ލިބިފައިވަނީ މަދުން ނޫނީ ނުފެންނާނެވަރުގެ ރީތިކަމެކެވެ. ހަމުގެ ކުލަ އައްޔެވެ. ކަޅު އިސްތަށިގަނޑު ދިގުވެފައި ފަނެވެ. އޭނާގެ ގުދުރަތީ ރީތިކަން އަދުހަމްގެ ސަމާލުކަން ދަމައިގަތީ އިންތިހާއަށެވެ. އަދުހަމް މަޑުމައިތިރިކަމާއެކު އުޑުފައިން އިށީނެވެ. ބޯ އަރިއަރިކޮށް އޭނާއަށް ބެލުމަށްފަހު އެކަނި އެތާގައި އިނީ ކީއްވެތޯ އަހާލިއެވެ.
އިރުކޮޅަކު އަހަރެން ވިސްނާލީމެވެ. ފުރުސަތުގެ ބޭނުން ހިފާ އެގެއަށް ވަނުން ނޫން އިތުރު ގޮތެއް ބުއްދިވެރިކަމަށް އަހަރެންގެ ޒަމީރު އެއްބަހެއް ނުވިއެވެ. މައުސޫމުކަން މޫނުމައްޗަށް ވެރިކުރަމުން އަހަރެން އަދުހަމް ގާތު ނުސީދާ ގޮތަކަށް ކިޔައިދިނީމެވެ. އަހަރެން އުފަންވުމާއެކު މަންމަ ދުނިޔެ ދޫކުރިކަމާއި ބައްޕަވެސް ދުވަސްކޮޅެއްފަހުން ކުއްލި މަރަކުން މަރުވި ވާހަކަ ބުނީމެވެ. އާއިލާގެ އެއްވެސް މީހަކު އަހަރެންނަށް އަޅާލަން ދެކޮޅު ހެދި ވާހަކަވެސް ބުނީމެވެ. އަދި އެމީހުން މިހާރު މި ރަށް ދޫކޮށް އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރި ވާހަކަވެސް ބުނީމެވެ. ހިމޭނުން އަހަރެންގެ އެ ހުރިހާ ވާހަކައެއް އަޑުއަހަން އަދުހަމް އިނެވެ. އަހަރެން ވާހަކަދައްކާ ނިމުމުން ދެމެދަށް ވެރިވީ ހަމަހިމޭންކަމެކެވެ.
“ބޭނުމިއްޔާ އަހަރެން އުޅޭ ގެއަށް އަންނަންވީނު؟ މިއަދު މިކޮޅަށް މިއައީވެސް. އަދި އަހަރެންގެ އިތުރުން އުޅޭނެ އަހަރެންގެ ކޮއްކޮމެން ވެސް. އަހަރެންނަށް ކިޔަނީ އަދުހަމް. ތީ ކޮން ކުއްޖެއް؟” އަދުހަމް ތެދުވުމަށްފަހު އަތި ދިއްކޮށްލިއެވެ. އަހަރެން އިސްއުފުލާ ބަލާލުމަށްފަހު އޭނާގެ އަތުގައި ހިފީމެވެ. މަޑުމަޑުން ތެދުވުމަށްފަހު އަހަރެން އަދުހަމްއާއި ހަތަރުކަޅި ހަމަކޮށްލީމެވެ. ލަސްލަހުން ހީލުމަށްފަހު އަހަރެން ބުނީމެވެ.
“ކިއަރާ”
6 Comments!
Comments are closed.
Saabahey aala… i am so proud of u… keep it up buddy
Love u❤
Thankyou and lyem❤️.. you’re the best?
Keep it up.. vrh salhi
Thankyou
vrh reethi waiting for nxt part. Masha Allah vrh nice stry bcoz stry vrh different
Awh.. thankyou.. I’ve submitted the 3rd part as well❤️