ޔާރާއޭ… ( ދިހަ ވަނަ ބައި)
ލައުހާ ގިސްލަމުން ހުރިހާވާހަކައެއް ހައިކަލް އަށް ކިޔައިދެމުން ދިޔައިރު ހައިކަލް އަށް ވެސް ހަމަ ރަގަޅަށް ވަނީ ރޮވިފައެވެ. ލައުހާ އެފަދަ ގޮތަކަށް އުޅެފާނެކަމަށް ހައިކަލްއަށް ވެސް ޤަބޫލެއް ނުކުރެވުނެވެ. ހައިކަލްގެ ހިތުގައި ލުހުޝާންއާއި މެދު ނަފްރަތުގެ ހުޅު ރޯވެގެން ދިޔައެވެ. ހައިކަލް މަޑުމަޑުުން ތެދުވެގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ލައުހާ ރޯތަން ބަލަން ހައިކަލް އަށް ކެތެއްނުވާނެތީއެވެ.އެހެނަސް ދެން އިތުރަށް އެތާ މަޑުކުރަށް ވެއްޖެޔާ ހައިކަަލް ގެ ހިތް ބޭޒާރުވެދާނެތީއެވެ. ހައިކަލް ދިޔަ މަންޒަރު ބަލަން ލައުހާއަށް އިދެމުވެނެވެ. އެއްވެސް އެއްޗެއް ނުބުނެ ދިޔުމުން ލައުހާގެ ހިތަށް ވަރަށް ތަދުވިއެވެ.
ހައިކަލް ދިޔަގޮތަށް ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު އެދަށް ބަނޑުންވިއެވެ.ކިތަންމެ ހިތްވަރުކުރި ކަމުގައި ވިޔަސް އެވެސް އިންސާނެކެވެ. ހިތަކަށް ކެތްވާނީ ވަކިވަރަކަށް ނޫން ހެއްޔެވެ.؟ ހައިކަލް ލައުހާ ދެކެ އިންތިހާއަށް ލޯބިވެއެވެ.އެހެންނަމަވެސް ހައިކަލްގެ މިލްކަކަށް ވުމުގެ ކުރިން ލައުހާވަނީ އެހެންމީހެއްގެ މިލްކަކަށް ވެފައެވެ. އެހެންމީހަކު ވަނީ އެރީތި މަލުން ފޮނިބޮއެފައެވެ. އެކަމުގެ މޭވާ ލައުހާގެ ބަނޑުގައި ހެދިބޮޑުވަމުންދަނީއެވެ. އެހެންމީހެއްގެ ހައްޤެއް ހައިކަލްއަށް ލިބޭނީވެސް ކިހިނެތް ހެއްޔެވެ. ހައިކަލް އަމިއްލަ ނަފްސުކުއްވެރިކުރިއެވެ. ލައުހާދެކެ ހައިކަލް ހިތްހަމަ ނުޖެހެން ޖެހޭ އެއްވެސް ސަބަބެއް ހައިކަލް އަކަށް ނުފެނެއެވެ. އެހެނީ ލައުހާ ކައިރީ ހައިކަލް އެފަދަ ސުވާލެއްވެސް ކުރިން ކޮށްފައި ނުވާތީވެސް މެއެވެ. އެހެނަސް ދެން ލައުހާއާާއި ކުރިމަތިލުމުގެ ހިތްވަރެއް ހައިކަލްގެ ގަޔަކު ނެތެވެ. ހައިކަލްގެ ހިތުގެ ސިއްރުބޭޒާރުވެދާނެތީ ބިރުގަނެއެވެ. ނޫނެކެވެ. ހައިކަލް ލައުހާ އާއި ލައުހާގެ ދަރިފުޅަށް ގެއްލިފައިވާ އުފާތަށް ހޯދައިދޭން އަޒުމް ކަޑައެޅިއެވެ. ލައުހާ އެވަރަށް ހިތާމަކުރާ ސަބަބަކީ ކޮބައިކަން ވެސް ހައިކަލްއަށް މިރޭ އިހްސާސްވެއްޖެވެ.
ލައުހާގެ ލޮލުން މިރޭ ނިދިވަނީ އަލްވަދާކިޔާފައެވެ. ހައިކަލްގެ އެ ހަރަކާތުން ލައުހާއަށް މިހާ އަސަރު ކޮށްފައިމިވަނީ ކީއްވެބާއެވެ. ލައުހާއަށް ވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީއެވެ. ހައިކަލްއާއި ދެއްކިވާހަކަތަކުގެ ސަބަބުން ލައުހާއަށް މިރޭ މާ ބޮޑަށް ލުހުޝާން މަތިން ހަދާންވާގޮތްވެއެވެ. ލުހުޝާން އާއިއެކު ހޭދަކޮށްފައިވާ އުފާވެރި ވަގުތުތަށް ހިތަަށް އައުމުން އެދެލޯ ފެންކަޅިވިއެވެ. ހިތަށް ކޮށްފައިވަނީ ބުނެދޭންވެސް ނޭނގޭ ފަދަ ޒަހަމުތަކެކެވެ. އޭގެ ފަރުވާ އަކީ ވެސް ލުހުޝާން އެވެ. ހުރިހާ ދުވަހަކު މިގޮތަކަށް ވެސް ނުހުރެވޭނޭއޭ ލައުހާ ހިތަށް އަރަމުން ދިޔައެވެ. އެދެމަފިރިންގެ ދެމެދުގައި ޖެހިފައިވާ މައްސަލަތަށް ހައްލުކުރެވޭތޯ އަދި އެއްފަހަރު މަސައްކަތް ކުރާނީއޭވެސް ލައުހާގެ ހިތްބުނެއެވެ. ލައުހާގެ ބަނޑުގައިވާ ދަރިފުޅަށްޓަކައިވެސް ލުހުޝާން އާއި ގުޅެން ލައުހާބޭނުމެވެ. އަދި ލުހުޝާން އަށް ވިސްނޭނެއޭ ލައުހާގެ ހިތް ބުނެއެވެ. އެހިތުގައި ލުހުޝާންއާއިމެދު އެއްވެސް ވަރަކަށް ތެދުވެރި ލޯބި ވާނަމަ އަދި އެއްފަހަރު ލުހުޝާން އަންނާނެއޭ ލައުހާގެ ހިތް ބުނެއެވެ.
އާދައިގެ މަތިން ހައިކަލް ހޭލައިގެން ޑިއުޓީއަށް ދިޔުމުގެ ކުރީގައި ލައުހާގެ ކޮޓަރިއަށް ވަނެވެ. ހައިކަލް ބަލާލިއިރު ލައުހާ އޮތީ ނިދާފައެވެ. ނިދާފައި އޮންނަ އިރު ވަރަށް މައުސޫމް ކަމަަށް ލައުހާ ދައްކައެވެ. ހައިކަލް އަށް އިރުކޮޅެއްވަންދެން ލައުހާއަަށް ބަލަން ހުރެވުނެވެ. މުނޫމަށްޗަށް ވެއްޓިފައިވާ އިސްތަށިތަށް ރަގަޅުކޮށްދޭނަމޭ ހައިކަލްގެ ހިތަށް އެތަށް ފަހަރަކު އެރިއެވެ. އެހެންނަމަވެސް ނަފްސު ކޮންޓްރޯލް ކޮށްލައިގެން ހައިކަލް ނިކުންނަން ދިޔަވަގުތު އެދުމަތީ އޮތް ލައުހާގެ ފޯނަށް ނަޒަރު ހުއްޓުނެވެ. ހައިކަލް އަޑެއް ނީވޭހާ މަޑުން ހނގާފައި އެދުކައިރިއަށް ޖެހިލިއެވެ. ލައުހާ އެހާ އަވަހަށް ހޭލައްވަން ބޭނުން ނުވާތީއެވެ. ފޯނުގައި ލޮކް ކޯޑެއް ޖަހާފައި ނެތުމުން ފޯނު ހުޅުވަން މާއުދަނގޫ ކަމަކަށް ނުވިއެވެ. ހައިކަލް ލައުހާގެ ކޮންޓެކްޓް ލިސްޓުން ހައިކަލް ބޭނުންވި ނަންބަރު ހޯދައި ސޭވް ކުރިއެވެ. އަދި އެފޯނު އޮތް ތާނގައި ބޭއްވުމަށް ފަހު ނިކުންނަން ހިނގައިގަތެވެ.
ލައުހާއަށް ހޭލެވުނީ އެގާރަ ޖަހަން އުޅެނިކޮށެވެ. ފެންވަރައިގެން ތައްޔާރުވެލައިގެން ބޭރަށް ނިކުތްއިރު ހައިކަލް އެއްފެންނާކަށް ނެތެވެ. ހައިކަލް ޑިއުޓީއަށް ދިޔައީ ކަން ލައުހާއަށް ޔަޤީންވީ ގޭގައި މަސަައްކަތް ކުރާ މީހަކު ކައިރިން އެހުމުންނެވެ. އެހާ ކާހިތެއް ނުވިނަމަވެސް ހިތްވަރުކޮށްފައި ލައުހާ ކާން މަސައްކަތް ކުރިއެވެ. ލައުހާ ހައިކަލް ގެ އިންތިޒާރުގައިއިނެވެ. ހައިކަލް ކިބައިން މާފަށް އެދެން ލައުހާ ބޭނުންވިއެވެ. އެކަމަކު އެރޭ ވަރަށް ދަންވީއިރުވެސް ހައިކަލް އަށް ގެއަށް އާދެވޭގޮތެއް ނުވިއެވެ. އެހެންކަމުން ލައުހާ ޖެހުނީ މާޔޫސް ކަމާއިއެކު ނިދަން ދާށެވެ.
ފަހަކަށް އައިސް ހައިކަލް ގޭގައި ހޭދަކުރާ ވަގުތުތަށް ވަރަށް މަދުވާންފެށިއެވެ. ހައިކަލް ލައުހާއާއި ދިމާވި ކަމުގައިވިޔަސް އެހާ ގިނަވަގުތު ލައުާހާއާއު އކީ ހޭދަނުކުރެއެވެ. ލައުހާގެ ހިތަށް ކިތަންމެ އުދަނގޫ ވިނަމަވެސް އެއްވެސް ޝަކުވާއެއް ކުރުމުގެ ހައްޤެއް ލައުހާއަށް ނޯންނާނެކަން ލައުހާއަށް އެނގެއެވެ. ކިތަންމެ މަދުވަގުތު ގޭގައި ހޭދަކުރިއަސް އަބަދުވެސް ލައުހާ އަށް ފައިދާ ހުރި ކާއެއްޗެހި ގޭގައި ހޯދާފައި ބެހެއްޓުމަށް ހައިކަލް މަސައްކަތް ކުރެވެ.
———————————————————————————————————————————-
ހައިކަލް ލައުހާގެ ފޯނުން ނެގި ނަންބަރަށް ގުޅިއެވެ. ފޯން ރޮންގްވިތާ މާގިނައިރެއް ނުވެ އެފަރާތުން ޖަވާބުދިނެވެ.
” ހަލޯ.. ތިއި ލުހުޝާން ތޯ.. ” ހައިކަލް ކޮށްލީ ސުވާލެކެވެ.
” އާދެ… މިއީ ލުހުޝާން …” ލުހުޝާން ޖަވާބުދިނެވެ
“އަަހަރެން ބޭނުން ލުހުޝާން އާ ވަރަށް މުހިއްމު ވާޙަކައެއް ދައްކަން …ބައްދަލުކޮށްލެވިދާނެތަ.. ” ހައިކަލް ކޮށްލި ސުވާލުގެ ސަބަބުން ނުތަމަވަސް ވެފައި ހުރި ފަދަ ގޮތަކަށް ލުހުޝާން ބައްދަލު ކުރުމަށް އެއްބަސް ވިއެވެ.
———————————————————————————————————————————-
” ލެމަންގްރާސް ރެސްޓޯރެންޓް ގެ ޓޭބަލްއެއްގައި ހައިކަލް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދަނީ ލުހުޝާން އަންނާނެ އިރަކަށެވެ. ފޯނާއި ކުޅެން އިން ހައިކަލް ސިހިގެން ދިޔައީ ކައިރީ ހުރި މީހަކު ފެނުމުންނެވެ.
” އަހަ… ހައިކަލްތަ… ބަޑީ ކޮންތާކު އުޅެފަ ތިއައީ … ” ކައިރީ ހެވިލާފައި ހުރި ލުހުޝާން ފެނުމުން ހައިކަލް އަށް ބަލަން ހުރެވުނީއެވެ. ގަބޫލުކުރަންވެސް ދަތިވެފައެވެ.
One Comment
Comments are closed.
Keeve genes dheefa huribaithah genes dhenee nimmah neguneetha…thihaa gina dhvas koffaves kiyaalan milibunee kiyaafa oiy parteh..