ކޮންމެވެސް އެއް ދުވަހަކުން…
ވާރޭ ވެހެން ފެށީ ކުއްލިއަކަށެވެ. އަހަރެން އިނީ ގޭ ބޭރުގައި ހުރި ޖޯލި ފަތީގައެވެ. އަހަރެން ނޫން އެންމެން ވާރޭން ސަލާމަތްވުމަށްޓަކައި ގޭތެރެއަށް ވަނެވެ. އެކަމަކު އަހަރެން ގޭ ތެރެއަށް ވަންނަ ހިތެއް ނުވިއެވެ. ބޭނުންވީ ވާރެޔާއި ތެމިލާށެވެ. ވާރޭ ވެހޭ ވަގުތަކީ އަހަރެން އެންމެ ހިތްހަމަ ޖެހޭ ވަގުތެވެ. އަހަރެންގެ އެންމެ އިންތިޒާރު ކުރާ އެއް ވަގުތަކީވެސް އެއީއެެވެ. ވާރޭގެ ތިކިތަށް ގައިގައި ބީހެމުން ދާއިރު ހީވަނީ ފިރުމަމުން ދާހެނެވެ. އިރުއޮއްސުނީވެސް އަހަރެން އެ ޖޯލީގައި ހުއްޓައެވެ. އެހެނަސް ހަމަ އަހަރެން ޖޯލީގައި އިނީމެވެ. އެތަނުން ދާހިތްވެސް ނުވެފައެވެ.
ފަޒްނާ. ދެން އެތެއަށް ވަދޭ! މިހާރު ހުންނާނީ ހިތްހަމަޖެހޭ ވަރަށް ވާރެޔާ ތެމިފައި. ދެން މާދަމާ ރޯގާޖެހިގެން ނޯއް ދަމަށް ފެށީމަ މަންމަ އެހާ ހިތްހަމައެއް ނުޖެހޭނެ.” އަހަރެންގެ މަންމަ އަހަންނަށް ގޮވާލަމުން ބުންޏެވެ.
” ކުޑަ އިރުކޮޅަކުން މިވަންނަނީ.” އަހަރެން ވަންނާކަށް ބޭނުމެއް ނޫނެވެ.
ކުއްލިއަކަށް ވާރޭ ތުނިކޮށްލިއެވެ. އަހަރެން މައްޗަށް ބަލާލީމެވެ. އުޑުމަތި ބަނައެވެ. ނަމަވެސް، ކުޑަ އިރުކޮޅެއް ފަހުން ފަނޑު ހަނދުވަރުގެ އަލި މުޅި ގޯތި ތެރެއަށް ފެތުރެން ފެށިއެވެ. އަހަރެން ޖޯލިފަތިން ތެދުވެ ބަލާލީމެވެ. ގޯތިތެރޭގައިވާ ގަސްތަކުގެ ތެރެއަށް ހަނދުވަރުގެ އަލި އެޅިފައި އޮތްއިރު ވަރަށް ހިތްގައިމެވެ. މުޅި ތަނަށް އޮތީ ކޮކާ ހަނދުވަރު ދީފައެވެ.
” ހާދަ އަވަހަކަށް ތި ދަނީ. މިރީތި މަންޒަރު ބަލާލަން މަޑުކޮށްލަންވީނު. ނޫނީ އަހަރެން ވަރަށް އެކަނި ވާނެ.” އަހަރެން ހިގައިގަތުމުން ކޮންމެވެސް މީހަކު ބުނެލިއެވެ.
” ދެން ނުހުރެވޭނެ.” ކޮންމެވެސް ވަރަކަށް ޖެހިލުންވެހުރެ އަހަރެން ބުނީމެވެ.
” މިކޮޅު ބަލާލާފަ ތިހެން ބުނެބަލަ. އޭރުން ހަމަ ގައިމުވެސް ފަޒްނާއަކަށް ނުކެރޭނެ ތިހެން ބުނާކަށް.” އެއަޑުގައި އަހަރެން ދަންނަ ގޮތެއް ހުއްޓެވެ.
” ޝާއިންތަ؟ އަންގާވެސް ނުލާދޯ ތިއައީ؟” އަހަންނަށް ލިބުނީ ޙައިރާންކަމެކެވެ.
” ހިނގާ ހިނގާލަންދާން.” ޝާއިން އެދުނެވެ.
އަހަރެން ގޮސް ޝާއިންގެ އަތުގައި ހިފީމެވެ. އެއަތުގައި ވަނީ ފިނިކަމެވެ. ދެން މަޑުމަޑުން ހިނގަން ފެށީމެވެ. ޝާއިން އަކީ އަހަރެން އެންމެ ގާޔާވާ އަދި ލޯބިވާ މީހާއެވެ. އަހަރެމެން ދެމީހުންގެ ގުޅުމަށް މިހާރު ތިން އަހަރު ވަނީއެވެ. ސްކޫލު ދައުރުގައި އުފެދުނު އެކުވެރިކަން ލޯތްބަށް ބަދަލުވީއެވެ. ދެފަރާތުގެ ޢާއިލާގެ ރުހުމުގެ މަތިންނެވެ. އަވަސްކަމުން ކައިވެންޏަކާއި ހަމައަށް ދާން އަހަރެން އަދި ބޭނުން ނުވަނީއެވެ. އަހަރެންގެ ޢާއިލާގައި ދެން ތިބި ހުރިހާ މީހުންވެސް ކައިވެނިކުރީ ކުއްލިއަކަށެވެ. ހަމަ އެހާ އަވަހަށް އެކައިވެނިތައް ވަނީ ރޫޅިފައެވެ. އެކަމުގެ ހިތާމައިން އެމީހުން ސަލާމަތް ނުވެގެން އުޅޭތަން އަދިވެސް އަހަންނަށް ފެނެއެވެ. އެއީ އަހަރެންގެ ދިރިއުޅުމުގައި ޖައްސަން އަހަރެން ބޭނުންވާ ކުލައެއް ނޫނެވެ.
ހިނގަމުން ގޮސް އަހަރެމެން އިށީނީ ތުނޑިމަތީގައެވެ. ހަނދުވަރުގެ އަލިން މުޅިތަންވަނީ އުޖާލާ ވެފައެވެ. ހަނދުވަރުގެ އަލި މޫދަށް އެޅިފައި އޮތްއިރު ހީވަނީ މުޅިތަނަށް ރިހި ވިރުވާ އަޅާފައި އޮތްހެނެވެ.
” ކޮންކަމަކާތަ ތިވިސްނަނީ؟” އަހަރެން މަޑުން އިނުމުން ޝާއިން އަނހާލިއެވެ.
” ކައިވެނި ކުރެވޭނެ ދުވަހަކާއި ދޭތެރޭ މިވިސްނަނީ.” މަޑުމަޑުން އަހަރެން ބުނީމެވެ.
” އެހެންތަ؟ ދެން ނުވާނެ ގިނަ ދުވަހެއް.” އަހަރެންގެ އަތުގައި ހިފާ ބާރުކޮށްލަމުން ޝާއިން ބުނެލިއެވެ.
އަހަރެން އިސްދަށަށް ޖަހާލީމެވެ. ޝާއިން އަހަންނަށް ބަލާލިއެވެ. ދެން އަހަރެންގެ އުނގުގައި ބޯއަޅާލިއެވެ. އަހަރެން މަޑުމަޑުން ޝާއިންގެ ބޮލުގައި ފިރުމަމުން ގެންދިޔައީމެވެ. ޝާއިން ތެދުވިއެވެ. މަޑުމަޑުން އަހަންނާއި ގާތްވެލިއެވެ. ދެން ދިޔައީ ހަމަ ހިމޭނުގެ ވަގުތެކެވެ. އަހަރެން ބޭނުމީ އެވަގުތުކޮޅު ދިގު ކުރާށެވެ. ޝާއިންގެ ފަރާތުން ދުވަހަކުވެސް ނުލިބޭ ހިތްހަމަޖެހުން އަހަންނަށް ލިބުނެވެ. މަޑުމަޑުން އަހަރެންގެ ދެލޯ މެރެން ފެށިއެވެ.
އަހަންނަށް ހޭލެވުނީ ގަޔަށް ހޫނުވުމުންނެވެ. ބަލާލިއިރު، އިރު އަރަމުން އަންނަނީއެވެ. ދެން ކުއްލިއަކަށް އަހަރެން ބަލާލީމެވެ. އަހަންނަށް އޮވެވުނީ ތުނޑީގައެވެ. ލިބުނީ ޙައިރާން ކަމެކެވެ. އަދިވެސް އަހަންނަށް މިއޮވެވުނީ ތުނޑީގައެވެ. ދެން ބަލާލީމެވެ. ޝާއިން އޮތްތޯއެވެ. ނެތެވެ. އަހަރެން މަޑުމަޑުން ހިނގައިގަތީމެވެ. ގެއަށް ދިއުމަށެވެ.
” ކޮންތާކުންތަ ތިއައީ؟” އަހަރެން އައުމުން މަންމަ އަނހާލިއެވެ.
” ތުނޑިމަތިން.” ކުރު ޖަވާބަކުން އަހަރެން ނިންމާލީމެވެ.
” ކާކާއިއެކުގަތަ ދިޔައީ؟” މަންމަ އަނހާލިއެވެ.
” ޝާއިން.” އަހަރެން ބުނީމެވެ.
” ކޮން އިރަކުތަ ޝާއިން އައީ؟ ކޯސް ނިންމާފަ އަދި އޭނައެއް ނާދެއެއްނު. ރޭގަވެސް މަންމަ ވާހަކަ ދެއްކީމޭ ޝާއިންގެ މަންމަޔާ. ބުނި އަދި އަހަރެން ފަހުންނޭ ޝާއިން އަންނާނީ.” މަންމަ ކިޔައި ދިނެވެ.
އެހިސާބުން އަހަންނަށް ލިބުނީ ޙައިރާން ކަމެކެވެ. ޝާއިން ނާންނަ ކަމުގައި ވާނަމަ، ރޭގައި ތުނޑީގައި އަހަރެން ވަގުތު ހޭދަ މިކުރީ ކާކާއި އެކުގައި ހެއްޔެވެ؟ އެއީ ޝާއިން އެއް ނޫން ބާވައެވެ؟ އެކަމަކު ޝާއިން އާއި އޭނަ ހާދަ ވައްތަރެވެ. އެއްވެސް ކަމެއްގައި ތަފާތެއް ނެތެވެ. ބަލާ ބެލުމާއި އެފިރުމުން ތަކުގައިވެސް ހުރީ ހަމަ އެއްގޮތް ކަމެވެ. ވީއިރު، މިވީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް އޮޅުނީ ހެއްޔެވެ؟ ނޫނިއްޔާ އެއީ ދެން ފަހެ ކާކު ހެއްޔެވެ؟ އަހަރެންގެ ހިތް އުފަލުން ފުރާލަދިނީ ޝާއިން ނޫން ދެން ކާކު ހެއްޔެވެ؟ އަނެއްކާ އެއީ އެހެން މަޚްލޫޤެއް ބާވައެެވެ؟ ކޮންމެ ގޮތެއް ވިޔަސް އެފަރި ފިރުމުންތަކުން އަހަންނަށް ވަރަށް ހިތްހަމަޖެހުން އިޙްޞާޞް ކުރެވުނެވެ. ދުވަހަކުވެސް ނުލިބޭ ހިތްގައިމު މީރުކަން ލިބުނެވެ. މައްސަލައަކީ އެއީ ޝާއިން ނޫންކަމެވެ.
ދެހަފްތާ ފަހުން ކުއްލިއަކަށް ޝާއިން ރަށަށް އައެވެ. އައިސް އަހަރެމެންގެ ކައިވެނީގެ ކަންތައްތައް ނިންމާލިއެވެ. އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ. އަނެއްކޮޅުން ޝާއިންވެސް ހުރީ ވަރަށް އުފާވެފައެވެ. ސްކޫލު ދައުރުގެ ރައްޓެހިކަން ލޯތްބަށް ބަދަލުވެގެން ކައިވެންޏާއި ހަމައަށް އާދެވެނީ ވަރަށް މަދު މީހަކަށެވެ. އެމީހުންގެ ތެރޭގައި ޝާއިން ހިމެނުމުން ޝާއިން ވަރަށް އުފާވިއެވެ. އަބަދުވެސް އަހަރެންގެ ގާތުގައި އެވާހަކަ ދައްކައެވެ.
އަހަންނާއި ޝާއިން އާއި ދެމީހުން ނިދަން ވަންނަނީ އެގާރަވެސް ޖަހާ ފަހުންނެވެ. އޭގެ ކުރިން ތިބެނީ ޖޯލި ފަތީގައެވެ. ޝާއިން ވަރަށް އަވަހަށް ނިދާނެއެވެ. ކޮންމެ ރެއަކުވެސް ޝާއިން ނިދުމުން، އަހަރެން ބޭރަށް ނުކުންނަމެވެ. ނޫނެކެވެ. ނުކުންނަން މަޖުބޫރު ވަނީއެވެ. އަހަންނަށް ބޭރުން މީހަކު ގޮވަނީ އެވެ. އެއަޑަށް އަހަރެން ސަމާލުކަން ދެމެވެ. އަދި އޭނާއާއިއެކު، ތުނޑި މައްޗަށް ކޮންމެ ހަނދުމަހެއްގެ ތިންރޭ އަހަރެންް ދަމެވެ. ކައިވެނި ކުރަން ހުއްދަދިނީ ވެސް އަހަންނަށް އެކަމަށް ޝަރުތުކޮށްފައެވެ. ނޫންނަމަ، ފިރިމީހާގެ ފުރާނައަށް ނުރައްކާވާނެކަމަށް އަހަންނަށް އިންޒާރުވެސް ދިނެމެވެ. އަދި އަހަރެން ފެނުނުގޮތާއި ލޯބިވިގޮތްވެސް އޭނާ އަހަންނަށް ކިޔައިދިނެވެ. ތުނޑިމަތީގައި އޭނާ އަހަރެންގެ ފަރާތުން ހިތްފުރެންދެން އުފާ ހޯދައެވެ. އަހަރެންގެ ހިތްވެސް އުފާކޮށްދެއެވެ.
އަހަރެން ބައެއް ފަހަރު ވަރަށް ދެރަވެސް ވެއެވެ. އަހަރެންގެ ފަރާތުން ޝާއިންއަށް އެއްވެސް އުފަލެއް ހޯދައި ނުދެވޭތީއެވެ. އެކަމާއި ޝާއިން ޝަކުވާއެއްވެސް ނުކުރެއެވެ. އަނެއްކޮޅުން ޝާއިން އަށް އަހަރެން ތުނޑިމައްޗަށް ދާކަން އަދިވެސް ނޭނގެއެވެ. އެކަމަކު އަހަރެން ވަރަށް ބިރުވެސް ހީވެއެވެ. ޝާއިންއަށް އިނގިދާނެތީއެވެ. ހަމަ ގައިމުވެސް ކޮންމެވެސް އެއްދުވަހަކުން މިކަން ޝާއިން އަށް ފަޅާ އަރާނެއެވެ. އެދުވަހަކުން ކަންތައް ވާނެގޮތް އެގެނީ ކާކަށްހެއްޔެވެ؟
=ނިމުނީ=
2 Comments!
Comments are closed.

thi vaahaka adhi nunimey. emme muhimmu bai othee kuriah. vaahaka eh nimmaalan emme rangalhu gothakah noon thi nimmaalee. Jinni ulhey vaahaka thakakee dhivehin v.kiyaalan beynunvaa vaahaka thakeh.
adhi v.nice koh vaahaka kuriah gendheveyne. ummeedhu kuran continue kuraane kamah.
VAAHAKA NINMAA NULAA ADHI KURIYAH GENGOSDHINUMAKEE ALHUGANDUGE VX VARAH BODU UMMEEDHEH….. VAAHAKA KIYAAFA SHAUGU VERI VILEH BODU KAMUN HAMA ADHI VX KURIYAH VAANE GOTHAKAA DHEYTHEREY VARAH VISNEY… PLZZZ DON’T FINISH THE STORY AS A MYSTERY…….KURIYAH GENDHAANE KAMAH UMMEEDH KURAN……..