Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަލޯބި

އެ ހަނދާންތައް ނުފިލާނޭ -ނޮޅިވަރަންފަރު ހާދިސާ-

Zel Level 110 Stories
December 30, 2019 9 Mins Read
4 Comments

ނޯޓް؛ މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. އެހެންކަމުން އަޅުގަނޑުގެ އަމިއްލަ ޚިޔާލަށް ބައެއް ކަންކަން ބަދަލުކޮށްފައި ހުންނާނެވެ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް 10 މީހުންނާއި އެކު ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި 5 މީހުންނަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުމަށް އެދި ދުޢާ ކުރަމެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ފަރުވާތެރިވެގެން ކަނޑު ދަތުރުފަތުރު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ނަޞޭހަތްތެރިވަމެވެ. ޝުކުރިއްޔާ..
———————-

ހަވީރުގެ ފިނިފިނި ވައި ބާނިތަކުން ހަނާ އަޅަމުން ދިޔަ ނޮޅިވަރަންފަރުން ފެންނަމުން ދިޔައީ އަމާންކަމާއި ހިމޭންކަމެވެ. ރުށްތަކުގެ ފަންތައް ރީތި ފަރި ހަރަކާތްތަކާއި އެކު ނަށަމުން ދިޔައިރު އުޑުމަތީގެ ކުލަވަރު ދިޔައީ އުޖާލާ ވަމުންނެވެ. ރަން ރީނދޫ ކުލައިން ވިލާތައް ޒީނަތްތެރި ވަމުން ދިޔައީ އަޒަލިއްޔަ ޤާނޫނުގެ އެންމެ ފުރިހަމަ ގޮތުގައެވެ. އެ ހިތްގައިމު މަންޒަރަށް ބަލަމުން ރައިއާ ގެންދިޔައީ ފޯނުން އޭނާގެ ފިރިމީހާ ކަމުގައިވާ އަނޫފް އާއި ވާހަކަ ދައްކަމުންނެވެ.

“ދަރިފުޅާ.. އާދޭ ބައްޕި އާއި ވާހަކަ ދައްކަން..” ގޭގެ ބޭރު ޖޯލީގައި އިށީނދެގެން އިން ރައިއާ އޭނާގެ 3 އަހަރުގެ ދަރިފުޅު ޒިލީގެ އަތަށް ފޯނު ދިއްކޮށްލިއެވެ.

“ބައްޕީ… ޒިލީ ދާނަން ބައްޕި ގާތަށް… ޓްމޯރޯގަ….” ޒިލީގެ ޅަ އަޑުން ވަރަށް ލޯބިކޮށް އޭނާގެ ބައްޕަ އާއި ވާހަކަ ދައްކަމުން ދިޔައެވެ. ޒިލީ އާއި ފޯނުން ވާހަކަ ދެއްކުމަށްފަހު އަނޫފް ފޯނު ބޭއްވީ މަޣުރިބު ނަމާދަށް ބަންގި ގޮވުމުންނެވެ. ޒިލީ އުރާލައިގެން ރައިއާ އަވަސްވެ ގަތީ ގޭތެރެއަށް ވަންނާށެވެ. އެވަގުތު ރައިއާގެ ބައްޕަ އަހުމަދުފުޅު މިސްކިތަށް ދިޔުމަށްޓަކައި ގެއިން ނިކުންނަނީއެވެ.

“ކާފަގެ ދޫނީ… ކާފަ މިދަނީ ނަމާދަށް އެނގޭ… ކާފަގެ ދޫނިކޮޅު ވެސް އަވަހަށް ދޭ މަންމި އާއި އެކު ނަމާދުކުރަން..” ޒިލީގެ ކޮލުގައި ވަރަށް ލޯތްބާއި އެކު ހިފައިލަމުން އަހުމަދުފުޅު ގެއިން ނިކުތެވެ.

ގަޑީގެ ސިކުންތު ކަށި އޭގެ އެންމެ ހަލުވި ދުވެލީގައި ދުވަމުން ގޮސް ރޭގަނޑު 8 ޖަހައިފިއެވެ. އިޝާ ނަމާދު އިމާމުވެ ކުރުމަށްފަހު، އަހުމަދުފުޅު ގެއަށް ވަދެގެން އައި އިރު ސިޓިންގރޫމްގައި ރައިއާގެ އުނގުގައި ޒިލީ އިނެވެ. ރައިއާގެ ގާތުގައި އަހުމަދުފުޅު ގެ އަންހެނުން އައިޝާމަނިކެ ވެސް އިނެވެ.

“އަހުމަދު ކާން ވީނު؟” އައިޝާމަނިކެ އަހުމަދުފުޅަށް ބަލައިލަމުން ބުނެލިއެވެ.

“އާނ. ހަމަ ކާންވީ… ދަރިފުޅުމެން ކައިފިންތަ؟” އަހުމަދުފުޅު ކާގެ އާއި ދިމާލަށް ހިނގައިގަންނަމުން ރައިއާއަށް ބަލައިލިއެވެ.

“ދެންމެ ޒިލީއަށް ކާންދީ ނިންމާފަ އަހަރެން ވެސް ކައިފިން….” ރައިއާ އޭނާގެ ބައްޕަ ކުރި ސުވާލަށް ޖަވާބު ދިނެވެ.

އަހުމަދުފުޅު ކައި ނިމިގެން ކާގެއިން ނިކުތް އިރު ވެސް ރައިއާ އިނީ ސިޓިންގރޫމްގަ އެވެ. ރައިއާގެ އުނގުގައި ޒިލީ އިނީ އޭނާގެ ބައްޕަ އާއި ވާހަކަދައްކާށެވެ.

“ދަރިފުޅާ… ދަތުރަށް ތައްޔާރު ވެ ނިމުނީތަ؟؟ މާދަމާ ހެނދުނު 1130 ގަ ފުރުން އޮތީ..” ރައިއާގެ ގާތުގައި އިށީނދެ ދުފާ އެތިކޮޅެއް އަނގަޔަށް އަޅައިލަމުން އަހުމަދުފުޅު ބުނެލިއެވެ.

“އާނ ބައްޕާ… ދަތުރަށް ރެޑީ ކޮށްފަ ހުންނާނީ…. މިރޭ ޒިލީއަށް ނުވެސް ނިދޭނެ ކަން ނޭނގެ… ޒިލީގެ ބައްޕި ގާތަށް ދެވޭތީ ވަރަށް ހެޕީވެފަ… މިހާރު ވެސް ބައްޕި އަށް ގުޅައިގެން އެއިނީ… ދޯ ދަރިފުޅާ؟” ރައިއާ ހީނލަމުން ޒިލީގެ ކޮލަށް ބޮސްދީ، އަހުމަދުފުޅަށް ބަލައިލިއެވެ.

“މީ ހަމަ ކާފައަށް ލިބިފަ ހުރި ރަންގަނޑެއް… ޖަވާހިރެއް…. ކާފަ ދެން ދަނީ ނިދަން… ބައްޕިއަށް ކާފަގެ ސަލާމް ބުނާތި އެނގޭ ކާފަގެ ދޫނީ…” ޒިލީއަށް ލޯބިކޮށްލަމުން އަހުމަދުފުޅު ވަނީ އޭނާގެ ކޮޓަރިއަށެވެ.

ޒިލީ އެތައް އިރަކު ފޫހި ކަމެއް ނެތި އޭނާގެ ބައްޕައަށް މަދަހަ އާއި ލަވަތައް ކިޔައިދެމުން ދިޔައެވެ. ތަފާތު އެކި ވާހަކަތައް އެ ކުޑަކުޑަ އަނގައިން ބޭރު ކުރަމުން ގެންދިޔައެވެ. އަނޫފް ވެސް އޭނާގެ ދަރިފުޅުގެ ވާހަކަތައް ވަރަށް އަޑުއަހާ ހިތުން އަޑުއަހަމުން ދިޔައެވެ. އެފަދަ ލޯބި ދަރިއެއް ޤުދުރަތުން އަނޫފަށް ދެއްވީތީ ޝުކުރު ކުރާ ޙާލުގައެވެ. އަނޫފްއާއި ވާހަކަ ދައްކަމުން ދަނިކޮށް ޒިލީއަށް ނިދިއްޖެއެވެ.

“އަނޫފް… ހެހެ.. ޒިލީ އެ ނިދީ… ދެން ރައި ވެސް މިދަނީ ނިދަން… އަނޫފް ވެސް ނިދާލާ.. މާދަމާ ދިމާވާނެއްނު… ދިމާވީމަ ވަރަށް ބާރަށް ބައްދާލަން ބޭނުން… ވަރަށް ލޯބިވޭ..” ރައިއާގެ ހިތުގައި އޮތް ލޯބި ފޯނުން އޭނާގެ ފިރިމީހާގެ ހިތަށް ބަންޑުން ކޮށްލި އެވެ.

“އަހަރެން މާ ލޯބިވޭ… ރައި އަށް ވަރަށް ލޯބި ހަގްއެއް މާދަމާ ދޭނަން… ގްޑް ނައިޓް….” އަނޫފް ފޯނު ބޭއްވުމާއި އެކު ރައިއާ އަވަސްވެ ގަތީ ކޮޓަރިއަށް ވަދެ ނިދޭތޯއެވެ.

ގަދަ ނިދީގައި އޮތް ރައިއާ އަށް އޭނާގެ ދެލޯ ހުޅުވާލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ދެލޮލުގައި އަތް އުނގުޅަމުން ރަނގަޅަށް ދެލޯ ހުޅުވާލުމާއި އެކު ރައިއާއަށް އިވެން ފެށީ ބޯކޮށް ވާރޭ ވެހެމުންދާ އަޑެވެ. އެނދުގައި ދެ ފަރާތަށް ފުރޮޅިލުމަށް ފަހު ރައިއާ އެނދުން ތެދުވެ ވުޟޫކުރުމަށް ފާޚާނާއަށް ވަނެވެ. ފަތިސް ނަމާދުކޮށް ލައިގެން ރައިއާ ނިކުތީ ސިޓީންގރޫމަށެވެ.

“ދޮންބޭ..” ސިޓިންގރޫމްގެ ސޯފާގައި އިން ޒާހިރަށް ބަލައިލަމުން ރައިއާ ވާހަކަދެއްކިއެވެ.

“ރައިއާ ކޮއްކޯ…. މިއަދު ފުރަންތަ؟؟ ކޮބާ ބައްޕަ؟؟” ޒާހިރު ވެސް ރައިއާ އަށް ބަލައިލަމުން ވާހަކަދައްކަން ފެށިއެވެ.

“ބައްޕަ މިސްކިތުގަ ކަންނޭނގެ… ހާދަ ވިއްސާރައޭ ދޯ ދޮންބޭ…؟ ވައި ވެސް ވަރަށް ގަދަ… އަހަރެންނަށް ނުކުރޭނެ މިހާ ގަދަ އިރު ޒިލީ ގޮވައިގެން ކަނޑު މައްޗަށް އަރާކަށް..” ގޭގެ ބޭރު ބަލައިލަމުން ވަރަށް ބިރުން ހުރެ ރައިއާ ބުނެލިއެވެ.

“އެ ރަނގަޅުވާނޭ… އެންމެ 10 މިނެޓް ވަރު ވާނީ…. ދޮންބެ ވެސް ކޮއްކޮ އާއި އެކު ދާނަމޭ.. އެންމެ ރަނގަޅެއްނު…” ޒާހިރުގެ އަނގަމަތިން ހިނިތުންވުމެއް ވެރިކޮށްލި އެވެ. ރައިއާ ވަރަށް އުނދަގުލުން ހަމަޖެހުމުގެ ނޭވާއެއް ލެވޭތޯ މަސައްކަތް ކުރިއެވެ.

އެވަގުތު ގޭތެރެއަށް ދުވަމުން ކަހަލަ ގޮތަކަށް އަހުމަދުފުޅު އައިސް ވަނެވެ. އަހުމަދުފުޅު ވަނީ ތެމި ފޯވެފައެވެ.

“ވަރަށް ވިއްސާރަ…” ދިގުކޮށް ނޭވާ ލަމުން އަހުމަދުފުޅު ބަލައިލީ ޒާހިރާއި ރައިއާގެ މޫނަށެވެ.

“ތިވާހަކަ ރައިއާ ކޮއްކޮ ވެސް ދައްކައިފި… ބޮޑުބޭ…. އަހަރެންވެސް ދާ ގޮތަށް މި ނިންމީ އެނގޭ..” ޒާހިރު ސޯފާއިން ތެދުވިއެވެ.

“ނޫން… ޒާހިރު މަޑުކުރޭ…. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ…” އަހުމަދުފުޅު ޒާހިރުގެ ނިންމުމާއި ދެކޮޅު ހެދިއެވެ. އަހުމަދުފުޅުގެ ނިންމުމަށް އިތުރު އެއްޗެއް ބުނާކަށް ޒާހިރު ބޭނުމެއް ނުވިއެވެ. ޒާހިރު ދެކެނީ އަހުމަދުފުޅަކީ އޭނާގެ ބައްޕަ ފަދަ މީހެއްގެ ގޮތުގައެވެ.

***

ދުވާލުގެ ވަގުތެއް ކަމަކު މުޅި ރަށުތެރެ ވަނީ އަނދިރިވެފައެވެ. ކަޅު ބޯ ވިލާތަކުން މުޅި ހަސްތީ ވަނީ ބައްދާލާފައެވެ. ވައި ބާނިތަކުގެ އަސަރު ވަރަށް ގަދައެވެ. ހަނިމާދޫއަށް ދިޔުމަށްޓަކައި ރައިއާގެ އާއިލާ ބަނދަރު މަތީގައި ތިބި އިރު ވެސް ޖެހެމުން ދާ ވައިރޯޅިތަކުން ހީވަނީ ހަމަ ދެންމެ ދެންމެ އެންމެން އުދުހިގެން ގޮސްދާނެ ހެންނެވެ. ރައިއާ ގަޑިއަށް ބަލައިލަމުން ލޯންޗާއި ދިމާލަށް ހިނގައިގަތެވެ. އޭރު ގަނޑިން 11:25 ވަނީއެވެ.

“ކީއްކުރަން މި ގަޑީ ތި ފުރަނީ؟؟ މީ އެއްގޮތަކަށް ވެސް ފުރާ ކަހަލަ ދުވަހެއްނޫން… ވަރަށް ކަނޑު ގަދަ… ބައެއް ފްލައިޓްތައް ޑިލޭވެސް ކޮށްފި…. މިފަދަ ދުވަހަކު ނުވާނެ ދަތުރު ކުރާކަށް…” ލޯންޗުގެ ކައްޕި ވާހަކަ ދެއްކީ ވަރަށް ހާސްވެފައި ހުރެއެވެ.

“ތިހެން ނުހަދާ… ޗެކިން ބަންދު ވާނެ ވަރަށް އަވަހަށް…. ކޮންމެހެން ވެސް ދާން ބޭނުން…. ދެން ދަތުރު ކޮށްދެން ވީނު؟؟ އެންމެ 10 މިނެޓްގެ ދަތުރެއްނު؟؟” އަހުމަދުފުޅު މަސައްކަތް ކުރީ ކައްޕި އެއްބަސް ކުރުމަށެވެ. އެންމެ ފަހުން ކައްޕި އެއްބަސްވުމާއި އެކު ރައިއާ އޭނާގެ ދަރިފުޅު ޒިލީ އުރާލައިގެން، ލޯންޗަށް އަރައި ގޮނޑި ބަރީގައި އިށީނދެ ހަމަޖެހެލިއެވެ. އަދި އަނޫފަށް ގުޅައި ފުރަން ލޯންޗަށް އެރި ޚަބަރުވެސް ދިނެވެ.

ގޮނޑީގައި ރައިއާ އިން އިރު ވެސް އޭނާގެ ހިތް ދިޔައީ އެގޮތް މިގޮތަށް ތެޅެމުންނެވެ. އެއްވެސް ހަމަޖެހުމެއް އޭނާގެ ހިތަކަށް ނުލިބެއެވެ. މުޅި ހަށިގަނޑު ބިރުން ތުރުތުރު އަޅައެވެ. ޒިލީ ގޮވައިގެން މިފަދަ ގަދަ ދުވަހަކު ކަނޑު މައްޗަށް އަރަން ޖެހުމުން ހިތަށް ލިބެމުން ދިޔައީ ބަޔާން ކުރަން ދަތި ހިތި ދިލަ ތަދެކެވެ. އިސާހިތަކު ރައިއާގެ މުޅި މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. މޭ ޖެހޭ ގޮތްވެ، އެސްބޮނޑި މަޑުމަޑުން ރަތްވަމުން ދިޔައެވެ. ރައިއާގެ އުނގުގައި އިން ކުޑަކުޑަ ޒިލީގެ ގައިގައި ވަރަށް ބާރަށް ބައްދާލަމުން ރައިއާ ލޯންޗުގެ ތެރެއަށް ކަޅި ހިންގާލިއެވެ. ވަރަށް ކުޑަ ލޯންޗެކެވެ. ލޯންޗު ވަނީ ހަމަ ފުރިފައެވެ. އިންތިހާއަށް މާޔޫސްވެފައި ހުރެ ރައިއާ އޭނާގެ މަންމަ އާއި ބައްޕައަށް ބަލައިލަމުން އޭނާގެ ދެލޯ މަރައި ތަގުޅި ކޮށްލި އެވެ.

ރަށުގެ ނެރުން ނިކުމެ، ލޯންޗު ކަނޑު މައްޗަށް އެރުމާއި އެކު ޖަހާލި ފުރަތަމަ ރާޅާއި އެކު ރައިއާގެ ދެލޮލުން ހޯސްލާފައި ކަރުނަ އޮއްސައިގަތެވެ. ވަރަށް ބާރަށް ޒިލީގެ ގައިގައި އޮޅުލައިގަނެގެން އިނދެ ކިޔުނުހާ ހެޔޮ އެއްޗެއް ރައިއާގެ ހިތުގެ އަޑިިން ކިޔަމުން ދިޔައެވެ. ރައިއާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި އޭރުވެސް ކަރުނަ އަންނަމުން ދިޔައެވެ.

އޮއިވަރު ބާރުކަމުން ކަނޑުގެ ލޮނުގަނޑު ކަފަމުން ލޯންޗަށް ކުރިއަށް ދެވެނީވެސް ވަރަށް އުނދަގުލުންނެވެ. އެހާވެސް ރާޅު ބޮޑެވެ. ޖެހެމުންދާ ވައިރޯޅިން ރުޅި ގަދަވެފައިވާ ކަނޑުގެ ބޮޑެތި ރާޅުތައް އިންތިހާއަށް ވެފައިވާ ރުޅި ކެކި އުތުރެމުން ދިޔައެވެ. ރާޅުފޮނު އައްޑަނަ އަކަށް ނަގައިގެން ދަތުރު ކުރަމުން ދިޔަ ލޯންޗަށް ވުރެށް ބޮޑެތި ރާޅުތަކުގެ ލަޝްކަރުތަކެއް ކަނޑުމަތީގައި ހަނގުރާމައަކަށް ރުކުރުވާލި ފަދަ އެވެ. ކުއްލިއަކަށް އޮއްސައިގަތް ވާރޭއިން ހާލަތުގެ ބިރުވެރިކަން ކޮޅުނެތް ކޮޅަށް ދިޔައެވެ. ލޯންޗުގެ ތެރޭގައި ރުއިމުގެ އަޑުން ގުގުމަންފެށިއެވެ.

ފޯނު ވައިބްރޭޓް ވާ އަޑަށް ބިރުން ތުރުތުރު އަޅަމުން ދިޔަ ރައިއާގެ ދެއަތުން އޭނާގެ އަތް ދަބަސް ހުޅުވާލިއެވެ. އެއާއި އެކު ބިޔަ ބޮޑު ރާޅެއްގެ ހަމަލާއެއް ލޯންޗަށް އަމާޒުވިއެވެ. ހީވީ ލޯންޗު އެއްކޮށް ފުނޑައިގެން ގޮސް ހިމުންވިހެންނެވެ. މުޅި ލޯންޗަށް ރާޅުން ލޮނު ބުރައިގެން ދިޔައެވެ. ރައިއާ އާއީ ޒިލީގެ މުޅި މޫނުމަތި ވަނީ ރާޅުގެ ލޮނުން ތެމި ފޯއްވެފައެވެ. ޒިލީ ބިރުން ހުއްޓައި ނުލައި ރޮމުން ދިޔަ އިރު ރައިއާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. އެ ބާރުގަދަ ރާޅުގެ ހަމަލާ އާއި އެކު ލޯންޗު އެއްފަރާތަށް އެއްކޮށް އަރިވެއްޖެއެވެ. ވަރަށް އަވަސްކޮށް ރައިއާ ފޯނަށް ބަލައިލިއެވެ. ގުޅަމުން ދިޔައީ އަނޫފެވެ. ފޯނު ނަގަން ރައިއާ ނުހަނު ބޭނުންވިއެވެ. އެކަމަށް އިންތިހާއަށް މަސައްކަތް ވެސް ކުރިއެވެ. އެންމެ ފަހު ފަހަރަށް ނަމަވެސް އަނޫފުގެ އަޑު އަހާލަން ރައިއާގެ ހިތް ކޮޅުނެތްކޮޅަށް އެދުނެވެ. އެކަމު ކުރާނީ ކީއްހެއްޔެވެ؟ އެ ބިރުވެރި ނާމާން ވަގުތުގައި ރައިއާ ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ލޯންޗަށް ލައިގަތް ބޮޑު ރާޅެއްގެ ހަމަލާއިން އަރައި ނުގަނެވެ އުޅެނިކޮށް އެޔަށް ވުރެ ބޮޑު ރާޅެއް ގެ ޝިކާރައަކަށް ލޯންޗުވިއެވެ. އެ ރާޅު ލޯންޗަށް އަރައިގެން ދިޔައީ ލޯންޗުގެ މަތިންނެވެ. ލޯންޗަށް ވުރެށް ވެސް މާބޮޑު ރާޅެކެވެ. މާޙައުލުގެ ބިރުވެރިކަމާއި ނުރައްކާތެރިކަމުން ލޯންޗުގައި ތިބި އެންމެންގެ ހިތްތަކުގައި ނާމާން ކަމާއި އިންތިހާ ސިހުންވެރިކަން ވެރިވިއެވެ. ރައިއާގެ އަތުން ފޯނު ދޫއްވެގެން ދިޔައީ އޭނާގެ އުނގުމަތީގައި އިން ޒިލީ އާއި ވެސް އެކުގައެެވެ. ރައިއާ ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. ވަގުތުން ރައިއާއަށް މުޅިތަން އަނދިރިވިއެވެ.

“ތިޔަ ގުޅުއްވި ފޯނު މިވަގުތު ވަނީ ނިއްވާލާފައި.. ފަހުން …” އަނޫފް އޭނާގެ ފޯނު އަތުގެ ތެރެއަށް ލައި ފިއްތާލިއެވެ. ހީވީ ދެންމެ ދެންމެ ފޯނު ހިމުންކޮށްލަން އުޅުނުހެންނެވެ. އެއާރޕޯޓް ގެ ޓާމިނަލް ގައި ދެފަރާތަށް ހިނގާލަ ހިނގާލަ އަނޫފް ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. އަނެއްކާވެސް ފޯނުނަގައި ރައިއާގެ މޯބައިލަށް ގުޅައިލިއެވެ.

“ރައި.. ޕްލީޒް..” ދެއަތުން ނިތްކުރި މަތީގައި އަތް ޖައްސާލަމުން ފުން ނޭވާއެއް އަނޫފް ދޫކޮށްލިއެވެ. މޯލްޑިވިއަން އިން ރައިއާމެން ދަތުރުކުރަން އޮތް ފުލައިޓް ފުރުން ލަސްވިކަން އެނގުމުން އެކަން އަންގަން އަނޫފް ހުރީ އިންތިހާއަށް ބޭނުންވެފައެވެ. އަދި ގަދަ ދުވަހެއްގައި އެމީހުން ދަތުރުކުރަން ޖެހުމުން ބުނެދޭން ނޭނގޭ ވަރަށް އަނޫފްގެ ހިތުގެ ތެރޭގައި ބިރުވެރިކަން ދިޔައީ އުފެދެމުންނެވެ. އަނޫފް އަހުމަދުފުޅާއި އައިޝާމަނިކެއަށް ވެސް ގުޅަން މަސައްކަތްކުރިއެވެ. އެންމެންގެ ފޯނުތައްވެސް ވަނީ ނިއްވާލައިފައެވެ. އަނޫފްގެ ހިތް އެންމެ މަތީ ދަރަޖައިގައި ބިރުގަންނަން ފަށައިފިއެވެ. އޭނާގެ ހަށިގަނޑު ރޫރޫ އަޅަނީއެވެ. ކަމެއް ގޯސްވެއްޖެ ކަމުގެ އިޝާރާތެއް އޭނާގެ ސިކުނޑި ދޭން ފަށައިފިއެވެ.

“ނޫން.. ނޫން.. އެހެން ނުވާނެ…” ސިކުނޑި ތެރެއަށް ވެރިވަމުން ދިޔަ ބިރުވެރި ޚިޔާލުތަކުން، އަނޫފަށް އޭނާގެ އިޚުތިރާޔުން ބޭރުން ބުނެވުނެވެ.

ރަށުގައި ހުރި ޒާހިރުގެ ޙާލަކީވެސް ހަމަ މިއީއެވެ. މޫސުން ގޯސްކަމުން ހިތަށް ވޭނީ ތޫފާނެއް އައިސްގެން އުޅޭ ކަހަލައެވެ. އެއްވެސް މީހެއްގެ ފޯނަކަށް ނުގުޅޭތީވެ ހިތަށް ވެރިވެފައިވަނީ ވަރަށް ބޮޑު ވޭނީ ހިތްދަތިކަމެކެވެ. ޒާހިރުގެ މުޅި ހަށިގަނޑަށް ވޭން ލިބެނީއެވެ. ނޭވާ ލާން ދަތިވަނީއެވެ. ހިތް އަވަސް ވަނީއެވެ. މުޅި މީހާ ދާހިތް ލަނީއެވެ. ބުނެދޭން ނޭނގޭ ފަދަ ދިލި އާވި ތަދެއް މުޅި ހަށިގަނޑުން އޭނާގެ ނަގަމުން ދަނީއެވެ.

ކަނޑުގެ ލޮނުގަނޑުގެ ތެރޭގައި ރައިއާ ސަލާމަތް ވާން ވަރަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. ކަނޑުގެ އަޑިން މައްޗަށް އެރޭތޯ ވަރަށް ހިތްވަރު ކުރިއެވެ. ހިތުން އެތައް ދުޢާ ތަކެއް ކުރެވުނެވެ. އެހެނަސް ފަތަން ނޭނގުމާއި އެކު ރައިއާގެ ހަށިގަނޑު ވަނީ ކަނޑުގެ ލޮނުގަނޑުގެ ތެރޭގައި ހިފެހެއްޓިފައެވެ. ލޮނު ބޮވެމުން ދިޔައިރު ރައިއާ ގުނަމުން ދިޔައީ އޭނާގެ ޙަޔާތުގެ އެންމެ ފަހު ވަގުތު ކޮޅެވެ.

ރައިއާގެ ދެލޯ ބޮޑުވެ ދެލޮލުގެ ތެރެއަށް ފެން ވަންނަމުން ދިޔައެވެ. ރައިއާގެ ހިތަށް ވަރަށް ގިނަ ކަންތައްތަކެއް ވެރިވަމުން ދިޔައެވެ. އަނޫފް ވާނެ ދެރައެވެ. ޒިލީގެ ޙާލަކީ ކޮބާ ބާއެވެ؟ މަންމާ އާއި ބައްޕަ ކޮބާ ބާއެވެ؟ ރައިއާގެ ހަރަކާތް ދިޔައީ ނެތެމުންނެވެ.

“ރައި.. ޕްލީޒް…. އަދި ކުޑަ ހިތްވަރެއް… އަހަރެންނަށްޓަކައި…”

ހަރަކާތް ހުސްވަމުން ދިޔަ ރައިއާގެ ކަންފަތުގައި އަނޫފްގެ އަޑުޖެހުނު ފަދައެވެ. ސަލާމަތް ވޭތޯ އަނެއްކާވެސް ދެއަތާއި ދެފައި ލޮނުގަނޑުގެ ތެރޭގައި ތަޅުވާލެތޯ ރައިއާ މަސައްކަތް ކުރިއެވެ. އެހެނަސް އެހާ ހިތްވަރެއް ނުލިބުނެވެ. ގައިން ވަރު ދޫވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ރަައިއާގެ ހަރަކާތް މުޅިން ހުއްޓުނެވެ. ވޭނީ އިޙުސާސްތަކެއް ވާހެން ރައިއާ އަށް ހީވިޔަސް އެކަން އޭނާއަށް ޔަޤީންނެއް ނުވިއެވެ. ރައިއާގެ ދެލޯ މެރިގެން ދިޔައީ ރައިއާގެ ހުރިހާ އުއްމީދުތަކަކާއި އެކުގައެވެ. ޒިލީ އާއި އަނޫފް އާއި އެކު އުފާވެރި ދިރިއުޅުމެއް އުޅެން ދެކުނު ފޮނި ހުވަފެން ތަކާއި ވެސް އެކުގައެވެ.

ގޮތް ދޫނުކޮށް ބޮޑާހޭކެމުން ދިޔަ ބިޔަ ބޮޑެތި ރާޅުތައް ހުރަސްކޮށް ލޯންޗުގެ ކައްޕި ފަތާފައި ހަނިމާދޫއަށް އަރައި ލޯންޗު ބަންޑުން ޖަހައިލި ހިތާމަވެރި، ބިރުވެރި ހާދިސާ ފުލުހުންނަށް ކިޔައި ދިނެވެ. އެއާއި އެކު ފުލުހުންނާއި ސިފައިން ލަސްނުކޮށް ލޯންޗު ބަންޑުން ޖަހާލި ތަނަށް ގޮސް ގެއްލުނު މީހުން ހޯދަން ފެށިއެވެ.

ވެހެމުން ދިޔަ ވާރޭގެ ތޭރޭގައި ފަތާފައި އަހުމަދުފުޅު ފެނުން މައްޗަށް އެރި އިރު އޭނާގެ ނޭވާ ހީވަނީ ހަށިގަނޑުން ވަކިވެގެން ގޮސްދާނެ ހެންނެވެ. ވަރަށް އަވަސް އަވަހަށް އޭނާ ދެކޮޅު ބަލައިލިއިރު ފެނުނު މަންޒަރުން އަހުމަދުފުޅުގެ ހިތް ދެތަންވި ކަހަލައެވެ. ހިތުގެ ވިންދު ނުހުއްޓުނީ ހަމަ ކިރިޔާއެވެ. އޭނާގެ ދެލޮލުން ވޭނީ ކަރުނަ ފާއްދާލީ ހިތް ރޫޅި ފިސްފިސް ވާ ޙާލުގައެވެ. އަހުމަދުފުޅުގެ ހިތުގައި ޖެހުނުލެއް ބޮޑުކަމުން އޭނާގެ ނޭވާ ހީވީ ފިތުނުހެންނެވެ. އެމަންޒަރު ބަލަން ހަޤީޤަތުގައި ވެސް އަހުމަދުފުޅަށް ލަޔާޤަތާއި ޤާބިލެއް ނޫންނެވެ. އެކަން ކުރަން ކުޅަދާނަ ވާނީ ވެސް ކިހިނަކުން ހެއްޔެވެ؟ ފުލުހެއްގެ އަތް މައްޗަށް ނަގައިގެން ފެނުން މައްޗަށް އެނެގީ އައިޝާމަނިކެ ނޫން ދެވަނަ ދެމީހެއް ނޫންނެވެ. އަހުމަދުފުޅުގެ ޤަދަރުވެރި ލޯބިވާ އޭނާގެ އަނބިމީހާއެވެ. އެތައް އަހަރަކު ޒަވާޖީ ޙަޔާތެއް އުފަލާއި އޯގާވެރިކަމާއި އެކު ވޭތުކުރި އަހުމަދުފުޅުގެ ދިރިއުޅުމުގެ ދަތުރުގެ ކައްޕިތާނެވެ. ހިތްދަތި ގޮތަކަށް ހިންދިރުވާލަމުން އަހުމަދުފުޅު އަނެއްކާވެސް ކަނޑުގެ އަޑިއަށް ފީނައި ގަތެވެ. ޒިލީ އާއި ރައިއާ ގެ ހިލަވަޅެއް ފެނޭތޯއެވެ.

ހަމަހިމޭންކަން ކެނޑި ހައިޖާނެއް އައިސްގެން ފޮނުލާ ކެކި އަރަމުން ދިޔަ ރާޅުތައް އެއްގޮތަކަށްވެސް އަމާން ދޭކަށް ނުވިސްނައެވެ. ފުލުހުންނާއި ސިފައިން ވަރުބަލި ކަމެއް ނެތި ލޯންޗުން ދަތުރުކުރި އެންމެން ގެ ހަށިގަނޑުތައް ހޯދުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

އަހުމަދުފުޅުގެ ދަރިފުޅު ހޯދުމަށް ކަނޑު އަޑީގައި އޭނާ ފީނަމުން ދިޔައިރު އޭނާގެ ހަތަރު ފަރާތުންވެސް ފެންނަމުން ދިޔައީ ބިރުވެރި ކަމާއި އަނދިރިކަމެވެ. ހިތުގައި އަބަދުމެ ސިފަވަމުން ދިޔައީ ލޮނު ބޮވިބޮވި ފުރާނަ ހަށިގަނޑާއި ވަކިވެގެން ދިޔަ އޭނާގެ ލޯބިވާ އައިޝާމަނިކެގެ ތަސްވީރެވެ. އެ ވޭނީ ހިތްދަތި ޙިޔާލުތަކުގައި އަހުމަދުފުޅު ވަނިކޮށް ކުއްލިއަކަށް އޭނާގެ ހިތަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. އެއާއި އެކު ކަނޑު އަޑީގައި އަހުމަދުފުޅު ތެޅިފޮޅެމުން ދިޔައެވެ. ހިތްމަތީގައި އަތް އަޅައިގެންނެވެ. އަހުމަދުފުޅަށް ލިބުނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ދިރިއުޅުމުގައި ރޯ ކުރި އުއްބައްތީގެ ހުޅުކޮޅު ނިވި އަހުމަދުފުޅުގެ މުޅި ޙަޔާތުން ރޯޝަންކަން ފިލައިގެން ދިޔައެވެ.

“ނުވާނެ…. ތީ ދޮގެއް…. ބުނޭ ތީ ދޮގެކޭ…. އަހަރެންގެ ރައި…. ބައްޕިގެ ޒިލީ…..” އަނޫފްގެ ކަންފަތުގެ ހިނދުރި ތޮރުފާލި ހިތްދަތި ވާހަކަ ޤަބޫލު ކުރާކަށް އޭނާ އެއްގޮތަކަށް ވެސް ބޭނުމެއް ނުވިއެވެ. އެއާރޕޯޓްގައި އަނޫފް ހުރީ އެއްވެސް ހާލެއްގައި މިފަދަ ހިތްދަތި ޚަބަރެއްގެ އިންތިޒާރެއްގައެއް ނޫންނެވެ. އަނޫފް އިންތިޒާރު ކުރީ ރައިއާގެ ގައިގައި ވަރަށް ލޯބިން ބައްދާލެވޭނެ ވަގުތަކަށެވެ. ޒިލީ ލޯތްބާއި އެކު އުރާލައި އެ ލޯބިލޯބި ކޯކޮޅަށް ބޮސް ދެވޭނެ ވަގުތަކަށެވެ. އެހެނަސް ކަންތައް ވީ ހީކުރި ގޮތަކަށް ނޫންނެވެ. ދުލުން ބަޔާން ނުކުރެވޭ، ހިތުން ޤަބޫލު ނުކުރެވޭ، އަމިއްލަ ޟަމީރު އެކަމަށް އެއްބަސް ނުވެވޭނެ ފަދަ ދެމިހުންނަ ކެކުޅުމާއި ތަދާއި ރިހުންތަކުން ފުރިފައިވާ ޚަބަރަކުން އަނޫފްގެ މުޅި ދިރިއުޅުން ވަށައިލިއެވެ. އަނޫފްގެ ހަށިގަނޑުގެ ހިތް ކަމުގައިވާ އޭނާގެ އަނބިމީހާ ރައިއާގެ ވަކިވެ ދިޔުންވީ އަނޫފްގެ މުޅި ހަށިގަނޑުގެ ދިރުން ހުއްޓުނު ކަމަކަށެވެ. އަނޫފުގެ ހިތުން މުޅި ހަށިގަނޑަށް ދައުރުވަމުން ދާ ލޭ ހިނގާ، އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ޒިލީ ގެ ނެތި ދިޔުމަކީ ބައްޕަ އެއްގެ މަޤާމުގައި ހުރެ އަނޫފަށް ބަރުދާސް ކުރަން ހިތްވަރު ނުލިބޭނެ ފަދަ ވޭނެކެވެ.

ފުލުހުންނާއި އެކި ފަރާތްތަކުގެ އެހީތެރިކަމާއި އެކު ލޯންޗުން ދަތުރު ކުރި އެންމެންގެ ހަށިގަނޑުގެ ހޯދިއެވެ. 10 މީހުން ދަތުރު ކުރިި އެ ކުޑަކުޑަ ލޯންޗުން 5 މީހުންގެ ހަށިގަނޑު ވަނީ މި ފަނާކުރަނި ދުނިޔެ އާއި އަލްވަދާޢު ކިޔައިފައެވެ. އޭގެ ތެރޭގައި އަހުމަދުފުޅާއި އެކު އޭނާގެ އާއިލާގެ 3 މީހުން ގެ ފުރާނަ ވަކިވެގެން ދިޔައީއެވެ. ހދ. ހަނިމާދޫއަށް ނިޔާވި 5 މީހުން ގެ ހަށިގަނޑި ގެންދެވި ޖަނާޒާގެ ކަންތައް ފެށިގެންދިޔައެވެ.

މުޅި ހަނިމާދޫ އާއި ނޮޅިވަރަންފަރު ހިމޭންވިއެވެ. މުޅި ދެ ރަށުގެ ތެރެއިން ވެސް ފެންނަމުން ދިޔައީ ހިތާމައާއި ހިތްދަތިކަމެވެ. ގެތަކުންނާއި މަގުމަތިން އިވެމުން ދިޔައީ ރުއިމާއި ގިސްލުމުގެ ވޭނީ އަޑެވެ. އެއްބަޔަކު ރޮއި ރޮއި ގައިން ވަރު ދޫވެގެން ޞިއްޙީމަރުކަޒަށް ގެންދަނީއެވެ. މުޅި ދެ ރަށުގެ ތެރެއަށް ފެތުރިފައިވާ ހިތާމައިގެ ގިލަންވެރިކަން މުޅި ރާއްޖެއަށް ފެތުރިގެން ދިޔައެވެ. ހުރިހާ މީޑިއާ އެއްގެ ފަލަ ސުރުޚީ ގައި ނޮޅިވަރަންފަރު ގެ ހާދިސާގެ ޚަބަރުތައް ގެނެސްދެމުން ގެންދިޔައީ މުޅި ޤައުމު ރޮއްވައިލަމުންނެވެ. އެކަމުގެ ހިތްދަތި އަސަރުން މުޅި މިޤައުމުގެ އެންމެންގެ ލޯތައްހެން ކަރުނައިން ތެތްމާލިއެވެ.

“ރައި….” ކަފުންމައްޗަށް ނަގާފައިވާ ރައިއާގެ މޫނު ފެނުމާއި އެކު އަނޫފުގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. މުޅި މީހާ ތުރުތުރު އަޅަމުން ދިޔައީ ބުނާނެ އެއްޗެއް ނޭޭނގޭ ޙާލުގައެވެ. ކައިރީގައި ހުރި ޒާހިރު ލަސް ފިޔަވަޅުތަކެއް ނަގަމުން ގޮސް އަނޫފްގެ ގާތުގައި ހުއްޓުނެވެ. އެވަގުތު ޒާހިރު ވެސް ހީވަނީ އެއްވެސް ދިރުމެއްނެެތް ހަށިގަނޑެއް ހެންނެވެ. ހަނިމާދޫއަށް އަނޫފް އައި ގޮތަށް ރައިއާ ގެ މޫނު ފެނުމާއި އެކު އޭނާގެ ހިތަށް ވީ ތަދު މާބޮޑުވިއެވެ. ރައިއާގެ ކައިރީގައި އޮތް ފުރާނަނެތް ކުޑަކުޑަ ޒިލީގެ ހަށިގަނޑަށް ނަޒަރު ހިންގައިލުމާއި އެކު އަނޫފަށް ކުއްލިއަކަށް ހުރެފައި ވަރަށް ބާރަށް ރޯންފެށުނެވެ. ކެތްތެރިކަން ކޮޅުންލީއެވެ. އޭނާގެ ހިތް ފަޅައިގެން ދިޔައީއެވެ.

“ރައި… ދަރިފުޅާ ޒިލީ…. ޕްލީޒް…. ދެލޯ ހުޅުވާލަބަލަ… ރައި… އަހަރެން ދޫކޮށްފަ ނުދޭ…. ހެޔޮނުވާނެ… މި ދެލޯ ހުޅުވާލާ އަހަރެންނަށް ބަލާލަބަލަ….. އާދޭސް މިކުރީ… ރައި… އަހަރެން މިހުރީ އައިސް އޭ…. ބުނީމެއްނު ބައްދާލާނަމޭ….. ތެދުވެ އަހަރެންގެ ގައިގަ ބައްދާލަ ބަލަ… ރައި….. ރައި… ދަރިފުޅާ…. ޒިލީ…. ތީ ބައްޕިގެ ފުރާނަ…. ބައްޕި އެކަނި ދޫކޮށްފަ ނުދޭ ދަރިފުޅާ…. ޒިލީ… ދަރިފުޅާ… ބައްޕިއަށް މަޢާފުކުރޭ…. ތި ތުއްތު ދެ އަތުން ސަލާމަތަށް ހާދަ އެދޭނޭ… ހާދަ ރޯނޭ… އެކަމު އެ ބިޔަ ކަނޑުގަ…. ބައްޕި އަށް ދަރިފުޅަށް އެއްވެސް އެހީއެއް ނުވެވުނު…. މަޢާފުކުރޭ ދަރިފުޅާ…” ރޮމުން ހޭރެމުން އަނޫފް ގެންދިޔައީ ރައިއާ އާއި ޒިލީގެ ގައިގައި ބައްދަމުންނެވެ. އެ މަންޒަރު ދުރުން ބަލަން ތިބި އެންމެންވެސް ތިބީ ހިތަށް ވަރަށް ތަދުވެފައެވެ. ދެ ލޯ ފެންކަޅިވެފައެވެ. ދަތްދޮޅީގައި އަތް ވިއްދާލައިގެން ހިތަށް ވަރަށް އަސަރުކޮށްފައެވެ. އެތަނުން ބަޔަކު އައިސް އަނޫފް ދުރުކޮށްލަމުން އަނޫފް ހަމައަކަށް އަޅުވަން މަސައްކަތް ފެށިއެވެ.

ޒާހިރުވެސް ބޮޑު ފިރިހެނަކަށް ވެ ހުރެ އަޑުން އަޑުނަގައި ބާރަށް ރޮމުން ގެންދިޔައެވެ. މުޅި އެތަން ވަނީ ރުއިމުގެ އަޑުން ގުގުމައިލާފައެވެ. ޒާހިރު މަޑުމަޑުން ފިޔަވަޅު ނަގަމުން ގޮސް ރައިއާ އާއި ޒިލީ ގެ ގާތުގައި މަޑުކޮށްލިއެވެ. ޒާހިރުގެ ދެއަތުގައި އެވަގުތު ދެމީހަކު ހުރީ މަޑުުމަޑުން ހިފަހައްޓައިލައިގެންނެވެ.

“ދޮންބެ ނިންމީ ކޮއްކޮމެންނާއި އެކު ދާން….. ރައިއާ ކޮއްކޮ އަދި ޒިލީ…. މީ ﷲގެ ޙަޟްރަތަށް ދާ ދަތުރު ކަމުގައި އަހަރެން އެއްގޮތަކަށް ވެސް ހިއެއް ނުކުރަން…. އެކަން އެނގުނުނަމަ…” ޒާހިރު ހިތްމަތީގައި އަތް އަޅާލިއެވެ. ހިތަށް ތަދުވާ ވަރުންނެވެ. މަޑުމަޑުން ޒާހިރުގެ ނަޒަރު އަހުމަދުފުޅާއި އައިޝާމަނިކެ ގެ ފުރާނައަށް ހުއްޓުނެވެ.

“މި ދަތުރުގަ ވެސް އަހަރެން ބޮޑުބެ އާއި އެކު ދިއުމަށް އެދުނީމެއްނު؟؟؟. އެކަމު… ބޮޑުބެގެ އެއްވެސް ނިންމުމަކާ… އަހަރެން ދެކޮޅު ހަދާފަ ނެތީމަ….. ބޮޑުބެގެ އެދުމުގެ މަތިން އަހަރެން ނުގޮސް މަޑު ކުރީ…. އެއީ ބޮޑުބެގެ ފަހު ދަތުރުކަން އެނގޭނަމަ…… ޔަޤީނުންވެސް އަހަރެން ބޮޑުބެ އާއިއެކު ދާނަން….. ” ޒާހިރު އޭނާގެ މޫނުމަތީގައި އަތް އަޅައި ރޯންފެށީ އިތުރަށް ވާހަކަދައްކާނެ ހިތްވަރު ނުލިބުމުންނެވެ.

ނިޔާވި އެންމެންގެ ކަށުކަމާއި ކެމީގެ ކަންތައް ނިމިއްޖެއެވެ. އަހުމަދުފުޅު ފަދަ މުޅި ރަށަށް ޚިދުމަތްތެރި ޓީޗަރެއްގެ ވަކިވެދިޔުމާއި، ނިޔާވި އެންމެންގެ ހަނދާނުގައި މުޅި ނޮޅިވަރަންފަރަށް ވެރިވެފައިވަނީ އަޑުބަޑުމަޑު ކަމެވެ.

***

ދުވަސްތައް ވޭތުވަމުން ދިޔައެވެ. ދުވަހަކަށް ފަހު ހަފުތާއެކެވެ. ހަފުތާއަކަށް ފަހު މަހެކެވެ. އަނޫފްގެ ލޯބިވާ ރައިއާ އާއި ޒިލީ ވަކިވެގެން ދިޔަތާ 4 މަސް ވަނީއެވެ. އެހެނަސް އަދިވެސް އަނޫފްގެ ހިތުގައި ރައިއާ އާއި ޒިލީ ދެވިފައިވާ ލޯތްބާއި ޤަދަރަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެ ލޯބި އަދިވެސް އަނޫފްގެ ހިތުގައި ތާޒާ ކަމާއި އެކު ދިރިދިރި އެބަ ހުއްޓެވެ. އަނޫފްގެ ހިތުގައި ވިންދު ޖަހާހާ ހިނދަކު، ނޭވާ ހިނގާހާ ހިނދަކު، ދުވަހަކުވެސް އެ ހަނދާންތައް އޭނާގެ ހިތަކުން ފިލައިގެން ނުދާނެއެވެ.

ނިމުނީ

Share Article

Follow Me Written By

Zel

Level 110 Stories

Other Articles

Previous

ކުށަކާ ނުލާ-1

Next

ކަނު ލޯބި

Next
December 30, 2019

ކަނު ލޯބި

Previews
December 30, 2019

ކުށަކާ ނުލާ-1

4 Comments!

  1. Lamko says:
    December 30, 2019 at 7:52 am

    ????aslu varah dhera vaane…. Mi story kiyaalaafa varah dhera vejji….. Unmeedhu kuranii adhivc mikahala story mi site in fennaane kamah…

  2. Umny ??? says:
    December 31, 2019 at 5:55 am

    I was just shocked in that day and……. ???

  3. Aakko luv ❤️ says:
    January 22, 2020 at 1:06 pm

    Varah reethi vaahaka eh… Luv ur stories zel..
    Best writter ever…

  4. Janoo#jan says:
    February 22, 2020 at 1:55 pm

    Hithaamaveri haadhisaa eh. I got tears in my eyes. ???? so sad. Mruve dhiya meehunnah barakaaiy lahvaashi aameen!

Comments are closed.



All Right Reserved!