Skip to content
އެސްފިޔަ

ހިތް ރުހުނަސް – 01

18 +

ވައިގަދަވެ ވިދާއި ގުގުރަމުން ދިޔައެވެ. ވައިގަދަކަމުން ރުއްގަސްތައްވެސް ހީވަނީ މުލުން ލުހިގެން ހިނގައިދާނެ ހެންނެވެ. ރަށުގެ އަތިރިމައްޗަށް ބޮޑެތި ބިޔަ ރާޅުތަށް ދޮންވެލިގަނޑަށް ބިންދަމުން ދިޔައެވެ. ވެހެމުންދާ ވާރޭގެ ތިކިތަށް ދުނިޔެއަށް އޮއްސަމުންދިޔައެވެ. ހުއްޓުމެއްނެތި ވިދާ ގުގުރަމުންދިޔައެވެ. ފުރަދަންވަރުގެ ތޫފާނީ ރެއެކެވެ.

ރަށަކީ ކުޑަރަށެކެވެ. ފެހިކަންގަދަ ރީތި ރަށެކެވެ. މަގުތަކުގައި ހައްދާފައިވާ ބޮޑެތި ހިޔާ ގަސްތަކުން ރަށުތެރެއަށް ހިތްގައިމުކަމެއް ލިބިގެންވާ ރީތި ރަށެކެވެ. ނަމަވެސް ވެހެމުންދާ ވާރެއާއި ޖެހެމުންދާ ވައިރޯޅީގެ ސަބަބުން މަގުތަކުގައި ހައްދާފައިވާ ގަސްތައްވެސް ހީވަނީ ވަޔާއެކު މުލުން ލުހިގެން ގޮސްދާނެހެންނެވެ. ރަށުގެ އެކިހިސާބުތަކުގައި ގެތަކުގެ ފުރާޅުމައްޗަށް ވެހެމުންދިޔަ ވާރޭ ތިކިތަކުގެ އަޑު ރީތި މިއުޒިކެއް އެކުލެވިފައި ހުއްޓެވެ.

ރަށުގެ މެދެއްހާ ހިސާބު ހުރި ގެއެއްގެ ތެރެއިން އިވުނީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑެވެ. އެގެއަކީ އާދައިގެ ގޮތަކަށް ރާނާއި ޓިނުން ހިޔާކޮށްފައިވާ ގެއެކެވެ. އެގެއަށް ވަންނަ ހުންނަ ދޮރުގައި ހުރީ ނޫކުލައިގެ ދަވާދެއްލާފައެވެ. ބޭރު ފާރުހުރީ ހަތަރުފޫޓޫ ނުވަތަ ފަސްފޫޓަށް ރާނާފައެވެ. އެގޭގެ ވަންނަ ހުންނަ ދޮރުގެ ދެފަރާތުގެ މަގުމައްޗަށްރީތިކޮށް ހައްދާފައިވާ ޖޭމު ގަސްތަކެއްވެސް ހުއްޓެވެ. ފާޜުކައިރީގައި ތަފާތު ވައްތަރުގެ މާމެލާމެލީގެ ގަސްތަކުގެ އިތުރުން ކޮޕީ ފަތް ގަސްތަކާއި މިރުސް ގަސްތައްވެސް ހަންުބުރި ތަކުގައި ހައްދާފައި ހުއްޓެވެ. ވެހެމުންދިޔަ ވާރޭ މެދުކެނޑުމެއްނެތި ވެހެމުންދިޔައެވެ.

އެގެއަށް ވަންނަން ހުންނަ މައިދޮރާށި ހުޅުވުނެވެ. އެގޭގެ ދޮރުމަތީގައި ހުއްޓިލައިގެން ހުރީ ފިރިހެނެކެވެ. އޭނަ ހުރީ ކުޑަކުއްޖެއް އުރާލައިގެންނެވެ. ކުއްޖާގެ ގައިގައި އޮޅާލާފައި އޮތް ފޮތިގަނޑުން ކުއްޖާވަނީ ފޮރުވާލެވިފައެވެ. އެ ފިރިހެންމީހާ އެތުއްތުކުއްޖާގެ މޫނަށް ބަލައިލަމުން ގޭތެރެއިން ނުކުތެވެ. ދޮރުކައިރީގައި ލައްކޮށްލާފައިވާ ވާރޭކުޑަ ހުޅުވާލަމުން މަގުމައްޗަށް ނުކުތެވެ. އޭރުވެސް ވެހެމުންދާ ވާރެއަށާއި ޖެހެމުންދާ ވަޔަށް ބަދަލެއް ނާދެއެވެ. ގޭގެ މައިދޮރާށީ ހުޅުވާ އަޅާލުމަށްފަހު އޭނަ ހިނގަމުން ދިޔައީ ރަށުގެ އަތިރިމައްޗާއި ދިމާއަށެވެ. ވިދާއި ގުގުރަމުންދިޔަ ނަމަވެސް އޭނަގެ އެއްވެސް ފަރުވާލެއްނެތެވެ. ތުއްތު ކުއްޖަކު ގޮވައިގެން ތޫފާނީ ރެއެއްގައި ކުރަން އެއުޅެނީ ކޮންކަމެއްބާއެވެ. އެ ފުރަ ދަންވަރުގައި އެކުއްޖާ ގޮވައިގެން އެމީހާ އެދަނީ ކޮންތާކަށް ހެއްޔެވެ.؟

އެމީހާ ދިޔަގޮތަށް ގޮސް ފޭބީ އަތިރިމައްޗަށެވެ. އެކުއްޖާ އޮތީ އަރާމު ނިންޖަކުން ނިދާލާފައެވެ. ކުއްލިއަކަށް ޖެހި ބާރު ގުގުރިއަކާއެކު އެކުއްޖާ ރޯންފެށިއެވެ. ނަމަވެސް އެކުއްޖާ ހުއްޓުވާކަން އޭނަ މާބޮޑު މަސައްކަތެއް ނުކުރެއެވެ. ދިޔަގޮތަށްގޮސް މޫދުކައިރީގައި މަޑުޖެހުނެވެ. ވައިގަދަކަމުން އަތުގައި އޮތް ކުޑަވެސް ވިއްސައިގެން ދިޔައެވެ. ތުއްތުކުއްޖާގެ މޫނަށާއި އޮޅާލާފައި އޮތް ފޮތިގަނޑު ތެއްމާލައިފިއެވެ. ކަޅުފޮއިރެއެއްގައި ތުއްތު ކުއްޖަކު ގޮވައިގެން އޭނަ ދާން އުޅެނީ ކޮންތާކަށް ހެއްޔެވެ. އިރުކޮޅެއްނުވެ އޭނަގެ މޫނަށް އެޅުނީ ޓޯޗު ބައްތިއެއްގެ އައްޔެކެވެ. މޫނުގައި އަތް އަޅަލަމުން އަތް އެއްފަރާތްކޮށްލެވުނެވެ. އޭރު ކުޑަވަރެއްގެ ބޮއްކުރައެއް އެހިސާބަށް ކައިރިކުރަނީއެވެ. ނަގަމުންދިޔަ ރާޅުތަށް ބޮއްކުރާއަށް ބިންދާލަމުން ދިޔައިރު ބޮއްކުރާ ހީވަނީ ދެންމެ ދެންމެ ބަންޑުންޖަހާލަފާނެހެންނެވެ. އެމީހާ އެކުއްޖާގެ މޫނުގައި އަތް އަޅާލައިގެން ވާރޭގެ ތިކިތަކުން އެކުއްޖާ ސަލާމަތްކުރަމުން ދިޔައެވެ. ތެމި ފޯވެ ހީކަރުވައިގަނެގެން މުޅި މީހާ ތުރުތުރުއަޅަމުން ދިޔައެވެ.

“ހަސަނާ.. ގެނޭ ކުއްޖާ…” ޓޯޗު ބައްތިއަކުން އަލިކުރަމުން އައި މީހަކު އައިސް ހަސަނުގެ ނަމުން ގޮވާލަމުން ކުއްޖާ ދިނުމަށް އެދުނެވެ.

(އިންތިޒާރުކޮށްލައްވާ…)

Comments (5)

  1. Marru

    Pls tag me for all the episodes. I really like this story.

  2. Zoya

    What is going to happen????? Maa kury… Ummeedhu kuran nxt part dhigu vaane kamah… Anyway reethi vaane hen heevany

  3. Lamko

    Salhi ingey…. Waiting for next part…. Varah salhi first vx

  4. Shifna

    Maa kury… Varah reethi vaane hen heevany… Waiting for next part

    1. Jaleel
      Shifna

      Mi part vx varah reethi…. Kn iraku next part up kohladhevey NY….

Comments are closed.