Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނުވާނަން ތަފާތެއް… 12

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
March 27, 2020 11 Mins Read
5 Comments

”މާދަން ހެނދުނު ދިހައެއް ޖަހާއިރަށް މިކޮޅަށް ދުރުވެވޭނެތޯ ކޮންޓްރެކްޓްގަ ސޮއިކޮށްލަން؟…”

ފޯނުގެ އަނެއްކޮޅުން ވިވިއަން ބުނެލި އަޑު މަލްސާއަށް އިވުނެވެ. އުފާވެރިކަން ހިތަށް ވެރިވެފައިވި މަލްސާއަށް ވަގުތުން ބޯޖަހާލެވުނެވެ. އެމަންޒަރު ދެކެން ވިވިއަން ގާތުގައި ނެތްކަން ހަނދާންވުމާއެކު ކުރެވީ މޮޔަކަމެއްކަން ހިތަށް އެރުމުން އަމިއްލަ ނަފުސަށް ހިނިތުންވެވުނެވެ. އަދި އަވަސްއަވަހަށް ވިވިއަންގެ ސުވާލަށް ޖަވާބު ދިނެވެ.

ފޯނުކޯލް ނިމުމުން ކަންފަތާއި ފޯނު ވަކިކޮށްލެވުނެވެ. އެނދަށް ހަށިގަނޑުގެ ބުރަހެލިކަން ދޫކޮށްލަމުން މުށުތެރޭގައި އޮތް ފޯނަށް ބަލަން މަލްސާއަށް އޮވެވުނެވެ. އޭރު އެތުންފަތުގައި ވަނީ ފުރިހަމަ ހިނިތުންވުމެކެވެ. ދެލޮލުގައި ވެސް ތަފާތު ވިދުވަރެއް ވިއެވެ. ޚިޔާލީ ދުނިޔެއެއްގައި ބަނދެވެމުން ދިޔަ މަލްސާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ޚިޔާލީ ދުނިޔެއިން ހޭލެވި ހަޤީޤަތާ ކުރިމަތިލާން ޖެހުނު މަލްސާ ކޮޓަރީގެ ދޮރާ ދިމާއަށް ބަލީލި ހިނދު އެތެރެއަށް ވަންނަނީ ގިޔާން އެވެ.

”މި އީކުއޭޝަން ހަދަން އެހީއެއް ވެވިދާނެތަ؟…” އަތުގައި އޮތް ހިސާބު ފޮތް ދައްކާލަމުން ގިޔާން އެދުނެވެ.

ގިޔާން ފެންނައިރަށް މަލްސާ އަވަސްއަވަހަށް އެނދުން ފޭބިއެވެ. މަލްސާއަށް ބަލާލި ގިޔާންއަށް ބުމަ އަރުވާލެވުނީ މަލްސާއަށް އައިސްފައިވި ކުއްލި ބަދަލު ދޭހަ ނުކުރެވިގެންނެވެ. ވާނުވާގެ ތެރޭގައި ވަނިކޮށް ވިދުވަރުގެ ހަލުވިމިނުގައި އައި މަލްސާ ގިޔާންގެ ގައިގައި ބައްދާލިއެވެ.

”ވައި އާރ ޔޫ އެކްޓިންގް ވިޔާރޑް؟…” ގިޔާންއަށް އަހާލެވުނެވެ.

”ގެސް ވަޓް؟…”

ގިޔާންއާއި ދުރަށް ޖެހިލަމުން މަލްސާ ވެސް ކޮށްލީ ސުވާލެކެވެ. އަދި ހަށަން ބަނދެލަމުން ގިޔާންއަށް ބަލާލީ ޖަވާބެއްގެ އިންތިޒާރުގައިވާ މީހަކު ފަދައިންނެވެ. ގިޔާން މަލްސާއަށް ފުން ނަޒަރަކުން ބަލާލަމުން ބޯކަހާލިއެވެ. އަދި ވިސްނާލިއެވެ. އޭނައަށް ޖަވާބު ދެވުމުގެ ކުރިން ކެތްތެރިކަން ކޮޅުންލައިގެން ދިޔަ މަލްސާ އޭނައަށް ވަޒީފާ ހަމަޖެހިއްޖެކަމުގެ އުފާވެރި ޚަބަރު ކޮއްކޮއާ ހިއްސާކުރިއެވެ. އެއާއެކު ދޮންތަގެ އުފަލުގައި ގިޔާން ބައިވެރިވިއެވެ. ގިޔާންގެ މޫނުމަތިން ވެސް އުފާވެރިކަން ފެނުނެވެ.

”މުސާރަވެސް އެހާ ރަގަޅު، އަދި އެތައް ބެނެފިޓެއް ވެސް ލިބޭ… ވަޒީފާއަށް ގޮސްގެން ސްޓޭބަލް ވީމަ ގިޔާ ގޮވައިގެން އެހެން ތަނަކަށް ބަދަލުވާނީ… އޭރުން ދޮންމަންމައަށް އަހަރެންގެ ފަރާތުން އުނދަގުލެއް ވެސް ނުޖެހޭނެތާ؟…” މުސްތަޤުބަލާ މެދު ކުރަމުން އައި އުއްމީދުތައް ގިޔާންއާއި މަލްސާ ހިއްސާކުރިއެވެ. އެއީ އޭނަ އަބަދުވެސް ކުރަން ބޭނުންވެފައި ހުރި ކަމެކެވެ. އަމިއްލަ ބޯހިޔާވެރިކަމެއްގެ ދަށަށް ކޮއްކޮ ގޮވައިގެން ދާށެވެ. އޭރުން އެމީހުންނާ ދިމާއަށް އަޑުލާނެ އަދި ރުޅި އަންނާނެ މީހަކުވެސް ނުހުންނާނެއެވެ. މިނިވަންކަމާއެކު ހަމަޖެހިލައިގެން ނޭވާ ލުމުގެ ފުރުސަތުވެސް ފައިވެގެން ދާނެއެވެ. ހަޔާތުގައި މަލްސާ އަބަދު ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނެކީ އެއީއެވެ.

*****

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔަ ވަގުތު ޢާއިލާގެ އެންމެންގެ ގާތުގައި ވަޒީފާ ހަމަޖެހިއްޖެކަމުގެ އުފާވެރި ޚަބަރު މަލްސާ ދިނެވެ. ކާމެޒު ދޮށުގައި ހެޔޮހިތަކާއިގެން އޭނަގެ އުފަލުގައި ބައިވެރިވާން އިނީ ހަމައެކަނި ގިޔާންކަން މަލްސާއަށް ފާގަކުރެވުނެވެ. ބައްޕަގެ ފަރާތުން ފެނުނު ފަރުވާކުޑަކަމުން މަލްސާ ދެރަ ވިއެވެ. އެހެނަސް އެއީ އޭނަ މިހާރު އާދަވެފައިވާ ކަމެކެވެ. މަލްސާއަށް ހަށިފުރާ ނޭވާއެއް ދިއްކޮށްލެވުނެވެ.

މަލްސާގެ  ޖުމްލަ ވެގެން ދިޔައީ ޖަމީލާއަށް ބިރުވެރި ޚަބަރެކެވެ. އެއާއެކު ޖަމީލާއަށް އޭނަގެ އަތުގައި އޮތް އުލާއި ސަމުސާ ތަށީގެ ތެރެއަށް ދޫކޮށްލެވުނެވެ. މަލްސާގެ ފަރާތުން ފެންނަމުން ދިޔަ އުފާވެރިކަން ފެނި އޭނަ ގާތަށް ރުޅިއެވެ. މޭނުބައިކުރާ ގޮތްވެ ކާހިތް ވެސް ކެނޑިއްޖެއެވެ. ނުރުހުމުގެ ނަޒަރަކުން ކާމޭޒު ދޮށުގައި އިން ނޫރާލްއަށް ޖަމީލާ ބަލާލިއެވެ. މަލްސާ ކުރިއަރައިގެންދާ އިރު އޭނަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ދިރިއުޅުން ވަނީ އަޑިއަޅާލާފައެވެ. އެކަމާހުރެ ޖަމީލާ ވަކިން ބޮޑަށް ރުޅި އައެވެ. ނަމަވެސް ހިތުތެރޭގައި ރާވާފައި އޮތް ނުބައި މުރާދު ހާސިލުކުރަން ބޭނުންވާތީ ދެއްކުންތެރި ކަމާއެކު ހިނިތުންވެލިއެވެ. އަދި މަތިއޮމާންކޮށްލަމުން މަލްސާގެ އުފަލުގައި ބައިވެރިވާ ކަމަށް ހެދުނެވެ. ހިތާހިތުން ލަސްތަކެއް ނުވެ މަލްސާގެ އުފާތަކަށް ވިހަލާނެކަމަށް އަމިއްލަ ނަފުސަށް ވަޢުދުވަމުންނެވެ.

”ހާދަ އުފާވެރި ޚަބަރެކޭ ތިދިނީ!، ކޮންތަނަކުންތަ ވަޒީފާ ހަމަޖެހުނީ؟…” ފެންތަށިން ކޯވަރެއް ބޯލަމުން އެތެރެހަށީގައި ހިފާފައިވި ރުޅީގެ ހޫނަށް ފިނިކަން ގެންނަން މަސައްކަތްކުރަމުން ޖަމީލާ ވާހަކަދެއްކިއެވެ.

”ޑަބްލިއު ކުންފުނިން!…” މަލްސާ ޖަވާބުގައި ބުނެލިއެވެ. އެއާއެކެ ޖަމީލާ އައިސްފައި ހުރި ރުޅި ގަދަވެގެން ދިޔައެވެ. އެއީ ރާއްޖޭގައި ނަން މަޝްހޫރު ކުންފުންޏަކަށް ވީތީއެވެ. ޓީވީއާއި ނޫސްތަކުގައި އަބަދުމެ އެކުންފުނީގެ ކުރިއެރުންތަކުގެ ޚަބަރުތައް ގެނެސްދޭނެއެވެ. އެހާ ހައިބަތު ހުރި ކުންފުންޏަކުން ވަޒީފާ ހަމަޖެހުމުން މަލްސާއަށް ނުލާހިކު ރަގަޅު އާމްދަނީއެއް ލިބޭނެއެވެ. އެފަދަ ނިޢުމަތެއް މަލްސާއަށް ލިބުމުން ޖަމީލާގެ މޭގަނޑުގައި ދިލަ ނަގަން ފެށިއެވެ. ދަތްކުނޑިވިކާލެވުނެވެ.

”ކޮން މަޤާމަކަށްތަ ދަނީ؟…” ހުރިހާ އިރު ހިމޭނުން އިން ހުސޭނު ސުވާލުކުރިއެވެ. އެއާއެކު މަލްސާއަށް ބަލާލެވުނީ އޭނަގެ ބައްޕައަށެވެ.

”ސެކްރެޓަރީއަކަށް…” މަލްސާ ބުނެލިއެވެ. ހުސޭނުގެ ފަރާތުން ލިބިދާނެ ޖަވާބަކާ މެދު މަލްސާގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ.

”ކީކޭ؟… މޮޅަށް ކިޔަވައިގެން ހުރެވެސް އެފަދަ މަޤާމަކަށް ނޫނީ ދާކަށް ނޭގުނީތަ؟…” ހުސޭނުގެ އަޑުގައި ހިތްހަމަނުޖެހުން ވިއެވެ. އޭނަގެ ނަޒަރުގައި އެއަށްވުރެން ރަގަޅު މަޤާމެއް ލިބުން މަލްސާއަށް ހައްޤެވެ. އެހާވެސް ރަގަޅަށް މަލްސާ ހުރީ ކިޔަވައިގެންނެވެ. އޭނަ ހިތްހަމަނުޖެހުނީ މަލްސާގެ ޤާބިލުކަމާއި އެކަށީގެންވާ ވަޒީފާއަކަށް ސެކްރެޓެރީއެއްގެ މަޤާމު ނުވާތީއެވެ. އެކަމުގެ ހިތްހަމަނުޖެހުން އޭނަ ފާޅުކުރިއެވެ.

”ބައްޕާ، އަހަރެން ވަރަށް ގިނަ ތަންތަނަށް ކުރިމަތިލީ ފަހުން ޖަވާބެއް މިލިބުނީ ވެސް… ވަޒީފާއެއް ނެތި ގޭގައި ހުރުމަށް ވުރެން އެމަޤާމު ވެސް މާ ރަގަޅު ވާނެ…” މަލްސާ ބުނެލިއެވެ.

”މަލްސާ އެބުނީ ދޮގު ވާހަކައެއް ނޫން، އެތަނުގައި ހުރެފައި އެހެން ތަނަކަށް ވެސް ފަހުން ކުރިމަތި ލެވިދާނެއެއްނު…” މަލްސާގެ އިތުބާރު އޭނައަށް ލިބެން ބޭނުންވެފައި ހުރި ޖަމީލާ އަވަސްއަވަހަށް މަލްސާގެ ވާހަކައަށް އެއްބާރުލުން ދެމުން ބުނެލިއެވެ. އެކަމުން މަލްސާއަށް ހައިރާންކަން ލިބުނެވެ. އޭނަ ހީކުރީ ޖަމީލާގެ ފަރާތުން ލިބޭނީ މަލާމާތުގެ ބަހެއް ކަމަށެވެ. ނަމަވެސް އޭނައަށް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ޖަމީލާއަށް އަންނަ ކުއްލި ބަދަލުތައް ދޭހަ ކުރުން މިހާރު މަލްސާއަށް ވެފައިވަނީ އުނދަގޫ ކަމަކަށެވެ. ގިޔާން އެދުނު ފަދައިން މިހާރު ޖަމީލާއާ މެދު ކުރިއަށް ވުރެން ބޮޑަށް ސަމާލުވާން އޭނަގެ ޒަމީރު އަބަދުމެ އިންޒާރު ދެއެވެ. އެގޮތް ނޭގޭ ބަދަލުތަކުގެ ފަހަތުގައި ކަމެއް ވަންހަނާ ވެފައި ވެދާނެތީއެވެ. ޝައްކުވާ ފަދަ ކަންކަން ވެސް ޖަމީލާގެ ފަރާތުން މިހާރަކަށް އައިސް ފެންނެއެވެ. ނަމަވެސް ނޭގެނީ ޖަމީލާގެ ހިތުގެ މުރާދެވެ.

”އެންމެ ރަގަޅު، މަލްސާ ބޭނުން ގޮތެއް ހަދާ……” ހުސޭނު ބުނެލިއެވެ. އެއާއެކު ހަމަޖެހުމުގެ ނޭވާއެއް މަލްސާއަށް ދޫކޮށްލެވުނެވެ. އަދި ހުސޭނުއާއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

*****

ދެ ހަފްތާއެއް ފަސް…

ހެނދުނެވެ. އުޑުމަތީގައި ވިއްސާރަ ވިލާތައް ބޯވަމުން ދިޔައެވެ. ހިނދަށްހިނދަކަށް ދުނިޔެމަތި ބަނަކުރަމުން ދިޔަ އިރު    އަންނަން އުޅޭ ތޫފާނުގެ އިންޒާރުތައް ދެމުން ދިޔައީ ބާރުވަމުން ދިޔަ ވައި ރޯޅިތަކުންނެވެ. ވިއްސާރަ އޮއްސާލުމުގެ ކުރިން މަންޒިލާ ހަމައަށް ދާން މަލްސާ ދިޔައީ ހަލުވި ފިޔަވަޅުތަކުގައެވެ. ވާރޭ ކަނި ޖަހަން ފެށީ އޭނައަށް އޮފީހާ ހިސާބަށް ދެވުނު ފަހުންނެވެ. އުޑަށް އަވަސް ނަޒަރެއް ދިން ހިނދު ދުނިޔެމަތި ވަނީ އިހުނަށްވުރެން ބަނަ ވެފައެވެ. ވަރޭ ވެހެން ފަށައިފިކަމުގައި ވަނީ ނަމަ މިއިން ޒަމާނަކު ވެސް ހުއްޓާލަފާނެ ހެނެއް ހިޔެއް ނުވެއެވެ.

މަލްސާ އޮފީހަށް ވަން ވަގުތަކީ ވިވިއަން ވެސް އޮފީހަށް ވަން ވަގުތެވެ. އުފާވެރި ހިނިތުންވުމަކާއެކު ވިވިއަންއަށް ދުވަހުގެ މަރުހަބާ މަލްސާ ކިޔާލިއެވެ. އަދި އެކުއެކީގައި ހިނގައިގަތީ ލިފްޓާއި ދިމާއަށެވެ. ފާއިތުވެ ދިޔަ ދެ ހަފްތާގެ މުހުލަތުގެ ތެރޭގައި ވިވިއަންގެ ފަރާތުން ވަޒީފާއާ ބެހޭ ގިނަ ކަންތައްތައް މަލްސާ ވަނީ ދަސްކޮށްފައެވެ. އައު ކަންތައްތައް ދަސްކުރުމަކީ މަލްސާ ނުހަނު ގަޔާވާ ކަމެކެވެ. ވަޒީފާއި ދެމި ހުންނަން ބޭނުން ވާތީ ހުރިހާ ކަމަކަށް ވެސް އޭނަ ޝައުޤުވެރިކަން ބަހައްޓައެވެ.

”މިއަދު މަލް އިނގޭ ހުރިހާ ކަމެއް ބަލަހައްޓާނީ، އަހަރެން ހުންނާނީ ބަލަން، މަލްގެ ވޯކް ޕްރޮގްރެސް ވަރަށް ރަގަޅު…” ލިފްޓަށް އަރަމުން ވިވިއަން ބުނެލިއެވެ. އޭރު ބޯކޮށް ވާރޭވެހެން ފެށި އަޑު ފަޒާގައި ގުގުމާލައިފިއެވެ.

ލިފްޓްގެ ދޮރު ލެއްޕުމުގެ ކުރިން ފެނުނީ ބާރު ހިނގުމެއްގައި އައި އަޝްކާން ލިފްޓަށް އެރިތަނެވެ. ވާރޭގެ އަސަރު ކޮންމެވެސް ވަރަކަށް އެމޫނުގައި ވިއިރު ބޮލުގެ އިސްތަށިގަނޑުގައި ވެސް ފެނުގެ ތެތްކަން އެކުލެވިގެން ވިއެވެ.

އަޝްކާން ފެންނައިރަށް ވިވިއަންއާއި މަލްސާއަށް އެކުއެކީގައި ދުވަހުގެ ތަހުނިޔާ ކިޔާލެވުނެވެ. މަލްސާމެންނަށް އަވަސް ނަޒަރެއް ދިން އަޝްކާން ހިނިތުންވެލިއެވެ.

ލިފްޓްގެ ދޮރު ހުޅުވެން ދެން މަލްސާގެ ނަޒަރު ހުއްޓިފައިވަނީ އަޝްކާން އަށެވެ. ހަފްތާއެއް ފާއިތުވެގެން ދިޔަ އިރުގައި ވެސް އަޝްކާން ފެނުމުން އޭނައަށް އަންނަ ބަދަލުތަކަށް ނިމުމެއް ނުވާ ކަހަލައެވެ. ގިނަ ފަހަރަށް ކައިރީގައި ހުންނަ މީހަކަށް ވެސް އޭނަގެ ހިތުގެ ވިންދު އަވަސްވެގެންދާ މިންވަރު ފާހަގަކުރެވިދާނެތީ އެކަމުގެ ނުތަނަވަސްކަން މަލްސާގެ ހިތުގައި އޮވެއެވެ. ވާހަކަދައްކާ އިރުގައި ވެސް މީހާ ފިނިވެއެވެ. އެބަދަލުތަކުން އަރައިގަނެވިދާނެބާއޭ މަލްސާގެ ހިތުގައި ސުވާލުއުފެދިފައި ވިއެވެ. ކުރީ ދުވަހެއްގައި އަޝްކާންގެ ތޫނުފިނި ނަޒަރު އޭނައަށް ހުއްޓުމުން ފައި އޮޅިގެން އޭނަ ނުވެއްޓުނީ ވެސް ކިރިޔާއެވެ. އެދުވަހު އޭނައަށް ބަލާލުމުގައި އަޝްކާންގެ ނަޒަރުގައި ތަފާތުކަމެއްވ އެކުލެވިގެންވިހެން މަލްސާއަށް ފާހަގަ ކުރެވުނެވެ. ނޫނީ އެއީ އޭނަ ދެކެމުންދާ ހުވެފެންތަކުގެ ސަބަބުން ލޮލަށް ދައްކާލި ބިލާހެކޭ ވެސް މަލްސާގެ ހިތަށް އެރިއެވެ. އޭނަ ފަދަ މެދުފަންތީގެ އާންމު އަންހެންކުއްޖަކަށް އަޝްކާން ބަލަންވީ ވެސް ކީއްވެގެން ހެއްޔެވެ؟ އަޝްކާންގެ އެންމެ އިޝަރާތަކުން ވެސް ފިދާވާން އޭނައަށް ވުރެން ރީތި، ފައިސާވެރި އަދި ޒަމާނަށް ފެތޭ އަންހެންކުދިން ތިބޭނެއެވެ. އެހުރިހާ ކުދިންތަކުގެ ތެރޭން ފުރޭނިގެން އައިސް އަޝްކާންގެ ސަމާލުކަން އޭނައަށް ހުއްޓުން އެއީ ވުން މުސްތަހީލުކަމެކެވެ. އެފަދަ ޚިޔާލުތައް ހިތަށް ވެރިވެގެން ދިއުމާއެކު ހިތްމަރުވެދާހެން މަލްސާއަށް ހީވެއެވެ. ލިބުން އަދި ހާސިލުވުމެއް ނެތް ފަރާތަށް އޭނަގެ ހިތް އެދޭތީއެވެ. ދުރުން ބަލައިގެން ހިތްހަމަޖައްސާލުން ނޫން އިތުރު އެއްވެސް ގޮތެއް އޭނައަކަށް ނެތެވެ.

ހަށިފުރާ ދޫކޮށްލި އުދާސްކަމުގެ ނޭވާއަށް ފަހު މަލްސާ އިސްތިރިކޮށްލިއެވެ.

ލިފްޓުން ނިކުމެވުމާއެކު އަޝްކާން ގޮސް ވަނީ އޭނަގެ ކެބިންއަށެވެ. ވިވިއަންއާއި އެކީގައި ދިޔަ މަލްސާ އިށީނީ އެމީހުނަށް ހާއްސަކުރެވިފައިވާ މޭޒުގައެވެ. އޭރުވެސް ވާރޭގެ ހިތްގައިމު އަޑު ލުއި މިޔުޒިކެއްގެ ސިފާގައި ފެތުރިފައިވިއެވެ. އިރުކޮޅެއް ފަހުން ގޮނޑިން ތެދުވި ވިވިއަން ގޮސް އެތާ ހުރި ކުޑަ ދޮރުތަކުގެ ފޮތިތައް ކަހާލިއެވެ. އެއާއެކު ތެތްފިނިކަން ސަވާރުވެފައިވި ބިއްލޫރިގަނޑުތަކަށް އޮހޮރެމުން ދިޔަ ވާރޭގެ ހިތްގައިމު މަންޒަރު ހާމަވެގެން ދިޔައެވެ. އެމަންޒަރު ބަލަން އިން މަލްސާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. މޫސުމުގެ ދުވަސްތަކުގެ ތެރޭން އޭނައަށް އެންމެ ހިތްގައިމީ ވާރޭވެހޭ ދުވަސްތަކެވެ.

”ބޮސްއަށް ދޭން ހެނދުނު ކޮފީ މިއަދު ތައްޔާރުކުރާނީ މަލް…” މަލްސާއަށް ބަލާލަމުން ވިވިއަން ބުނެލިއެވެ.

ވިވިއަންގެ މޭޒާއި ކައިރީގައި ކުޑަ ޓީ ރޫމެއް ހުރެއެވެ. އެތާނގައި ބޮޑު ކިޗެން ކެބިނެޓެއް ބަހައްޓާފައި ހުންނައިރު ތަފާތު ރަހަތަކުގެ ކޮފީ ތައްޔާރުކުރެވޭނެ ފަދަ ކޮފީ މެޝިނެއް ވެސް ހުރެއެވެ. ހަމައެއާއެކު އަޝްކާންއާއި ބައްދަލުކުރަން އަންނަ މެހެމާނުންނަށް ކޮފީ ގެނެސްދޭން ތަފާތު ޑިޒައިންތަކަށް ފަރުމާ ކުރެވިފައިވާ ތަބަކާއި، ކޮފީ މަގުތަކުގެ އިތުރުން ތަށިތައް ވެސް ހުރެއެވެ. އޭގެ އިތުރުން ތަށިތައް ދޮވެލަން ޒަމާނީ ސިންކެއްވެސް ހުރެއެވެ. އެއީ ކުޑަވަރެއްގެ ބަދިގެއެއް ކަހަލައެވެ. އެތަނުން ވެސް ފެންނަނީ މުއްސަނދިކަމެވެ. ފިލްމުތަކުން ފެންނަ ފަދަ ތަނަވަސްކަމެވެ. އެފަދަ ތަނެއް އޮފީހެއްގައި ހުއްޓާ މަލްސާއަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ.

ވިވިއަން އިރުޝާދު ދީފައިވާ ފަދައިން މަލްސާ ކޮފީ ތައްޔާރުކުރިއެވެ. އަދި ތަބަކަށް ކޮފީއާއި އިތުރަށް ބޭނުންވެދާނެ ސާމާނުތައް ހަމަކޮށްގެން މަލްސާ ގޮސް އަޝްކާންގެ ކެބިންގެ ދޮރުގައި ޓަކި ދިނެވެ. އޭގެ އިރުކޮޅެއް ފަހުން އަޝްކާންގެ އަޑު އިވުނެވެ.

މަލްސާ އެތެރެށް ވަން ވަގުތަކީ ކުޑަދޮރުކައިރީގައި ހުރި އަޝްކާން ދެޖީބަށް އަތްޖަހާލަމުން ފަސްއެނބުރި ބަލާލި ވަގުތެވެ. ގަމީހުގެ އަތުކުރި ވަނީ އެބާރުގަދަ މުލައްދަނޑިއާ ހަމައަށް އޮޅާލާފައެވެ. ވާރޭގެ ހަމަލާތައް އަމާޒުވަމުން ދިޔަ ކުޑަ ދޮރު ކައިރިން އަޝްކާން ފެނުމުން އިތުރު ހިތްގައިމުކަމެއް އެކުލެވިގެންވާ ހެން މަލްސާއަށް ހީވިއެވެ.

”މާޝާﷲ….” އަޝްކާންގެ ރީތިކަމާއި ފިރިހެންވަންތަކަން ހިތަށްވެރިވެގެން ދިއުމުން މަލްސާއަށް ހިތާހިތުން ބުނެލެވުނެވެ. އަދި އޭނަގެ ހިތުގެ މައްޗަށް ބާރުފޯރުވަމުން ކެބިންގައި ހުރި ސޯފާއާ ދިމާއަށް ހިނގައިގަތެވެ. ސޯފާ ކުރިމަތީ ހުރި ވަށް މޭޒުމަތީ އަތުގައި އޮތް ތަބައް ބަހައްޓަމުން ހިންދެމިލި މަލްސާ އަޝްކާންއަށް ބަލާލިއެވެ. އެހުރިހާ އިރުވަންދެން މަލްސާގެ ހަރަކާތްތަކަށް ބަލަން އަޝްކާން ހުރިކަން ފާހަގަ ކުރެވުނީ ދެނެވެ. އޭގެ ސަބަބުން މަލްސާގެ މެޔަށް ފިނިވިއެވެ. އަވަސްއަވަހަށް އަޝްކާންއާއި ނުތަނަވަސްކަމުގެ ހިނިތުންވުމެއް ބަދަލުކޮށްލެވުނެވެ. އެތޫނު ނަޒަރު ހުއްޓޭ ކޮންމެ ފަހަރަކު މީހާއަށް އެވާ ގޮތްތައް ބުނެދޭން މަލްސާއަށް ދައްޗެވެ. ނަފުސުގެ މައްޗަށް ބާރުފޯރުވުން އޭނައަށް ވަނީ ދަތި ކަމަކަށެވެ.

އެދެމެދަށް ވެރިވެފައިވި ބީރައްޓެހިކަމާއި ހަމަހިމޭންކަމުން މަލްސާއަށް އިތުރު ނުތަނަވަސްކަމެއް ގެނެސްދިނެވެ. އަވަސްއަވަހަށް އަދަބުއިހުތިރާމް އަދާކުރަމުން ކެބިން އިން ނިކުންނަން ހިނގައިގަނެވުނީ އެހެންވެއެވެ.

ހަލުވި ފިޔަވަޅުތަކެއްގައި ކެބިން އިން ނިކުންނަން ދިޔަ މަލްސާގެ ފައިނޯޅުނީ ވެސް ކިރިޔާއެވެ. އަވަސްއަވަހަށް ފިޔަވަޅުތަކަށް ސަމާލުވެގެން ގޮސް ހުޅުވާލި ދޮރުން މަލްސާ ބޭރަށް ދެމިގެން ފިއެވެ.

ހަށަން ބަނދެލަމުން މަލްސާ ނިކުމެގެން ދަންދެން ބަލަން އަޝްކާން ހުއްޓެވެ. އެއަށްފަހު އޭނައަށް ދެފަރާތަށް ބޯހޫރާލެވުނެވެ. މަލްސާއަށް އެއަންނަ ކުއްލި ބަދަލުތަކުން އޭނަ ހައިރާން ވެސް ވިއެވެ. ބައެއްފަހަރު ސުވާލު އުފެދެއެވެ. އަނެއްބައިފަހަރު ހިނިތުންވެވެއެވެ.

”ސްޓްރޭންޖް ގާރލް…” އަޝްކާންއަށް ހިތާހިތުން ބުނެވުނެވެ.

*****

ހަވީރުގެ ވަގުތެވެ. ވިވިއަން ފާޚަނާއަށް ދިއުމުން މަލްސާ އިނީ އެކަނިވެފައެވެ. ކަމެއް ނެތި ފޫހިވުމުން މަލްސާ ކޮމްޕިއުޓަރުން ދިވެހި ނޫހެއް ހުޅުވާލައިގެން އިނެވެ. ނޫސް ހާވަމުން ދަނިކޮށް ކަމުދާ ކަހަލަ ވާހަކައެއް ފެނުމުން ވާހަކައިގެ ދުނިޔެއަށް ގެއްލިފައި ވިއެވެ. އެހެން އިންދާ ސިއްސައިގެން ދިޔައީ ފިރިހެނަކު ކަރުކެހިލި އަޑަށެވެ. ސިއްސައިގެން ދިޔަ މަލްސާއަށް ހީވީ މޭގަނޑު އަނގަޔަށް އައިހެންނެވެ. ދެލޯބޮޑުކޮށްލަމުން އޭނައަށް އިސްއުފުލާލެވުނެވެ. އޭރު މޭޒުގައި ދެއަތް އަޅުވާލައިގެން އޭނައަށް ބަލަން ޒުވާނަކު ހުއްޓެވެ. މަލްސާއަށް ފުންމައިގެންފައި ގޮނޑިން ތެދުވެވުނެވެ. ކުރިމަތިން ފެންނަމުން ދިޔަ ޒުވާނާ ކޮންމެވެސް ތަނަކުން ފެނުނު ހަނދާނެއް މަލްސާ ވިއެވެ. ނަމަވެސް މީހާއަށް ލިބިފައިވި ނުތަނަވަސްކަމުގެ ސަބަބުން ވިސްނައިގަންނަން އުނދަގޫވިއެވެ.

މަލްސާއަށް އައިސްފައިވި ބަދަލުތަކުން އަޑުވީއްލާ ހެވިދާނެތީ ކައްޔިސްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ބިރުން ގޮސް މަލްސާގެ މޫނު ހުދުވެފައިވާ މަންޒަރު ފެނުމާއެކު ސަމާކަން ފިލައި ސީރިޔަސް ވިއެވެ. މަލްސާއާ މެދު ހަމްދަރުދީވެވުމުން  ކައްޔިސް މަޢާފަށް އެދެވުނެވެ.

”ސީމްސް ލައިކް އައި މެޓް ޔޫ ބިފޯރ، އާހ… އެދުވަހު ޝާންގެ ކެބިން އިން ނިކުމެގެން ދަނިކޮށް މުޑިއެރި ކުއްޖާ ދޯ ތީ؟، ސޯ އިޓް ސީމްސް ލައިކް ޔޫއާރ ދަ ރިޕްލޭސްމެންޓް ފޯރ ވިވިއަން… ހާއި!… އައެމް ކައްޔިސް، ބޭނުން ނަމަ ކިޔާ ކިޔަސް ރަގަޅުވާނެ، އަހަރެންމީ ޝާންގެ ބެސްޓް ފްރެންޑް، ވެލް އެއީ އިތުރު ފްރެންޑަކު ވެސް ހުރި މީހެއް ނޫން، އެހެންވީމަ ހުރި ހަމައެކަނި އެކުވެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެ، ޔޫ ނޯ، ޝާންގެ ސޯޝަލް ސްކިލްސް ނުހުންނާނެ އެހާ ރަގަޅަކަށް….. އެނީވޭސް އިޓް ވޯސް ނައިސް މީޓިންގް ޔޫ، އެންޑް ޔޫ އާރ؟…”

ދަތްދޮޅީގައި އަތްވިއްދާލަމުން މަލްސާއަށް ފުން ނަޒަރެއް ދިން ކައްޔިސް ވާހަކަދެއްކިއެވެ. އަޝްކާންއާއި ކައްޔިސްގެ މިޒާޖުގައި ހުރި ތަފާތު މަލްސާއަށް ފާހަގަ ކުރެވިގެން ދިޔައީ އެނދަޑިވަޅުގައެވެ. މިވީ ހަފްތާގެ ތެރޭގައި އޭނައާއި އަޝްކާންއާ ދެމެދު ދެކެވުނު ވާހަކަޔަށް ވުރެން އެންމެ މިނެޓެއްގެ ތެރޭގައި އޭނައާއި ކައްޔިސްއާ ދެމެދު ވާހަކަތައް ބަދަލުކުރެވިއްޖެއެވެ. ކައްޔިސްގެ ވާހަކަދެއްކުމުގެ ރާގުގައި ވެސް ވަނީ އެކުވެރިކަމެވެ.

ކައްޔިސް ހުރީ ނުރަސްމީ ހެދުމުގައެވެ. ޓީޝާޓަކާއި ޖިންސެއްލައިގެން ހުރިއިރު ކޮނޑުގައި ދަބަހެއްއަޅުވާފައި އޮތެވެ. ހީވާގޮތުން ކޮންމެވެސް ތަނަކަށް ދާން ނުވަތަ އައިސްގެން އުޅޭ ކަހަލައެވެ.

”މަލްސާ…” ހިނިތުންވުމަކާއެކު މަލްސާ ތަޢާރަފްވެލިއެވެ. އަދި ސަލާމަތް ކައްޔިސް ދިއްކޮށްލި އަތުގައި އޭނަ ހިފިއެވެ.

”މަލްސާ!…” މަލްސާގެ އަޑުގެ ދަށުން ކައްޔިސް ތަކުރާރުކޮށްލީ މަސްތުގައި ޖެހިފައިވާ މީހަކު ފަދައިންނެވެ. އޭގެ ސަބަބުން މަލްސާއަށް ހެވުނެވެ. ކައްޔިސްގެ މިޒާޖުންވެސް އެއީ ސަމާސާއަށް ލޯބިކުރާ ޒުވާނެއްކަން މަލްސާއަށް ދެނެގަނެވުނެވެ. މާކަ ގިނަ ވާހަތަކެއް ނުދެކެވުނަސް ބީރައްޓެހިކަމެއް އިހުސާސްނުކުރެވުނީ އެހެންވުމުންކަމަށް ވެދާނެއެވެ.

މަލްސާގެ އަޑުގެ ދަށުން ހުނުމުގައި ކައްޔިސްއަށް ވެސް ބައިވެރި ވެވުނެވެ.

”ވަރަށް ރީތި ހިނިތުންވުމެއް…” މަލްސާއަށް ބަލާލަމުން ކައްޔިސް ބުނެލިއެވެ. ”އަބަދުވެސް ހިނިތުންވާތި، އިޓް މޭކްސް ޔޫ މޯރ ބިއުޓިފުލް…”

ބޭރުތެރޭން ހުނުމުގެ އަޑުއިވުމުން އަޝްކާން ކެބިން އިން ނިކުތެވެ. ކައްޔިސް ނުހަނު ގަޔާވެފައި މަލްސާއާއި ވާހަކަދައްކަން ހުރި ތަން އަޝްކާންއަށް ފެނުނެވެ. ހަމައެއާއެކު މަލްސާގެ ތުންފަތުގައިވި ފުރިހަމަ ހިނިތުންވުން ވެސް އޭނައަށް ފާހަގަކުރެވުނެވެ. އޭގެ ސަބަބުން ހައިރާންކަން ލިބުނެވެ.

ކީއްވެގެންކަމެއް އަޝްކާންއަކަށް ނޭގުނެވެ. އޭނައަށް ކައްޔިސްއާއި މަލްސާގެ ގާތަށް ދިއުމަށް ހިނގައިގަނެވިއްޖެއެވެ.

”ކޮން އިރެއް ކިޔާ އަންނާނެ އިރެއްގެ އިންތިޒާރުގައި ހުންނަތާ؟، ލަސްވާނެ ނަމަ ގުޅާފަ ބުނެލެވިދާނެ ދޯ…” އަޝްކާންގެ އަޑަށް ދެޒުވާނުންވެސް ވާހަކަތައް މެދުކަނޑާލަމުން އަޝްކާންއަށް ބަލާލިއެވެ.

”އައި މިސްޑް ޔޫ ޓޫ!، ފްލައިޓުން ފޭބި ގޮތަށް މިއައީ، އެހެންނޫނަސް ވެހޭ ވާރޭގެ ތެރޭގަ އަންނަން އުނދަގޫވާނެ ދޯ… އަހަރެންގެ ކާރަށް މައްސަލައެއް ދިމާވެގެން އެންމެފަހުން އަންނަން ޖެހުނީ ވެސް ރައްޓެއްސަކާ އެކުގައި…” ކައްޔިސް ބުނެލިއެވެ. އޭރު އަޝްކާން އައިސް އޭނަ ގާތަށް ހުއްޓެނީއެވެ.

”މިތާ ވާހަކަދައްކަން ހުރުމަށް ވުރެން ކެބިންއަށް އައުން މުހިންމެއް ނުވިތަ؟، ފުރަތަމަ ވެސް ބުނިން ދޯ މުހިންމު ކަމެއްގަޔޭ އަންނަން ބުނީ…” ފަޓުލޫނުގެ ޖީބަށް އަތްޖަހާލަމުން އަޝްކާން ބުނެލިއެވެ. އޭނަގެ ނަޒަރު ކައްޔިސްއަށް ހުއްޓުމުގެ ކުރިން ފުރަތަމަ ދަތުރުކުރީ މަލްސާ އަށެވެ. މަލްސާގެ މޫނުމަތިން އިރުކޮޅެއް ކުރިން ފެންނަން ހުރި އުފާވެރިކަން ފަނޑުވެ ސީރިޔަސްކަން ވެރިވެފައިވާތަން އަޝްކާންއަށް ފެނުނެވެ. އޭނަގެ ހާޒިރުގައި އެއީ އަބަދުމެ މަލްސާގެ ފަރާތުން ފެންނަ ސިފަތަކެވެ. ނުތަނަވަސްކަމާއި ހާސްކަމެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

”ހޫނ ފެށީ ދޯ… އަހަރެން ކުޑައިރުކޮޅަކަށް މަލްސާއާއި ވާހަކަދައްކާލަން މަޑުކުރީޔޭ، މިހާރު މިހިރީ ޝާންއަށް ވަގުތު ދީގެން، ހިލޭ މީހަކަށް ފެނިއްޖެއްޔާ ހީވާނީ ތީ އަހަރެންގެ ކޮންޓްރޯލިންގް ބޯއިފްރެންޑް ހެން… ސީރިޔަސްލީ!…” މަލްސާއަށް ވަދާއުގެ ހިނިތުންވުމެއް ދެމުން ކައްޔިސް ބުނެލިއެވެ. އަދި އަޝްކާން ކޮނޑަށް އަތް ވައްޓާލަމުން ކެބިންއާއި ދިމާއަށް ހިނގައިގަތެވެ. މަލްސާއަށް އަވަސް ނަޒަރެއް ދިން އަޝްކާން ކައްޔިސްއާއެކު ހިނގައިގަތެވެ.

*****

”ހާދަ ރީތިކުއްޖެކޭ މިފަހަރަކު ތި ނެގީ، މަލްސާއަށް އުނދަގޫ ނުޖައްސައްޗޭ!… އެހާ އިނޮސެންޓް ކުއްޖަކަށް ބުރަ މައްސަކަތް ޖައްސާކަށް ވެސް ނުވާނެ!…” ކެބިންއަށް ވަންނަމުން ކައްޔިސް ބުނެލިއެވެ. އެއާއެކު ހިތްހަމަނުޖެހެމުގެ ނަޒަރަކުން އަޝްކާން ބަލާލިއެވެ. މާގިނައިން ކައްޔިސް މަލްސާގެ ވާހަކަދެއްކުމުން އަޝްކާންއަށް ކަމަކުނުދިޔައެވެ.

”ފައިން…” އަޝްކާންގެ ބެލުމުގައިވި ނުރުހުންތެރިކަމުން ކައްޔިސް އަމާންކަން ދިނެވެ. އަޝްކާންއަށް އައި ކުއްލި ބަދަލުން އޭނައަށް ހައިރާންކަން ވެސް ލިބުނެވެ.

ކައްޔިސް އަޝްކާންއާއެކުގައި ގޮސް ސޯފާގައި އިށީނެވެ.

އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ކައްޔިސްގެ އެހީ ބޭނުންވަނީ ކޮންކަމެއްގައިކަން އަޝްކާން ހާމަކުރިއެވެ. ކައްޔިސްއަކީ ނަފުސާނީ ޑޮކްޓަރަކަށް ވުމުން ދިމްނާގެ ނަފުސާނީ ދުޅަހެޔޮކަމާ މެދުގައި ވެފައި ހުރި ކަންބޮޑުވުންތަކާއި، އެހީވެވޭނެ ގޮތްތަކާ މެދުގައި މަޝްވަރާ ކުރަން ބޭނުންވީއެވެ. ހިލޭ މީހެއްގެ ގާތަށް ފަރުވާއަށް ދިއުމަށް ވުރެން އެންމެ ބޮޑަށް އިތުބާރުކުރެވޭ އެކުވެރިޔާގެ ފަރާތުން ދޮންތައަށް ފަރުވާ ލިބެން އަޝްކާން ބޭނުން ވިއެވެ. ހަމައެއާއެކު ހުރިހާ ގޮތަކުން ވެސް އޭނަގެ ދޮންތައަށް އުސައިދު ފަރާތުން ލިބިފައިވި އަނިޔާތަކާއި ވޭން ފަސޭހަކޮށްދޭން އަޝްކާން ބޭނުން ވިއެވެ. މަދަދުވެރިވުމުގެ ގޮތުން އޭނައަށް ކޮށްދެވެން މިހާރު އޮތް ހަމައެކަނި ކަމަކީ އެއީއެވެ. އެތައް ފަހަރެއްގެ މަތިން ވިސްނައިދީގެން ވެސް އުސައިދުއާއި މެދު ޤާނޫނީ ފިޔަވަޅުއަޅަން ދިމްނާ ވަނީ އިންކާރުކޮށްފައެވެ. ޢާއިލާގެ ތެރޭގައި ހިލިގެންދާނެ މައްސަލަތަކުގެ މައްޗަށް ވިސްނާފައެވެ. އެކަމާ ހުރެވެސް އަޝްކާން ރުޅިއައެވެ. އަމިއްލަ ނަފުސަށްވުރެން ބޮޑަށް އެހެންމީހުންނާ މެދު ދިމްނާ މާބޮޑަށް ވިސްނާތީއެވެ.

އަޝްކާންގެ ވާހަކަތައް ނިމުމުން އިރުކޮޅެއް ވަންދެން ވިސްނަން ކައްޔިސްއަށް ހުރެވުނެވެ. ދިމްނާގެ ވޭނުން ފުރިގެންވި ދިރިއުޅުން ހާމަވެގެން ދިއުމުން އޭނަ ހުރީ ދެރަވެފައެވެ. ހިތުގައި ޖެހިފައެވެ. އެހީ ވާން ބޭނުން ވެފައެވެ.

އަޝްކާންއާއި ކައްޔިސްގެ ދެމެދުގައި މަޝްވަރާތަކެއް ކުރެވުނެވެ. އެންމެ ފުރަތަމަވެސް ކައްޔިސް ދިން ލަފާ އަކީ އުސައިދުގެ ގާތުން ދިމްނާ ވަރިވުމެވެ. އޭރުން އައު ހަޔާތަކާއި ކުރިމަތިލުމަށް އުއްމީދާއި ހިތްވަރު ލިބިގެން ދާނެތީއެވެ.

*****

އޮފީސް ނިމުމުން މަލްސާ ބޭރަށް ނިކުތް އިރު ބޯކޮށް ވާރޭވެހެމުން ދިޔައެވެ. ވިވިއަން ރައްޓެހިވެގެން އުޅޭ ލޯބިވެރިޔާ ވިވިއަން ބަލާ އައުމުން މަލްސާ އެކަނި ވިއެވެ. ކުޑައެއްވެސް ނުލާ އާދެވުމުން ގެއަށް ދާނެ ގޮތެއް ނޭގި މަލްސާ ހުރީ އޮފީހުގައި ތާށިވެފައެވެ. މަގުން ދާ ޓެކްސީއެއް ވެސް ލިބޭ ގޮތެއް ނުވިއެވެ. ވާރެއާ ތެމިގެން ގޮސްފިނަމަ ބަލިވެދާނެތީ މަލްސާ ހުރީ ގޮތް ހުސްވެފައެވެ. އެހެން ހުއްޓާ އަޝްކާންއާއި ކައްޔިސް ނިކުތްތަން މަލްސާއަށް ފެނުނެވެ. އޭރުވެސް ދުއްވާއެއްޗެއް އަތުޖެހޭތޯ މަލްސާ މަސައްކަތްކުރަމުން ދިޔަ އެވެ. އެކަން ފާހަގަވި ކައްޔިސް ހިނގައިގަތީ މަލްސާ ކައިރިއަށް ދިއުމަށެވެ.

”ކީއްކުރަން ތިއުޅެނީ؟…” މަލްސާ ގާތަށް ދާން އުޅުނު ކައްޔިސްއާ އަޝްކާންއަށް ސުވާލުކުރިއެވެ.

”ކިހިނެއްވީ؟…” ކައްޔިސްއަށް ވެސް ކޮށްލެވުނީ ސުވާލެކެވެ. ”މިދަނީ އަހަރުމެންނާއެކު އަންނަން މަލްސާ ގާތު ބުނަން، އެހެން ހުއްޓާ ރޭވެގެން ދާއިރުގައި ވެސް ދުއްވާ އެއްޗެއް ނުލިބޭނެ، އަނެއްކޮޅުން ވާރޭ ހުއްޓާލާނެހެނެއް ވެސް ހިޔެއް ނުވޭ…”

އަޝްކާންގެ އިތުރު ވާހަކައަކަށް މަޑުކުރުމެއް ނެތި ކައްޔިސް ކުރިއަށް ހިނގައިގަތެވެ. އިތުރަށް ކައްޔިސްއަށް މަނާ ކުރާކަށް ވެސް އަޝްކާން ބޭނުމެއް ނުވިއެވެ. ޖީބަށް އަތްޖަހާލައިގެން ހުރީ މަލްސާ ގޮވައިގެން ކައްޔިސް އަންނަން ދެކަށެވެ.

”އަހަރުމެންނާ އެކީގަ ދާން ވީ އެއްނު…” މަލްސާ ގާތަށް ހުއްޓެމުން ކައްޔިސް ބުނެލިއެވެ. އެވަގުތަކީ ގުގުރީގެ އަޑު ފަޒާގެ ތެރެއަށް ފެތުރުނު ވަގުތު ވެސް މެއެވެ. ސިހުން ގެނުވި އެއަޑަށް މަލްސާ ބިރުގަތެވެ. ހިތުގެ ތެޅުން ހަމައަކަށް އަޅުވަމުން ކައްޔިސްގެ ހުށަހެޅުމާ މަލްސާއަށް ދެކޮޅު ހަދާލެވުނެވެ. އޭރު އޮފީހުގެ އިތުރު މުވައްޒަފުންތައް ވެސް މަޑުކޮށްގެން ތިބިކަން މަލްސާއަށް ފާހަގަ ވިއެވެ. ވެރިމީހާގެ ކާރުގައި އޭނަ ދިއުމުން މީހުން ހީކޮށްފާނެ އެއްޗަކާ މެދު މަލްސާ ފިކުރުބޮޑުވިއެވެ. ވާހަކަ އެނބުރުމަކީ އާކަމެއް ނޫން ވިއްޔާއެވެ.

މަލްސާ ނުތަނަވަސްކަމާއެކު މާހައުލަށް ދިން ނަޒަރު ކައްޔިސްއަށް ފާހަގަކުރެވުނެވެ. އެއާއެކު ދެފަރާތަށް ބޯހޫރާލަމުން އޭނަ ހިނިތުންވެލިއެވެ.

”މީހުން ބުނާ އެއްޗަކަށް އަބަދު ވިސްނާކަށް ނުވާނެ، އެހެންނޫނީ އަބަދު ހުންނާނީ އެއްތަނެއްގައި ތާށިވެފައި…” ކައްޔިސް ބުނެލިއެވެ. ”ރޭގަނޑު ވާއިރުވެސް ތިހެން ހުންނަން ކަންނޭގެ ޖެހޭނީ… ވާރޭގަ ތެމިއްޖެޔާ ފަހަރެއްގައި ބަލިވެދާނެ، ޝާން ވެސް ދެކޮޅެއް ނަހަދާނެ މަލްސާ އަހަރުމެންނާ އެކީގައި ދާން… ޔޫ ހޭވް ނަތިންގް ޓު ފިއާރ ފްރޮމް އަސް، ޔަޤީނުން ވެސް ރައްކާތެރިކަމާއެކު މަލްސާ ދާން ބޭނުންވާ މަންޒިލާ ހަމައަށް ގެންގޮސް ދޭނަން!…” ޖިންސުގެ ޖީބަށް އަތް ޖަހާލަމުން ކައްޔިސް ބުނެލިއެވެ. އިރުކޮޅެއް ވަންދެން ކައްޔިސްގެ ހުށަހެޅުމާއި މެދު މަލްސާ ވިސްނާލިއެވެ. އެންމެފަހުން މަލްސާ ދާން ޤަބޫލުވީ ހުރިހާ މުވައްޒަފުން ވާރެއާ ތެމިގެން ވިޔަސް ހެޔޮކަމަށް އެތަނުން ދިޔަ ފަހުންނެވެ. އެއާއެކު ލުއިފިޔަވަޅުތަކެއްގައި ކައްޔިސްގެ ފަހަތުން މަލްސާ ހިނގައިގަތެވެ.

*****

ކާރަށް އެރުމާއެކު މަލްސާއަށް ވަރަށް ފިނިވިއެވެ. އޭސީގެ ފިނިކަން ގަދަޔަށް ހިފާފައި ހުރުމުން ކާރުތެރޭ ހީވަނީ ފިނިގަނޑެއް ހެންނެވެ. ހަށަންބަނދެލެވުނީ ހަށިގަނޑަށް ވެރިވި ފިނިކަމުގެ ސަބަބުންނެވެ. ކާރުގެ ކުރީގައި ހުރި ލޯގަނޑުން މަލްސާއަށް އަޝްކާން ބަލާލިއެވެ. މަލްސާއަށް ފިނިވެފައި އިންކަން ރޭކާލި އަޝްކާން އޭސީ ނިއްވާލިއެވެ. އަދި ކާރު ދުއްވާލިއެވެ.

އަޝްކާންގެ ފަރާތުން ހިމޭންކަން ފެނުނު އިރު ވާހަކަތައް ބަދަލުކުރެވެމުން ދިޔައީ ކައްޔިސްއާއި މަލްސާއާ ދެމެދުގައެވެ. މަންޒިލާ ހަމައަށް ދެވެންދެން އެތައް ވާހަކައެއް ދެކެވުނެވެ. މަލްސާއަށް އިރުއިރުކޮޅާ އަޝްކާންއަށް ބަލާލެވެނީ އަޝްކާން ވާހަކަދައްކަފާނެ ކަމުގެ އުއްމީދުގައެވެ. އެކަން ފާހަގަ ކުރެވުނު ހަމައެކަނި ފަރާތަކީ ކައްޔިސްއެވެ. އެއާއެކު އަޝްކާންއަށް ބަލާލަމުން އޭނަ ދެފަރާތަށް ބޯހޫރާލިއެވެ.

”މި އާދެވުނީ…” މަގު ކިޔައިދެމުން ގެއާ ހަމައަށް އާދެވުމާއެކު މަލްސާ ބުނެލިއެވެ. އަދި ޝުކުރު އަދާކުރަމުން ކާރުން ފޭބިއެވެ. މަލްސާ ހީކުރީ އޭނަ ދިރުއުޅޭ ހިސާބާއި ގެއާ ބެހޭ ގޮތުން ކައްޔިސްމެން ދިމާކުރުމުގެ އެއްޗެއް ބުނާނެ ކަމަށެވެ. ނަމަވެސް އެހެން ނުވުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. މުއްސަނދި އަދި ފަގީރުކަން އަޅާކިޔުމާއި ބޮޑާކަން އެދެޒުވާނުންގެ ފަރާތުން މަލްސާއަކަށް ނުފެނުނެވެ. އަޝްކާންގެ އެސިފައާއި މަލްސާ ގަޔާ ވިއެވެ.

”އައި ފީލް ޕިޓީ ފޯރ ޔޫ!…” މަލްސާ ކާރުން ފައިބައިގެން ގޮސް ގެއަށް ވަން މަންޒަރު ބަލަން އިން ކައްޔިސް އަޝްކާންއަށް ބަލާލަމުން ބުނެލިއެވެ. ކައްޔިސްގެ ޖުމްލައިގެ މާނަ އަޝްކާންއަކަށް ނުވިސްނުނެވެ.

”މިހާރު ކިހިނެއް ވީ…” ކާރު ދުއްވާލަމުގެ ކުރިން މަލްސާ ދިރުއުޅޭ އިމާރަތަށް ފަރުވާތެރިކަމާއެކު އަޝްކާން ބަލާލިއެވެ.

”ޔޫ ވިލް ލިވް އެންޑް ޑައި އެލޯން…” ކައްޔިސް ހަމްދަރުދީގެ ރާގަކަށް ބުނެލިއެވެ.

”މަށަށް ކިޔާ ތިބުނާ އެއްވެސް އެއްޗެއް ނުވިސްނޭ، ޔޫ އާރ ޓޯކިންގް އިން ރިޑްލްސް…” އަޝްކާން މަގަށް ސަމާލުކަން ދެމުން ބުނެލިއެވެ.

ދެފަރާތަށް ބޯހޫރާލި ކައްޔިސް އިތުރު އެއްޗެއް ނުބުންޏެވެ.

*****

ބެލްކަނީގައި ބަނޑު އަޅައިގެން މަގުން ކުރިއަށް ދިޔަ ކާރަން ބަލަން ޖަމީލާ އޮތެވެ. ކާރަށް ބަލާލުމުން ވެސް އެއީ މާލޭގެ މުއްސަނދިން ދުއްވާ ބްރޭންޑެޑް ކާރެއްކަން ޖަމީލާއަށް ނަގައިގަނެވުނެވެ. ވިސްނައިނުގަނެވުނީ އެފަދަ ހައިބަތު ހުރި ކާރެއްގައި މަލްސާ އަންނަން ޖެހުނު ސަބަބެވެ. މަގު އަނދިރިވެފައިވުމުން އެތެރޭގައި ތިބި ބަޔަކު ޖަމީލާއަކަށް ނުފެނުނެވެ. ފާޑެއްގެ ފޫހިކަމެއް އޭނަގެ ހިތުގައި އުފެދުނެވެ. އެންމެފަހުން އެކާރަކަށް ސަމާލުކަން ދޭން ހަދައިގެން ވާރެއާ ތެމުމުން އެކަމުގެ ރުޅިވެރިކަން ވެސް އޭނަ ހިތާހިތުން އަމާޒުކޮށްލީ މަލްސާ އަށެވެ. ހީވީ އެކުމައި ކުށްވެރިވީ މަލްސާ ހެންނެވެ.

”އެކާކުތަ؟… މަލްސާ އެކާރުގަ އައީ ކީއްވެގެންތަ؟… ކޮންފަދަ ބޮޑު އުނދަގުލެއް، މި އަންހެން އެއްޗަކާ ހެދި ހުވާ ހާދަ ރުޅިއެއް ގަދަ ވެޔޭ…” ތުންފަތް އަނބުރާލަމުން ޖަމީލާ ހިތާހިތުން ބުނެލިއެވެ. ”އެވަޒީފާއަކަށް ދާން ފެށި ފަހުން ވަކިން ފޮނި ބޮޑުވެފަ އެހުންނަނީ، އެނެއްކާ މުއްސަނދި މީހަކު އަތު އަޅުވާލީތަ؟… އެކަމަކު އޭނައަށް އެހާ ރީތި ޝުއައިބު ކަމަކު ނުދިޔަ، ކާކު ދެކެބާ އޭނައްކާ ގަޔާވެގެން މިއުޅެނީ؟….”

*****

ގެއަށް ދިއުމުގެ ކުރިން އަޝްކާންއާއި ކައްޔިސް ދިޔައީ ކޮފީއެއް ބޯން ކެފޭ އަކަށެވެ. އެއީ ގިނަ ބައެއްގެ މެދުގައި މަޝްހޫރު ތަނެކެވެ. ދެޒުވާނުން އެތެރެއަށް ވަންނަން ދިޔަ ވަގުތު ކެފޭގެ ދޮރު ހުޅުވާލާފައި ނިކުތީ އުސައިދުއެވެ. އުސައިއާއި އެކުގައި ހުރި އަންހެންކުއްޖާއަށް އަޝްކާންގެ ސަމާލުކަން ހުއްޓުނެވެ. ވަރުގެ ކޮޅަށް ނަލަހެދިލައިގެން ހުރިއިރު ލައިގެން ހުރި ކުރު ހެދުމުން ކިރިޔާ ބުޑު ނިވާވާކަމެވެ. އެމީހުން ފެންނައިރަށް އެއަންހެންކުއްޖާއާއި ދުރަށް އުސައިދު ޖެހިލި ގޮތުން އެދެމެދުގައި ވަނީ ސަހަލު ގުޅުމެއް ނޫންކަން އެނގޭހާ ވެއެވެ.

”ހޭއި ޝާން، މީ އަހަރެންގެ ލޯޔާރ ތާރާ……” މަތިއޮމާންކޮށްލަން އުސައިދު ދޮގެއް ހަދާލިއެވެ. ތާރާއަށް ވެސް ކަމެއް ފަހުމުވެގެން އުސައިދުގެ ދޮގުގައި ބައިވެރިވިއެވެ. ބޭރުތެރޭގައި އުޅޭއިރު އެދެމެދުގައި އޮންނަ ގުޅުން ލޯތަކަށް ސިއްރުކުރަން އުސައިދު އަބަދުމެ މަސައްކަތްކުރެއެވެ. ނަމަވެސް ހަތަރުފާރުތެރޭގައި އެކަނިވުމުން ލޯބި ނޫން އެހެން އެއްޗެއް އުސައިދުގެ ފަރާތުން އޭނައަށް ނުލިބެއެވެ. ފައިސާއާއި އަގުހުރި ސާމާނުތައް ބުނި ވަރަކަށް ލިބޭތީ އުސައިދު އެދުނު ގޮތަކަށް ތާރާ ކަންތައް ކުރެއެވެ. އުސައިދު ކައިވެންޏެއް ކޮށްގެން އުޅޭކަން ވެސް އޭނައަށް އެނގެއެވެ. ނަމަވެސް އޭނަގެ ހިތުގެ ހުރިހާ މުރާދެއް ހާސިލުވާތީ ތާރާ ހުންނަނީ ހުރިހާކަމެއް ވަރިހަމަ ވެގެންނެވެ. ބޮޑެތި ފާފަތަކަށް އަރައިގަންނަނީ ޖެހިލުމެއް އަދި ބިރެއް ނެތިއެވެ.

”އަހަރެން ދަނީ…” އަޝްކާންގެ ފަރާތުން ފެނުނު ރުޅިވެރިކަމުން ތާރާ ގަތީ އަމަށަކު ބިރެއް ނޫނެވެ. އަވަސްއަވަހަށް އެތަނުން ދާން ބޭނުންވީ އެހެންވެއެވެ. ތާރާ ދިއުމުން އުސައިދު ހިނިތުންވުމަކާއެކު ވާހަކަދައްކަން ފެށިއެވެ.

”ދޮންތަ ކިހިނެއްތަ؟…” އުސައިދު އަހާލިއެވެ.

(ނުނިމޭ)

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އިޙްނާ (3)

Next

ވާނަމޭ އުމުރަށް އެކީ ޖާނާ 2

Next
March 27, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 2

Previews
March 27, 2020

އިޙްނާ (3)

5 Comments!

  1. Nowaa says:
    March 27, 2020 at 11:15 am

    Mi bai vess salhi??

  2. Fathun says:
    March 27, 2020 at 11:54 am

    Kais akee lawyer eh kamah kuree ge episode ga inee. Mihaaru doctor akah badhaluvee kihineh??

  3. imkko says:
    March 27, 2020 at 1:48 pm

    Maasha allah … mi baives v reethi …. keep it up …. curiously waiting for next part ❤❤❤

  4. Yan♥️ says:
    March 27, 2020 at 4:33 pm

    Varah reethi Masha Allah

  5. Anonymous says:
    March 27, 2020 at 4:38 pm

    Vivian ge husband ehnu hunnan jeheyny aslu

Comments are closed.


All Right Reserved!