އިރު އޮއްސުމާއެކު 02 (އެޕިސޯޑް 01)
(މިވާހަކައިގެ އެއްވަނަ ސީޒަން ކިޔާލުމަށް ފޭސްބުކުގެ -ވާހަކަ ދުނިޔެ- އައިޑީއަށް ޒިޔާރަތް ކޮށްލައްވާ..)
އެއް ހަފްތާ ފާއިތު ވެގެން ހިނގައްޖެއެވެ. އާހިލްގެ މަރުގެ ހާދިސާ ދެންމެ ހިނގި ކަމެއްހެން އަދިވެސް ހާޒިމްގެ ސިކުނޑީގައި ހަރުލާފައި އެބަ ހުއްޓެވެ. އާހިލް މަރުވެގެން ދިޔުން ވީ ހާޒިމްއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު ބަލިކަށިކަމެއް ގެނުވި ކަމަކަށެވެ. ލޯ މަރާލިއަސް ހީވަނީ އާހިލް އެ އިމާރާތުގެ މަތިން ފުންމާލާތަން ފެންނަ ހެންނެވެ. ލޯ ހުޅުވައިގެން ހުއްޓަސް ހީވަނީ ކައިރީގައި އަބަދު އާހިލް އުޅޭހެންނެވެ.
އާހިލް ވަޅުލާފައި އައި ދުވަހުގެ ރޭ ހާޒިމް ނިދާފައި އޮއްވާ ހޭލެވުނީ ވަރަށް ގަދަޔަށް ހުން އައިސްގެންނެވެ. އޭގެ ފަހުން ހާޒިމް އަދި އޮފީހަކަށް ނުދެއެވެ. ހުންގަނޑު އެއްކޮށް ރަނގަޅު ނުވާތީއެވެ. ހުމުގެ އަސަރު އޭނާގެ ގައިގައި ހުއްޓައި މީހުންގެ ތެރެޔަށް ދިޔުމަކީ ރަނގަޅު ކަމެއް ކަމުގައި އޭނާގެ މަންމަ އާބިދާވެސް ނުދެކޭތީއެވެ.
ނަމަވެސް މިއަދު ހާޒިމް އެ ތައްޔާރުވަމުން ދަނީ މުޅިން އާ ފެށުމަކުން އަނެއްކާވެސް ދިރިއުޅުން ފަށާށެވެ. އާހިލްގެ ހާދިސާ ހިތުން މުޅިން ފުހެލާފައި ދިރިއުޅުމުގައި އަލުން އުންމީދުގެ ކުލައެއް ޖެއްސޭތޯއެވެ.
މިވީ އެއް ހަފްތާތެރޭ ނީލަމްގެ އެއްވެސް ހަބަރެއް ހާޒިމް އަކަށް ނުވެއެވެ. ހާޒިމް އުޅޭ ހާލެއް ބަލާލަންވެސް ނީލަމް ނާދެއެވެ. އެތަށް ފަހަރަކު ހާޒިމް ނީލަމްއާ ފޯނުން ގުޅަން ކުރި މަސައްކަތްވެސްވީ ބޭކާރެވެ.
“ސައި ބޮއިގެން ދާން ވާނީ ދަރިފުޅާ.. އެހެންނޫނީ ރަނގަޅަށް މަސައްކަތެއް ނުކުރެވޭނެ.” ހާޒިމް ކޮޓަރިން ނުކުތްއިރު ގޭތެރެ ކުނިކަހަން ހުރި އާބިދާ ބުނެލިއެވެ. ހާޒިމް ބަދިގެޔަށް ވަދުނީ ކަރުގައި އޮތް ޓައީ ބާރު ކޮށްލަމުންނެވެ.
ސައިބޮއި ނިމިގެން ހާޒިމް ގޭތެރޭގައި އުޅުނީ ފުޅިވަޔަށް ހިފައިގެން އެނބުރޭ ފުޅިއަކަށް ވުރެންވެސް ހަލުވިކޮށެވެ. “ކިހިނެއް ވެގެންތަ ދަރިފުޅު ތިއުޅެނީ..؟” ފާތުމާ ބަދިގޭގައި ތަށި ދޮންނަން ހުރެފައި ނުކުތީ ހާޒިމް ކޮޓަރީގެ ދޮރު މާބާރަށް ލެއްޕި އަޑު އިވުނީމައެވެ. “މަންމާ ކޮބާތަ މަގޭ އިސްޓާކީން. ދުވަހަކުވެސް ބާއްވާތާކު އެއްޗެއް ނޯންނާނެ.” ހާޒިމް ހުރީ ރުޅިއައިސްފައެވެ. އާބިދާ ދެކެއެއް ނޫނެވެ. ވަގުތު ދެކެއެވެ. އޮފީހަށް ގަޑި ޖެހިގެން ދިޔުމަކީ އޭނާގެ އާދައެއް ކަމަކު އޭނާ އެހާމެ ނުރުހޭ ކަމެއްވެސް މެއެވެ.
އާބިދާ އިނގިލި ދިއްކޮށްލީ ސިޓިންރޫމްގައި ހުރި މޭޒާ ދިމާލަށެވެ. ހާޒިމް އޮފީހަށް ދިޔުމަށް ފަހިކޮށްދޭންވެގެން އިސްޓާކީނު އިޔޮތީ އާބިދާ ބޭއްވިގޮތަށް މޭޒުމަތީގައި ހާމަޔަށެވެ. ނަމަވެސް ހިތް އަވަސްވެފައި ވުމުގެ ސަބަބުން ހާޒިމްގެ ލޮލުގައި އެ އިސްޓާކީނު އަޅައި ނުގަތީއެވެ. “ދަރިފުޅު މާ އަވަހަށޭ ރުޅި އަންނަން ތި އުޅެނީ..” އާބިދާ ވަދުނީ އަނެއްކާވެސް ބަދިގެޔަށެވެ.
=============
“ނީން..” ހާޒިމް ގޮވާލީ ނީލަމް އަށްށެވެ. އޮފީހަށް ދިޔަ މަގުމަތީގައި ނީލަން އޭނާގެ ކޮށްކޮ ގޮވައިގެން ސުކޫލަށް ދާތަން ފެނުމުންނެވެ. ނަމަވެސް ނީލަމް ބަލާވެސް ނުލިއެވެ. ހާޒިމް އަނެއްކާވެސް ގޮވާލިއެވެ. މިފަހަރު ހާޒިމް ގޮވާލީ ނީލަމްގެ ގާތަށް ގޮސް އޭނާގެ ކުރިމައްޗަށް އަރަމުންނެވެ. އުމުރުން 8 އަހަރުގެ ކުޑަ ކޮއްކޮގެ އަތުގައި ހިފައިގެން ހުރި ނީލަން ހުއްޓިލިއެވެ. އަދި ހާޒިމްއާއި ދިމާލަށް ބަލާލިއެވެ. ނުރުހުމުގެ ނަޒަރަކުންނެވެ. “ކީއްވެގެން ގުޅީމަ ފޯން ނުނަގަނީ؟” ހާޒިމް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ނީލަމް އެއްވެސް ޖަވާބެއް ނުދިނެވެ. ހާޒިމްގެ ކަނާތް ފަރާތަށް ޖެހިލާފައި ނީލަމް އަނެއްކާވެސް ހިނގައިގަތުނެވެ.
އެވަގުތު ހާޒިމް ނީލަމްގެ އަތުގައި ހިފެހެއްޓިއެވެ. “ނީން އަޅެ ވާހަކަ ދައްކަބަލަ!” ހާޒިމް އާދޭހުގެ ރާގަކަށް ބުނެލިއެވެ. “ކީކޭތަ ކިޔަންވީ؟ އަހަރެން ކިޔަން ހުރި އެއްޗެހި ހާޒިމް އަޑުއަހާނަންތަ؟” ނީލަން އޭނާގެ އަތުގައި ހިފަހައްޓާފައި އޮތް ހާޒިމްގެ އަތް ފޮޅާލިއެވެ. “އާނ.. ކީއްވެ އަހަރެން ނީންގެ ވާހަކަ އަޑުނާހަންވީ؟ އަހަރެން ކޮން އިރަކު ނީންގެ ވާހަކަ އަޑު ނޭހީ؟” ހާޒިމް މަގުގެ އެއްފަރާތަކަށް ޖެހިލިއެވެ. އޮފީހަށްދާން ގަޑިޖެހިގެން ނުކުތް މީހެއްކަންވެސް އޭނާ ހަނދާން ނެތިފައި ހުރި ކަހަލައެވެ.
“އާނނ… ވަރަށް ރަނގަޅު.. ދެން ހަނދާން ހުރި ކަމަށްވެސް ނަހަދާނެ. އަހަރެންގެ ރައްޓެހިން ބުނޭ ފިރިހެނުންނަކީ ވަރަށް ފަރުވާ ކުޑަ ބައެކޭ.. އެކަމަކު މި ހުރިހާ ދުވަހަކު އަހަރެން ގަބޫލެއް ނުކުރަން. އެކަމަކު މިހާރު އަހަރެން ގަބުލުކޮށްފިން.. އަހަރެން މިއީ ހާޒިމް ފޫހިވީމަ ފޫހި ފިލުވާލަން، ނޫނީ ބޮލަށް އެރީމަ އަމަލު ފިލުވާލަން ގޭގަ ބައިންދާފަ އިންނަ އަޅެކޭ އެއްގޮތަކަށްވެސް ހާޒިމް ހީނުކުރައްޗޭ.. މީގެ ފަހުން އަހަންނަށް ރަނގަޅީ ހާޒިމް އަހަރެން ފެންނަ ހިސާބަށްވެސް ނައިއްޔާ..” ކައިރިން ހިނގާފައި ދިޔަ މީހުންގެ ނަޒަރު ހުއްޓިފައި ހުރީ ނީލަމްއަށްކަން އޭނާއަކަށް ނޭނގެއެވެ. އޭނާ ހުރީ އެހާވެސް ރުޅި އައިސްފައެވެ.
“ރުޅި މަޑު ކޮށްފަ މަށަށް ކުރެވުނު ކަ….” ހާޒިމް ފެށި ވާހަކަ ފުރިހަމަ ކުރެވޭކަށް ނެތެވެ. ހާޒިމް ވާހަކަ ދައްކަ ދައްކަ ހުއްޓާ ނީލަން އޭނާގެ ކޮށްކޮގެ އަތުގައި ހިފައިގެން ހިނގައިގަތުނެވެ.
=============
އޮފީހުގެ ދޮރު ހުޅުވާލުމާއެކު އިވިގެން އައީ ސަކަ މިޒާޖެއް ހުންނަ އޮފީހުގެ އިސްވެރިޔާ ކަމަށްވާ ޖާބިރުގެ އަޑެވެ. “އަދި ދޭ ގޮސް ނިދާލާފަ އަންނަން!” އެ އަޑު އިވިފައި ހާޒިމްއަށް ބަލާލެވުނީ އޭނާގެ އަތުކުރީގައި އަޅާފައިއޮތް ގަޑިއަށެވެ. އޭނާއަށް މިއާދެވުނީ ފަނަރަ މިނެޓު ލަހުންކަން އެނގުނީ އެވަގުތުއެވެ. ހާޒިމް ހިނިތުން ވެލާފައި ގޮސް އޭނާގެ މޭޒު ދޮށުގައި އިށީނދެލިއެވެ.
ހަފްތާއެއް ވަންދެން ބަންދުގައި ހުރެފައި އޮފީހަށް ނުކުތީމައި މަސައްކަތްތަށް ހުރީ ފުނި ޖެހިފައެވެ. ހާޒިމް މަސައްކަތް ކުރަމުން ދިޔައީ ނުވަގަޑީގެ ސައިބޯން ދިޔުމުގެ ކުރިން ވީހާވެސް ގިނަ ކަންތަށް ކޮށްލެވޭތޯއެވެ.
‘ޓްރީން ޓްރީން…’ ރިންގް ވަމުން ދަނީ ޖެހިގެންއިން މޭޒުގައި އިށީނދެގެންއިން ޒައިނާގެ ކައިރީއިން ޓެލެފޯނެވެ. “ބިޓުދޯ؟” މަސައްކަތުގައި ބުރަކޮށް އިނެއް ކަމަކު ހާޒިމް އޭނާއާއި ސަމާސާ ކޮށްލިއެވެ. ޒައިނާ ޖަހާލީ އާދައިގެ މަތިން ބާރު ހިނިގަނޑެކެވެ.
“އޭ ހާޒިމް.. މަ ބިޓު ބުނީ އާދެބަލާށޯ މީޓިން ރޫމަށް އަހަރެމެން ދެމީހުން!” ޒައިނާވެސް ކޮށްލީ ސަމާސާއެކެވެ. “ޒައީގެ ބިޓޭ؟ ޒައީ އުޅެނީ މިހާރު މި އޮފީހުންތަ ބިޓެއް ނަގާގެން؟” ހާޒިމް ވަރަށް ހައިރާން ވެފައި އަހާލިއެވެ. “ނޭނގެ މަށަކަށް! ހާޒިމެއްނު ތިބުނީ މި ފޯނު ރިންގްވާން ފެށީމަ އެއީ މަގޭ ބިޓު ދޯއޭ.. އަހަރެން ހީކުރީ ހާޒިމަށް ވަރަށް އެއްޗެހި އިނގިގެން ކަމަށް އެހެން ބުނީ..” ޒައިނާ ތެދުވެގެން ހިނގައިގަތުނެވެ. “ހެހެހެ… އަދި މީނަވެސް ވަރަށް ލާނަތޭ ދޯ މިހާރު.” ހާޒިމްވެސް އޭނާގެ ފަހަތުން ހިނގައި ގަތުނެވެ.
“އިށީނދޭ..” ހާޒިމްއާއި ޒައިނާ މީޓިންގް ރޫމަށް ވަނުމާއެކު ޖާބިރު އެދެކުދިންނަށް ބުނެލިއެވެ. އެތަނުގައި އެވަގުތު ޖާބިރުގެ އިތުރުން އިނީ ސްޕަވައިޒަރު ޒިޔާއުއެވެ. “މިއަދު އަސްލު ތިކުދިން ގެންނަން މި ޖެހުނީ ވަރަށް މުހިންމު ވާހަކައެއް ދައްކަން. ދެތިން ދުވަސް ވެއްޖެ މި ފުރުސަތަކަށް ބަލަބަލަ ހުންނަތާ.. އެކަމަކު ހާޒިމް އޮފީހަށް ނާންނާތީ ދެކުދިން ކައިރީ ބުނަން އޮތް ވާހަކައެއް ވީމަ މަޑުކޮށްލީ..” ޒިޔާއު ވާހަކަ ދައްކަމުން އެދަނީ ކޮން ކަމަކާ ބެހޭ ގޮތުން ކަމެއް އެދެކުދިން ކުރެ އެކަކަށްވެސް ނޭނގުނެވެ.
“މިއަތޮޅުގެ ވެރިކަންކުރާ ރަށުގަ އެބަ ހިންގާ މިއަންނަ އަންގާރަ ދުވަހުން ފެށިގެން އެއްމަހުގެ އޮފީސް މެނޭޖްމެންޓް ކޯހެއް. ކޮންމެ އޮފީހަކުން ދެކުދިން ފޮނުވަން އޮތީ އަންގާފަ. ދެން މިކޮޅުގެ މެނޭޖްމެންޓް ޑިސްކަސް ކޮށްފަ މި ނިންމީ އެންމެ ގިނަދުވަހު ވަޒީފާގައި ދާއިމު ވެވޭނެ ދެކުއްޖެއް ނަގަން. އެގޮތުން އަސްލު ހާޒިމް އާއި ޒައިނާ މިނެގީ. ދެން ތިކުދިންނަށް ދެވެން އޮތްތޯ ބަލާލަން މިގެނައީ..” ޒިޔާއު އޭނާގެ ވާހަކަ ފުރިހަމަ ކުރިއެވެ.
“އަޅުގަނޑަށް ދެވިދާނެ.” ހާޒިމް އުފަލުން ބުނެލިއެވެ. އޭނާ ހުންނަނީ އެފަދަ ފުރުސަތެއް ލިބޭނެ ދުވަހެއްގެ އުންމީދުގައެވެ. މި ހަބަރަކީ އޭނާގެ މަންމައަށްވެސް ވަރަށް އުފާވެރި ހަބަރަކަށް ވާނެކަން އޭނާއަށް އެނގެއެވެ.
“އަޅުގަނޑުވެސް އޯކޭ.. ދެން ހުރުމާ ކެއުން ކިހިނެއް އޮތީ؟” ޒައިނާ ސުވާލު ކޮށްލީ ޒިޔާއުއާއެވެ. ނަމަވެސް ޖަވާބު ދިނީ ޖާބިރުއެވެ. “ހުރުމާ ކެއުން އޮފީހުގެ ފަރާތުން އެރަށުގައި ހަމަޖައްސަ ދޭނެ. އެހެންވީމަ ހޯމަ ދުވަހު ފުރަން ތައްޔާރުވޭ ދެކުދިންވެސް.”
މީޓިން ރޫމުން އެ ދެކުދިންވެސް ނުކުތީ ވަރަށް އުފަލުން ތިބެއެވެ. ވާނީވެސް އެހެންތާއެވެ. ރަށު އޮފީހަށް ވަންނަން މި ޖެހުނީ ރަށު ސުކޫލުން ކިޔެވެންއޮތް އެންމެ މައްޗަށް ކިޔެވިއެއް ކަމަކު އާއިލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އިތުރު އެއްވެސް ސެޓްފިކެޓެއް ލިބޭވަރަށް ކިޔެވެން ނެތީއެވެ. އެހެންކަމުން މިކަހަލަ ފުރުސަތެއް ވާނީ އެކުދިންނަށް ހަމަ ރަނުގެ ފުރުސަތަކަށެވެ.
ފުރަން ތައްޔާރުވާން ލިބިފައި ދެން މިއޮތީ ސީދާ 4 ދުވަހެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

alhey ithuru gothakah nukiyeyne tha ??? i dont use fb…
Yes. I dont even have the story now.