Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަލޯބި

ދުނިޔެ ދޫކުރީ މަންމަގެ ލޯތްބޭ

Zel Level 110 Stories
November 16, 2019 7 Mins Read
8 Comments

ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.

ފަތިހުގެ ހިތްގައިމު ވަގުތެވެ. ކޮވެލި ތަކުގެ ނަލަ ނަލަ އަޑުން ތަފާތު ރާގު ރާގަށް ލަވަ ކިޔަމުން ދާއިރު އުޑުމަތީ ގައި ހަނދު އޭގެ ވާޖިބު އަދާކުރުމަށް ފަހު ދުނިޔެ އާއި އަލްވަދާޢު ކިޔަން ތައްޔާރު ވަމުން ދިޔަ އެވެ. ހަދީޖާ ފަތިސް ނަމާދު ކޮށްލައި ގެން އޭނާގެެ ދެ ދަރިން ގޭ ގައި ތިބި ތޯ ބެލުމަށް ފަހު، ގޭގެ އިމާއި ގުޅިފައިވާ މަގުތަށް ކުނި ކަހައި ސާފު ކުރަން ފެށި އެވެ. އޭރު ރަށު ތެރޭގައި މީހުންތައް މަޑު މަޑުން ހޭލަ މޭލަ ވާން ފަށައިފި އެވެ.

” މަންމާ.. ދީ މަގޭ އަަތަށް… ”

ހަދީޖާގެ އަންހެން ދަރިފުޅު ހައިފާ އޭނާގެ މަންމަގެ އަތުން އިލޮށިފަތި ނަގައި ކުނި ކަހަން ފެށި އެވެ. ހަދީޖާ ދެން އަވަސް ވެ ގަތީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށެވެ. ކިރުގަރުދިޔަ އާއި ފޮޅި ތައްޔާރުކޮށް ނިމުނު އިރު ހެނދުނު 7 ޖަހަން ވަނީ ގާތްވެފަ އެވެ. ވަރަށް އަވަސް އަވަހަށް ހަދީޖާ ފެންވަރައި ލައިގެން ސުކޫލަށް ވަޒީފާއަށް ދާން ތައްޔާރުވި އެވެ. ހަދީޖާއަކީ ހިތަދޫ ސުކޫލުގެ މަސައްކަތު މީހެކެވެ. ސުކޫލަށް ދާން ގެއިން ނިކުތް ތަނާ އޭނާގެ 16 އަހަރުގެ ފިރިހެން ދަރިފުޅު މާއިކު ކޮޓަރިން ނިކުމެ ހަދީޖާ އަށް ގޮވާލި އެވެ. ހަދީޖާ މާއިކުގެ ގާތަށް އައެވެ.

” ދަރިފުޅާ.. އަވަހަށް ދޭ ސައި ބޯން… ފޮޅި އާއި ކިރުގަރުދިޔަ ތައްޔާރު ކޮށްފައި ހުންނާނެ…” މާއިކުގެ ގައި ގައި ފިރުމާލަމުން ހަދީޖާ ވާހަކަ ދެއްކި އެވެ.

” މަންމާ… ސައި ބޯނީ އަދި ފަހުން.. ދީ ބަލަ 10 ރުފިޔާ…. ބިސްކޯދެއް ގަންނަން.. އަދި މިއަދު ކުޅެން ވެސް ދާން ޖެހޭ އެނގޭ މަންމާ…” މާއިކު އޭނާގެ މަންމަ ގާތުގައި ބުނެލިއެވެ.

ހަދީޖާ މާއިކުގެ އަތަށް 10 ރުފިޔާ ދެމުން، ގެއިން ނިކުމެ ސުކޫލަށް ދާން ހިނގައިގަތެވެ. ސުކޫލަށް ވަނުމާއި އެކު ހަދީޖާއަށް އާދަޔާ ޚިލާފު އިޙުސާސް ތަކެއް ވާން ފަށައިފި އެވެ. ގޮތް ނޭނގޭ އިޙުސާސް ތަކެކެވެ. ހިތް ބިރު ގަންނަނީ އެވެ. ކޮންމެ ވެސް ކަމެއް ވާން އުޅޭ ހެން ހީވަނީ އެވެ. ވަރަށް މުހިންމު އެއްޗެއް އަތުން ބީއްވެ ދަނީ ހެން ހީވާ ކަހަލަ އެވެ. ތަފާތު އުނދަގޫތައް ހަދީޖާ އަށް ކުރިމަތި ވާން ފަށައިފި އެވެ. ކެތް ނުވެގެން ފޯނު ނަގައި އޭނާގެ ދަރިފުޅު ހައިފާ އަށް ގުޅާލި އެވެ.

ހައިފާ ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށާއި މާއިކު ކޮއްކޮ ވީ މައިލޯ ދަނޑަށް ކުޅެން ގޮސް ކަމަށް ބުނުމުން ވެސް ހަދީޖާގެ ހިތަށް ހަމަޖެހުމެއް ލިބޭ ގޮތެއް ނުވި އެވެ. ހިތް ނުތަނަވަސް ވަނީ އެވެ. ހިތް ބިރު ގަންނަނީ އެވެ. އެހެން ނަމަވެސް ކެތް ކޮށްލައިގެން ވަޒީފާގައި އިންނަން ހަދީޖާ ނިންމި އެވެ.

މާއިކު އޭނާގެ ގާތް ދެ ރަޙުމަތްތެރިން ކަމަށްވާ އަކިއަލް އާއި އުމޭލް އާއި އެކު ފުޓުބޯޅަ މެޗަކަށް ފަރިތަ ކުރުންތައް ނިންމާލުމަށް ފަހު ދިޔައީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލު ފުއްޓަރު ސަރަހައްދަށް މޫދަށް އެރެންށެވެ. އޭރު އުޑުމަތި ވަނީ ކުޑަކޮށް ބަނަވެފަ އެވެ. ކޮންމެ ވެސް ވަރަކަށް ވައި ވެސް ޖެހެ އެވެ. ފުއްޓަރުު ފަރާތަށް އޭރު ވެސް ބިންދާ ލަމުން ދާ ރާޅު ތަކުގެ އަޑު އިވެމުން ދެއެވެ. މާއިކު އާއި އޭނާގެ ދެ ރަޙުމަތްތެރިން މޫދަށް އެރި މަޖާ ކުރަމުން ގެންދިޔަ އެވެ. މިހާރު އެ 3 ކުދިން ވެސް އެ ތިބީ ކަނޑާއި ވަރަށް ކައިރީގަ އެވެ. މަޑުމަޑުން އުޑުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. ވައި ބާރު ވާން ފަށައިފި އެވެ. ކަނޑުގެ އޮއިވަރު ބަދަލު ވެގެން ދިޔައީ މާއިކު އާއި އޭނާގެ ދެ ރަޙުމަތްތެރިން ހީވެސް ނުކޮށް ހުއްޓަ އެވެ.

” އޭ އަވަހަށް ހިނގާ މޫދުން އަރަން… ވަރަށް އޮއި ބާރު ވެއްޖެ…” އަކިއަލް ވަރަށް ބާރަށް ގޮވާލި އަޑު އިވުނެވެ.

އޭރު މާއިކު އޮތީ ހަމަ ރަނގަޅަށް ވެސް އޮއިވަރުގެ ޝިކާރަ އަަކަށްވެފަ އެވެ.

” އޭ މަށަށް ދެން ނުވާނެ…. މަ ސަލާމަތް ކޮށްދީ… މަށަށް ކުރިއަކަށް ނުދެވޭ… ”

ރާޅު ތަކުގެ ތެރޭގައި މާއިކު ވަރަށް ބިރުން އޮވެ ރޮމުން ގޮވަމުން ގެންދިޔަ އެވެ.

” މާއިކަށް ވާނެ.. ހިތްވަރު ދޫ ނުކުރޭ.. ފަތާ… ބާރަށް ފަތާ…”

އަކިއަލް ރޮމުން ގިސްލަމުން މާއިކަށް ހިތްވަރު ދެމުން ގެންދިޔަ އެވެ. އޭރު އެ ތަނުގައި އުމޭލްގެ އެއްވެސް ހިލަމެއް ނެތެވެ. އޮއިވަރު ގައި ޖެހި އުމޭލް ވަނީ މާއިކުމެންގެ ލޯ މަތިން ގެއްލިފަ އެވެ.
އިސާހިތަކު ބިޔަ ބޮޑު ރާޅެއް ފުއްޓަރު މައްޗަށް ބިންދާލި އެވެ. ހަމަ އެއާއި އެކު ރާޅަކަށް ފަހު ރާޅެއް ނަގަމުން ދިޔަ އެވެ. އުޑުމަތި މުޅިން ބަނަކޮށް ވަރަށް ބޯކޮށް ވާރޭ އޮއްސައި ގަތެވެ.

****

ޑިއުޓީގައި އިން ހަދީޖާ، އޭނާގެ އަތު ކުރީގައި އޮތް ގަޑިއަށް ބަލާލި އެވެ. ގަޑިން މެންދުރު 1 ޖަހަނީ އެވެ. އަދި ވެސް ހަދީޖާގެ ހިތަށް އެއްވެސް ހަމަޖެހުމެއް ނާދެ އެވެ. ވެހެމުން ދާ ވާރެއިން ހިތަށް ވެރިވެފައިވާ ބިރުވެރިކަން ވީ އިތުރެވެ. ހަދީޖާގެ ކަންފަތަށް އިރުއިރު ކޮޅާ ގޮނޑު ދޮށަށް މުގުރާ ލަމުންދާ ރާޅު ތަކުގެ އަޑުން އިވެމުން ދިޔައެވެ. އެ އަޑު ހަދީޖާ އަށް ކޮންމެ ފަހަރަކު ވެސް އިވެނީ ހޮނު ގުގުރި އެއް ފަދައިންނެވެ. ހަދީޖާގެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. ވަޒީފާގައި ދެން އިތުރަށް ނީންދެވޭނެ ކަން ޔަޤީން ވުމުން އޭނާ ގެއަށް ދާން ބޭނުންވި އެވެ. ވެހެމެން ދާ ބޯ ވާރޭގެ ތެރޭގައި ދުވަމުން ހަދީޖާ ގެއަށް އައިސް ވަނެވެ.

އެންމެ ފުރަތަމަ ވެސް ހަދީޖާއަށް ބަލައިލެވުނީ އޭނާގެ ދެ ދަރިން ހަމަތޯ އެވެ.

” ދަރިފުޅާ ހައިފާ… ކޮބާ މާއިކު ކޮއްކޮ؟…” ހަދީޖާ ވަރަށް އަވަސް އަވަހަށް އެހި އެވެ.

” މަންމާ… މާއިކު ކޮއްކޮ އަދި ނާދޭ… ” ހައިފާގެ ޖުމުލައިން ހަދީޖާގެ ދެލޯ ބޮޑުވި އެވެ.

” ނާދެއޭ..؟ އަދިވެސް ނާދޭތަ؟…. ކޮބާތަ މަގޭ ދަރި އަނެއްކާ..” ހަދީޖާއަށް ތެޅެގަނެވުނެވެ.

ވާރޭގެ ތެރޭގައި ހަދީޖާ ބޭނުންވީ އޭނާގެ ދަރިފުޅު މާއިކު ހޯދަން ދާށެވެ. އެ ނިޔަތުގައި ގެއިން ނިކުންނަށް އެޅި ފުރަތަމަ ފިޔަވަޅުން ހަދީޖާ ހުއްޓުން އެރިއެވެ.

” ހަ….ހަދީ…ހަދީޖައްތާ….” ގޭތެރެއަށް ދުވެފައި އައިސް ވަތް ހަދީޖާގެ އެއްބަނޑު އެއްްބަފާ ކޮއްކޮ ހަމުދާ ގެ ނޭވާ ހީވަނީ ހަމަ ދެންމެ ދެންމެ އުފުރައި ގެން ގޮސްދާނެ ހެންނެވެ.

” ކިހިނެއްވީ…؟ ” ތެޅި ތެޅި އޮތް ހިތަކާއި އެކު ހަދީޖާއަށް ބުނެވުނެވެ.

” ހަދީޖައްތާ…. މާއިކު…. ” ހަމުދާ އަށް ބުނެ ވުނީ އެހާ ހިސާބަށެވެ. ހަމުދާގެ ބަޑި ފަޅައިގެން ހިނގައްޖެ އެވެ.

” ކިހިނެއްވީ މަގޭ މާއިކަށް….؟ ބުނޭ… މަގޭ މާއިކަށް ކީއްތަ ވީ؟….” ހަދީޖާގެ ހިތް ހީވަނީ ހަށިގަނޑު ފަޅާލާފައި ބިން މައްޗަށް ވެއްޓި ދާނެހެންނެވެ.

” ހަދީޖައްތާ….. މާއިކު….. މާއިކު… ގެއްލިގެން އެބަ އުޅޭ…. ހަމައެކަނި އަކިއަލް ސަލާމަތް ވީ…. މާއިކު އާއި އުމޭލް ރާޅު ތަކުގެ ތެރެއަށް ގެއްލިއްޖެ ހަދީޖައްތާ…. ” ހަމުދާގެ އަރުތެރެއިން އަޑު ބޭރު ކުރެވުނީ ހަމަ ކިރިޔާ އެވެ.

ހަދީޖާއަށް ވީ ގޮތް ވެސް ނޭނގުނެވެ.

” ނުވާނެ… ތިހެން ނުވާނެ…. މަގޭ މާއިކު…. މަގޭ ދަރި… މަގޭ ފުރާނަ… ”

ހަދީޖާގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގެން ދިޔަ އެވެ. އަދި ވަރަށް ބާރަށް ފުއްޓަރު ސަރަހައްދަށް ދާން ހަދީޖާ ދުއްވައި ގަތެވެ. މާއިކަށް ގޮވަމުންނެވެ. ހަދީޖާ އާއި އެކު ހަމުދާ އަދި ހައިފާ ވެސް ދުވަމުން ގެންދިޔަ އެވެ. އޭރު ވެސް ބޯކޮށް ވާރޭ ވެހެ އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލު ފުއްޓަރު ސަރަހައްދަށް ދެވުނު އިރު ހަދީޖާގެ ގެ ނޭވާ ކުރުވާ ގޮތްވި އެވެ. އޭރު އެތަނަށް ވަނީ ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފަ އެވެ. އެންމެންގެ މޫނު މަތިން ވެސް ފެންނަމުން ދަނީ ހިތާމައިގެ އަސަރުތަކެވެ.

ހަދީޖާގެ ގައިން ވަރު ދޫވެ، ސާލެއް ހެން ފެތުރި ފައިވާ ހުދު ކިރު ކޮޅެއް ފަދަ ދޮންވެލިގަނޑު ގެ ތެރެއަށް ޖެހެ ގަނެވުނެވެ. މާހަޢުލުގެ ބިރުވެރިކަން ލޮލުން ފެނި އިޙުސާސް ކުރެ ވުމުން ހަދީޖާއަށް ކެތެއް ނުވި އެވެ. ވަރަށް ބާރަށް ރޯން ފެށި އެވެ. ހައިފާ ވެސް އޭނާގެ މަންމަގެ ގައިގައި ބައްދާލައިގެން ހުރެ ރޮމުން ގެންދިޔަ އެވެ.

ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން އެތަނަށް ޖަމާވި އެވެ. އަދި ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތް ފެށި އެވެ. އޭރު ވެސް މޫސުން ވަރަށް ގޯހެވެ. މުޅި އުޑުމަތީގައި ހުދު އެންމެ ވިލާ ކޮޅެއް ވެސް ނެތެވެ. ޖެހެމުން ދާ ބާރު ވައި ރޯޅިން ކަނޑުގެ ރާޅުތައް ރުޅި ގަދަވެ ކެކި އުތުރެމުން ދިޔަ އެވެ.

” މަގޭ ދަރިފުޅާ…. މަގޭ މާއިކު… މަންމަ ކައިރިއަށް އަވަހަށް އާދޭ… މަންމަ މޮޔަ ވެދާނެ… މަންމަ ކިހިނެއް ދަރިފުޅާ ނުލާ އުޅޭނީ….؟ ދަރިފުޅާ… އާދޭ މަންމަ ކައިރިއަށް…”

ނަގަމުންދާ ބޮޑެތި ރާޅު ތަކަށް ބަލަމުން ރޮމުން ގިސް ލަމުން ހަދީޖާ ވާހަކަ ދެއްކި އެވެ. އެއްވެފައި ތިބި އެތައް ބަޔަކު ހަދީޖާގެ ހަރަކާތް ތަކަށް ބަލަމުން ދިޔައީ ހިތް ފަޅައިގެން ދާ ޙާލުގަ އެވެ. މަޑު މަޑުން ކޮޅަށް ތެދުވުމަށް ހަދީޖާ މަސައްކަތް ކުރި އެވެ. އެހެންނަމަވެސް އެކަމެއް އޭނާއަކަށް ވާ ގޮތެއް ނުވި އެވެ. އެއަށް ވުރެ އޭނާއަަށް ލިބި ފައިވާ ހިތާމަ މާ ބޮޑެވެ. ފިރުކިފައި ކަހަލަ ގޮތަކަށް ހަދީޖާ ގޮސް އޭނާގެ ކައިރީގައި ހުރި ފުލުސް މީހާގެ ފައި ބުޑަށް ވެއްޓުނެވެ.

” އާދޭސް ކޮށްފައި ބުނަން… މަގޭ ދަރިފުޅު ރާޅު ތަކުގެ ތެރެއިން ސަލާމަތް ކޮށްދީ… އެހެން ނޫނީ މަ މަރު ވެދާނެ…. މިފަދަ ބޮޑު ހިތާމައެއް ބަރުދާސްތު ކުރާނެ ހިތްވަރެއް މަގޭ ގަޔަކު ނެތް… އާދޭސް މި ކުރީ… މަގޭ މާއިކު ގެނެސް ދީ.. މަ ބޭނުން މަގޭ ދަރި….”

އަޑު ތުރު ތުރު އަޅާ ޙާލު ވޭނީ ރާގެއް ގައި ހަދީޖާ އާދޭސް ކުރަމުން ގެންދިޔަ އެވެ. ހަދީޖާއަށް ކޮށްފައިވާ އަސަރު ފެނި ފުލުސް މީހާގެ ލޮލުން ކަރުނަ ފާއްދާލި އެވެ. ހަދީޖާގެ ކައިރީ ގައި ފުލުސް މީހާ އިށީނދެ އޭނާއަށް ހިތްވަރު ދޭން ފެށި އެވެ. އަދި އިރާދަކުރެއްވިއްޔާ މާއިކު ފެންނާނެ ކަމަށް ބުނެ އުއްމީދު އާ ކުރުމަށް ނަސޭހަތްތެރިވި އެވެ. ފުލުހުން މާއިކު ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމުގެ ޔަގީން ކަން ދިނެވެ.

ގަޑިން ރޭގަނޑު 11 ޖަހަނީ އެވެ. ފުލުހުންނާއި ސިފައިންނާއި އަދި އާންމު ގިނަ ރައްޔިތުން ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން ގެން ދިޔަ އެވެ. ހަދީޖާ އޭނާގެ ގޭގެ އެނދުމަތީގައި ވެއްޓި ގަނެގެން ރޯން އޮތެވެ. އޭނާގެ އަރު ތެރެއިން ކާ އެއްޗެއް އެތެރެ ކުރެވެނީ އެއް ނޫނެވެ. ހިތަށް ތަދުވާ ވަރުން އެ ފަކީރުގެ ހިތް ހީވަނީ ހަމަ ރޫޅި ފިސް ފިސް ވެގެން ގޮސް ދާނެ ހެންނެވެ. މާއިކު އާއި ނުލައި ދިރިއުޅުން ވެގެން ދިޔައީ ހަދީޖާގެ މައި ލަގޮނޑިއަށް ކެތް ވާ ވަރުގެ ކަމަކަށް ނޫނެވެ. ގޭ ދޮށު ގިނަ މީހުން ހަދީޖާ ރަމަތަ ކުރުމުގައި އުޅުނެވެ. އެކި ގޮތް ގޮތުން ވިސްނައިދީ އޭނާ ހަމަޔަކަށް އަޅުވަން ވަރަށް މަސައްކަތް ކުރި އެވެ. މުޅި ރޭ ވެސް ހަދީޖާ ހޭދަ ކުރީ ގިސްލައި ރުއިމުގަ އެވެ. މާއިކުގެ ހަނދާނުގަ އެވެ. ހައިފާގެ ޙާލަކީ ވެސް ހަމަ މިއީ އެވެ.

އާ ދުވަހަކަށް އިރު އުދަރެހުން މަރުޙަބާ ކިޔައިފި އެވެ. ހަދީޖާ މަޑު ހިނގުމެއް ގައި އޭނާގެ ކޮޓަރިން ނިކުމެ ގޮސް ވަނީ މާއިކުގެ ކޮޓަރި އަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު ހަދީޖާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް އޭނާގެ ކޯތާފަތް މައްޗަށް އޮހިގެން ދިޔަ އެވެ. ކޮޓަރި ތެރޭގައި އެއްވެސް ދިރުމެއް ނެތެވެ.

” ކީއްވެ ދަރިފުޅު މަންމަ ދޫ ކޮށްފަ ތި ދިޔައީ….؟ އިއްޔެ ހެނދުނު ވެސް ދަރިފުޅު މި ކޮޓަރީ ގައި ހުއްޓެއްނު…؟ އެކަމު މިއަދު ދަރިފުޅު ތިހުރީ މަންމަ އާއި ހާދަ ދުރަތުގަ އޭ…. މަންމަ ހާދަ ހިތާމަ އެކޭ މި ކުރަނީ…. މަންމަ ހާދަ ދަރިފުޅު ދެކެ ލޯބި ވެޔޭ…. މަންމަގެ ހިތް ދެތަން ނުވަނީސް ދަރިފުޅު ދެން އާދޭ…”

ރޮމުން ގިސް ލަމުން ކޮޓަރި ތެރެއަށް ބަލަ ހައްޓައިގެން ހުރެ ހަދީޖާ އަމިއްލަ އަށް ވާހަކަ ދައްކަމުން ގެންދިޔަ އެވެ. މޮޔަ އެއް ފަދައިންނެވެ. ހަދީޖާ އަށް ހޭ ވެރިކަން ވީ ފަހަތުން މީހަކު ގޮވާލި އަޑަށެވެ.
” ދައްތާ… މާއިކު އެއް އަދި ނުފެނޭ.. އެކަމަކު މާއިކުގެ ސޯޓު ފެނިއްޖެ… ހިތްވަރު ގަދަ ކުރާތި…” ފުލުސް މީހާގެ ޖުމުލައިން ހަދީޖާގެ ހިތަށް ތޫނު ހަންޖަރެއް ހަރާލި ކަހަލަ އެވެ. ހަދީޖާގެ ގައިން ވަރު ދޫވެ ހުރި ތަނަށް އޭނާ ވެއްޓުނެވެ.

ހަދީޖާ ހޭއެރި އިރު އޭނާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ. ހޭއެރި ގޮތަށް ވެސް ހަދީޖާ އަށް ގޮވައި ލެވުނީ މާއިކަށެވެ. އެއާއި އެކު އޭނާއަށް ރޯން ފެށުނެވެ. ހަދީޖާގެ ކައިރީ ގައި ހައިފާ ވެސް މޫނުމަތީގައި އަތް އަޅައިގެން ރޯން އިނެވެ. 3 ދުވަސް ވަންދެން ހޮސްޕިޓަލް ގައި ހަދީޖާ ބޭއްވުމަށްފަހު އޭނާ ދޫކޮށްލިއެވެ.

ކޮންމެ ދުވަހަކު ވެސް ހަދީޖާ ފުލުހުންނަށް ގުޅައި އާދޭސް ކުރެ އެވެ. މާއިކު ހޯދާ ދިނުމަށެވެ. މާއިކު ހޯދަން އިތުރަށް މަސައްކަތް ކުރުމަށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް މާއިކު ގެއްލުނުތާ ހަފުތާ އެއް ވެއްޖެ އެވެ. ހަދީޖާގެ މޫނުމަތި ވަނީ މިލައި މޯޅި ވެފަ އެވެ. ލޯ ވަނީ ވަޅު ހެދިފަ އެވެ. މުޅި މީހާގެ ސިފަ ހިތާމަ ކޮށް ކޮށް ވަނީ ބަދަލު ވެފަ އެވެ. އާދައިގެ މަތިން މިއަދު ވެސް ހަދީޖާ ފުލުހުންނަށް ގުޅި އެވެ. ފުލުހުން ފޯނު ނެގުމާއި އެކު ހަދީޖާއަށް ރޯން ފެށުނެވެ.

” އާދޭސް ކޮށްފަ މިބުނީ….. މަގޭ ދަރިފުޅު ހޯދަ ދީފަ މަށަށް ހަވާލު ކުރޭ…. ފުރާނަ ނެތް މަސްގަނޑު ނަމަވެސް މަ ބޭނުން… އެ ލޯބި ލޯބި ކޮލަށް ވަދާޢީ ބޮސް ދޭ މަ ބޭނުން… އެ ހަށިގަނޑުގައި ވަރަށް ބާރަށް ބައްދާލަން ވެސް މަ ބޭނުން… މަގޭ މައި ލަނގޮޑި ފަޅައިގެން ދާ ވަރުވެއްޖެ…. އާދޭސް މިކުރީ…”

ހަދީޖާ ގިސްލައި ރޮމުން ގެން ދިޔަ އިރު އޭނާގެ ދަތްދޮޅި ހިތާމައިގެ ވޭނުން ތުރު ތުރު އަޅަމުން ދިޔަ އެވެ. ހަދީޖާއަށް ވެސް ފުލުހުން އޭނާގެ ދަރިފުޅު ހޯދަން މަސައްކަތް ކުރާކަން އެނގެ އެވެ. އެހެންނަމަވެސް ކެތްތެރިކަން ކޮޅުން ލުމުން ނުގުޅައި ނުހުރެވެނީ އެވެ. ވާނީ ވެސް އެހެންތާ އެވެ؟މައިވަންތަ ލޯތްބަކީ ބަޔާން ކުރަން ދަތި ލޯތްބެކެވެ.

****

މާއިކު ގެއްލުނު ތާ އެއް މަސް ފަހެވެ. ހަދީޖާ އިނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ދިމާލު ފުއްޓަރު ސަރަހައްދުގައި އިށީނދެގެންނެވެ. މިއީ މިހާރު އޭނާގެ އާދަ އެވެ. ދުވާލުގެ އެތައް އިރަކު ހަދީޖާ މިތަނުގައި އެތައް ވަގުތުތަކެއް ހޭދަކުރެއެވެ. ފުއްޓަރު ފަރާތަށް ބިންދާ ލަމުން ދާ ކޮންމެ ބޮޑު ރާޅަކުން މާއިކުގެ ހަނދާންތައް ހަދީޖާގެ ހިތަށް ވެރިވެ އެވެ. ރާޅު ފޮނު ތަކުގެ ތެރެއިން މާއިކު “މަންމާ” އޭ ކިޔާ ގޮވާލާހެން ވެސް ހަދީޖާއަށް ހީވެ އެވެ. އެހެންނަމަވެސް މިއަދު މާއިކު ވަނީ ހަދީޖާއަށް ގެއްލިފަ އެވެ. އެ ދެމައިންގެ ލޯބި ބިޔަ ބޮޑު ރާޅު ތަކުގެ ތެރޭގައި ވަނީ ދެތަންވެފައެވެ. ހަދީޖާގެ ދަރިފުޅަށްޓަކައި ކުރި ހުރިހާ އުއްމީދު ތަކަކާއި ހުވަފެންތަކެއް މިއަދު މިވަނީ ކަނޑަށް ބެހި ގެއްލިގެން ގޮސްފަ އެވެ. އެހެންނަމަވެސް ހަދީޖާގެ ހިތުގައި މާއިކަށް ދެވިފައިވާ ލޯތްބާއި ޤަދަރަކީ ކިތަންމެ ބޮޑު ރާޅަކުން ނަމަވެސް ގުޑުވައި ނުލެވޭނެ ފަދަ މާތް މަތިވެރި ޤަދަރުވެރި ލޯތްބެކެވެ. ހަދީޖާގެ ދުޢާ އަކީ އޭނާގެ ދަރިފުޅު މާއިކަށް ހެޔޮރަޙުމަތް ލެއްވުމެވެ.

Share Article

Follow Me Written By

Zel

Level 110 Stories

Other Articles

Previous

އެހެނަސް 2

Next

ވާނަން އުމުރަށް – 37 –

Next
November 17, 2019

ވާނަން އުމުރަށް – 37 –

Previews
November 16, 2019

އެހެނަސް 2

8 Comments!

  1. magnumm says:
    November 16, 2019 at 9:51 am

    emotional story???….Ibaaraiy kurun vrh vrh furihama???

  2. Kairaa says:
    November 16, 2019 at 12:25 pm

    I think mi vaahaka mi aharu thankolhen kurin adu ehin….varah emotional story eh mee…..vv reethi….????????????

  3. Yanaa says:
    November 16, 2019 at 10:28 pm

    emotional?? story??eh ??dhw.??..Varah ❤❤varah ❤❤❤❤reethi.❤❤maa sha Allah ❤❤❤

  4. Yanaa says:
    November 17, 2019 at 7:52 am

    emotional?? story??eh ??dhw.??..varah ❤❤varah reethi.❤❤maa sha Allah❤❤❤❤ ❤❤❤

  5. Lamko says:
    November 17, 2019 at 12:01 pm

    Story varah emotional???….. Mi story kiyaa laafa rovihjje???….i love the people who writes true stories….varah reethi

  6. rainstorm says:
    November 19, 2019 at 5:40 pm

    hey zel ah aslu kiyanii zihunii dhw….

    1. Zel says:
      November 19, 2019 at 11:13 pm

      yes 🙂

  7. Zel says:
    November 19, 2019 at 11:14 pm

    Thanks All 🙂

Comments are closed.



All Right Reserved!