
އަބަދުވެސް ކަލާ މި މޭގައި ވާނެ 1
އިފާން ރުކެއްގައި ލެގިލައިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ޙަޔާތާ މެދުގައެވެ. އެ ވޭނީ އިޙުސާސްތައް މުޅި ހަށިގަނޑުގައި ވެސް ކުރާ ކަހަލައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ތިމާގެ ލޯ ކުރިމަތީގައި ތިމާގެ ޙަޔާތް ބަރުބާދުވަމުން ދާއިރު އެކަމައި މެދު ތިމާއަށް އެއްކަމެއް ވެސް ކުރެވެން ނެތުމުން ދެރަވެ ހިތާމަ ނުކުރާނީ ފަހެ ކާކު ހެއްޔެވެ. އޭނާގެ ލޮލުން ވެއްޓެމުން ދިޔަ ކޮންމެ ކަރުނަ ތިއްކެއް ވެސް ބަޔާންކޮށް ދެނީ އޭނާއަށް ލިބިފައިވާ ހިތްދަތިކަމާއި އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭނެވެ.
ކުރިމަތިން ފެންނަމުން ދިޔައީ މީހަކު ބަލައި ފޫހި ނުވާނެ ފަދަ މަންޒަރެކެވެ. އިރު އޮއްސެން ދިޔަ ދިމާލުން އުދަރެސް ވަނީ ރަތް ވިލާ ލާފައެވެ. އިރުގެ ރަން ދޯދިތަކުން ވަނީ މުޅި މޫދަށް ހިތްގައިމުކަން ގެނެސް ދީފައެވެ. އެއްގަމު ހިސާބުގައި ރާޅެއް އައިސް ބީއްސާލާ ހިނދު ހީވަނީ ރީތި މިއުޒިކެއް ކުޅެލާހެންނެވެ. ބަލާލި ކޮންމެ ދިމާއަކުން ވެސް ފެންނަން ހުރީ މާތްﷲގެ ކުޅަދުންވަންތަކަމެވެ.
ނަމަވެސް މިއިން އެއްވެސް ކަމަކަށް އިފާންގެ ސަމާލުކަން ހުރި ހެނެއް ހިޔެއްނުވެއެވެ. އޭނާގެ ސިކުނޑި ތެރޭގައި ދައުރުވަމުން ދިޔައީ މީގެ އަހަރެއް ކުރިން ތ.އަތޮޅުގެ ކުޑަ ކުޑަ ރަށެއް ކަމުގައިވާ ފުނޮއްޑުގައި ފެށުނު އޭނާއާއި ލީންގެ ލޯތްބީގެ ދާސްތާއާއި މެދުގައޭ، ލީންއާއި އެކު އޭނާ ހޭދަ ކުރި އުފާވެރި ދުވަސް ކޮޅާ މެދުގައޭ، އަދި އެ ދެ ލޯބިވެރިން އެކަކު އަނެކަކާއި ވަކި ވެގެން ދާން ޖެހުނު ގޮތާއި މެދުގައެވެ.
ހުދާއި ގަދަ ފެހި ކުލައިން ޒީނަތްތެރި ކުރެވިފައިވާ ލޯންޗެއް ކަނޑުގެ ލޮނުގަނޑު ކަފަމުން އައިސް ފަޅު ތެރެއަށްވަނެވެ. އިރުގެ ދޯދިތަކުން ޖަރީވެފައިވާ ކަނޑުގައި ރާޅު ބާންޏެއް ވެސް ނުވެއެވެ. ދުވަހަކީ ވައި މަޑު ސާފު ދުވަހެކެވެ. މަޑު ނޫކުލައިގެ އުޑުގައި ވިލާ ރޮއްޖެއް ވެސް ނެތެވެ. ލޯންޗުގެ ދުވެލި މަޑުކޮށްލައި ފާލަމާއި ކައިރި ކޮށްލުމުން އޭގެއިން ފޭބި ޒުވާނާއަށް ވަނީ އެތަށް ބައެއްގެ ނަޒަރު ހުއްޓިފައެވެ.
ހަމުގެ ކުލަ އެހާ އަލި ނޫނަސް ބަލާލަން ރީއްޗެވެ. އިސްކޮޅުން ދިގުވެފައި ހިއްކެވެ. އުމުރުން ގާތް ގަނޑަކަށް ވިއްސަކަށް އަހަރުގެ މި ޒުވާނާއަށް ލިބިފައި ވަނީ އަންހެން ކުދިންގެ ހިތްތައް ކަތިލާ ފަދަ ރީތި ކަމެކެވެ. ރީތި ވަރަކަށް ކޮށާލެވިފައިވާ އިސްތަށިގަނޑުގެ ކުރިމައްޗަށް ވާގޮތަށް ހުރި އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން އިފާން ރަށު ތެރެއަށް ނަޒަރު ހިނގާލިއެވެ. އިފާންއަކީ މާލެއަށް އުފަން ކުއްޖެކެވެ. އުޅޭ ބޮޑުވީ ވެސް ހަމަ މާލޭގައެވެ. ނަމަވެސް މާލޭގެ ހަލަބޮލި މާޙައުލަށް ވުރެ ރާއްޖެތެރޭ ރަށްރަށުގެ ހިތްގައިމު މާޙައުލު އިފާންއަށް މާ ކަމުދެއެވެ.
މިއީ އިފާން މި ރަށަށް ކުރި ފުރަތަމަ ދަތުރެވެ. އޭނާ އައީ އޭނަގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ހަމްދޫންގެ ކައިވެންޏަށެވެ. ހަމްދޫންއާއި އިފާން ދިމާވީ ހަމްދޫން މަތީ ތަޢުލީމު ޙާޞިލު ކުރަން މާލޭގައި ގޮސް އުޅުނު އިރުގައެވެ. ދެމީހުން ކިޔަވަން ދިޔައީ އެއް ކޮލެޖަކަށްވެފައި ކިޔެވީމާ އެއް ދާއިރާއަކުން ކަމުން މަދު ދުވަސް ކޮޅެއްގެ ތެރޭގައި މި ދެމީހުން ވަރަށް ގާތް ދެ ރަޙުމަތްތެރިންނަށްވިއެވެ. އެއް ހަފްތާ ފަހުން ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކައިވެންޏަށް އިފާން އެހާ ކުރިންއައީ ހަމްދޫންގެ އެދުމުގެ މަތިންނެވެ.
އިފާން އޭނާ ލައިގެން ހުރި މަޑު ނޫކުލައިގެ ޖިންސު ފޮތިން ފަހާފައިވާ ސޯޓުގެ ފަހަތު ޖީބުން އޭނާގެ އައިފޯން 11 ޕްރޯ މެކްސް ނެގުމަށް ފަހު ހަމްދޫންއަށް ގުޅާލިއެވެ. “އޭ ބްރޯ ކަލޭ ކޮބާތަ އަހަރެން މިހިރީ ރަށުގައޭ” ފޯނު ނަގާ ހަމްދޫން ހަލޯއޭ ބުނުމުން އިފާން ބުނެލިއެވެ. “އަހަރެން މިހިރީ އޭ, ކަލޭގެ ކަނާއަތް ފަޅިއަށް ބަލާލަބަލަ” މިހެން ބުނެ ހަމްދޫން ފޯނު ބޭއްވިއެވެ. އިފާން ކަނައަތް ފަރާތަށް ބަލާލިއިރު ހަމްދޫން ހަލުވި ހިނގުމެއްގައި ބަރޮލެއް ހިފައިގެން އޭނާއާއި ދިމާއަށް އަންނަނީއެވެ. “ޔޯ ބްރޯ! ކޮންގްރާ. އަހަރެން މިހެން ސިންގަލްކޮށް ހުއްޓާ ކަލޭ ވެސް މީހަކާއި އިންނަނީ ދޯ” ހަމްދޫން އަރާ ހަމަވުމުން އޭނާއާއި ސަލާމް ކޮށްލުމަށް ފަހު ގައިގާ ކުޑަކޮށް ބައްދާލަމުން އިފާން ބުނެލިއެވެ. “އާން ދެން އަހަރެން ވެސް ޖެހޭނެއްނުން މީހަކާއި އިނދެގެން ރަނގަޅު ލައިފްއެއް ފައްޓާން، އަބަދު ސިންގަލް ލައިފައެއް ވެސް ނޫޅެވޭނެއްނުން. އަސްލު އިފާން ވެސް ވެއްޖޭ މިހާރު މީހަކާ އިނދެގެން ތަންކޮޅެއް ހަރުދަނާ ވާން” އިިފާންގެ ކޮނޑުގައި އަތް ބާއްވާލަމުން ހަމްދޫން ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ.
“އަހަރެން ވެސް އެބަ ވިސްނަން ތިކަމާ. އެކަމަކު ކައިވެންޏަކީ ކިތަންމެ ކުޑަ ކުޑަ ލަފުޒެއް ކަމުގައި ވިޔަސް އޭގެޔާ ވިދިގެން އެތަކެއް ބައިވަރު ޒިންމާތަކަކާއި, ވިސްނަން ޖެހޭ ބައިވަރު ކަންތައްތަކެއް ވާ ކަމެއް. އެހެންވީމަ ކައިވެނި ކަހަލަ މާތް ގުޅުމަކުން މީހަކާ ގުޅޭ އިރު ޖެހޭނެ ވަރަށް ރަނގަޅަށް ވިސްނާފަ އެކަން ކުރަން. އެހެން ނޫނަސް އަހަރެން ބޭނުންވާ ކަހަލަ ކުއްޖަކާ އަދި ދިމާ ނުވޭ. އަހަރެން މި ރަށަށް ވެސް މިއައީ ތީނަގެ ކައިވެނީގެ އިތުރުން އަހަރެން ގަޔާވާ ވާ ކަހަލަ ކުއްޖަކު މި ރަށުން ފެނޭތޯ” މޫނޫ މައްޗަށް ރީތި ހިނިތުންވުމެށް ގެންނަމުން އިފާން ބުނެލިއެވެ. “ކަލޭއަށް މިއޮތް ވީހާ ދުވަހު ބޮޑު އާބާދީއެއް އޮތް މާލެއިން ކަމުދާ ކަހަލަ ބިޓެއް ނުލިބުން, ދެން މި ކަހަލަ ކުޑަ ކުޑަ ރަށަކުން ވަކި ލިބޭތަ” ހަމްދޫން މަލާމާތް ކޮށްލިއެވެ. “ލިބޭނެ, ކަލޭ ބަލަން ހުންނައްޗޭ” ހަމްދޫންއަށް ރައްދު ދެމުން އިފާން ބުނެލިއެވެ. “އާން ދެން ބަލާނީ ދޯ, ހިންގާ ގެއަށް ދާން ވަރަށް ވަރުބަލި ވެސް ވެފައެއްނުން ތިހިރީ” ހަމްދޫން އިިފާންގެ ފޮށި ބަރޮލަށް ލަމުން ބުނެލިއެވެ. “އާން ހިންގާ” މިހެން ކިޔާ ހަމްދޫންގެ ފަހަތުން އިފާން ހިންގައިގަތެވެ.
މި ދެ ރަޙުމަތްތެރިން ވާހަކަ ދައްކަމުން ގޯޅިއަކަށް އަޅާލިތަނާއި ކުއްލިޔަކަށް ވަރަށް ބާރަށް ދުވަމުންއައި އަންހެންކުއްޖެއް އިިފާންގެ ގައިގަ އަޅައިގަނެފަ ވެއްޓެން ދިޔައެވެ. ނަމަވެސް އިފާން ހުޝިޔާރުކަމާއެކު އެކުއްޖާ ވެއްޓުމުގެ ކުރިން އޭނަގެ އުނަގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ.
އެކުއްޖާ ބިންމައްޗަށް ވެއްޓެނީ ކަމަށް ހީކޮށް ހަޅޭއްލަވައިގަތެވެ. ނަމަވެސް ބިންމަތީގައި ޖެހުމުގެ ކުރިން މީހަކު އޭނާ ގައިގާ ހިފެހެއްޓުމުން އިސް އުފުލާ ބަލާލި ވަގުތު ދެ މީހުންގެ ހަތަރުކަޅި ހަމަ ވެގެން ދިޔައެވެ. އެވަގުތު އިފާންގެ ހިތަށް ވެގެން ދިޔަ ގޮތުގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކީޔާއެވެ. އެކުއްޖާގެ ރީތި މޫނު ފެނުމުން އިފާންގެ ހުރިހާ ޙިއްސުތަކެއް ގަނޑުވި ކަހަލައެވެ. ހިތުގެ ވިންދު އަވަސް ވާ ގޮތްވިއެވެ. ހީވަނީ ދެންމެ ދެންމެ ރޭހަކު ބައިވެރިވެފައި އައި ހެންނެވެ. އެސްފިޔަ ޖަހަން ވެސް އިފާން ހަނދާން ނެތް ކަހަލައެވެ. އިރު އިރު ކޮޅާ ކަންފަތް ބުޑުގައި ކުމާރު ސާނޫގެ “ޕެހެލާ ނަޝާ” ލަވަ ޖަހާހެން ހީވިއެވެ. ވަށައިގެން ވަމުންދާ އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓާ އަނގަ ތަންމިނަށް ހުޅުވައިގެން އޭނާއަށް ހުރެވުނީ އެކުއްޖާއަށް ބަލާށެވެ. އަނގައިން ސޮނި ނުފޭބި ކަމީ ވެސް އޭނާގެ ނަސީބެވެ. އެ ހުރިހާ ގޮތްގޮތެއް ނުވާންވީ ސަބަބެއް ވެސް ނެތެވެ. ކުރިމަތިން ފެންނަން މިހިރީ ރީތިކަމުގެ ފުރިހަމަ މިސާލެކެވެ. އެކުއްޖާއަށްް ލިބިފައިވާ ކުރަންގި ދެލޮލާއި މަޑު މުށި ކުލައިގެ ކަޅީގެ އިތުރުން ހިތިފަތު ބުމަ އާއި އެ ދޮން މޫނާ ނުހަނު ގުޅޭއެވެ. ހިނިތުންވެލުމުން ފިނިފެންމަލެއް ފަދައިން ފޮޅިގެން ދިޔަ ދެ ތުންފަތާއި އެއްވެސް ވަރަކަށް މޭކަޕް ކުރެވިފައި ނުވާ މޫނާ ނުލާހިކު ގުޅެއެވެ. އެ ހިނިތުންވުމާއި އެ ފުރިހަމަކަންް ފެނިއްޖެ ފިރިހެނެއްގެ ހިތަށް އަސަރު ނުކޮށް ނުހުންނާނެކަން ކަށަވަރެވެ.
“އެހެމް، އެހެމް” މި ހުރިހާ މަންޒަރެއް ބަލަން ހުރި ހަމްދޫން ހެމުން ހެމުން ކަރު ކެހިލިއެވެ. ސިއްސައިގެން ގޮސް އިފާންއަށް އެކުއްޖާއާއި އަދި އެ ކުއްޖާއަށް އިފާންއާއި ދުރު ވެވުނުވެ. ތިބެވުނު ގޮތުން ދެމީހުން ތިބީ ލަދު ގަންނަ ގޮތްވެފައެވެ. އެކުއްޖާގެ ދޮން މޫނު އެއްކޮށް ރަތް ވެގެން ދިޔައެވެ. “ތެންކްސް” ވަރަށް ލަދުން ހުރެ އިފާންއާއި ދިމާލަށް ބަލާލަމުން ހިނިތުންވުމެއް ހަދިޔާކޮށްލުމަށް ފަހު އިިފާންގެ ޖަވާބަކަށް މަޑު ކުރުމެއް ނެތި އެކުއްޖާ ދުއްވައިގަތެވެ. އޭނަ ހިނިތުންވިތަން ފެނިފައި އިިފާންގެ ކަނާތު ފައިން ކަތި ދޫވިއެވެ. ނޫނެކެވެ. ކަތި ދޫވީއެއް ނޫނެވެ. ހަމްދޫން އައިސް އޭނާގެ ފައިގެ ކަކުލުން އިިފާންގެ ފައިގެ ކަތި ގަސްދުގައި ދުއްވާލިއެވެ. “ހަމްދޫންގަނޑާ” ހަމްދޫންއާއި ދިމާލަށް ކަޅި އަޅާލަމުން އިފާން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
“މިއޮތް ވާ ލައިގަތީ ކަމެއް. ކަލޭއަށް ހާދަ ވަރެއް ތިވީ އޭނާ ފެނުނީމަ. އޭނާގެ މޫނުން ރީތި ފިލްމެއް ފެންނާތީތަ އެހާ ގިނައިރު ބަލަން އޮތީ. އެ ފަކީރު ވެސް ހުރީ ލަދުން ހަލާކުވާ ވަރުވެފައި. އަނެއްކާ އޭނައާއި އަޅައި ގަތީތަ…” ހަމްދޫން ދިމާކޮށްލިއެވެ. “އެކަހަލަ ރީތި ކުއްޖެއް ފެނުނީމަ އަޅައި ނުގަނެ ހުރޭތަ… ހުވާ މި ބުނީ، ހާދަ ރީއްޗޭ އޭނަ. އެއީ ކާކުތަ” އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން އިފާން އަހާލިއެވެ. “އެއީ ލީން. މިތާ ކައިރީ ހުންނަ ގެއަކު އުޅެނީ. ސަމާގެ ބެސްޓްފުރެންޑުއެއީ، އެހެންވެ އަހަންނާ ވެސް ވަރަށް ފްރެންޑު ވާނެ. ކަލޭ ބޭނުން ފަހުން ސެޓުކޮށް ދީފާނަން” ހަމްދޫން ބުނެލިއެވެ. ސަމާއަކީ ހަމްދޫންގެ ވާން އުޅޭ އަނބިމީހާއެވެ. “ކަލޭ ގަދަ އިނގޭ… ދެން އިހަށް ހިނގާ ގެއަށް, ފަހުން މި ވާހަކަ ދައްކާނީ” ހަމްދޫންއާއި ޓަޗެއް ޖަހާލަމުން އިފާން ދަތްޕިލާ ސޭލް އަޅުވައިގެން ހުރެ ބުނެލިއެވެ. އެތަށް ގަޑިއިރެއް ލޯންޗުގައި ހޭދަ ކުރުމުން އިފާން ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. އެހެން ކަމުން އޭނާ ބޭނުންވީ ފެންވަރާ ތާޒާވެލައިގެން ކުޑަކޮށް ނިދާލާށެވެ.
ގެއަށް އާދެ ވުމާއި އެކު ފެންވަރާލައިގެން އިފާން އޮށޯވެލީ ނިދާލުމުގެ ނިޔަތުގައެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އޭނާއަށް ވިސްނެމުން ދިޔައީ ލީން އާއި މެދުގައެވެ. ލޯ މަރާލިޔަސް ސިފަ ވަނީ ލީންގެ ރީތިކަމާއި ފުރިހަމަކަމެވެ. އަދި އެ އަސަރުގަދަ ހިނިތުންވުމެވެ. އެއިން ކޮންމެ ފަހަރަކު އިފާންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވޭއެވެ. އެތަށް އިރަކު އެހެން އޮތުމަށް ފަހު އިފާންއަށް ނިދުނެވެ. ދެން އޭނާއަށް ހޭލެވުނީ އަސުރު ނަމާދަށް ބަންގި ގޮވުމުންނެވެ. ރީތިވެލައިގެން ކޮޓަރިންްް ނިކުތް އިރު ހަމްދޫން ވެސްް މިސްކިތަށް ދާން ނިކުންނަނީއެވެ. އެހެންކަމުން ދެމީހުން އެއްކޮށް ގޮސް މިސްކިތަށް އަރާ ނަމާދުކޮށް ނިންމާލައިގެން ދިޔައީ ހިނގާލާށެވެ. މުޅި ރަށުގެ އެތަން މިތާ ހިނގުމަށް ފަހު އިފާންއާއި ހަމްދޫން ވާޅު ފިލުވާލަން އައިސް މަޑުކޮށްލީ އެރަށުގެ އެންމެ ރީތި އަދި ހިތްގައިމު ތަން ކަމުގައި މީހުން ބުނެއުޅޭ ތުނޑީގައެވެ.
އިރުކޮޅަކު ވާހަކަ ދައްްކަލަން އެތާނގައި ތިއްބާ ލީންއާއި އެހެން އަންހެންކުއްޖަކާ އެދިމާއަށް އަންނަތަން ހަމްދޫންއަށް ފެނުނެވެ. “ބަލާބަލަ، އެއޮތް އަންނަނީ ކަލޭގެ ހިތުގެ ރާނީ” އިފާން ގައިގާ ކޮށްޓާލަމުން ހަމްދޫން ބުނެލިއެވެ. ހަމްދޫން ބުނި ދިމާލަށް އިފާން ބަލާލިއެވެ. މަޑު ފިޔައި ތޮށި ކުލައިގެ ކަކުލާ ހަމައަށް އަރާ އަތްދިގު ހެދުމަކާއި މަޑު ނޫކުލައިގެ ޖިންސެއްގައި ހުރި ލީން ހީވަނީ ހަމަ ލޯބި ލޯބި މަލެއްހެންވެ. އޭނާގެ ދިގު ރާޅުބާނީ އިސްތަށިގަނޑު ވަޔާއި ވިހުރެން ދޫކޮށްލާފައި ހުރުމުންް ވަރަށް ރީއްޗެވެ.
“ލީން! އިފާން ސަލާމް ބުނި” ލީންމެން އައިސް އެ މީހުންނާއި އަރާ ހަމަވި ވަގުތު ހަމްދޫން ބުނެލިއެވެ. ހައިރާންވެފައި ހުރެ ލީން އެއްފަހަރު ހަމްދޫންއަށް އަނެއް ފަހަރު އިފާންއަށް ބަލަންހުއްޓެވެ. “ހާދަ ރީއްޗޭ ދޯ ތިހެން ބަލަން ހުންނަ އިރު ވެސް” ލީންގެ މޫނަށް ބަލަން ހުރެ ލާނެއް ގޮތަކަށް އިފާން ބުނެލިއެވެ. ގަތް ލަދުން ލީންއަށް އެތާނގައި އިތުރަށް ހުންނަން ވެސް ނުކެރުނެވެ. ވަގުތުން އެތަނުން ދުރަށް ދިޔުމަށް ހިނގައިގަތެވެ. ލީން ކައިރީގައި ހުރި ކުއްޖާ ލީންގެ ކަންފަތް ބުޑުގައި ސިއްރު ސިއްރުން އެއްޗެކޭ ބުނެލުމުން ދެން އޭ ކިޔާ އެކުއްޖާ ގައިގާ ޖަހާލިއެވެ. ލީން އެތަނުން ދިޔައީ އިފާން އެހެން ބުނުމުން އެއްގޮތަކަށް ވެސް އޭނަ ދެކެ ރުޅި އައިސްގެނެއް ނޫނެވެ. ހަމްދޫންއާއި އޭނާގެ އެކުވެރިޔާގެ ކުރިމަތީގައި އިފާންއަށް އެހެން ބުނަން ކެރުމުން ލީން ކުޑަކޮށް ޙައިރާންވެ ލަދުގަތީއެވެ. ރުޅިއައުމުގެ ބަދަލުގައި ލީން ވީ އުފަލެވެ. ޙަޤީޤަތަށް ބުނާނަމަ އިފާންއެކޭ އެއް ގޮތަށް އޭނަ އެންމެ ފުރަތަމަ ފެނުމުން ވެސް ލީންއަށް އިފާން ކަމުދިޔައެވެ. “ކަލޭއަށް ވާ ހަމަ ސާބަސް, އަނެއްކާ ވެސް އޭނާ ލަދުގަންނަ ގަންނަވާލާފަ ތި ފޮނުވީ” ލީންމެން ދިޔުމުން ހަމްދޫން ބުނެލިއެވެ. “ދެން ރީތި ވީމާ ބުނާނީ ރީއްޗޭ ދޯ” އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން އިފާން ބުނެލިއެވެ.
….13 ދުވަސް ފަސް…
ރަތާއި ހުދުން މުޅި ގޯތި ތެރެ ޒީނަތްތެރި ކުރެވުނެވެ. މާލޭގައި ތިބި ސަމާއާއި ހަމްދޫންގެ އާއިލާ މީހުންތައް އެދެމީހުންގެ ކައިވެންޏަށް ރަށަށް އަތުވެއްޖެއެވެ. މުޅި ރަށު އެންމެންހެން އެއްބަހެއް ކިޔައިގެން މި ދެކުދިންގެ ކައިވެންޏަށް ވާން ޖެހޭ ތައްޔާރީތައް ވެ، ކުރަން ޖެހޭ ކަންތައްތައް ކުރަނީއެވެ. ފިރިހެންވެރިން އިންވިޓޭޝަން ކާޑުތައް ބަހާ ކައިވެނި ކުރެވޭ ތަން ޒީނަތްތެރިކުރުމުގައި އުޅުނު އިރު އަންހެންވެރިން ކެއްކުމުގައި އަވަދި ނެތި އުޅުނެވެ. މިއިން ވެސް ރަމްޒުކޮށް ދެނީ އެރަށުގައި އެކަކު އަނެކަކަށް އޮތް އޯގާތެރިކަމާއި ހިތްހެޔޮކަމެވެ.
“ލީން އަހަރެން ވަރަށް ނާވަސްވޭ އެބަ” ދެފައި ވަތްކޮށްގެން މޫނު މަތީ، އަތްއަޅައިގެން އެނދުމަތީގައި އިން ސަމާ ލީންއާއި އޭނާގެ އިހުސާސްތައް ޙިއްޞާކުރިއެވެ. “ސާބަސް! ތި ވަރަށް ނާވަސް ވާންޖެހޭތަ…. ހަމްދޫންގެ އާއިލާ މީހުން ނޫޅޭއޭ ސަމާ އޭނައާއި އިނދެގެން ދިޔައިމާ ކާލަން” ހެމުން ހެމުން ލީން ބުނެލިއެވެ. ސަމާ ބާލީހެއް ނަގާ ލީންއާއި ދިމާލަށް ހޫރާލިއެވެ. “ހޭޭނެ ކަމެއް ނެތް. އަހަރެން ބަލާނަމޭ ލީންއާއި އިފާންއާއި އިންނަ ދުވަހު ނާވަސް ނުވޭތޯ” އަނގަޔަށް ވައްތަރެއް ޖައްސާލަމުން ސަމާ ބުނެލިއެވެ. ވަގުތުން ލީންގެ ހިނިގަނޑު ހުއްޓުނެވެ. “ކާކުތަ ބުނީ އަހަރެން އިންނާނީ އިފާންއާއޭ” މޫނު މައްޗަށް ސީރިޔަސްކަން ގެންނަމުން ލީން އަހާލީއެވެ. “މީހަކު ބުނަން ޖެހޭތަ! ބަލަ އަހަރެން މީ މޮޔައެއް ނޫނޭ… ލީން އިފާންއަށް ބަލާލާ ގޮތުންނާއި، އޭނާ ފެނުމުން ލީންގެ މޫނު މައްޗަށް އަންނަ ހިނިތުންވުމުންނާއި އޭނާގެ ވާހަކަ މީހަކު ދެއްކުމުން ލީން ތި ގަންނަ ލަދުންނާއި، މި ހުރިހާ ކަމަކުން ވަރަށް ސާފުކޮށް އެނގޭ ލީން އޭނާ ދެކެ ލޯބި ވާކަން. އަހަންނަށް ހީވޭ އިފާން ވެސް ލީން ދެކެ ލޯބިވާހެން” ހިނިތުންވެލަމުން ސަމާ ބުނެލިއެވެ.
“އާން އަހަރެންނަށް އޭނާ ދެކެ ލޯބިވެވިއްޖެ. އޭނާ އެންމެ ފުރަތަމަ ފެނުނު ދުވަހު ވެސް އަހަރެން އޭނާއާއި ވަރަށް ލައިކް ވި. ދެން އޭގެ ފަހުން ތިމީހުންގެ ވެޑިންގެ ކަންތައްތަކުގައި އުޅެމު ވެސް ދިމާވާ ފަހަރުތަކުގައި އޭނާ ކޮށްލާ ސަމާސާތަކުންނާއި އަހަންނަށް ބަލާލާ ގޮތުންނާއި ބުނެލާ ބަސްތަކުން އަހަރެންގެ ހިތް އޭނާ ދަމައި ގަތީ ޙުދު އަހަންނަށް ވެސް ނޭނގި ހުއްޓާ. އޭނަގެ އެ ހިނިތުންވުމާއި ފިރިހެންވަންތަ ސިފަތައް އަހަންނަށް ވަރަށް ކަމުދޭ. އޭނަ ބޮލުން ކުރިމައްޗަށް ވެރިފަ ހުންނަ އިސްތަށިކޮޅު އެއްފަރާތް ކޮށްލާ އިރު އޯމައި ގޯޑް، ހާދަހާއޭ ހެންޑްސަމްއީ. ހިވާނީ ހަމަ ޕްރިންސެއްހެން. އޭނަ ލޯބިކަމުން އަހަރެން ވަނީ އޭނާ ގައިގާ ވަރަށް ބާރަށް ބައްދާލާ ހިތް. އައި ރިއަ…..” “އެހެންތަ! އެހާ ބައްދާލާ ހިތް ވާނަމަ ބައްދާލާން ވީއެއްނު” ރަންގަޅަށް ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ލީންގެ ފަހަތުގައި އޭނާ ދެއްކި ހުރިހާ ވާހަކައެއް އަޑު އަހަން ހުރި އިފާން ބުނެލިއެވެ.
12 Comments!
Comments are closed.
nice when is the next part
Thanks Riyaa? next part mihaaru almost liye nimenee?
Vvvv reethi mi part vx.. Whn is next part.. Curiously waiting for next part ngey.. N Reemer07 u are so talented… Maashaallah… Waiting for next part ngey… Avahah up kohdhehchey next part ?????
Thank you sooooo much LAZY_QUEENY❤ means a lot? and yes, inshallah vrh avahah next part up kohlaanan?
Vrh sali.. waiting for nxt part❤❤
Thanks Lai?
OMG i love thissss? You areee soo talented reema dhahtha Masha Allah?. Cant wait to read the next part. Im soooo curious to know what happens .
Thank you so much bbg❤️❤️❤️ keep waiting layaan kokko
Wowwww darla Varah loabi mi part
Ooooo my God Wowwww Varah salhi and really curious for second part Wowwww just Wowwww leen hurihaa ehcheh ki iru ifaan fahathu oh God I just love it KEEP7IT UP MATE???
Hey Reemer07 when nxt part will be upload.. why its taking too long ???
?❤️?❤️?❤️?❤️??❤️?❤️?❤️?❤️❤️?❤️?❤️??varah salhi
??????????????????????
Keep it up…