Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެދިގެން ތި ލޯތްބަށް 3

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
September 14, 2019 8 Mins Read
10 Comments

“ޖަވާބު ލިބިއްޖެ ހެން ހީވަނީ” ނަޒްހާ ބުނެލިއެވެ. އަދި ނައިހާގެ ފަހަތުން ދިޔައެވެ.

މުށިތައް މަތީ އޮތް އަނގޮޓިއާ ކެވެލިކޮޅު ނަގައިގެން އިޝާމް ނައިހާމެން ފަހަތުން ދުއްވައިގަތެވެ. ނަމަވެސް އިޝާމްއަށް އެ ކުދިންނާ ހަމައަށް ނުދެވެނީސް، އެ ހިސާބުން ދިޔަ ޓެކްސީއެއް ހުއްޓުވާފައި ނަޒްހާ ނައިހާ ގޮވައިގެން އެރިއެވެ. ޓެކްސީ ދިޔަ ތަން ބަލަން އިޝާމްއަށް ހުރެވުނީއެވެ.

އިޝާމް އެނބުރި ގެޔަށް ވަން އިރު ސިޓިންގރޫމްގައި ހަމްދާއާ ރައުނާ ތިއްބެވެ.

“ކީކޭ ހިތަށް އަރައިގެންތަ ހަމްދާ އެހެން ހެދީ؟” ރުޅި އައިސްފައި ހުރި އިޝާމް ބާރަށް އެހިއެވެ.

“އައިމް ސޮރީ… ވަރަށް ބޮޑަށް ސޮރީ…” ހަމްދާ ބިރުން ހުރެ ބުންޏެވެ.

“ތިހެން ބުނީމަ ނައިހާ ގަބޫލު ކުރާނެތަ؟” ކުއްލިއަކަށް ހަމްދާ ދުރަށް ކޮއްޕާލާފައި އިޝާމް ފޯން ހިފައިގެން ގެއިން ނިކުތެވެ.

ގެއަށް ދިޔަ ގޮތަށް ނައިހާ އެނދުގައި ރޯން އޮތީއެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތުމުން ނަޒްހާ ކޮޓަރިއަށް ގޮސް އެއްވެސް ސުވާލެއް ނުކޮށް ނައިހާ ކައިރީ އިށީނދެގެން އިނީއެވެ. ނަރީމާމެން ފިލްމް ނިންމާފައި އައިސް ނިދި އިރުވެސް އެއްވެސް ކަމެއް ނޭނގެއެވެ.

އެރޭ ދޭއް ޖަހަން ދެން ބޭރުގައި އުޅުނު ނަމަވެސް އިޝާމް ނައިހާ މެން ގެއަކަށް ނުދެއެވެ. ނަމަވެސް ނައިހާއާ ގުޅަން ވަރަށް މަސައްކަތް ކުރިއެވެ. އިޝާމް ފުރަތަމަ ފަހަރު ގުޅުމުން ނައިހާ ފޯން ނިއްވާލީއެވެ. އޭގެ ފަހުން ނަޒްހާގެ ފޯނަށްވެސް އިޝާމް ގުޅިއެވެ. ނަމަވެސް ނަޒްހާވެސް އިޝާމްގެ ފޯނަކަށް ޖަވާބެއް ނުދިނެވެ.

އަނެއް ދުވަހު ހެނދުނު ނައިހާ ހޭލާފައިވެސް ނުތެދުވެ އޮތީ ހުކުރު ދުވަހަށް ވުމުން އެންމެން ގޭގައި އުޅޭނެތީއެވެ. އެކަކާވެސް ކުރިމަތި ލާން ބޭނުން ނުވާތީއެވެ. ދިހައެއް ޖަހަން އުޅެނިކޮށް ނަޒްހާ އައިސް ސައި ބޯން ދާން ބުނުމުން ފޭބި އިރު ނަވާފްއާ ޝާލިޔާ ނޫން އެހެން އެންމެން ތިއްބެވެ. ނައިހާ ހުރި ގޮތް ފެނުމުން ނަރީމާ ހީކުރީ ނައިހާ ބަލީ ކަމަށެވެ.

“ނައި، ބަލީތަ؟ ރޯގާ ޖެހުނީތަ؟” ނައިހާގެ ރަތް ވެފައިވާ ލޮލާ ނޭފަތް ފެނުމުން ނަރީމާ އައިސް ނައިހާގެ ކަރުގައި އަތް ޖައްސާލިއެވެ.

“މަންމާ، އަހަރެން ބޭނުމެއް ނޫން މި ކައިވެނި ކުރާކަށް” ނައިހާ ބުނެލިއެވެ.

“ކީކޭ؟” ނަރީމާއަށް އަހާލެވުނީ އަޑު އިވުނީ ގޯސްކޮށް ކަމަށް ހީކޮށްފައެވެ.

“އަހަރެން ބޭނުމެއް ނޫނޭ އިޝާމްއާ އިންނާކަށް” ނައިހާ ދެވަނަ ފަހަރަށް ބުންޏެވެ.

“ކީއްވެ؟” މި ފަހަރު ސުވާލު ކުރީ ނާއިލްއެވެ.

ނައިހާ ޖަވާބެއް ނުދީ ހުރީއެވެ.

“ނައި، ކީއްވެހޭ؟” ނާއިލް އައިސް ނައިހާ ކައިރިއަށް ހުއްޓިފައި ތަކުރާރު ކޮށްލިއެވެ.

“ސަބަބު ހޯދަންޏާ ތުއްތުބޭ އަހާ އިޝާމް ކައިރީ” ނައިހާ އިސް އުފުލާ ނާއިލްއަށް ބަލާލަމުން އެހެން ބުނެފައި ދުވެފައި ގޮސް މައްޗަށް އެރިއެވެ.

“ނާއިލް، އިޝާމްއަށް ގުޅާފަ އަހާބަލަ ކިހިނެއް ވީތޯ. ކައިވެނި ކުރަން ހުރިހާ ކަމެއް ނިންމާފަ، މިހާ ދުވަސް ކައިރި ވެފަ އޮއްވާ ކަމެއް ނުވަނީސް ނައި ނުބުނާނެ އެހެންނެއް. ނާއިލް، ގުޅާބަލަ” ނަރީމާ ނާއިލްގެ އަތުގައި ހިފަލާފައި ބުންޏެވެ.

ނާއިލްއަށް ނުގުޅިގެން އުޅެނިކޮށް އިޝާމް އައިސް އެ ގެއަށް ވަނެވެ.

“ނައި ކޮބާ؟” އިޝާމް ފެނުމުން އެންމެން ތަފާތު ގޮތަކަށް އިޝާމްއާ ދިމާއަށް ބަލާކަން ފާހަގަ ކުރެވުނު ނަމަވެސް އެކަން އެނގޭ ކަމަށް ނުހަދާ އިޝާމް އަހާލިއެވެ.

“ނައި އެބަ އުޅޭ މަތީގަ. އިޝާމް، އިހަށް މަޑު ކޮށްބަލަ!” އިޝާމް ސިޑިއާ ދިމާއަށް އެނބުރުމުން ނާއިލް އިޝާމްގެ އަތުގައި ހިފެހެއްޓިއެވެ.

“ކަމެއް ވީތަ؟” ނާއިލް އަހާލިއެވެ.

ޖަވާބެއް ނުދީ އިޝާމް އެތާ ތިބި އެންމެންނަށް ބަލާލިއެވެ.

ނަރީމާ އެ ވަގުތު ނޫރާއާ ނާޔާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. ސިޓިންގރޫމްގައި މަޑު ކުރީ އާދިލްއާ ނާއިލްއާ ނަޒްހާއެވެ.

“އިހަށް އަހަރެން ބޭނުމީ ނައިއާ ވާހަކަ ދައްކާލަން” އިޝާމް ބުންޏެވެ.

“ނައި ދެންމެ ބުނެފި އިޝާމްއާ ކައިވެނި ކުރާކަށް ބޭނުމެއް ނޫނޭ. އިޝާމްގެ ފަރާތުން ކަމެއް ވެގެންތަ ނައި އެހެން އެ ބުނީ؟” މި ފަހަރު ސުވާލު ކުރީ އާދިލްއެވެ.

ޖަވާބެއް ނުދީ އިޝާމް އިސް ޖަހާލިއެވެ.

“އިޝާމް…” އިޝާމްގެ އެ ހިމޭން ކަމުން ނާއިލްއަށް ޖަވާބު ލިބުނު ކަހަލައެވެ. އެންމެ ގާތް އެކުވެރިޔާއާ ދިމާއަށް ބާލެވުނީ ނުދަންނަ މީހެއް ފަދައިންނެވެ.

“ނާއިލް ޕްލީޒް… ނައިއާ ވާހަކަ ދައްކަން ބޭނުން… މިސްއަންޑަސްޓޭންޑިންގ އެއް އެއީ…” އިޝާމް އަނެއްކާވެސް އެދުނީ ނައިހާ އާ ބައްދަލު ކުރާށެވެ.

“މިސްއަންޑަސްޓޭންޑިންގ އެއް ނޫން އެއީކީ. އިޝާމް ނައިއަށް އޮޅުވާލީ، ދޮގު ހެދީ. ލޮލަށް ފެނުނީމަވެސް އަދިވެސް އިތުރަށް އޮޅުވާލަންތަ ތި އުޅެނީ؟” ނަޒްހާ އެ ވަގުތު ބުންޏެވެ.

“ނޫން ނަޒް، ތިހެންނެއް ނުނޭ ވީކީ… އަހަރެން ތެދަށް ކިޔާދޭނަމޭ. ނާއިލް، އަހަރެން ނައިއާ ވާހަކަ ދައްކާލަން ޗާންސެއް ދީ. އަހަރެން ކިޔާދިނީމަ ނައި ގަބޫލު ކުރާނެ” އިޝާމް އެކުވެރިޔާ ކައިރިން އެދުނެވެ.

“އިޝާމް ކިޔާދޭން އިތުރު ކަމެއް އޮތީތަ އަދިވެސް؟ ފެނުނު ކަންތައް މަދީތަ؟” ނަޒްހާ ރުޅި އައިސްފައި ހުރެ އަހާލިއެވެ.

“ނަޒް، ކިހިނެއްތަ ވީ؟” ނާއިލް އެހިއެވެ.

ނަޒްހާ ފެނުނު މަންޒަރު ކިޔާދިނެވެ. އެއާއެކު ނާއިލް އިޝާމް ލައިގެން ހުރި ޓީޝާޓްގެ މޭމަތިން ހިފާ ބޮނޑި ކޮށްލަމުން އިޝާމް ފަހަތަށް ކޮއްޕާލިއެވެ.

“ނާއިލް!” އާދިލް ތެދުވެގެން އައިސް ނާއިލްގެ ގައިގައި ހިފާ ދުރަށް ގެންދިޔައެވެ.

“ނައިހާ އިޝާމްއާ ވާހަކަ ދައްކަން ބޭނުމިއްޔާ ގުޅާނެ، އިހަށް އިޝާމް ދޭ” އާދިލް ބުންޏެވެ.

ހަދާނެ އެހެން ގޮތެއް އެ ވަގުތު ނެތުމުން އިޝާމް ނިކުތެވެ.

ނައިހާ އެއް ގޮތަކަށްވެސް އިޝާމްއާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އެ ގޭ އެކަކުވެސް އިޝާމް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއެވެ.

އިޝާމް މެން ގޭ މީހުންނަށް އެ ކަންތައް އެނގުނީ އޭގެ އަނެއް ދުވަހުއެވެ. އާސިމްއަށް ގުޅާފައި ވީ ގޮތް ބުނެދިނީ ނަރީމާއެވެ.

އިސްރާ ނޫނިއްޔާ އިޝާމްގެ ވާހަކަ އެ ގޭ މީހަކުވެސް އަޑު ނޭހިއެވެ. އިސްރާއަށް ހަމްދާ އެ ވާހަކަތައް ކިޔާ ދިނުމުން ހަމްދާ ދެކެ އިސްރާ ރުޅި އައީ، ބޭބެގެ ދިރިއުޅުން ހަމްދާގެ ސަބަބުން ހަލާކު ވީތީއެވެ. އާސިމާވެސް ހުރީ އިޝާމް ދެކެ ރުޅި އައިސްފައެވެ. އިޝާމްގެ ފަރާތުން އިސްރާ ވާހަކަ ދައްކަން އައުމުން އިސްރާ ދެކެވެސް އާސިމާ އައީ ރުޅިއެވެ.

ޔަޒާންއާ ނައިހާއާ ދިމާވީ އޭގެ ދެ މަސް ފަހުންނެވެ. ޔަޒާން ނައިހާއަށް ލޯބި ހުށައެޅުމުން ނައިހާ އެ ލޯބި ގަބޫލު ކުރީ އިތުރު ވިސްނުމަކާ ނުލައެވެ. އެކަކު އަނެކަކާ ދިމާ ވިތާ ދެމަސް ފަހުން ކައިވެނީގެ ވާހަކަ ދެއްކީ ޔަޒާންއެވެ. ވަގުތުން ނައިހާ އެއްބަސް ވިއެވެ.

ޔަޒާން ކުރިން ކައިވެންޏެއް ކޮށްފައިވާ ކަން ނައިހާއަށް އެނގުނީ ޔަޒާންގެ މަންމަގެ ފަރާތުންނެވެ. ކައިވެނީގެ ވާހަކަ ދެއްކި އިރު ޔަޒާން އަމިއްލައަށް އެ ވާހަކަ ނައިހާ ގާތު ނުބުނީ ކީއްވެ ބާއޭ ހިތަށް އެރި ނަމަވެސް އެކަން ނައިހާ ބޮޑު ކަމަކަށް ނުހަދައެވެ. ފަހުން އެހުމުން ޔަޒާން ބުނީ ނައިހާގެ މާޒީއާ ބެހޭ ގޮތުންވެސް ޔަޒާން އެއްވެސް ސުވާލެއް ނުކުރާ ވާހަކައެވެ. ތެދެކެވެ. އިޝާމްގެ އެއްވެސް ވާހަކައެއް ނައިހާ ޔަޒާންއާ ހިއްސާއެއް ނުކުރެއެވެ. ޔަޒާން ސުވާލެއްވެސް ނުކުރެއެވެ.

ޔަޒާންއާ މެދު ނައިހާ ކަންބޮޑު ވާ އޮތީ އެހެން ކަމެކެވެ. ޔަޒާންއަކީ އަބަދުވެސް ރައްޓެހިންނާ އެކީ ބޭރުގައި އުޅެން ބޭނުން ވާ މީހެކެވެ. ނައިހާ ބޭނުން ވަގުތަކު ޔަޒާންއާ ފޯނުންވެސް ވާހަކަ ދެއްކޭނީ މަދު ފަހަރަކުއެވެ. ނަމަވެސް ޔަޒާން ގުޅާ ފަހަރަކު، ނުވަތަ ބައްދަލު ކުރަން ބުނާ ފަހަރެއްގައިވެސް ނައިހާއަށް ވަގުތު ނުދެވިއްޖެ ނަމަ ޔަޒާން ހިތްހަމައެއް ނުޖެހެއެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމަކާ ނައިހާ މާ ބޮޑަކަށް ނުވިސްނައެވެ.

ގޭ މީހުން ކައިރީ ނައިހާ ކައިވެނީގެ ވާހަކަ ބުނުމުން އެންމެންވެސް އެދުނީ އަދި ދުވަސްކޮޅަކު މަޑުކޮށްލުމަށެވެ. ނަމަވެސް ނައިހާ އެކަކުގެ އަޑެއްވެސް ނޭހިއެވެ. ގޮތް ދޫނުކޮށް ބޭނުން ވީ ވީހާވެސް އަވަހަށް ކައިވެނި ކުރާށެވެ. ހީވީ އިޝާމްއަށް ކަމެއް ދައްކަން އުޅުނު ހެންނެވެ. އެންމެ ފަހުން ނިމުނީ ޔަޒާންއާ ބައްދަލު ވިތާ ހަތަރު މަސް ފަހުން ކައިވެނި ކުރާ ގޮތަށެވެ.

ނައިހާގެ ކައިވެނީގެ ޚަބަރު އިޝާމްއަށް ލިބުނީ ރައްޓެއްސެއްގެ ފަރާތުންނެވެ. ނައިހާއާ މައްސަލަ ޖެހުނު ދުވަހުން ފެށިގެން ނާއިލް ވަނީ އިޝާމްއާ ގުޅުން ކަނޑާލާފައެވެ. އިޝާމް ގުޅަން މަސައްކަތް ކުރި ނަމަވެސް ނާއިލް ވަނީ އިޝާމްގެ ނަމްބަރު ބްލޮކް ކޮށްފައެވެ.

 

ޔަޒާންއާ ކައިވެނި ކުރިތާ މާ ގިނަ ދުވަހެއް ނުވެ، އެ ކައިވެނި ކުރެވުނީ މާ އަވަހަށް ކަން ނައިހާއަށް ވިސްނުނެވެ. ޔަޒާންއަކީ ނައިހާ ހީކުރި ފަދަ މީހެއް ނޫނެވެ. އެއީ އަވަސް އަވަހަށް ރުޅި އަންނަ މީހެއް ކަމާ، ކަންތައްތައް ނިންމުމުގައި ނައިހާގެ ޚިޔާލެއް އަޑު އަހަން ޔަޒާން ބޭނުން ނުވާ ކަމާ، ކިތަންމެ ކުޑަ ކަމެއް ނައިހާ ކުރަން ވިޔަސް އެކަމަކާ އެކި ގޮތްގޮތަށް ސުވާލު ކޮށް ޒުވާބު ކުރަން ޔަޒާން ބޭނުން ވާ ކަން ނައިހާއަށް އެނގުނީ މާ ފަހުންނެވެ.

ކައިވެންޏަށް އަހަރެއް ވީ އިރު ޔަޒާންއާ ނައިހާ ޒުވާބު ކުރަން ނުޖެހޭ ހަފްތާއެއް ނުދެއެވެ. ނައިހާއަށް ކުރެވޭ ކޮންމެވެސް ކަމަކާ ހިތް ހަމަ ނުޖެހިގެން ޔަޒާން ނައިހާއާ ދިމާއަށް އެއްޗެއް ނުބުނާ ދުވަހެއް މަދު ވާނެއެވެ.

ނައިހާއަށް އެންމެ މާފު ކުރަން އުނދަގޫ ވި ކަމެއް ޔަޒާން ކުރީ ކައިވެންޏަށް ދޮޅު އަހަރު ވާން އުޅެނިކޮށެވެ. ޔަޒާންއާ އެހެން އަންހެން ކުއްޖަކާ ގުޅުމެއް އޮތް ހެން ނައިހާއަށް ހީ ވެގެން ނައިހާ ސުވާލު ކުރުމުން ޔަޒާން ދެކޮޅު ހެދިއެވެ. ނަމަވެސް ދެންވެސް ނައިހާއަށް ގަބޫލު ނުކުރެވުމުން ޔަޒާންއަށް ފާރަ ލީ ޔަޒާންގެ އަންހެން ކޮއްކޮ ޔުސްރާގެ އެހީގައެވެ. ދެ މީހުން އެކުގައި ތިއްބާ ފެނުނީ ނައިހާއަށް އެކަންޏެއް ނޫނެވެ. އެރޭ ޔުސްރާއާ ޔުސްރާގެ ފިރިމީހާ ނަވީންވެސް ނައިހާއާ އެކު ތިއްބެވެ.

ނައިހާ ގެޔަށް އައިސް ޔަޒާންގެ މަންމައާ ބައްޕައަށް ހުރިހާ އެއްޗެއް ކިޔާދިނެވެ. އަދި ހަމަ އެރޭ އެ މީހުންގެ ކުރިމަތީ ޔަޒާން ކައިރިން ވަރިއަށް އެދުނެވެ. ޔަޒާން ވަރި ކުރަން ދެކޮޅު ހެދުމުން ރުޅި އައިސްގެން ގެޔަށް ގޮސް ތިން ދުވަސް ވަންދެން ނައިހާ ގޭގައި ހުރި އިރު އެއްވެސް މީހަކަށް ކަމެއް ވެގެން އުޅޭ ކަމެއް ނައިހާ ނާންގައެވެ. ނަމަވެސް ގޭގައި ހުރި ތިން ވަނަ ދުވަހު ނައިހާ ބަލިވެ އިން ކަން އެނގުމުން ޔަޒާންއަށް މާފުކޮށްފައި އަލުން ޔަޒާންއާ އެކު ދިޔައީ ލިބެން އުޅޭ ދަރިފުޅަށް ޓަކައެވެ.

އެ ކަންތަކަށް ފަހުވެސް އެއްވެސް ވާހަކައެއް ނައިހާ އެއްވެސް މީހެއް ކައިރިއަކު ނުބުނެއެވެ. ކުޑަ އިރުން ފެށިގެން ހުރިހާ ކަމެއް ނަޒްހާއާ ހިއްސާ ކުރަމުން އައި ނަމަވެސް ޔަޒާންއާ ކައިވެނި ކުރި ފަހުން ދިމާވާ ކަންތައްތައް ނަޒްހާއަށް ވެސް ނައިހާ ސިއްރު ކުރިއެވެ.

ނައިހާ ބަލިވެ އިން ފަހުން ޔަޒާން ނައިހާއާ މެދު ކަންތައް ކުރަމުން އައި ގޮތް ބަދަލު ވިއެވެ. ކުރިއަށް ވުރެ ނައިހާއަށް އަޅާލައެވެ. ކުދި ކުދި ކަންކަމާ ޒުވާބު ކުރުން މަދު ވިއެވެ. ނަމަވެސް ނައިހާ ބޭނުން ވާ ވަރަށް ޔަޒާންއަކަށް ނައިހާއަށް ވަގުތެއް ނުދެވެއެވެ. ގިނަ ފަހަރަށް ޑޮކްޓަރަށް ދައްކަން ނައިހާ ދާން ޖެހެނީ ކޮއްކޮއަކާ އެކުގައެވެ. އެހެން ނަމަވެސް ނައިހާ ޝަކުވާއެއް ނުކުރެއެވެ. ޔަޒާންގެ އެ ގޮތް ބަދަލު ނުވާނެ ކަން އެނގޭތީ، އެއްޗެއް ބުނެގެން ޒުވާބަކަށް ނަހަދަން ވެގެން ހުންނަނީއެވެ.

ނައިހާގެ ކައިވެނި ކުރެވުނު ދުވަހުގެ އަނެއް ދުވަހު އިޝާމް އާއިލާއާ އެކު ރާއްޖެ ދޫކޮށް ދިޔައީ އިސްރާ އިތުރަށް ކިޔަވަން ބޭނުން ވެގެން އެ ވާހަކަ ދައްކާފައި ވާތީ އެ ބަހަނާގައެވެ. އޭގެ ފަހުން އަހަރަކު އެއް ފަހަރު އެ އާއިލާ ރާއްޖެ އައި ނަމަވެސް އިޝާމް ހުރީ ރާއްޖެއަށް ނާންނަން ވެގެންނެވެ. ނަމަވެސް ދެ އަހަރު ފަހުން އިޝާމް ރާއްޖެއަށް އައީ އިސްރާގެ ކައިވެންޏަށެވެ.

ދެ އަހަރު ފަހުން ނާއިލްއާ އިޝާމްއާ ބައްދަލު ވީ އިސްރާގެ ކައިވެނި ޕާޓީއިންނެވެ. ނާއިލްއަށް ދައުވަތު ދިނީ އިސްރާއެވެ. އޭރު ނާއިލްވެސް އުޅެނީ ކައިވެނި ކުރާށެވެ. ޕާޓީއިން ދިމާވެ އިސްވެ ވާހަކަ ދެއްކީ ނާއިލްއެވެ. އެހާ ދުވަސް ފަހުން އިޝާމް ފެނުމުން ކުރީގެ އެކުވެރިކަން ހަނދާންވެ ނާއިލް އިސްނަގާ އިޝާމްއާ ވާހަކަ ދެއްކީއެވެ. ހިތުގެ ފުން މިނުން އިޝާމްއަށް މާފު ކުރީ ބާރަ އަހަރުވީ އެކުވެރިކަމަށް ޓަކައެވެ.

އިޝާމްގެ ކުށެއް ނެތް ކަން ނާއިލްއަށް ބުނެދިނީ އިސްރާއެވެ. ކޮއްކޮއެއް ގޮތުގައި އެހާ ދުވަސް ވަންދެން ދެކެމުން އައި އިސްރާ އެދުމުން ނާއިލް އިސްރާއާ ބައްދަލު ކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އިސްރާ އެ ވާހަކަތައް ކިޔާދިނީ ނާއިލްއާ އިޝާމްގެ އެކުވެރިކަމުގައި އެއްވެސް ނުސާފުކަމެއް ވާން ނޭދޭތީއެވެ.

އިސްރާ އެ ވާހަކަ ކިޔާ ދިނުމުން ނާއިލް ދެރަވިއެވެ. އިޝާމްއާ މެދު ޝައްކު ކުރެވުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ނައިހާއަށް ދެރައެއް ނުދޭނެ ކަމުގައި އިޝާމް ވަނީ ނާއިލް ގާތު ވަޢުދު ވެފައެވެ. އެ ވަޢުދާ އިޝާމް ޚިލާފެއް ނުވެއެވެ. ނައިހާއަށް ފެނުނު މަންޒަރުން ކުށްހީއެއް ކުރެވުނީއެވެ. އެ ކުށްހީ ފިލުވައިދޭނެ ފުރުސަތެއް އިޝާމްއަށް ނައިހާ ނުދިނީއެވެ. ނާއިލްވެސް ކަންތައް ވީ ގޮތް ކިޔާދޭނެ ފުރުސަތެއް އެކުވެރިޔާއަށް ނުދިނީއެވެ.

އެ ދުވަހުން ފެށިގެން އިޝާމްއާ ނާއިލް ވާހަކަ ދައްކައެވެ. ނާއިލްގެ ކައިވެންޏަށް އިޝާމްގެ އާއިލާއަށް ދައުވަތު ދިނެވެ. އިޝާމް ނައިހާގެ ވާހަކައެއް ނާހާތީ ނާއިލްވެސް އެ ވާހަކައެއް ނުދައްކައެވެ. އެ ދުވަހު ނާއިލްގެ ކޮޓަރިން ނައިހާއަށް އިޝާމް އެ ފެނުނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

*

 

“ނައި…” ނައިހާގެ އަތުގައި ހިފާލަމުން ނަޒްހާ ގޮވާލިއެވެ.

“އައިމް އޯކޭ…” ހިނިތުން ވެލަން މަސައްކަތް ކުރަމުން ނައިހާ ބުންޏެވެ.

ދައްކާނެ ވާހަކައެއް ނުވިސްނިފައި ނަޒްހާ ބަލާލީ ނޫރާއާ ނާޔާއާ ދިމާއަށެވެ. އެ ވަގުތު އެ ތަނަށް ވަދެގެން އައި ޝާދު ފެނުނީ ނާޔާއަށެވެ.

“އެއޮއް އައީ ޝާދު” ނަޒްހާ ގައިގައި ކޮއްޓާލަމުން ނާޔާ ބުންޏެވެ.

ނަޒްހާ އެ ދިމާއަށް ބަލާލާފައި، މުޅި ހޯލް ވަށައިގެން ބަލަން ހުރި ޝާދުއަށް އަހާ އަޅާލިއެވެ. ބޯ ޖަހާލާފައި ޝާދު ފުރަތަމަ ދިޔައީ ނާއިލްއާ ލައިލާ ކައިރިއަށެވެ. އެ ދެމަފިރިންނާ ސަލާން ކޮށްލާފައި ޝާދު އައިސް ނަޒްހާމެން ކައިރީ އިށީނެވެ.

“މަންމަމެން ނާދޭތަ؟” ނަޒްހާ އަހާލިއެވެ.

“ދޮންތައާ އިޒޫއާ އެބަ އުޅޭ ހުން އައިސްގެން، އެހެންވެ އެކަކަށްވެސް ނާދެވުނީ، އެކަމަކު ވަރަށް ސަލާން ބުނި” ނަޒްހާގެ އަތުގައި ހިފާލަމުން ޝާދު ޖަވާބު ދިނެވެ.

“ނޫ، އަދީމް ކޮބާ؟ ބުނީމެއްނު އަންނާނެޔޭ؟” ނައިހާ އަހާލިއެވެ.

“ކޮންމެސް ކަމެއް ޖެހިގެން ލަސް ވާނެ ވާހަކަ ބުނި” ނޫރާ ބުންޏެވެ.

“ނަޒްއާ ޝާދުއާ މެރީ ކުރަނީ ކޮން އިރަކުން؟” ނައިހާ އަހާލިއެވެ.

“މި ޝާދު ލަސް ކުރަނީ ހަމަ، އަހަރެން ބުނެފިން ދެން ހިނގާށޭ މެރީ ކުރަން” ޝާދުއާ ދިމާއަށް ބަލާލަމުން ނަޒްހާ ބުންޏެވެ.

“ލަސް ކުރާކަށް ނޫން، އަހަރެން ބުނީ ބިޒްނަސް ތަންކޮޅެއް ހަމަ ޖެހިލަން ދެން މަޑުކޮށްލާށޭ. އަނެއްކާ މަންމަވެސް އަދި ކިރިޔާ ހަކައަކަށް އެ އެޅުނީ. އެކަމަކު ދެން ލަހެއް ނުކުރާނަން. މިރޭވެސް އަންނަން އުޅެނިކޮށް މަންމަ ބުނެފި ނަޒްއާ ވާހަކަ ދައްކާފަ އަވަހަށް އިންނަން އުޅޭށޭ” ނަޒްހާއަށް ބަލާލާފައި ހީލަމުން ޝާދު ބުންޏެވެ.

ނަޒްހާ އުފަލުން ޝާދުގެ އަތުގައި ބައްދާލިއެވެ.

“މިރޭ ވާނެ މަންމަމެން ކައިރީ ބުނަން” ނަޒްހާ ބުންޏެވެ.

“އޯހް! އަނެއް ވެޑިންގ. ސަޅި!” ނާޔާ ބުންޏެވެ.

 

ބޭރުގައި ހުރެފައި އިޝާމް އެތެރެއަށް ވަނީ ބައިގަޑިއެއް ހާ އިރު ފަހުންނެވެ. ނައިހާ މެން ތިބި ދިމާއަށް ބަލާލާފައި އިޝާމް ގޮސް އިށީނީ ރައްޓެހިންތަކެއް ކައިރީގައެވެ. ޕާޓީ ނިމެން ދެން ހުރި ނަމަވެސް ނައިހާއަށް ފެންނަ ހިސާބަކަށް އިޝާމް ނުދެއެވެ. އެ ދުވަހު އިޝާމްއަށް ނައިހާ އެ ފެނުނީ ދެ އަހަރެއް ހާ ދުވަސް ފަހުންނެވެ. ނައިހާ ބަލިވެ އިން ކަން ނާއިލްގެ ފަރާތުން އެނގުނު ނަމަވެސް، އެ ގޮތަށް ނައިހާ ފެނުމުން އިޝާމްގެ ހިތަށް ވީ ކުރިން ދުވަހަކުވެސް ނުވާ ގޮތެކެވެ.

ނައިހާއަށް ކުރެވުނު ކުށްހީ ފިލުވަން އިޝާމްއަށް އިތުރަށް މަސައްކަތް ނުކުރެވުނީތީ އަދިވެސް އިޝާމް ދެރަވެއެވެ. އަދިވެސް އިޝާމްގެ އުންމީދަކީ އެ ރޭ ވީ ކަންތަކުގެ ހަގީގަތް ނައިހާއަށް އެނގުމެވެ. ނަމަވެސް މިއަދު ދެން އިޝާމްއަށް ނައިހާއެއް ނުލިބޭނެއެވެ. އިރުއިރުކޮޅާ ނައިހާއާ ދިމާއަށް ބަލާލެވޭ ކޮންމެ ފަހަރަކު އިޗާމް އެކަން އަމިއްލަ ނަފްސަށް ހަނދާން ކޮށްދެއެވެ.

 

ނައިހާމެންނަށް ގެޔަށް ދެވުނު އިރު އެކެއް ޖަހަން ކައިރި ވެއްޖެއެވެ. ނަރީމާއާ އާދިލް އައި ގޮތަށް ނިދަން ވަނުމުން ނައިހާ މެން ކޮޓަރިއަށް ދިޔައީ ކޮފީ ގިރައިގެންނެވެ.

“މިރޭ އެހާ އަވަހަށް ނިދާނެ ކަމެއް ނެތް، ނައިއަށް ދެން މިހެންއާދެވޭނެ ދުވަހެއް ބުނާކަށް ނޭނގެ. މަޖާ ކޮށްލަން ތިބޭނީ މިރޭ ދޯ؟” ސަކަރާތް ޖަހަން އެންމެ ފޯރި ހުންނަ ނަޒްހާ ބުންޏެވެ.

“ވަރަށް ނިދި އައިއްސި، އެކަމަކު ހޭލާ ހުރެވޭތޯ ބަލާނަން” އާ ފުރިލަމުން ނައިހާ ބުންޏެވެ.

އެކި ވާހަކައިގައި ތިބެފައި އެންމެން ނިދީ ފަތިސް ނަމާދު ކޮށްގެންނެވެ. ދިހައެއް ޖެހި ތަނާ ނައިހާއަށް ހޭލެވިގެން ބަލާލި އިރު ނައިހާގެ ތިން ކޮއްކޮ ތިބީ އަދި ނިދާފައެވެ. ފެން ވަރައިގެން ނިކުމެފައި ނައިހާ ގޮވުމުން ތިން ކުދިންވެސް ހޭލިއެވެ.

ނައިހާ ތިރިއަށް ފޭބި އިރު ނަރީމާއާ ޝާލިޔާ ސިޓިންގރޫމްގައި ތިއްބެވެ.

“ހޭލެވުނީތަ؟ ރޭ ނުނިދަން ދޯ؟” ނައިހާ ފެނުމުން ނަރީމާ އަހާލިއެވެ.

“އާނ، ރޭގަ ނަޒް ބޭނުމެއް ނުވި ނިދާކަށް. ފަތިސް ނަމާދު ކޮށްގެން ނިދީ” ނައިހާ ބަދިގެއާ ދިމާއަށް ދަމުން ބުންޏެވެ.

“މަންމައަށް ހީވިޔޭ ރޭ އެކަކުވެސް ނުނިދާނެ ހެން. ނައި އިށީނދޭ، މަންމަ ދސައި ހަދައި ދޭނަން” ނަރީމާ ތެދުވެގެން ނައިހާގެ ފަހަތުން އައެވެ.

“ދޮންބެދައްތަ ސައި ބުއީތަ؟ ދޮންބެ ކޮބާ؟” ނައިހާ އިށީނދެފައި ޝާލިޔާ ކައިރީ އެހިއެވެ.

“ދެންމެ ހަމަ ސައި ބުއީ. ދޮންބެ ހިނގައްޖެ ބޭރަށް” ޝާލިޔާ ބުންޏެވެ.

“ނަޒްމެން ކޮބާ؟” ނައިހާއަށް ސައި ތައްޓެއް ހަދަން ހުރި ނަރީމާ އެހިއެވެ.

“އަހަރެން މި އައީ ގޮވާފަ، އެންމެންވެސް ހޭލައިފި” ނައިހާ ރޮށިކޮޅެއް ކާލިއެވެ.

ނައިހާ ސައި ބޮއެ ނުނިމެނީސް ނަޒްހާމެން ތިރިއަށް ފޭބިއެވެ. ތިން ކުދިން ގޮސް މޭޒު ކައިރީ އިށީނެވެ.

“މަންމާ، އަހަންނަށްވެސް ސައި ހަދައިދޭން ވީނު؟” ކަންނެތް ގޮތަކަށް ނަޒްހާ ބުންޏެވެ.

“ހެނދުނު ހޭލައިގެން ރޮށި ފިހެ، ކުޅިމަސް ހަދާ ހުރިހާ ކަމެއް ކޮށްފަ އަދި ބޮޑެތި ވެފަ ތިބި އަންހެން ދަރިންނަށް ސައިވެސް ހަދައިދޭން ވީ މަންމަތަ؟ ދޭ އަމިއްލައަށް ސައި ގިރައިގެން އަންނަން” ސަމާސާ ރާގަކަށް ނަރީމާ ބުންޏެވެ.

“އަހަރުމެން ވީމަ ސައި ތައްޓެއްވެސް މަންމަ ގިރައެއް ނުދޭނެ، ދޮންތައަށް ވީމަ ހުރިހާ ކަމެއް ކޮށްދޭނެ. އެހެންނު ވާނީ، އަހަރުން މީ ގުއި ދަރިން ވިއްޔަ” ތުން ދަމާލަމުން ނާޔާ ބުންޏެވެ.

“ތީ ގުއި ދަރިންނަށް ވެގެންނެއް ނޫނޭ. ނައި އެކަނި ވިއްޔަ މަންމައާ ދުރުގަ ހުންނަނީ. އަނެއްކާ ބަނޑުވެސް ބޮޑު، އެހެން ވީމަ މަންމަ ކައިރިއަށް އަންނަ ދުވަހު މަންމަ ބޭނުމެއް ނުވޭ ނައި އަމިއްލައަށް އެއްވެސް ކަމެއް ކުރާކަށް” ނައިހާގެ ބޮލުގައި ނަރީމާ ފިރުމާލިއެވެ.

އެ ވަގުތު ނައިހާގެ ލޮލުން ކަރުނަ އައެވެ. އެނބުރިފައި ނަރީމާގެ އުނަގަނޑުގައި ބައްދާލަމުން ނައިހާއަށް ރޮވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ތިޔަ ލޯބީގެ އިންތިޒާރުގާ 2

Next

ވަޢުދު (އެގާރަވަނަ ބައި)

Next
September 14, 2019

ވަޢުދު (އެގާރަވަނަ ބައި)

Previews
September 14, 2019

ތިޔަ ލޯބީގެ އިންތިޒާރުގާ 2

10 Comments!

  1. Mar Sha Marsha says:
    September 14, 2019 at 12:48 pm

    Salaam all, here’s part 3, kamudhaane kamah hy kuran. Kiyaalaafa comment kollahchey. Part 4 on Tuesday. ?

  2. Rukaa says:
    September 14, 2019 at 1:43 pm

    Wow Fantastic ????
    Naihaa nd isham gulheyne nama dhww Alheyy

  3. IsHa says:
    September 14, 2019 at 2:08 pm

    Wow

  4. jiji says:
    September 14, 2019 at 4:34 pm

    Fantastico❤❤❤???..I hope they’ll be together soon..waiting for the next ingey marsha..ly n miss u??????

  5. Meekkomee says:
    September 14, 2019 at 9:52 pm

    Woww???? Varah reethi ????? can’t wait for Tuesday ????luv this story so much ?❤️❤️❤️❤️❤️ Luv yeahhh

  6. $#¥n says:
    September 15, 2019 at 9:43 am

    Wooow????V. Reethi.. When next part

  7. Mimmi ❤️ says:
    September 15, 2019 at 11:11 am

    Varah reethi story eh. varah dhuvaskohfa esfiyaige story eh kiyan mi feshyves. Heevany varah reethi vaanehen. Keep it up <3

  8. !y@@d# says:
    September 16, 2019 at 12:32 pm

    Wow

  9. Yoosh says:
    September 17, 2019 at 11:42 am

    Koba dhw vaahaka

  10. Mar Sha Marsha says:
    September 17, 2019 at 4:07 pm

    Thankolheh busy koh ulhen jehuny a Marsha ah comment thakah reply nukurevuny ingey. Thank you for reading and commenting. Mihaaru type kurany mi 4 vana bai. InshaAllah, 6 ge kurin upload kollaanan. ?

Comments are closed.

Next Episodeއެދިގެން ތި ލޯތްބަށް 4←


All Right Reserved!