Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ފާޙަނާ – 3

Cheen Level 1
February 17, 2020 5 Mins Read
8 Comments

އަންހެން އަޑެކެވެ. ކުރިން އަޑުއިވިފައި ހުރި އަޑެކެވެ. ދޮރު ހުޅުވާލުމުން ކުރިމަތީގައި ހުރި ނައިރާ ފެނި އަހަރެން ހައިރާންވިއެވެ.

“ނައިރާ؟…”

ނައިރާ ރަކި ގޮތަކަށް ހީލިއެވެ. އެވަގުތު އޭނާގެ ކޮލަށް އެޅުނު އަޑިކޮޅު ފެނިފައި އަހަރެންގެ ދެލޯ އިހުނަށްވުރެ ބޮޑުވިއެވެ.

“ހެނދުނުގެ ނާސްތާ ހެދީ އެންމެނަށް ވާ ވަރަށް.. އެހެން ވީމަ ފިރާއަށް ގޮވާލަން މިއައީ..”

މަޑުމައިތިރި އަންހެންވަންތަ އަޑަކުން ނައިރާ ވާހަކަ ދެއްކިއެވެ. ގައިގެ ބައްޓަމަށް ފަހާފައި އިން ނަރުސް ޔުނީފޯމުން ނައިރާގެ ހަށިގަނޑުގެ ފުރިހަމަކަން ދައްކުވައިދިނެވެ. ކުރިއަށް ވުރެ މޭމަތި ނެރެލަމުން އަނެއްކާވެސް ނައިރާ ވާހަކަ ދެއްކިއެވެ.

“ފްރެޝް ވެލައިގެން އަންނަން ވީނު؟”

އަހަރެން އެއްޗެކޭ ނުބުނުމުން ނައިރާގެ މޫނުމަތީގައި ހާސްވުމުގެ ކުލަވަރު ޖެހުނެވެ. ބައެއް ފަހަރު ނައިރާ އުޅެނީ ސާރާގެ ގާތުގައި އަހަރެން އުޅޭ ހެނެވެ. ގަޔާވާކަން ނޫނީ ބޭނުންވާކަން މޫނުން ދެއްކެނީއެވެ. އެ އިހްސާސް ފޮރުވާކަށް ނައިރާއަށް އަދި އަހަންނަކަށް ވެސް ނޭނގެއެވެ. އެކަމުގެ ހިތި ނަތީޖާ ފެނިއްޖެއެވެ. ތަޖުރިބާކުރެވިއްޖެއެވެ. ލޯބީގެ ކުޅިވަރާއި ދުރަށް ދާން އަހަރެން ބޭނުންވިއެވެ. އެހެންނަމަވެސް ނައިރާ ކަހަލަ މަޢުސޫމް އަންހެންކުއްޖަކާއި ދިމާލަށް ނޫނެކޭ ބުނަން ޖެހިލުންވިއެވެ.

ސިޓިން ރޫމްގައި އިށީންނަމުން މޭޒުމަތީގައި ރާވާލެވިފައިވާ ސުފުރާއަށް ކަޅި ހިންގާލެވުނެވެ. ބިސްގަޑާއި ޕާނެވެ. މަސްހުންޏާއި ރޮއްޓެވެ. ފާރޮއްޓާއި ކަޅު ސައިތައްޓެކެވެ.

“އިތުރު ބަޔަކު އަންނަނީ ތަ؟”

ބޮޑު ސުފުރާ މަތި ފެނިފައި އަހަރެންގެ ގާތަށް ހިނިއަޔެވެ. ނައިރާ ހުރީ ދެކޯ ފުއްޕައިގެން ނުރުހިފައެވެ. އޭނާ ވަރަށް ބުރަ މަސައްކަތް ކުރި ކަން ސާފެވެ.

“ނޫން.. ފިރާ ލައިކް ވަނީ ކޯއްޗެއްކަން ނޭނގޭތީ”

އިސްޖަހާލަމުން ޖެހިގެން ހުރި ގޮނޑީގައި ނައިރާ އިށީނެވެ. އެވަގުތު އޭނާގެ ކަކޫ އަހަރެންގެ ކަކޫގައި ބީހިލިއެވެ. ކަރަންޓު ޝޮކެއް ކަހަލަ އިހްސާސެއް ހަށިގަނޑުގައި ދައުރުވިއެވެ. ނައިރާ އަވަސް އަވަހަށް އެސްފިޔަ ޖަހާލިއެވެ. ނައިރާގެ ވަށް މޫނު ކިތަންމެހާވެސް ރީއްޗެވެ. ހަދާފައި ހުރި މަސްހުނިީގެ ރަހަަނޑު ކިތަންމެހާވެސް މީރެވެ.

“އަހަރެން ވާހަކަ އެއް އަހާލަން؟..”

ނައިރާގެ އަޑުގައި ވަނީ ޖެހިލުންވުމެވެ. އަތުގައި އޮތް ރޮށިކޮޅު ބާއްވަމުން އަހަރެންގެ ފުރިހަމަ ސަމާލުކަން ނައިރާއަށް ދިނީމެވެ.

“ސާރާ ދެކެ އަދިވެސް ލޯބިވޭތަ؟”

ނައިރާގެ ސުވާލުން އަހަރެންގެ ހިތަށް ހާސްކަމެއް ގެނުވިއެވެ. ނައިރާއަށް ސާރާގެ ވާހަކަ އިނގެނީ ކިހިނެތް ހެއްޔެވެ؟ އެއީ އަހަރެންނާއި ސާރާގެ ދެމެދުގައި ވާ ސިއްރެކެވެ. އިތުރު މީހަކަށް އެވާހަކަ އިނގޭނެކަމަކަށް ހިޔެއް ނުކުރަމެވެ.

“ކިހިނެތް ސާރާ އިނގެނީ؟”

މަސްހުނި ތަށި ދުރަށް ޖައްސާލަމުން އަހަރެންގެ އަޑު ހަރުކަށިވެގެން ދިޔައެވެ. ނައިރާއާއި މެދު ދެކުނު ގޮތް ތަފާތުވެ މިހާރު ބޮޑަށް ހީވާ ގޮތުގައި އޭނާއަކީ ސާރާގެ ގާތް ރަހްމަތްތެރިއެކެވެ. ނޫނީ އޭނާ ފޮނުވާފައި ހުރި ޖާސޫސެކެވެ. ސާރާއަކީ އެފާޑުގެ އަންހެނެކެވެ. ހުރިހާ ކަމެއްގައި އޭނާގެ ދެލޯ ހުންނަން ޖެހޭނެއެވެ. އެއްވެސް ކަމެއް އޭނާގެ ބާރުގެ ދަށުން ނޫނީ ހިނގައިގެން ނުވާނެއެވެ. އެހާ ނުފޫޒުގަދަ އަންހެނެއް ދެކެ ލޯބިވެވުނީ ކިހިނެތް ކަމެއް ނޭނގުނެވެ.

“ފިރާ އާ ދިމާވީއްސުރެ ދަންނަން.. އޭނަ އުޅެނީ މީހަކާ އިންނަން ދޯ؟ ދެން ފިރާ އޯ؟ އައި ޑޯންޓް ވޯންޓް ޔޫ…”

ނައިރާގެ އަނގަ މަޑުވީ އަހަރެން ކުއްލިއަކަށް ގޮނޑިން ތެދުވީމައެވެ. ފޫހި ވައްތަރެއް މޫނަށް ޖައްސާލަމުން ބޭރު ދޮރާ ދިމާލަށް ހިނގައިގަތީމެވެ.

“މީގެ ފަހުން ދެން މަންމަ ބަލަން އަންނާނެ ކަމެއް ނެތް.”

އަހަރެންގެ އަޑުގައި ވަނީ ރުޅިވެރިކަމެވެ. އަތް ތުރުތުރުއަޅަމުން ދިޔައިރު އިސާހިތަކު ނައިރާގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުނެވެ. އެވަގުތު ހިތް މަޑުވިއެވެ. އަމިއްލަ ނިއްކުރީގައި އަތް އުނގުޅާލަމުން ބުނެވުނު ބަސްތަކާއި މެދު ވިސްނާލެވުނެވެ.

“ސޮރީ.. އެއީ އެހެން ބުނި އެއްޗެއް ނޫން.”

ފަހަތަށް އެނބުރިލިއިރު ނައިރާ ފެންނާކަށް ނެތެވެ. އޭނާ ވަނީ ކޮންތާކަށް ހެއްޔެވެ؟ ކުޑަ އިރުކޮޅަކު ސިޓިން ރޫމްގައި ހުރެފައި ނައިރާގެ ހިލަމެއް ނުވުމުން މަންމަގެ ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އޭރު މަންމަ އިނީ ފުރޮޅުލީ ގޮނޑީގައި އަބަދުވެސް އިންނަ ގޮތަށެވެ. މަންމަގެ މޫނަށް ނުބަލަން ކިތަންމެ ވަރަކަށް އުޅުނަސް އަދިވެސް އެދުވަސް އަހަރެންގެ ސިކުނޑީގައި ކުޅެވެމުން ދިޔައެވެ. ފުރަތަމަ ބައްޕައެވެ. ދެން މަންމައެވެ. ދެން ސާރާއެވެ. އެންމެން އަހަރެން ދޫކޮށްފައި ދާން ޖެހޭ ސަބަބެއް ނުވިސްނުނެވެ. ދުނިޔެމަތިން ފޫހިވެ މަލާމާތް ލިބުން ނޫން ކަމެއް އަހަރެންގެ ނަސީބުގައި ނެތް ކަން ޔަޤީންވިއެވެ.

ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ.

“ހަލޯ؟”

އެކޮޅުން ވާހަކަ ދެއްކީ ފަޒީލެވެ.

“ކިހިނެތް ވީ؟”

ރުންކުރު ފާޑަކަށް އަހަންނަށް އަހާލެވުނެވެ. ފަޒީލް ހުރީ ވަރަށް ވައި ޖެހޭ ތަނެއްގައިހެން ހީވިއެވެ.

“އެބައޮތް ޕާޓީއެއް.. ހިނގާ ކާލަން.. އިނގެއްނު އަހަރުން ކިލާސްގެ ސްޓާރ ކަޕަލް؟”

ބިން ހީވީ ފައި ދަށުން ކަހާލިހެނެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަނގަ ހުޅުވައިގެން އެތައް އިރެއް ވަންދެން ހުރީމެވެ. ސާރާ ހަމަ ހަޤީޤަތުގައި ވެސް ޒިޔާންއަށް ކައިވެނި ކުރަނީ ހެއްޔެވެ؟ އަހަރެންނާއި އެއްކޮށް ހޭދަކުރި ރޭތަކާއި އެ ބީހުންތައް އެއްޗަކަށް ނުވަނީ ހެއްޔެވެ؟ ހުރިހާ ގުޅުމެއް އަހަރެންނާއި އެއްކޮށް ހިންގާފައި ޒިޔާން އިޙްތިޔާރު ކުރީ ކީއްވެ ހެއްޔެވެ؟ ހުސް ސުވާލުތަކެވެ. ނޭނގި ހުރެ އަހަރެންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ސާރާދެކެ ނަފްރަތު ކުރަން ބޭނުން ވިޔަސް ހިތް ހަރުކުރެވޭހާ ހިތްވަރު ނެތީއެވެ. މިހުރިހާ ވޭނެއް ލިބޭނެކަން ކުރިން އިނގުނުނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟

މަންމަގެ ކޮޓަރިން ނިކުންނަމުން އަނެއްކާވެސް ނައިރާ ފެނޭތޯ ކަޅި އެއްލާލީމެވެ. ނައިރާ ނުފެނުމުން ކޮޓަރިއަށް ވަދެ އެނދުމައްޗަށް ޖެހިގަތީމެވެ. ކުރާނެ ކަމެއް ނެތިގެން އުޅޭ މީހެއް ފަދައިންނެވެ. ފޯނު ނަގަމުން ފޭސްބުކް ހާވާލީމެވެ. ސާރާގެ ފޮޓޯތައް ހާވަމުން ދިޔައިރު ހިތަށް އުދަނގޫތަކެއް ވަމުން ދިޔައެވެ. ތެދެކެވެ. ސާރާގެ ފީޑްގައި އޮތީ ކައިވެނި ހަފްލާ ބޭއްވޭތަން ޖަރީ ކުރާ ފޮޓޯތަކެވެ. ރަން އަނގޮޓިއެއް ސްޓޯރީއަށް ލަމުން “ބިގް ޑޭ ފައިނަލީ” ޖަހާފައި އިން ފޮޓޯއެކެވެ. އޭނާގެ އުފަލަށް މަރްހަބާ ކިޔަން އަހަރެން ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް ކައިވެނި ޕާޓީއަށް ދާން ހިތަށް އެރިއެވެ.

ހަވީރުވަންދެން އަހަރެން އޮތީ ހިޔާލުތަކުގެ ކަނޑުގައި ޣަރަޣުވެފައެވެ. ހަވީރު ވިތަނާހެން ފަޒީލުގެ ފޯނެއް އަޔެވެ.

“އޭ.. ތައްޔާރު ވާންވީ.. އިނގެއެއްނު ޒިޔާންގެ ގޮތް. މަ ދާން ޖެހޭނެ އަވަހަށް.. އެކަމު ބުރޯއާ އެއްކޮށް ދާނީ.”

ފަޒީލްއާއި ޒިޔާންއަކީ އެއްޓީމަކަށް ކުޅޭ ދެ ފުޓްބޯޅަ ކުޅުންތެރިންނެވެ. އެގޮތަށް އެދެމީހުންގެ ގުޅުން ބަދަހިވެފައި އޮތަސް އަހަރެންހާ ގާތެއް ފަޒީލާއި ޒިޔާނެއް ނުވާނެވެ. އެކަމަށް އަހަރެން އުފާކުރަމެވެ. ހަޔާތުގެ އެންމެ ކަޅު ދުވަސްތަކުގައި ވެސް ކައިރީގައި ހުރީ ފަޒީލްކަމުގައި ވާތީއެވެ. ރަހްމަތްތެރިކަަމުގެ ގުޅުމަކީ އަހަރެންނަށް ވަރަށް މުހިންމު އެއްޗެކެވެ.

“އާއެކޭ. މަ ދާނަމޭ. މިހާރު ތަ؟ އާނ. އޯކޭ.”

ފޯނު ކަނޑާލަމުން އަވަހަށް ފާޙަނަޔަށް ވަނީމެވެ. ފެންވަރަން ހޫނު ފެން ދޫކޮށްލިތަނާ މުޅި މީހާ ފިހޭ ވަރު ވެއްޖެއެވެ. އެހާވެސް ފެން ހޫނެވެ. ޕިސް ތަޅާލަމުން ފަހުން ހީޓަރެއް ގަންނަން ހިޔާލީ ނޯޓް ފޮތެއްގައި ނޯޓް ކޮށްލީމެވެ. ފިނިފެނުން ފެންވަރައިގެން ނިކުންތަނާހެން ކޮޓަރީގައި ހުރި ނައިރާފެނި އުނަގަނޑުގައި އޮޅާލާފައި އޮތް ތުވާލި ނުވެއްޓުނީ ކިރިޔާއެވެ.

“ފިރާ.. ސޮރީ.. ދެންމެ ވީ ކަންތަކާ..”

އިސްދަށަށް ޖަހާލަމުން ނައިރާ ވާހަކަ ދެއްކިއެވެ. ނައިރާ ހުރީ ނަރުސް ޔުނީފޯމަކު ނޫނެވެ. އޭނާ މިވަގުތު ލައިގެން ހުރީ އަތްކުރު ގަޔަށް ހިފާފައި ހުރި ޓީޝާޓެކެވެ. ލައިގެން ހުރި ޖިންސުން އޭނާގެ އަންހެންވަންތަ ބައްޓަން އިތުރަށް ފުރިހަމަކުރުވިއެވެ. އަހަރެންގެ ހިއްސުތައް ހޭލާފިއެވެ. ފިނިފެނުން ފެންވަރާލުމުން ފިނިކަން ފިލުވަން ބޭނުން ވެއްޖެއެވެ. އެވަގުތު އަހަރެންގެ މޫނުމަތީގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ.

ކުރާނެ ކަމެއް ކުރަންދެން ނައިރާ އޮތީ ހިތުން ރުހުމުންނެވެ. އޭނާވެސް ވަރަށް ގަޔާވެފައި ހުރި ކަހަލައެވެ. ހަށިގަނޑުން ފޭރާން ވަކި ކުރީ އޭނާ އަމިއްލަޔަށެވެ. އަހަރެންނަށް ވުރެ ބޮޑަށް އެކަން ބޭނުންވެފައި ހުރީ ނައިރާއެވެ. ހީވީ ސިންގާއަކަށް ދުވަސްގަނޑަކަށް ފަހު ފުއްލާއެއް ކާލަން ލިބުނީހެނެވެ. ދުވަހަކު އަންހެނެއްގެ ކިބައިން ނުލިބޭ އުފާތައް ލިބެމުން ދިޔައިރު ނޭވާލާނެހާ ވަގުތުވެސް އަހަންނަށް ނުލިބުނެވެ. އަންހެނެއްގެ ފުށުން މިފަދަ ޢަމަލުތައް ދުށް އަދި މީ ފުރަތަމަ ފަހަރެވެ. ސާރާ ވެސް ލަދުގެ ކަންފުޅެއް ގެންގުޅެއެވެ. އެކަމަކު ނައިރާއަށް ލަދަކީ ބީރައްޓެއްސެކެވެ. މަޢުސޫމުކަމަށް ހީކުރި މީހާ މިވީ މާހިރަކަށެވެ.

އަނމަތި ފޮހެލަމުން ނައިރާ ތުންފަތް މަތީ ދޫ ހާކާލިއެވެ. ހީވަނީ މާ މީރު އެއްޗެއް ބޮވިގެން އުޅޭހެނެވެ.

“އަހަންނާ އެއްކޮށް ޕާޓީއަކަށް ދާނަން؟”

ނައިރާގެ އަތުގައި ހިފާލަމުން އަހަރެންގެ ރާގު މަޑުވިއެވެ. އޭގައި ގަޔާވުމުގެ ކުލަ ޖެހުނެވެ. ގަޔާނުވާންވި ސަބަބެއް ވެސް ނެތެވެ. އަހަރެން ހިތުން އުޅުނީ ނައިރާގެ ކިބައިން ފައިދާ ނަގާށެވެ. އެހެން ނަމަވެސް އެންމެ ފަހުން ޝިކާރައަށް މިވީ ޙުދު އަހަރެންނެވެ.

“ފަޒީލް ދަންޏާ ނުދާނަން”

ރުންކުރު ގޮތަކަށް ނައިރާ އެހެން ބުނުމުން އަހަރެން ހައިރާންވިއެވެ. ފަޒީލްދެކެ އެއްވެސް މީހަކު ރުޅިއަންނަންވި ސަބަބެއް ނުވިސްނުނެވެ. އެއީ އޭނާއަކީ މީހަކަށް ޒުވާބު ނުކުރާ އަދި އަންހެނުން ނުގެންގުޅޭ ބަރާބަރު އަޅުވެރިއަކަށް ވާތީއެވެ.

“އޭނަ ކީއްކުރީ؟”

ނައިރާ ސުވާލުގެ ޖަވާބު ނުދީ ބޭރަށް ހިނގައިގަތެވެ. އޭނާގެ ފަަހަތުން ދާން ދިމާކޮށްލިތަނާ ފަޒީލްގެ ފޯނެއް އަޔެވެ. ގަޑި ދިޔަގޮތް ވެސް ނޭނގުނެވެ.

“ހަލޯ! މި އަންނަނީ!”

ތައްޔާރުވެލައިގެން ގެއިން ނިކުންއިރުވެސް ނައިރާގެ ހަބަރެއް ނުވިއެވެ. ދެންމެ ހިނގާދިޔަ ކަންތައް ހިތަށް އަރުވާލިޔަސް ކޯތާފަތް ހޫނުވެ ފަޓުލޫނު ބާރުވެގެން ދިޔައެވެ. އަންހެނެއް މިހާ ކުޅަދާނަ ވެދާނެކަމަކަށް އަހަރެން ހުރީ ތައްޔާރުވެގެނެއް ނޫނެވެ.

“ހާދަ އިރެއް! ފަރި ބެލިޔަސް ތިދެން ބޮޑުވަރު!”

ލާނެތް ރާގަކަށް ފަޒީލް ބުނެލިއެވެ. ސައިކަލު ކުރިއަށް ޖައްސާލުމާއި އެއްކޮށް އަރާ ހަމަޖެހިލީމެވެ. ސާރާގެ ކައިވެނި ޕާޓީގައި ހުރި ވަރެއްވެސް އެނގިދާނެތާއެވެ.

ޕާޓީ އޮތީ ދަރުބާރުގޭގެ ބިއްދޮށުގައި އޮންނަ ސަރަހައްދުގަޔެވެ. އަހަރުމެން ދިޔައިރު ކައިވެނި ކުރާ މަޖިލިސް ފެށުމަކަށް އައީއެވެ. ސާރާ ހީވަނީ ސާދަވިލޭރޭ ހަނދު ބިމަށް ފައިބައިގެން އުޅޭހެނެވެ. އެހާވެސް އޭނާ ރީއްޗެވެ. ލައިގެން ހުރި ހުދު ކުލައިގެ ބުޑަށް ފިތިފައި ހުރި ހެދުން ކިތަންމެހާވެސް ޗާލެވެ. ޒިޔާން ވެސް ހީވަނީ ވަރަށް އުފަލުން ހުރިހެނެވެ. އޭނާއަކީ ބަދުނަސީވެރިއެއް ކަމެއް ނޫނީ ނަސީބުވެރިއެއްކަމެއް ބުނާކަށް ނޭނގެއެވެ.

ކައިވެނި މަޖިލިސް ދަނީ ކުރިއަށެވެ. ސާރާ އިނީ އިސްޖަހާލައިގެނެވެ. ކިޔާނެ އެއްޗެއް ކިޔުމަށްފަހު ޣާޒީ ޒިޔާންގެ ގާތުގައި ސުވާލެއް އަހާލި އަޑު އަހަރެންނަށް އިވުނެވެ.

“އަަނބި ޤަބޫލު ތަ؟”

ކުއްލިއަކަށް ގޮނޑިން ޒިޔާން ތެދުވިއެވެ. ސާރާއަށާއި ޣާޒީއަށް ބަލާލުމަށްފަހު ވަށައިގެން ތިބިމީހުންގެ ފާރު ފޫއަޅުވާލަމުން އޭނާ ހިނގައިގަތީ ބޭރަށެވެ. ބަލަން ތިބި މީހުންގެ ތެރެއިން ފިޔާތޮށި ކުލައިގެ ހެދުމެއް ލާފައި ހުރި އަންހެން ކުއްޖެއްގެ އަތުގައި ހިފުމަށްފަހު ޒިޔާން ނިކުތީ އޭނާ ގޮވައިގެނެވެ. ސާރާގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. އިސާހިތަކު އޭނާގެ ލޮލަށް ކަރުނަ ޖަމާވެ ލޮލުގައި ހުރި އަދުން ކޯތާފަތްމައްޗަށް ފޭދިއްޖެއެވެ. ސާރާގެ ޢާއިލާ މެމްބަރުން ރުޅި އައިސް ހަޅޭއްލަވަނީއެވެ. ޒިޔާންގެ އާއިލާ މެމްބަރުންގެ ކަމަކީ ފޯނުން އޭނާޔަށް ގުޅަން މަަސައްކަތް ކުރުމެވެ.

އަނެއްކާ މިވީ ކީއް ހެއްޔެވެ؟ ޒިޔާން އެންމެ ފަހު ވަގުތުގައި ކައިވެންޏަށް އިންކާރު ކުރީ ކީއްވެ ހެއްޔެވެ؟ އޭނާ ހިފައިގެން ދިޔަ ކުއްޖާއަކީ ވަގު ބިޓު ހެއްޔެވެ؟

 

Share Article

Follow Me Written By

Cheen

Level 1

Other Articles

Previous

ހިތުގެ އުދާސް ހުވާ- 1

Next

ނޭދެން ވަކިވާކަށް (11)

Next
February 17, 2020

ނޭދެން ވަކިވާކަށް (11)

Previews
February 17, 2020

ހިތުގެ އުދާސް ހުވާ- 1

8 Comments!

  1. Zaee says:
    February 17, 2020 at 1:54 pm

    Alhey???

  2. ?aayis says:
    February 17, 2020 at 5:14 pm

    Varah salhi ??✌✌

  3. Eny says:
    February 17, 2020 at 7:07 pm

    V salhi.. next part thankolheh avahah up kohdheeba plzz:)

  4. Anonymous says:
    February 19, 2020 at 8:10 am

    ❤️❤️❤️

  5. shaai says:
    February 19, 2020 at 11:12 am

    mi vee kihineh ?
    v interest

  6. Janoo#jan says:
    February 22, 2020 at 2:04 pm

    I am waiting for next part. Its so interesting story. Love your stories ????????? please avas kohlahchey

  7. Shakuver says:
    February 25, 2020 at 8:50 pm

    ޖުމްލަތައް އެތުރިފައިވާލެއް ފަށުވިކަމެވެ.ކިޔާކިޔާ ފޫއްސެއް ނުވެއެވެ. އަބަދުވެސް އިންނަން މިޖެހެނީ ދެންވާނެ ގޮތެއް އިނގިލާހިތުން ކެތްމަދުވެފައެވެ.ސްޓޯރީ ގެންދާގޮތް ވަރަށް ފުރިހަމައެވެ.ވަރަށް ކަމުދެއެވެ.
    ހުރިހާ ރަހައެއްވެސް ހިމެނޭ ރީތިވާހަކައެވެ.ކޮންމެ ޖުމްލައެއް ކިޔާފަ ސޮނިވެއްޓޭ ވަރުވެއެވެ.ކުރިމަތިން ފެންނަހެން ހީވާތީއެވެ.ރަނގަޅުކޮށްލަން
    ޖެހޭ އެއްވެސް ކަމެއް ނުފެނުނެވެ.ދެން އިންބައި އަވަހަށް ގެނެސްދެއްވައްޗެވެ. ޝީންއަށް ވަރަށް ބޮޑަށް ސަލާމެވެ.

  8. Amily says:
    March 2, 2020 at 3:09 pm

    ތަފާތު?

Comments are closed.


All Right Reserved!