ކޫރު
ފަތިހުގެ ހަމަހިމޭން ހިތްގައިމު ވަގުތެވެ. އުތުރުން ޖެހެމުންއައި ސާފު ފިނި ވައިރޯޅިތަށް އެންމެ ފުރަތަމަވެސް އައިސް ބީހިލަނީ ގޮނޑުދޮށުގައި އިށީނދެލާގެންއިން އައިރާގެ ހަށިގަނޑުގައެވެ. ސިކުނޑީގައި އެނބުރެމުންދަނީ އެންމެ ހިޔާލެކެވެ. ހަމަ އެންމެ ވިސްނުމެކެވެ.
އުމުރުގެ މިހާހިސާބަށް އައިއިރު ދޮގެއް ހެދުނު ހަނދާނެއް ނުވެއެވެ. މަންމައާއި ބައްޕަ ދިން ފުރިހަމަ ތަރުބިއްޔަތުގައި އައިރާ ބޮޑުވަމުން އައީ ރަށުގެ ހުރިހާ ކުދިންނަށްވެސް މިސާލެއްގެ ގޮތުގައެވެ. ކިޔެވުމަށް އެހާ މޮޅު ކުއްޖެއް މުޅި ސުކޫލަކުވެސް ނެތެވެ. ގުރުއާން މުބާރާތެއް ބޭއްވިއަސް އެއްވަނަ ގެންދާނީ ހަމަ އައިރާއެވެ. އެހެންނަމަވެސް ހާލަތު ބަދަލުވީ ކީއްވެކަމެއް އައިރާއަކަށް ނޭނގެއެވެ.
ރޭގައި އައިރާއަށް ފުރަތަމަ ފަހަރަށް މީހަކު ކައިރީގައި ދޮގެއް ހެދުނެވެ. ހިތުގައި ފޮރުވިފައިވަނީ ކޮންމެ މަގުސަދެއް ކަމުގައިވިއަސް، އަދި ހަގީގަތަކީ ކިތަންމެ ހިތި އެއްޗެއް ކަމުގައިވިއަސް ދޮގެއް ވާނީ ދޮގަކަށެވެ. އެއަމަލު ލިޔެވިގެންދާނީ ވާތްފަރާތުގެ ކޮނޑުގައި ބޭއްވިފައިއޮތް ފަތުގައެވެ.
އެއީ ކޮން ޒުވާނެއްކަމެއް އައިރާއަކަށް ނޭނގެއެވެ. ކޮންތާކުން ކޮން މަގުސަދެއްގައި ކީއްކުރަން އައިސް އުޅޭ މީހެއް ކަމެއްވެސް އައިރާއަކަށް ނޭނގެއެވެ. ނަމަވެސް އިނގޭހާވެސް އެއްޗަކީ ފެންނަ ކޮންމެ ތާކުން އެ ޒުވާނާ އައިރާގެ ހިތް ޖަހައިގަނެގެން ގެންދަން އުޅޭފަދަ އިހުސާސެއް އައިރާއަށް ކުރެވޭކަމެވެ. އޭނާގެ ކޮންމެ ބަލާލުމަކުން އައިރާގެ މޭ ތެޅިލާއިރު ހިތުގައި އެތައް ކޫރެއް އެޅިގެންދާކަމެވެ.
އެއީ 2017 ވަނަ އަހަރުގެ މާރިޗު މަހެވެ. އައިރާ ތައުލީމު ހާސިލް ކުރަމުން ދިޔައީ ގްރޭޑް ނުވައެއްގައެވެ. އެޒުވާނާ އެންމެ ފުރަތަމަ ފެންނަންފެށީ އެދުވަސް ކޮޅެވެ. ދޮން މޫނަކާއި ލޯލިފަން ތުނބުޅިއެއް ލިބިފައިވާ އެޒުވާނާއަކީ އިސްކޮޅުން އެހާ ދިގުނޫން ހިމަކަށި ޖިންސުއްލަތީފެކެވެ. އުމުރުން އެހާ ދޮށިކަމަށް ބަލާބެލުމަށް ނުދެއްކިޔަސް، ހީވާގޮތުން އޭނާއަކީ ސުކޫލު ނިންމައިގެން ހުރި މީހެކެވެ.
ކޮންމެ ދުވަހަކުވެސް އޭނާ އައިރާ މެންގޭގެ ދޮރުމަތިން މަދުވެގެން ދެތިންފަހަރު ހުރަސްކުރެއެވެ. އޭނާ ދަނީ ކޮން ތަނަކަށް ކަމެއްވެސް އައިރާއަކަށް ނޭނގެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އޭނާ ހިނގާފައި ދާއިރު ހުންނަނީ އެކަންޔެވެ. ކައިރީގައި އެއްވެސް މީހަކު ނުހުރެއެވެ.
އައިރާގެ ހިތް މަޑުމަޑުން އެ ޒުވާނާއަށް ދެވެން ފެށީ އެހިސާބުންނެވެ. ކުޑަ ދުވަސްކޮޅަކު އެ ޒުވާނާ އެގޮތުގައި އެމަގު ހުރަސްކޮށް ކޮންމެ ދުވަހަކު ހިނގިއެވެ. މެދުކެނޑުމެއް ނެތިއެވެ. އޭނާ ފެންނަ ވަގުތު ކޮޅަކީ އައިރާ ކޮންމެ ދުވަހަކުވެސް އެންމެ އިންތިޒާރު ކުރާ ވަގުތު ކޮޅެވެ. ހިތަށް ފިނިކަން ގެނެސްދޭ ހިނދުކޮޅެވެ. ކޮންމެ ރެއަކު އައިރާ ނިދަނީވެސް ޖެހިގެން އަންނަ ދުވަހު އޭނާ ފެންނަން އުންމީދުކޮށްގެން ހުރެއެވެ. އަދި ފަތިހަށް ގޮވާ ފޯނުގެ އެލާމާއެކު ހޭލަނީވެސް އެ ޒުވާނާގެ ހަނދާނުން ހިތް ގުޑުގުޑު އަޅާލަމުންނެވެ. ބުނެދޭންވެސް ނޭނގޭ ތަފާތު އިހުސާސެކެވެ. ދޭނެ ނަމެއް، ބަޔާންކުރާނެ ގޮތެއް ނޭނގޭ އެ އިހުސާސްއާއި އެކުގައެވެ.
އެއަށްފަހު އޭނާ ގެއްލުނީއެވެ. އެއްގޮތަކަށްވެސް އޭނާ ނުފެންނަން ފެށިއެވެ. އާންމުކޮށް އައިރާއަށް އޭނާ ފެންނަ ދެ ވަގުތު ކަމުގައިވާ އައިރާ މެންދުރު ނަމާދާއި އަސުރު ނަމާދުކޮށް ނިންމައިގެން ގެއިން ނުކުންނަ ދެވަގުތުވެސް އޭނާ ނުފެނި އެއްކޮށް ގެއްލުނީއެވެ.
އައިރާއަށް އިހުސާސް ކުރެވުނީ މާޔުސްކަމެވެ. ހިތަށް ވާގޮތްތައް މީހަކާ ހިއްސާ ކުރަންވެސް ބޭނުންވިއެވެ. ނަމަވެސް ބުނާނީ ކާކު ކައިރީގައި ކަމެއް ނުވަތަ ބުނާނީ ކީކޭ ކަމެއްވެސް އައިރާއަކަށް ނޭނގުނެވެ. ހިތުގެ މި ނުކުޅެދުންތެރިކަމުގައި އައިރާގެ ނަފްސް ބަލިކަށިވީއެވެ.
މާގިނަ ދުވަސްތަކެއްނުވެ އަނެއްކާވެސް އޭނާ އެރަށަށް އައިސްފިއެވެ. އޭނާ އައިރާމެންގޭގެ މަގުން ހިނގަން ފެށިއެވެ. އޭނާ އެމަގުން ހިނގާއިރު އައިރާއަށް އިސްއުފުލާ ބަލާ ނުލިއެއްކަމަކު އޭނާ އައިރާގެ ކުރިމަތިން ހުރަސްކަނޑާފައި ދާއިރު އައިރާގެ ހިތް ތެޅިތެޅި ވަރުބަލިވެއެވެ. އައިރާގެ ހިތުން އޭނާއަށް އިންތިހާއަށް އެދެވެންފެށީ އެދުވަސްކޮޅެވެ. ކުރަންހުރި ހުރިހާކަމެއް ހުއްޓާލާފައިވެސް އޭނާ އެމަގުން ހުރަސްކުރޭތޯބަލަން އައިރާ ދޮރުމައްޗަށް ނުކުމެ ހުރެއެވެ.
ހިތް އެތައް ވާހަކައެއް މިހާރު އެބަގޮވައެވެ. ‘އެ ޒުވާނާގެ ނަޒަރަކަށް އެދެން. އެޒުވާނާއާ ހަތަރުކަޅި ހަމަކޮށްލަން ބޭނުން. އެޒުވާނާއާ ވާހަކަ ދައްކާލަން ބޭނުން. އެއީ ކޮންތާކުން އައިސް އުޅޭ ކީއްކުރާ މީހެއްތޯ ބަލަން ބޭނުން. އެޒުވާނާގެ ހިތަށް ވަންނަން ބޭނުން. އެ ޒުވާނާގެ ލޯބި ބޭނުން.’ ނަމަވެސް މިއިން އެއްކަމެއް ކުރަން އިސްނަގާނެހާ ހިތްވަރެއްވެސް އައިރާގެ ގަޔަކުއެއް ނެތެވެ. އައިރާގެ ހިތަށް ގިލަންވެރިކަން ވެރިވެ ދިރިއުޅުމުން މާޔޫސްވާން ފެށިއެވެ. ކޮޓަރިތެރޭގެ އާންމު އެކަނިވެރިކަމުގެ އިތުރަށް ކަރުނަޔަކީވެސް އައިރާގެ ބައިވެރިއަކަށް ވެއްޖެއެވެ.
ދޮގު ހަދަން މަޖުބޫރުވީ އެހިސާބުންނެވެ. ވަރަށް ހިތްވަރު ކުރެވިއްޖެއެވެ. އެ ޒުވާނާއަށްޓަކައި ހިތުގައި އުތުރެމުންދިޔަ އިހުސާސްތައް އޮއްބާލަން ކުރިމަސައްކަތް ނާކާމިޔާބުވުމުން އެވާހަކަ މީހަކާ ހިއްސާ ކުރަން އައިރާ ނިންމިއެވެ.
ރޭގައި އައިރާ ޓިއުޝަން ނިންމާފައި އެހެންކުދިން ނިކުމެގެން ދަންދެން މަޑުކޮށްލިއެވެ. އަދި އައިރާއަށް މިހާރު ކުރެވެމުންމިދާ އިހުސާސްތައް އައިރާ ހިއްސާ ކުރީ މިލްނާއްތައާއެވެ. އެއީ އައިރާއާއި ތިމާގެ މީހެކެވެ. ހަމައެހެންމެ އައިރާއަށް ޓިއުޝަން ނަގައިދޭ މުދައްރިސްއެވެ.
މަގުމަތިން ފެނުނު މީހަކަށް އެހާބޮޑަށް އައިރާގެ ހިތް އެދެން ފެށީއޭ ބުނުމުން ގަބޫލުކުރަން ދަތިވާނެހެން އައިރާއަށް ހީކުރެވުނެވެ. އެހެންކަމުން އައިރާ މިލްނާއްތަގެ ކައިރީގައި ބުނީ ކްލާސް ކުއްޖަކަށް ހިތް އެދޭ ވާހަކައެވެ. އެގޮތުންވެސް ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ.
ފުން ވިސްނުމަކުން އައިރާ ނެރެދިނީ ނަލަނަލަ ދޯދި ތަކާއެކު އަރައިގެންއައި އިރުގެ ހޫނު އެ ދޮން މޫނުގެ ހަންގަނޑަށް އިހުސާސް ކުރެވުމުންނެވެ. އައިރާ އިންތަނުން ތެދުވިއެވެ. އެނބުރި ގެއާދިމާލަށް ހިނގައިގަތުނެވެ. އަދިވެސް ހިތަށް އުނދަގޫ ކުރުވަނީ ހަމަ ރޭގައި ދެކެވުނު ވާހަކައެވެ. މިލްނާއްތައަށް ދޮގު ހެދުނީމައެވެ.
-ފުރަތަމަ އެޕިސޯޑް ނިމުނީ-