އެނދުމަތި
ވަގުތަކީ ފަތިސް ނަމާދަށް ބަންގި ގޮވަމުން ދިޔަ ވަގުތެވެ. އަލްހަމްގެ މަންމަ އަލްހަމްގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަމުން ފަތިސް ނަމާދަށް ތެދުވުމަށް ގޮވަމުން ދިޔައެވެ. މަންމަ ހީކޮށްގެން ހުރީ އަލްހަމް އޮތީ ނިދާފައި ކަމަށެވެ. ނަމަވެސް ކޮޓަރިތެރޭގައި ކަންތައް ހިގަމުން ދަނީ އަލްހަމްގެ މަންމަ ހިތަށްވެސް ނާރާފަދަ ގޮތަކަށެވެ. މަންމަ ގޮވާ އަޑަށް އެނދުމަތީގައި އޮށޯވެގެން ތިބި އަލްހަމް އާއި އަހުމަދު އަވަސް އަވަހަސް އެނދުމަތިން ތެދުވެ ތެޅި ފޮޅެގަނެފައި ގަޔަށް އެއްޗެހިލިއެވެ. އަދި އަވަސް އަވަހަށް އަލްހަމް ގޮސް ކޮޓަރީގެ ކުޑަދޮރު ހުޅުވާލުމާއެކު އަހުމަދު ކުޑަދޮރުން ބޭރަށް ފުންމާލާގެން ދިޔައެވެ.
މަންމަ: “ދަރިފުޅާ މަންމަ މިހާރު ކިހާވަރަކަށް ތަޅާފިންތަ! ރޭގަ މާލަހުންތަ ނިދީ؟” ކޮޓަރީގެ ދޮރު އަލްހަމް ހުޅުވާލިވަގުތު އަލްހަމްގެ މަންމަ ބުންޔެވެ.
އަލްހަމް: “އާނނ މަންމާ.. ފިލްމެއް ބަލަން އޮވެވުނީއޭ..”
އަލްހަމް މަންމަ އާ ވާހަކަ ދެއްކީ ވަރައް ހިތް އަވަސްވެފާ ހުރެގެންނެވެ. ނަމަވެސް އޭނާ ވާހަކަ ދެއްކީ އެކަން މަންމަ އަށް އިހުސާސް ނުކުރެވޭފަދަ މަޑުމައިތިރި ގޮތަކަށެވެ. މަންމައަށް އޮޅުވާލުމަށް ދެލޮލުގައި އަތްވެސް ކާތާލަމުންނެވެ.
މަންމަ: “އާ ދަރިފުޅާ! އެހެންވިއްޔާ ދެން އަވަހަށް ދޭ ނަމާދު ކޮށްގެން ސުކޫލަށް ދާން ތައްޔާރުވާން. މިހާރު އެވަނީ ފަތިސް ވަގުތު ވެފާ!”
ސުކޫލަށް ދާން ތައްޔާރު ވަމުން ދިޔައިރު އަލްހަމްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ހަމަ އެންމެ ޙިޔާލެކެވެ. އެއީ އަހުމަދާއެކީ ކޮންމެ ރެއަކު 12 ޖެހުމަށް ފަހު ހޭދަކުރަމުންދާ ވަގުތު ތަކާއި، ކުރަމުންދާ އަމަލު ތަކާއި މެދުގައެވެ. ކުރެވޭ އަމަލު ތަކަކީ އޭނާ ވިސްނަންޖެހޭ އަމަލުތަކެއްކަން އޭނާޔަށް އެނގެއެވެ. ސަބަބަކީ އެއަމަލުތަށް ހިންގެނީ އަލްހަމްގެ އެނދުމަތީގައި ކަމުގައި ވެފައި ގެއްލުމެއް ލިބުނަސް ލިބޭނީ އޭނާއައް ކަމަށް ވުމުގެ ފުރުސަތު ބޮޑުވީމައެވެ. އަދި އެ އަމަލުތަކުން ލިބޭ ގެއްލުމެއްގެ ސަބަބުން އޭނާގެ ކިޔެވުމުގެ ހަޔާތައް ގޮންޖެހުން ތަކެއް ކުރިމަތި ވެދާނެތީއެވެ. ނަމަވެސް އަހުމަދަކީ މިހާރު އަލްހަމްގެ ހުރިހާ އުފަލަކާއި ހިތާމައިގައި ހިއްސާވާ ބައިވެރިޔާވެ. އަދި އޭނާގެ މިޒާޖާ އެންމެ ގުޅޭ އަޙާއެވެ. އެހެންކަމުން މުޅިދުނިޔެއަށް ވަގަށް އަހުމަދު އަލްހަމްގެ ކޮޓަރިއައް ވެއްދުން ހުއްޓާލާކަށް އަލްހަމް ނުވިސްނައެވެ. އަދި އެއީ އޭނާ ބޭނުންވާ ގޮތެއްވެސް ނޫނެވެ.
ކުލާހަށް ވަނުމާއެކު އަލްހަމްއަށް ފެނުނީ އަހުމަދުއެވެ. އޭނާގެ ކައިރީގައި އިން ހުސްގޮޑީގައި އިށީނުމަށް އަހުމަދު، އަލްހަމް އަށް އިޝާރަތް ކުރިއެވެ. އަލްހަމް އުފަލުން ގޮސް އަހުމަދު ގައިގައި ބައްދާލުމައްފަހު އިށީނެވެ.
ސުކޫލުގައި ހޭދަވި 5 ގަޑީރުގެ ތެރޭގައި އެކިގޮތްގޮތުން ލިބުނު ހުސްވަގުތު ތަކުގައި މިރޭ ބައްދަލު ވާނެ ކަމާއިމެދު އަލްހަމް ދިޔައީ އަހުމަދާއި މަޝްވަރާ ކުރަމުންނެވެ. އަދި ދެކުދިން ގެޔައް ދިޔައީ މިރޭވެސް 12 ޖަހާއިރު އަލްހަމް ގެ ގެޔައް އަހުމަދު އައުމަށް ނިންމާފައެވެ.
ސުކޫލުން އައުމަށްފަހު 12 ޖެހުމާ ހަމަޔަށް ކޮންމެ ވަގުތެއްވެސް އަލްހަމް ކޮޓަރިތެރޭ އޮވެ ހޭދަކުރީ އަހުމަދުގެ އިންތިޒާރުގައެވެ. އަހުމަދުގެ ވިސްނުން އައުމުން މިހާރަކަށްއައިސް އަލްހަމް އަބަދުވެސް ހުންނަނީ ވަރަށް ހިތް އަވަސް ވެފައެވެ. އަލްހަމް މިހާރު އަބަދުވެސް ބޭނުންވަނީ އަހުމަދު ކައިރީ ހުންނާށެވެ. ސަބަބަކީ އަހުމަދުގެ އެ މަޖާ އަދި އޯގާތެރި ސިފަތަކުގެ ސަބަބުން އަލްހަމްގެ ހުރިހާ ފިކުރުތައް ފިލައިގެންދާތީއެވެ.
12 ޖަހައިގެން ފަސްމިނެޓު ހިނގައިފި އެވެ. އަހުމަދުގެ އިޝާރާތެއް ނެތުމުން އަލްހަމް ކޮޓަރީގެ ކިޑިކީދޮރު ހުޅުވާލުމަށްފަހު ބޭރަށް ނަޒަރު ހިންގާލިއެވެ. އެއިރު މަގުގެ ކޮޅުން އަހުމަދު ހިނގާފައި އަންނަތަން ފެނެއެވެ.
އަހުމަދު ކޮޓަރިއަށް ވަނުމާއެކު އަލްހަމް ކުޑަދޮރު ލައްޕާލައި ދޮރު ތަޅުލުމައްފަހު ދޮރުފޮތިތައް ދަމާލިއެވެ. އެއަށްފަހު އެނބުރި އަހުމަދާ ދިމާއަށް ބަލާލިއެވެ. އޭނާހުރީ ވަރަށް ރީތިވެލާގެންނެވެ. ސުކޫލުން ފެންނަ އަހުމަދަށް ވުރެން ހާސްތަން ފުރިހަމައެވެ. ނަމަވެސް މިރޭވެސް އޭނާ އެނބުރި ދާއިރު އެ ރީތިކަމާ ތާޒާކަން އޭނާގެ މޫނުމަތިން ނުފެންނާނެކަމީ އަލްހަމްއަށް ޝައްކެއްވެސް އޮތް ކަމެއްނޫނެވެ.
އަލްހަމްގެ ހިތާހިތުން މިހެން ކިޔާލުމަށްފަހު އުފާވެރިމޫނަކާއެކު އޭނާ ލައިގެންހުރި ޓީޝާޓް ބޭލުމަށްފަހު އެނދުމައްޗަށް އެރިއެވެ. އޭނާގެ ފަހަތުން އަހުމަދުވެސް އެނދުމައްޗަށް އެރީ އޭނާވެސް ލައިގެންހުރި ގަމީސް ބައިލާފައެވެ. އެއައްފަހު ދެކުދިންވެސް ފެށީ ތަޅާށެވެ. “އާރރރހް އާރރރހް’ ގޮވަމުން ދެކުދިންވެސް ތަޅަމުން ދިޔައީ މަރަށް ތަޅާ ދެ ދުސްމަނުންވެސް ތަޅާނެހާ ގަދަޔަށެވެ. އެކަމުގެ އަސަރު އެނދުގެ ހަތަރު ފަޔަށްވެސް ކުރަމުން ދިޔައެވެ. ނަމަވެސް ތެޅުމުގައި ފޯރިއަރާފައި ވުމުގެ ސަބަބުން އެކުދިންނަށް އެކަން ރޭކާވެސް ނުލައެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް ތަފާތު ގޮތް ގޮތަށް ހަމަލާ ދެމުންދިޔައިރު މިރޭވެސް ވަގުތުދާގޮތް އެކުދިންނައް ނޭނގެއެވެ. މިގޮތަށް ތެޅުމުގާ ތިއްބާ ކުއްލިއަކަށް އެނދުގެ އެއްފައި ބިނދިގެން ދެކުދިން ބިންމައްޗައް ވެއްޓިއްޖެއެވެ. ވެއްޓުނު ގޮތުން ދެކުދިންނަށްވެސް ކޮންމެވެސް ވަރަކަށް އަނިޔާވެސް ވިއެވެ.
އެކުދިން ވަގުތުން ތެދުވެ ވީގޮތް ބެލިއެވެ. އަސްތާ ކަމަކުދާކަށް ނެތެވެ. އަލްހަމްގެ އެނދުގެ އެއްފައި މިވަނީ އެއްކޮށް ބިނދިފައެވެ. މިތަން ފެނިފައި ދެކުދިންވެސް ވަރަށް ހާސްވިއެވެ. އަދި މިރޭ ތެޅުނީ މާގަދަޔައްކަން ވިސްނުނީވެސް އަދި ކިރިޔާއެވެ. ހަދާނެގޮތް ހުސްވެފާވާފަދަ ގޮތަކަށް ދެކުދިންވެސް އިށީނެވެ. އަދި އަލްހަމްގެ މަންމަ ފަތިހު ގޮވަން އައުމުގެ ކުރިން އެނދު ހަދަން ޖެހޭނެކަމާމެދު ދެކުދިން ވާހަކަ ދައްކަން ފެށިއެވެ.
އަލްހަމް: “އަހުމަދު އަޅެ ހިނގާބެ ފަތިސް ވާންވާއިރަށް މި ފައި ހަދަން! މަންމަ އަށް އެނގިއްޖެޔާ ވަރަށް ކަންތައް ފަލަ ވާނެ!”
އެވަގުތު އަހުމަދު އެނދުގެ ފަޔަށް ބަލާލިއެވެ. ފައި ބިނދިފާވާލެއް ބޮޑު ކަމުން އާ ފައެއް ޖެހުން ނޫން ގޮތެއްނެތް ކަން އޭނާއަށް އިހުސާސްކުރެވުނެވެ.
އަހުމަދު: “ހިނގާބެ އާ ފައެއް ހޯދަން! މި ފައެއް ނެހެދޭނެ!”
އަލްހަމް: “އެކަމަކު މިއޮއްފަދަ ދަންވަރު ކޮންތާކުން ފައެއް ހޯދާނީ؟”
އަހުމަދު: “ހިނގާބަލަ ނައުޝާދު އަށް ގުޅަން! އޭނަ މެންގޭ ފަރުނީޗަރު ފިހާރައިން ފައެއްނަގާދޭށޭ ބުނާނީ! ދެން ފަހުން ޕޭމެންޓް ކަންތަކާ ވިސްނިދާނެ އެއްނު؟”
އަލްހަމު: “އެކަމަކު އޭނަ ނިދާފަ އޮވެދާނެ އެއްނު؟”
އަހުމަދު: “ނޫން! އޭނަ ބުނި މިރޭ އޭނަ ބޭބެމެންނާ އެކީ ފިލްމު ބަލަން ނުނިދާހުންނަ ވާހަކަ!”
އަލްހަމް: “އެހެންތަ؟ އެހެންވެއްޖެޔާ ބަލަން ނީދެ ގުޅާބަލަ އަވަހަށް! މިހާރު ތިނެއް ޖަހަނީޔޭ!”
އެވަގުތު އަހުމަދު ފޯނު ނަގާފާ ނައުޝާދުގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. ދެފަހަރަކަށް ރިންގުވި ފަހުން ނައުޝާދު ފޯނު ނެގިއެވެ.
ނައުޝާދު: “އާނނނނނނ…. ކީކޭ ބުރޯ؟”
އަހުމަދު: “މޭން، ވަރަށް ބޮޑު ކަމެއް ކޮށްދެން ވެއްޖެ. ތިގޭ ފިހާރައިން ދީބަލަ އަލްހަމް މެންގޭގަ ހުންނަ ކަހަލަ އެނދުގެ ފައެއް!”
ނައުޝާދު: “ބައްޕަ އަތުގަ ވީ ތަޅުދަނޑި! އެ ކޮޓަރި ހުންނާނީ ތަޅުލާފަ! މާދަން ދެވޭނީ!”
އަހުމަދު: “ހެޔޮނުވާނެ ތިހެން ނަހަދާ… ކޮންމެސް ގޮތަކުން އެ ފައި ހޯދާދީ… މިރޭ ވަރަށް މުހިންމު އެ ހޯދުން!”
ނައުޝާދު: ” އާނ… ދެން ތިވަރަށް ކިޔަންޔާ ކޮންމެސް ގޮތެއް ހަދާލަދީފާނަން! މަގޭ ރޫމް ސީލިންގް ހިއްލާގެން މަށައް ވަދެވޭނެ އެތަނަށް. އެތަނާ މަގޭ ރޫމާ އިންނާނީ ގުޅިފަ. އެކަމަކު އޭގެ ކުރިން ބުނެދީބަލަ ތި ވެގެން އުޅޭ ގޮތެއް!”
އަހުމަދުގެ އާދޭސްތައް އަހާފައި ނައުޝާދު އަށް ދެކޮޅުހަދާކަށް އިތުރަކަށް ނުކެރުނެވެ. އޭނާ ކޮންމެސް ގޮތެއް ހަދާދިނުމަށް އެއްބަސްވިއެވެ. ނަމަވެސް އޭނާ ހުރީ ވަރަށް ބޮޑަށް އަހުމަދުއަށް ދިމާވެގެން އުޅޭ ކަންތައް އޮޅުންފިލުވުމަށް ބޭނުންވެފައެވެ.
އަހުމަދު: “މަށާ އަލްހަމް އާ އޭނަ އެނދުގަ ތަޅަން ތިއްބަ އެނދުގެ ފައި ބިނދުނިއްޔޭ… ދެން ކިޔާދޭނަން މާދަން ކުލާހަށް ގޮސްފަ! އެހެންވީމަ ތި އަވަހަށް ނަގާބެ! މަށާ އަލްހަމްއާ މި ނައްޓާލީ ތި ދިމާލަށް އިނގޭ؟”
ނައުޝާދު: “އާނ… އޯކޭ!”
ނައުޝާދު އެ ފައި ނަގައި ދިނުމަށް އެއްބަސް ވުމުން އަލްހަމް އާއި އަހުމަދު އަވަސް އަވަހަށް ކުޑަދޮރުން ފުންމާލާގެން ނައުޝާދުގެ ގެއާ ދިމާލަށް މިސްރާބް ޖެހިއެވެ. ނައުޝާދުގެ ގެޔާހަމަޔަށް ދެވުނު އިރު ނައުޝާދު ވަނީ އެންމެނާ ވަގަށް ފިހާރައަށް ވަދެ ފައެއް ނަގާފައެވެ. ހިތް އަވަސް ވެފައިވާ އަލްހަމް އާއި އަހުމަދަށް ކުޑަ ހަމަޖެހުމެއް ލިބުނީ އެވަގުތުއެވެ. އެހެންކަމުން ދެކުދިން ގެޔައް އައީ ފައިގެ އިތުރުން ފައި ޖަހަން ބޭނުންވާ ބައެއް ތަކެތިވެސް ނައުޝާދުގެ ގެއިން ހިފާގެންނެވެ. ސަބަބަކީ މިފަދަ ވަގުތެއްގައި އަލްހަމްގެ ގޭތެރެއިން އެ ތަކެތި ހޯދަން އުޅެފިނަމަ ފަހަރެއްގާ އޭނާގެ މަންމަ ހޭލައިގެން ނުކުމެދާނެތީއެވެ.
އަލްހަމް އާއި އަހުމަދަކީ ކުރިން ދުވަހަކުވެސް އެނދެއްގައި ފައި ޖެހުމުގެ މަސައްކަތް ކޮއްފައިވާ ކުދިންނެއް ނޫނެވެ. އެހެންކަމުން އެނދުގައި ފައި ޖެހުމަށް އެދެކުދިންނަށް ވަރަށް އުނދަގޫވިއެވެ. އަދި ވަރަށް ގިނަ ވަގުތުވެސް ނެގިއެވެ. ނަމަވެސް ވަރަށް މަސައްކަތުން ފަތިސް ވުމުގެ ކުރިން ދެކުދިން އެފައި އެނދުގައި ޖަހާ ނިންމިއެވެ. އެއަށްފަހު ދެކުދިން ވެގެން އަވަސްވެގަތީ އެނދު ހެދުމަށް ބޭނުންކުރި ތަކެތި ފޮރުވުމަށެވެ. އެގޮތުން އަލްހަމްގެ އަލަމާރިއަށް އެތަކެތިލާ ފޮރުވިއެވެ. އަދި ބިނދިފައިވާ އެނދުގެ ފައި ނަގާ ކުޑަދޮރުން ބޭރަށް ހޫރާލިއެވެ.
އޭރު ދެކުދިންވެސް ތިބީ ވަރަށްބޮޑަށް ދާހިއްލާފައެވެ. އަދި އެހާމެ ވަރުބަލިވެސް ވެފައެވެ. އެހެންކަމުން ދެކުދިންވެސް އެނދުމަތީގައި އޮށޯވެލިއެވެ. އެއީ ނަމާދަށް ގޮވުމުގެ ކުރިން ވަރުބަލި ފިލުވާލުމަށެވެ.
އަހުމަދުގެ އުނގު މަތީގައި ބޯއަޅާލާގެން އޮވެ އަލްހަމް ވާހަކަ ދެއްކީ މިރޭ ހިނގާދިޔަ ކަންތަކާމެދުގައެވެ.
އަލްހަމް: “އަހަރެން ބޭނުމީ ދެން އެނދުމަތީގައި ތެޅުން ހުއްޓަން. ހިނގާ އެހެން ތަނެއް ހޯދަން. މިރޭ މި ދިމާވި ކަހަލަ ކަމެއް ދެން ދިމާވެއްޖެޔާ ކިހާ ދެރަ. އަބަދަކު ނުލިބޭނެ މިގޮތަށް ފައެއްވެސް.”
އަހުމަދު: “އާނ… ތީ ވަރައް ތެދު ވާހަކަ އެއް. އަބަދު މިހެން ތަޅަންޔާ އެނދަށް ވަރަށް ގެއްލުން ވާނެ. އެކަމަކު އެހެނޭ ކިޔާފަ އަތް އުރާލާގެން ތިބެވޭކަށްވެސް ނެތް. ޓޯނަމެންޓް ފެށެން ބާކީ ދެން މިއޮތީ އެންމެ ހަފްތާއެއް. މަބޭނުން ކޮންމެ ގޮތަކުންވިއަސް މިފަހަރުގެ ތަށި ނަގަން..”
އަލްހަމް: “ހިނގާބެ ނާހިލް ކައިރީ ބުނެގެން ޓޯނަމެންޓް އޮންނަ ސްޓޭޑިއަމް ސެޓް ކުރެވޭތޯ. ނާހިލް އާ ހާމީ ޕްރެކްޓިސް ކުރަނީ އެތަނުގަޔޯ. ބޭނުން ބަޔަކަށް އެތަން ބުކް ކުރެވެޔޯ..”
އަލްހަމް ވާހަކަ ދައްކަމުން ދިޔައީ ކުރިއަށް އޮތް ހަފްތާގައި އޮތް އެކުވެރިކަމުގެ ރެސްލިން ޓޯނަމެންޓުގައި ތެޅުމަށް ތައްޔާރުވާން ޕްރެކްރިސްކުރާނެ ތަނަކާ ބެހޭގޮތުންނެވެ.
އަހުމަދު: “އޭ އާނނ.. ތީ ސަޅި ގޮތެއް.. މާދަން ހިނގާދޯ ތިކަމާ އުޅެން. މަށަކަށް އަދި ނޭނގެޔޭ ތިކަމެއް..”
އަލްހަމް އާއި އަހުމަދު މިފަދަ ވާހަކަ ތަކެއްގާ ތިއްބައި ފަތިސް ނަމާދު ބަންގި ގޮވާފިއެވެ.
އަލްހަމް: “އާނ… ދެން އަވަހަށް ދޭ މަންމަ އަންނަން ވާއިރަށް. މިއަދު ސުކޫލަށް ގޮއްސަ މަ ނާހިލްއާ އެވާހަކަ ދައްކާނަން…”
މިހެން ބުނަމުން އަލްހަމް ތެދުވެގެންގޮސް ކުޑަދޮރު ހުޅުވާލިއެވެ.
-ނިމުނީ-
2 Comments!
Comments are closed.

Alham aky boy eh thr ?
yes. he is a boy