Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހަށިފާރަވެރިޔާ 3

writable pen Level 1
February 8, 2020 5 Mins Read
6 Comments

“ތި ކެވެލި ކަލޭ މަންމަ އަތަށް އެރި ގޮތެއް ނޭންގެ. އެކަމަކު ތި ބުނިހެން ރަމީޒް އަންނާނެ ކަލޭ ހޯދަން… އޭނަ އަންނާނެ.” ދުރަށް ބަލަހައްޓައިގެން ހުރެ ޝައިހާން ތަކުރާރުކޮށްލި ގޮތުން ޖޫންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް އުފެދިގެންދިޔައެވެ.

“އަހަރެން ބޭނުންވަނީ ކަލޭ މަންމައަށް ތި ކެވެލި ލިބުނު ގޮތެއް ހޯދަން. ކަލެއަށް މި ވަގުތު އެންމެ ބޭނުންވަނީ ރަމީޒްގެ ކިބައިން ރައްކާތެރިކަން. އަހަރުމެން ދެ މީހުންގެ ބޭނުން ފުރިހަމަކުރުމަށްޓަަކައި އަހަރެން ކަލޭގެ ހަށިފާރަވެރިޔާއަށް ވިޔަސް އެންމެ ރަނގަޅުތަ؟” ޝައިހާން ހުށަހަޅައިލިއެވެ.

________________________________________

ޖޫންއަށް ބުނާނެ އެއްޗެއް ނޭންގިފައި އިރުކޮޅަކު ހުރެވުނެވެ. ޖޫންގެ މޫނުގެ ކުލަވަރަށް އަންނާނެ ބަދަލެއްގެ އިންތިޒާރުގައި ބަލަހައްޓައިގެން ހުރި ޝައިހާންއާއި އެ ދެމެދުގައި ވީ ހިތަށް އުނދަގޫ ހަމަހިމޭންކަމެކެވެ.

“ޕު…ހައްހައްހައްހާ!” ހަމަހިމޭންކަން ކަނޑުވައިލި ޖޫންގެ ހިނިގަނޑުން ޝައިހާން ސިއްސައިގެން ދިޔައެވެ. “ހަށި… ކޯޗެކޭ؟ ހައްހައްހާ! ފިލްމެއް ތަ މި ކުޅެވެނީ؟ މަގޭ އަތުގަ ނެތް ބޮޑީ ގާޑަކަށް ދޭނެ މުސާރައެއް. ހުށަހެޅީތީ ޝުކުރިއްޔާ އެކަމަކު.” ޖޫން ހިނިގަނޑު މަތަނުކުރެވުގެން އުޅުނެވެ. އަމިއްލައަށް ބުނެވުނު އެއްޗަކުން ހިސާބަކަށް ލަދުގަނެފައި ޝައިހާން އަނެއްފަޅިއަށް ބަލައިލިއެވެ.

“މި ކެވެލިގަނޑުގެ ހަގީގަތޭ؟ އަން މިއޮތީ ކެވެލި.” ޖޫން އަތުގައި އޮތް ރިހި ކެވެލިކޮޅު ނަގައި ޝައިހާން އަތަށް ދިއްކޮށްލިއެވެ. ތި ކިޔާ ހަގީގަތެއް ހޯދުނީމަ އަނބުރައި ރައްދުކުރުމަށް ވަރަށް ބޮޑަށް އެދެން. ކުރީގަ ތީ ކާކުގެ އެއްޗެއް ކަމެއް ނޭންގެ. އެކަމަކު ތީ މިހާރު މަގޭ އެއްޗެއް.” ޖޫން އިތުރުކޮށްލިއެވެ. ހިފަން ނުހިފަން ހުރެފައި ޝައިހާން ކެވެލީގައި ހިފީ، ދެން ހަދާނެ ގޮތެއް އެނގިހުރެއެއް ނޫނެވެ. ކެވެލި ލިބުނަސް ޖޫންގެ ފަރާތުން މެނުވީ ޖޫންގެ މަންމަގެ ހަގީގަތަށް ވާސިލުވެވޭނެ ކަމާއިމެދު ޝައްކެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ އެކްސް ނޫން މީހަކު ސަލާމަތްކޮށްދިނީތީ.” އިންކާރު ކުރުމުގެ ބަހަށް އިތުރަށް ބާރެއްލާފައި ބުނެލި ޖޫން ޝައިހާންއަށް ފުރަގަސްދީ ހިނގައިގަތެވެ. ފަޅި ހަނދެއްގެ އަލިކަން ފިޔަވައި އަލިކަމެއް ނެތް، ފަޅުވެފައިވާ އެ މަގުން އެކަނި ދާން ބިރުނުގަންނަނީކީ ނޫނެވެ. ނަމަވެސް މިއަދު ދިމާވި މީހެއްގެ ސައިކަލު ފަހަތަށް އަރާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ.

“ރަމީޒު ފަހަތުން އައިމަ މަގޭ ކައިރިއަށް ނާންނާތި!” ޖޫންއަށް މާ ދުރަށް ނުދެވެނީސް ޝައިހާން ޖެއްސުމަށް ގޮވައިލިއެވެ. އެ ވަގުތު ޖޫންގެ އެއް ފައި އަރިއަޅައިލިއެވެ. ވެއްޓުނަނުދީ އަނެއް ފައި ބިމުގައި ބާރަށް ހިއްޕާލައިފައި، އަރިއަޅައިލި ފައިތިލައަށް ބަލައިލިއިރު އުސް ބޫޓުގެ ފުންނާބު ކަށި އޮތީ ބޫޓުގެ ދަށްފުށާއި ވަކިވެ، އެލިފައެވެ. އެ ކިބަ ބާލައިފައި އެއް ކިބައަށް އަރައިގެން ހިނގަން މަސައްކަތް ކުރުމުން ކޮރުޖަހައިފައި އެޅުނީ ފަސް ފިޔަވަޅެވެ. އެންމެ ފަހުން އަނެއް ކިބަވެސް ބާލައިފައި މުޅިން ހުސްފައިގައި ހިނގައިގަތެވެ. ފަހަތުގައި ކުޅިބަލަން އިން ޝައިހާންއަށް މަޖާވެގެން ހެވުނެވެ. ސައިކަލުން ފައިބައިގެން އައިސް އޭނާ ޖޫންއާއި ހިނގުން އެއްވަރުކޮށްލިއެވެ. ޖޫން ޝައިހާންއާއި ދިމާއަށް ލޯ އަަަޅައިލުމުން ޝައިހާން އަވަސް އަވަހަސް ހިނިތުންވުން ފޮރުވައިލިއެވެ.

“މީހަކު ފަހަތުއަޅުވައިލައިފިއޭ ކިޔާ ޕޮލިހަން ގުޅަންވީތަ؟” ޖޫން ކިޔައިލިއެވެ. ނަމަވެސް ޕޮލިހަށް ގުޅުމުގެ އެއްވެސް އަޒުމެއް އޭނާގެ ނެތެވެ. ނުވީތާކަށް ޝައިހާން އެކީގައި ހުރީތީ އޭނާއަށް ލިބުނީ ހިތްހަމަޖެހުމެކެވެ.

“ނުބުނެ ގުޅިނަމައެންނު. ދެން ގުޅިއަކަ ނުދޭނަން.” ބިރުގަންނަވަން އުޅޭ ކަމުގެ ތަމްސީލެއް ކުޅެލަމުން ޝައިހާން ބުންޏެވެ. ރައްދުގައި ޖޫން އަނގަ ޗޭކޮށްފައި މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

“އިންޓަވިއު ކަޑަކޮށްދޯ ދިޔައީ؟” ޖޫން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“ކާކު ބުނީ؟” ޝައިހާން ހައިރާންވެފައި އަހައިލިއެވެ.

“ޓައި އެއްލާލާފަ ދިޔައީ އިންވިއު ސަކަރާތްވި ވަރުން ރުޅި އައިސްގެނެއް ނޫންތަ؟” ޖޫން އެއްސެވެ.

“ޓައިއޭ؟” ޝައިހާން ދެބުމަ ގާތްކޮށްލިއެެވެ. “އާނ ޓައި ދޯ… އެ މަގޭ ލަކީ ޓައިއޭ. އެކަމަކު މިއަދު އެ އަޅައިގެން ދިޔައިމަ ދިމާވީ އެ ރަމީޒުއާ. އެހެންވެސް އަންލަކީ ވީ ކަންނޭންގެއޭ ހިތާ އައި ރުޅިން ނުކުމެ އެއްލައިލީ. އެކަމަކު… ކަލެއަށް ކިހިނެތް އިނގުނީ.”

“މަ ނުކުތީ ކަލެއަށްވުރެ ފަހުންނެންނު. މަގުމަތީ އޮއްވަ ފެނިގެން ހީވިއޭ ކަލޭގެހެން. އާންމުކޮށް މީހުން އަޅާ ކުލައެއް ނޫންވިއްޔަ.” ޖޫން ނުހޭންވެގެން ތުން ފިއްތައިލިއެވެ.

“އޭތް ޖަޖް ނުކުރޭ! މަގޭ ފޭވްރިޓް ކުލައޭ އެއީ. މަ އަދި ކޮބާ… އެތާ ހުރި ސްޕައިޑާރމޭން އޯ؟” ޝައިހާން ދިފާއުގައި އިންޓަވިއުއަށް އައިސް ހުރި އެހެން މީހެއްގެ ވާހަކަ ބުންޏެވެ. އޭނާ ހުރީ ސްޕައިޑާރމޭން ޖަހާފައި ހުރި ޓައިއެއް އަޅައިގެންކަން ޖޫންވެސް ހަނދާންވިއެވެ.

“އޭނަ އިންޓަވިއުއަށް ވަދެފަ ކީ މިހެންކަންނެ… އައްސަލާމު އަލައިކުމް. އަޅުގަނޑަކީ މުހައްމަދު. އެންމެ ރީތި ކުލައަކީ ރަތް ކުލަ. އެންމެ ކަމުދާ ސުޕާރ ހީރޯއަކީ ސްޕައިޑާރމޭން. އަޅުގަނޑަށް މި ވަޒީފާ ދީފިއްޔާ ހުރިހާ ކަސްޓަމަރުންނަށްޓަކައި ސުޕާރ ހީރޯއަކަށް ވާނަން.” ޖޫން އަޑު ބަރުކޮށްލާފައި ކިޔައިލިއެވެ. “ވަފިއްޔާ އޭނަ ނެރެލާނެ، ދާށޭ ކުޑަކުދިންނަށް ތި މޮޅުކަން ދައްކަން ކިޔާފަ.”

އެ މަންޒަރުގައި އިންނަ ރަމީޒު، އެ ހާލަތުގެ މޮޔަކަމާއިހެދި ބިނދި ބިނދިފައި ހޭތަން ޝައިހާންއަށް ސިފަވިއެވެ. ރަމީޒާއި ދޭތެރޭ ވިސްނައިލެވުމާއިއެކު ޝައިހާންގެ ހިތަށް އިތުރު ސުވާލެއް އައެވެ.

“ރަމީޒަށް ކީއްވެ ތީ ހަނާކަމަށް ހީވާންވީ؟ އިންޓަވިއު އިން ކަލޭ ފެނުނެންނު.”

“އޭނަޔަށް ކީއްވެ އިންޓަވިއުއިން މަ ފެނަންވީ؟” ޖޫން ދެ ބުމަ ގާތްކޮށްލިއެވެ.

“ރަމީޒް އިނެންނު އިންޓަވިއު ކުރަން.” ޝައިހާން އޮޅުންއަރާފައި ބުންޏެވެ.

“އޭނ؟ ކަލޭ ވަތްއިރު އެތާ އޭނާ އިނޭތަ ތި ބުނަނީ؟ މަ ދިޔައިރަކު ނެތް…” ޖޫން ފާޅުކޮށްލިއެވެ.

“ތިހެންވިއްޔާ މަ ނުކުތީމާ އޭނަވެސް ނުކުތީ ދޯ އެ. ޔަގީނުންވިއްޔާ އިންޓަވިއުއަށް އަންނަ މީހުންގެ މައުލޫމާތުވެސް ބަލާވެސް ނުލާ. މަ ފެނިފަ ހައިރާންވީ އޭނަ.” ޝައިހާން ބުންޏެވެ.

ޖޫން އިސްދަށަށް ޖަހައިލިއެވެ. ބުނާނެ އެއްޗެއް ނޭންގުނީ، މި ހާދިސާއާއި ބެހޭގޮތުން އެނގޭ އެއްޗެއްސަށްވުރެ ނޭންގޭ އެއްޗެހި ގިނަކަމުންނެވެ. ސުވާލެއް ނުކުރީ ޝައިހާން ޖަވާބު ނުދޭނެކަން އެނގޭތީއެވެ. ދެ މީހުންގެ ފިޔަވަޅުތައް ފިޔަވައި އިތުރު އަޑެއް ނެތް ހިމޭންކަމުގެ ސަަބަބުން، ހަގީގަތް ދެނެގަތުމަށް އޮތް އޭނާގެ ޝައުގު އިތުރުވެގެންދިޔައެވެ. ރަމީޒްގެ ހިތުގައި ޝައިހާންއާއި ދޭތެރޭ ނަފްރަތު އުފެދުނީ ކިހިނެތްބާއެވެ؟ ޝައިހާންގެ މޫނުން، ތިމާއަކީ ކުށްވެރިއެއްކަން ގަބޫލުކުރާފަދަ ކުލަވަރެއް ފެންނަނީ ކީއްވެބާއެވެ؟ އެ ދޭތެރޭގައި ދިމާވީ ފަހެ ކޮން ކަމެއްބާއެވެ؟

ދުވެފައި ނުކުތް ރަމީޒް ދެކޮޅު ބަލައި ހޯދައިލިއެވެ. އަށެއް ސުމެއް އަށެއް ސުމެއްގެ ސައިކަލު ފެނުނު ނަމަވެސް ވަށައިގެން ޝައިހާންގެ ހިލަމެއް ނެތެވެ. އޭނާ ހޯދަން ނުކުތް ޖޫންއެއްވެސް ނެތެވެ. ގަބުއަރާފައި އިނދެ އިނދެފައި އެ ކެވެލީގެ ހަގީގަތް ހޯދަން ހިތް ގޮވައިގަތްއިރު މާ ލަސްވެއްޖެއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ދޫކޮށްލި ފުން ނޭވާއަށްފަހު ދުވާރުގެ އަރިމަތީގައި އިށީންދެ ސިނގެރޭޓެއް ރޯކޮށްލިއެވެ. ވައިގެ ތެރެއަށް ބުރުވައިލި ވިހަ ދުންތަކާއިއެކީ އޭނާގެ ހިތުގެ ނުތަނަވަސްކަމުގެ ކުޑަ މިންވަރެއްވެސް ބޭރު ނުވެއެވެ. ވަރުބަލިވެފައިވާ ސިކުނޑި އޭނާ ގެންދިޔައީ މާޒީގެ ހިތި ހަނދާންތަކާއި ދިމާއަށެވެ.

އެއީ އޭގެ ދިހަ އަހަރު ކުރިއެވެ. އެކުގައި އުޅެ ބޮޑުވި ޝައިހާން، ދައްތަ ޝަނާއާއި އެކީ މާލެ ބަދަލުވާ ވާހަކަ އިވުމުން ރަމީޒްވެސް މައިންބަފައިން ކައިރިން އާދޭސްކޮށްގެން އެ ދެބެންނާއި އެކީ މާލެ އައެވެ. އެކުވެރިޔާއާއި ނުލައި ހޭދަކުރާ ދުވަސްތަކެއްގައި ޝައުގުވެރި ކުލައެއް ނުޖެހޭނެކަން އެނގޭތީއެވެ. މާލެ ވީ ދެ ޒުވާނުންނަށްވެސް މުޅިން ތަފާތު، އާ މާހައުލަކަށެވެ. ހިތްހަމަޖެހޭ ބަދަލަކަށެވެ.

އެގާރަ ބާރަ ކިޔެވުމަށްޓަކައި ދެ މީހުންވެސް ވަނީ އެއް ސްކޫލަކަށެވެ. ނައުރާއާއި ދިމާވީ މި ހިސާބުންނެވެ. ސަކަ މިޒާޖުގެ އަންހެންކުއްޖާ ރަމީޒްގެ ހިތް އަތުލިއެވެ. ނަމަވެސް ނައުރާގެ ނަޒަރު އެނބުރުނީ ޝައިހާންއަށެވެ. މިކަން ދެނެގަންނަން ރަމީޒްއަކަށް މާ އުނދަގުލެއް ނުވިއެވެ. ތުއްތު އިރުންސުރެ ޔަތީމުކުދިންގެ ހިޔާގައި އުޅެ ބޮޑުވި، ޔާރެއް އިޔާރެއް ނެތް ނައުރާގެ ހަޔާތަށް އައި ހަމައެކަނި ހަގީގީ ހިތްހަމަޖެހުން ނިގުޅައިގަންނާކަށް ރަމީޒް ބޭނުމެއްނުވިއެވެ. ނައުރާ ޝައިހާންއާއި ހެދި މޮޔަވެފަ ހުންނަ ވަރު ފެންނަނީ ރަމީޒްއަށެވެ. ޝައިހާންއަށް ނުވިސްނުނަސް އޭނާއަށް ވިސްނެއެވެ. ޝައިހާން އެހެން އަންހެނަކާ ރައްޓެހިވުމުން އެކަނި އިނދެ އަމިއްލަ ނަފްސަށް އަނިޔާ ކުރަނިކޮށް ނައުރާ ހުއްޓުވީ ރަމީޒްއެވެ. ޝައިހާން ރައްޓެހި ވި އަންހެންކުއްޖާ ގަތުލުކުރާނަން ކަމަށް ބުނެ ނައުރާ މޮޔަ ގޮވިއިރު އަޑުއެހީ ހަމަ އޭނާއެވެ. އަދި ޝައިހާން ރައްޓެހިވެގެން އުޅުން ކުއްޖާއާއި ވަކިވުމުން ނައުރާ އުފަލުން އައިސް ބެއްދީވެސް ރަމީޒް ގައިގައެވެ. ޝައިހާން ގާތު ނައުރާއަށް ހައްގު އުފާވެރިކަން ހޯދައިދިނުމަށް ރަމީޒް އެދުނީ އަމިއްލަ އިހުސާސްތަކުގައި ކޮޅުފައިން ޖަހާފައި، ނައުރާއަށްޓަކައެވެ.

ރަމީޒްގެ އިހުސާސްތައް ޝައިހާންއަށް އެނގެއެވެ. އަދި އޭނާ ނައުރާއާއި ދޭތެރޭ އިޝްގީ ނަޒަރަކުން ނުދެކެވެ. އެކުވެރިޔާގެ ލޮއެއްބާއި ދޭތެރޭ އޭނާއަށް އެކަހަލަ ގޮތަކަށް ނުދެކެވޭނެއެވެ. ޝައިހާން ބޭނުންވީ ރަމީޒާއި ނައުރާއި އެކުގައިވާށެވެ.

“ނައުރާގެ އުފަލޭ؟ ދެން ކަލޭގެ އުފަލޯ؟ ތިހާ ފިނޑި ނުވެ ގޮސް ބުނެބަލަ އޭނަ ކައިރީ ލޯބިވާ ވާހަކަ!” ޝައިހާން ބުންޏެވެ. ޝައިހާންއަށް އޭރު ލޮއެއްބަކީ ކޯޗެއްކަމެއް ނޭންގެއެވެ. އޭނާ މާ ސީރިއަސްއެއް ނުވެއެވެ. ނައުރާ ބައްދަލުކުރަން ދައުއްވަތު ދިނީ ކީކޭ ބުނަންކަން އެ ދެމީހުންނަށްވެސް އެނގެއެވެ. ޝައިހާން ހުރީ އިންކާރު ކުރަން ނިންމައިގެންނެވެ.

“ގޮސް ބުނާށޭ އާނއެކޭ!” މޭޒުމަތީ ހުރި ބިއްލޫރި ތަށިތައް ބިމަށް ކަހައިލުމުން ގޮވި ބިއްލޫރި ތެޅޭ އަޑުފައްގަނޑާއި އެކުވެގެން ރަމީޒްގެ ހަޅޭކުގެ އަޑު އައެވެ.

“ނުބުނާނަމޭ!” ޝައިހާން ހަޅޭއްލަވައިގަތީ އެއަށްވުރެ ބާރަށެވެ. އިތުރަށް މައްސަލަގަނޑު ހޫނުވުމުގެ ކުރިން އެ ވަގުތަށް މެދުކެނޑުނީ، ޝައިހާންއަށް އައި ނައުރާގެ ފޯނު ކޯލުގެ ސަބަބުންނެވެ. ރަމީޒަށް ގޮތްދޫނުކުރުމުގެ ކަޅިއެއް އެއްލާފައި، އާނ މި ދަނީއޭ ބުނަމުން ޝައިހާން ގެއިން ނުކުތެވެ. ބިންމަތީ އިށީން ރަމީޒް ތެޅިފައި ހުރި ބިއްލޫރިތައް މަތީ ގޮށްމުށުން ޖެހީ ޖިސްމާނީ އަނިޔާއަކުން ނަފްސާނީ ކެކުޅުން ދަށްކުރެވޭތޯއެވެ. އަލުން ބަލުން ނައުރާ ހިތާމަކުރާތަން ދެކޭކަށް އޭނާއަށް ކެތެއް ނުވާނެއެވެ. އަދިވެސް ހިތުގެ ކަނެއްގައި އޮތީ ޝައިހާން އޭނާގެ އެދުމަށް އިހުތިރާމު ކުރާނެކަމުގެ އުންމީދެވެ. ނައުރާގެ އިހުސާސްތަކާއި ދޭތެރޭ ވިސްނައިލާނެކަމަށް އެދެވޭ އެދުމެވެ.

ޝައިހާން ގެއިން ނުކުތްތާ ބައި ގަޑިއިރު ފަހެވެ. ރަމީޒް، އަތަށް ހެރިފައިވީ ބިއްލޫރިކޮޅުތައް ނެއްޓުމަށްފަހު ބެންޑޭޖު އަޅައި ނިމުންއިރު އަތުގެ ތަދަށް ލުއެއް ލިބުނު ނަމަވެސް ހިތް ނުތަނަވަސްކަމަށް ލުއެއް އަންނަ ގޮތެއް ނުވިއެވެ. ނައުރާ އަމިއްލަ ނަފްސަށް އަނިޔާއެއް ދީފާނެއޭ އިރުއިރުކޮޅާ ވިސްނެމުން ދިޔައެވެ. ގާތުގައި ހުންނާނެ ޝައިހާންއަށް އިތުބާރުކުރެވުނެވެ. ނަމަވެސް އެންމެ ފަހުން ނިންމީ ދެ މީހުން ބައްދަލުކުރާނެ ތަނަށް ދިއުމަށެވެ. ޝައިހާންއާއި ނައުރާ ބައްދަލުކުރަން ބުނީ ރަމީޒްގެ މައިންބަފައިންގެ، އިމާރާތްކުރަން ފަށާފައިވާ ގެއިންނެވެ. އެއީ މުޅި އަހަރު، ޝައިހާންއާއި ރަމީޒް އަދި ނައުރާ ބައްދަލުކުރަން ވަތް ސިއްރު ޖަގަހައެވެ.

ވަކި ހިސާބަކުން ފެށިގެން އިމާރާތާއި ގާތްވެވުނު ވަރަކަށް ރަމީޒްގެ ހިތުގެ ތެޅުން އަވަސް ވަމުންދިޔައީ، ބާރުވަމުންދިޔަ އެންބިއުލައިންސް ސައިރެންގެ އަޑުގެ ސަބަބުންނެވެ. އޭނާގެ މަންޒިލު ކުރިމަތީ ހުއްޓާފައި އޮތް އެންބިއުލައިންސް ފެނިފައި ރަމީޒަށް އެ ދިމާއަށް ދުއްވައިގަނެވުނެވެ. ނަމަވެސް އެންބިއުލައިންސް ދުއްވައިލައިގެން ރަމީޒް ފަހަނަޅައި ދިޔައެވެ. އެތާގައި ކުޑަކަކޫ ޖަހައިގެން އިން ޝައިހާން ރަމީޒަށް ފެނުނެވެ.

“ނައުރާ… ކޮބާ؟……” ލެއިން ފޯވެފައިވީ ދެ އަތްތިލައަށް ބަލަހައްޓައިގެން އިން ޝައިހާންއާއި ދިމާއަށް، ތުރުތުރުލާ އަޑަކުން ރަމީޒް އަހައިލިއެވެ. ޝައިހާން އިނީ ޖެހި ބުދެއްހެން ގަބުއަރާފައެވެ. ލޯ ހުޅުވައިގެން ނިދާފައި އިން މީހެއްފަދައެވެ. އެ މޫނުގައި އެއްވެސް އަސަރެއް ނެތެވެ.

“ޝައިހާނޫ… ކޮބާހޭ ނައުރާ؟” ޝައިހާންގެ ކޮނޑުގައި ހިފައި ތަޅުވައިލި ރަމީޒްގެ އަޑު އާދަޔާއި ހިލާފަށް ހިމޭނެވެ. އަދިވެސް ޝައިހާންގެ ކިބައިން ހަރަކާތެއް ނުފެނުނެވެ.

“ކޮބާހޭ؟” ހިމޭން އަޑު، ބަރު ހަޅޭކަކަށް ބަދަލުވެ، ރަމީޒް ޝައިހާންގެ ގިރުވާނުގައި ހިފައި އޭނާއާއި ދިމާއަށް އަނބުރައިލިއެވެ. ފުރަތަމަ ފަހަރަށް ރަމީޒާއި ކަޅި ހަމަވި ޝައިހާންއަށް ހީވީ އަދި ކިރިޔާ ރަމީޒް އެތާ ހުރިކަމުގެ ހިލަމެއްވީހެނެވެ. ޝައިހާންގެ ލޮލުން ފާއްދާލި ކަރުނަތައް ފެނި ރަމީޒަށްވެސް ރޮވުނީ ނައުރާއަށް ކަމެއް ވެއްޖެކަން ސިކުނޑިއަށް ކަށަވަރުވީ ފަދައަކުންނެވެ. އެއޮށްހާއިރު ލޭތަށް ފެނުމުންވެސް އަދި ޝައިހާންއަށް ޖެހިފައިވާ ހާލު ފެނުމުންވެސް، ގަބޫލުކުރަން އޭނާގެ އެއްވެސް ގުނަވަނެއް ބޭނުންނުވިއެވެ. ޝައިހާންގެ ގިރުވާނުން އަތް ދޫކޮށްލި ރަމީޒްގެ ފައިން ވަރު ދޫވެގެން ބިންމައްޗަށް ތިރިވިއެވެ.

ހިޔާލުން ނުކުމެވުނުއިރު ރަމީޒްގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ނަމަވެސް މާ ގިނައިރެއްނުވެ، ހިތުގައި އަނދަމުންދިޔަ ނަފްރަތުގެ އަލިފާނަށް އަޅައިލި ތެލަކަށް އެ ހިތާމަވެރިކަން ބަދަލުކޮށްލިއެވެ. ތުނބުގައި އޮތް ސިނގެރޭޓު ނަގައި ކާނުގަނޑު މައްޗަށް އެއްލައިލުމަށްފަހު ފައިން އަރައި ފިސްކޮށްލީ، އެއީ ޝައިހާންގެ އެއްބައޭ ވިސްނާފައެވެ. ޝައިހާން ނައުރާ ގަތުލު ނުކުރާކަން އެއީ ރަމީޒް ދަންނަ ހަގީގަތެކެވެ. ނަމަވެސް އޭނާ ގަބޫލުކުރާ ގޮތުގައި ނުސީދާކޮށް ނައުރާގެ ފުރާނަ ދުއްވައިލީ ޝައިހާންއެވެ. އޭގެ ބަދަލު ހިފަން އޭނާގެ މުޅި ނަފްސު ގޮވައި އާދޭސް ކުރަމުންދިޔައެވެ.

-ނުނިމޭ-

 

 

 

Share Article

Follow Me Written By

writable pen

Level 1

Other Articles

Previous

މޮޔަ ހިތް މަގޭ…21

Next

ފާޙަނާ – 2

Next
February 8, 2020

ފާޙަނާ – 2

Previews
February 8, 2020

މޮޔަ ހިތް މަގޭ…21

6 Comments!

  1. ކަލާ123 says:
    February 9, 2020 at 12:49 pm

    މިއަދުގެ ބައިވެސް ޝައުގުވެރި. ތިގޮތުގައި ކުރިޔަށް.ޢާންމުކޮށް ފެންނަ ވާހަކަތާކާ ވަރަށް ތަފާތު ވާަހަކައެއް

    1. writable pen says:
      February 9, 2020 at 1:25 pm

      thi dhey support ah varah bodah shukuriyya kalaa123

  2. writable pen says:
    February 9, 2020 at 1:28 pm

    mi bai ves hurihaa kiyuntherinnah kamudhiya kamah unmeedu kuran. 4 vana bai mianna week ga veehaa ves avahakah up kohdheynan insha allah

  3. Yanaa says:
    February 9, 2020 at 3:23 pm

    Varah reethi???❤
    maa sha Allah ??❤?❤
    waiting for the next part.❤?❤

    1. writable pen says:
      February 9, 2020 at 4:54 pm

      thank u yanaa

  4. Anonymous says:
    February 21, 2020 at 9:54 pm

    Avas laidheeba plxxxx ❤️❤️

Comments are closed.


All Right Reserved!