
ބަދަލު ވި ޙަޔާތް
ދިރި އުޅުމަކީ ކޮބާކަން އެނގުމަށްވުރެ އަހަރެން ކުޑައެވެ…
ފުރާވަރުގެ ދުވަސްތައް ގުނަމުން ދިޔައީ އުފަލާ މަޖަލުގައެވެ. އެކުވެރިންނާއި އެކު މަޖާކޮށް ބޭރަށް ގޮސް ހަދަމެވެ.
‘ކޮމިޓެޑް ރިލޭޝަންޝިޕް’ އަކީ އަހަރެން ދަންނަ ކަމެއް ނޫނެވެ. އަހަރެންނަށް އާދަވެފަ ވަނީ އޭރަކު ކަމުދާ ފިރިހެން ކުއްޖަކާ ވާހަކަ ދައްކާލާފައި ފޫހި ވީމަ ގުޅުން ކަނޑާލުމަށެވެ. ވާހަކަ ދައްކާ ދުވަސްކޮޅުގައި އެމީހުނާ އެކީ ބޭރަށް ގޮސްވެސް ހަދަމެވެ. ފާފަތަކަށް ވެސް އަރައި ގަނެވޭލެއް މަދެއް ނޫނެވެ. ފާފަ އަކަށް އަރައި ގަނެވުމަށްފަހު ދެރަވެއެވެ. ރޮވެންވެސް ރޮވެއެވެ. މަންމަގެ އާދޭސްތައް މަތިންވެސް ހަނދާންވެއެވެ. ދެން އަނެއްކާވެސް ކުޑަ އިރުކޮޅެއް ތެރޭގައި ހަނދާން ނެތެއެވެ.
ގުޅުން ކަނޑާލަނީ އަހަރެން ފޫހި ވީމައެވެ. ޢެއަށްފަހު އެމީހުން އާދޭސްކުރިޔަސް އަހަރެންގެ ހިތަށް އަސަރުވެސް ނުކުރަނީއެވެ.
ކައިރީގައި އުޅޭ ކުދިން ނަމާދުކޮށް ހަދާތަން ފެނެއެވެ. ޢާއިލާ މީހުން ނަމާދު ކުރާތަންވެސް ފެނެއެވެ. އެހެންނަމަވެސް އަހަރެންނަށް ނަމާދުގެ މުހިންމުކަން އިހްސާސެއް ނުވެއެވެ. ޢަހަރެންނަށް ފަރުޟު ވެފައިވަނީ ބައެއް ނަމާދުފަދައެވެ. އަމިއްލަ ނަފްސަށް އުޒުރުވެސް ދެމެވެ. ޙިތަށް އަރައެވެ. ފާފަ ކޮށްފައި ކުރާ ނަމާދަކުން އަހަރެންނަށް ލިބޭނެ ފައިދާ އަކީ ކޮބާ ހެއްޔެވެ؟ ޢަހަރެންނަށް ނުވިސްނުނު ކަމަކީ ފާފައެއް ކުރުމަކުން މީހާ ކާފަރުވެގެން ނުދާކަމެވެ. އެހެންނަމަވެސް ގަސްދުގައި ނަމާދެއް އަޅައިފި މީހާ އަލުން ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވާން ޖެހެއެވެ.
އެހެންކަމުން އަހަރެން ބޮޑަށް ދެރަވާން ޖެހެނީ ފާފައެއް ކުރެވުމުން ހެއްޔެވެ؟ ނުވަތަ ގަސްތުގައި ނަމާދު ނުކުރެވޭތީ ހެެއްޔެވެ؟
ހަޔާތުގެ ދުވަސްތައް މިފަދަ ގޮތެއްގައި ފާއިތުވަމުން ދިޔައެވެ. އަހަރެންގެ އުމުރުން 20 އަހަރު ވެއްޖެއެވެ. އޭރުވެސް އަހަރެން އުޅެމުން އައި ގޮތަށް
ޢެއްވެސް ބަދަލެއް ނުގެންނަމެވެ. ކުރެވިފައި ހުރި ފާފަތަކުން އަހަރެންގެ ދިރިއުޅުމަށް ބަދަލެއް އައިސްދާނެ ކަމުގެ އުއްމީދެއްވެސް ނެތެވެ. ޢަހަރެން ދެކޭ ގޮތުގައި އެކަމަށް ތައުބާ ވުމަކީވެސް ބޭކާރު ކަމެކެވެ. އެކަންތައްތައް އަލުން ތަކުރާރު ކުރެވޭނެ ކަމުގެ ޔަޤީންކަން ހިތުގައި އޮތީމައެވެ.
100 މީހުން މަރާލި މީހެއްގެ ފާފަތައް الله تعالى ފުއްސަވާދެއްވިކަން އަހަރެން ހަނދާން ނެތެވެ.
މިހެން އުޅެމުން ސޯޝަލް މީޑިއާއިން އަހަރެންނަށް ފެނުނު އާޔަތަކީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލު ކޮށްލި އާޔަތެވެ. ޢަހަރެންގެ ހިތައް ހިދާޔަތުގެ ނޫރު އެކަލާނގެ ވެއްދެވީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ.
– 39:53
قُلْ يَٰعِبَادِىَ ٱلَّذِينَ أَسْرَفُوا۟ عَلَىٰٓ أَنفُسِهِمْ لَا تَقْنَطُوا۟ مِن رَّحْمَةِ ٱللَّهِۚ إِنَّ ٱللَّهَ يَغْفِرُ ٱلذُّنُوبَ جَمِيعًاۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ
ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެެވެ.
މިއާޔަތް ފެނުމާއެކީ އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.
ފާފަ ކޮށްކޮށް ފާފައިން އިސްރާފްކުރާ މީހާއަށް ވެސް އެކަލާނގެ ރަހްމަތް ދެކިބަލާށެވެ. ޢަހަރެންނަށް ދެން ދެއްކޭނެ ބަހަނާއެއް އެބަ އޮތްހެއްޔެވެ. ޢެކަލާނގެ މަގަށް ރުޖޫޢަ ވުމަށް މަޖުބޫރު ވެއްޖެއެވެ.
ޢަޅުކަންތަކުގައި މަަޝްޢޫލު ވުމާއެކު އަހަރެންގެ ހަޔާތް މުޅިން ބަދަލުވެއްޖެއެވެ.
ތައުބާ ގިނަ ކުރުމާއެކު ދުޢާކުރުން ގިނަ ކުރީމެވެ. ޙައްޤުގެ މަގުގައި ސާބިތު ކޮށްދެއްވުމަށާއި ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކޮށްދެއްވުމަށް އެދި ދުޢާކުރަން ފެށީމެވެ.
އަހަރެންގެ ދުޢާ އެކަލާނގެ އިޖާބަކުރެއްވި ގޮތް ނިކަން ދެކިބަލާށެވެ.
މިއަދު އަހަންނަށް ވަނީ ހެޔޮލަފާ ޞޯލިހު ފިރިއެއް ލިބިފައެވެ. އަހަރެންްނަށް ފަރުވާކުޑަ ކުރެވޭ ދީނީ ކަންތައްތަކުގައި އެއްބާރުލުން ދީ ނަޞޭހަތް ދެނީ އަހަރެންގެ ލޯބިވާ ފިރިމީހާއެވެ.
މީ الله ގެ ރަހްމަތް ނޫން ދެން ކޮން އެެއްޗެއް ހެެއްޔެވެ؟