އެރޭ
ހަތަރު އަންހެންކުދިން އެކީ އޮލަ ވާހަކައެއްގަ ތިބެގެން ކޮލެޖުން ނިކުމެގެން އައިއިރު ރޭގަނޑު ދިހަގަޑި ބައިވުމާގާތްވަނީއެވެ. އެވަގުތު މަގުމަތީގައި ފުދޭވަރަކަށް މީހުން ހަރަކާތްތެރިވަމުން ދިޔައިރު، މެދުމިނަކަށް ފިނިރޯޅިވެ ކޮންމެސް ވަރަކަށް ހަނދުގެއަލިކަން ފެންނަން ހުއްޓެވެ. ޒުވާން އަންހެންކުދިންގެ މިސްރާބުހުރީ ކޮލެޖާއި ނުހަނު ކައިރިން ފެންނަން ހުރި ދެބުރި އިމާރާތަށެވެ. އެކުދިންގެ ދިރިއުޅުން ހަމަޖެހިފަވާ އެޕާރޓްމެންޓެވެ.
ދޮރުހުޅުވާލާފަ އެތެރެއަށް ވަދެވުމާއެކު އެންމެން ސޯފާތަކަށް ތިރިވެ ދުވަހުގެ ބުރަވާހަކަ ދެއްކިއެވެ. މިއަދު ހަމަނޭވާލެވޭވަރުމިވީ އަދިކިރިޔާއެވެ. ކިތަންމެ ވަރުބަލިވެފަ ތިއްބަސް އެކަކުވެސް ނިދަން ހިޔާލު ނުކުރުންއެއީ އެރޭގެ ބަދުނަސީބު ފެށުނުހިސާބެވެ.އެރޭ ވީ އެ ހަތަރު އަންހެންކުދިންގެ ދިރިއުޅުމަށްވެސް ވަރުގަދަ އިންގިލާބެއް އައި ރެއަކަށެވެ. ކުރިއަށް އޮތީ ހަފްތާ ބަންދަށްވެފަ ކޮލެޖުގެ ކިޔެވުންވެސް ނޯންނާނެތީ އެންމެންގެ މަޝްވަރާއާއެކު އެރޭ ބިރުވެރި ފިލްމެއް ބަލަން ނުނިދާ ތިބެން ނިންމިއިރު އެކަމާ ދެކޮޅުވެ ކޮޓަރިއަށް ދިޔައީ މައިރާއެވެ.
ރޭގަނޑު އެކަހަލަ އެއްޗެއް ބަލައިފިޔާ އެރެއެއްގެ ނިދި އޭނާއާ ރުޅިހަދާނެކަން މައިރާއަށް ޔަގީންވެފައެވެ. ނިދާލަން ލޯމަރާލިޔަސް ދެން ސިފަވާނީ ފިލްމްގަ ދައްކާ ބިރުވެރި މަންޒަރުތަކެވެ. ކަންފަތަށް ހީވާނީ އެއަޑުތައް އިވޭހެނެވެ. އެހެންކުދިންނަށް އެކަހަލަ ފިލްމުތައް ރޭގަނޑު ބަލައިލުން ކަމަކަށް ނުވިޔަސް މައިރާއަކަށް ލާހިކެއްނޫނެވެ. އެކަމަކު އެކުވެރިން ފިޑިއެއްގެ ލަގަބު ދީފާނެތީ އޭނާ ފިލްމު ނުބަލާން ދެއްކި ބަހަނާއަކީ ލޯބިވެރިޔާއަށް ގުޅަންޖެހޭތީ މިރޭ ފިލްމު ބެލެން ނެތްކަމެވެ.
އޭގެ ތިރީހަކަށް މިނެޓްފަހުން މީހަކުއައިސް ކޮޓަރީގައި ޓަކި ޖެހުމުން ހުޅުވިއިރު ދޮރުމަތީ ނިކަން ހެވިލާފަ ލަޔާނާ ހުއްޓެވެ. އެމީހުން އޯޑަރު ކުރި ޕިއްޒާ އައިވާހަކަ ބުނުމުން މައިރާވެސް އަވަހަށް ލަޔާނާގެ ފަހަތުން ސިޓިންގް ރޫމަށް ހިނގައިގަތްއިރު މުޅި އެޕާރޓްމެންޓްގައި ގުގުމާފައި ހުރީ ފިލްމުގެ އަޑެވެ. ބިރުވެރި ގޮތްގޮތައް ވައިރޯޅި ގަސްތަކުގައި ބީހޭ އަޑާއި ކުއްތާ ކަހަލަ އެއްޗެއް ފެލޭ އަޑު ނާމާން ގޮތަކަށް ފިލްމުން އިވެން ފެށުމުން މައިރާއަށް އުނދަގޫވިއެވެ. އަދި އެކުވެރިން މިތިބީ ސިޓިންގ ރޫމްގެ ބޮކިވެސް ނިވާލައިގެން ހިތުން މަންޒަރު އިތުރަށް ފުރިހަމަ ކޮށްލައިގެންނެވެ.
އެހެން ހުރެލާފަ އޮޅިގެން ޓީވީއަށް ނަޒަރެއް ދެވުންވަގުތު ފެނުނު މަންޒަރަކުން މައިރާއަށް ހަޅޭއްލަވައިގަނެވުނެވެ. ޖިންނި އަވަލާފައި ހުރި ކުޑަ އަންހެންކުއްޖެއްއައިސް އޭނާގެ މުސްކުޅި މާމަގެ ދެލޯ ކޮނެލާފަ ލޭތަކާ އެކީ އެދެލޯ ކާލީއެވެ.
“މަންމާ..ކަލޭނާ ކާހިތްވެސް ފިލައިފި” މައިރާބެލީ އޭނާއަށްވީ ދެތިންފޮތި ޕިއްޒާ ތައްޓަށް ލައިގެން އަވަސްވީ ގޮތަކުން އެތާނުހުރެ ކޮޓަރިއަށް ދާށެވެ.
“ހެހެހެ…މައި މަޑުކޮށްބަލަ..މިއީ ވަރަށް ފައްކާ ފިލްމެކޭ..ހަގީގަތަށްވެސް ހިނގާފަހުރި ސިހުރުގެ ކަންތައްތަކެއް ދައްކުވައިދޭ ވަރަށް އިންޓްރެސްޓިންގ ޓާރކިޝް މޫވީއެއް” މައިރާ ބިރުގަނެގެން ދާން އުޅުންގޮތަކުން ސުމާއިނީ މަޖާވެފައެވެ. އެމީހުންގެ އެގްރޫޕްގަވެސް މިކަހަލަ ކަންކަމަށް މައިރާއަށްވުރެ ވަކި ފިނޑިމީހަކު ނުހުންނާނެކަން އެންމެންވެސް ދަނެއެވެ.
އެމީހުންގެ ދިމާކުރުންތަކުން ސަލާމަތްވާން މައިރާ ދިއުމުގެ ހިޔާލު ދޫކޮށްލާފައި ނިކަން ގަޓުހުންނަ މީހަކަށްވެގެން ސޯފާގައި ޖައްސާލާފައި ޕިއްޒާ ކާންފަށައިފިއެވެ. އޭރު އެމަންޒަރު ފެނިގެން އޭނާގެ އެކުވެރިން ސުމާ، ލަޔާނާ އަދި ރީކާ އެކަކު އަނެކަކަށް ބަލައިލާފަ ބުމަ އަރުވާލައިފިއެވެ.
ހަތަރު އެކުވެރިން ހޫނު ޕިއްޒާ އާއި ކޯކު ބޮމުން ފިލްމު ބަލަމުން ދިޔައިރު ބިރުން ސިއްސައިގެންގޮސް ހަޅޭއްލަވައިގަންނަންޖެހޭ ކިތަންމެ މަންޒަރެއްއައެވެ. ކޮންމެ ފަހަރަކު ސިހިގެން ހަޅޭއްލަވައިގަނެފަ އަދި މަޖާވެގެން އެންމެން ހީވެސް ގަނެއެވެ. ފިލްމު މެދާހަމައަށް ދިޔައިރު މައިރާއިނީ އެތަނުންދާން އިންތިހާއަށް ބޭނުންވެފައެވެ. މީގެން މިދައްކަނީ ރޭގަނޑު ބަލަންކެރޭ ވަރަށްވުރެ ބިރުވެރި ޒާތުގެ މަންޒަރުތަކެކެވެ. ހަދާނެގޮތެއް ނުވިސްނިފައި އިންދާ ލޯބިވެރިޔާ އޭނާގެ ފޯނަށް ގުޅުމުން އެބަހަނާ ދައްކާފަ އުފަލުން މައިރާ އަވަހަށް އޭނާގެ ކޮޓަރިއަށް ދިޔައެވެ.
އެކަނި ހުންނަން ޖެހިލުންވެގެން މައިރާ އެނދުގަ އޮށޯތީ ކޮޓަރީގެ ހުރިހާ ބޮތްކެއް ދިއްލާފައެވެ. ފޯނުން ވާހަކަދެކެވޭތީ ކޮންމެސް ވަރަކަށް ބިރުފިލާ ހިތްހަމަ ޖެހުނެވެ. ދަންވަރު ބާރަގަޑި ބައިވާން ކައިރިވެފަ ހުއްޓާ ލޯބިވެރިޔާ ފޯނު ބޭއްވީ އިރުކޮޅަކުން ގުޅާނަންކަމަށްބުނެއެވެ. މާދަން ބަންދު ދުވަހަކަށް ވާތީ މައިރާ ހުރީ އަވަހަށް ނިދުމުގެ މޫޑެއްގަ ނޫނެވެ. ލޯބިވެރިޔާގެ ކޯލަށް އިންތިޒާރު ކުރަން އިނދެފަ ފޫހިވެގެން އެކުވެރިން ކޮބައިތޯ ބަލަން ދޮރުހުޅުވާލިއިރު އަދިވެސް ފިލްމު ނުނިމޭކަން އިނގުނީ އޭގެ އަޑު އިވުމުންނެވެ. މައިރާ އަވަހަށް އެތެރެއަށް ވަދެ ދޮރު ޖެހީ، އޭނާ ހަމަޖެހިފަ ހުއްޓާ އަލުން ހިތަށް ބިރުވެރިކަން ވަދެފާނެތީއެވެ.
އެކަން ސިކުނޑިން ނެރެލަން ލޯބީގެ ލަވައެއް ފޯނުން ޖަހާލައިގެން އެނދުގަ އޮއްވާ ލުއިގޮތަކަށް ދޮރުގަ ޓަކި ޖަހާލުމުން މައިރާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އެވަރު ކުޑަ އަޑެއް އިވިލުމުންވެސް ހިތައް ބިރުވެރިކަން ވަނީއެވެ.
“ފިލްމު ނިމުނީތަ” ދޮރުހުޅުވާލިއިރު އެކުވެރިން ތިބިތަން ފެނިގެން މައިރާއަށް އަހާލެވުނެވެ.
“އާނ އެކަމު ހާދަ ބިރުވެރިއޭ”
“ސިއްޖީންގެ އަދި މިއަށްވުރެ ވަކި ބިރުވެރި އެޕިސޯޑެއް ނުބެލޭ…ބިރުން އަވަދި…އެއްފަހަރު ސިއްސައިގެން ދިޔަވަރުން ހިތަށްއެރި މިޖެހުނީ ހާރޓްއެޓޭކެކޭ..ނުކެރޭނެ މިރޭ އެކަނި ނިދާކަށް” ސުމާގެ އަޑުގައި ހުރި ސީރިއަސްކަމަކުން ހަގީގަތުގަވެސް އެމީހުން ތިބީ ބިރުންކަން މައިރާއަށް އެނގުނެވެ.
އެންމެން އެއްކޮޓަރީގައި ނިދަން މަޝްވަރާކުރިއިރު މައިރާ ހުރީ ދެފިކުރެއްގައެވެ. ލޯބިވެރިޔާއާ މިރޭ ވީހާވެސް ގިނައިރު ވާހަކަ ދައްކަން ބޭނުންވާތީ އެންމެން އެއްކޮޓަރިއެއްގައި ނިދައިފިއްޔާ އެކަމުން އެކުވެރިންނަށް އުނދަގޫ ވެދާނެތީ މައިރާ ނިންމީ ވަކިން ނިދާށެވެ.
“ކެރޭނެ އެކަނިން ނިދަން؟” ރީކާ އަހާލީ ޔަގީންނުވެފައެވެ. މައިރާގެ ފިނޑިކަމަކީ ސިއްރުވެފަ އޮންނަ ކަމެއްނޫންވިއްޔާއެވެ. މައިރާ އެކަން ނުދައްކާން ހިނިގަޑެއް ޖަހާލައިފިއެވެ.
އެރޭ އެއްގަޑި ބައިވިއިރުވެސް މައިރާ އޮތީ ފޯނުގައެވެ. ލޮލުގަ ނިދީގެ ކަންފުޅެއްވެސް ނެތްއިރު އެޕާރޓްމެންޓްތެރެ ހަމަހިމޭންވެފަ އޮތްގޮތުން އޭނާގެ އެކުވެރިންވެސް މިހާރު ވާނީ ނިދަން ވަދެ ކަން އެނގުނެވެ. އެމީހުން ހޭލާތިބިނަމަ ހީސަކަރާތްޖަހާއަޑު މެދުނުކެނޑުނީހެވެ.
މައިރާ ފާހާނާއަށް ދާންވެގެން ކޮޓަރިން ނިކުތީ ފޯނު ކަންފަތުގައި ޖަހައިގެން ހުރެއެވެ. ހަތަރު ކުދިންނަށް އެއްފާހާނާ ބޭނުންކުރެވޭ ގޮތަށް ކޮޓަރިން ބޭރުގައި ފާހާނާ ހުއްޓަސް ކޮންމެ ކުއްޖަކަށް ވަކިން ކޮޓަރިއެއް ލިބިފަ ހުރުމަކީ މިތަނުގަ އެންމެ ހިތްހަމަޖެހޭ އެއްކަމެވެ. މާލޭގައި ކިޔެވުމުގެ ފުރުސަތު ލިބިފައި އޮއްވާވެސް ކުޅުދުއްފުށިފަދަ ރަށަކަށް މައިރާ އައީވެސް އެބޭނުމުގައެވެ. ގިނަ ކުދިންތަކަކާއެކީ ކޮޓަރި ހިއްސާކުރުމަކީ ކިހާ ދަތިތަކާ ކުރިމަތިވާ ކަމެއްކަން އެއްއިރެއްގައި މައިރާ ތަޖުރިބާ ކޮށްފަވާތީއެވެ.
ގޭތެރެއަށް ހަމަހިމޭންކަން ވެރިވެފަ އޮތްއިރު ފަނޑުއަލިކަމެއް މެނުވީ ނުވެއެވެ. މައިރާ ފާހާނާއިން ނިކުމެގެން އައިއިރު ލަޔާނާގެ ކޮޓަރި ދޮރުމަތީގައި އެހެންކުދިންގެ ފައިވާންތައް ހުރުމުން އެތިންމީހުން މިރޭ ނިދަނީ އެކޮޓަރީގައިކަން ޔަގީންވިއެވެ. އެމީހުންނާ އަނގަ ތަޅާލަން އެތެރެއަށް ވަންނަން ހިތައް އަރާފަވެސް މައިރާ އަނބުރާލާފަ ދިޔައީ ކޮޓަރި ނިއްވާލާފަހުރުމުން ލަޔާނާމެން ނިދީ ކަމަށް ހީކޮށެވެ.
މައިރާ އައިސް އަލުން އޮށޯވެ ގަޑި ބަލައިލިއިރު ދަންވަރު ދޭއްޖަހަނީއެވެ. މަޑުމަޑުން މެންދަމުގެ އަތަށް އެޅީއެވެ. އޭރު ލޯބިވެރިޔާވެސް ފޯނު ބޭއްވުމުން އެކަނިވެފަ މައިރާ އޮތްއިރު ދޭތެރެއަކުން މިރޭ ބެލުނު ފިލްމުގެ މަންޒަރުތަށް ލޮލަށްސިފަވެފަ ބިރުގަންނަ ގޮތްވިއެވެ. އެކަނިއޮތްކަން ހަނދާންވެފަ ޖެހިލުންވާން ފެށިއެވެ. ކުރީބައިގަ ފޯނުކޯލު ކުރުކޮށްލާފައި އެކުވެރިންނާއެކު އެއްކޮޓަރީގައި ނިދާލަން ދެވުނުނަމައެވެ. އެކަމަކު ދެން ގޮސް އެމީހުންނަށް އުނދަގޫކުރާކަށްވެސް ވަކި ނުކެރޭނެއެވެ.
މައިރާ އެހެން އޮވެގެން ވިސްނާލިއެވެ. ބިރަކީ ވަރަށް އެހެންކަހަލަ އިހުސާސެކެވެ. ބިރުގަންނަ ވަރަކަށް އެއިހުސާސް ވަރުގަދަ ވާލެއް ގަދައެވެ. އޭގަ އޮތީ އަހަރެމެން އެއިހުސާސުގެ މައްޗަށް ބާރުފޯރުވައި ގަދަވެގަތުމެވެ. މައިރާ އަމިއްލަ ނަފްސަށް ހިއްވަރުލިބޭފަދައަކުން ވިސްނާލާފަ ނިދޭތޯ ލޯ މަރާލިއެވެ.
އެގޮތުގައި އިރުކޮޅެއްވެލިއިރަކަށް ކޮޓަރި ދޮރުގައި އެއްޗެއް ގޭނޭ އަޑު އިވިފަ މައިރާއަށް ސިހިފަ ލޯ ހުޅުވާލެވުނެވެ. ނިޔަފަތިތަކުން މަޑުމަޑުން ދޮރުގައި ވަކިދަމާލާއިރުވެސް އިވޭނީ އެފަދަ އަޑެކެވެ. މައިރާގެ ހިތް ބިރުވެރިކަމުގަ ވިންދު ޖަހައިގެންފަ ކިރިޔާވެސް ހިތްހަމަޖެހުނީ ހިތަށް އެރި އެއްޗަކުންނެވެ. ރަނގަޅަށް ދިޔައީޔާ ލަޔާނާމެން ނުނިދާ ތިބެ އޭނާ ބިރުގަންނަވަންވެގެން އައިސް ފާޑުފާޑުގެ އަޑު ލައްވަނީއެވެ. އެއީ ކިހާ ސަކަރާތްބޮޑު ލާނެތް ބަޔެއްކަން މައިރާއަށް އެނގެއެވެ.
އަޑު ކެނޑުނީމާ އޮށޯވެ ކިރިޔާ ހިންދެމިލިއިރަކަށް އަލުން އިހުނަށްވުރެ ބާރަށް އެއަޑު އިވުމުން މިފަހަރު މައިރާއަށް މަޑަކުން ނޯވެވުނެވެ.
“އޭ ތިމީހުން ކޮންމެހެން އަހަރެން ބިރުގަންނަވަން އުޅޭނެ ކަމެއްނެތް އިނގޭ..ނުގަނޭ ބިރެއް” އެކުވެރިންކަން ޔަގީންކޮށްގެން މައިރާ އެތިވަރު ގޮވައިގެންތަނާ އަޑުކެނޑި މުޅިތަން ހިމޭންވެއްޖެއެވެ.
މައިރާ އެސްފިޔަވެސް ޖަހާނުލާ ދޮރަށް ބަލަހައްޓައިގެން އިންދާ ބޭރުން ލަސްލަހުން ތަޅުގައި ހިފާލާފަ ކުއްލިއަކަށް ދޫކޮށްލައިފިއެވެ. ހީކޮށްގެން ހުރިގޮތަށް މީއެކުވެރިންގެ އަމަލަކަށް ނުވެދާނެތީ މައިރާގެ ހިތުގެ ކަނެއްގަ ކުޑަ ބިރުވެރިކަމެއްވެސް އޮތެވެ. އެކަމަކު އޭނާ އެކަން ނުދައްކާން ތެދުވެގެން ގޮސް ނިކަން ފަރުވާތެރިކަމާއެކު ދޮރަށް ބަލަން ހުއްޓެވެ. އަނެއްކާވެސް ހަމަ ކުރިއެކޭ އެއްފަދައިން ބޭރުން ލަސްލަހުން ތަޅުގަ ހިފާލާފަ ދޫކޮށްލިއިރު ދޮރުގައި ކޮންމެސް އެއްޗެއް ކޭއްތިގެންއަޑު އިވުނެވެ. މައިރާ ނިކަން ހުށިޔާރުވެހުރެ ކުއްލިއަކަށް ދޮރު ހުޅުވާލާފައި ބަލައިލިއެވެ. އެކަމަކު ބޭރުން އޭނާއަށް މަރުހަބާކީ ހިމޭންކަމާ ފަނޑު އަނދިރިކަމެވެ. އަނދިރިކަމަކީ އަބަދުވެސް ނާމާންކަމާއި ބިރުވެރިކަމުގެ ފެށުމެވެ.
މައިރާ ހިތްނުތަނަވަސްވެހުރެ ވަށައިގެން ކޮޅުކޮޅަށް ބަލައިލިއެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. ހުސްކަމެއް ނޫނީ ފެންނާކަށްނެތެވެ. މައިރާގެ ހިތަށް ބިރުވެރިކަންވަނަސް ފަސްޖެހި ކޮޓަރިއަށް ވަންނަން ހިތް އެއްބަސް ނުވުމަކީ އެރޭގަ އެމީހުންގެ ދިރިއުޅުން ބިރުވެރިކަމާއި ހިތްދަތިކަމުން ފުރުވާލުމަށް އިތުރުވި ބޮޅެކެވެ. ކުރިއަށް ނެގޭ ކޮންމެ ފިޔަވަޅެއް ގާތްކުރުވަމުންމިދަނީ ބޮޑު ހާދިސާއަކާ ކަންތައްގަޑެއް ހިނގަން ކަމެއް އޭރު ހިތަކަށްވެސް ނުގެނެވެއެވެ. ފަހަރެއްގަ މައިރާ އެއަޑުތަކަށް އަޅާނުލާ ކޮޓަރިއަށްވަދެ ނިދިނަމަ އެރޭ އެހާދިސާ ނުހިނގީހެވެ.
މައިރާ އިރުކޮޅެއް ވަންދެން ލަޔާނާގެ ކޮޓަރިއަށް ބަލަންހުރެ ފިޔަވަޅުތައް އެދިމާލަށް އަޅަންފެށިއެވެ. ދޮރުކައިރިއަށް ހުއްޓި ފަރުވާތެރިކަމާއެކު ބަލައިލިއިރު އޭނާގެ ތިން އެކުވެރީންގެ ފައިވާން ކުރިއެކޭ އެއްގޮތަށް އެތާ ބެހެއްޓިފަ ހުއްޓެވެ. އޭނާ އިރުކޮޅެއް ވަންދެން ދޮރުގަ ކަންފަތް ޖަހައިގެން ހުރިއިރު ފަންކާގެ ފިޔަތައް އެނބުރޭ އަޑު ފިޔަވާ އިތުރު އެއްވެސް އަޑެއް ނީވެއެވެ. އެމީހުން ހަމަ އަސްލަށްވެސް ނިދީހެއްޔެވެ؟ ވީއިރު އޭނާއަށް އުނދަގޫ މިކުރަނީ ކާކުހެއްޔެވެ. ހަގީގަތުގަވެސް ނުފެންނަ ފަރާތެއް ނޫނީ ރޫހާނީ ކަންތައްގަނޑެއް އުޅެނީހެއްޔެވެ. އެކަމަކު ސިކުނޑި އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ.
“ކިހާ ދެރަކަމެއް..ހަމަ މިހާރު ދޮރު ހުޅުވާ” މައިރާ ގަތްފަ ހުރިބިރު ރުޅީގެ ސިފަ ހިޔާރުކުރަން ނެގީ މަދު ސިކުންތުކޮޅެކެވެ. އޭނާ ލަޔާނާގެ ކޮޓަރީގެ ދޮރުގައި ތަޅައިގަންނަމުން ގޮވައިގަތެވެ. އެއަޑު މުޅި ގޭތެރޭ ގުގުމައިގަތެވެ. މައިރާ ހީކުރީ އެވަރުކޮށްލީމައި އެކުވެރިންދެން ސަމާސާކުރުން ހުއްޓާލަފާނެކަމަށެވެ.
އެކަމަކު ކަންތައްތައް ޖެހިގެންދިޔައީ ހީކޮށްގެން ހުރިގޮތާ މުޅިން އިނދިކޮޅަށެވެ. މައިރާގެ ގުގުމައިގެންދިޔަ އަޑު ގޭތެރޭގައި އިކޯވެ ނުކެނޑި ހުއްޓާ އެހެން އަޑެއް އިވި މައިރާގެ ލޯ ބޮޑުވިއެވެ. ކޮންމެސް މީހެއްގެ ސިއްރު ހުނުމުގެ އަޑުއިވި ގައިން ހީބިހި ހިލުވާލިއެވެ. ކަނދުރާގައިވިހާ ލޯލިތައް ކޮޅަށް ޖެހިލިއިރު މައިރާއަށް ޔަގީންވީ އަޑުއައީ ލަޔާނާގެ ކޮޓަރިން ނޫންކަމެވެ. ސީދާ އަޑުއައިދިމާ ވަކިނުވިޔަސް އެއަޑުއައީ ސިޓިންގ ރޫމާއި ދިމާލުންކަން ޔަގީނާ ގާތައް ހީވިއެވެ. ހަރަކާތެއްވެސް ގެންނަންނޭނގި ގުޑިނުލާ އެހެންހުއްޓާ ކޮންމެސް އެއްޗެއްގަ ޖެހޭ އަޑު އިވެންފަށައިފިއެވެ. އެއްބީޓަކަށް ތަނެއްގަ އެއްޗެއް ތެޅޭއަޑުކަހަލަ އަޑެކެވެ. މިފަހަރުވެސް އަޑުއައި ދިމާ ނޭނގުންއިރު އިރު ލަޔާނާގެ ކޮޓަރިންނޫންކަން އޭނާއަށްޔަގީންވިއެވެ. ހަމަ ރަނގަޅަށްވެސް ރޫހާނީ ބާރަކުން ކަންތައްގަނޑެއްހިންގަންފެށީއެވެ.
ބިރުން ގުޑިލަންވެސް ނޭނގިހުރި މައިރާގެ ދެފަޔަށް ކުއްލިއަކަށް ހަރަކާތް އައިސް އަޅާއިތިކޮށް ދުއްވައިގަތީ ކޮޓަރިއާދިމާއަށެވެ. އެތެރެއަށްވަދެ ބަންލާފައި ދޮރުޖަހާފަ، ދޮރުފަތުގައި ލައްވެލިއިރު މާނޭވާލެވެނީއެވެ. ބިރުވެރިކަމާއެކު ހިތްތެޅެމުންދިޔައެވެ. ލޮލަށް ހުރީ ކަރުނައިގެ ތެތްކަން ވެރިވެފައެވެ. ކުއްލިއަކަށް ކިޔާނެ ހެޔޮ އެއްޗެއް ދުލަކަށްވެސް ނައެވެ. އެހެން ހުއްޓާ ސިއްސައިގެން ދިޔައީ ފޯނަށް މެސެޖެއް އައި އަޑު އިވިފައެވެ. މިއޮއްދަންވަރު ކާކުގެ މެސެޖެއް ހެއްޔެވެ.
ތުރުތުރު އަޅަމުންދިޔަ ދެއަތުން ފޯނު ނަގާ ބަލައިލިއިރު މެސެޖުކޮށްފަ އޮތީ ސުމާއެވެ. ތެޅިތެޅި އޮތްހިތަކާއެކު އޭނާ މެސެޖު ހުޅުވާލިއެވެ.
“މައި ކީއްތިކުރަނީ..އަހަރެމެން ބިރުގަންނަވަން ނޫޅެބަލަ…މައި ދޯ އަޑުއަޑުލައްވާ އަޑު މިއިވެނީ” ސުމާގެ އެމެސެޖް ކިޔާލާފައި މައިރާގެ ނިތަށް ވެރިވީ ރުލެވެ. ސުމާއެހެން އެބުނީ ކީއްވެބާއެވެ. އޭނާ ގޮތަށް އެމީހުންނަށްވެސް އަޑެއް އިވުނީހެއްޔެވެ.
ބުނަންވީ އެއްޗެއް ނޭނގި ވިސްނަންހުއްޓާ ދެން އަންނަންފެށީ ސުމާގެ ކޯލެކެވެ. އިތުރަށް ވިސްނަން ނުހަދާ ފޯނު ނެގުމާއެކު ސުމާ ބުނީ އެމީހުން ތިބީ ރީކާގެ ކޮޓަރީގައި ކަމަށާއި ވަރަށް އަވަހަށް އެތަނަށް އައުމަށެވެ. ލަޔާނާގެ ކޮޓަރީގައި ނިދަންތިބި ބަޔަކު މިދަންވަރު ރީކާގެ ކޮޓަރީގައި ކުރަނީ ކީއްބާއޭ މައިރާގެ ހިތައްއެރިއެވެ.
ބިރުންހުރެ މައިރާ ދޮރުހުޅުވާލާފައި ނިކުތްއިރު ސިޓިންގރޫމާއި އެންމެ ކައިރީގައި ހުރި ރީކާގެ ކޮޓަރި ދޮރުވެސް ހުޅުވާލި އަޑުއިވުނެވެ. މައިރާ ބަލައިލިއިރު ސުމާ ބޯދިއްކޮށްގެން އޮތެވެ. އޭނާ ފެނުމުން ހާސްވެފަ ހުރެ ސުމާ ހަނާ އަޅާލި ގޮތަކުން ދުވެފަ ދެވުނެވެ.
ކޮޓަރި ދޮރުމައްޗަށް އަރާބަލައިލިއިރު އެތެރޭގައިތިބި އޭނާގެ ތިންއެކުވެރިންގެމޫނުންވެސް ފެނުނީ ހާސްކަމެވެ. ބިރާއި ސިހުމެވެ.
“މިތާ ކީއްތިކުރަނީ…ކަލޭމެން އަހަރެން ބިރުގަންނަވަނީ ދޯ..ފާޑު ފާޑުގެ އަޑުއަޑު ލައްވާފަ” މައިރާއަށް އަހާލެވުންއިރު ހިނިއަންނަން އުޅުނަސް އެކަމެއްނުވިއެވެ. އެކުވެރިން ސަމާސާކުރީއޭ ހިތާ ހިތްހަމަ ޖައްސަން އުޅުނަސް އެކުދިންގެ މޫނުގައި އެވާ ސީރިއަސް އަސަރަކުން އެގޮތައް ގަބޫލުކުރެވޭނީ ކިހިނެއްޔެވެ.
މައިރާ ބުނިއެއްޗެއްގެ އަޑު އިވިފަ އެންމެން އޭނާއަށް ސުވާލުގެ ނަޒަރަކުން ބަލަންފެށުމުން ބިރުންހުރެ އޭނާއަށް މިރޭ ދިމާވިކަންތައް ކިޔާދިންއިރު އަޑުވެސް ތުރުތުރު އެޅިއެވެ.
އެވާހަކަތައް އަހާފަ އެކުވެރިން ބުނިއެއްޗަކުން މައިރާ އިތުރަށް ބިރުގަތެވެ. ސުމާ ބުނީ އެމީހުން އެކޮޓަރި ތެރޭ ފާޑަކަށް ހައްޔަރުވެފަ ތިބޭތާ ގަޑިއެއްހާއިރު ވެދާނެކަމަށެވެ. ސުމާ ބުނިގޮތުންނަމަ އެމީހުން ލަޔާނާގެ ކޮޓަރިއަށް ނިދަން ވަދެ އަލުން ބޭރަށް ނިކުތީ ސިޓިންގްރޫމްގައި ޕިއްޒާ ކޭތަން ސާފްނުކުރެވި ހުރުމުން މާދަން ވާއިރަށް ހިނިއަރާފާނެތީ އެތަން ސާފްކޮށްފަ ނިދަންކަމަށެވެ. އެކަމަކު ނިކުމެ ތިންކުދިން ސިޓިންރޫމް ސާފްކުރަން ތިއްބާ އެމީހުން ކުރިކަނޑާލި ގޮތްނޭނގޭ ހިޔަންޏަކާއެކު ބިރުވެރި އަޑެއްއިވި ތިންމީހުން ދުވެފަ އައިސް ރީކާގެ ކޮޓަރިއަށް ވަނީއެވެ. އެތާ އެކުދިންތިބޭތާ ގަޑިއެއްހާއިރު ވެދާނެކަމަށާއި ފާޑުފާޑު ނާމާން އަޑުއިވޭތީ ނިކުންނަން ނުކެރިފަ ތިބީކިމަށެވެ. އެމީހުން ފުރަތަމަހީކުރީ މައިރާ އެމީހުންނަށް ބިރުދައްކަނީ ކަމަށާއި އެކަމަކު އެކަންކަމުގައި އާދަޔާހިލާފު ގޮތެއް ހުރުމުން މައިރާނޫންކަން ޔަގީންވިކަމަށެވެ.
“އަސްލުވެސް ތިހެދީ ހަމަތެދެއްތަ؟” އެތެރެއަށް ވަދެ ސުމާގެ އަތުގަ ހިފާލެވުންއިރު މައިރާގެ އަޑުން ބިރުގަތްފަ ހުރިވަރު ހާމަވިއެވެ.
“ދެން އެކަމު ކީއްވެ ލަޔާނާގެ ކޮޓަރި ދޮރުމަތީ ތިމީހުންގެ ފައިވާންތައް އެހުރީ” މައިރާ އަހާލިއެވެ.
އެއަޑުއިވިފަ އެންމެންގެ ލޯބޮޑުވިއިރު ތިހެންވެގެން ނުވާނޭ ބުނެލެވުނެވެ. އެފައިވާންތައް ލަޔާނާގެ ކޮޓަރި ދޮރުމަތީ ހުންނަންޖެހޭނެ އެއްވެސް ސަބަބެއްނެތެވެ. ޔަގީންވާކަމަކީ އެމީހުން ސިޓިންގ ރޫމު ސާފްކުރަންއައީ ފައިވާނަށް އަރައިގެންނެވެ. ވީއީރު ފައިވާންތައް އެހާ ދުރަށް ޔަގީނުންވެސް އޭގެ އަމިއްލަ ބާރަކު ނުދާނެއެވެ.
“ވެދާނެއްނު އެއުޅުނު ނުފެންނަ މަހުލޫގެއް މައިއަށް އަހަރެމެން ތިބީ އެކޮޓަރީގަކަން ދައްކަން އުޅުނީކަމަށް..އެކަމު ހަގީގަތަކީ އަހަރެމެން މިއޮއްހުރިހާއިރު ތިބީ މިކޮޓަރީގައޭ..” ލަޔާނާ ބުންޏެވެ.
“އަސްލުވެސް ތިމީހުން ތިހަދަނީ ދޮގެއްނޫންތަ؟؟” މައިރާއަށް އަހާލެވުނެވެ. އަދިވެސް ހިތްގަބޫލު ކުރަން ދެކޮޅުހަދާތީއެވެ.
“އަޅެ އާންއޭ…އަހަރެމެން ކީއްކުރަންތަ ދޮގުހަދަންވީ….ބަލާބަލަ ރީކާ ފަކީރު އިންހާލު…ޔަގީން ކޮންމެސް ކަމެއް އެބައުޅޭ..” ނުސީދާކޮށްނަމަވެސް އެމީހުން ހަދަނީ ދޮގުކަމަށް މައިރާ ބުނާތީ ސުމާ ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ.
މައިރާ ބަލައިލިއިރު ތެދެކެވެ. ރީކާ ފަކީރު ބިރުންގޮސް އިނީ ފާޑަކަށް ރޮވިފައެވެ. އަދި އެކުއްޖާ ލައިގެން އިން އަޅިކުލައިގެ ޓައިޓު ދެފައިދޭތެރޭން ތެމިފަ ހުރުމުން ގަޔަށް ކުޑަކަމު ދެވިފަ ހުރިކަންވެސް ޔަގީންވިއެވެ. ރީކާއަކީ ރަނގަޅަށް ބްލެޑާ ކޮންޓްރޯލް ކޮށްލެވޭ ކުއްޖެއްނޫނެވެ. މާވަރަކަށް ހުނަސް ، ކެއްސިޔަސް ދާދި ފަސޭހައިން ގަޔަށް ލެވިދާނެއެވެ. ރީކާ ހުރިހާލު ފެނިފަ މިފަހަރު ހިނިއަންނާކަށްވެސް ނުކެރުނެވެ. ބަދަލުގައި އޭނާވީ ހަމްދަރުދީއާ ބިރެވެ.
ކޮންމެސް ކަހަލަ ރޫހާނީ ކަންތައްގަޑެއް އުޅޭކަން އެންމެނަށްވެސް އެއްބަސް ވެވިއްޖެއެވެ.
“އަލިވިލެންދެން އެންމެން އެކީ މިގޮތަށް ތިބޭނީދޯ” ފޯނުން ގުރުއާން ޖަހައިގެން އެންމެން އެއްތާކަށް ބޮޑިވެލިއެވެ.
އިރުކޮޅަކު އެހެން ތިބެލާފަ އެންމެން އެކީ ނިކުތީ މައިރާ ފާހާނާއަށް ދާންބޭނުންވެ އެކަނި ދާން ނުކެރިގެންނެވެ. މައިރާ އެތެރެއަށް ވަނީ އެކުވެރިން ފާހާނާ ބޭރުގަ ބައިތިއްބާފައެވެ. އޭނާ ކުރިކަމެއް ކޮށްގެން ފާހާނާއިން ނިކުންނަން ތަޅުގަ ހިފާލިއިރަށް މުޅިގެއިން ކަރަންޓުދިޔުމުން ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ. ލޮލަށް އިނގިލި ކޮއްޕާލިޔަސް ވަކިނުވާނެފަދަ ކަށްވަޅުފަދަ އަނދިރިކަމެކެވެ. މިރޭ އެހާ ބިރުން ތިއްބާ މިފަދަ އަނދިރިކަމަކުން ހިތްނުވިރި ހުންނާނެހެއްޔެވެ.
މައިރާ ރޮއެގަންނަމުން އެކުވެރިންނަށް ގޮވިއިރު އެމީހުންގެ އަޑެއް ބަޑެއް ނީވެއެވެ. އެމީހުން އެދިޔައީ ކޮންތާކަށްހެއްޔެވެ. މައިރާ ރޮއެހޭރެމުން އެގޮތްމިގޮތުން ފާހާނާއިން ނިކުތެވެ. އެކަމަކު ގޭތެރޭގައި އެއްވެސް މީހަކު އުޅޭކަމުގެ ހިލަމެއް ނެތެވެ. އަނދިރިކަމުން ތަނެއްފެންނަނީއެއްނޫނެވެ.
“ސުމާ…..ރީކާ…..ލަޔާނާ…” މައިރާ އަޑުގާނެތްތަނަށް ފަހަރަކު މީހެއްގެ ނަމުން ގޮވަމުން ގޮތްހުސްވެގެން ބިންމައްޗަށް ތިރިވިއެވެ. ގޭތެރޭގައި އޭނާ ގޮވިއަޑު ގުގުމުން ފިޔަވާ އިތުރު އަޑެއް ނެތެވެ. ކުއްލިއަކަށް މީހަކު އައިސް ކައިރިއަށް ހުއްޓިލިކަން އެނގި ގަތްބިރުން މައިރާ ތެދުވެ ތަނެއްދޮރެއް ނުފެނުނަސް ކުރިއަށް ދުއްވައިގަތެވެ. މައިރާއަށް ހުއްޓިލެވުނީ ބަދިގެއިން ފާޅުވާން ހުރި ފަނޑުއަލިކަމުންނެވެ. ބަދިގޭގެ ކުޑަދޮރަކީ އެމީހުން އަބަދުވެސް ހުޅުވާލާފަ ބަހައްޓާ ކުޑަދޮރެކެވެ. އެތަނުން ރޭގަނޑުގެ ހަނދުވަރުގެ އަލިކަން ފަނޑު ގޮތަކައް އެތެރެއަށް އެޅިފަ ހުއްޓެވެ. އެކަމަކު ހިތް ގުޑައިގެން ދިޔައީ ކުޑަދޮރުކައިރިން ފެނިލި މަންޒަރަކުންނެވެ. މުޅި ގައިން ހީބިހި ނެގިއިރު މެޔަށް ފިނިވެގެން އައެވެ. ކުޑަދޮރު ކައިރީގައި މީހާ ނުފެންނަވަރުގެ ބޮޑު ކަޅު ހެދުމަކުން ފޮރުވިގެން ފުރަގަސްދީގެން އެހުރީ ރީކާއެވެ. ހަމަ ރީކާގެ އެދިގު އިސްތަށިގަނޑެވެ. ޖެހޭ ވައިރޯޅިއާއެކު އެދިގު އިސްތަށިގަނޑު ވަޔަށް އަރައިގެން ދާގޮތުން އިންތިހާ ނާމާނެވެ. އެކަމަކު އެއީ ރީކާ ނޫންކަން މައިރާއަށް ޔަގީންވިއެވެ. މިއީ ރީކާގެ ސިފައިގައި އަރާހުރި ޖިންނިއެކެވެ. އެކުވެރިންގެ ދުވަސް ދުއްވާލާފައި މިހުރީ އައިސް އޭނާގެ ފުރާނާ ދަމައިގަންނާށެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގި އެހެން ހުއްޓާ މައިރާގެ ހިތްގުޑައިގެން ދިޔައީ އޭނާއާއި ވީ ފަޅިއަށް ރީކާ އެނބުރިލުމުންނެވެ. ރީކާގެ ދެލޮލުން ރޮނގަކަށް ލޭ ފައިބާފަ ހުރިއިރު މޫނުމަތީގައި ހުރީ ދުވަހަކު ނުދެކޭހާ ހުތުރުކަމާއި ބިރުވެރިކަމެކެވެ. އަދި ވައިރޯޅި ޖެހިލިގޮތުން އިސްތަށިތައްފައިބައިގަނެ މޫނުން ބައެއް ކަޝްފުވުމުން އިތުރަށް ނާމާންވިއެވެ.
ރީކާ އޭނާއާދިމާލަށް ނާމާން ބެލުމަކުން ލޯ ވަށްކޮށްގެން ކަޅީޖަހާނުލާ ބަލަން ހުރެ އަންނަން ފެށުމުން މައިރާގެ މެޔަށް ހޫނުފެންއެއްޗެއް އަޅާލިފަދަ އިހުސާސެއް ކުރެވުނެވެ. ރީކާގެ ސިފަޖެހިގެން މިހުރި ޖިންނި މިއަންނަނީ އޭނާގެ ފުރާނަ ލުހެލަންކަން އެނގުމުން މައިރާއަށް މިމުސީބާތުން ސަލާމަތްވާން ހަދަންވީ ގޮތެއްނުވިސްނުނެވެ. އެކަމަކު އެވަގުތު އޭނާގެ އެޑްރެނާލިން ހޯރމޯން ކެކިއަރައިގަތުމުން މައިރާއަށް އެކަންކޮށްލަން ހިއްވަރު ލިބި އަރައިގަތީ ކޮންބާރެއްކަމެއްވެސް ނޭނގެއެވެ. ކަރުބުޑުން ހަޅޭއްލަވައިގަނެ މައިރާ ދުވެގޮސް ގައިހުރި ބާރަކާއެކު ކުރިމަތީ ހުރި ޖިންނިގެ މޭގައަޅާ ކޮށްޕާލީއެވެ. އެވަގުތު އެމަހުލޫގް ވިއްސައިގެންގޮސް ބަދިގޭ ކުޑަދޮރުން ދެވަނަފަންގިފިލާގެ މަތިން ވެއްޓެން ދިޔައެވެ. ހަމަ އެސިކުންތުގައި މުޅި ގޭތެރޭގައި ހަޅޭކުގެ އަޑު ގުގުމާފައި ކަރަންޓްއައިސް މުޅިތަން އަލިވެއްޖެއެވެ.
މައިރާއަށް މާނޭވާލެވި އަޑުތައް ވަކިވާވަރުވީއިރު އައިނައިތަނެއް ނޭނގި ސުމާއާ ލަޔާނާ ރީކާއަށް ގޮވަމުން ދުވެފަ އައިސް ކުޑަދޮރުން ބޭރުބަލައިލަނީއެވެ.
“ޝިޓް..މައިރާ ކީއްތަތިކުރީ އެއީ ރީކާއޭ” އެހެން ބުނެވުން އިރު ސުމާއަށް ރޮއެގަނެވިއްޖެއެވެ.
ސުމާއާ ލަޔާނާ ރޮއެގަނެފަ ރީކާ ވެއްޓިފައޮތްތަނަށް ތިރިއަށްދާން ސިޑިއާއި ދިމާލަށް ދުއްވައިގަތްއިރު ޖެހިބުދެއްހެން ގަޑުވެފަ މައިރާއަށް ބަލަންހުރެވުނެވެ. ސުމާ އެބުނެލި އެއްޗަކާ ހިނގާ އެދިޔަ ކަންތައް ސިކުނޑިއަށް ނަގައިގަންނަން ފަސޭހައެއް ނުވިއެވެ. އޭނާ ގުޑިލަންވެސް ނޭނގި ބިންމަތީ އޮތް ރީކާގެ ހަށިގަނޑަށް ބަލަން ހުރީ ފާޑަކަށް ޝޮކެއްގައެވެ. ލޮލަށް ގިނަވި ކަރުނައިގެ ތެރެއިން ފުސްކަމާއެކު ބަލަން ހުއްޓާ ސުމާއާއި ލަޔާނާ ދުވަމުންގޮސް ރީކާގެ ހަށިގަނޑު ކައިރިއަށް ހުއްޓިލިތަން ފެނުނެވެ.
ސުމާ ކުޑަކަކޫ ޖަހާ އިށީންއިރު ރީކާގެ ލޯމެރިފަ އެއްވެސް ހަރަކާތެއްނެތެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން އޭނާ ރީކާގެ ކަރުދޮށުގަ އަތްލިއިރު އެހާއަވަހަށް ވިންދެއްނެތެވެ. ކުއްލިއަކަށް އަތްދަމައިގަނެވި ބިރާއެކު ލަޔާނާގެ މޫނަށް ބަލައިލެވުންއިރު އެކުއްޖާފުޅުވެސް ރޮއެރޮއެ އަވަދިވަނީއެވެ. ރީކާގެ ބޮލުން ބިންގަނޑަށް ފޭދުނު ބިޔަ ލޭގެ ކޯރު ފެނިފަ އޭނާގެ މުޅި ވުޖޫދުވެސް ތުރުތުރު އަޅައިގަތެވެ. ރީކާގެ ފުރާނަނެތްކަން ޔަގީންކުރެވުނެވެ. އެންމެ ދެފަންގިފިލާގެ ދޭތެރޭގަ ހުރި ދުރުމިންވެސް އިންސާނަކު މަރާލަން ފުދިއްޖެއެވެ. އެދެމެދުގަ ކުޑަ ދުރުމިނެއް ހުއްޓަސް ރީކާގެ ބޯ ގޮސް ބިންގަނޑުގަ ޖެހުނު ގޮތަކުން މާބޮޑުވަރުވީއެވެ.
“ކޯލް އެމްބިއުލަންސް” ސުމާ ހަޅޭއްލަވައިގަތެވެ. އޭރު އެއިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަން އިންނަ މުވައްޒަފުވެސް ދުވެފަ އައިސް އެތަނާ އަރާ ހަމަވެއްޖެއެވެ.
ތިންއަންހެން ކުދިން މައިރާ ބިރުގަންނަވާލަން ސަކަރާތެއް ޖަހާލިއިރު މިކަމުގެ ސަބަބުން މިވަރުގެ ކަންތައްގަނޑެއް ހިނގާނެކަމަކަށް އެކަކުވެސް އުއްމީދެއް ނުކުރެއެވެ. ހަގީގަތަކީ އެގޭތެރޭގައި މިރޭ ހިނގީޔާ ހިނގިކަމަކީ ގަސްތުގަ ރޭވިގެން ހިނގިކަންކަމެވެ. މައިރާ ބިރުގަންނަވަން ޖެހިހާ ސަކަރާތެވެ. ފިލްމު ބަލާ ނިންމާލާފައި އެމީހުން މައިރާ ބިރުގަންނަވަން ގޮސް ދޮރުގަ ނިޔަފަތި ކާއްތާ ތަޅުގަ ހިފާފަ މައިރާ އަށް ފެނުމުގެ ކުރިން ދުވެފަ ރީކާގެ ކޮޓަރިއަށްވަދެ ފިލީއެވެ. ފައިވާންތަކާއެއްޗެހި ގެންގޮސް ލަޔާނާގެ ކޮޓަރި ކުރިމަތީ ބެހެއްޓީ މައިރާއަށް އިތުރަށް އޮޅުވާލާށެވެ. ހަގީގަތް ނޭނގިހުރެ މައިރާ ރުޅިގަދަވެގެން ގޮސް ލަޔާނާގެ ކޮޓަރީގައި ތެޅިއިރު އިވުނު ސިއްރު ހުނުމުގެ އަޑަކީ މައިރާ އުޅޭ ގޮތްއިވިފަ ކެތްނުވެގެން ހެވުނީއެވެ. އަދި މައިރާއަށް ފަހުން ތަނެއްގަ ތަޅާއަޑުވެސް އިއްވީ އެތިންމީހުން އެއްފަހަރާ ގޮށްމުށް ކަވާފަ ފާރުގަ ތަޅައިގެންނެވެ. ރީކާ ގަޔަށް ކުޑަކަމުދެވުނީއޭ ކީއިރު، އެކަމުގެ ހަގީގަތަކީވެސް ރީކާ ފެންބޯން އުޅުން އިރު މައިރާ ބިރުން ތެޅިފޮޅޭނެވަރު ހިތަށްއަރާފަ ހެވިގެން ފެންތައް އުނގަށް ބަންޑުންވީއެވެ. ފަހުން ގަސްތުގަ ގެއިން ކަރަންޓު ކަނޑާލައިގެން ރީކާ ގޮތިކް މޭކަޕް ކުރުވާ މޫނުމައްޗެއް އަޅުވާލައިގެން ހުރިހާ ކަމެއްރާވައިގެން ގެންދިޔައިރު މިފަދައިން މިކަން ބަދަލުވެދާނެކަމަށް ހިއެއްނުކުރެއެވެ.
މައިރާ ބިރުގަންނަވަން ކުރިހާ ކަމެއް ވިހަވެ މިކަމުގެ ތެރޭން އެކުވެރިޔާ އަބަދަށް އެމީހުންނާ ވަކިވާނެކަމަށް އުއްމީދުކުރާނީ ކާކުހެއްޔެވެ. ސަކަރާތްބޮޑުކުރަން ހަދައިގެން މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެޒުވާން އަންހެން ކުދިންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިގަތީއެވެ.
ކުށްވެރިކަމުގެ އެތައް އިހުސާސަކާއެކު ސުމާއާއި ލަޔާނާ ރޮމުން ދިޔައިރު އެންބިއުލާންސް އައިވަގުތާއި އެކީ ފުލުހުންވެސް އެތަނަށް އައިސްފިއެވެ. އޭރު އެމަންޒަރު ދެކެން ދެވަނަ ފްލޯރގައި މައިރާ ހުރިއިރު ދެލޯ ފުރިގެން ކަރުނަ ފައިބަނީއެވެ. މިކޮޅިގަނޑު މިފަހަރު އެންމެންގެ ދިރިއުޅުން ބަރުބާދުކޮށްލާނެއެވެ. މީހެއްގެ ދަރިއެއްގެ ފުރާނަ އެމީހުންގެ އަތުން ދިޔައިރު މިދުނިޔޭގައިދެން އެމީހުންނަށްވަކި ހަމަޖެހިގެން އުޅެވިދާނެހެއްޔެވެ. އެކަމުގެ އަދަބު ނުލިބޭނެގޮތެއް އޮންނާނެހެއްޔެވެ.
ބައެއްފަހަރު އަހަރެމެން މަޖާކޮށްލަން ހަދާ ކުދި ދޮގާ ކޮށްލެވޭ ކަންތައްތައް ގޯހުން ގޯހަށް ގޮސް ހާދަ ހިތްދަތިވި ހިތި ނަތީޖާތަކާ ކުރިމަތިލާން ޖެހެއެވެ.
(ނިމުނީ)
19 Comments!
Comments are closed.

Mimmi heekuree feshi gothun biruveri story eh kamah….but the twist was really unexpected…. Biruveri thankolhu thah sifa kohdheefa huree vrh furihama koh… Heevanee Hama horror story eh kiyaahen…. Stryge iburai vrh Reethi ☺️? mashallah… I think u should write a horror stry… ?? vrh vrh obii vaane Eyrun… I love biruveri stories ❤️❤️❤️ ?? BTW Mimmi first dhw
Wow…. It’s awesome ingey ?? no mistakes..everything just perfect
Thanks
It’s obi…Aireen ge kuru vhk abadhuvx kiyaa hiyy vey??…v kiyaa hithun kiyany vx..Hope to c more n more stories from ya
Obbiness to the max… V salhi Mi story…. Aireen ge ithuru story thakeh fennaane kamah ummeedhu kuran…
Ma sha allah❤❤❤❤ vr vr reethi. Hope to read more storues of u dear?
Wowwwwwww….neyge hama bunaane ehcheh vx….varah varah reethi mi story❤️❤️❤️❤️❤️❤️❤️Aireen ge new story thakeh fennaane kamah unmeedhu kuran…luv u dear
Wow varah reethi adhi mikala vaahka eh kiyaalan libyne kamah ummeedhukuran
Aireen varah reethi ingey mi story…… Unmeedhu kuranee aireen ge best reethi story thah fennaane kamah ❤️❤️❤️mi vx varah salhi… Luv u sis❤️❤️best of luck ❤️❤️
Varah reethi . Varah ginain samaasaa vihavey . Mi vaahaka dhaane ibraihtheri category ah ves . Hama habeys.?????????????????????????????????????????????????
Wow. Vrh reethi ingey story. I loved it?.
salhi ingey ehaa biru
aslu ves varah labi adhi kudakoh biruveri ekam varah reethi thi story
I really like this story allways write nice story
i am terrified. so sad and scary isn’t it everyone?
Shaa
Shaakko
Thanks
Liyoo hiikurii biruveri story eh kamah but not horror I love horror story ? i think u adi haasa kon horror story eh neyreyne kamah we will hope. ? mi story ves ugly eh nun Vrh nice masha Allah hama uuuummmmhhh ??????
Very nice wow? I can’t with read your next story love horror … I like it .