أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އަކީ، ނަބިއްޔާ صلّى اللّـه عليه وسلّم ގެ ބޮޑުދައިތާފުޅެއް ކަމުގައިވާ އުމައިމާ ބިންތު ޢަބްދުލް މުއްޠަލިބު ގެ ދަރިކަނބަލެކެވެ. ބައްޕާފުޅަކީ، ޖަޙުޝް ބިން ރިއާބެވެ. އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އުފަންވެވަޑައިގަތީ، ނަބިއްޔާ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމުގެ ތިރީސް އަހަރު ކުރީން މާތް ވެގެންވާ މައްކާގައެވެ.
އިސްލާމްދީނުގެ އުޖާލާ ދޯދިތައް މައްކާގެ މާތް ބިމުގައި، ވިދައި ބަބުޅަން ފެށިތާ ކުރީ ކޮޅު އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އާއި އެކަމަނާގެ އަޚުންނާއި އުޚްތުން އިސްލާމްދީނުގެ މާތް ތަރަހައިގެ ތެރެއަށް ވަދެވަޑައިގެންފިއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، މައްކާގެ މުޝްރިކުން އޭރު ތިބީ އިސްލާމްދީނުގެ ނޫރު މުޅި ދުނިޔެއިން ނިއްވައިލުމަށްޓަކައި، ޖާނާއި މާލުން ޤުރްބާންވާން ތައްޔާރުވެގެންނެވެ. އެގޮތުން އިސްލާމްދީން ޤަބޫލު ކުރަމުން ގެންދިޔަ މީސްތަކުންނަށް ސުމާރެއްނެތްހައި، ގަދަފަދަ ޢަޛާބުތައް އެބައިމީހުން ދައްކަމުން ގެންދިޔައެވެ. އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އާއި އެކަމަނާގެ އާލުވެރިންނަށްވެސް މިދެންނެވި މުޝްރިކުންގެ އަނިޔާއާއި، ދުއްތުރާތަކާ ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވިއެވެ.
މުޝްރިކުންގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން، މުސްލިމުން މަދީނާއަށް ހިޖުރަކުރުމަށް އިލާހީ އަމުރުފުޅު ލިބިވަޑައިގެންނެވުމުން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އާއި އެކަމަނާގެ އަޚުންނާއި އުޚްތުން މަދީނާއަށް ހިޖުރަ ކުރެއްވިއެވެ. މަދީނާއަށް ވަޑައިގެންނެވުމަށްފަހު، ނަބިއްޔާ صلّى اللّـه عليه وسلّم އެކަލޭގެފާނު މިނިވަން ކުރެއްވި އަޅެއް ކަމުގައި ހިމެނިވަޑައިގެންނެވި ޒައިދު ބިން ޙާރިޘަތު ރަޟިޔަﷲ ޢަންހު އާއި އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ ގެ ކާވެނިފުޅުކޮށް ދެއްވިއެވެ. ނަމަވެސް އޭގެ ދެކަނބަލުންގެ ކާވެނީގެ ގުޅުން މާގިނަ ދުވަސްތަކަކަށް ދިގު ދެމިގެންނެއް ނުދިޔައެވެ. އެދޭކަނބަލުންގެ ދަރަޖައިގެ ތަފާތުކަމާއި މިޒާޖުގެ ތަފާތު ކަމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން ޒައިދު ބިން ޙާރިޘަތު ރަޟިޔަﷲ ޢަންހު، އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ ވަރިކުރެއްވިއެވެ.
އޭރުގެ ޖާހިލީ އާދަޔަކަށް ވެފައި އޮންނަނީ ތިމާދަރިންނަށް ހަދައިންގެ ގެންގުޅޭ ކުދިން ކާވެނިކޮށްފައި ތިބޭ އަންހެނުންނާ ކާވެނި ކުރުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ. ޒައިދު ބިން ޙާރިޘަތު ރަޟިޔަﷲ ޢަންހު އަކީ، ކުރީން ނަބިއްޔާގެ ދަރިކަލަށް ހައްދަވައިގެން ގެންގުޅުއްވި ބޭކަލެކެވެ. އެހެން ކަމުން ޖާހިލިއްޔަ ޒަމާނުގެ މި އާދަ ނައްތައިލުމަށްތަކައި، ޚުދު ނަބިއްޔާ صلّى اللّـه عليه وسلّم، އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އާ ކާވެނިފުޅު ކުރެއްވިއެވެ. މާތް ﷲ ގެ ޢަމުރުފުޅުގެ މަތީންނެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އަކީ، ވަރަށް ވަރަޢަވެރި، ތަޤްވާވެރި، ދީންވެރި، ދީނާކަންތައްތަކަށް ލޯބި ކުރެއްވި ބޭކަނބަލެކެވެ. އިވުމާއި ފެނުން އެންމެހައި ޙަރާމްކަންތައްތަކަކުން ރައްކާތެރި ކުރެއްވި ބޭކަނބަލެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަﷲ ޢަންހާ އާ ބެހޭގޮތުން މުނާފިޤުން ދެއްކި ދޮގު ވާހަކައާ ގުޅިގެން އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އާ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. “ތިމަންކަމަނާ ތިމަންކަމަނާގެ އިވުމާއި ފެނުން ރައްކާތެރި ކުރައްވަމެވެ. عائشة ގެފާނާ ބެހޭގޮތުން ރަނގަޅު ކަމެއް މެނުވީ ތިމަންކަމަނާ ދެކެވަޑައެއް ނުގަންނަވަމެވެ.”
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަﷲ ޢަންހާ، އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ. ” زينب އަށްވުރެ ދީންވެރި، ތަޤްވާވެރި، ތެދުވެރި، ރަހިމުގެ ގުޅުން ޤާއިމުކުރާ، އަންހެނަކު އަހަރެން ނުދެކެމެވެ.”
އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އަކީ، އަތްތެރި މަސައްކަތުގައި ވަރަށް ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. އެކަމަނާ ހަން ދިބާޢުކޮށްގެން ތަކެއްތި ހައްދަވައި، އެތަކެތީން ލިބިވަޑައިގަންނަވައި، އެންމެހައި ތަކެތި މިސްކީނުންނާއި، ފަޤީރުންނަށް ހޭދަކުރައްވައި ހައްދަވައެވެ. ނަބިއްޔާ صلّى اللّـه عليه وسلّم އެއްފަހަރަކު ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނަށްފަހު، (އެބަހީ: އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވުމަށްފަހު) ތިޔަކަނބަލުންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ އަވަހަށް ބައްދަލުވެވަޑައިގަންނަވާނީ، (އެބަހީ: އަވަހާރަވާނީ) ތިޔަކަނބަލުންގެ ތެރެއިން އެންމެ އަތްޕުޅު ދިގު ކަމަނާއެވެ.” އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަﷲ ޢަންހާ، ވިދާޅުވެއެވެ. “ތިމަންބޭކަނބަލުން އެއްގެއެއްގައި ބައްދަލުވާނަމަ، ދަނޑިގަނޑަކުން ތިމަންބޭކަނބަލުންގެ އަތްތަކުގެ މިންބަލައި، އެންމެ އަތްޕުޅު ދިގީ ކޮންބޭކަނބަލެއްތޯ ބަލައި ހަދަމެވެ. زينب ގެފާނު އަވަހާރަވަންދެން، ތިމަންބޭކަނބަލުން އެކަންތައް އެގޮތަށް ކުރިއަށް ގެންދިޔާމެވެ. زينب ގެފާނު އަވަހާރަވުމުން ތިމަންބޭކަނބަލުންނަށް އެ ޙަދީޘްގައި އެވިދާޅުވި، އަތްޕުޅު ދިގު ކަމުގެ މުރާދަކީ، ދީލަތިކަމާއި، މާތް ﷲ ގެ މަގުގައި ހޭދަކުރުންކަން އެނގުނެވެ.”
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގައި، އެއްފަހަރަކު އެކަލޭގެފާނު، އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އަށް، ބާރަ ހާސް ދިރުހަމު ފޮނުއްވިއެވެ. އެތަކެތި ހަމަ ލިބިވަޑައިގަންނަވާއިރަށް އެކަމަނާގެ ޚާދިމާއަށް ވިދާޅުވެގެން ގެންނަވައި، އެ ދިރުހަމުތައް ފަޤީރުންނާއި މިސްކީނުންނަށް ބައްސަވައި ހުސްކުރެއްވިއެވެ. އަދި ދުޢާފުޅު ކުރެއްވިއެވެ. “މިއަހަރަށްފަހު، ޢުމަރުގެފާނު ފޮނުއްވާ އެއްޗެތިކޮޅު މިއަޅާއަށް ލިބިވަޑައި ނުގަންނަވާނެ ގޮތް މިންވަރު ކުރައްވާންދޭވެއެވެ” ކަންތައް ދިމާވީވެސް އެކަމަނާ ދުޢާ ކުރެއްވި ފަދައިންނެވެ. އަނެއްއަހަރު އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެކަމަނާގެ ފައިސާ ފޮނުއްވުމުގެ ކުރީން އެކަމަނާ އަވަހާރަވެއްޖެއެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމުން، އަމިއްލަފުޅަށް ކަފުންކޮޅު ތައްޔާރު ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ” އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ތިމަންކަމަނާއަށް ކަފުންކޮޅެއް ފޮނުއްވައިފިނަމަ، އެތަނުން އެއްކަފުން މާތް ﷲ ގެ މަގުގައި، ޞަދަޤާތްކޮށްލާށެވެ.” އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އަވަހާރަވުމުން އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެކަމަނާގެ ކަފުނު ދަފުނަށް ބޭނުންވާނެ ސާމާނުފޮނުއްވިއެވެ. އަދި އެކަމަނާގެ ވަޞިއްޔާތާ އެއްގޮތަށް އެތަނުން އެއްކަފުންކޮޅު ޞަދަޤާތް ކުރެވުނެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އަވަހާރަވީ، ހިޖުރައިން، 20 ވަނަ އަހަރު އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. އޭރު އެކަމަނާގެ ޢުމުރުފުޅުން 53 އަހަރުފުޅެވެ. ފަސްދާނު ވެޑުވިފައިވަނީ، މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އަށް ދަރިކަލަކު، ދަރިކަނބަލަކު ލިބިވަޑައެއް ނުގަންނަވައެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އަވަހާރަވީ ޚަބަރު އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝަތުއް ޞިއްދީޤާ ރަޟިޔަﷲ ޢަންހާ އަށް ލިބިވަޑައިގެންނެވުމުން އެކަމަނާ ވަރަށް ހިތާމަފުޅު ކުރައްވައި، ކީރިތި ކުރައްވައި އުޅުއްވުކަމަށް ރިވާވެގެންވެއެވެ. އިބްނު ސަޢުދު ވިދާޅުވެފައިވެއެވެ. “އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ ތަރިކައިގެ ގޮތުގައި، ދީނާރެއް ދިރުހަމެއް ދޫކުރައްވައިފައެއް ނުވެއެވެ.”
އަރަހުށި މާތްﷲ، އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާ އަށް ރުއްސުންލައްވާށިއެވެ.!
ލިޔެ ތައްޔާރު ކުރީ: ޢަލީ އިޙްސާން ފިރާޤު
4 Comments!
Comments are closed.



Aameen ?
Varah reethi masha Allah …. adhivesss mikahala liyumeh fennaaane kamah unmeedhukuran
Aameen..?..
Maa sha allah..v furihama iburaihttheri vaahaka eh…?
Ameen
Varah reethi Masha Allah unmeedhukuran mikahala vaahaka tha fenaane kamah