ދުނިޔެ
ބައެއް ފަހަރަށް ހިތަށް އަރައެވެ. މިދުނިޔެއިން ނެތި ހިނގައިދާނަމެވެ. އެހެން ހިތަށް ނާރުވަންވީ ވަކި ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހަޔާތަށް އަލިކަން ގެނެސްދޭނީ ކޯއްޗެއް ހެއްޔެވެ؟ އެންމެ ރީތި އެއްޗަކީ ލޯބި ކަމުގައި ވެފައި އޮތް އިރު އަހަންނަށް އެބުނާ ލޯތްބެއްވެސް ނުލިބުނެވެ.
އަހަރެންގެ ހަނދާނަށް އައީ މާޒީއެވެ. އެއީ އަހަރެން ގްރޭޑް އެގާރަ ބާރަ ހަދަމުން ދިޔަ ދުވަސްވަރެވެ. އަހަރެންނަށް ވަރަށް ރަނގަޅު ކުއްޖެއް ކަމަށްވާ ޖާޔާއެވެ. އެއް ކްލާހެއްގައި އުޅުނުއިރު ބުނެފިއްޔާ ނޮކޮށްދޭކަށް ވަކި ކަމެއް ނޯންނާނެއެވެ. އެކުގައި ތަންތަނަށް ދާނެއެވެ. ބޭނުންވާ ވާހަކައެއް ފަސޭހަކަމާއެކު ހިއްސާކޮށްލެވުނެވެ. އަހަރެންގެ އެންމެ ބޮޑު ސިއްރުތަކަށް ދަންދެން ޖާޔާއަށް ކިޔައިދީ ހެދީމެވެ. ޖާޔާ ބުނި ގޮތުގައި އޭނާ ސްކޫލު ނިންމިއިރުވެސް އެއްވެސް ރައްޓެއްސެއް އޭނާގެ ނުހުރެއެވެ.
އެއީ ހަމަ އަހަރެންގެވެސް ހާލެވެ. ގްރޭޑް ދިހައެއް ނިންމިއިރު ސްކޫލްގެ އިސްވެރިންނަށް ދަންދެން އަހަރެންނަށް ނަފްރަތު ކުރާނެއެވެ. ކީއްވެ ހެއްޔެވެ؟ ދުވަހަކު ޕޭރެންޓް މީޓިންގްއަކަށް އަހަރެންގެ ބެލެނިވެރިޔެއް ނާންނާނެއެވެ.
ކްލާހުގައި ކުރަންދޭ މަސައްކަތްތަކަށް އަހަރެން ވަރަށް ފަރުވާ ކުޑަވާނެއެވެ. ރައްޓެހިންނާ މާ ވާހަކަ ދައްކާ ނުހަދަމެވެ. އެހެން ނޫނަސް އަހަރެން އެންމެންދެކެވެސް ވަރަށް ފޫހިވެއެވެ.
ގެއަށް ވަދެއްޖެނަމަ އަބަދަށް އަޑުއަހަން ޖެހެނީ ދޮންމަންމަގެ ހަޅޭކާއި އާޑައިގެ އަޑުތަކެވެ. ބައްޕަ ގެއަށް އަންނާނީ ރޭގަނޑު ވަގުތުގައެވެ. ހަމަ ބައްޕަ ގެއަށް އަންނައިރަށް ދޮންމަންމަ، ބައްޕަ ގާތު އަހަންނޭ ކިޔައިގެން ކޮންމެވެސް ވާހަކައެއް ކުޓުވާލާނެއެވެ.
އަހަރެންނަށް ކްލާހުގައި ކުރަންދޭ މަސައްކަތްތަކަށް ފަރުވާ ނުބެހެއްޓެނީ ގޭގެ ކަންކަމާމެދު ވިސްނޭ ވަރުންނެވެ. ކުއްޖަކާ ރައްޓެހިވެލާ ހިތްވެސް ނުވަނީއެވެ. ދެން އޮތީ ޕޭރެންޓް މީޓިންގްގެ ވާހަކައެވެ. ދޮންމަންމަ ބުނާނީ އޭނަގެ ދެދަރިންގެ މަސައްކަތާހެދި ނާދެވެނީ ކަމުގައެވެ. ބައްޕަ ބުނާނީ އޮފީހުގައި އަވަދިނެތިވީ ކަމުގައެވެ. ދެން ގޭގައި ހުންނާނީ މަސައްކަތް ކުރަން ގެންގުޅޭ ނޯކަރީ އަންހެންމީހާއެވެ. އޭނައަށް ރަށުބަހެއް ނުވެސް އެނގެއެވެ.
ޖާޔާ ގާތު އަހަރެން އެއްވެސް މީހަކަށް ކިޔައިނުދޭ، މިހުރިހާ ވާހަކައެއް ކިޔައިދިނީމެވެ. އެކަކަށްވެސް ކިޔައިނުދިނުމަށް އަހްދު ކުރުވުމަށްފަހުއެވެ. އަހަރެން އަހަރެންގެ ދޮންމަންމަގެ އަބުރު ވައްޓާލާކަށް ބޭނުމެއް ނޫނެވެ. މިދުނިޔޭގެ އެންމެންނަށްވެސް ހީވެފައި އޮންނަނީ ދޮންމަންމައަކީ އަހަރެންގެ އަސްލު މަންމަކަމުގައެވެ. ބައްޕައަކީ މިދުނިޔޭގައިވާ އެންމެ ރަނގަޅު މީހާއެވެ.
ނަމަވެސް އެތައް ދުވަސްތަކަކަށްފަހު ލިބުނު އާ ރަހްމަތްތެރިޔާވެސް އަހަންނަށް ވީ ޚިޔާނަތެވެ. އަހަންނަށް އަންގާވެސްނުލާ އެފް ބީއަށް އެހުރިހާ ވާހަކަތަކެއް ލީކުކޮށްލީއެވެ. އަހަންނަށް އެކަން އެނގުނީވެސް އޭނަ އެކަން ކުރިތާ ދެދުވަސް ފަހުންނެވެ. އޭގެ ފަހުން އަހަރެން އޭނައާ ވާހަކައެއްވެސް ނުދައްކަމެވެ. ވީ ކީއްތޯ ޖާޔާ އެހުމުންވެސް އަހަރެން ދިނީ އެއް ޖަވާބެކެވެ. އަހަންނަށް ވީގޮތް އެނގޭއިރުވެސް ތިއަހަނީ ކީއްކުރަން ހެއްޔެވެ؟
އޭގެ ފަހުން އަހަރެން ޖާޔާދެކެ ވަރަށް ފޫހިވެއެވެ. އެހާ ރީތި މޫނެއް ދެއްކުމަށްފަހު ސިއްރުގައި އަހަންނަށް ހުތުރު މޫނު ދެއްކީއެވެ.
މިއީ މިއަދެވެ. މިއަދަކީ އަހަންނަށް ނަވާރަ އަހަރު ފުރޭ ދުވަހެވެ. ހަޔާތުން ބޭކާރު ގޮތުގައި އަށާރަ އަހަރު ދުއްވާލެވިއްޖެއެވެ. ސްކޫލުގައި އުޅުނުއިރު ރަނގަޅަށް ކިޔެވުނުނަމައޭ ހިތަށް އަރައެވެ. ނަމަވެސް މާޒީ ހަނދާންކޮށް ރޮއެ ހިތާމަކުރުމުން ވާނީ ވަކި ކޮން ފައިދާއެއް ހެއްޔެވެ؟
އަހަންނަށް އެންމެ ރަނގަޅު މީހާ މިދުނިޔެއާ އަލްވަދާއު ކީ މިދިޔަ އަހަރު ފަހު ކޮޅެވެ. އެއީ އަހަރެންގެ ލޯބިވާ ބައްޕައެވެ.
ބައްޕައަކީ ވެލްޑަރެކެވެ. މެޑިކަލް ރިޕޯޓުން ދައްކަނީ ބައްޕަ މަރުވީ އާދައިގެ ޤުދުރަތީ މަރަކުން ކަމުގައެވެ. މިއަދު އަހަންނަށް ނަވާރަ އަހަރު ފުރެއެވެ. ބައްޕަ އަހަންނާއެކީ އަށާރަ އަހަރު ވޭތުކޮށްފިއެވެ. އަހަރެން ދިރިއުޅެމުން މިދަނީ ދޮންމަންމައާ ދޮން ދެކޮއްކޮއާ އެކީގައެވެ.
އަހަރެން ދޮންމަންމަދެކެ ފޫހިވަނީ އިންތިހާއަށެވެ. އެހެނަސް ދޮންމަންމަ އެއްގޮތަކުން ރަނގަޅެވެ. އަހަރެންގެ ހުރިހާކަމެއްހެން ކޮށްދޭނީ ދޮންމަންމައެވެ.
ދޮންމަންމަ މިދުނިޔޭގައި ނެތްނަމަ އަހަންނާ ދެކޮއްކޮ ހާދަ އެކަނިވާނެއެވެ. ދޮންމަންމަ އަހަންނަށް ނަފްރަތުކުރާނަމަ މިއަދާ ޖެހެންދެންވެސް އަހަރެން ނުބަލާނެކަން ގައިމެވެ. ބައްޕަ ނިޔާވުމާއެކީ އަހަރެން ދޫކޮށްލާފައި ދާނެކަން ޔަޤީނެވެ.
ނަމަވެސް ދޮންމަންމަ އަދިވެސް މީހަކާ ނީނދެ އެއިންނަނީ ހަމަ އަހަރެމެން ބެލުމަށްޓަކައެވެ. ދޮންމަންމަ ގައިމު އަހަރެމެންދެކެ ލޯބިވޭތާއެވެ. ދޮންމަންމަ މިހާރު ވަރަށް ބަދަލުވެއްޖެއެވެ.
ކުއްލިއަކަށް އަހަރެން ސިހިގެން ދިޔައީ މީހަކު އަހަރެންގެ ކޮޑުގައި އަތެއް ބާއްވައިލުމުންނެވެ. ބަލައިލިއިރު އެއީ އަހަރެންގެ ދޮށީ ކޮއްކޮއެވެ.
“ދޮންތާ، އަދިވެސް ތިއިންނަނީތަ؟ ޕާޓީއަށް ވަރަށް ބައިވަރު މީހުން އެބަތިބި އައިސް. ދޮންތަ ލައިގެން ތިއިނީ ހާދަ ރީތި ހެދުމެކޭ.” ކޮއްކޮ ބުންޏެވެ.
އަހަރެން ލައިގެން އިން ހެދުމަށް ބަލައިލީމެވެ. އާނއެކެވެ. މަޑު ފިޔާތޮށި ކުލައިގެ ޖަރީ ހެދުން ފަހައިފައިވަނީ ރީތި ފޮށްޗަކުންނެވެ. އެވެސް ދޮންމަންމަގެ ކަންތަކެވެ. ބައްޕައާ ދޮންމަންމަގެ ޢާއިލާގެ މީހުންނަށް ދައުވަތުދިނީ ހަމަ އަހަރެންނަށްޓަކައެއް ނޫންހެއްޔެވެ؟
މިއަދު ވިސްނިއްޖެއެވެ. ދޮންމަންމައާ މެދު ކުރެވުނީ ކުށްހީތަކެކެވެ. ދޮންމަންމަ ގާތު މަޢާފަށް އެދެން ބޭނުމެވެ. މިދުނިޔޭގައި އުޅޭއިރު ދެރަކަންތައްތަކާވެސް ދިމާވާނެއެވެ.
އެންމެ ކުޑައިރުއްސުރެން ފެށިގެންވެސް ދިރިއުޅެމުން ދިޔައީ އުފަން މަންމައާ ނުލައެވެ. އެތައް ދުވަސްތަކަކަށްފަހު ލިބުނު އާރަޙްމަތްތެރިޔާވެސް ވީ ޚިޔާނަތެވެ. މިއަދާ ހަމައަށް އައިއިރު ބައްޕަވެސް ލޯމަތިން ގެއްލިއްޖެއެވެ.
ނަމަވެސް އަދިވެސް އަހަންނަށް ފުރުސަތު އެބައޮތެވެ. ކޮލެޖަށް ވަދެގެން ރަނގަޅަށް ކިޔަވާނީއެވެ. މާޒީ ހަނދާންކުރާނެކަމެއް ނެތެވެ. ކުރިމަގާއިގެން ކުރިޔަށް ދާނީއެވެ.
އަހަރެން ގޮނޑިން ތެދުވީމެވެ. ކޮއްކޮގެ އަތުގައި ހިފައިލައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތީމެވެ. ދޮންމަންމަ ގާތު މަޢާފަށް އެދި ބައްދާލާ ހަދާލުމަށް ހިތުއަޅައިގެންނެވެ.
(ނިމުނީ)
– މިއީ އަޅުގަނޑު ޝާއިއު ކުރާ ފުރަތަމަ ވާހަކައަށްވުމުން މިވާހަކަ ކިޔާ ކޮންމެ ފަރާތެއްވެސް މިވާހަކައަށް ބިނާކުރުވަނިވި ޚިޔާލެއް ދެއްވުމަކީ އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެކެވެ. –
8 Comments!
Comments are closed.

vaahaka up nukuraa dhuvaskolheh veema athoo up kohli mi fiction story hurihaa kudhinnaves kamudhiya kamah ummeedh kuran. i’ll always welcome for the comments.
Its really nice athoo…. I like it… 🙂
thank u a lot faai………..
this relates to my life..
this story is v.nice!!!!keep going with your fantastic work!!!!!you can be a great writer!!!!!
Thaaankx… “hiyaalu” and “nash”!!
V nice mivaahaka v ragalhu iburatheh mivaahakaan eba libey….. 🙂
Thanks “fgf”. Is there anything I can improve or make right?