ސިޓީ
ސިޓީ
-މުޙައްމަދު ދީދި/ހ.ވައިޓްމޫން-
އަލަމާރީގައި ހުރި ބައެއް ސާމާނުތައް ރަމަތަކުރަމުން އަލަމާރީގެ އެކިވަތްގަޑުތަކަށް ބަދަލުކުރަމުން ދަނިކޮށް އަލަމާރީގެ އެއްމެ މަތީވަތްގަނޑުގައި ބާއްވާފައިއޮތް ޑެނިސް ރޮބިންސްގެ “މޯ ދޭން ލަވު” މި ވާހަކަފޮތެއް ވެއްޓިއްޖެއެވެ. ވާހަކަފޮތް ވެއްޓުމާއެކު ފޮތުގެ ތެރޭގައިއޮތް ސިޓީ ވެސް ފޮތުގެތެރެއިން ކޮޓަރީގެ ކާރޕެޓުމައްޗަށް ވެއްޓިއްޖެއެވެ. ނާޒުނީނަށް ސިހިގެންގޮސް ކުއްލިއަކަށް އެ ސިޓީއަށް ބަލައިލެވިއްޖެއެވެ. އެ ސިޓީއަކީ ނާޒުނީން ވަރަށް ފަރުވާތެރިކަމާއެކު ފޮރުވައިފައިއޮތް ސިޓީ އެކެވެ. އޭނާގެ ހިތުގައި ފޮރުވާފައި ވާ ޙަޔާތުގެ ސިއްރެކެވެ. އެއްވެސް މީހަކަށް ނުފެންނާނެ ހެނެވެ. ދައްކަން ބޭނުން ނުވާތީއެވެ. އެ ސިޓީ އޭނާގެ އަލަމާރި ވަތުބަތާނައިގައި ބާއްވާފައި އޮންނަތާ މިހާރު ސާޅިސްއެތައް އަހަރެއް ވެގެން ހިގައްޖެއެވެ. އަދި، ހަމަ އެހެންމެ އެ ސިޓީ އަލަމާގައި ބޭއްވި ދުވަހުން ފެށިގެން ބަލައިނުލާތާވެސް ހަމަ އެހާދުވަސް ވެއްޖެއެވެ. ސަބަބުތަކެއް ހުރެގެންނެވެ. އެ ސިޓީ އަލަމާރީގައި އޮތަސް އެ ސިޓީ ބަލައި ކިޔައި އުޅުމުގެ އެއްވެސް ބޭނުމެއް ޙަޤީޤަތުގައި ނެތީމައެވެ. އެ ސިޓީގައި އެވަނީ ނާޒުނީންގެ ޙަޔާތުގެ ވާހަކައިގެ ކުރު ޚުލާޞާއެކެވެ. ކަންވީގޮތެވެ. ކުރެވުނު ހިތި ތަޖުރިބާއެވެ. ޒުވާން ދައުރުގައެވެ. ލޯބީގެ ދުނިޔޭގައި ނާކާމިޔާބުވެ ޙަޔާތު އޮޔައިލީ ގޮތެވެ. މުޅި ޒިންދަގީގައި އުއްމީދު ކުރަމުން ދެކެމުންއައި ހުވަފެންތަކާ ދިމާއިދިކޮޅަށް ތަޤުދީރު ނިޔާކުރި ހިތި ގޮތެވެ. އެތަޖުރިބާއެވެ. ލޯބީގެ ދަތުރުގައި ނާކާމިޔާބު މީހުންނަކީ ފަހެ ނަޞީބު ދެރަމީހުން ބާއެވެ. ނޫނެކެވެ. އެއްގޮތަކައްވެސް އެހެނެއް ނުވާނެއެވެ. ނާކާމިޔާބީއަކީ ކާމިޔާބުގެ ތަޅުދަނޑިއޭ ކިޔަވަން އުޅުނު ދުވަސްވަރު ކުލާސް މުދައްރިސް ވަރަށްގިނައިން ދަރިވަރުންނަށް ހަނދާންކޮށް ދެއްވައެވެ. އެއީ ކިހާވަރެއްގެ ޙަޤީޤަތެއް އެކުލެވޭ ވާހަކައެއްކަމެއް ނާޒުނީނަށް ޙަޔާތުގެ ތަޖުރިބާއަކުން ހަމަގައިމުވެސް ނުފެނުނެވެ. ދަހެއްނުވިއެވެ. އެހުންނަނީ ދުނިޔޭގެ ޙަޔާތުގައި އިންސާނުންނަށް ކުރިމަލާންޖެހިދާނެ ތަފާތު ހިތްދަތި ކަންތަކުގައި އެމީހުން ޙަޔާތުގެމަތިން މުޅިން ނާއުންމީދުވެ، ނާޗާރުވެ، މަގުއޮޅިގެން ހިނގައިދާނެ ކަމަށްޓަކައި ޢިލްމުވެރިން ވިދާޅުވެފައި ހުންނަ ހަރުދަނާ ޢިލްމީ ވާހަކަތަކެކެވެ. ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އެފަދަ ވާހަކަތަކުގައި ނުވާކަމަކަށް ނުބުނެވޭނެއެވެ. އެހެނީ ބައެއްފަހަރަށް އިންސާނުން ވަނީ އެކަން ޙަޤީޤީ ޢާލަމުގައިވެސް ހަމަ އެގޮތަށް ތަޖުރިބާކޮށްފައެވެ. ކާމިޔާބުވެސް ކޮށްފައެވެ. ސާބިތުކަމާ ނުގުޑާފަދަ އީމާނަކާއެކު ކުރިމަތިލުމުން ކާމިޔާބަކީ މާދުރުގައި ވާ އެއްޗެއް ނޫނެވެ.
ސިޓީ ފެނުމުން ނާޒުނީންގެ ޚިޔާލު ދަތުރުކުރަންފެށީ މާޒީގެ އެ ދުވަސްތަކާ ހަމަޔަށް ވަރަށް ބާރަށެވެ. އޭނާ އެކަން ކުރަން ބޭނުން ނުވެސްވިއަސްވެހެވެ. އަތް ތުރުތުރުއަޅައި ޙާލުގައި މަޑުމަޑުން ސިޓީ ކާރޕެޓްމަތިންނަގައި ވަރަށްރަގަޅަށް ސިޓީއަށް ބަލައިލައިފިއެވެ. ސިޓީގެ ކުލަވަނީ ދުވަސްވުމުގެ ސަބަބުން ރަތްވެފައެވެ. ނަމަވެސް ސިޓީގައި ވާ ލިޔުން ވަރަށްސާފެވެ. އަކުރުތައް ފަނޑެއްނުވެއެވެ. ނާޒުނީން ސިޓީ ނަގަމުން ކާރޕެޓްމަތީ އިށީނދެ ކުޑަކޮށް ހަމަޖެހިލައިފިއެވެ. މިއަދު މި ސިޓީ ކިއުމުގެ އޮތީ ފަހެ ކޮން ބޭނުމެއްބާވައެވެ. ހިތަށްއެރިއެވެ. އެކަމުން ކުރާނެ އެއްވެސް ފައިދާއެއް މިއަދު އެބައޮތްބާވައެވެ! އެކަމަކު، ޙަޤީޤަތް ވާނީ ޙަޤީޤަތަށެވެ. އަދި ޒަމާން ބަދަލެއްވެސް ނުވާނެއެވެ. އެދުވަސް އަލުންއަނބުރައި ނުވެސް ގެނެވޭނެއެވެ. ކަންއެހެން އޮތްނަމަވެސް، ސިޓީއަށް ބަލައިލުމުން ހިތަށް އާވެގެން ދިޔައީ އެ ޒަމާން ވެފައި ވާ އަދި، އެހަނދާންތަކާ ދުރުގައި މުޅިޙަޔާތު ވޭތުކުރުމަށް ޢަޒުމްކޮށް ކަފުންކޮށް ވަޅުލައިގެން މިހާތަނަށް ހުރި އެ ހަދާން ތަކުގެ މަންޒިލަށެވެ. ޚިޔާލުގެ ލޮލަށް ކުލަގަދަކޮށް ފެންނަންފެށީ މާޒީގެ އެ ދުވަސް ތަކެވެ. އެ އުފާވެރި ހަވީރުތަކާ އިރުއޮށްސޭ މަންޒަރު ދުށުމަށް ތިބެވުނު ހިތްގައިމު ހަވީރު ތަކެވެ. ފަތިސްވަންދެން ލޯބިވެރިޔާ އާއިއެކު ވެތުކުރެވުނު އުފާވެރި ފަތިސްތަކާ ރޭތަކެވެ. ހަނދުވަރު އަލީގައި ހިނގި އެތައް ކަމެއްގެ ހަނދާންތަކެވެ. އެކަކު އަނެކަކަށް ބަދަލުކުރި ލޯބީގެ ފޮނި ސަލާމް ތަކާއި ވެވުނު އެކިއެކި އިޤުރާރުތަކާ ވަޢުދުތަކެވެ. ދުވަހަކުވެސް ވަކިނުވާން ވެވެނު އިޤުރާރުތަކެވެ. ބޭވަފާތެރި ނުވާނެކަމަށް ވީ އަޙުދުތަކެވެ. އަދިހަމަ އެހެންމެ ބައެއް އިންސާނުންގެ ކިބައިގައި ހުންނަ ބޭވަފާތެރިކަމާ އަޙުދު އުވާލުމުގައި އެއްވެސް ފަރުވާލެއް ނުހުންނަ މިންވަރެވެ. އިންސާނުންގެ ދުލަކީ އެ ދުލުން ބުނެވޭ ބަހުގައި އެއްވެސް އަގެއްހުރި އެއްޗެއް ނޫންކަމެވެ. އިންސާނެއްގެ ހިތް ކަތިލައިލުމަކީ އެއްވެސް އަސަރެއް ހުރިކަމަކަށް ބައެއް މީހުނަށް ނުވާމިންވަރެވެ. އޮޅުވައިލުމާ، ހީލަތްތެރިކަމާއެކު ކޮޅުކެހި ލިބުމަކީ އިޚްލާޞްތެރި ހިތެއްގެ ވެރިއަކަށް ވަރަށް ފަސޭހައިން ކުރިމަތިވެދާނެ ކަމެއްކަމެވެ. ނާޒުނީންގެ ޢުމުރުން މިހާދުވަސްވެފައި ވުމާއެކުވެސް ޙަޔާތާމެދު ކުރެވުނު އެ އުއްމީދުތަކުގެ ހަނދާންތަކަކަށް އެއްވެސް ފަނޑުކަމެއް، ބަދަލެއް ނާދެއެވެ. ނުވެސް އަންނާނެއެވެ. އެހެނީ ނާޒުނީންވީ ޙަޤީޤީ ލޯތްބެކެވެ. ލޯތްބަކީ އެއްފަހަރު ވެވޭ އެއްޗެއް ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. އެކަން ދަސްވެއްޖެއެވެ.
ނާޒުނީންގެ ޢުމުރާގުޅިގެން ލޮލުގެ ތިރީ ބޮނޑިއަށް ކުޑަކޮށް ރޫޖެހިފައިވުމާ، ކަންހުޅިކައިރިން ކުޑަކޮށް ނުރަޖެހުންފަދަ ޤުދުރަތީގޮތުން އިންސާނަކަށް އަންނާނެ ބައެއްކަހަލަ ބަދަލުތައް މެނުވީ މާބޮޑު ބަދަލުތަކެއް އައިސް ފައިހުރިކަމަކަށް ނުފެނެއެވެ. ނަމަވެސް، މާޟީގެ އެ ހަނދާން ތަކެއް މުސްކުޅިއެއް ނުވެއެވެ. ނުވެސް ވާނެއެވެ. ވަރަށް ތާޒާއެވެ. މިހާރުވެސް ނާޒުނީން ބޮލުގެ އިސްތަށިގަނޑު ބަހައްޓަނީ ޒުވާންއިރު ބަހައްޓާ ގޮތަށެވެ. އޭނާޔަށް ރީތީވެސް އެގޮތްކަމަށް ވާތީއެވެ. ބޭނުންކުރާ ސެންޓަކީ އޭރުވެސް ބޭނުން ކުރި ސެންޓް ކަމަށްވާ އެނައިސް ނައިސް އެވެ. ހެދުން އެޅުމުގައިވެސް މާބޮޑު ތަފާތުތަކެއް ނުގެންގުޅެއެވެ. އާދަކޮށްލަނީ ޕާކިސްތާނުހެދުމެވެ. ނާޒުނީންގެ ހަށިގަނޑަކީ ހިމަތޮޅި ހަށިގަނޑަކަށް ވެފައި ވަނާތައް ވަރަށްރީތި ހަށިގަނޑެކެވެ. ނާޒުނީންގެ ދޮންކަން އޭނާގެ މިރީތިކަމަށް އެތައް ގުނައެއް އިތުރުކޮށްދެއެވެ. މިހުރިހާ ކަމަކާއެކު، ނާޒުނީންގެ ހުންނަ ލަދުވެތިކަމަކީ އޭނާގެ ލަތީފީކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ މާތް ސިފައެކެވެ. މަޑުމައިތިރި ކަމެވެ. ކަންކަމާ އަވަސްވެ، ލައިނުގަނެގެން ނޫޅޭ ހަރުދަނާ ސިފައެއްގެ ވެރިއެކެވެ. ވިސްނުން ތޫނުކަމާއެކު ކަންތައް ކުރުމުގައްޔާއި މީހުންނާ މުޢާމަލާތު ކުރުމުގައި އޭނާގެ ހުންނަ އޯގާތެރި ކަމަކީވެސް އެފަދަ ޚުލްޤީ ރީތި އަނެއް ސިފައެކެވެ.
ޢައިޝަތު ނާޒުނީން އަމީނިއްޔާ ސުކޫލުން އެއަހަރު ޖީ.ސީ.އީ އޯލެވަލް އިމްތިޙާންގައި ބައިވެރިވި ކުދިންގެ ތެރެއިން ރަތް ވަނައަކާއެކު ތަޢުލީމް އެދުވަސްވަރު ރާއްޖޭން ލިބެންހުރި އެންމެ މައްޗަށް ކިޔަވައި ތަޢުލީމީ ޙަޔާތު ކާމިޔާބުކަމާއެކު ނިންމައިލިއެވެ. ޖީ.ސީ.އީ އޯލެވަލް ނިމުނުތާ ގިނަދުވަހެއްނުވެ، ސަރުކާރު މިނިސްޓުރީއެއްގެ ސެކުރެޓަރީކަން ނާޒުނީނަށް ދެއްވައިފިއެވެ. ނާޒުނީން ވަޒީފާ އަދާކުރަމުން ދަނީ އެ މިނިސްޓްރީގައި ތިއްބެވި ދުވަސްވީ ބޭފުޅުންގެ ތަޖުރިބާއިން ލަފާލިބިގެން، އުނގެނިގެންހުރި ތަޢުލީމުގެ ބޭނުން ފުރިހަމަޔަށް ހިފައިގެން ވަރަށް ފަރުވާތެރި ކަމާއެކުގައެވެ. އެހެންކަމުން ނާޒުނީނަށް މިނިސްޓްރީގެ ހުރިހާ ފެންވަރެއްގެ މުއައްޒަފުންގެ ރުހުންދަނީ ނިހާޔަތަށް ލިބެމުންނެވެ. އަދި، ވަކިން ޚާޞަކޮށް އެމިނިސްޓްރީގެ ރޭޑިއޯ އޮޕަރޭޓަރ އަޙުމަދު މަނިކުގެ ރުހުމާ ގައިގޯޅިކަން ތަންކޮޅެއް ބޮޑުކަމަށް ފެނެއެވެ. އޮފީހުގެ ޒުވާން ފިރިހެން ކުދިންނާ އަންހެން ކުދިންގެ މެދުގައި ދެކެވޭ ސިއްރު ވާހަކައަކަށް ދުވަސް ކޮޅެއްވީއިރު މިކަންވަނީ ވެފައެވެ. މިހެން މިކަން އޮތްކަމުގައިވިތަސް ނާޒުނީން މި ގުޅުން މާސީރިއަސްކޮށް ނަގާކަމަކަށް ނުފެއެވެ. ނަމަވެސް، އަޙުމަދު މަނިކަކީ މާލޭގެ މަޝްހޫރު ބޮޑު އާއިލާއަކަށް ނިސްބަތްވާ މީހަކަށްވުމުން މިކަން ތަންކޮޅެއް ބޮޑުކޮށް އަޑުއަރަނީ ކަމަށްވުން ގާތެވެ. ނޫނީ ބައެއް އެހެން އަންހެން ކުދިންގެ ހިތްތަގުގައި މަނިކަށް ދެވިފައިވާ ޚާއްޞަ މަޤާމެއް އޮއްނަނީ ކަމަށްވުންވެސް އެކަށީގެންވެއެވެ. މަނިކަކީ މީހުންނާގުޅޭ ހިތްހެޔޮ އަޚުލާޤެއްގެ ވެރިއެކެވެ.
ނާޒުނީން އޮފީހަށްވަންތާ މާގިނަދުވަހެއްނުވެއެވެ. އަޙުމަދު މަނިކާ ނާޒުނީންގެ ގުޅުން އިތުރުވަމުން ބަދަހިވަމުންދެއެވެ. ނާޒުނީން އޮފީހުން ނިމުމުން ބައިސްކަލުގައި ނާޒުނީން ގެއަށްލާން ދިއުމަކީ މިހާރު އާއްމުކޮށް ކޮންމެދުވަހަކު މަނިކު ވަރަށް ފަރުވާތެރިކަމާއެކު ކުރާހިތުން ކުރާކަމެކެވެ. މަނިކު މިބަހައްޓަމުންދާ ގާތްގުޅުމާމެދު ބައެއްފަހަރަށް ނާޒުނީން ކަންބޮޑުވެސް ވެއެވެ. އެހެނަސް، އެވާހަކަ މަނިކު ގާތަކު އޭނާ ނުބުނެއެވެ. ނާޒުނީން ކަންބޮޑުވަނީ އެއްގޮތަކަށްވެސް ލޯބީގެ ދައުރެއް ފެށުމުގެ ޚިޔާލެއް އަދި ނުކުރާތީ، ނުވަތަ އެ ޚިޔާލު އޭނާގެ ކުޑަކަމުން ނެތްނޫނެވެ.
ދުވަސްތައް މިގޮތުގައި ތަކުރާރުވަމުން މަސްތައް އަހަރުތަކަށް ބަދަލުވަމުން ގޮސް، އެއްރެއަކު “އައިސްގޭ”ގައި އޮތް ކުއިކްސޭންޑް ބޭންޑުގެ މިޔުޒިކު ޝޯއެއް ބަލަންދިއަ ރެއެކެވެ. ނާޒުނީން އެ ޝޯ ބަލަން ދިއުމަށް ވަގުތު އޮއްވައި ވަރަށް ކުރިޔާލައި ތައްޔާރުވިއެވެ. އަދި، މިހާރުގެ އާދައިގެ މަތިން މަނިކު ނާޒުނީން އާއިއެކު އެ ޝޯ ބަލަން ދިއައެވެ. ފަހަކަށްއައިސް މިދެމީހުން އެކުގައި މިހެން ފެނުމަކީ ވަރަށް އާއްމުކަމެކެވެ. ބައެއްފަހަރު ހަވީރު ބައިސްކަލުގައި ބުރުޖަހައިލަން ދިއުމެވެ. ޢަލީ ރަސްގެފާނު ޒިޔާރަތް ކައިރިއަށްގޮސް ތޮށިގަނޑުމަތީ އިރު އޮއްސެންދެން ތިބުމަކީވެސް ވަރަށް ގިނަދުވަސް ދުވަހު އާދައެއްގެ ގޮތަށް ކުރަމުންދާ ކަމެކެވެ.
ޢަލީ ރަސްގެފާނު ޒިޔާރަތް ހުންނަނީ މާލޭ ހުޅަނގު ފަރާތު އަތިރިމަތިން ގާތްގަޑަކަށް ތިރީހަކަށް މީޓަރަށްވުރެ ރަށުގެ ގޮނޑުދޮށުން ބޭރުގައެވެ. އެތަނަށް ދެވޭގޮތަށް އޮންނަނީ ކޯޒުވޭއެއް ހަދައިފައެވެ. ޒިޔާރަތް ކައިރިއަށް ދާންއޮންނަ މަގަށާއި އަދި، މުޅި ޒިޔާރަތް ވަށައިގެން އޮންނަނީ ކަށިވެލިލައި ކުނިކަހައި ރީތިކޮށްފައެވެ. މިތަނަކީ އެދުވަސް ވަރު ދެޖިންސުގެ ޒުވާނުން އިރުއޮއްސޭ މަންޒަރު ބަލައިލުމަށާ ލޯބީގެ މާ ފޮޅުވަން ހަވީރުން ފެށިގެން މެންދަންވެ ފަތިސް ވާއިރުވެސް މެދުކެނޑުމެއް ނެތި ވަރަށްގިނައިން ދާތަނެކެވެ. މިތަނަކީ ލޯބިވެރިންގެ އަމާން މަންޒިލެއްވެސް މެއެވެ.
މިޔުޒިކު ޝޯ ވަރަށް ފޯރި ގަދަ ލަވަތަކަކާއެކު، އެންމެ ފަހު ލަވައެއްގެ ގޮތުން އެދުވަސްވަރު ބެންހާގޭ ޙަބީބުގެ ކިޔާ އަދިހަމަ އެހާމެ މަޝްހޫރު ލަވައެއް ކަމަށް ވާ “މަޝާޢިރުތޯ ނެހީ” މިލަވައިން ޝޯ ނިންމާލައިފިއެވެ.
“މިރޭގެ ޝޯ އެހެން ހުރިހާ ރެއަކަށްވުރެ މާފޯރިގަދަކޮށް މި ކުޅެލީ ދޯ؟” ނާޒުނީން ވަރަށް އުފަލުން ބުނެލިއެވެ.
“އާނ! މިރޭގެ ޝޯއަކީ މިހާތަނަށް ބޭއްވި އެއްމެ ފޯރިގަދަ ޝޯއޭ ވެސް ބުނެވޭވަރު ކޮށްލައިފި ދޯ؟” މަނިކު ޖަވާބުދިނެވެ.
“ނާޒު އަހަރެން ވަރަށް ބަނޑުހައިވެއްޖެ، ކޮންމެވެސް އެއްޗެއް ކަމާބަހީ. ނާޒުނީން ބޭނުމީ ކޮން އެއްޗެއް ގެންނަން؟”
“މަނިކު ކާއެއްޗެއް އަހަރެންވެސް މިރޭ ކާނީ! މަނިކު ކާނީ ކޮން އެއްޗެއް؟” ނާޒުނީން ސުވާލު ކޮއްލަމުން ޖަވާބުދިނެވެ.
“ނާޒަށް އެއްމެކަމުދަނީ މިތާހުންނަ ކުލަބުސޭންޑްވިޗް ވިތު ޗިޕުސް ނޫންތަ! އަހަރެންވެސް މިރޭ ކާނީ އެ.” މަނިކު ވެއިޓަރަށް އިޝާރާތް ކޮއްލުމުން މެނޫ ހިފައިގެން އައިސް ދީފައި ވޭޓަރ އެނބުރި ހިގައްޖެއެވެ. ނާޒުނީން އޯޑަރ ސުލިޕުގައި އޯޑަރ ލިޔެ ނިމިގެން އިޝާރާތް ކޮށްލުމުން ވެއިޓަރ އައިސް އޯޑަރ ހިފައިގެން ހިނގައްޖެއެވެ. އޭނާ ދިއަތާ މާގިނައިރެއްނުވެ، އޮރެންޖު ޖޫސް ހިފައިގެން އައިސް ސާރވު ކޮށްފިއެވެ. ދެ މީހުން ކެއުން ކުރިއަށް ގެންދިޔައީ ޝޯގައި އިވިގެންދިއަ ތަފާތު ރީތި ލަވަތަކުގެ ވާހަކަ ދައްކަމުން ވަރަށް މަޖާކުރަމުންނެވެ. އަދިވަކިން ޚާއްސްކޮށް ޕެނަމާ ޝަފީޤާ ބެންހާ ޙަބީބުގެ ލަވަތަކަށް ވަރަށް ތަޢުރީފު ކުރަމުންނެވެ.
ކައިނިމުމުން އައިސްކުރީމް ގެނެސްފިއެވެ. އައިސްކުރީމް ބޮއި ނިމިގެން ކުޑަ އިރުކޮޅަކު ވާހަކަދައްކަން ތިބުމަށްފަހު ނާޒުނީން ގެއަށްލުމަށް އާދަގެމަތިން މިރޭވެސް މަނިކު އޭނާ ގޮވައިގެން ދިއައެވެ. ގޭދޮށަށް ގޮސް ނާޒުނީން ބައިސްކަލުން ފައިބައިގެން ގެއަށް ވަންނަމުން ޝުކުރިއްޔާއޭ ބުނެލަން އެނބުރިލިތަނާ މަނިކު ނާޒުނީންގެ އަތުގައި ހިފަހައްޓައިފިއެވެ. އެވަގުތު ނާޒުނީންގެ މޭ ވަރަށް ބާރަށް ތެޅިގަނެގެން ދިޔައެވެ. ޖެހިލުންވުމާއެކު ޙައިރާން ކަމެށް އިޙުސާސްވިއެވެ. އެގޮތަކީ މިހާދުވަސް ވީއިރުވެސް މަނިކުގެ ފަރާތުން ކުޑަވެސް މިކަހަލަ ހަރަކާތެއް ފެނިފައި ނުވާތީއެވެ.
“ވަރަށް ކުރީއްސުރެން ފެށިގެން ނާޒުނީން ގާތު ބުނަން އަހަރެންގެ ހިތް އަހަންނަށް މަޖުބޫރުކުރާ ވާހަކައެއް އެބައޮތް. މިރޭ އަހަރެން ނާޒުނީން ގާތު އެވާހަކަ ބުނެލުމުގެ ހުއްދަ ދީފިނަމަ އަހަރެންގެ މިކެތްމަދުވެފައި ވާ ހިތަށް ހަމަޖެހުމެއް ލިބޭނެ. އެ ފުރުޞަތު ދީފާނަންތަ؟” އަސަރާ ޖަޒުބާތުން ފުރިގެންވާ އަޑަކުން އަޙުމަދު މަނިކު އަހައިފިއެވެ. “އެ ވާހަކައަކީ އަހަރެންގެ މުޅި ދިރިއުޅުމާ ހިތުގެވިންދާ ގުޅި ލާމެހިފައި ވާ ހިތުގެ ވާހަކަ. އަހަރެންގެ މިނިކަމެތި ހިތުގެ އާދޭސް. މިހިތުގެ ބޭޤަރާރުކަން.” މަނިކު ވާހަކަ ކުރިޔަށް ގެންދިއައެވެ. ނާޒުނީން ހާސްކަމާއެކު މަނިކުގެ މޫނަށް އެސްފިޔަޖަހައިލަން ވެސް ނޭގި ބަލަން އެތައްއިރެން ވަންދެން ހުރެވިއްޖެއެވެ. އަދި، އެއަށްފަހު އިސްދަށަށްޖަހާ ލައިފިއެވެ. މިދަން ގަޑީގައި މުޅިޖައްވަށް ވެރިވެފައިވާ ހަމަހިމޭންކަން އިތުރަށް އިޙުސާސް ކުރެވެން ފަށައިފިއެވެ. މަގުގެ އަނެއްފަރާތުގައި ހުރި ގެއެއްގެ ބިތުގެ ހާއަޅާތަނަކުން އެ ގޭގައި ދިއްލާފައިހުރި ފުޅިބައްތީގެ ފަނޑު އަލި ފެންނަން ހުއްޓެވެ. އެހިސާބު މަގުމަތިން މީހަކު ފެންނާކަށް ނެތެވެ. މަގުމަތި ވަރަށް އަނދިރިއެވެ. ހަނދުމަހުގެ ފަހުކޮޅުކަމުން ހަނދުވަރުގެ އަލިކަމެއްވެސް ނެތެވެ. މުޅި ރަށް ވަނީ ނިދާފައެވެ. މުޅި މާޙައުލު ވަނީ ހަމަހިމޭން ވެފައެވެ. ހަމައެކަނި އިވޭ އަޑަކީ ރަފީގުގެ ހިތްގައިމު އަޑެވެ. ހަމަހިމޭން ޖައްވެކެވެ. އެކަމަކު، ނާޒުނީނުގެ ހިތް ހަމަހިމޭނެއް ނުވެއެވެ. އެ ހިތް ބާރަށް ތެޅެނީއެވެ. ގޭތެރެއިން ބައްޕަ ކެއްސާލެއްވި އަޑު ދާދި ދެންމެއަކު އިވުނެވެ. ބައްޕަ އާއްމުކޮށް ނިދިކުރައްވަނީ ނާޒުނީން ބޭރަށްދާ ރެއެއްނަމަ އޭނާ ގެއަށް އެނބުރި އައުމުންނެވެ.
މިއީ އަނެއްކާ ހުވަފެނެއް ނޫންބާއެވެ! ހަމަ ޙަޤީޤީ ޢާލަމުގައި ހިނގާ ކަމެއްބާއެވެ! ނާޒުނީންގެ ހިތާ ސުވާލުކުރެވެން ފެށިއެވެ. ޙައިރާންކަން އިތުރުވަނީއެވެ. ނިއްކުރިމަތިން އޮށްދާހިއްލަން ފަށައިފިއެވެ. މަނިކު އެބުނަން ބޭނުން ވާހަކަޔާމެދު ޚިޔާލު ކުރެވެނީއެވެ. ބުނަން ނޭގޭ ސިހުމަކާ ބިރުގަތުމެއް ހިތަށް އިޙްސާސް ކުރެވެނީއެވެ؟ ނޫނެކޭ ބުނަން ހިތެއް ނޭދެއެވެ. ދެން އާނއެކޭ ބުނަން ޖެހިލުންވެ ނުކެރެންވީ ސަބަބަކީ ފަހެ ކޮބައިހެއްޔެވެ؟ ނާޒުނީން ހާސްކަންމަތީ ހުރެ އޭނާގެ ހިތާ ސުވާލު ކުރަމުންދެއެވެ. މުސްތަޤުބަލުގައި ކަންތައް ވާނެގޮތެއް ހަމަ އެކަކަށްވެސް ބުނާކަށް ނޭނގޭނެއެވެ. އެކެއްގެ ނިޔަތް ރަނގަޅަސް އަނެކާގެ ނިޔަތް އޮތްގޮތެއް ކުޑަކޮށްވެސް ނޭނގޭނެއެވެ. ރަނގަޅާ ނުބަޔަކީ އެކަހަލަ ކަމެކެވެ.
“އަހަރެން މިބުނަން އުޅޭ ވާހަކަ ނިކަން އަޑުއަހާބަލަ! އަހަރެން ބުނަން މިއުޅެނީ އަހަރެންގެ ލޯބި ނާޒުނީން ޤަބޫލުކޮށްފާނަން ތޯ؟” ނާޒުނީން އެއްވެސް ޖަވާބެއްނުދީ ބަލަން ހުރުމުން މަނިކު ވަރަށް މަޑުން ނާޒުނީންގެ އަތަށް ފިތާލަމުން އޭނާގެ ހިތުގައި އުފެދިފައި ވާ ލޯބި ނާޒުނީނަށް ހުށަހަޅައިފިއެވެ. ލޯބި ހުށަހެޅުމަށްފަހު އެ ލޯބީގެ ތެދުވެރިކަން ޔަޤީންކޮށްދޭން ފަށައިފިއެވެ. “އަހަރެން ނާޒުނީން ދެރަވާނެ އެއްވެސް ކަމެއް ދުވަހަކުވެސް ނުކުރާނަން. އަހަރެންގެ ޙަޔާތުގެ ބައިވެރިޔަކަށް ނާޒުނީން ވެއްޖެނަމަ އަހަރެން ދެން މިދުނިޔޭން އިތުރަށް ބޭނުންވާނެ އިތުރު އެހެންކަމެއް ނޯންނާނެ. ބޭނުންވަނީ ދެ މީހުން އެކުގައި މުޅި ޙަޔާތު ވޭތުކުރަން. އަހަރެންގެ ލޯބީގެ ޚާލިޞްކަމާމެދު ޝައްކު ނުކުރުން ނިހާޔަތަށް އެދެން. އަހަރެންގެ ޙަޔާތުގައި ދެވަނަ ނަމެއް ނެތްކަން ނާޒުނީން ޤަބޫލުކުރޭ. އޮތީހަމަ އެއްމެ ނަމެއް. އެއީ ނާޒުނީންގެ ނަން.”
މަނިކު ހުށަހެޅި ލޯތްބަކީ އަހަރެންވެސް ޙަޔާތުގައި އެދޭ ކަމަކަށް ނުވުމުގެ އެއްވެސް ސަބަބެއް ނެތެވެ. ނާޒުނީން ހިތަށްއެރިއެވެ. އަހަރެން އޮފީހަށް ވަނީއްސުރެން މަނިކު ބަހައްޓަމުން އެއަންނަ ގާތްކަމާ، އޯގާރެތިކަމާ، އަޅައިލުން އެއީ އެކަމާމެދު ކުޑަވެސް ޝައްކެއް ވެވޭނެ ކަންކަމެއް ނޫނެވެ. ޙަޤީޤީ ލޯތްބެއްގެ ފެށުންކަމުގައި ވާންޖެހޭނީ އެކުވެރިކަމާ ރަޙުމަތްތެރިކަމުގެ ގުޅުމުން އުފެދޭ ލޯބިކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ. އެހެން ކަމަށްވާނަމަ މީހަމަ ޙަޤީޤީ ލޯތްބެއް ކަމާމެދަކު ޝައްކުކުރާނެ ތަނެތްތާއެވެ! ނާޒުނީން އޭނާގެ ހިތާ ސުވާލު ކޮށްލިއެވެ. އެކަމަކުވެސް ޕޮޒިޓިވު ޖަވާބެއް ދޭން ޖެހިލުން ވެއެވެ. ހާސްވާގޮތް ވަނީއެވެ. ނާޒުނީންގެ ހިތް މިކަމާ ބިރު ގަންނަނީއެވެ. އެކަމަކު، މިގުޅުމުގައި ލޯބީގެ ކުލަޖެހެން ބޭނުން ނުވަނީކީވެސް ނޫނެވެ. ދެން މިޖެހިލުން ވުމެއް އުފެދެނީ ކޮން ކަމަކާކަމެއް ޚުދު ނާޒުނީނަށް ވެސް ނޭނގެއެވެ. ޔަޤީންކަން ކުޑަވަނީބާއެވެ! އެއީ ކީއްވެގެން ބާވައެވެ! މަނިކު އަބަދުވެސް ނާޒުނީނަށް ކަމޭހިތައެވެ. އޯގާތެރިކަން ހުރެއެވެ. އަޅައިލައި ހަދައެވެ. ކަމެއްކުރަން ބޭނުންވެގެން އުޅޭކަން އެނގިއްޖެނަމަ ނުބުންޏަސް އެކަމެއް އަހައިގެންވެސް ކޮށްދީ އުޅެއެވެ. ސަމާސާއަކަށްވެސް މިހާތަނަށް ދުވަހަކުވެސް ދޮގެއް ހަދާފައެއް ނެތެވެ. ދޮގެއް ނުވެސް ހަދާނެކަން ނުހަނު އިތުބާރާއެކު ޤަބޫލު ކުރެވެއެވެ. ނަޒުނީންގެ ހިތާ ސިކުނޑިގައި މިކަހަލަ އެތައްސަތޭކަ ސުވާލުތަކެއް ޖަމާވަމުން ފައިސަލާގެ ބަޚުޝްކުރަމުން ދެއެވެ.
“ނާޒުނީން އަހަރެން ލޯބި ހުށަހެޅުމުން ތިހާކަންބޮޑުވެ ފިކުރު ބޮޑުވީ އަނެއްކާ އަހަރެންނާ ލައިކު ނުވަނީތަ؟”
“ނޫން! އެއްގޮތަކަށްވެސް އެހެން ވެގެނެއްނޫން. ކުއްލި ޙައިރާންކަމެއް ހިތަށް ވެރިވެގެން ދިޔައީ.”
“އެއީ ކީއްވެގެން؟ ސަބަބަކީ ކޮބާ؟”
“އެއީ އަހަރުމެން ދެމީހުންގެ ދެމެދުގައި ލޯބީގެ ދައުރެއް ފެށިދާނެކަމަށް ކުރިން ކުޑަކޮށްވެސް ޚިޔާލުކޮށް ވިސްނައިލެވިފައި ނެތީމަ އަދި އެކަމަކީ….”
“އެކަމަކީއޭ ބުނެފައި ތިހުއްޓައިލީ އެއީ ކޮން ވާހަކައެއް؟”
“ހިތަށްއަރަނީ މަނިކުގެ ލޯބި އަހަރެން ޤަބޫލުކޮށް ލޯބީގެ ދައުރެއް ފެށުމަށްފަހު މަނިކު ޚިޔާލު ބަދަލު ވެއްޖެނަމަ ދެންވާނީ ކިހިނެއްބާއޭ! އެކަހަލަ ގޮތެއް ވެއްޖެނަމަ އޭރުން އަހަރެން ވަރަށް ދެރަވާނެ. ލޯބިވުމަކީ ސަމާސާއަށް މަޖަލަށް ކުރާޒަތުގެ ކަމެއްނޫން އެހެންވެގެން. ބައެއް އެކުވެރި ކުދިންނަށް ލޯބީގައި ދިމާވެފަހުރި ހިތި ތަޖުރިބާ އެ ކުދިން ހިއްސާކޮށްފައި ހުރުމުން ކަމަށްވެސް ވެދާނެ މިރޭ މިހެން ޚިޔާލު މިކުރެވެނީ. އަހަރެންގެ އެކުވެރި ނީނާއަށް ދިމާވިގޮތްވެސް. އެއީވެސް ހަމަ ވަރަށް އަސަރާ ހިތާމައިން ފުރިގެންވާ ވާހަކައެއް. ހާދަހާ ލޯބިންނޭ ޒާހިދު އުޅުނުކަމަށްވަނީ! ނީނާ ރޮއިފައި އަހަރެންނަށް އެވާހަކަތައް ކިޔައިދިން. އަދިވެސް އެއުޅެނީ އެފަކީރު އެކަމުން އަރައި ނުގަނެވިގެން. އަންހެނުންގެ ހިތަކީ ވަރަށް މައުސޫމު އެއްޗެކޭ ބުނަނީ އެހެންވެގެން. އެއަށް ނުވާނެ ސަމާސާކޮށް އަނިޔާ ކުރާކަށެއް. އުފެދޭ ގުޅުމަކުން ހިތުގައިޖެހޭނެ ކަންތައް މެދުވެރިވުމަކީ އެންމެ ދެރަ ކަންތައް. އެޅޭ ކަތި ފިޔަވަޅަކުން މުޅި ޒިންދަކީ ބަރުބާދު ވެގެން ހިނގައިދާނެ. މީހުނަށް ކުރާ އިތުބާރުކުރުން ނެތިގެން ހިނގައިދާނެ. މިހެންގޮސް އެތައްކަމެއް ފޮރޮޅިގެންގޮސް މުޅި ޒިންދަގީ އިންދިރާސްވެ ނާއުންމީދީ ކަނޑެއްގައި މަންޒިލް އަތުނުވެ މުޅިޢުރުގައި ފަތަފަތައި އޮންނަން ޖެހިދާނެ. ފިރިހެނުން މިކަންކަމާ މެދުގައި ވިސްނައިއުޅޭހެން ހިއެއްނުވޭ.”
“މިހިރަ މޮޔަ ކުއްޖެއް ދެން ދޯ! އަހަރެންގެ ޚިޔާލުތަ! ދުވަހަކުވެސް ބަދަލެއް ނުވާނެ. އަހަރެންމީ ޒާހިދެއް ނޫނޭ. ޤަބޫލުކުރޭ ނާޒުނީން. އަހަރެންމީ މަކަރުވެރިއެއް ކަމަށް ހީނުކުރޭ! އަހަރެން ދުވަހަކުވެސް މިވީހާތަނަށް ނާޒުނީންއަށް ދޮގެއް ހެދިންތަ؟ އިތުބާރު ގެއްލޭނެ ކަމެއް ކުރިންތަ؟ ނާޒުނީން އޮފީހުގެ ވަޒީފާލިބިގެން އައި ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތް ބުނެފި ތިޔައީ އަހަރެން ޙަޔާތުގެ މަލިކާއޭ. އެ މިހަކާއެކުގައި އަހަރެންގެ މުޅި ޙަޔާތު އާރާސްތު ކުރެވޭނެ ހަމައެކަނި އިންސާނާއޭ. އެހެންވެ އެ ދުވަހުން ފެށިގެން މިއުޅެވެނީ ނާޒުނީންގެ ހިތުލޯބި ޙާޞިލް ކުރެވޭތޯ. ވަރަށް ދިގު އިންތިޒާރެއް ކުރެވެމުން ދާދުވަސް ތަކެއް މި ވޭތުރެވުމުން ދަނީ. ނާޒުނީން އަހަރެންގެ ލޯބި ޤަބޫލު ނުކޮށްފިނަމަ ދެން ހެދޭނެ ގޯހެއްވެސް ނޭނގެ. އެހާވެސް ބޮޑަށް އަހަރެންނަށް ނާޒުނީން ދެކެ ލޯބިވެވިއްޖެ.”
ނާޒުނީން އިސްޖަހައިލައިގެން އެތައްއިރަކު ހުރުމަށްފަހު އަޙުމަދު މަނިކުގެ މޫނަށް ވަރަށް ފުންކޮށް ބަލައިލައިފިއެވެ. އަދި ހިނިތުން ވުމާއެކު މަނިކުގެ ލޯބި ހިތުގެ އަޑިން ޤަބޫލު ކުރާކަން ހާމަ ކޮށްފިއެވެ. މަނިކު ނާޒުނީންގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް އަތުން ރީތިކޮށްލަމުން، ނާޒުނީންގެ އާނބަހަށް ވީ އުފަލުން ނާޒުނީން ގަޔާކައިރުކޮށް މަނިކުގެ އަތުތެރޭގައި ބޮނޑިކޮށްލައިފިއެވެ. އެވަގުތު ނާޒުނީންގެ ޙިއްސުތައް ހޭލެވި އޭގެ ފުރިހަމަ ޤުއްވަތުގައި މަސައްކަތް ކުރަން ފެށިކަމުގެ އިޙްސާސް ނާރުތަކުގައި ހިނގަންފަށައިފިއެވެ. އެ އިޙްސާސަކީ ނާޒުނީނަށްވެސް މަނިކު ދެކެ ލޯބި ވެވިދާނެ ކަމުގެ އިޙުސާސްކަން ޔަޤީންކުރެވުނެވެ. ޝައްކެއް ނުކުރެވޭ މިންވަރަށެވެ.
ނާޒުނީނާ މަނިކުގެ އެކުވެރިކަން ލޯތްބަށް ބަދަލުވެ، ލޯބީގެ އުފާވެރި ދުވަސްތައް އޭގެ އެއްމެ ފުރިހަމަ ކަމާއެކު ވޭތުވަމުން ދަނީ ނުހަނު އުފަލާއި ހިތްހަމަޖެހުމާ އެކުގައެވެ. ލޯބީގެ ސިއްރުތައް އެކަކު އަނެކަކަށް ކިޔައިދެމުންދާ ފަތިސްތަކެވެ. އެކުގައި ސަމާސާކޮށް ހިނިތުންވުމާ އުފަލުގައި ހޭދަކުރާ އެތައް ހަވީރެކެވެ. އެކަކު އަނެކެއްގެ އުނގުތެރޭގައި ތިބެވޭ ޢަދަދު ނުކުރެވޭހައި ގިނަ ރޭތަކާ ފަތިސްތަކެވެ. ކައިވެންޏަށްފަހު ދެމީހުންގެ ދިރިއުޅުން ބިނާކުރާނެގޮތުގެ ޚިޔާލީ ކުރެހުންތަކުގައި ތަފާތުކުލަތައް ޖައްސަމުން، ޙަޔާތުގެ ފޮނި މަންޒަރުތަކުގެ އެތައް ތަސްވީރުތަކެއް ކުރަހަމުން ފުރޭމުތަކަށް ލަމުންދެއެވެ.
އަޙުމަދު މަނިކާ ނާޒުނީނާ ދެމީހުންގެ މި ގުޅުމަށް އެމީހުންގެ އެންމެހާ އެކުވެރިންނާ، ރައްޓެހިން މަރުޙަބާކީ ވަރަށް ރުހުމާއެކުގައެވެ. ދެފަރާތުގެ އާއިލާވެސް މި ގުޅުން ބަލައިގަތީ އެހާމެ ރުހުމާ ހިތްހަމަޖެހުމާ އެކުގައެވެ. ދެމީހުން އެކުގައި ވޭތުކުރާނެ އުފާވެރި ޒަވާޖީޙަޔާތަށް ކުރާ ފޮނި އުއްމީދާއެކުއެވެ. ނާޒުނީން ބައްޕަގެ ރުހިލެއްވުން ވަރަށް ބޮޑުކަން ނާޒުނީނަށް އެނގޭތީ ވާ އުފާ އަދި ވަކިންބޮޑެވެ. ނާޒުނީނަކީ ބައްޕަގެ ލޮލުގެ ކޮއިފަދަ ލޯބިވާ ކުއްޖެކެވެ. ނާޒުނީން އުފާވެރި ޒަވާޖީޙަޔާތެއް ވޭތުކުރަމުންދާ ދުވަސް ދުށުމަކީ ބައްޕަގެ އެއްމެ ބޮޑު އުއްމީދުކަން ޚުދު ނާޒުނީނަށްވެސް އެނގެއެވެ. ނާޒުނީނަށް ދަރިން ލިބިގެން އުޅޭ އުފާވެރި ދުވަސްތައް ދުށުމަކީ ބައްޕަގެ އަބަދުގެ ދުޢާއެވެ. މިދުނިޔޭގެ ޙަޔާތުން އެންމެ ދުށުން އެދޭ ދުވަހެވެ.
ލޯބީގެ އުފާވެރި ދުވަސްތައް މިގޮތުގައި ދެލޯބިވެރިން ވޭތުކުރަމުން ދަނިކޮށް، ވަރަށް ކުއްލިގޮތަކަށް ނާޒުނީން އޮފީސް ދަތުރެއްގައި ދެހަފުތާއެއްހާ ދުވަހަށް އިނގިރޭސި ވިލާތައް ފުރަން ޖެހިއްޖެއެވެ. މިދުވަސްވަރަކީ ކައިވެނިކުރާނެ ތާރީޚެއް ކަނޑައެޅުމުގެ ވާހަކަވެސް މަނިކާ ނާޒުނީނާ ދެމެދުގައި ދެކެވެމުންދިއަ އުފާވެރި ދުވަސް ވަރެވެ. ކުއްލިއަކަށް ފުރަން ޖެހުމުން މިދަތުރަށްފަހު ރާއްޖެއަށް އެނބުރި އައިސް ކައިވެނީގެ ތާރީޚު ކަނޑައަޅަން ދެމީހުން ނިންމިއެވެ. ނާޒުނީން ފުރަންއޮތް ދުވަހުގެރޭވެސް ދެމީހުން ހޭދަކުރީ ނުހަނު އުފަލާ ލޯތްބާއެކުގައެވެ. އަދި، ކިތަންމެ ކުޑަ ދުވަސް ކޮޅަކަށް ނަމަވެސް ވަކިވާންޖެހޭތީ ހިތާމަކުރާކަން ދެމީހުންވެސް ޝަކުވާއެއްގެ ގޮތުގައި ފާޅުކުރިއެވެ. ދަތުރު ހަމަޖެހުނުތާ ދެވަނައަށްވީ ދުވަހު ނާޒުނީން އިނގިރޭސި ވިލާތަށް ފުރައިފިއެވެ. ނާޒުނީން ފުރުވަން އޮފީހުގައި މަސައްކަތްކުރާ އެންމެންހެން އެއާރޕޯޓަށް އައެވެ. އެއާރލައިން ކައުންޓަރުން ޗެކިންކޮށް ޕާސްޕޯޓް ކައުންޓަރާ ހަމައިން މަނިކު ވަކިވީ އަމާން ރައްކާތެރި ކާމިޔާބު ދަތުރަކަށް އެދި ހެޔޮ ދުޢާ ކުރަމުން އަވަހަށް ބައްދަލުވުމަށް އެދޭކަމުގެ ޝުޢޫރުތައް ނުހަނު ލޯތްބާއިއެކު ފާޅުކުރަމުންނެވެ. މާލެ އަންނަ ދުވަހުގެ އިންތިޒާރުގައި ހުންނާނެކަމަށާ އެއާރޕޯރޓަށް ނާޒު ބަލައިއަންނާނެ ވާހަކަ އެއްމެ ފަހުގެ ވިޝްކުރުމާއެކު މަނިކުގެ ގަޔާއި ނާޒު ކައިރި ކޮށްލަމުން ފާޅުކުރިއެވެ.
ނާޒުނީން އަތުގަމި މިއަދު އޮތް ގިނަ އަހަރުތަކެއްވުމުން ކަރުދާސް ރަތްވެފައި ވާ ސިޓީއަކީ އިނގިރޭސި ވިލާތަށް އޭނާ ކުރި ދެހަފުތާގެ ދަތުރުން އެނބުރި މާލެއައި ދުވަހު ނާޒުނީނަށް އަޙުމަދު މަނިކުގެ ފަރާތުން ލިބުނު ސިޓީ އެވެ. ނާޒުނީން ރާއްޖެ އަންނަ ދުވަހު އެއާރޕޯރޓަށް ބަލައިއަންނާނެ ވާހަކަ ނާޒުނީން ފުރި ދުވަހު ބުނި ނަމަވެސް، މާލެއައި ދުވަހު ނާޒުނީން ބަލައެއް މަނިކު އެއާރޕޯރޓަކަށް ނާދެއެވެ. ނާޒު ހީކުރީ އޮފީހުގެ ކޮންމެވެސް ކަމަކާ މާބިޒީވުމުން ނާދެވުނީ ކަމަށެވެ. ނަމަވެސް އެ ހީކުރެވުނު ހީކުރުން އާޚިރުގައިވީ މުޅިން ކުށް ހީއަކަށެވެ. އެއާރޕޯރޓުން އައިސް ގެއަށް ވަންތަނުން ބައްޕަ ދިއްކޮށްލެއްވީ މަނިކު ލިޔެ ފޮނުވާފައިވާ މި ސިޓީ އެވެ. ބައްޕަޔަށް އެއީ ކޮންފަދަ ޒަލްޒަލާއެއް އޭގައި އެކުލެވިފައިވާ ސިޓީއެއްކަން ކުޑަކޮށްވެސް އެނގިއެއް ނުލައްވައެވެ. މަނިކު ސިޓީ ބައްޕައާ ޙަވާލު ކުރަމުން ބުނިކަމަށްވަނީ ކުއްލި ދަތުރެއްގައި އައްޑޫއަށް ފުރާވާހަކައެވެ. އެނބުރި އައުމަށް ކުޑަ ދުވަސްކޮޅެއް ވާނެކަމަށެވެ.
ނާޒުނީންގެ މުޅި ޒިންދަގީއަށް ވަރުގަދަ ޒަލަޒަލާ ގެނުވި އެ ސިޓީގައި…….
“އަހަރެން ނުހަނު ލޯބިވާ ނާޒުނީން އަށް. އަހަރެން މި ސިޓީ ލިޔަން ޖެހުނު ވަގުތު ނާޒުނީން ރާއްޖޭގައި ނެތްކަމާމެދު ވަރަށް ދެރަވަމެވެ. ކުރާނެ ކަމެއް ނެތެވެ. އެއީ އެކަން ދިމާވި ގޮތެވެ. ތަޤުދީރު ނިޔާކުރި ގޮތެވެ. ނާޒުނީން އަހަރެން ހުށަހެޅި ލޯބި ޤަބޫލުކުރި ކަމަށްޓަކައި އުފާކުރަމެވެ. ނާޒުނީނަށް އަބަދުވެސް ޤަދަރު ކުރަމެވެ. އަދި ކުރާނަންވެސް މެއެވެ. ނާޒުނީނަކީ ވަރަށް އޯގާތެރި ކުއްޖެއްކަމަށް މިބުނަނީ އެއްވެސް އޮޅުވައިލުމެއް ޚުޝާމަދުކުރުމެއް ނެތި ހިތުގެ އަޑިންނެވެ. އެއޯގާތެރި ފިރުމުންތައް ހަމަ ޙަޤީޤަތުގައިވެސް ޤަބޫލު ކުރާތީއެވެ. ނާޒުނީން އަހަރެންދެކެ ނުހަނު ލޯބިވާކަންވެސް ޤަބޫލު ކުރަމެވެ.”
އަދިވެސް ސިޓީ ގެ އެހެން ޕެރެގުރާފެކެވެ. ” ނާޒުނީނަށް ޙަޤީޤަތް އޮޅުވައިލެވުނީތީ އެކަމަށް މަޢާފު އެދެމެވެ. ބުނަން ހެއްޔެވެ. އަހަރެން ނާޒުނީނަށް ލޯބި ހުށަހެޅި އިރުވެސް އަހަރެން އުޅެނީ އެހެން ކުއްޖަކާވެސް ލޯބީގެގޮތުން ކުރީއްސުރެ ގުޅިގެންނެވެ. އެވާހަކަ ނުބުނީ ހަމަ ގަސްތުގައެވެ. އެހެނީ، އޭރުން ނާޒުނީން އެއްގޮތަކަށްވެސް އަހަރެންގެ ލޯބި ޤަބޫލު ނުކުރާނެކަން ޔަޤީންވެ ކަށަވަރު ވާތީއެވެ.”
އެހެން ޕެރެގުރާފެއްގެ ބައެކެވެ. ” ނާޒުނީން ރާއްޖޭން ފުރިތާ ދެވަނައަށް އައި ހޯމަ ވިލޭރޭ އަހަރެން މިވަނީ އަހަރެންގެ ޙަޤީޤީ ލޯބިވެރިޔާ ކަމަށްވާ ޝަރުމީލާއާ ކައިވެނި ކޮށްފައެވެ. އަހަރެންނަކީ މިއަދު ޝަރުމީލާގެ އަލަތު ފިރިމީހާއެވެ. ނާޒުނީން އަހަރެންނަށް މަޢާފު ކުރާނެ ކަމަށް ހީކުރަމެވެ. އަދި އަހަރެންނަށް އިންތިޒާރު ނުކުރުންވެސް އެދެމެވެ. މުޅި ޢުމުރަށްޓަކައެވެ.”
ނާޒުނީން ސިޓީ ކިޔަމުންގޮސް މިހާތަނަށް ކިޔުންތަނާ ނާޒުނީން ކޮއްކޮގެ އަންހެން ދަރިފުޅު ލައިލާ ނާޒުނީން ފަހަތުގައި ހުރެ ސިއްރުން ސިޓީ ކިއުމަށްފަހު، “ދޮންތަ ހާދަވަރަކަށް ގެއްލިފައި އިނދެގެން ތިކިޔަނީ އަނެއްކާ ކޮން އެއްޗެއް! އަހަރެން މިތަނަށް އައިކަންވެސް ދޮންތަޔަށް ރޭކާވެސް ނުލިވިއްޔާ”؟ މިހެން ބުނެފައި ކަރު ކެހެލުމުން ނާޒުނީން ކުއްލިއަކަށް ސިހިގެންގޮސް އެޒަމާންވީ ޚިޔާލުގެ ދުނިޔޭން ޙަޤީޤީ ޢާލަމަށް އެނބުރި އައުދެވިއްޖެއެވެ.
-ނިމުނ–
