Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝިކާރަ

lizzy Level 1
December 29, 2014 10 Mins Read
5 Comments

ފުރާވަގުތު ކައިރިވަމުން ދިޔަވަރަކަށް އަހަރެންގެ ހިތަށް ނޭނގޭ އަސަރުތަކެއް ވެރިވަމުން ދިޔައެވެ. އަހަރެންގެ ދަތުރު އެރެހައްޓަން އައިސްތިބި އަހަރެންގެ ހަމައެކަނި ދެރަހުމަތްތެރިން ތިބީ ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައެވެ. އަހަރެން ފުރަން އޮތް ދޯނި އޮތީ އަހަރެން ނާރައިގެން ނުފުރިފަހެން ހީވެއެވެ.

މެންދުރުގެ ދިލަހޫނު އަވީގައި ދޯންޏާ ދިމާއަށް މަޑުމަޑުން ހިނގަމުން ދިޔައީމެވެ. އަހަރެންގެ ފޮށި ބަރުކަމަކުން ނޫނެވެ. އެހެނީ ފޮށީގައި އޮތީ އަހަރެންގެ ދެތިން ހެދުމަކާ ރީތިވާ ސާމާނު ކޮޅެކެވެ.

ކުއްލިއަކަށް ކުރިމަށްޗަށް އައިސް ހުއްޓުނީ މިތަނަށް އަތުވެދާނެކަމަށް އަހަރެން ހީވެސް ނުކުރާ މީހެކެވެ. އެއީ އެމީހަކާ އެކު އަހަރެންގެ މުޅިހަޔާތް ހޭދަކުރަން އަހަރެން ބޭނުންވި މީހާއެވެ. އޭނާގެ ސައިކަލު އަހަރެންގެ ކުރިމައްޗަށް ވާގޮތަށް ޕާކުކޮށްލުމަށްފަހު ބަލަހައްޓައިގެން ހުރިގޮތުން ހަނދާނަށްއައީ މީގެ އެތައް ދުވަހެއް ކުރިއެވެ.

އެއީ ރާއްޖެތެރޭ ރަށަކަށް އަހަރެންކުރި އެންމެ ފުރަތަމަ ދަތުރެވެ.އޭރު މަސައްކަތް ކުރި އޮފީހުގެ ފަރާތުން މަންދޫބެއްގެ ގޮތުގައި ރ.ދުވާފަރަށް ދިޔައީ އެރަށުގެ ތިމާވެއްޓާބެހޭ ދިރާސާތަކެއް ކުރުމަށެވެ. އަހަރެން ފައިބައި ހުންނަގެ ހުންނަނީ ރަށު އޮފީހާ ވަރަށް ދުރުގައެވެ. އެކަނި އޮފީހަށް ދާކަށް އަހަރެންނަކަށް ނޭންގެއެވެ. ހުރިހާގެއެއް އެއްގޮތަކަށް ހަދާފައި ހުރުމުން އެމަގެއް މިމަގެއް ވަކިކުރަން ނޭންގެނީއެވެ. ގިނަފަހަރަށް އަހަންނާއެކު އޮފީހަށް ދާން އަންނަނީ އެރަށުން މިދިރާސާތައް ކުރުމަށް ހިލޭސާބަހަށް އެހީވެދޭ ކުދިންތަކުގެ ތެރެއިން ކުއްޖެކެވެ.

ކޮންމެވެސް ވަރަކަށް ވާރޭވެހޭ ދުވަހެކެވެ. ހެނދުނު ހޭލެވުނީ ދިހައެއްޖަހަނިކޮށެވެ. ފޯނުބަލައިލުމާއެކު ފެނުނީ އެކިމީހުންގެ މިސްކޯލުތަކާއި މެސެޖުތަކެވެ. އަހަރެން ނުގޮސް ލަސްވެގެންނެވެ. އަވަސް އަވަހަށް ފެންވަރާލައި ތައްޔާރުވެލީމެވެ. މީޒާއަށް ގުޅާލީ ގޭދޮރާށިދޮށަށް ނިކުމެފައެވެ. ފުރަތަމަ ފަހަރު ފޯނެއް ނުނަގައެވެ. ދެވަނަ ފަހަރު ގުޅަން ޖެއްސީމެވެ. ފުރަތަމަ ރިންގާއެކު ފޯނުނެގިއެވެ.

“ހަލޯ…” ބަލިއަޑަކުން މީޒާ ބުނެލި އަޑު އިވުނެވެ.

“މީޒް! ބަލީތަ؟”އަހަންނަށް އަހާ ލެވުނެވެ.

“ހުންއައިސްގެން މިއުޅެނީ. ރިޝް… މިއަދަކު ނެތްދެވޭކަށް”

“ދެން…” އަހަންނަށް ހަދާނެ ގޮތެއް ނޭންގުނެވެ.

“އަފީއަށް ގުޅާލާފަ ބުނަންތަ ބަލާދާން؟” އަފީއަކީވެސް މީޒާއެކޭ އެއްފަދައިން މިރަށުން ހިލޭސާބަހަށް އެހީވެދޭ ކުއްޖެކެވެ. މީޒާގެ އެއްމެ ގާތް ރަހުމަތްތެރިޔާއެވެ.

“އާން. ޝުކުރިއްޔާ.” އިނގިރޭސި ބަހުން އަހަރެން ޝުކުރުއަދާ ކުރީމެވެ.

ފޯނުޖީބަށް ލުމަށްފަހު ފާރުގައި ލެނގިލީމެވެ. ވާރޭވެހިފައި ވުމުން ފަޒާގައި ހިފާފައި ވަނީ ތެތްފިނި ކަމެކެވެ. މާދުރުން ކާޅުގޮވާއަޑާއި ގުރާގެ އަޑު އިވެއެވެ. ޖެހިގެން ހުރިގޭ ގެވަޅުތެރޭގައި ކުޅެންތިބި ކުދިން ހޭއަޑު އިރު އިރު ކޮޅާ އިވެއެވެ. އެގޭގައި ޖަލާފައިވާ ލަވައިގެ އަޑު މާބާރު ނޫނަސް މަގުހިނގާ މީހުންނަށް ވަރަށް ސާފުކޮށް އިވޭނެއެވެ. ވަށައިގެންވާ މާހައުލުން އުފާ ލިބިގަންނަމުން އަހަރެން ލޯމަރާލީމެވެ. އަދި ހަށިފުރާނޭވައެއްލައި ހިނިތުންވެލީމެވެ.

“ކަމަނާބަލައި މިއަދު ބޮޑީގާޑު ނާދޭދޯ؟” ސިއްސައިގެން ގޮސް ލޯހުޅުވާލައި ދެފަރާތް ބަލާލީމެވެ. އެވާހަކަ ދެއްކި މީހަކު އެހުރީ ކުރިމަތީ އެވެ. އަހަންނާ ފަސްފޫޓެއްހާ ދުރުގައި އޭނާގެ ސައިކަލު ޕާކުކޮށްލައިގެން އޭގެ މަތީ ރީތިކޮށް އިށީނދެގެންނެވެ. އަހަރެން އަޅާނުލައި ފޯނުނަގައި ކުޅެން ފެށީމެވެ.

“ލައިދޭން ދަންތަ؟ ދެދުވަސް ވީ އިރުވެސް މިރަށުގަ ހިނގާކަށް ނޭންގުނިއްޔަ ދޯ؟” ދެންވެސް އަހަރެން އަޅާނުލީމެވެ. އެންމެ ރަނގަޅު ވާނީ އެގޮތް ކަމުގައި ނިންމައިގެން ހުރީއެވެ.

” މަންޖެ މަށާ ވާހަކަ ނުދައްކާނަންތަ؟ ހާދަ ފޮންޏޭދޯ!” މަލާމާތުގެ ރާގަކަށް އޭނާ ބުންޏެވެ. އަހަރެން ވަށްކަޅިން އޭނާއަށް ބަލާލީމެވެ. ރީއްޗެވެ. ކަންފަތް ފޮރުވޭވަރަށް ދިގު ކޮށްލާފައި ހުރި ފަން އިސްތަށިގަނޑު ވަރަށް ގުޅެއެވެ. ވަރުގަދަ ދެ ބުމައެވެ. މަޑުމުށި ކުލައިގެ ދެލޮލެވެ. ދަތްދޮޅީގައި އެހުރި އަޑިކޮޅަކީ އަހަންނަށް ފިރިހެނުންގެ ވަރަށް ރީތި ސިފައެކެވެ. ކަސްރަތީ ހަށިގަނޑެކެވެ. ލައިގެން ހުރި ހުދު ޓީޝާޓާއި މުށި ޖީންސްގައި ވަރަށް ހިތްގައިމެވެ.

އަހަންނަށް ހުރެވުނީ އޭނާއަށް ބަލަހައްޓައިގެން އާނގަނެގިފައިކަން އެނގުނީ ޒާތަކަށް އޭނާ ބުމައަރުވާލީމައެވެ. ލަދުން އިސްޖަހާލައި ފޯނުގެ ސްކްރީނުގައި އިނގިލިހާކަން ފެށުނެވެ. އެވަގުތު އޭނަ ހީލިއަޑު އިވުނެވެ. އަވަހަށް ހިނގައިގަތީމެވެ. ފުރަތަމަ ހިތަށް އެރި ދިމާލަށެވެ.

“އޭތް! ރިޝް! މިކޮޅަށް!” އަހަރެން ފަސް އެނބުރި ބަލައިލީ އަފީގެ އަޑަށެވެ. ގޯޅިކަންމަތީގައި އަފީ ހުރީ މަޑުކޮށްގެންނެވެ. އެއްއަތް މައްޗަށް އުފުލާލައި އަހަންނަށް ހަނާ އަޅާލިއެވެ. ހިނިތުންވެލަމުން ފަޔަށްބާރުލާފައި އަފީއާ ދިމާއަށް އަހަރެން ހިނގައިގަތީމެވެ.

“ނުބައި ކޮޅަކަށް ދޯ؟” ހީލަމުން އެފިރިހެން ކުއްޖާ ބުންޏެވެ. އަހަރެން އޭނައަށް ބަލާލީ ރުޅިވެރި މޫނެއް ދެއްކޭތޯއެވެ.

“އަދި ދިމާވާނެދޯ؟” ހިނިގަނޑެއްޖަހާލަމުން އޭނާ ބުންޏެވެ.

“އެކާކުތަ؟” އަފީއާ އަރާހަމަވުމުން އަހަރެން އެހީމެވެ.

“އެއީ މިހިސާބުގަނޑު ގުރޫޕު ސޮރެއް. ޖެއްސުން ކުރީދޯ؟ އަޅާނުލާ.” ހޫން އޭ ބުނެ އަހަރެން އަފީގެ ފަހަތުން ހިނގައި ގަތީމެވެ. ނަމަވެސް ތަންކޮޅަކަށް ގޮސްފައި ފަހަތް ބަލާލެވުނެވެ. އޭނާއެއް ނެތެވެ. އޭނާގެ ސައިކަލެއްވެސް ނެތެވެ. އެހާއަވަހަށް ފިލީތާއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ދިރާސާތައްނިމި މާލެދާ ދުވަސް ކައިރިވަމުން ދެއެވެ. އެދުވަހުގެ ފަހުން ކޮންމެ ދުވަހަކުވެސް އޭނާ ފެނެއެވެ.ގޭދޮށުން ނެވެ. ނޫނީ ގޮނޑުދޮށުންނެވެ. ނޫނީ އޮފީސް ކައިރިންނެވެ. މިގޮތަށް ގިނައިން ދިމާވެ ވާތީ ކޮންމެވެސް ވަރަކަށް އޭނާއާ ވާހަކަ ދައްކަމެވެ. އޭނާގެ ނަމަކީ ދުޚާން އެވެ.

ނަންބަރު ދީހެދީ ފުރަން އޮތް ދުވަހެއެވެ. އަބަދުވެސް ޚަބަރު ދަބަރު ވެލާށޭ އޭނާ އެދުވަހު ބުންޏެވެ. މާލެ ދިޔުމަށްފަހު އުޅެންޖެހުނީ ވަރަށް އަވަދިނެތިއެވެ. އޭނާއާ އެއްގޮތަކަށްވެސް ވާހަކަ ނުދެއްކި މަހެއްހާ ދުވަސް ވިއެވެ. އޭނާގުޅައެވެ. އަހަރެން ފޯނެއް ނުނަގަމެވެ. މެސެޖު ކުރެއެވެ. އަހަންނަށް ޖަވާބު ފޮނުވަން ވަގުތެއް ނުވެއެވެ. މާގާތް ރައްޓެއްސެއް ނޫން ވީމަ ފަހުން މެސެޖު ފެނުނަސް ޖަވާބު ފޮނުވުމުގެ ޚިޔާލެއް ނުހުރެއެވެ.

ބުރަކޮށް އުޅެލާފައި ހިންދެމިލަން ލިބުނު ދުވަސް ކޮޅެކެވެ. ނުދަންނަ ނަމްބަރަކުން ގުޅަންފެށީ އެދުވަސް ކޮޅުގައެވެ. އަހަރެން ފޯނުނެގުމުން އެކޮޅުން ވާހަކައެއް ނުދައްކައެވެ. އެންމެފަހުން ރުޅިއައިސްގެން އަހަރެން ފޯނު ކަނޑާލަނީއެވެ.

“ހަލޯ؟އައްސަލާމް އަލައިކުމް؟” އެނަންބަރުން ގުޅާތާ އެތައް އިރެއްވިފަހުން އަހަރެން ފޯނުނެގީމެވެ. “ދެންތިވަރަށް ގުޅާފަ ވާހަކަ ނުދައްކަންޏާއޯ؟” ރުންކުރު ރާގަކަށް އަހަރެން ބުނީމެވެ.

” ބުނީމެއްނު އަބަދުވެސް ޚަބަރު ވެލައްޗޭ!” އަހަންނަށް ނޭވާ ހިފާއްޓާލެވުނެވެ. އެއީ ދުޚާންގެ އަޑެވެ.

” ވަރަށް ބިޒީކޮށް އުޅުނީ…ޚާން. ކިތަންމެވަރަށް ގުޅިޔަސް ވާހަކަ ނުދައްކަންޏާ ކިހިނެއް އިނގޭނީ.”

” ދެން އޯކޭ. މާލެ ދިޔައިމަ މާ ފޮނިހެން ހީވޭ!” ކުއްލިއަކަށް ދުޚާންގެ ރުޅިވެރި ރާގު ކެނޑިގެން ދިޔައެވެ. އަހަންނަށް ހެވުނެވެ.

“ބުނެބަލަ. ކިހިނެއްތަ ހާލު؟” ހީލާފައި އަހާލީމެވެ.

“ގޯހެއްނޫން. ރަނގަޅެއްވެސް ނޫން.”

“ދެން؟”

ދުޚާން ހިނިގަނޑެއް ޖަހާލިއެވެ.

“ކީއްތަވީ؟” އަހަންނަށް އަހާ ލެވުނެވެ.

“ކަމެއްނުވޭ. ކުއްލިއަކަށް ހާލު ރަނގަޅު ވެއްޖެހެންހީވަނީ. ހުމް. ވަރަށް އުފާވެސް ވެފަ މިހުރީ. ރިޝްއަށް ވަރަށް އުނދަގޫ ކޮށްލެވުނީމައާވެސް އެކުގަ.” ދުޚާން ވާހަކަދައްކަމުން ދިޔައީ އުފާވެރި ކަމާއެކުގައެވެ.

“ހޫނ.ހޫނ.” އަހަރެން ހޫން އަޅުވާލީމެވެ.އެދުވަހުގެ ފޯނު ކޯލު ނިންމައިލީ ވަރަށް ގިނައިރު ވާހަކަ ދައްކާފައެވެ. ކޮންމެ ދުވަހަކުވެސް އެއްފަހަރުނަމަވެސް އެނާއާ ވަހަކަދެއްކުމަށް އަހަރެން ލައްވާ ވަޢުދު ކުރުވާފައެވެ.

ދުވަސްތައް ފާއިތުވަމުން ދެއެވެ. އަހަންނާއި ދުޚާން ވާހަކަދައްކާ ވަގުތުތައް އިތުރުވަމުންދެއެވެ. ދެމީހުންގެ ގުޅުން ވަރުގަދަ ވަމުން ދެއެވެ. އަހަރެންގެ ހިތުގައި މިހާރު ޖަހާ ވިންދު ތަފާތުހެން ހީވެއެވެ. ނަމަވެސް ދުޚާންއަށް އެކަން ނާންގާވޭތޯ ބަލާމެވެ. މިގުޅުން އިތުރު ހަރުފަތަކަށް ގެންދަން އިސްނަގަންޖެހޭނީ ދުޚާން ކަމުގައި ނިންމައި އަހަރެން ހުރީ ކެތްތެރި ކަމާއެކު އިންތިޒާރުގައެވެ.

” ރިޝް. އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން.” ދުޚާން މިހެން ބުނެލި ދުވަހު އަހަރެންގެ ހިތް އާދާޔާ ޚިލާފަށް ބާރަށް ތެޅެން ފެށިއެވެ.

“ހުމް. ބުނެބަލަ. އަޑު އަހަން މިހުރީ.”

” މިހާރަކު ނޫން. މިރޭ ކިހިނެއްވާނެ؟”

“ރަނގަޅުވާނެ.” މިހާރު ހީވަނީ އަހަރެންގެ ހިތް ވިންދުޖަހަމުން ދަނީ ބޮލުގައި އޮވެ ހެނެވެ. އަތް ފިނިވިއެވެ. އެހެނދުނުގައި ފޯނު ބޭއްވި ގޮތަށް އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އިރު އޮއްސޭނެ ވަގުތަކަށެވެ. އެދުވަސް ހީވީ އެހެން ދުވަސް ދުވަހަށް ވުރެ ލަހުން ވަގުތު ހިނގާ ދުވަހެއްހެނެވެ.

އިރު އޮއްސިއްޖެއެވެ. އިރު އޮއްސުމާއެކު އަހަރެން އަތުން ފޯނު ދޫވާ ވަގުތެއް ނާދެއެވެ. އޭނަ ގުޅާނީ ދިހައެއްގެ ފަހުންކަން އެނގި ހުރެވެސްމެއެވެ. އިރުއިރު ކޮޅާ ފޯނުގެ ސްކްރީނަށް ބަލާލެވެއެވެ.

އެންމެފަހުން އިންތިޒާރު ނިމޭވަގުތު އައިސް ޖެހިއްޖެއެވެ. ފޯނު ރިންގުވަން ފެށުމާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހަމަޖެހިލެވޭތޯ މަސައްކަތް ކުރަމުން ފޯނުނެގީމެވެ.

” ހެޕީ ބާތު ޑޭ!” ދުޚާން ބުނިއެއްޗަކުން އަހަރެން ހުއްޓުން އެރިއެވެ.

” ކޯންޗެކޭ؟” އަހަރެން ރިޝްދެކެ ވަރަށް ލޯބިވޭ ކޮބާއެއްޔެވެ؟

“ހެޕީ…ބާތު ޑޭ!” ލަސްލަހުން ދުޚާން ބުންޏެވެ. ރީތިވާ މޭޒުމަތީ ހުރި ކަލަންޑަރު ބަލާލީމެވެ. ދެން ގަޑި ބަލާލީމެވެ. ބާރަޖަހައި ފަސްމިނެޓެވެ. ރަނގަޅެވެ. އަހަރެންގެ ވިހިވަނަ އުފަންދުވަހެވެ.

” ޝުކުރިއްޔާ!” ހިތާމަވެރިކަން އަހަރެންގެ އަޑުން ފާޅުވިކަން އަހަންނަށް އެނގުނެވެ.

” ހާދަ އެހެން ގޮތަކަށް.”

” ވަރަށް ނިދި އައިއްސަ މިހުރީ. އެހެންވެ.”

“ދެން ނިދަނީ؟ ވާހަކަ ނުދައްކާނަން.؟”

“ހުމް. ވަރަށް ބޮލުގަވެސް ރިއްސަ. ބައި.” ދުޚާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ފޯން ކަނޑާލީމެވެ.

“މޮޔަ!” އަމިއްލަ ނަފްސަށް ބުނެލީމެވެ. ބޮލުގައި ހިފާއްޓާލައިގެން ހުރެ އެނދުގައި އޮށޯވެލިއިރު އަހަންނަށް ނުރޮވި ހުރީ ކިރިޔާއެވެ.

ހެނދުނު ހޭލެވުނީ މަންމަގޮވާ އަޑަށެވެ. ބޮލުގައި ރިއްސާވަރުން ބޭނުންވީ އޮންނާށެވެ. ނަމަވެސް މަންމަގޮވަން ފަށައި ފިއްޔާ ހުއްޓާނުލާނެއެވެ.

“މަންމާ. މިއުޅެނީ ބޮލުގައި ރިއްސާތީއޭ.” ދޮރުހުޅުވާލާފައި އަހަރެން ބުނީމެވެ.

“ޕެނަޑޯލް ގުޅައެއް ކައިލާ. މަންމަ މިދަނީ ކޮއްކޮގެ ބެލެނިވެރިން ބައްދަލުވުމަށް. ސައިހަދާފަ ހުންނާނީ. އެންމެން ސައި ބުއީމަ ތަށިތަށް ނަގާލަށްޗޭ. ބެލެނިވެރިން ބައްދަލުވުމުން ނިމިގެން މަންމަ ދާނީ މާމަގެއަށް. މެންދުރުވާއިރު ނާދެވޭނެ. ބައްޕަ ކާން އަންނަންވާއިރަށް ކާންހަދާފަ ބަހައްޓާތި އިނގޭ. މަންމަ ދެން ދަނީ.” ފަތިވަރެއް އަމުނާލާފަ އަހަރެންގެ ބޮލުގައި ފިރުމާލާފައި މަންމަ ހިނގައްޖެއެވެ. އަޅެ މިއަދުމީ އަހަރެންގެ އުފަންދުވަސްކަން މަންމަ ހަނދާން ނެތުނީ ހެއްޔެވެ؟ އެކަމާގުޅޭ އެކަށްޗެކޭވެސް މަންމަ ނުބުނެއެވެ.

މެންދުރެވެ. ބައްޕަގެއަށް އައިއިރު އަހަންނަށް ކާންހަދައި ނުނިމެއެވެ.

“އަދި ނުނިމޭ؟ ވަރަށް ލަސްވެގެން މިއުޅެނީ.” އޮފީހުގައި މާބުރަވީމަ ބައްޕަ ވާހަކަދައްކާ ރާގުގައި ބުނެލިއެވެ.

” މިނިމުނީ.” އެންމެ ފަހު ދެތަށި މޭޒު މައްޗަށްލަމުން އަހަރެން ޖަވާބު ދިނީމެވެ.

“ކޮބާ ބޭބެމެން؟ ބުނޭ އަވަހަށް އަންނާށޭ.” އަހަރެން ދުވެފަ ކަހަލަ ގޮތަކަށް ބޭބެމެންގެ ކޮޓަރިއަށް ގޮސް އެމީހުން ގޮވައިގެން އައީމެވެ. އެންމެން ކާންފެށީ އެކީގައެވެ. ކެއުމުގެ ތެރެއިން އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ހީވަނީ އެކަކު އަނެކަކު ދެކެ ރުޅިއައިސްފަ ހުންނަހެނެވެ. އަހަރެން ހުރީއިސްޖަހާލައިގެން އަހަރެންގެ އަމިއްލަ ދުނިޔެއަށް ގެއްލިފައެވެ. އެމީހުން ކައިނިމިގެން ދިޔައިރުވެސް އަހަރެން ހުރީ އެހާލުގައެވެ.

****

” ހަލޯ. ސަމާ. ހިނގާބަލަ މިއަދު ހަވީރު ހިނގާލަންދާން. އަހަންނަށް އޮފް ދުވަހެއް.” ސަމާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާބޭނުންވީ އިރުއޮއްސޭތަން ބަލަންދާށެވެ. އަހަރެން އެއްބަސް ވީމެވެ.

އެދުވަހު ހިނގާލަން ގޮސްފައި ގެއަށް އާދެވުނީ ހަތެއް ޖަހަނިކޮށެވެ. އަވަސް އަވަހަށް ވުޟޫކޮށްލައި ނަމާދު ކޮއްލީމެވެ. އެއަށްފަހު ޤުރުވާން ކިޔަވާލައި އިޝާނަމާދު ވަގުތުވުމުން ނަމާދުކޮށްލީމެވެ. ފޯނު ރިންގުވާން ފެށީ ސަލާމްދީ ނިމުނުތަނާހެންނެވެ. ގުޅަނީ ބައްޕައެވެ. އެދުނީ އަވަހަށް ޓެރަހަށް ދިޔުމަށެވެ. މިވާނުވާ އަހަންނަށް އެނގެއެވެ. އަހަރެންގެ ކޮންމެ އުފަން ދުވަހެއްގަވެސް ކަންތައްތައް ވަނީ މިކަހަލަ ގޮތަކަށެވެ. މުޅި ދުވަހު އެންމެން ރުޅިހަދާލާފައި އުޅޭނެއެވެ. ރޭގަނޑު ޓެރަހަށް ގެންދާނެއެވެ. ސަޕްރައިޒް ޕާޓީއެއްދޭށެވެ. އެކަމަކުވެސް އަހަރެންގެ އުމުރުން ވިހިއަހަރު ވާއިރުވެސް މިއާދަ ނޭންގޭކަމަށް ހީކުރަނީ ތޯއްޗެވެ.

ފޫހިވެފައި ހުރި ނަމަވެސް ރީތިވާންފެށީމެވެ. ގިނަ ރައްޓެހިންނާއި އޮފީސްމީހުން އަންނާނެކަން އިނގެއެވެ. ތައްޔާރުވެ ނިމިފައި ފޯނަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. މުޅިދުވަސް ފާއިތުވެގެން ދަނީއެވެ. ދުޙާން ނުގުޅިތާންގައި މެސެޖެއްވެސް ނުކޮށްލައެވެ. އަހަރެން މެސެޖު ކުރުމުން ޖަވާބެއްވެސް ނުފޮނުވައެވެ.ގުޅުމުން ފޯނެއްވެސް ނުނަގައެވެ. އަނެއްކަ ދުޙާންއަށް ކިހިނެއްވީބާވައެވެ؟ ފޯނުނުނަގަނީ ކީއްވެބާވައެވެ؟ އަހަރެންދެކެ ރުޅިއައިސްފަ ބާވައެވެ؟

ކިތަންމެ ދެރަވެފައި ހުރިނަމަވެސް ހިނިތުންވުން މޫނުމައްޗަށް ވެރި ކުރުވައިގެން ހުރެ ޓެރަހަށް އެރީމެވެ. އެންމެ މަތީ ހަރުފަތް ގިރާކުރެވުމާއެކު ކުއްލިއަކަށް އިވުނީ އެންމެންގެ ތަހުނިޔާގެ އަޑެވެ. ލައިޓުތައް ދިއްލިއެވެ. މިޔުޒިކުގެ އަޑު އިވެންފެށިއެވެ. ކޮންމެމީހަކުވެސް އުޅެނީ އަނެކަކަށްވުރެ ކުރިން އަހަންނާ ސަލާމް ކުރެވޭތޯހެން ހީވެއެވެ. އެންމެންގަނޑު އުޅެގަތްގޮތުން އަހަރެން ހިނިވެސް އައެވެ. ޕާޓީފެށުނީއެވެ. ތަފާތު ބުއިންތަކާއި ކާއެއްޗެއްސައް އިންސާފުކުރެވެމުން ދެއެވެ. ޓެރަހުގެ އެއްކަނުގައި ފޮޓޯނެގުމުގެ ކަންތައްތަށް ކުރިޔަށްދެއެވެ. ޓެރަހަށް ވެރިވެފައިވާ މާފަނޑުނޫން އަލީގައި އަހަރެން އެންމެންގެ ހަރަކާތްތަކަށް ބަލަމުން ދިޔައީމެވެ. އެމީހުންގެ މޫނުންފެންނަމުންދަނީ އުފާވެރިކަމެވެ. އަހަރެންވެސް ފަހަރަކު މޭޒެއްދޮށަށްގޮސް އެކިމީހުންނާ ވާހަކަދައްކައި ސަކަރާތް ޖަހަމުންދިޔައީމެވެ. މިހެން އުޅުމުގެ ތެރޭގައި ދެތޭރެދޭތެރެއިން ފޯނަށް ބަލާލަމެވެ. ޕާޓީގައި ވާނުވާ މެސެޖުން ދުޙާންއަށް އަންގަމުންދިޔައީމެވެ. ނަމަވެސް އެއްވެސް މެސެޖަކަށް ޖަވާބެއް ނުލިބެއެވެ.

ޕާޓީނިމެން ތިރީސްވަރަކަށް މިނެޓަށް ވެފައިހުޓާ މުޅިތަނުން ކަރަންޓުކެނޑިއްޖެއެވެ. ނޫނެކެވެ. ކޮންމެވެސް މީހަކު ކަރަންޓުކަނޑާލީއެވެ. އަހަރެންގެ އުފަންދުވަހުގެ ކޭކު ފަޅާވަގުތު ޖެހުނީއެވެ. އަހަރެން ދުޙާންއަށް ފޮނުވަން އުޅުނު މެސެޖު ފުހެލައިފައި ފޯނު ތިރިކޮށްލީމެވެ. ފުންނޭވާއެއްލީ ދެންއޮތް އެކްޓު ފުރިހަމަ ކުރުމަށެވެ. އަހަރެންވީ ހައިރާން ވެގެން ހުރިކަމަށް ހެދޭށޭވެ.

ފަސްމިނެޓެއްހާއިރުފަހުން ފަނޑުއައްޔެއް ޓެރަހުގެ މެދުން ދިއްލައިފިއެވެ. ރީތީމަޑުމޮޅިރާގެއް ކުޅެންފަށައިފިއެވެ.ޓެރަހުގެ މެދުގައި ހުރިމޭޒު މަތީހުރީ ބިއްލޫރި ބެލްޖާރއެއް ތެރޭގައި އުއްބައްތިއެއް ދީއްލާފައެވެ. އަހަރެން ހައިރާން ކަމާއެކު އެމޭޒާ ދިމާއަށް ހިނގައިގަތީމެވެ. މޭޒުމަތީ ތިންބުރިއަށް ހުރި ކޭކު ފެނިފައެއްނޫނެވެ. ކޭކުގެ އެންމެމަތީގައި ހުޅުވާލާފައި ބަހައްޓާފައި ހުރި ކުޑަކުޑަ ފޮށިފެނުމުންނެވެ. އެފޮށީގައި ހުރިއެއްޗެއް ވިދަމުންދަނީއެވެ. އެއީ ހަމަ އަހަރެން މިހީކުރާކަހަލަ އެއްޗެއްބާވައެވެ؟ ނޫނީއެއީ ހިވާގޮތެއްބާވައެވެ؟

ލަސްލަހުން ހިނގައިފައި ގޮސް މޭޒުކައިރީހުއްޓިލީމެވެ. ނޫނޭކެވެ. ނުވާނެއެވެ. މީހުވަފެނެކެވެ.މީކާކުގެ ސަމާސާއެއް ބާވައެވެ؟ އޮޅިގެން މިހުރީ ނުބައި ކޭކެއް ގެނެވިފަބާވައެވެ؟

“ތީގަ އަތްނުލާތީ!” ފޮށީގައި އޮތްއަނގޮޓީގައި އަތްލަން އަހަރެން އަތްހިއްލައިލި ވަގުތު މައިކަކުން މީހަކު ވަރަށް ބާރަށް ބުނިއަޑު އިވުމާއެކު އަހަރެން ހުރިތަނަށް ގަނޑުވިއެވެ. ހިއްލާލި އަތް ތިރިކުރަންވެސް ނޭންގިފައި ކުޑައިރުކޮޅަކު ހުރެވުނެވެ.

” ރިޝްފާ މުހައްމަދު އަހަންނާ އިންނަން އެއްބަސް ނުވާނަމަ ތީގަ ނާތްލާތި!” ހީވީމީހަކު އަހަރެންގެ މެޔަށްފެންއެއްޗެއް އޮއްސާލިހެނެވެ. މުޅިމީހާ ފިނިވިއެވެ. އަހަރެން ހަމަހުރި ގޮތަށް ހުރީއެވެ. ވާހަކަދެއްކީ ކާކުތޯ ބަލައިލަންވެސް ނުކެރިފައެވެ. ނަމަވެސް އެމީހަކުއައިސް އަހަރެންގެ ފަހަތުގައި ހުއްޓުނެވެ.

“ރިޝް.” މިފަހަރު އޭނާ ވާހަކަދެއްކީ ހަމައެކަނި އަހަންނަށް އިވޭވަރަށެވެ. އެއަޑު އިވޭއިރަށް ހީވީ އިތުރަށް އަހަރެން ފިނިވިހެންނެވެ. ހިންދިރުވާވެސް ނުލެވުނެވެ.

“ރިޝް. އެނބުރެބަލަ މިފަރާތަށް.” ނޫނެކެވެ. އެއީ އޭނައެއް ނޫނެވެ. އެހެނެއް ނުވާނެއެވެ. ކިހިނެއްހެއްޔެވެ؟

އަހަރެން އެބުރިލީމެވެ. އާންއެކެވެ. އޭނައެވެ. އެދެލޮލެވެ. އެހިނިތުންވެލުމެވެ.

“ދުޙާން!” އަހަރެންގެ އަޑު ބޭރުނުވިނަމަވެސް އެނަން ކިޔާލެވުނެވެ.

“ރިޝް. އަހަންނާ އިންނަން ނޫނީ އެއަނގޮޓީގައި އަތްލައިގެންނުވާނެ.”

ކިހިނެއްތަމިވަނީ؟ އަހަރެންގެ ހިތް ކުރިއަށްވުރެ ބާރަށް ތެޅެން ފެށިއެވެ. އަހަރެން ހިތާހިތުން ހޭންފެށިމެވެ. އަހަރެންގެ އަމިއްލަ ނަފްސަށް މަލާމާތް ކުރަން ފެށީމެވެ. މީ ހުވަފެނެކެވެ. އަހަރެންގެ ބަސްނާހާ ސިކުނޑި އަހަންނަށް ފާޑު ފާޑުގެ ހުވަފެން ދައްކަނީއެވެ. ދެއަތުން ބޮލުގައި ހިފާއްޓައިގެން ހުރެ އަހަރެން ހިނގައިގަތީ ޓެރަހުން ފައިބާށެވެ. ނަމަވެސް ދުޙާން އަހަރެންގެ އަތުގައި ހިފައި ހުއްޓުވިއެވެ.

” ރިޝް އޭގައި އަތްލާފިއްޔާ އޭތި އެއީ ރިޝްގެއެއްޗެއް. އެ އަބަދުވެސް އޮންނާނީ ރިޝްގެ އަތުގައި. މުޅިއުމުރަށްވެސް. ޤަބޫލުކުރޭ ރިޝް. ރިޝް އަމިއްލައަށް އެނުނަގާ….” އަހަރެން އަވަސް އަވަސް ކޮށްފައި ދުޙާންގެ އަނގަމަތީ އަތްއެޅީމެވެ.

“އަހަރެން ބޭނުން.” އަހަންނަށް ބުނެވުނެވެ. ވަށައިގެން މިމަންޒަރު ބަލަން ތިބި އެންމެން އަތްތިލަބަޑި ޖަހައިގަތެވެ. މަންމަމެން އައިސް އަހަރެން ގައިގައި އޮޅުލައި ގަތެވެ.

****

“ކިހިނެކޭ މަންމަމެންނާ ތިވާހަކަދައްކަންކެރުނީ؟” ޕާޓީ ނިމުމުން އަހަންނާ ދުޙާންއާ ވާހަކަދައްކަން ތިބީ ގޭގެ ބަގީޗާތެރޭ ހުރި ހިރިގަލުގޮނޑީމަތީގައެވެ.

“ނުބުނާނަން!” ހީގަންނަމުން ދުޙާން ބުންޏެވެ.

“ދެން! ބުނަންވީ!” އަހަރެން ދުޙާންގެ ކޮނޑުގައި ތަޅައިގަތީމެވެ. އެވަގުތު އަހަރެންގެ އަތުގައި ދުޙާން އެޅުވި އަނގޮޓި ފެނުމުން ހިނިތުންވެވުނެވެ. މަޑުމައިތިރިވެ ދުޙާންގެ ކޮނޑުގައި ބޯއަޅާލެވުނެވެ.

“އަހަނ! ކިހިނެއްވީ؟” ދުޙާން ސީރިއަސް ވެއްޖެކަން އަހަންނަށް އެނގުނެވެ.

“ނުބުނީމަ ދެރަވީ!” އަހަރެން ތުންދަމާލީމެވެ.

“އެހެންތަ؟ އެހެންވީއިރު މިބުނަނީ. ހަނދާންވޭތަ އެއްދުވަހަކު މަންމަގެ ފޯނުން އަހަންނަށް ގުޅީމެއްނު؟ ރިޝްގެ ފޯނުން ޗާރޖް ހުސްވެގެން ގުޅައިގެން ހުއްޓާ.”

“ހުމް”

” އޭގެފަހުން އެއްދުވަހަކު ރިޝްއަށް ނުގުޅިގެން އެނަމްބަރަށް ގުޅީ. އެހިސާބުން ރިޝްގެ މަންމައާ ވާހަކަ ދައްކަން ފެށީ. ދެން ބައްޕައާ.”

“ކީކޭ އެދުވަހު މަންމަ ބުނީ؟ ކީކޭ ޙާން ބުނީ؟” އަހަރެން ކުޑަކޮށް ހާސްވާގޮތް ވިއެވެ.

” މަންމަބުނީ ކޮންކުއްޖެއްހޯ. އަހަރެން ބުނީ ރިޝްގެ ކުއްޖެކޭ.” ހެމުން ދުޙާން ބުންޏެވެ. އަހަންނަށް ލަދުން އިސްޖަހާލެވުނެވެ.

“ބުނުމާއެކު މަންމަގެ ވާހަކަ ފެށިގޮތަށް ނިމުނު ކޮޅެއްނައި” ދުޙާން އެހެން ބުނުމުން އަހަރެން ހިނިތުންވެލީމެވެ. މިގޮތަށް އެތައް ވާހަކައެއް އެރޭދެއްކީމެވެ. އެތައް މަލެއް ފޮޅުވީމެވެ. އެރޭ ނިދަން ދިޔައީ ދުވަހަކު ނުވާވަރަށް އުފާވެފައި ހުރެއެވެ. ހަޔާތުން މިފެށުނު އާސޮފްހާއާމެދު ވިސްނަން އޮވެ ފުންނިންޖަކަށް ގެނބިގެންދިޔައެވެ.

****

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަންނާ ދުޙާންއާ ދެމީހުންގެ ގުޅުން ދިޔައީ ބަދަހިވަމުން ވަރުގަދަ ވަމުންނެވެ. ގުޅާވަގުތުތައް ގިނަވެ، ގުޅައިގެން ހުންނަ ވަގުތުތައް އިތުރުވަމުން ދިޔައެވެ. ތަފާތުވާހަކަތައް ދެކެވި އެކަކު އަނެކަކުގެ ހާލަތު ރަނގަޅަށް އޮޅުންފިލަން ފެށިއެވެ.

“ރިޝް!”

“އޯތް ދުޙާން!” އެހެން ރޭރެއެކޭވެސް އެއްގޮތަށް ނިދަން ގޮއްސަ ދެމީހުން ފޯނުން ވާހަކަދައްކަން އޮތްރެއެކެވެ.

“ކީއްކޮށްލަނީ؟”

“ޙާން މިހާރު ކިތައް ފަހަރު ތިސުވާލު ކޮށްފިން؟ ކިހިނެއްތަ ވީ؟”

” ކަމެއްނުވޭ. ހަމަކުރާކަމެއް ބަލާލާހިތްވީ.”

” ނުކުރަންކަމެއް ހަމަ އޮތީ.”

“މިސާލަކަށް…….” ޖުމްލަ ފުރިހަމަ ނުކޮށް ދުޙާން ހުއްޓާލުމުން އަހަރެންގެ ހިތް ނޭންގޭ ޒާތަކަށް ތެޅިލިއެވެ.

“މިސާލަކަށް ކިހިނެއްވީއޯ؟” މަޖާރާގެއްގައި އަހަރެން އަހާލީމެވެ.

” މިސާލަކަށް ވަރަށް މުއްސަނދި، ވަރަށް ރީތި، ވަރަށް ރަނގަޅު މީހަކު ރިޝްގެ ކައިވެޏަށް އެހީއޯ. އޭރުން އަހަރެން ދޫކޮށްލާފަ އޭނާއާ އިންނާނަންތަ؟”

” ކޮންކަހަލަ ވާހަކައެއް ޙާން ތިދައްކަނީ؟ ނޫން. ނީންނާނަން.” އަހަރެން ތެދުވެ އެނދުމަތީ އިށީނީމެވެ.

” މިސާލަކަށް އަހަންނަށް ނެތީ އޯ ރިޝްއާ މެރީ ކުރެވެން. އޭރުންނޯ؟”

“ދުޙާން! މޮޔަވީތަ؟ ކުއްލިއަކަށް ކޮންކަހަލަ ވާހަކައެއް ފަށައިގެން ތިޔަ އުޅެނީ؟ ޙާން އަހަންނާ އިންނަން ބޭނުން ނޫނީތަ؟” އަހަންނަށް ރޮވޭގޮތް ވިއެވެ. ދުޙާންއާ ވަކިން ދެން އުޅޭނީ ކިހިނެއް ހޭއްޠެވެ. އަހަރެން މޮޔަވެދާނެއެވެ. އޭނާއަށް މިރޭ އެހުރީ ކިހިނެއް ވެފާބާވައެވެ؟

“ޙާން! ކީއްވެތަ އެއްޗެކޭ ނުބުނެ ތިހުރީ؟” ދުޙާން ވާހަކަ ނުދެއްކުމުން ނުހުރެވިގެން އަހަރެން ބުނީމެވެ.

“ކީކޭ ބުނަންވީ؟” ފަރުވާކުޑަ ރާގެއްގައި އޭނާ ބުންޏެވެ. އަހަރެން ހައިރާންވިއެވެ. އެހާ އަވަހަށް ރާގު ބަދަލުވީމައެވެ. އަހަންނާ ވާހަކަދައްކަމުން ދިޔަ ގޮތް ތަފާތު ވީމައެވެ.

” ހާން! ކީއްތަވީ؟ އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟ ބުނެ…” އަހަރެންގެ އަޑުބެދޭ ގޮތްވިއެވެ.

“އަހަންނަށް ކިހިނެއް އިނގެނީ ރިޝް އެކްޓުކުރަނީ ނޫންކަމެއް؟ މާލޭ ކުއްޖަކު ރާއްޖެތެރޭ ނިކަމެއްޗަކާ އިނދެދާނެތަ؟ ތިމީހުންއަބަދުވެސް އަހަރުމެންނަށް ދޭނީ ލަނޑު. އަހަރުމެން ލައްވާ ކުޅިވަރު ކުޅޭނީ. ފޫހިފިލުވަން އަހަރެމެން ގެންގުޅޭނީ. ބޭނުންގޮތަކަށް ގެންގުޅިލާފަ ފޫހިވީމަ އެއްލައިލާނީ.” އަހަރެންގެ ހައިރާންކަން ދިޔައީ އިތުރުވްމުންނެވެ. ދުޙާންއަށް މިހުރީ ކިހިނެއްވެފާހެއްޔެވެ؟ މީހަމަ އަހަރެންގެ ދުޙާން ހެއްޔެވެ؟

” ހުއްޓާލާ ދުޙާން! އަހަންނަށް ހީވަނީ ކުޅިވަރު ކުޅެނީ ދުޙާންހެން. އަހަންނަށް ތިހާ ޝައްކު ކުރަންޏާ، ތިހާ އިތުބާރު ނުކުރެވެންޏާ ގޭ މީހުން ކުރިމަތީ ކޮންއާޓެއް ދެއްކީ؟ އަހަރެންގެ އުފަންދުވަހުގަ ކޮން ފިލްމެއް ކުޅުނީ؟ ކީއްވެތަ ދުޙާން…؟” އަހަންނަށް ރޮވެންފެށުނެވެ.

“އެހެންވީއިރު އެއްފަހަރުވެސް ބުނެބަލަ އަހަރެންދެކެ ލޯބިވެއޭ. މިއޮއްހުރިހާ ދުވަހެއްވީއިރުވެސް ތިދުލުން އެހެން ބުނި އަޑެއް އަދީނާހަން. ބުނެބަލަ ބުނިންތަ؟ ނުބުނަމެއްނު؟ އަހަރެން ކިހާވަރަކަށް އާދޭސް ކުރިން؟ އަބަދުވެސް ‘ލަދުން’ ” ‘ލަދުން’ ކިޔައިލީ އަންހެން އަޑަކުންނެވެ. އަހަރެން އެހާދެރަވެފަ ނެތްނަމަ ހެވުނީހެވެ. ތެދެކެވެ. އަދި އެންމެ ފަހަރަކުވެސް އަހަރެން ދުޙާން ދެކެ ލޯބިވަމެކޭ ނުބުނަމެވެ. ނުކެރެނީއެވެ. ބުނަންބޭނުމެވެ.

” ބުނެބަލަ ރިޝް. ތިދުލުން އެހެން ބުނާ އަޑު މިކަންފަތަށް އިވުނީމަ ގަބޫލުކުރާނީ. އިތުބާރު ކުރާނީ.”

“އެންމެ ރަނގަޅު.” އަހަރެން ފުންނޭވައެއްލީމެވެ.” މިބުނަނީ”

“ހުމް. އަޑު އަހަން މިހުރީ.”

“މިބުނަނީ.” އަނެއްކަ ފުންނޭވާއެއްލީމެވެ.

“ދެން ބުނަންވީނު.”

“މިބުނަނީއޭ.” އަހަރެން ހިމޭން ވީމެވެ. އެނާވެސް ހިމޭންވިއެވެ. ދެމީހުންގެ ނޭވާގެ އަޑު ފިޔަވައި އިތުރު އަޑެއް ނީވެއެވެ. އެއްމިނެޓުވެއްޖެއެވެ. ދެމިނެޓުވެއްޖެއެވެ. އަހަންރެންގެ އެތެރެހަށީގައި ހިވަނީ ބޮޑު ހައިޖާނެއް އުފެދިފައިވާހެނެވެ. ނުބުނެވިގެން މުއުޅެނީ ކީއްވެހެއްޔެވެ؟ އެންމެ ތިންލަފްޒު ނުބުނެވެންވީ ސަބަބެއް ކޮބައިއެއްޔެވެ؟ އަހަރެން މިފަސްޖެހެނީ ކޮންކަމަކާ ހެއްޔެވެ؟

” ނުބުނެވުނެއްނު! މި ނިންމީ ރިޝް އަހަރެންދެކެ ލޯބި ނުވާކަމަށް. އަހަރެންދެކެ ލޯބުނުވާމީހަކާ ވާހަކަދައްކާކަށް އަހަރެން ބޭނުމެއްނޫން. ބައި!” އެހެން ހުންނަތާ ފަސް މިނެޓުވީ ފަހުން ދުޙާން ބުންޏެވެ.

“ނޫން ޙާން! އަހަރެން ޙާން ދެކެ ވަރަށް ލޯބިވަމޭ! ހާން….” ތެޅިގަނެފައި އަހަންނަށް ބުނެވުނެވެ.ނަމަވެސް ދުޙާން ބަހަކުން ބަހެއްވެސް ނުބުނެ ފޯންކަނޑާލިއެވެ. ވީދެރައިން އަހަންނަށް ބަލީސް ނަގާ އަނގައަށްލާ ހަޅޭއްލަވައި ގަނެވުނެވެ. ލޮލުން ފޭދުނު ކަރުނަތައް ހުއްޓުމެއްނެތި ބާލީސް ތެންމަމުން ދިޔައެވެ. އެތައް ފަހަރަކު ދުޙާންއަށް ގުޅޭތޯ ބެލީމެވެ. ބިޒީކޮށްލަނީއެވެ. އެންމެ ފަހުން ފޯން ނިއަވާލިއެވެ. އަހަރެން އިތުރަށް ދެރަވިއެވެ. ހަދާނެގޮތް ހުސްވެ ބޮލުގައި ދެއަތުން ހިފާއްޓާއިގެން ހުރެ ރޯންފެށީމެވެ.

“ދުޙާން! ހެޔޮނުވާނެ. ޤަބޫލުކުރޭ. އަހަރެން ދުޙާންދެކެ ވަރަށް ލޯބިވޭ. ވަރަށް ބޮޑަށް ލޯބިވޭ. ދުޙާން އަހަރެން ދޫކޮށް ނުލާތި. ޕްލީޒް.” އިރު އިރު ކޮޅާ މިފަދަ މެސެޖެއް ދުޙާންއަށް ފޮނުވަމުން ދިޔައީމެވެ.

ފަތިސްވެ އަލިވިލެއްޖެއެވެ. ފޯނުއެލާމް ވާންފެށީ އޮފީހަށް ދާގަޑި ކައިރިވެއްޖެކަން އަންގައި ދިނުމަށެވެ. ބާލީހުން ބޯހިއްލައިވެސް ނުލާ އެލާމް ކަނޑައިލީމެވެ. މިއަދު އޮފީހައްދާކަށް ބޭނުމެއްނޫނެވެ. ވެގެންނަންޏާ މިއެނދުންވެސް ނުތެދުވާނަމެވެ. އަހަރެން ހިތާހިތާ ކިޔައިލީމެވެ. ނޫނެކެވެ. އޭރުން ކަމެއްވެއްޖެކަން މަންމަމެންނަށް އެނގިދާނެއެވެ. އެނގިއްޖެއްޔާ އެމީހުން ދުޙާން ގޯސްކޮށް އަހަންނާ އޭނައާ ދުރުކުރުވަފާނެއެވެ. ކަމެއްވީކަންވެސް އަންގައިގެން ނުވާނެއެވެ. ހިތްވަރު ކޮށްލާފައި ތެދުވީމެވެ. ބޯހީވަނީ އަހަރެންގެ ހަށިގަނޑަށް ވުރެވެސް ބަރުހެންނެވެ. ފެނަވަރާލައި ތާޒާވެލުމުން ކޮންމެވެސްވަރަކަށް ބޮލަށް ލުއިހެން ހީވިއެވެ. ފޯނުނަގައި ދުޙާންއަށް މެސެޖެއް ކޮށްލަމުން ކޮޓާރިން ނިކުތީމެވެ.

“ދުޙާން. ޕްލީޒް. ވަރަށް ލޯބިވޭ. ރުޅިމަޑު ކޮށްފަ އަހަނަށް މާފު ކޮށްދީބަލަ. ރިޕްލައި ކޮށްބަލަ. ޕްލީޒް. ދުޙާން ދެކެ ވަރަށް ލޯބިވޭ.” މެސެޖު ފޮނުވުމުން ދުޙާންއަށް ލިބުނުކަން ޔަގީން ވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

މޭޒުމަތީ ހުރި ކާއެއްޗެހި ފެނުމުން މޭނުބައި ކުރާގޮތްވިއެވެ. އެއްގޮތަކަށްވެސް ކާހިތެއްނެތެވެ.

“މަންމާ އަހަރެން މިއަދު ސައެއްނުބޯނަން. ވަރަސް ލަސްވެއްޖެ.” އަތްދަބަސް ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް ގެއިން ނުކުންނަމުން އަހަރެން ގޮވާލީމެވެ.

“ރިޝްފާ! ސައިބޮއިގެން…..” މަންމަ ޖުމްލަ ފުރިހަމަ ކުރަންވާއިރަށް އަހަރެން ކާރެއް ހުއްޓުވައި ކާރަށް އެރީމެވެ. ދަމުން މަންމައަށް ހަނާ އަޅާލީމެވެ. އުނަގަނޑުގައި އަތްވިއްދާލައިގެން ރުޅިއައިއްސަ މަންމަ ހުއްޓެވެ. އަހަރެންގާތަށް އައީ ހިންޏެވެ.

މުޅިދުވަސް ހޭދަވެގެން ދިޔައީ ގަރުނެއްވޭތުވެގެން ދާހާ ލަހުންހެން ހީވިއެވެ. ދުޙާންގެ މެސެޖެއްގެ އިންތިޒާރުގައި އިނދެއިނދެ ވަރުބަލިވެގެންނެވެ. އެންމެ ފަހަރަކު ނަމަވެސް ގުޅާނެ ކަމުގެ އުންމީދުގައި އިނދެ މާޔޫސްވެގެންނެވެ.

ދުޙާން އެފަދަގޮތަކަށް ވާހަކަދެއްކީ ކީއްވެބާވައެވެ؟ ދުޙާން އެބަދަލުވީ ހަމަ ކުއްލިއަކަށް ބާވައެވެ؟ ނޫނީ ކުރިންވެސް އެފަދަ ބަދަލުތައް އަންނަމުން ދިޔަބާވައެވެ؟ އެކަންކަން އަހަންނަށް ފާހަގަ ނުކުރެވި އޮތީބާވައެވެ؟ ސުވާލުތަކާއި ޝާކުވާތަކުން އަހަރެންގެ ސިކުނޑި ފުރެމުންގޮސް ބޮލަށް ބާރުކުރަންފެށިއެވެ. ފޯނުނުނަގާނަމަ ދޫޙާން ހުރިތަނަކުން ހޯދައި ބައްދަލު ކުރަން ވެއްޖެއެވެ. ވީގޮތެއް އޮޅުން ފިލުވަންވެއްޖެއެވެ.

އެގާރަޖަހައިފިއެވެ. ނަމަވެސް މިރޭ ދުޙާން ނުގުޅާނެއެވެ. އެހެންވިއަސް ފޯނުހިފައިގެން އިނީމެވެ. ނުވާނޭކަމެއްގެ އިންތިޒާރުގައެވެ. ބާރަޖަހައިފިއެވެ. ނީނދެވިގެން ދުޙާންއަށް ގުޅަން ޖެއްސީމެވެ. ފޯނުރިންގުވެއެވެ. އެކަމަކުވެސް ނުނަގައެވެ. ފަސްވަރަކަށް ފަހަރު ގުޅިތަނާ ފޯނުނިއްވާލިއެވެ.

ދުޙާންއެވެ. ކީއްވެހެއްޔެވެ؟ ތިހެން ނުހަދާށެވެ. ހެޔޮނުވާނެއެވެ. ފޯނު އޮން ކުރާށެވެ. އަހަރެން ގުޅީމައި ފޯނުނަގާށެވެ. ކުރިންހެން ލޯބިން ވާހަކަ ދައްކާށެވެ. އެކިވިސްނުމުގައި އޮވެ އަހަންނަށް ނިދުނީ ކިހާއިރަކު ކަމެއް ނޭންގެއެވެ.

ޖެހިގެންއައި ދުވަހަކީ ހުކުރު ދުވަސް ކަމުން އަހަރެން ވަކިއަވަހަށް ތެދުވާކަށް ނޫޅެމެވެ. މެންދުރަށް ކައްކަން ކައިރިވީމައި ތެދުވުމުގެ ޙިޔާލުގައި ހޭލެވުމުންވެސް އޮތީމެވެ.

“ކޮބާ ދަރިފުޅުމެން ކައިވެނި ކުރާ ތާރީޙެއް ކަނޑައަޅައިފިން؟” މެންދުރު ކާންއިދެފައި ބައްޕަ އެހިއެވެ.

“ތަ..ތާރީޙެކޭ؟” އަހަރެން ކޮށިއެރިއެވެ.

“ހުމް. ދުޙާން ބުނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުމޭ.”

“އެނ؟” އަހަރެން ފެންފޮދެއް ބޯލީމެވެ.

” ތާރީޙެއް އަވަހަށް ކަނޑައެޅިއްޔާ ފަސޭހަވާނީ. އަދި ފޯމުވެސް ނަގަންޖެހޭނެ. މަދުންގެން އަފަތާއެއް ވަރުވާނެހެން ހީވަނީ ފޯމުލާފަ.” ދޮންބެވާހަކަދެއްކިއެވެ.

“ފޯމު؟” އަހަންނަށް ކިޔާލެވުނެވެ.

“އެކުދިން އެކަމާހިޔާލު ބަދަލު ކޮށްފައި އަހަރުމެނަނާ ވާހަކަދައްކާނެއްނު. ދޯ ދަރިފުޅާ؟” މަންމަ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.

“ހިޔާލުބަދަލު ކޮށްފައި؟.ހުމް ހިޔާލު ބަދަލު ކޮށްފައި ވާހަކަދައްކާންނަން. ހުމް.” އަހަރެން މެދުކެނޑުމެއްނެތި ތިންފަހަރު ބޯޖަހާލީމެވެ.

“މާލަސް ނުކުރައްޗޭ!” ކޮއްކޮ ބުނެލިއެވެ. އަހަރެން ހީލައިފައި ބޯޖަހާލީމެވެ.

“ޙިޔާލު ބަދަލުކޮށްފައި ވާހަކަދައްކަފާނަން. އެކަމަކު ބަދަލުވެގެންދާނީ މުޅީން އެހެން ގޮތަކަށް ތޯއްޗެ.” އަހަންނާއި ސަމާ ވާހަކަދައްކަން ތިބީ އާޓިފިޝާލްބީޗުގައެވެ.

“ތިހެން ހީނުކުރޭ.”

“ނޫނޭ ސަމާ. މިހީކުރަނީކީނޫން. ޔަގީންވަނީ. ދުޙާން އަހަންނާ ވާހަކަ ނުދައްކާ. ފޯނުނުގާ. މެސެޖުނުކުރޭ. ދެންވަކި ކައިވެނި ކުރާނެތަ؟”

“އަހަންނަށް ކުރެވުނު ކުޑަ ކުޑަ ކަމަކުން އަހަންނަށް ދުޙާން ގެއްލިއްޖެ.” އަހަރެންގެ އަޑު ކުރެހުނެވެ.

“ދެކުދިން ކޮންވާހަކައެއްގައި؟” އަހަންނާއި ސަމާ ދިޔައީ ސިއްސައިގެންނެވެ. ފަހަތުގައި ހުރީ ދުޙާންއެވެ.

“ހައި. ސަމާދޯ؟ ހާދަދުވަހެއްވެއްޖޭ ނުފެންނަތާ. ކިހިނެއް ކިހިނެއް؟” ދުޙާންއައިސް އަހަރެން ކައިރީ އިށީނެވެ. އަހަރެން ހައިރާންކަމާއެކު ބަލަހައްޓައިގެން ހުރީމެވެ.

“ރަނގަޅު. ދުޙާން ކިހިނެއް؟” ސަމާ ދުޙާންއާވާހަކަ ދައްކަމުން އަހަރެންނަށް ބަލައިލީ ސުވާލުމާކު ތަކަކާއެކުއެވެ.

“ބަރާބަރު. ދެން ދުޙާން ނުކިޔާ. ސަމާވެސް ޙާން ކިޔާ.” ދުޙާން އިތުރަށް އަހަންނާ ކައިރިވެލިއެވެ. އަހަންނަށް ކުޑަކޮށް އުނދަގޫވާންފެށިއެވެ. ދުރަށްޖެހިލަން އުޅުމުން އޭނާ އަހަރެންގެ އަތުގައި ހިފޭއްޓިއެވެ.

“ދެން އަހަރެން ރިޝް ގެންދަނީ އިނގޭ.” ދުޙާން އަހަރެންގެ އަތުގައި ހިފައި އަހަރެން ނެގިއެވެ.

“ކޮންތާކަށް؟” ސަމާއަހާލިއެވެ. ލިބިފައިވާ ހައިރާންކަމުން އަހަރެންނަށް ބަހެއްވެސް ނުބުނެވެއެވެ. ދުޙާންއަށް ބަލަހައްޓާއިގެން ހުރެވުނީއެވެ.

” ނުބުނާނަށް.” މަޖާރާގެއްގައި ދުޙާން ބުންޏެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

“ރިޝް އަހަރެންނަށް…….” ސަމާބުނިއެއްޗެއް އަހަރެންނަށް އަޑުނީވުނެވެ

Share Article

Follow Me Written By

lizzy

Level 1

Other Articles

Previous

މިޙަޔާތާ ދުރުނުވޭ… (2ވަނަބައި)

Next

2015 އަށް މަރުހަބާ

Next
December 31, 2014

2015 އަށް މަރުހަބާ

Previews
December 29, 2014

މިޙަޔާތާ ދުރުނުވޭ… (2ވަނަބައި)

5 Comments!

  1. lizzy says:
    December 29, 2014 at 8:00 pm

    އާއެކައުންޓެއްގަ ވާހަކަ އަޕްކުރަން ޖެހުމުން އަލުން ފަށައިގެން އަޕްކުރީއެވެ..ވާހަކަ އަޕްލޯޑު ނުކުރެވި މިހާގިނަ ދުވަސް ވުމުން ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ

  2. black widow says:
    December 29, 2014 at 9:07 pm

    Varah salhi…. avaha up koh dhehche :).

  3. Xaash says:
    December 30, 2014 at 7:11 am

    Thiha lahun up kuranya nukuriyas ragalhu vaane..
    Btt vaahaka salhi…..

  4. Maash says:
    December 30, 2014 at 10:31 am

    Story v nice vaanehen hyvany

  5. shamaa says:
    December 30, 2014 at 8:28 pm

    Dear lizy. Vahaka kiyan fashaa irah ingijje lizy ge vaahaka kan. Proud of you dude. Miss vey.
    Much love, BG

Comments are closed.



All Right Reserved!