އެދުވަސް އަނބުރާ އަންނާނެނަމަ
އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް ހެނދުނު ހޭލައިގެން ކުޑަ ގޮތަކަށް ސައި ބޯލައިގެން އަހަރެންގެ މަސައްކަތަށް ދިޔައީމެވެ. އެއީ އާދައިގެ އޮފީހެއްގެ މަސައްކަތު މީހެއްގެ ވަޒީފާއެކެވެ. ކޮންމެ ވަޒީފާއަކަސް މިއަދު އަހަރެންނަކަށް މައްސަލައެއް ނެތެވެ. މި އާދައިގެ ދިރިއުޅުންވެސް މިހާރު އަހަންނަށް ފުދެއެވެ. އެއީ ސަބަބެއް ނެތި އެއްވެސް ނޫނެވެ. އޭރު އުޅެވުނު ގޮތް ހިތަށްއަރާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުއްވެރި ކުރެވެއެވެ. ހިތުގާ ޖެހި ރޮވެއެވެ.
އޭރު އަހަރެންގެ އުމުރުންވީ އަދި އެންމެ 15 އަހަރެވެ. މައިންބަފައިންނަށް ލިބިފައި ހުރި ހަމައެކަނި ދަރިފުޅުކަމުން އެންމެންވެސް އަހަރެންދެކެ ލޯބިވަމުންއައީ އޭގެ އިންތިހާއަށެވެ. ބަދަލުގައި އަހަރެންވެސް އެމީހުންދެކެ ލޯބިވީމެވެ. އެމީހުންބޭނުންވާ ގޮތަށް ބަސްއަހައިގެން ރަނގަޅަށް ކިޔެވީމެވެ. އެހެނަސް ކަންތައްތައް ބަދަލުވެގެން އައީ ހީވެސް ނުކުރާ ފަދަގޮތަކަށެވެ. އަހަރެންގެ އުފާވެރި ޙަޔާތަށް ބަނަވިލާގަނޑެއްގެ ހިޔަނި އެޅިގެން ދިޔައީ ނުވެސްއެނގި ހުއްޓައެވެ. ޖެހުނު ނުބައި ރައްޓެހިންތަކެއްގެ ސަބަބުން އަހަރެންގެ ދިރިއުޅުން ބަރުބާދުވެގެންދާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އަހިވަކާޖެހި އަހިވަކެއް ފާވާ ބީދައިން އެމީހުންނާޖެހި އަހަރެންވެސް ޝައިޠާނާގެ ވަސްވާހަށް ހެއްލިގެން ދިޔައީއެވެ.
ނަތީޖާއެއްގެ ގޮތުން އަހަރެން ސުކޫލަށް ދާ ދުވަސްތައް މަދުވާންފެށިއެވެ. އޭގެބަދަލުގައި އަލަށް ލިބުނު ރަޙުމަތްތެރިންނާއިއެކު ސަކަރާތްޖަހަން މަގުތައްމަތީ ހޭދަކުރެވޭ ވަގުތުތައް ދިޔައީ ގިނަވަމުންނެވެ. އެމީހުންނާއެކު ކޮފީއަށް ކަމަށް ބުނެ ބޭރަށް ދިއުން ޢާންމު ކަމަކަށް ވިއެވެ. އަންހެން ކުދިންނާފޮށުމާއި އެނޫންވެސް ‘މަޖާ’ ކަންކަން ކުރުމުގައި ރޭގަނޑު ގެއަށްނުވަދެ ދުވަސްތަކެއް ގުނަންފެށުނެވެ.
އަހަރެންނަށް އަންނަމުންދިޔަ ބޮޑެތި ބަދަލުތަކުގެ ސަބަބުން ސުކޫލުންނާއި ޢާއިލާގެ މީހުން އަހަރެންނަށް ވަރަށް ނަޞޭޙަތްދިނެވެ. އަހަރެންގެ އުޅުން އިޞްލާޙުވޭތޯ ކެނޑިނޭޅި މަސައްކަތް ކުރިއެވެ. އެހެނަސް އެއިން ހުރިހާކަމެއްވެސް ވެގެން ދިޔައީ ފޫނެއްފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ. އެހެންނޫނަސް އޭރު އަހަރެންގެ ހަރުހިލައަށް ވެފައި އޮތް ހިތާ ހިސާބަށް އެއިން އެއްވެސް ނަޞޭޙަތެއް ވާޞިލް ވެދާނެހެން ހީވޭހެއްޔެވެ؟
އެންމެފަހުން އެންމެ ހީނުކުރާކަންތައްވެސް އަހަރެންކުރީއެވެ. ސުކޫލު ދުވަސްވަރު މަސްތުވާތަކެތީގެ ވަބާގައި ޖެހިގެން ދިޔައީއެވެ. މިވާހަކަ އަޑުއިވުމުން ފުރަތަމަ ގިނަ މީހުން ގަބޫލެއްވެސް ނުކުރިއެވެ. ވާނީވެސް އެހެންތާއެވެ. ޖަވާހިރެއް ފަދައިން ބޮޑުވަމުން އައި ކުއްޖަކު ހިލަގަނޑަކަށްވުރެ ނުބައި ވެދާނެކަމަށް ހީކުރާނީ ފަހެ ކާކު ހެއްޔެވެ؟ އެމީހުންނަށްވެސް ވީ ހަމަ އެހެންނެވެ. އަހަރެންހާ ކިޔެވުމަށް މޮޅު އަޚްލާޤު ރަނގަޅު ކުއްޖަކު އެފަދަ ނުބައި ކަމެއް ކޮށްފާނެކަމަށް އެމީހުންގެ ބުއްދި ޤަބޫލުނުކުރީއެވެ. އެހެނަސް އޭރު އެމީހުންނަށް ނޭނގުނީ އަހަރެންގެ އުޅުން ބަދަލު ވެފައި ހުރި މިންވަރެވެ.
ސުކޫލު ދުވަސްވަރު މަސްތުވާތަކެތި ބޭނުންކުރުމުން އެކަމުގެ އަދަބެއްގެ ގޮތުން އަހަރެން ގޭ ބަންދަށް ލިއެވެ. ނުވިތާކަށް ޤާނޫނާއި ޤަވާއިދާއި ޚިލާފު ކަމެއް ކުރުމުން ކަމަށް ބުނެ ސުކޫލުންވެސް ކަނޑާލިއެވެ. މިޚަބަރު ވެގެން ދިޔައީ އަހަރެންގެ މައިންބަފައިންނަށް ލިބުނު ބޮޑު ވޭނަކަށެވެ. ބަރުދާސްތު ނުކުރެވުނު ހިތާމައަކަށެވެ.
ހިތުގެ ބަލީގެ ޝިކާރައަކަށްވެފައިވީ އަހަރެންގެ ބައްޕައަށް މި ޚަބަރުން ލިބުނު ކުއްލި ސިހުމާއިއެކު ހާޓްއެޓޭކެއް ޖެހި މި ފަނާވަނިވި ދުނިޔެ ދޫކޮށް ދިޔައީ ޚުދު އަހަރެންގެ ކުރިމަތީގައެވެ. އެދުވަސް ވެގެން ދިޔައީ އަހަރެންގެ މުޅި ޙަޔާތުގައިވެސް އައި އެންމެ ހިތާމަވެރި ދުވަހަށެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ޙަޔާތާމެދު ވިސްނާލެވުނެވެ. އާޚިރަތާމެދު ފަރުވާކުޑަ ކުރެވި ދުނިޔެވީ އެދުންތަކާއި އުފާތައް ޙާޞިލް ކުރުމުން ޙަޤީޤީ ހިތްހަމަޖެހުން ނުލިބޭކަން ޤަބޫލުކުރެވުނެވެ. މައިންބަފައިންގެ އުންމީދުތަކުގައި އެއްވެސް ރަޙުމެއްނެތި ކޮޅުފައިން ޖަހާ ވިއްސިވިހާލި ކޮށްލެވުމުން ކުށްވެރިކުރެވުނީ އަމިއްލަ ނަފްސެވެ. އެމީހުންގެ ހުވަފެންތައް އަންދާ އަޅިއަށް ހަދާލުވުނު ކަމަށްޓަކައި ދެރަވިއެވެ.
ބައްޕަ ނިޔާވު ވުމަށްފަހު މަންމަގެ ޙާލުދެރަވެ ބަލިބޮޑުވިއެވެ. ކައިގެން ހުންނަ ދުވަސް ދުވަހަށްވުރެ ނުކައި ހުންނަ ދުވަސްތައް ގިނަވާން ފެށިއެވެ. އަބަދު ހިތާމަކޮށް ކަރުނައަޅާ ރުއިމުގައި މަންމަގެ ވަގުތުތައް ހުސްކޮށްލިއެވެ. ފަހަކަށް އައިސް މަންމަ ފެންނާނީ ގިނަފަހަރަށް ހޭނެތިފައި އޮއްވައެވެ. ނަތީޖާއެއްގެ ގޮތުން އެ މަންމަގެ ހަށިގަނޑު ބަލިކަށިވެ ބަލިއެނދުގައި ޙަޔާތުގެ ދެންއޮތްބައި ވޭތުކުރަން ޖެހުނެވެ.
ދުވަކަށްފަހު ދުވަހެއް މަންމަގެ ޙާލު ދެރަވަމުން ގޮސް އެންމެ ފަހުން މަންމަގެ ހިތާމަތަކަށާއި ބަލިމަޑުކަމަށްވެސް ނިމުމެއް އައެވެ. ނަމަވެސް ހިތާމައަކީ އެ ބަލިމަޑުކަމާއިއެކު މަންމަގެ ޙަޔާތަށްވެސް ނިމުމެއް އައުމެވެ. އާނއެކެވެ. އެ ލޮބުވެތި މަންމަވެސް ބައްޕަ ފަދައިން ވެލީގެ ދާނުގައި އަބަދަށް ނިދާލީއެވެ. މި ވޭނުން ފުރިގެންވީ ދުނިޔޭގައި އަހަރެން އެކަނި ކޮށްލާފައެވެ. އެ ދުވަހު ފަސްގަނޑު އަޑީ ވަޅުލެވިގެން ދިޔައީ މަންމަގެ ފުރާނަނެތް މަސްގަނޑު އެކަންޏެއް ނޫނެވެ. އަހަރެންގެ ހުރިހާ އުއްމީދު ތަކެއްވެސްމެއެވެ.
މިދުނިޔޭގައި އަހަރެންނާއި ލޭގެ ގުޅުމެއް އޮތް ހަމަ އެކަނި ބަޔަކީ މިހާރު އަހަރެންގެ މަންމަފަރާތު ބޮޑުބޭބެއާއި ބޮޑުބޭބެގެ ޢާއިލާއެވެ. އެހެނަސް އެމީހުންވެސް މިއަދު އަހަރެންދެކެ ލޯބިވުމުގެ ބަދަލުގައި ކުރަނީ ނަފްރަތެވެ. އެމީހުން ޤަބޫލު ކުރާގޮތުގައި އަހަރެންގެ މައިންބަފައިން މިދުނިޔެ ދޫކޮށް ދިޔުމުގެ ސަބަބަކީ އަހަރެންނެވެ. އެހެންކަމުން ކުށްވެރިއަކީ އަހަރެންނެވެ. އެކަމުގެ ޒިންމާ ނަގަން ޖެހޭނީވެސް ޚުދު އަހަރެންނަށެވެ. ތަޤްދީރު އަހަރެންނާ ކުރި ސަމާސާ ނިކަން ދެކެބަލާށެވެ. ފުރާވަރު އަހަރެންނަށް ވިސްނާނުލައި އެޅުނު ކުޑަ ކުޑަ އެންމެ ކަތި ފިޔަވަޅަކުންވެސް އަހަރެންގެ މުޅި ދިރިއުޅުން ވެއްޔާ މޮޑެވުނީއެވެ. މިހާރު އަހަރެން ޤަބޫލުކުރަމެވެ. ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމައަށް ނެގިއަސް އޮންނާނީ ކައްޗަށްކަމެވެ.
ކޮންމެ ގޮތެއް ވިއަސް މިއަދު އަހަރެން ތަޢުބާވެއްޖައީމެވެ. ކުރެވުނުކުށަށް ޢިއުތިރާފުވެ ހިތާމަ ކުރާ ޙާލުގައެވެ. އެދުވަސް މާޒީގެ އޮއެބާރު ކަނޑުގައި ޣަރަޤުވެގެން ދިއުމަށް ދޫކޮށްލާފައެވެ. މުޅި ދުނިޔެ އަހަރެން އެކަނި ކޮށްލިއަސް ދެވަނަ ފަހަރަކަށް އެކަހަލަ ކަތި ފަޔަވަޅެއް ނޭޅުމަށް ޢަޒުމް ކަނޑައެޅީމެވެ. ވަގުތަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނަމަ އެއީ އަހަރެން ދުވަހަކު ނުކުރާ ކަމެއް ކަމުގައި ހަދައިފިތާ ކިތަންމެ ދުވަހެކެވެ.
4 Comments!
Comments are closed.

V.reethi vaahakaeh. I like it.
awww? so glad u liked it….. thank you
Vrh rythi ingey pinky ge strys…
Waiting fr another stry of urs…
???
jazakallah khairan and labba? alhugadu mihaa hisaabah aihsa story liyun huhtaalaakah ehgothakahves nuvisnan… so … insha allah I hope to meet u with another one of my stories soon ??