ޙަޤީޤީ އުފާވެރިކަން
އެއީވެސް ހަމަ މިފަދަ ދުވަހެކެވެ. މޫސުން ރީތި ދުވަހެކެވެ. ވައި ޖެހޭލެއް މަޑެވެ. ކަނޑުވެސް ގަދައެއްނޫނެވެ. މޫސުމީ ގޮތުން އެދުވަހާ އެއްގޮތް ކަމެއް ހުއްޓަސް މީގެ ތިންއަހަރު ކުރިން “ނިޔާމަ” ބޯޓުގައި މާލެ ދާން ފުރި ދުވަހު އާރާއަށް ކުރެވުނު އިޙުސާސް މިއަދު އޭނާއަށް އެކުރެވޭ އިޙުސާސާ ވަރަށް ތަފާތެވެ. އުފަން ރަށާއި މައިން ބަފައިން ދޫކޮށް، އެދުވަހު ދަތުރަށް ފުރީ ފުރާ ހިތަކުންނޫނެވެ. ނަމަވެސް މިއަދު މާލެއިން، އުފަން ރަށަށް ދާން އެފުރަނީ ވަރަށްވެސް ފޮނި އުއްމީދު ތަކަކާއެކީގައެވެ.
އާރާއަކީ ރާއްޖެތެރޭގެ އާދައިގެ ރަށްފުށު ދިރިއުޅުމެއް އުޅެމުން އައި، އުފާވެރި ޢާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ކިތަންމެ ބޭނުމެއްނުވި ނަމަވެސް މީގެ ތިންއަހަރު ކުރިން އާރާ މާލެ އައީ މައިންބަފައިން ދެކެމުން އަންނަ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖައްސާ ދިނުމުގެ ބޭނުމުގައެވެ. އާރާގެ މުޅި ޙަޔާތުގައިވެސް އެންމެ ލޯބިވީ ފަރާތްތަކާއި އުފަންރަށް ދޫކޮށް ދާންޖެހުމުން އެހިތުގައި އެޅިވޭން މާތް ރަސްކަލާނގެ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް އިޙުސާސެއް ނުކުރެވޭނެއެވެ. އެހެނަސް އޭނަ ހިތްވަރު ކުރިއެވެ. ޢަޒުމް ވަރުގަދަ ކުރިއެވެ.
އެންމެ ފުރަތަމަ މާލެ އައި ދުވަހުން ފެށިގެން މިއަދާހަމައަށްވެސް އާރާ އުޅެމުން އައީ އުފާވެރި ދިރިއުޅުމެއް ނޫނެވެ. މި ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނަ އެތަކެއް ތަޖުރިބާއެއް ކޮށްފިއެވެ. އެތަށް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނެވެ. ހިތާމަ އާއި ކަރުނައިގައި ދުވަސްތަކެއް ވޭތު ކޮށްފިއެވެ.
އާރާ ހުންނަ ގޭގެ މީހުން އޭނައާމެދު ޢަމަލުތައް ބަހައްޓަނީ ވަރަށްވެސް އިހާނަތި ގޮތަކަށެވެ. ގޭގައި އުޅޭ ހުރިހާ ކުޑަކުދިން ބެލުމުގެ އިތުރުން ގޭތެރޭގެ ހުރިހާ މަސައްކަތެއްވެސް އާރާ ލައްވާ ކުރާއިރު، އާރާ އެއީ އެގޭގެ ނޯކަރެއް ފަދައެވެ. ނުވިތާކަށް ކުދި ކުދި ކަންކަމާވެސް ރުޅި އިސްކޮށް އާރާއާ ދިމާލަށް އެއްޗެހިގޮވާ ހެދުން އެއީ މިހާރު އެމީހުންގެ އާދައެކެވެ.
އެގޭ މީހުންގެ އަނިޔާވެރިކަމާ ހަރުކަށިކަން އެންމެ ބޮޑަށް ފާހަގަވީ އާރާގެ އަތުން ތަށްޓެއް ވެއްޓި ތަޅައިގެން ދިޔަދުވަހުއެވެ. އެދުވަހު ކަންދިމާކުރި ގޮތުން އެމަންޒަރު ފެނުނީ އެގޭގައި އުޅޭ އެންމެ ނުފޫޒުގަދަ ދައްތައަށެވެ. އެދައްތަ އިތުރު ދެވަނަ ވިސްނުމަކަށްވެސް ދިއުމެއްނެތި އެންމެ ފުރަތަމަވެސް ރުޅި އިސްކުރީއެވެ. އަދި އާދައިގެ މަތިން އާރާއާ ދިމާލަށް އެއްޗެހި ގޮވަން ފެށިއެވެ. އެގެއަށް އާރާ ގެނެވުނީތީ މޮޔަހީވާ ކަމަށް ބުނެއެވެ. އެއްވެސް ކަމެއް ރަނގަޅަށް ކުރަން ނޭނގެއޭ ބުނެއެވެ.
އެހުރިހާއިރު އެއްޗެކޭ ނުބުނެ ބިރުންގޮސް ދެފައި ތުރުތުރުލާ ޙާލު ކެތްކޮށްގެން ހުރި އާރާއަށް ވާހަކަދެކެވެން ފެށުނެވެ. “ދައްތާ! އަޅުގަނޑާ ދިމާލަށް ތިވަރަށް އެއްޗެހިގޮވާއިރު އެންމެ ފަހަރަކު ނަމަވެސް ބުނެލަދިފާނަންތަ އަޅުގަނޑަށް ކުރެވުނު ކުށެއް. ރަނގަޅަށް ވާގޮތް ސާފުކޮށް ބުނެނުދީ އަބަދު އަޅުގަނޑު ކުއްވެރިކޮށް އެއްޗެހި ގޮވާއިރު ޢަޅުގަނޑުގެވެސް އޮންނަނީ ހިތެކޭ. މިހިތަށް ތަދުވެޔޭ.” ދެލޮލަށް ކަރުނަތައް ބޮނޑިކޮށްގެންހުރެ، ނުރޯން މަސައްކަތް ކުރަމުން ވާހަކަ ދެއްކި އާރާއަށް ބުނެވުނީ އެހާހިސާބަށެވެ. އިތުރަށް އެތާ މަޑުކުރަން ބޭނުންނުވުމުން ދުވެފައިގޮސް އޭނަ ވަނީ ކޮޓަރިއަށެވެ. އަދި އެނދުމައްޗަށް ވެއްޓިގަނެ އަޑުންއަޑުނަގާ ރޯންފެށިއެވެ. އެވަގުތު އާރާގެ ޙިޔާލުގައި ކިތަންމެ ފަހަރަކު އޭނަގޮސް އެދައްތައަށް ޙަޤީޤަތް ކިޔައިދީފިއެވެ. އޭނަގެ އެއްވެސް ކުށެއް ނެތްކަން ސާބިތުކޮއްދޭން އެ ހިތް ބޭޤަރާރު ވަމުން ދިޔައެވެ. އެހެނަސް އާރާގެ ގަޔަކު އެހާ ހިތްވަރެއް ނެތެވެ.
އެވަގުތު އާރާގެ ޙިޔާލަށް އެންމެ ފުރަތަމަވެސް އައީ އޭނަގެ އެންމެ ގާތް އެކުވެރިޔާ ޝާނާއެވެ. ޝާނާއަކީ އޭނަގެ ހުރިހާ ސިއްރެއްވެސް ޙިއްސާ ކުރާ، ކޮންމެ ކަމެއްގައިވެސް ދެގޮތެއްނެތި އޭނައަށް އެހީވެދޭން ތައްޔާރަށް ހުންނަ ހަމައެކަނި އެކުވެރިޔާއެވެ. ވަގުތުން ޝާނާއަށް ގުޅާ މިއަދު ވީގޮތާއި، އާރާގެ ހުރިހާ އިޙުސާސްތަކެއް ޝާނާގެ ކުރިމަތީ ބަންޑުންކޮއްލިއެވެ.
އެހެންފަހަރުތަކެކޭވެސް އެއްފަދައިން މިފަހަރުވެސް އާރާއަށް ޙަމްދަރުދީވެ، ޝާނާ އެހީވިއެވެ. އާރާގެ ހިތްހަމަ ޖައްސާދިނުމުގައި ޝާނާ ކަމިޔާބު ކުރިއެވެ. ޝާނާގެ އެތައް ނަސޭޙަތަކާ ހިތްވަރުދިނުމުގެ ބަސްތަކަކަށްފަހު އާރާ ހަމައަކަށް އެޅުނުއުރި އޭނަގެ ޢަޒުމަކަށް ވެފައިވީ ހަމައެކަނި މައިންބަފައިންގެ ހުވަފެންތަކުގައި ކުލަޖައްސާދިނުމެއް ނޫނެވެ. އެހެނެއްކަމަކު އޭނައަށް އެއްޗެހިގޮވާ، ފުރައްސާރަ ކުރާ ހުރިހާ އެންމެންނަށް އެއްޗެއް ވިސްނާދިނުންވެސް މެއެވެ. އޭގެތެރޭގައި ކޮލެޖުން އޭނައަށް ގަނާކުރާ ބައެއް ކުދިންނާއި، ތަފާތު ކުރާ ބައެއް ޓީޗަރުންވެސް ހިމެނިގެން ދިޔައެވެ.
ކޮލެޖުން އާރާއަށް ގަނާކުރުމާއި ތަފާތުކުރުންތަކާ ކުރިމަތިލާންޖެހެނީ އޭނަގެ ސިފަހުތުރުވީމައޭ ކުއްޖަކު ބުނަނިކޮށް އާރާއަށް އަޑުއިވުނެވެ. ފަހަރުގައި އެހެންވެސް ވެދާނެއެވެ. އޭނަގެ ހުންނަ ބުޅި އިސަތަށިގަނޑާއި، ކުރު އިސްކޮޅާއި އޮޅަލި ހަންގަނޑު އެމީހުންނަށް އެހާ ކަމުނުދަނީ ކަމަށް ވެދާނެއެވެ. އެހެނަސް އެއީ އޭނަ އެހެންކުދިންނާ ތަފާތުކުރަންވީ ސަބަބަކަށް ހަދައިގެން ނުވާނެއޭ އޭނަގެ ހިތް ކިތަންމެ ފަހަރަކު ބުނެއެވެ.
ކޮނމެއަކަސް އާރާގެ އެވަރުގަދަ ޢަޒުމާ އެއްވަރަށް އޭނަ މަސައްކަތްވެސް ކުރިއެވެ. ރެއާ ދުވާލު ނިދި ޤުރުބާން ކޮށްލުމަށްފަހު ގަދައަޅާ ހިތްވަރާއެކު މަސައްކަތް ކުރިއެވެ. ކިޔެވުމުގައި ވަގުތުތައް ހުސްކޮށްލިއެވެ. އާޚިރުގައި އޭނަ ކުރި ބުރަ މަސައްކަތުގެ ފޮނި މޭވާ ލިބުނެވެ. މުޅި ކޮލެޖުންވެސް ކިޔެވުމަށް އެންމެ މޮޅު ދަރިވަރަކަށް އާރާ ހޮވިގެން ދިޔުންވީ ހުރިހާ އެންމެންވެސް ހައިރާން ކުރުވަނިވި ކަމަކަށެވެ. އެނަތީޖާ ލިބުނު ވަގުތު އާރާއަށް އިޙުސާސްވީ އުފާވެރިކަމެވެ. އެތަށް ބުރަމަސައްކަތަކަށްފަހު އޭނަގެ މަޤްސަދު ޙާޞިލްވި ކަހަލައެވެ.
އެންމެ ފަހުވަގުތު އާރާ އެ ހުރިހާ އެންމެންނަށްވެސް އެއްޗެއް ވިސްނައިދިނީއެވެ. ސިފަ ކިތަންމެ ހުތުރަކަސް ކާމިޔާބު ވެވިދާނެ ކަމެވެ. ކާމިޔާބީއާ ހަމައަށް ވާޞިލްވާން ބޭނުންވަނީ ނުގުޑާފަދަ ޢަޒުމަކާއި ބުރަމަސައްކަތްކަމެވެ.
އާރާގެ ޙިޔާލީ ވާފަށް ކެނޑި ހަމަ ބިމަށް އާދެވުނީ މީހަކު އޭނަގެ ކޮނޑުމަތީގައި އަތްބާއްވާލުމުންނެވެ. ފަސްއެނބުރި ބަލައިލިއިރު ހިނިތުންވެލައިގެން އެހުރީ އޭނަގެ ލޯބިވާ ދައްތައެއްފަދަ ޝާނާއެވެ. އާރާއާ ވަދާޢީ ސަލާމް ކުރަން އައިއްސައެވެ. އާރާގެ ގައިގައި ކުޑަކޮށް ބައްދާލުމަށްފަހު ތިމަންނަ މަތިން ހަނދާން ނައްތާނުލައްޗޭ ބުނެލިއެވެ. އަދި ކުޑަ ހަދިޔާއެއްވެސް އާރާއަށްދިނެވެ. ޝާނާގެ ފަރާތުން ލިބުނު ހުރިހާ އެހީއަކަށް ޝުކުރުވެރިވާ ޙާލު ބަދަލުގައި އާރާ ރައްދުކޮއްލީ އޭނަގެ އެންމެ ފުރިހަމަ ހިނިތުންވުމެވެ. އަދި މަޑުމަޑުން ޝުކުރިއްޔާއޭ ބުނެލިއެވެ.
ދެމީހުންގެ ވަދާޢީ ސަލާމަށްފަހު، އާރާ ފޮށިތަށް ހިފައިގެން ގޮސް ބޯޓަށް އެރިއެވެ. އަދި ހަމަޖެހިލުމަށްފަހު ބަނދަރުމަތީގައި ހުރި ޝާނާއާ ދިމާލަށް ބަލައިލާ ފަހުފަހަރަށް ހަނާއަޅާލިއެވެ. އޭރު އާރާއަށް އިންތިޒާރު ކުރެވެމުން ދިޔައީ ރަށަށް ދެވޭނެ އިރަކަށެވެ. ގެއަށް ހަމަ ވަދެވުމާއިއެކު މައިންބަފައިންނާއި ކުރީގެ ރަޙުމަތްތެރިން އޭނައަށް މަރުޙަބާ ކިޔާނެ ގޮތް މިހާރުވެސް ސިފަކުރެވޭ ކަހަލައެވެ. އެ ލޮބުވެތި މައިންބަފައިންގެ ހުވަފެންތަކުގައި ކުލަޖައްސައި ދިނުމަށްޓަކައިވީ އެތަށް ޤުރުބާނީ އަކަށްފަހު މިއަދު އާރާއަކީ ކާމިޔާބު ޓީޗަރެކެވެ. އެތަށް ބައެއްގެ ލޯތްބާއި ޤަދަރު ލިބިފައިވާ ކުޅަދާނަ ޒުވާނެކެވެ. މިހުރިހާ ކާމިޔާބީ އަކާއިއެކު އޭނަ ފެންނަވަގުތު އެމީހުންނަށް ވާނެގޮތް އަންދާޒާ ކޮށްލެވުމާއިއެކު އެތުންފަތް މަތީގައި ދުވެލީ ރީތި ހިނިތުންވުމެކެވެ. އެވަގުތު އާރާ ހިތަށްއެރިއެވެ. ޙަޤީޤީ އުފާވެރިކަމަކީ މިއީއެވެ.
ނިމުނީ
4 Comments!
Comments are closed.

assalaam alaikum hurihaa readers?
mee aslu pinky mi aharu schoolga liyunu story eh ingey.. ekamu kudhi kudhi changes geneslaafa hithah ery hama up kohlaany ey…… kamudhaane kamah ummeedhu kuran ^_^
pinky dhen mi visnany varah avahah dhigu vaahaka eh liyan… I hope mikamuga readers ge support libeyne kamah
Yaa Always readers ge support libeyne. Waiting for the next story
jazallah khairan and thank you Umny… even this one little comment of your’s means a lot to me
Pinky Kon Rasheh?