ނާކާ… އެޕިސޯޑް 01
ބޭބެގެ ކުއްލި މަރާއެކު އާއިލާއަށް ލިބުނު ހިތްދަތި ކަމަށް މިއަދަކީ ތިންވަނަޔަށްވީ ދުވަހެވެ. މަންމަ އާއި ބައްޕަ އަދި ކޮށްކޮ އަށްވެސް ހިތްވަރު ދޭން މިއަދު ހުރި ހަމައެކަނި މީހަކީ ފަތީންއެވެ. ކިތަންމެ ހިތާމައެއް ކުރި ކަމުގައިވިއަސް ބޭބެއެއް ދެނެއް އަނބުރައެއް ނާންނާނެއެވެ.
ފަތީން ދުވަސް ފެށީ އާ އަޒުމަކާއި އެކުގައެވެ. އާހިއްވަރަކާއި އެކުގައެވެ. މި ހިތްދަތިކަމުން އަރައިގަނެ އާދައިގެ ދިރިއުޅުމެއް އަލުންބަލުން ފަށައިގަތުމުގެ ނިޔަތުގައެވެ. ސުކޫލަށްދާން ތަށްޔާރުވެ ޔުނީފޯމު އަޅައިލައިގެން ނުކުތްއިރު ކޮށްކޮ ފައުޒާ އިނީ ސިޓިންގްރޫމް މޭޒު ދޮށުގައި ސައިތަށްޓެއް ހިފައިގެން ޓީވީން އަޅުވައިފައި ހުރި ލަވައިގެ ތެރެޔަށް ގައިދު ވެފައެވެ. “ކޮށްކޮ މިއަދުވެސް ސުކޫލަކަށް ނުދާނަންތަ؟” ފަތީން ކޮށްލި ސުވާލަށް ފައުޒާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ފައުޒާއަށް އަޑުނީވުނީކަމެއް ނުވަތަ އެސުވާލަށް ޖަވާބު ދޭން ބޭނުން ނުވީކަމެއް ފަތީން އަކަށް ނޭނގުނެވެ. ނަމަވެސް ފަތީން އޭނާއަށް ފުރަގަސް ދީގެންއިން ފައުޒާއާއި ގާތްވެލިއެވެ. އަދި އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ. “ކޮށްކޯ… ބޭބެ ވާހަކަ ދެއްކި އަޑު ނީވެނީތަ؟” ފުން ޙިޔާލަކަށް ގެއްލިފައިއިން ފައުޒާ ސިއްސައިގެންގޮސް ފަތީން އާއި ދިމާލަށް ބަލާލިއެވެ.
އެ ދެލޮލުގައިވަނީ ހިތްދަތި ކަމުގެ އަސަރުތަކެވެ. ހަމަނިދި ނުލިބުމުގެ ސަބަބުން އެ ދެލޯ ވަނީ އެއްކޮށް ފުސްވެ ވަޅަވަދެފައެވެ. ދެލޯ ފުރާ ޖަމާވެފައި ހުރީ ކަރުނައެވެ. “ކީކޭ ކުޑަބޭ؟” ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތަށް ފުހެލަމުން ފުން ނޭވާ އަކާއިއެކު ފައުޒާ ބުނެލިއެވެ. “ބޭބެ ބުނީ ކޮށްކޮ ކީއްވެހޭ ސުކޫލަށްދާން ތަށްޔާރު ނުވެ ތިއިނީ؟” ފަތީން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. “ކުޑަބޭ.. މިއަދު އަހަންނަކަށް ނުދެވޭނެ ސުކޫލަކަށް.. ހިއްވަރެއްނެތް..” އިސްދަށަށް ޖަހާލަމުން ފައުޒާ ބުނެލިއެވެ. އެވަގުތު ފަތީންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ހިއްވަރު އެލޭ ގޮތްވިއެވެ. ބޭބެގެ ހަނދާންތަށް ސިކުނޑިއަށް ޖަމާވެގެން ދިޔައެވެ. ނަމަވެސް ފަތީން ހިއްވަރު ނުކޮށްފިނަމަ ފައުޒާ ކޮށްކޮ އަކަށްވެސް އަދި މި އާއިލާ އަކަށްވެސް މިއަޑިގަނޑަކުން އަރައެއް ނުގަނެވޭނެއެވެ.
ފަތީން ފައުޒާ އިށީންދެގެންއިން ގޮނޑީގެ ގާތުގައި ކުޑަކަކޫ ޖައްސާ އިށީންދެލިއެވެ. އަދި ފައުޒާގެ ކަނދުރާގައި އޭނާގެ ކަނާތް އަޅުވާލިއެވެ. “ކޮށްކޯ.. ކޮށްކޮ ބޭނުންތަ މަންމައާއި ބައްޕަ ހިތާމަ ކޮށްކޮށް ބަލިވާން؟” ފަތީން ކުރި ސުވާލަށް ނޫނެކޭ ބުނުމުގެ ގޮތުން ފައުޒާ ބޯ ހޫރާލިއެވެ. “އެހެންވިއްޔާ ކުޑަބެ ދައްކާ ވާހަކަ ކޮށްކޮ އަޑުއަހާ.. އަހަރެމެން މިއަދު ކިތަންމެ ހިތާމައެއް ކުރިއަސް ތިއްތިބެއެއް ދެން އަނބުރައެއް ނާންނާނެ. މިއަދު ކޮށްކޮ ތިގޮތަށް ހިތާމަ ކުރަން އިންނަތަން ފެންނަންޔާމު މަންމަ މެނަކަށްވެސް ހިއްވަރެއް ނުލިބޭނެ. އެމީހުނަށް ހިތްވަރު ލިބޭނީ އަހަރެމެން ދެމީހުން ހިތްވަރު ދިނީމަ. އެހެންވީމަ ކޮށްކޮވެސް ތިގޮތަށް ފިކުރު ކުރަން ނީނދެ ނިކަން އަޅެ ހިތްވަރު ކޮށްފަ ދިރި އުޅުމާއިގެން ތެދުވެބަލަ.” ފަޒީންގެ ވާހަކަތަށް އަޑުއަހަން އިން ފައުޒާގެ ދެލޮލުން ކަރުނަތަށް އޭނާގެ ކޯތާފަތް މައްޗަށް ފޭދެން ފެށިއެވެ.
“ދަރިފުޅާ ސައި ތަށްޔާރު ވެއްޖެ.” ސިޓިންރޫމާ އަރާ ހަމަވެފައި ފަތީންގެ މަންމަ ފާތުމާ ބުނެލިއެވެ. އެއަޑަށް ފަތީން އިންތަނުން ތެދުވިއެވެ. “ކުޑަބެ މި ދެއްކި ވާހަކަ ތަކާ ކޮށްކޮ ވިސްނައްޗެ!” ފައުޒާގެ ބޮލުގައި ފިރުމާލަމުން ފަތީން މިހެން ބުނުމަށްފަހު ބަދިގެޔަށް ދިޔައެވެ.
ބަދިގެއިންވެސް ފަތީންއަށް މަރުހަބާކީ ފާއިތުވެދިޔަ 3 ދުވަހު މުޅި ގޭގެ ތެރޭ ރަސްކަން ކުރަމުންދާ ހަމަހިމޭންކަމެވެ. ބައްޕައިނީ މޭޒުދަށުގައި އިށީނދެ ހުއްޓުންއަރާފައެވެ. މަންމަވެސް ބަދިގޭގެ މަސައްކަތްތަކުގައި މަސްއޫލުވެ އުޅެމުންދެއެވެ. އެދެމީހުންގެ އަނގައިންވެސް ބަހެއް ނުނިކުމެއެވެ.
“ބައްޕަ މިއަދު މަސައްކަތު ނުދަންތަ؟” ފަތީން މަސައްކަތްކުރީ ބަދިގޭގެ މާހައުލަށް ވެރިވެފައިވާ ހަމަހިމޭންކަން ނެތިކޮށްލެވޭތޯއެވެ. “ކިހިނެއްތަ ދަރިފުޅާ މަސައްކަތެއް ކުރާނީ!! ތިއްތިބެ މަރާލި މީހަކު ނޭނގޭހާ ހިނދަކު ބައްޕައަށް އެހެންކަމަކާ ދޭތެރޭ ނުވިސްނޭނެ.” އިސްދަށަށް ޖަހާލައިގެން އިނދެ އިބްރާހީމް ވާހަކަ ދެއްކިއެވެ. ބައްޕަޔަށް ހިތްވަރުދޭން ފަތީން ބޭނުންވިއެވެ. އެއްޗެކޭ ބުނެލަން ފަތީން އަނގަހުޅުވާލި ވަގުތު ފާތުމާ ކުއްލި އަކަށް އަޑުން އަޑުނަގާ ރޯންފެށިއެވެ. މޭޒު ދޮށުގައި އިށީނދެގެން ތިބި ފަތީން އާއި އިބްރާހިމްފުޅު ވަގުތުން ތެދުވެގެން ފާތުމާގެ ގާތަށް ދިޔައެވެ. ފަޒީން މަރުވި ފަހުން ފާތުމާ ވަރަށް ގިނައިން އެގޮތަށް ރޯންފަށައެވެ. ހަމަ ކުއްލިއަކަށެވެ. ވީ ކީއްކަމެއްވެސް ނޭނގިއެވެ. ފަޒީންގެ ވާހަކަ އަޑު އިވޭ ކޮންމެ ފަހަރަކު ފާތުމާގެ ހިތް ކުދިކުދި ވެގެން ދާކަހަލައެވެ.
ގޭތެރޭގައި ހިލިގަތް ހަލަބޮލި ކަމުގެ ތެރެއިން ފަތީންއަށް ސުކޫލަށް ދެވުނީ ކުޑަކޮށް ގަޑިޖެހިގެންނެވެ. ސުކޫލުގެ ލޯބިވާ އެކުވެރިންގެ އެކުވެރި މާހައުލުން ފަތީންއަށް މަރުހަބާކީ ވަރަށް އޯގާވެރިކަމާއި ހަމްދަރުދީއާއި އެކުގައެވެ. ހީވަނީ ބައްދަލު ނުވާތާ އަހަރު ތަކަކަށްފަހު ބައްދަލުވެގެން އުޅޭހެންނެވެ. އެންމެންވެސް ބޭނުންވީ ފަތީން އެމީހެއްގެ ގާތުގައި ބައިންދާށެވެ. އެކުވެރިންގެ އެ ހަމްދަރުދީގެ އުޅުން ފެނިފައި ފަތީންގެ ހިއްވަރު އާލާވެގެން ދިޔައެވެ.
ސުކޫލުގައި ހޭދަވަމުންދިޔަ ކޮންމެ ހިނދުކޮޅަކީވެސް ފަތީންގެ ހިތުގައި ބޭބެގެ ހަނދާންތަށް އާލާކުރުވި ހިނދުކޮޅެކެވެ. ބޭބެ އާއި އެކީ ކުލާސް ތެރޭ ޖެހުނު ސަކަރާތާއި ކުރެވުނު މަޖަލުގެ ހަނދާންތަށް ފަތީން މާޒީގެ ތެރެޔަށް ގެންދިޔުމަށްޓަކާ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ފަތީން ހިއްވަރު ކުރިއެވެ.
45 މިނެޓުގެ ތިން ގަޑިއަށްފަހު ދެން އޮތީ އިންޓަވަލް ގަޑިއެވެ. އިންޓަވަލް ގަޑިއަށް ރަނގަބީލު ގޮއްވާލުމާއިއެކު ކޮންމެ ކުއްޖަކުވެސް ދަބަހަށް ފޮތްތަށް ލުމަށްފަހު އެކުއްޖެއްގެ ކާނާ ހިފައިގެން ގުރޫޕްތަކަށް ބެހިލިއެވެ. ނަމަވެސް ފަތީން އޭނާ އިށީނދެގެން އިން ގޮނޑީގައި މަޑުކޮށްގެން އިނެވެ. އެކުވެރިންނާއިއެކު ސަކަރާތް ގަތުމުގެ މޫޑު ނެތީމައެވެ.
“މިތާ އިށީނދެލަންތަ؟” ފަތީންގެ ގާތުގައި އިން ހުސް ގޮނޑިއަށް އިޝާރާތް ކޮށްލަމުން ޝިމާ އައިސް ބުނެލިއެވެ. ފަތީން އޭނާގެ މޫނަށް ބަލާލުމަށް ފަހު ބޯޖަހާލިއެވެ. “މަންމަމެން ކިހިނެއް؟” ފަތީންގެ މޫނަށް ބަލަން އިނދެ ޝިމާ ވާހަކަ ދެއްކިއެވެ. “ވަރަށް ސަކަރާތްކޮށް އަދި އުޅެނީ.. އެކަކުވެސް ވާހަކައެއް ނުދައްކާ.. ގޭތެރޭގައި އެއްވެސް ދިރުމެއް ނެތް..” ފަތީންގެ ހިތަށް އަރާ ފައިބަމުންދިޔަ އިހުސާސްތަށް އޭނާ ފުރަތަމަ ފަހަރަށް މީހެއްގެ ކުރިމަތީ ހާމަ ކުރިއެވެ. ސަބަބަކީ ޝިމާއަކީ އެ އިހުސާސްތަށް އެންމެ ބޮޑަށް ދަންނާނެ މީހާކަމަށް ފަތީންއަށް ގަބޫލު ކުރެވޭތީއެވެ. “ހިއްވަރު ކުރޭ ފަތީން.. މީ އަހަރެމެންގެ ތަޤުދީރު.” ފެންކަޅިވެފައި އިނދެ ޝިމާ ވާހަކަ ދެއްކިއެވެ. “އަހަރެން ވަރަށް މަސައްކަތް ކުރަން އެބަ ހިއްވަރު ކުރެވޭތޯ.. އެކަމަކު އެއީ އަހަރެންގެ ލޭ ހިނގާ އަހަރެންގެ އެއްމާބަނޑު ބޭބެއޭ.. އަހަރެންގެ ދިރިއުޅުގެ އެއް ބައޭ.. އެހެންވީމަ ކިތަންމެ މަސައްކަތެއް ކުރިއަސް ސުކޫލުގެ މި މާހައުލުން އެނޫން ޚިޔާލެއް އަހަރެންނަކަށް ނުގެނެސްދޭ..” ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށް ހިފެހެއްޓުމަށް މަސައްކަތް ކުރަމުން ފަތީން ވާހަކަ ދެއްކިއެވެ. “ފަތީން އެކޭ އެއްވަރަށް ނުވަތަ އެއަށް ވުރެ ބޮޑަށް އަހަރެންވެސް ފަޒީން ދެކެ ލޯބިވަން. އަހަރެންގެ މުސްތަގުބަލުގެ ހުރިހާ ޕްލޭންއެއް އަހަރެން ރޭވީ ފަޒީން އޭގައި އެކުލެވޭ ގޮތަށް. އެކަމް ދެން…” ޝިމާގެ ވާހަކަ އިތުރަށް ކުރިއަށް ގެންދާނެ ހިއްވަރެއް އޭނާއަކަށް ނުލިބުނެވެ. އޭނާގެ އަނގައިން އިތުރު ބަހެއް ނުނުކުތުނެވެ.
“ދެމީހުން ކޮން ވާހަކަ އެއްގަ؟” އާނިސް ހިނގާފައި އައިސް އެދެކުދިންނާއި އަރާ ހަމަވެފައި އަހާލިއެވެ. އެވަގުތު އެދެކުދިންގެ މޫނަށް އަރާފައި ހުރި ހިތްދަތި ކަމުގެ ކުލަވަރު އާނިސްއަށް ވަރަށް ރަނގަޅަށް ފެނުނެވެ. “މިދެކެވެނީ ފަޒީންބެ ގެ ވާހަކަ!” ފަތީން ހިތްވަރު ކޮށްފައި ވާހަކަ ދެއްކިއެވެ. “ކޮބާތަ ފައުޒާ.. އަހަރެން ވަރަށް ބޭނުން އޭނަޔަށް ހިތްވަރު ދޭން ދާން. އެކަމަކު ނުކެރެނީ. ވަރަށް ގުޅަންވެސް ގުޅާފިން. މިތިން ދުވަހު ފޯނުންވެސް ދިމައެއް ނުވޭ. އަހަރެން މިހުންނަނީ ވަރަށް ކަންބޮޑުވެފަ.” ވަރަށް ހާސްވެފައި ހުރެ އެކުދިން ކައިރީ އިށީނދެލަމުން އާނިސް ވާހަކަ ދެއްކިއެވެ.
“އޭނަ އެބައިން ގޭގަ އަހަރެން ސުކޫލަށް އައިއިރު.. ބުނީ ސުކޫލަށް އަންނާނެ ހިއްވަރެއް ނެތޯ.. އަބަދު އިންނަނީ ހުއްޓުން އަރާފަ. އާނިސް ނިކަން އޭނަ ގާތަށް ގޮސް ހިތްވަރު ދީބަލަ.. ތިއްތިބެ ނެތީމަ އޭނަ އޭނީ ދުނިޔެ މަތިން ފޫހިވެފަ. އެއްވެސް ކަމެއް ކުރާހިތް ނުވެފަ..” ފަތީން ގޮތް ހުސްވެފައި ވާކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ.
އާނިސް އަކީ ފައުޒާގެ ލޯބިވެރިޔާއެވެ. އަދި އޭނާ އަކީ ފަޒީން ދުނިޔޭގައި ހުރި އިރު ފަޒީންގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. އެދެކުދިންގެ ލޯބީގެ ގުޅުމަށް ފައުޒާއަށް ޚިޔާލު ދިން މީހަކީވެސް ފަޒީންއެވެ. ފަތީންއާއި ފައުޒާގެ އިހުސާސްތަށް މަންމަ އާއި ބައްޕަ އަށްވުރެވެސް ބޮޑަށް ދެނެގަންނަ މީހަކީ ފަޒީންއެވެ. ވީއިރު ފައުޒާ ކޮށްކޮގެ ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި ފަޒީން ޙިޔާރު ކުރާނީ ފަޒީން ނެތް ދުވަހަކުވެސް އެކަން ފޫބައްދާ ދެވޭނެ ވަރުގެ ކުއްޖެއްކަން ފަތީންއަށް ޔަގީންވެއެވެ. “ތީހަމަ އަހަރެންގެވެސް ހާލު. އަހަންނަކަށް ނޭނގެ ފަޒީން ނެތީމަ އަހަންނަށް މި ކުރެވޭ އިހުސާސްތަށް ބުނެދޭކަށްވެސް. އަހަންނަށް އިނގޭހާވެސް އެއްޗަކީ އަހަރެންގެ ދިރިއުޅުމުން ވަރަށް ބޮޑު ބައެއް އުނިވެއްޖެކަން. ގްރޭޑް އަށަކުން ފެށިގެން މިއަދާ ހަމަޔަށްވެސް އަހަރެން ކުރާ ކޮންމެ ކަމެއް ކުރަނީ ފަޒީން އާއި އެކީގަ.. ދެން އަހަންނަކަށް ނޭނގެ އޭނަ ނުލާ އުޅޭނެ ގޮތެއްވެސް. އެންމެ ބޮޑަށް ހަދާން ވަނީ އަހަރެން މީހަކާ ހާޑުވާ ކޮންމެ ފަހަރަކު އޭނަ އަހަރެން ޑިފެންޑް ކޮށްދޭ ދުވަސްތަށް..”
މިފަދަ ވާހަކަ ތަކެއްގައި އިންޓަވަލްގަޑި ނިމެންދެން އެ ތިން ކުދިން ތިއްބެވެ. ފަޒީން ނެތުމުން އެކަމުގެ ފަޅުކަން އެންމެ ބޮޑަށް އިހުސާސް ކުރެވޭނެ ބަޔަކަށް ކުލާހުގައި ތިބޭނީ އެތިންކުދިންނެވެ. ފަޒީންގެ ކޮށްކޮއާއި އެންމެގާތް އެކުވެރިޔާ އާނިސްއާއި އޭނާގެ ލޯބިވެރިޔާ ޝިމާއެވެ.
-ފުރަތަމަ އެޕިސޯޑް ނިމުނީ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.


Varah reethi♥️♥️??….. When is the next part
މިއަދު އަޕްލޯޑް ކުރަން ޖައްސާފިން
Vaahaka varah reethi. Waiting for the next episode. ?????????????????.
maasha allah v reethi mi part ……. waiting for the next episode
Mi part vx hama habeys… Waiting fr nxt part…..
Loabi story eh… Waiting waiting….
Sukunuge massala faahaga v namves vv reethi story
varah teethi..maa sha allah
waiting for the next part?
mee copy ehcheh thr
mihen mibuny alhun hama mi story kurin kiyunu handhaan vaathyve
ކޮޕީ އެކޭ ބުނުއްވަން ބޭނުންފުޅުނަމަ އެގޮތަށް ބުނުއްވިދާނެ. މި ވާހަކައިގެ ފުރަތަމަ 7 އެޕިސޯޑް ވާނީ މިއަދު ނޫހަށް މީގެ ދެމަސް ކުރިން
ވިއްކާލެވިފައި. އަދި މިހާރު އެ އެޕިސޯޑުތަކުގެ ތެރެއިން ބޮޑު ބައެއް ވަނީ މިއަދު ނޫހަށް އަޕްލޯޑު ކުރެވިފައި. އެހެންނަމަވެސް ވާހަކައިގެ ނުނިމި އެތަށް އެޕިސޯޑެއް އޮވެފައި އެ އެޕިސޯޑުތަށް މިއަދު ނޫހުން ގެނެސްދެވެން ނެތުމުގެ ސަބަބުން އެސްފިޔަ.ކޮމް އަށް މިވާހަކަ މިވަނީ އަޕްލޯޑު ކުރެވެން ފަށާފައި
vaahaka hama reethi. miwadu noohugaves othee maseeh kiyaa kujjaku hama mi vaahaka liyefa. so not a copy. same author dhe page akah upload kuranyaa eyakah nikiyaane copy ekey