ކޫރު 3/4
ހަވީރުވެ އިރުގެ އަލި ފަނޑުވާންފެށި ވަގުތެވެ. އައިރާ ހުރީ ގަސްތަކަށް ފެންދޭށެވެ. ހިތަށް ހަމަޖެހުން ލިބޭތޯ އެއްކަމަކަށްފަހު އަނެއްކަމެއް ކުރަމުން ގެންދެވޭތޯ އައިރާ ބެލިއެވެ. ހަމަ އެންމެ ބޭނުމަކަށްޓަކައެވެ. އަޒާންގެ ވިސްނުމާ ދުރުގަ ހުރުމަށެވެ.
“އައިރާ” ގޭގެ ވަށައިފާރުން ބޭރުން ގޮވާލީ އަޒާންއެވެ. އައިރާ ފަހަތް ބަލާލިއެވެ. ‘އަޒާން’ އައިރާގެ ހިތް ތެޅިލިއެވެ. އާނއެކޭ ބުނުމުގެ ބަދަލުގައި އައިރާ ހީލިއެވެ. އަޒާން ހިނގާފައި އައިސް ހުއްޓުނީ އައިރާމެންގޭގެ ބޭރުގައި ވަށައިގެން ރާނާފައި ހުރި ތެޅިގަލުގެ ފާރު ކައިރީގައެވެ. “ކީއްތިކުރަނީ؟” އަޒާން ހިނިތުންވެހުރެ އަހާލިއެވެ. “ހަމަ ނޭނގިގެންތަ ތިއެހީ؟ ގަސްތަކަށް ފެންދެނީއެއްނުންތަމި. އަޒާން ތިދަނީ ކޮންތާކަށް؟” އައިރާ ސަމާސާ ރާގަކަށް ވާހަކަ ދެއްކިއެވެ.
“ހަމަ ނޭނގިގެންތަ ތިއެހީ؟ މިސްކިތުންނެއްނު މި އަންނަނީ..” އަޒާންވެސް ސަމާސާ ކޮށްލިއެވެ. “އަނ.. އަޒާންގެ ނިއްކުރިއަކުނެތޭ ލިޔެފަކާއެއް ތިދަނީ މިސްކިތުންނެކޭ.. އެކަމް އަޒާންއަށް އެބަ ފެނެއެއްނު އަހަރެން ގަސްތަކަށް ފެންދޭތަން!” އައިރާ ހީލަމުން ބުނެލިއެވެ.
“ހެހެ.. އޭ ތިއެއްނޫނޭ.. މިއުޅެނީ ވަރަށް ފޫހިވާތީ.. ހިނގާބަލަ ފެންވަރާގެން މަށާއެކީ ބުރެއް ޖަހާލަން..” އަޒާން ބުނެލި ޖުމްލައާއިއެކު އައިރާގެ ބަސްހުއްޓުނެވެ. ވިސްނާލަން ވަގުތުކޮޅެއް ބޭނުންވިއެވެ. އަޒާންއާއި މާބޮޑަށް ގާތްވާކަށް އައިރާ ބޭނުމެއް ނުވެއެވެ. ހިތް ބިރުގަންނަނީއެވެ. އަޒާން އަނެއްކާވެސް ފުރައިގެން ދިޔުމުން ކުރިން އައިރާގެ ހިތުގައި އެޅިފައި ހުރި ކޫރުތަކުން ފާރުހިލި އެއަޅާވޭން ތަހަންމަލް ނުކުރެވިދާނެތީ އައިރާ ފަސްޖެހެނީއެވެ.
ބުނާނެއެއްޗެއް ނޭނގިފައި އިސްދަށަށްޖަހައިގެން އައިރާ ހުއްޓެވެ. “އޭއި.. ގޯސް އެއްޗެއްތަ މަށަށް މިބުނެވުނީ؟ އަނެއްކާ ނުދެވޭނޭ ބުނަން ނުކެރެނީތަ؟” އަޒާން އައިރާގެ މޫނާދިމާލަށް އަތް ހޫރާލަމުން ބުނެލިއެވެ. “ހެހެ.. ނޫން. އެހާދުރަކަށް ނުފޮނުވާނެ މަންމައެއް. މިތާ ދޮރުމައްޗަށް ނުކުމެފާނަން. ކޮބާތަ މިލްނައްތަ؟” އައިރާ ޖަވާބާއެކު ސުވާލެއް ކޮށްލިއެވެ. “ނޭނގޭތަ؟ މިލްނައްތަ ހިނގައްޖެއެއްނު މިއަދު ހެނދުނު ލޯންޗުން މާލެ..” އަޒާން ބުނެލިއެވެ. “އާނ ނޭނގެ.” އައިރާ ޖަވާބު ދިނެވެ. “އޯކޭ.. އިހަށް ދަނީ.. އަންނާނަން ފަހެއް ޖަހާއިރަށް. ބޭރުގަ ހުންނައްޗެ..” އަޒާން މިހެން ބުނަމުން ހިނގައިގަތް ވަގުތު އައިރާ ހިނިތުންވެލިއެވެ.
ގަޑިން ފަހެއް ޖެހިއިރު އައިރާ ހުރީ ރީތިވެލައިގެން ނުކުމެ ގޭދޮރުމަތީގައެވެ. އަޒާން އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. މާގިނައިރެއް ނުވެ އަޒާން އައިސްފިއެވެ. އާދައެކޭ އެއްފަދައިން އެހާމެ ރީތިވެލައިގެން ފަރިގޮތަކަށް ބޮލުގެ އިސްތަށިގަނޑު ހިއްލާލައިގެންނެވެ.
އެތައް އިރަކު އައިރާއާއި އަޒާން ވާހަކަ ދައްކަން އެތަނުގައި ތިއްބެވެ. ހީސަމާސާކޮށް މަޖާ ކުރުމުގައެވެ. އެކިވާހަކަ ދައްކައިގެން ފޫހި ފިލުވުމުގައެވެ. އަޒާންގެ ބަލާލުމުން މިހާރު އައިރާއަށް ދޭހަވަނީ އެހެން ވާހަކައެކެވެ. އަޒާންގެ ވާހަކަދެއްކުމުގައި ގެންގުޅޭ ގާތްގޮތުން އަޒާންގެ ހިތުގައި އައިރާއަށް ކޮންމެސް ޖާގައެއް ހުސްވެފައިވާހެން އައިރާއަށް ހީކުރެވެނީ ކީއްވެގެންބާއޭ އައިރާގެ ހިތާހިތާކިޔާލިއެވެ. އެހެންނޫންނަމަ އަޒާން އޭނާގެ ވަގުތުން އައިރާއަށް މިވަގުތުކޮޅު ހުސްކޮށްލާނީ ކީއްވެގެންބާއެވެ. އަދި މާކުރީއްސުރެ އައިރާއާއި އެކުވެރިކަން ބާއްވަން ބޭނުންވެފައި ހުރުމުގެ ކޮންމެސް ސަބަބެއް ވާނެއެވެ.
އަޒާން އެތަނުން ދިޔައީ އިރުއޮއްސި ބަންގި ގޮވުމުންނެވެ. އަދި ދިމާވާން ބޭނުންވެޔޭ ބުނަމުންނެވެ. ކަންތައްވީ ހަމައެގޮތަށެވެ. ކޮންމެ ދުވަހަކުވެސް އަޒާން އެގޭކައިރިއަށް އައުން އާދައަކަށް ވެއްޖެއެވެ. އައިރާގެ ހިނިތުވުމަށް އެ ދެލޮލުން ތައުރީފުކުރާފަދަ އަޖައިބުކުރުވަނިވި ބެލުންތަކުން އައިރާގެ ހިތާ ކުޅެމުން ދިޔައެވެ.
ބައެއްފަހަރު އަޒާންގެ ހިތުން އައިރާއަށް އެދޭފަދަ ވާހަކަތަކެއް ދައްކާހެން އައިރާއަށް ހީވެއެވެ. އަނެއްބައިފަހަރު އަޒާން ބަލާލާގޮތުން އޭނާ އައިރާއަށް ބޭނުންވާ މިންވަރު އައިރާގެ ހިތް އައިރާއަށް ކިޔައިދެއެވެ. އެހެންނަމަވެސް ހިތް ތެދުހަދަނީ ވަރަށް މަދު ފަހަރަކުއެވެ. ހިތަކީ ވަރަށް މަކަރުވެރި އެއްޗެކެވެ. އެހެންނަމަވެސް އައިރާގެ ހިތް ބުނެދޭ މިއުންމީދީ ވާހަކަތަކުގެ ސަބަބުން އަޒާންއަށްޓަކައި ހިތުގައި އުތުރެމުންދިޔަ ކެކުޅުން ފޮނި އެއްޗަކަށް ބަދަލު ވެގެން ދިޔައެވެ. އަޒާންގެ ނަން ދުލަށް އައުމުން އައިރާގެ ހިތަށް ކުރެވޭ އިހުސާސަކީ ފިނި އެއްޗަކަށް ވެއްޖެވެ. އަޒާން ލިބެން އުޅޭކަމުގެ އިހުސާސް ހިތަށް ކުރެވެން ފެށީމައެވެ.
ހަފްތާއެއްހާ ދުވަސް މިގޮތުގައި ހޭދަވެގެން ހިނގައްޖެއެވެ. އަޒާން އައިރާއަކަށް ލޯބި ހުށައެއް ނާޅައެވެ. އަޒާންއަށް ނުކެރެނީކަމެއް ނުވަތަ އަޒާން އައިރާ ބޭނުން ނުވަނީ ކަމެއް އައިރާއަކަށް ނޭނގެއެވެ. އައިރާ ބޭނުންވީ މިލްނައްތަގެ އެހީގައި އަޒާން ބޭނުންވާގޮތެއް ބަލާލާށެވެ. ފާއިތުވެގެންދިޔަ ދުވަސްތަކުގައި މިލްނައްތައަށް ހެދެމުންދިޔަ ދޮގުތަކުގެ ހަގީގަތް ހާމަކޮށްގެން ކަމުގައި ވިއަސްމެއެވެ.
މާދަމާ އަކީ އައިރާއަށް ވަރަށް މުހިންމު ދުވަހެކެވެ. އައިރާގެ އިސްލާމް އިމްތިހާން އޮންނަ ދުވަހެވެ. ކޮންމެ އިމްތިހާނެއް އޮންނަ ދުވަހުގެ ކުރީދުވަހު މިލްނައްތަ އައިރާމެންގެ ގެޔަށް އަންނާނެއެވެ. އައިރާއަށް ހުރިހާ ފިލާވަޅެއް ދަސްވެފައި ހުރިތޯ ބަލާށެވެ.
“އައިއްކޮ ރެޑީތަ މިހާރު؟” މިލްނާ އައިރާގެ ކޮޓަރިއަށް ވަތްގޮތަށް އަހާލިއެވެ. އައިރާ އިނީ އެއިރު މޭޒު ދޮށުގައި ފޮތް ކިޔާށެވެ. “ލައްބަ. އެކަމް ޤުރްއާންގެ ބައިގައި ހުރި ސުވާލުތައް ވަރަށް އުނދަގޫ..” މިލްނާ އައިސް އައިރާގެ ކުރިމަތީގައި އިށީނދުނު ވަގުތު އައިރާ ބުންޔެވެ.
“ހިނގާ އެހެންވީމަ ސުވާލުތައް ކުޑަކޮށް ބަލާލަންދޯ؟” މިލްނާ މޭޒުމަތީގައި އޮތް ގްރޭޑް ނުވައެއްގެ އިސްލާމް ފޮތް ނެގިއެވެ. “އޭގެ ކުރިން ސުވާލެއް ކުރަންތަ؟” އައިރާ ވަރަށް ޖެހިލުންވެ އިނދެފައި އަހާލިއެވެ.
“ކިހިނެއްވީ އަނެއްކާ؟ ކޮން ސުވާލެއް؟” މިލްނާ ހީލިއެވެ. “އަޒާން އެއީ މިލްނައްތަގެ ކާކުތަ؟” އައިރާ ވަރަށް ނޫން ގޮތަކަށް އަހާލިއެވެ. “އަޒާން ދޯ؟ ތެދަށް ބުނާނަމަ އަޒާން އަކީ މިލްނަށްތައަށް ވަރަށް ސްޕެޝަލް ފްރެންޑެއް.. ކިހިނެއްވީ؟ ވަރަށް ރީތިދޯ އޭނަ؟” މިލްނާ ހިނިތުން ވެލާފައި ބުނެލިއެވެ.
އާންމު ގޮތެއްގައި އައިރާ އަކީ މިލްނާގެ ޒާތީ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކާ އުޅޭ ކުއްޖެއް ނޫނެވެ. އެހެންނަމަވެސް އައިރާގެ އެދުންތައް މިލްނާގެ ކުރިމަތީގައި ހާމަ ކުރުމުގެ ކުރިން މިލްނާ އަޒާންއާއި ދޭތެރޭ ދެކޭގޮތަކީ ކޮބައިތޯ ބަލަން އައިރާ ބޭނުންވިއެވެ.
“ހެހެ.. އާނ ރީތި.. ކީއްވެތަ މިލްނައްތައާ އޭނައާ މާ ކްލޯޒްއީ؟” އައިރާ އަދިވެސް އޮޅުންފިލުވޭތޯ ބެލީ މިލްނާގެ ހިތުގައި އެއްވެސް ސިއްރެއް ފޮރުވާފައިވޭތޯއެވެ. “ކީއްވެތަ މިއަދު މާ ސުވާލު ގިނަވެގެން އައިއްކޮ ތިއުޅެނީ؟ އަސްލު ބުނަންތަ؟ އަޒާންއަކީ ވަރަށް ތަފާތު ކުއްޖެއް. އޭނާގެ ހިތްހެޔޮކަމުން އެތައް ހިތެއް އޭނާއަށް ލެނބޭނެ. މިލްނައްތަ ވަރަށް ގަޔާވޭ އޭނަދެވެ. ހީވޭ އޭނަވެސް ވަރަށް ގަޔާވާހެން. އޭނަގެ ބިޓެއްވެސް ނުހުރެޔޯ.. އެކަމަކު އޭނަ މިލްނައްތައަށްވުރެ 3 އަހަރު ކުޑައޭ.. އެހެންވީމަ އެކަހަލަ ވާހަކައެއް ދައްކަން ނުކެރެނީ ކަންނޭގެދޯ؟” މިލްނާ ދެއްކި ވާހަކަތަކުން އައިރާއަށް ކުރާނީ ކިހާވަރެއްގެ އަސަރުތަކެއް ކަމެއް އޭނާއަކަށް ނޭނގޭނެއެވެ. އެކަމް މިލްނާ އައިރާގެ ހިތް ކުދިކުދި ކޮށްލައިފިއެވެ. އައިރާގެ ހަމައެކަނި އުންމީދަކީ މިލްނާއެވެ. ނަމަވެސް މިލްނާގެ ހިތުގައި އަޒާންއަށް ދެވިފައިވާ މަގާމަކީ އިޝްގީ ޖާގައެކެވެ. އައިރާއަކަށް އިތުރަށް އަޒާންއާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ދައްކާކަށް ނުކެރުނެވެ. މިލްނާ ކުރި ސުވާލުގެ ޖަވާބުގައި އައިރާ ދިނީ ހިނިތުންވުމެކެވެ.
-ތިންވަނަ އެޕިސޯޑް ނިމުނީ-
2 Comments!
Comments are closed.


Varah reethi Masha Allah
Thank you ?