Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ނިހާ

koookkkiiee Level 1
September 3, 2019 19 Mins Read
9 Comments

އަތުގައި އޮތް ދައުވަތު ކާޑަށް ބަލަމުން ދިޔައެވެ. ދައުވަތުކާޑު ކިޔާނިމުމަށްފަހު އެކުވެރި ފާރިޝް އަށް ބުންޏެވެ.
” ރީމާގެ އުފަންދުވަހުގެ ޕާޓީކާޑް. ފާރިޝް ދާނަންތަ؟” އަނާން އަހާލިއެވެ.
” އާން ކީއްވެނުދާންވީ. ކެއުމެއްނު ހޭވައްލާތައްޔާރު.” ފާރިޝް ބުންޏެވެ.
” އަހަރެން ނަށް އެނގެޔޭ ފާރިޝްދާނެކަން. ކޯއްޗެއްތަ ރީމާ އަށް ގެންދާނީ؟ ” ވިސްނާލަމުން އަނާން އަހާލިއެވެ.
” ހަގީގަތުގައި އަހަރެން އަންހެންކުއްޖަކަށް އެއްޗެއްދީފައި ނެތީމައި ގެންދާނެއެއްޗެއްވެސް ނުވިސްނުނު. ރީމާ އަށް ހަދިޔާއަކަށް ދޭން ރަނގަޅުވާނީ ކޯއްޗެއްބާ؟”
” މީރުވަސްދުވާ ސެންޓުފުޅިއެއް. ނޫނީ ރީތި މާބޮޑިއެއް.” ފާރިޝް ބުންޏެވެ.
” އާން. ތިއީ ރަނގަޅު އެއްޗެއް. ” އަތުކުރީގައި އޮތް ގަޑިޔަށް ބަލާލިއެވެ. ” މިހާރު ޕާޓީއަށް ދާގަޑިކައިރިވަނީ. ފާރިޝް. ފާރިޝްއަށް އެނގޭނީ އަންހެންކުދިންނަށް ކަމުދާނެ މީރުވަސްދުވާކަހަލަ ސެންޓެއް. އެހެންވީމައި ފާރިޝްދޭ ސެންޓުފުޅިއެއް ގަނެގެން އަންނަން. އަހަރެން ދާނަށް މާވިއްކާފިހާރަކަށް ބުކޭއެއް ތައްޔާރު ކޮށްލަން. ” އަނާން ބުންޏެވެ.
” އޯކޭ ” ފާރިޝް ބުންޏެވެ.
ފާރިޝް ދިއުމުން ރީތިވެލައިގެން ނިކުމެ ސައިކަލް އިސްޓާޓް ކޮށްލިއެވެ. އަނާން މާވިއްކާ ފިހާރަކައިރީގައި ސައިކަލް ޕާކުކުރުމަށްފަހު ސައިކަލުގެ ލޯގަނޑުން ބަލާލައިފައި އިސްތަށިގަނޑު ރީތިކޮށްލިއެވެ. އަދި ތުބުން ފުމެލިއެވެ. އެއަށްފަހު ހީލިއެވެ. އަދި
ވަރަށް ހަމަޖެހިލައިގެން ހިނގާލާފައި ގޮސް ފިހާރަޔަށް ވަނެވެ. ވަށާއިގެންވާ މާތަކަށް ބަލަމުން ދިޔައެވެ. ނަގާނީ ކޯއްޗެއްތޯއެވެ.
އެއަށްފަހު ކާޑު ހަރުގަނޑުން ކާޑެއް ނަގައިގެން އެއަށް ބަލަން ހުރުމަށްފަހު ވިސްނާލިއެވެ.
” ކާޑެއް ގެންދާނެބާ. ދެން. ހަދާނެ ގޮތެއްވެސް ނޭނގުނު. ކޯއްޗެއްގެންދާނީ. އަޅެ. ނަގާފައި ނުނަގާނެ އެއްޗެއްވެސް ނޭނގުނު…. ހޫން…. ކާޑެއްވެސް ގެންދާނީ. މާ ކޮންކޮންމަލެއްބާ ނަގާނީ. ”

އަނާން ވިސްނަމުން ދިޔައެވެ. ކުއްލިޔަކަށް އަނާން އެއްލިކަޅިޔަކުން ކައުންޓަރުގައި ޑެނިޔަސްޓިލްގެ ވާހަކަ ފޮތަކަށް ގެއްލިފައިން ނިހާ ފެނުނެވެ. އުފާވެރި ގޮތަކަށް
ހެވިފައި ވާހަކައިގެ ތެރެއަށް ވަދެވިފައި އިންކަން އެނގެއެވެ. އަނާން ނިހާގެ ދޮންމޫނަށް ފަރުވާތެރިކަމާއި އެކީގައި ބަލަމުން ދިޔައެވެ. ނިހާ ފޮތައް ގެއްލިފައި އިންވަރުން އަނާން ބަލަމުން ދިޔަމުގެ އިޙްސާސް އެއް ނުވެއެވެ. ކުއްލިޔަކަށް ނިހާގެ އުފާވެރިކަން ގެއްލުނެވެ. އަނާންގެ ހިތައް އެރިއެވެ.
” ރަނގަޅަށް ވިއްޔާ ދެރަވާ ތަންކޮޅެއް އައީ. . އަހާލަން ވެއްޖެ ވާހަކައިގައި ވީކިހިނެއްތޯ؟”
އަނާން ލާނެއްގޮތަކަށް ހީލިއެވެ. އެއަށްފަހު ކާޑު ހިފައިގެން ކައުންޓަރުގެ ކައިރިޔަށް ދިޔައެވެ. ކުޑަކޮށް ގުދުވެލައިފައި އަނާން މަޑުމަޑުން އަހާލިއެވެ. ” ދެރަވީތަ؟” ނިހާ ބޮލުން އާންއެކޭ ބުނެލިއެވެ. ” ކިހިނެއްވީ؟” އަނާން ސުވާލު ކޮށްލިއެވެ.
” ޖެސީގެ ލޯބިވެރިޔާ ޖޯން އޭނަޔާއި ކައިވެނިކުރިތާ އެއްގަޑިއިރުނުވަނީސް ހަނގުރާމައަށްދާން ފުރަންޖެހުނީ. އެކަމާ ޖެސީ ދެރަވެގެން ހިތާމަކުރަނީ. ” ނިހާ އޭނާއާއި ސުވާލުކުރީ ކާކުތޯ ބެލުމެއްނެތި ޖަވާބުދިނެވެ.
” އޯ އެވީ ވަރަށް ދެރަކޮށް. ކޮންނަމެއްތަ ކިޔަނީ؟” އަނާން ސުވާލު ކޮށްލިއެވެ.
” މިއީ… ” ފޮތްލައްޕާލަމުން ނިހާ ބުނަން އުޅުނެވެ. ކުރިމަތިން ފެންނަން ހުރީ މުޅިން އާމުނެއަކަމުން ނިހާ ވަރަށް ލަދުގަތެވެ. ފިހާރައަށް ކަސްޓަމަރަކު އައިސްހުރިކަމުގެ އިޙްސާސްނުވީތީ ދެރަވިއެވެ.
” އޯ. މައާފުކުރައްވާ. އަޅުގަނޑަށް ނޭނގުނީ. ކިހިނެއްތޯ ހަދާދޭންވީ؟” ނިހާ އަހާލިއެވެ.
” އޯ. ސޮރީ. ޑިސްޓަބްކުރެވުނީތީ. މާބޮޑިއެއްތައްޔާރު ކޮށްދޭންވީ.” އަނާން ބުންޏެވެ.
” ކޮންވައްތަރަކުންތޯ؟” ނިހާ އަހާލިއެވެ.
” ހެޔޮ ކޮންމެވައްތަރަކުންވިޔަސް. ” އޭރުވެސް އަނާން ބަލަމުން ދިޔައީ ނިހާގެ ދޮންމޫނަށެވެ. ނިހާ އަވަސްވެގަތީ މާބޮނޑިތަޔާރު ކޮށްދޭށެވެ. މާބޮނޑިތައްޔާރު ކޮށްނިމިގެން އަނާން އާއި ހަވާލުކުރިއެވެ. އަނާން ޖީބުން ވޮލެޓްނަގައިފައި
އެއަށް އަގުދިނެވެ.
” ވާހަކައިގައި ދެންވީ ކިހިނެއްތޯ ބަލަން އަދި އަންނާނަން. ” އަނާން ހީލަމުން ބުންޏެވެ. އަނާން ބޭރަށް ނިކުތުމުން ނިހާގެ ހާސްކަން ކުޑަވިއެވެ.
” ނަސީބެއްނު އަޔާ މިތާގައި ނެތްކަން އެހެން ނޫންނަމަ ދުވަސްދިޔައީ. އަހަރެން މިއީ ހާދަފަރުވާ ކުޑަމީހެކޭ.”
އެހެން ކިޔާފައި ގޮނޑީގައި އިށީންނަން އުޅުނެވެ. އެވަގުތު އަނާން ނެގި ކާޑު ފެނުނެވެ. ނިހާ އަވަސްއަވަހަށް ކާޑު ހިފައިގެން ބޭރަށް ނިކުތެވެ.
” ކޮންނަމެއް ކިޔަނީ. .. އޭއި. ” ނިހާ ގޮވާލިއެވެ. އަނާން ހުއްޓިލައިފައި ބަލައިލިއެވެ. ނިހާ އާއި ދިމާއަށް ހިނގައިގަތެވެ.
” އަހަރެން ނަށް ކިޔަނީ އޭއި އެއްނޫން. އަހަރެންގެ މަންމަ އާއި ބައްޕަ އަހަރެން ނަށް 7 ދުވަސް ވީދުވަހު އަހަރެންނަށް ކިޔާފައިވަނީ އަނާން. އަހުމަދު އަނާން. ”
” ސޮރީ. މިއޮތީ ކާޑު.” ނިހާ އަތުގައި އޮތް ކާޑު ދިއްކޮށްލިއެވެ.
” އޯ. ތެންކިއު. ” އަނާން ކާޑުގައި ހިއެވެ. އަދި ނިހާގެ މޫނަށް ބަލާލަމުން އަހާލިއެވެ. ” ކޮންނަމެއް ކިޔަނީ؟”
” ހަނދާނެއްނެތް. ފޮތް ބަލާލާފައި ބުނާނަން. ” ހިގައިގަންނަމުން ނިހާ ބުންޏެވެ.
” ހަނދާނެއްނެތް. އަޖައިބެއް. ތިމާގެ ނަން ހަނދާނެތުނީ. ފޮތްބަލަން. ހަމަނުޖެހޭ ކުއްޖެއް ކަންނޭގެ. އެކަމަކު ހާދަ ރީއްޗޭ….އާން މަންމަ ބުންޏެއްނު ވިދާހާ އެއްޗަކީ ރަނެއްނޫނޭ. އެކުއްޖާއަކީ ސިކުޑި މައްސަލަ ޖެހިފައި ވާކުއްޖެއްކަންނޭނގެ. ހާދަދެރައޭ. ”

ސައިކަލަށް އަރަމުން އަމިއްލަނަފްސައް ވާހަކަ ދައްކަމުން ދިޔައެވެ. ސައިކަލަށް އަރައިފައި ފަސްއެނބުރި ފިހާރަ އާއި ދިމާއަށް ބަލާލިއެވެ. ނިހާ އެތެރެއަށްވަދެ ގޮނޑީގައި
އިށީނެވެ. އަނާން ސައިކަލް އިސްޓާޓް ކޮށްލިއެވެ.
ފާރިޝް އަނާން ނައިސްގެން ލަސްވެފައި ހުއްޓެވެ. އަނާން ސައިކަލު މަޑުކޮށްލުމުން ފާރިޝް ކުދިކިޔައިގަތެވެ. އަނާން ފާރިޝް އަށް ބަލާލައިފައި ހީގަތެވެ.
” ކިހިނެއްވީ؟” ފާރިޝް އަހާލިއެވެ.
” ކަމެއްނުވޭ. ފާރިޝް އަށްވެސް އަހަރެންނަށް ދިމާވިކަހަލަ ކަމެއް ދިމާވިނަމަ އެނގޭނީ ލަސްވީކީއްވެގެންކަން. ” އަނާން ބުންޏެވެ. ފާރިޝް ސައިކަލްގެ ފަހަތައް އެރިއެވެ.
” ބޭކާރު އަނގަނުތަޅާ ޕާޓީއަށްދާން ހިނގާ. އެނގެ އެއްނު ކެއުމަކަށް މާގިނަ އިންތިޒާރެއް ނުކުރެވޭނެކަން. ބަނޑުހައިވެގެން ގޮސް ހީވަނީ މަރުވެދާނެހެން. ” ފާރިޝް ބުންޏެވެ.
ފާރިޝް ދައްކަމުން ދިޔަ ވާހަކަ އަކަށް އަނާން ސަމާލުކަމެއް ނުދެއެވެ. އަމިއްލައަށް ކަމަކާ ހެމުން ދިޔައެވެ. ފާރިޝް އަށް ހީވަނީ އޭނަޔަށް މަލާމާތް ކޮށްފައި ހެނީކަމަށެވެ..

ޕާޓީ ނިންމާލައިފައި އަނާންމެން ބޭރަށް ނިކުތެވެ. މަގުމަތީގެ ހަލަބޮލިކަމަށް ނަޒަރު ހިނގާލިއެވެ. އުޑުމައްޗަށް ބަލާލިއެވެ. ވިއްސާރަވުމުގެ ކުލަވަރުތައް ފެންނަމުން ދިޔައެވެ. ޖެހެމުންދާ ވައިގައިވަނީ ތެއްކަމެވެ. ހަމަދާދި ކުޑަހިނދުކޮޅެއްގައި ވާރޭ ވިހިދާނޭކަމުގެ ނިޝާންތައް އުޑުމަތިން ފެންނަމުން ދިޔައެވެ. މަގުގެ ދެކޮޅަށް ދުއްވަމުންދާ ވެހިކަލްތަކުންވެސް އެކަން ރަނގަޅަށް އެނގެއެވެ. ދަރުބާރުގޭގެ ދޮރުމައްޗަށްނިކުމެ މަގުގެ ކަނާފަރާތައް ބަލާލާއިރު ފެންނަން އޮތް ބޮޑުތޮށިގަނޑުމައްޗަށް އަނާންގެ ނަޒަރު ހުއްޓުނެވެ. ކުއްލިޔަކަށް ބޭއިޙްތިޔާރުގައި އަނާނަށް އެދިމާއަށް ހިނގައިގެނެވުނެވެ.
ފާރިޝް ވެސް އަނާންގެ ފަހަތުން ހިނގައިގައތެވެ.
” ކޮންތާކަށްތަ ތިދަނީ؟” ފާރިޝް އަހާލިއެވެ.
” އެހެރަ ނަގަމުންދާ ރާޅުތައް ބަލާލާހިތްވީ.” ބޭއިޙްތިޔާރުގައި އަނާން އަށް ބުނެވުނެވެ.
” އަނާން. ރާޅުބަލަން ފަހުންވެސް އާދެވިދާނެނު. ގެޔަށްދާން ހިނގާ ވާރޭވެހިއްޖެއްޔާ ކަންތައްދިޔައީ ބަންދުވެފައި ގެޔަށްނުދެވި އަސްކަންޏެއްގެ އެހީ ހޯދަންޖެހިދާނެ. ” ފާރިޝް ބުންޏެވެ.
” މިއީ އަސްކަނި ހުންނަޒަމާނެއްނޫން. ވާރޭ ބޯކޮށްލައިފިއްޔާ ކޮންމެވެސް ފިހާރަކަށް ވަދެ ހިޔާވާނީ. ހޫނުވީމައި ބައެއްމީހުން ފިނިކޮށްލަން އެޔާކޯން ފިހާރަކަށްވެސް ވަންނަނީނު. ” ހީލަމުން ސަމާސާ ރާގަކަށް އަނާން ބުންޏެވެ.
” ކޮންމެކަމެއްވެސް ސަމާސާ އަކަށްހަދާލީމަ އެނިމުނީ. ބައެފަހަރު ހިތައްއަރާ މީނަ ބޮޑުވާނީ ކޮންދުވަހަކުން ބާއޭ. ދައްކާވާހައެއް ހަމައެއްނުޖެހޭނެ. ކަމެއްކުރާއިރަކު ވިސްނައެއްނުލާނެ. ” ފާރިޝް ބުންޏެވެ.
” މައްސަލައެނެތޭ. ވިސްނޭ މީހާ ގެޔަށް ދޭބަލަ. ” އަނާން ތޮށިގަނޑުމައްޗަށް އަރަމުން ބުންޏެވެ.
ތޮށިގަނޑުގެ މައްޗަށް އެރުމަށްފަހު ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. މުޅިހިސާބު ގަނޑަށް އަނާން ނަޒަރު ހިނގާލިއެވެ. އަދި ދުރުންދުރުން ނަގަމުން އަންނަރާޅުތަކަށް ބަލާލިއެވެ.
” ހާދަ ހިތްގައިމު މަންޒަރަކޭ. ” އަނާން ހިތާހިތުން ކިޔާލިއެވެ. ” ބަލާ ފޫހިނުވާ މަންޒަރެއް.” އަނާން އަށް ބުނެވުނެވެ. ފާރިޝްވެސް ހީލިއެވެ.
” އޭއި ވާރޭ ވެހެން އުޅެނީ. ދާން ހިނގާބަލަ. ހީވެސް ނުކަރުވާތަ؟” ފާރިޝް އަހާލިއެވެ.
” ސާބަސް ފާރިޝް އަށް. ހިނގާބަލަ ދެވޭތޯ ބަލަން. ޅަދަރިޔަކު ކިޔަން ރޯހެން ރޮނީވިއްޔާ. ” ރުޅިއަންނަގޮތް ދައްކާލަމުން އަނާން ބުންޏެވެ.
” ރޯނެއެއްނު. ވާރެއާއި ތެމިފޯވެގެން ގެޔަށް ދިޔައީމަ އިލޮށިފަތި ހިފައިގެން މަންމަ އަންނާނެކަމެއް އަނާން އަކަށް ނޭނގޭތަ؟” ފާރިޝް ބުންޏެވެ.
” އަނެއްފަހަރު ނުބައިކޮށް ބުނެފި. މިއީކީ އިލޮށިފަތީގެ ވެސް ޒަމާނެއްނޫން. މިއީ ފިހިގަނޑާއި މޮޕްގެ ޒަމާން. ތަޅައިގަންނާނީ އިލޮށިފައްޗަކުންނެއްނޫން. ފިހިގަނޑުން ނޫނީ މޮޕުން. ” ހީގަންނަމުން އަނާން ބުންޏެވެ.
” ނުވާނެ ރަނގަޅެއް. ދުވަހަކުވެސް ނުވާނެ ރަނގަޅެއް. އަހަރެން ނަށް ހީވަނީ އަނާން ރަނގަޅުވާނީ ރީތި އަންހެންކުއްޖެއްގެ އިސްތަށިގަނޑުގެ އަސީރަކަށް ވީ ދުވަހަކުންހެން. އެދުވަހަކުން އަހަރެން ހީސަމާސާ ކުރާނީ. އަނާން ރޮއިގިސްލާނީ. ” ފާރިޝްވެސް ސަމާސާ ކޮށްލިއެވެ.
” ތިބުނީ އަހަރެން އަންހެނެއްގެ އަވައިގައި ޖެހިގެން އަހަރެންގެ މުސްތަޤްބަލް ކަޅުކޮށްލާނެއޭތަ؟ ތިހެން ހީނުކުރޭ އިރާދަކުރެއްވިއްޔާ އަޒުމް ވަރުގަދަވާނެ. މޮޔަކަމެއް ނުކުރާނަން. އަމުދުން ލޯބި ތިއީ އަހަރެން ދަންނަވެސް އެއްޗެއްނޫން. އަހަރެންގެ މިހިތައް ބާރު ފޯރުވޭނެ އަންހެނަމު މިދިވެރި ރާއްޖެއަކު ނެތް.” އަނާން ބުންޏެވެ.
” ތިހެން ވިއްޔާ އަނާންގެ ލޯބިވެރިއެއްގެ ގޮތުގައި އަހަރުމެންނަށް ފެންނާނީ ފަތުރުވެރިއެއްތާ. ކުލަދޮން ނިވާނުވާ ހެދުންއަޅާ. އެހެންބަހަކުން ވާހަކަ ދައްކާ ކުއްޖެއްތާ. އިރާދަކުރެއްވިއްޔާ ދުނިޔޭގައި ހުރިއްޔާ ތިބުނާ ދުވަހެއްވެސް ފެންނާނެ. ” ފާރިޝް ބުންޏެވެ.
” ރަނގަޅޭ ތިބޭށޭ ޖެހޭނީ. ކުރެވޭނީ ކޮންކަމެއް.” އަނާން ބުންޏެވެ. ވާހަކަ ދައްކަމުން ސައިކަލް ޕާކުކޮށްފައި ހުރިތަނަށް އާދެވުނެވެ. އަނާން ސައިކަލަށް އަރާއިސްޓާޓް ކޮށްލިއެވެ.

ނިހާ ފިހާރަ ތަޅުލާފައި ގެޔަށްދާން ހިނގައިގަތެވެ. ޕާކުކޮށްފައި ހުރިތަނުން ނިހާގެ ބައިސްކަލް ނެރުނެވެ. އަދި ބައިސްކަލަށްއަރާ ހަމަޖެހިލަމުން ދުއްވާލަން އުޅެނިކޮށް ފަހަތުން ނިޔާ ގޮވާލިއަޑުއިވުނެވެ. ނިހާ ފަސްއެނބުރި ބަލާލިއެވެ.
” ކިހިނެއްވީ؟” ނިހާ އަހާލިއެވެ.
” ސޮރީ ނާދެވުނީތީ. 10 ޖަހާއިރަށް އަންނަން އުޅުނީ. އެކަމަކު މަސައްކަތް ހުރި ގޮތުން ނާދެވުނީ. ” ނިޔާ ބުންޏެވެ.
” މައްސަލައެއް ނެތޭ. އަހަރެން ކަމަކު އެދުނު ފުރަތަމަ ފަހަރު މިއީ. އެކަމެއްވެސް ނިޔާ އަކަށް ކޮށްނުދެވުނު. އެހެން ނޫނަސް އަހަރެން ނުދިޔަސް ޕާޓީ ފަޅެއްނުވާނެ. ” ނިހާ ބައިސްކަލް ދުއްވާލަން އުޅެމުން ބުންޏެވެ.
” ރުޅިއައީތަ؟” ނިޔާ އަހާލިއެވެ.
” ރުޅިއަންނަން ވީ ކީއްވެ؟ އަހަރެން ނަކީ ނިޔާޒްގެ މޮވައްޒިފެއް. ނިޔާޒްގެ ހުއްދަނެތިއެއް އަހަރެންނަކަށް މަސައްކަތުގަޑީގައި އެއްވެސް ކަމެއްނުކުރެވޭނެ. ” ނިހާ ބުންޏެވެ.
” ނިހާ މަޑުކޮށްބަލަ އަހަރެން ތިގޮތަކަށް ބުނީ ކޮންއިރަކު؟ ނިހާ ތިއީކީ އަހަރެންގެ މުވައްޒިފެއްނޫން. އެކަން ނޭނގެނީތަ؟” ހިމޭޏް ރާގަކަށް ނިޔާޒް ބުންޏެވެ.
” ބުނަން ނިޔާޒް ވާހަކަ އެއް. މިހާރުވެސް އަހަރެންނަށް ނުލާހިކު ލަސްވެއްޖެއް. އަހަރެން ނަށް ޕާޓީއަށް ނުދެވުނުތަނުގައި މިހަދިޔާވެސް ފޮނުވާލެވޭނީ ގެޔަށް ދެވުނުއިރަކުން. ދިޔަޔަސް އެންމެ ރަނގަޅުތަ؟” ނިހާ އަހާލިއެވެ.
” އަހަރެން ގެއާއި ހަމައަށް ދަންތަ؟” ނިޔާ އަހާލިއެވެ.
” ނޫން. ޝުކުރިއްޔާ. ވާރޭ ވެހިގަންނަން އެއުޅެނީ. އަހަރެން ވާރޭ ވެހުމުގެ ކުރިން ގެޔަށްދާން ބޭނުން. ނިޔާޒް އާއި ދެބަސްވާކަށް ވަގުތެއްނެތް. ” ނިހާ ބައިސްކަލް ދުއްވާލިއެވެ.

ގެޔަށް އައިސް ނިހާއަށް ނުވަދެވެނީސް ވާރޭ ވެހިގަތެވެ. ބައިސްކަލް ގެޔަށް ވައްދާ ނިމުނު އިރު ނިހާ ތެމިފޯވެއްޖެއެވެ. ގޭތެރެއަށް ވަދެފައި އަތުގައި އޮތް ކޮތަޅާއި ބައިސްކަލް ބައްތި ގޮނޑިއެއްގެ މަތީގައި ބޭއްވިއެވެ. ދިމާ ކުރިމައްޗަށްހުރި ދޮރާއިދިމާއަށް މަތީގައިހަރުކޮށްފައިވާ ގަޑިޔަށް ބަލާލިއެވެ. 11.25 ހިނގަނީއެވެ. ތުންފިއްތާލާފައި ޕާރުސަލް އާއި ބައްތިބޭއްވި ގޮނޑީގައި އިށީނެވެ. އަދި ކަމަކާއި ދެރަވެފައި އިންގޮތައް ބޭރު ދޮރާއި ދިމާއަށް ބަލަމުން ދިޔައެވެ. ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ނިހާ މަޑުމަޑުން ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. އަދި ހިތާއި ހިތާ ބުނަމުން ދިޔައެވެ.
” ނިޔާ. އަހަރެން ނަށް ނިޔާ ދަސްވާނީ ކޮންދުވަހަކުން. އަހަރެންގެ އިޙްސާސްތައް ނިޔާ އަށް އިޙްސާސް ކުރެވޭނީ ކޮންއިރަކުން؟ އަހަރެންގެ މިއެކަނިވެރިކަން ފިލާނީ ކޮންދުވަހަކުންބާ؟ އިންތިޒާރު ކޮށްކޮށް އަހަރެން ވަރުބަލި ވެއްޖެއް. ނިޔާއަކަށް
އަހަރެންނަށް ވަގުތެއްނުދެވޭ. އަހަރެން ނަށްޓަކާ ވަގުތު ވާކަމަކަށްވެސް ނުވޭ. ” ނިހާ ހިތާއިހިތާ ޝަކުވާ ކުރަމުން ދިޔައެވެ.
ގިސްލަމުން ދިޔައެވެ. ލޮލުން އަންނަމުން ދިޔަ ކަރުނަތައް ކޯތާފްތަ މައްޗަށް ފައިބަމުން ދިޔައެވެ. އެކަނިވެރިކަން އިޙްސާސް ވުމުން ކުރިޔަށްވުރެންވެސް ބޮޑަށް ގިސްލެވެން ފެށިއެވެ. އެއެކަނިވެރިކަން ފިލުވާދޭނެ ދެވަނަ ފަރާތަކަށް ނިހާ ވަނީ ބޭނުން ވެފައެވެ.

ނިހާ ސިހުނީ ފަހަތުން މީހަކު އައިސް ނިހާގެ ކޮނޑުގައި އަތްޖައްސާލުމުންނެވެ. ނިހާ އަވސް އަވަހަށް ކަރުނަ ފުހެލިއެވެ. އަދި ހީލަން މަސައްކަތް ކުރިއެވެ.
” ދޮންތަ އަދިވެސް ނުނިދަނީތަ؟” ނިހާ އަހާލިއެވެ.
” ނިހާ ރޮނީތަ؟” ނިޝާ އަހާލިއެވެ.
” ނޫން. ކިހިނެއްވީ؟” ނިހާ ނިޝާ އަށް ފުރަގަސް ދެމުން ބުންޏެވެ.
” ނިހާ ދޮންތައަށް ދޮގުހަދަނީތަ؟ ދޮގުނުހަދާ. ތިއީ ދޮންތަ ނުދަންނަ ނިހާ އެއްނޫން. ބުނޭ ކިހިނެއްވީ؟” ނިޝާ އަހާލިއެވެ.
ނިހާ ފަސްއެނބުރި ނިޝާ އަށް ބަލާލިއެވެ. އަދި ރޮއިގަންނަމުން ނިޝާގެ ގައިގައި އޮޅުލައިގަތެވެ.
” ދޮންތާ.” ނިޝާ ނިހާގެ ބޮލުގައި ފިރުމާލިއެވެ.
” ކިހިނެއްވީތަ ނިހާ؟ ނުރޮއި ބުނެބަލަ. ނިޔާޒް އެއްޗެއް ބުނީތަ؟ ” ނިޝާ އަހާލިއެވެ.
” ނޫންދޮންތާ. އޭނަ އަހަރެންނާއި ދިމާއަށް އެއްޗެއްބުނިނަމަ ދެރައެއްނުވާނެ. އޭނަ އަހަރެން ނާއި ދޭތެރޭގައި އެއްވެސް ފަރުވާތެރިކަމެއް ނުބަހައްޓާ. އޭނަޔަށް މުހިއްމީ އޭނަގެ މަސައްކަތް. އޭނަގެ އާއިލާ އޭނަގެ އަމިއްލަ ނަފުސު. އަހަރެން މިއީ އެއްވެސް މީހެއްނޫން. އަހަރެންގެ އިޙްސާސްތަކަކީ އެއްވެސް އެއްޗެއްނޫން. އަހަރެންނަށް އެއްވެސް އުފަލެއްނެތް.
ދޮންތާ އަހަރެން ބޭނުމީ އަހަރެންގެ އަމިއްލަ މިނިވަންކަން. އަހަރެންގެ އަމިއްލަ ވުޖޫދު. މީހުން އަހަރެން ދެނެގަންނަންވީ ނިޔާގެ މީހެއްގެ ގޮތުގައެއްނޫން. އަހަރެންގެ އަމިއްލަނަމުން. ” ރޮމުން ނިހާ ވާހަކަ ދައްކަމުން ދިޔައެވެ.
” ނިހާ. ތިކަން ދޮންތައަށްވެސް އެނގެޔޭ. އެކަމަކު އަހަރުމެން އަންހެނުންނަށް އެފުރުސަތެއްނޯވޭ. ނިހާ ޅަކަމުން އަދި ނުވިސްނެނީ. ދިރިއުޅުމުގެ މިދަތުރުގައި ހުންގާނުގައި ހުންނާނީ… ” ނިޝާ ގެ ޖުމްލަފުރިހަމަނުވެގެން އުޅެނިކޮށް ނިޔާ
އައިސްވަނެވެ. ނިހާ ކަރުނަ ފުހެލިއެވެ.
” އަދިވެސް ތެއްއެއްޗެހިބަދަލުނުކުރަނީތަ؟ ތިހެން ހުއްޓާ ހުންއަތުވެދާނެ. އެއްޗެހި ބަދަލުކުރަންދޭ.” ނިޔާޒް ނިހާ އަށް ބުންޏެވެ.” ދޮންތާ ދޮންތަވެސް ނުނިދަނީތަ؟” ނިޔާޒް ނިޝާ ކުރެން އަހާލިއެވެ.
” އާން. އަދި މުވާޒްވެސް ގެޔަށްކަށް ނާދޭ. ނިހާ ކާންހަދާފައި ހުންނާނެ. ކައިގެން ނިދާތި.” ނިޝާ އެތެރެއަށް ހިނގައިގަންނަމުން ބުންޏެވެ. ނިޝާގެ ފަހަތުން ނިހާވެސް އެތެރެއަށް ވަނެވެ. ނިޔާޒްވެސް ފަހަތުން ގޮސް ކޮޓަރިޔަށްވަނެވެ. ނިހާ ފާޚާނާ އަށް ވަދެފައި އެއްޗެތި ބަދަލުކޮށްލައިގެން ނިކުތެވެ. ނިޔާ އިނީ ޓީވީބަލާށެވެ.
” ނިހާ ކޮބާ އަހަރެންގެ ނިދާ ހެނދުން؟” ފަރުވާކުޑަރާގަކަށް ނިޔާޒް އަހާލިއެވެ. ނިހާގޮސް އަލަމާރި ހުޅުވާލައިފައި ނިދާހެނދުން ނަގައި އެނދުމަތީގައި ބޭއްވިއެވެ.
” ކާން ގެންނަންތަ؟” ނިހާ އަހާލިއެވެ.
” ނޫން. އަހަރެން މިއައީ ގޭން ކައިގެން. ނިހާ ގޮސް ކާލާ. ” އާފުރިލަމުން ނިޔާޒް ބުންޏެވެ.

ނިހާ އިރުކޮޅަކުން އެނދުކައިރީގައި ކޮޅަށްހުރުމަށްފަހު ބޭރަށް ނިކުތެވެ. އެތެރެފެންޑާއާއި ދިމާއަށް ހިނގައިގަތެވެ. ނިޝާގެ ކޮޓަރިކައިރީގައި މަޑުކޮށްލިއެވެ. އެވަގުތު ކޮޓަރި ތެރެއިން އިވިގެން އެދިޔައަޑުތަކަކުން ނިހާގެ މުޅިހަށިގަނޑު ރޫރޫ އަޅައިގެން ދިޔައެވެ. ނިހާ ގަސްތުގައި އެއަޑު އަހަން މަޑުކުރީކީއެއްނޫނެވެ. އިއްތިފާގުން އެއަޑުތައް އިވުނީއެވެ. ނިހާ ދާހިއްލާ ފޯވިއެވެ. ދެލޮލުން ކަރުނައޮހިގަތެވެ. އޭނަގެ ނިކަމެތި ދޮންތައާއި ދޭތެރޭގައި އޭނަގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. އޭނަގެ ދައްތަގެ ފިރިމީހާ މުވާޒް އެހާ ހިތްހަރުމީހަކަށް ވެދާނެކަމަކަށް ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ.
” މުވާޒް އަހަރެންނަށް ކުރެވޭނީ އާދޭސް. ދެން އަހަރެންނަށް ކުރެވޭނީ ސުވާލު. އެސުވާލުތަކުގެ ޖަވާބު އަހަރެން ބޭނުން. އަހަރެންގެ ފަރާތުން މުވާޒް އަށް ނުލިބެނީ ކޮންއުފަލެއް؟ އަހަރެންނާއި ދޭތެރޭގައި މުވާޒް ހިތަހަމަނުޖެހެންވީ ސަބަބަކީ ކޮބާ؟ ރޭގަނޑު އެތައް ދަމެއްދާފަހުން މުވާޒް ގެޔަށް އައުމުން އަހަރެންގެ މާންބަފައި އަހަރެންނާއި ކުރާސުވާލުތަކަށް އަހަރެން ޖަވަބުދޭނީ ކިހިނެއް؟” ރޮމުން ނިޝާ ބުނަމުން ދިޔައެވެ.
” ނިޝާ އަށް ފެންނައެއްޗެއް ބުނީމައި ވީއެއްނު. ނޫނީ މަންމަ މެންނަށް ގޮސް ހަގީގަތް ކިޔާދީ. މަނާނުކުރީ ކާކު؟ ” މުވާޒް ހަރުކަށި ރާގަކަށް ބުންޏެވެ.
” އެއްވެސް މީހަކު މަނައެއްނުކުރޭ. އެކަމަކު އަހަރެން މިބުނަނީ މުވާޒް ދަންވަރު ގެއަށް އައުން….. ” ނިޝާ ބުނަންއުޅުނެވެ. އެވަގުތު އިއިވިގެން އެދިޔައީ މުވާޒްގެ އަތުގެ ބާރު ހިފާލިއަޑެވެ. އެއާއިކު އައްދިއްޔޯއިއޭބުނަމުން ނިޝާ ރޮއިގަތް އަޑެވެ.
” މޫނުމަތީގައި ޒުވާބުނުކުރޭ. އަހަރެން ނިޝާ އާއިއިނީކީ ލޯތްބަކުންނެއްނޫން. ކިތައްފަހަރު ބުނަންވީ. އާދޭސްކޮށްފައި މިބުނަނީ އަހަރެންގެ ޒާތީކަންތައްތަކާ ނިޝާ ނުބެހިހުރޭ. އެހެންނޫނީ މިވާވަރުވެސް ނުވާނެ. ”

އިތުރައް އެއަޑުތައް އަހާހާހިތްވަރެއް ނިހާއަކަށް ނުލިބުނެވެ. ރޮމުން ދުވެފައި ގޮސް ކާކޮޓަރިޔަށް ވަނެވެ. އަމިއްލަނަފުސާއި މެދު އޮތް އިތުބާރު ކުޑަކަމުން ދެރަވެ
ހިތާމަކުރިއެވެ. ދައްތަގެ ނިކަމެތިކަމާއި އޭނައާއި ދޭތެރޭގައި ނިޔާގެ ފަރުވާކުޑަކަމާއި މުވާޒްގެރ ހަރުކަށިކަން ހިތައް އެރުމުން ހިތް ބިރުގަނެ ހާސްވާން ފެށިއެވެ. ރައްޓެހިވެގެން އުޅޭއިރު އެވަރެއްނެތިގެން އުޅޭމީހުން ކައިވެނިކުރެވުމުން ކުއްލިޔަކަށް ބަދަލުވެގެން ދާތަން ދެކެފައި ހިތުގައި ހާސްކަމާއި ފިކުރު އުފެދެއެވެ. އެތަކެއްސުވާލުތަކަކުން ހިތް ނުތަނަވަސް ކުރުވައެވެ. ވާނުވާ އޮޅި މަގުގެއްލެއެވެ. ގިނަފަހަރަށް ވަފާތެރި އަނބިމީހާ ބޭވަފާތެރިވާން މަޖުބޫރުކުރުވަނީ ހުދު ތިމާމެންގެ ފުށުން ކަމެއް އެމީހުންނަށް އިޙްސާސް ނުވަނީ ކީއްވެގެންބާވައޭ ނިހާގެ ހިތައް އަރަމުން ދިޔައެވެ. ލޯބިވެގެން އާހަޔާތެއްފަށާއިރު
ކައިވެންޏަށް އަހަރުނުވެ އުޅެނީސް އެކައިވެންޏެއް ރޫޅެން ދިމާވަނީ ކީއްވެގެންބާވައޭ ހިތައް އަރަމުން ދިޔައެވެ. ރައްޓެހިވެގެން އުޅޭއިރު ބާލަމުންދާ ތަރިތަކާއި އުޑާއިބިން ހެކިކޮށް ކުރަމުންދާ ވައުދުތަކާއި އަހުދުތައް އުވިގެންދަނީ ކީއްވެގެން؟ ބުނެލާ އެންމެ ޖުމްލައަކުން ދުނިޔޭގައިވާ ހުރިހާ އުފާތަކެއް އެލޯބިވެރިޔާގެ އުނގަށް ގެނެސްލައިދިނުމަށް ދެކެމުންދާ ފޮނިހުވަފެންތަކުގައި ކުލަނުޖެހެންވީސަބަބަކީ ކޮބާބާ؟ ކާއިނާތާއި
ދޭހުގައިވާ އުފާތަކާއި ތަރިތަކާއި ހަނދު ގެނެސްދޭން ކުރަމުންދާ ހުވާތަކާ އަހުދުތައް އުވިދަނީ ކީއްވެގެބާ؟ ކައިވެންޏަށް އަހަރު ކީއްކުރަންހެއްޔެވެ. ދެމަސްދުވަސް ހަމަނުވެގެން އުޅެނިކޮށް ވަފާތެރި އަނބިމީހާ ގޭގައި ބައިންދައިފައި ގޮސް އެހެން ދިމާއަކުން އާލޯބިވެރިޔަކު ހޯދައިގެން އެމީހާގެ އިސްތަށިގަނޑުގެ އަސީރަކަށް ވެގެން ދަނީ ކީއްވެގެން ހެއްޔެވެ. ހައްތަހާވެސް ސުވާލެވެ. ޖަވާބުދޭން ދަތި ސުވާލުތަކެކެވެ. ނިހާ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލިއެވެ. އަލަމާރި ހުޅުވާލައިފައި ފެންފުޅިއެއްނެގިއެވެ. ތުރުތުރު އަލާއަތުން ތައްޓެއްނަގައިފައި ފެން އެޅިއެވެ. ހަމަޖެހިމުގެ ނޭވާއެއް
ލުމަށްފަހު ބިސްމިކިޔައިފައި ފެންކޯވަރެއްބޯލިއެވެ.

މިހާރު މޫނުމަތިން ފެންނަމުން ދިޔަހާސްކަން ކުޑައެވެ. ހީވަނީ ނިހާ ހިތުގައި އާއަޒުމެއް ކަނޑައެޅީހެންނެވެ. ނިހާ މަޑުމަޑުން ބޭރަށް ނިކުމެގެން ކޮޓަރިޔަށް ދިޔައެވެ. ނިހާ ކޮޓަރިޔަށް ވަންއިރު ނިޔާޒް އޮތީ ނިދާފައެވެ. ނިހާ އެނދުގައި އޮށޯވެ ނިދޭތޯ ލޯމަރާލިއެވެ.
އެކަމަކު ނިހާއަށް ނިދޭ ގޮތެއްނުވިއެވެ. އިވިގެންދިޔަ އަޑުތައް އެކިގޮތްގޮތައް ކަނފަތުގައި ގުގުމަމުން ދިޔައެވެ. ދިމާވެފައިވާ އުފާވެރިކަންތަކާއި ހިތާމެރިކަންތައް ސިފަވަމުން ދިޔައެވެ. ދެކެމުން އައި ފޮނިހުވަފެންތައް ސިފަކުރެވުމުން ލޮލުން ކަރުނަ އަންނަން
ފެށިއެވެ. ނިހާ އެނދުންތެދުވެ ދެކޮޅަށް ހިނގަންފެށިއެވެ. ނިޔާއަށް ގޮވާހޭލައްވާލަން ނިހާގެ ހިތައްއެރިއެވެ. ނިހާ ނިޔާޒްއަށް ގޮވާލަން އުޅެނިކޮށް ނިޔާގެ މޯބައިލް ފޯނު ރިންގުވާން ފެށިއެވެ. ނިހާ ފޯނު ނެގިއެވެ.
” ހަލޯ. ” ނިހާ އަޑު ޖެހުމާއި އެކީގައި ފޯނުކުރިމީހާ ފޯނު ކަނޑާލިއެވެ. ނިހާ އަވަސްވެގަތީ ފޯނު އައީ ކޮންނަމްބަރަކުންތޯ ބަލާލާށެވެ. ނިހާގެ ދެލޯ ބޮޑުވެގެންދިޔައެވެ. އަދި ނިޔާއަށް ބަލައިލިއެވެ. އެއަށްފަހު ފޯނުގެ ނަމްބަރަށް ބަލައިލިއެވެ. ނިހާ ފޯނު ބޭއްވިއެވެ. އަދި މަޑުމަޑުން ހިނގާލަފައި ގޮސް ކުޑަދޮރުގެ ކައިރީގައި މަޑުކޮށްލިއެވެ.

ފަތިހުގެ ފިނިކަން އިޙްސާސް ކުރަމުން ނިޔާޒް މޯޅިޔަކަށް ޖެހިލިއެވެ. އެނދުގައި ނިހާ ނެތްކަން ނިޔާޒްއަށް އެނގުމުން ފުންމައިގެން ތެދުވިއެވެ. ކޮޓަރިތެރެއަށް ބަލައިލިއެވެ. ކުޑަދޮރުގެކައިރީގައި ހުރި ނިހާ ފެނުނެވެ. ނިޔާޒް އެނދުން ތެދުވެ ނިހާގެ ކައިރިޔަށް ދިޔައެވެ.
” ކޮންއިރަކު ހޭލީ؟” ނިޔާޒް އަހާލިއެވެ.
” ހޭލަން އަހަރެން ނިދީ ކޮންއިރަކު؟” ރޮއިރޮއި ރަތްވެފައިވާ ދެލޮލުން ނިޔާޒްގެ ލޮލާއި ހަތަރުކަޅިހަމަކޮށްލަމުން ނިހާ އަހާލިއެވެ.
” ނުނިދާ ހޭލައި ހުރެގެން ކުރީ ކޮންކަމެއް؟” ޙައިރާންވެފައި ނިޔާޒް އަހާލިއެވެ.
” ކުރެވުނުމޮޔަކަމަކާއި ދޭތެރޭގައި ވިސްނާ ފިކުރުކުރީ. ހަޔާތުގެ އެންމެ މުހިއްމުވަގުތު ކޮޅު ބޭކާރު ކޮށްލެވުނީތީ ހިތާމަކުރެވުނީ.” އެނދާއި ދިމާއަށް ހިނގައިގަންނަމުން ނިހާ ބުންޏެވެ.
” ނިހާ ވެގެން ތިއުޅެނީ ކީއްތަ؟ބުނީމައި ނޫން އެނގޭނީ. ޕާޓީއަށް ނުދެވުނީމައި އެކަމާއި ދެރަވީތަ؟” ނިޔާޒް އަހާލިއެވެ.
” މިއީކީ އަހަރެންގެ ހަޔާތުގައި ނިޔާޒް އާއި އިންފަހުން ކެންސަލްވި ފުރަތަމަ ޕާޓީއެއްނޫން. ދެރަވެގެން އަހަރެން އުޅޭކަށް. އަހަރެންދެރަވެ ވިސްނަންޖެހެނީ ނިޔާޒްގެ ފަރުވާ ކުޑަކަމާއި ދޭތެރޭގައި. އަހަރެންގެ އިޙްސާސްތައް ނިޔާޒްއަށް ނޭނގޭތީ. ނުވިސްނާތީ. އެކަންތައް އިޙްސާސް ނުވާތީ. އަހަރެންގެވެސް އުންމީދެއްވާކަން ނިޔާޒް ހަނދާން ނެތީތީ. މިނެޓެއްހާވެސް ވަގުތުކޮޅެއް ނިޔާޒްއަށް އަހަރެން ނާއި އެކީގައި ހޭދަކޮށްލަން ނުލިބޭތީ. އިރުއަރާއިރު ނިޔާޒްގެ ފަޒީފާ. އިރުއޮއްސޭއިރު ނިޔާޒްގެ އާއިލާ ނުވަތަ ވިޔަފާރި. ގެޔަށް އައިސް ވަނުމަށްފަހު ނިދަންލަސްވެފައި ނޫނީ އޮފީހުގެ މަސައްކަތެއްގައި. އަހަރެންގެ ހާލުއަހާލުމެއްނެތް. ދުވާލުދާ ހަތަރުދަމު އަހަރެން ހޭދަކުރަނީ ކިހިނެއްތޯ ކުރަނީ ކޮންމަސައްކަތެއްތޯ އަހާލުމެއްނެތް. ބޭނުންވާ ކަމެއްއޮތްތޯ ބަލާލުމެއްނެތް. އެއްކޮޓަރިއެއްގެ ތެރޭގައި ނިދާ ހަދާއިރުވެސް ދެމީހުންނަކީ ނުދަންނަ ދެމީހުންފަދަ. އެކަކު އަނެކަކަށް އަޅާލުމެއްނެތް. މިއީ ދިރިއުޅުމެއްތަ؟ އަހަރެން ބޭނުންވާ ދިރިއުޅުމަކީ މިއީ އެއްނޫން. އަހަރެން ދެކެމުން އައި ހުވަފެނަކީ މިއީ އެއްނޫން. ” ރޮމުން ނިހާ ބުނަމުން ދިޔައެވެ.
“ބުނަން ނިހާ ވާހަކަ އެއް؟ އަހަރެން ނަކަށް ނިހާ ތިބުނާކަހަލަ މީހަކަށް ނުވެވޭނެ. ދިރިއުޅުމަށް މަސައްކަތް ކުރަމުން ކިހިނެއް؟” ނިޔާ ވަރަށް ފަރުވާ ކުޑަރާގެއްގައި ބުންޏެވެ.
” އެހެން މީހުންވެސް ދިރިއުޅުމަށް މަސައްކަތް ކުރޭ. އެމީހުންވެސް އެމީހުންގެ އަނބިދަރިންނާއި އެކީގައި ވަގުތު ހޭދަކުރޭ. ” ނިހާ ބުންޏެވެ.
” އިރުއަރާއިރަށް ޝަކުވާ ބޮޑި. ބޯހަލާކު ވާވަރުވޭ. ” ފާޚާނާއާއި ދިމާއަށް ހިނގައި ގަންނަމުން ނިޔާޒް ބުންޏެވެ.
” އަހަރެން އެއްޗެއްބުނާއިރަށް ޝަކުވާ.” ނިހާގެ ލޮލުން އަނެއްކާވެސް ކަރުނަ އަންނަން ފެށިއެވެ.
” ނިހާ” ބޭރުން ނިޝާ ގޮވާލި އަޑުއިވުނެވެ. ނިހާ އަވަސް އަވަހަށް ކަރުނަ ފުހެލިއެވެ. އަދި ބޭރަށް ނިކުތެވެ.

އަޑުގެ ކޮޅަށް އަނާން އަށް ގޮވަމުން ފާރިޝް ދިޔައެވެ. އަނާންގެ ކޮޓަރިޔަށް ވަދެފައި ސޯފާއަށް ވެއްޓިގަތެވެ. އޭރު އަނާން ފޯރިއަރުވާލައިފައި ގޭމްކުޅެމުން ދިޔައެވެ.
” މިއަދު އެއްވެސް ކަމެއްނެތީތަ؟” ފާރިޝް އަހާލިއެވެ.
” ނޫނޭ ކިހިނެއްވީ؟” އަނާން އަހާލިއެވެ.
” ރަނޑުއަންހެނެއްހެން ގޭތެރޭގައި އިނީމައި.” ފާރިޝް އަނާން އަށް ބުންޏެވެ.
” އަހަރެން ގޭތެރޭގައި އިނދެގެން އަންހެނުން ކުރާ މަސައްކަތްތަ މިކުރަނީ؟” އަނާން ރުޅިއަންނަގޮތް ދައްކާލަމުން ބުންޏެވެ.
” އޮފް ސޮރީ އަންހެނެއްނޫން. ޅަދަރިއެއް. ” ދިމާކޮށްލާހިތުން ފާރިޝް ބުންޏެވެ.
” އެކަމެއް ފާރިޝް އަކަށް ނޭނގޭތަ؟ އަހަރެން މިއީ މީހެއްގެ ޅަދަރިއެކޭ.” ކުޅުން ހުއްޓާލަމުން އަނާން ބުންޏެވެ.
” ހިނގާބަލަ ދުއްވާލަންދާން. ”
” ކީއްކުރަން. ބޭކާރު ގޮތުގައި ޕެޓްރޯލް ހަރަދުވާނީ. ” އަނާން ފާރިޝް ރުޅިއަރުވާލަން ބުންޏެވެ.
” އެހެން ވިއްޔާ ބައިސްކަލުގައި ދާނީ. ”
” ސާބަސް ތަނަކަށް ނުގޮސް ނީދެވޭނެދޯ. ހިނގާބަލަ. ” ތެދުވަމުން އަނާން ބުންޏެވެ.
” އަނާން. މިހާރު ފުރުން އޮތީ ކޮންއިރަކު؟” ފާރިޝް އަހާލިއެވެ.
” ނޭނގެ. އަންނަހަފުތާގައި ވިސާ ހައްދަން ލަންކާއަށް ފުރާވާހަކަ ބައްޕަ ބުނުއްވި. ”
” އެހެންވީމައި މާގިނަ ދުވަހެއް ނެއްތެއްނުދޯ. ” އަނާންގެ ފަހަތުން ބޭރަށް ނިކުންނަމުން ފާރިޝް ބުންޏެވެ.
” އާން. ” ސައިކަލަށް އަރާ އިސްޓާޓް ކޮށްލިއެވެ.
ވާހަކަ ދައްކަމުން ސައިކަލުގައި ދިޔައެވެ. މާވިއްކާފިހާރައާއި އަރާހަމަވެފައި ކުއްލިޔަކަށް ސައިކަލްގެ ބުރެކިޖެއްސިއްޖެއެވެ. ފާރިޝް ޙާއިރާން ވެފައި ފިހަރައަށް ބަލާލިއެވެ. އަދި އަނާން އަށް ބަލައިލިއެވެ.
” އަނާން. މިފިހާރަ ދޮރުމައްޗަށް އަނާން ސައިކަލު މަޑުކުރާ ހަވަނަ ފަހަރުމިއީ. ކޮންމެފަހަރަކުވެސް ފިހާރަ ދޮރުމައްޗަށް މަޑުކޮށްފައި ފިހާރަ ތެރެއަށް ބަލާލައިފައި ދުއްވަތިލަނީ. ކުރަން އުޅޭކަމެއް ބުނެލައިގެން އުޅޭ. މިފިހާރަ ދޮރުމަތީގައި
މުގޯލިތިއަޅަނީ ކީއްކުރަން؟ މާރީތި އަންހެންކުއްޖެއް އިންނަފިހާރައެއްތަ؟” ފާރިޝް އަހާލިއެވެ.
” އާން ހުތުރެއްވެސް ނޫން. އޭނަ ކިޔަން ގެންގުޅު ވާހަކައިގައި ދެންވީގޮތެއް އޮޅުންފިލުވަން މިއުޅެނީ. ” އަނާން ބުންޏެވެ.

” ވާހަކައިގައި ދެންވީގޮތްތަ ނޫނީ މުސްތަޤްބަލްގައި ދެންވާނެ ގޮތްތަ؟” ފާރިޝް އަހައިލިއެވެ.
” ސާބަސް މައެބައުޅެންތަ މޮޔަވެގެން؟ ހިނގައިބަލަ އެތެރެއަށް ވަދެލަން ވަރަށް ރީތި މަންޖެއެކޭ. އެކަމަކު ބުނަން ފާރިޝް ހިނނުކިޔާތި. ” އަނާން ބުންޏެވެ. ސައިކަލް ޕާކުކުރުމަށްފަހު އަނާން ގޮސް ފިހާރަތެރެއަށްވަނެވެ. އޭރު ނިހާ އުޅެނީ މާތަކުން މިލާމޯލިވެފައިވާ މާތަކާއި ތާޒާމާ ވަކިކުރުމުގައެވެ. އަނާން ވަދެފައި ކައުންޓަރު ކައިރިޔަށް ޖެހިލިއެވެ. އޭރު ނިހާ ކިޔަން ގެންގުޅޭ ވާހަކަ ފޮތް ކައުންޓަރު މަތީގައިއޮތެވެ. އަނާން ފޮތް ނަގައި ބަލައިލިއެވެ. ފާރިޝް އެތެރެއަށް ވަދެފައި ނިހާ އަށް ބަލައިލިއެވެ.
” ދެން ނިކަން ބުނެބަލަ. ވާހަކައިގައި ދެންވީ ކިހިނެއްތަ؟” އަނާން އަހައިލިއެވެ. ސިހިފައި ނިހާ އަނާން އަށް ބަލައިލިއެވެ.
” ކަންތަކާއި ލައިގަތީ. އިއްޔެގައި ކުރެވުނު ޖެއްސުން ކުޑަކަމުން އަނެއްފަހަރު އުދަގޫކޮށްލަން އެއައީ. ” ނިހާ ހިތާއިހިތާ ކިޔައިލިއެވެ.
” އަހަރެން ނަށް އެނގެޔޭ ތިވިސްނަނީ ކޯއްޗެއްކަން. އަހަރެން މިއީ ވަރަށް އުދަގޫ ބޮޑުމީހެއްދޯ. ދެރަނުވޭ. ދެން އަހަރެންގެ އުދަގޫވާނީ އިތުރު. ޖަވާބު ނުދޭހާހިނދަކު އަހަރެން މިގޮތައް އުދަގޫކުރާނަން. ” އަނާން އަށް ބުނެވުނެވެ. ފާރިޝްވެސް
ޙައިރާން ވެފައި އަނާން އަށް ބަލައިލިއެވެ. ނިހާ ހީލިއެވެ.
” އަހަރެން އޭގެފަހުން އަދި ވާހަކަ އެއްނުކިޔަން. ވާހަކަ ކިޔާކަށް ވަގުތެއްވެސް ނުލިބޭ. ” ނިހާގެ ޖަވާބު އެނގުމުން އަނާންގެ ގާތަށްހިނިއައެވެ.
” ސިލީ. ” މަޑުމަޑުން އަނާން ބުނެލިއެވެ.
” އަނާން ދާންހިނގާދޯ. ” ފާރިޝް ބޭރަށް ނިކުތެވެ. އަނާން ފޮތްބާއްވައިފައި ހިނގައިގަތެވެ. ނިކުންނަމުން ސިއްރުސިއްރުން ނިހާގެ ކަންފަތް ދަށުގައި ބުނެލިއެވެ.
” އައިލަވްޔޫ….. ” ނިހާ ސިހިފައި ބަލައިލިއެވެ. އަދި މަލެއްނަގައިފައި ނިހާ އަށް ދިއްކޮށްލިއެވެ. ” މަށާ އިންނާނަންތަ؟ އަހަރެން މިއީ އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ އާދައިގެ މީހެއް. ޑިގްރީއަށް ކިޔަވަމުން މިދަނީ. އިއްޔެވެސް ނަމެއް
ނުބުނަމެއްނު. ކޮންނަމެއްކިޔަނީ؟” ނިހާ އަނާންގެ މޫނަށް ބަލަމުން ދިޔައެވެ. އަނާން އާއި ހަތަރުކަޅި ހަމަވިވަގުތު ނިހާ ރޫރޫ އަޅައިގެން ދިޔައެވެ. އަނާންގެ ލޮލުގެ ތޫނުފިލިކަމާއި އެލޮލުން ފެންނަމުންދިޔަ އުންމީދެއްގެ އަލިކަމުން ނެވެ. ނިހާ އިސްޖަހައިލިއެވެ. ފޯނުރިންގުވާންފެށިއެވެ. ނިހާ ގޮސް ފޯނުނެގިއެވެ. ފޯނަށް ޖަވާބުދީފައި ނިހާ އެނބުރިލިއެވެ. އަނާން އެތަނުގައި ފެންނާކަށްނެތެވެ. ނިހާ ގޮސް ދޮރުހުޅުވައިލައިފައި ބޭރު ބަލައިލިއެވެ. އޭރު އަނާން ސައިކަލް ދުއްވައިލަނީއެވެ. އަނާން ނިހާ އަށް ޓާޓާ ކިޔާލިއެވެ. އަނާންގެ ސަބަބުން ނިހާ ހާސްކަމެއްގެ ތެރެއަށް ވަދެވުނެވެ. ކަނބޮޑުވިއެވެ. ހިތުގައި
އާދަޔާއި ޙިލާފު ބިރުވެރިކަމެއް އުފެދުނެވެ. އަނާން އަށް ވިސްނައިދޭން ނިހާ ނިންމިއެވެ. އަނާންގެ އުމުރަކީ އެކަހަލަ އުމުރެކެވެ. މީހުންނާއި ސަމާސާ ކުރުމާއި ދިމާކުރުމާއި ލޯބިހުށައެޅުމުގެ އުމުރެވެ. ހިތްއެދޭކަހަލަ ކުއްޖެއް ފެނުމުން ފުރުސަތުގެ ބޭނުން ހިފާލުމެވެ. އެއީ އޭނަގެ ކުށެއް ނޫނެވެ. ދުނިޔޭގެ އާދަކާދަހުރި ގޮތަކީ މިއީ އެވެ. ނިހާ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ނިޔާޒް އައިސް ވަނެވެ.
” ނިހާ ގެޔަށް ދަމުން މަންމަގެ ގެޔަށް ވަދެލާފައި ދާނީ އިނގޭ. މަންމަ އުޅެނީ ކުޑަކޮށް ބަލިވެ. ” ނިޔާޒް ބުންޏެވެ.
” އާން. ” ނިހާ އަތްދަބަސްނަގައި ކޮނޑުގައި އަޅުވައިލިއެވެ. ” ދަނީ. ” ނިހާ ދާން ހިނގައިގަތެވެ.
ނިޔާޒް ކައުންޓަރުކައިރިޔަށް ކައިރިވެލިއެވެ. އެއްޗެއް ހޯދަނިކޮށް ނިހާގެ ވާހަކަ ފޮތް ނިޔާޒް އަށް ފެނުނެވެ. ނިޔާޒް ފޮތްނަގައި ހުޅުވައިލިއެވެ. އެވަގުތު ފޮތުގެ ތެރެއިން ކަރުދާސްކޮޅެއް ވެއްޓުނެވެ. ނިޔާ ކަރުދާސްކޮޅު ނަގައި ނިއުޅުވާލައިފައި ބަލައިލިއެވެ. ނިޔާގެ މޫނުގެ ކުލަބަދަލުވެގެންދިޔައެވެ. ނިޔާ ބޭރަށް ނިކުމެ ބަލައިލިއެވެ. އޭރު ނިހާ ބައިސްކަލުގައި ވަރަށް ދުރަށް ގޮސްފިއެވެ. ނިޔާޒްގެ މޫނުމަތިން ރުޅިވެރިކަން ފެނިގެން ދިޔައެވެ. ނިހާ ގެޔަށް އައިސްވަނުމައިއެކު ކޮނޑުގައި އަޅުވައިލައިފައިވާ ދަބަސްނަގައި މޭޒުމަތީގައި ބޭއްވިއެވެ. އަދި އެތެރެއަށް ވަނުމަށްފަހު ކޮޓަރިތެރެއަށް ބަލައިލިއެވެ. އެނދުގައި އޮށޯވެލައިގެން ދޮރާއި ފުރަގަސްދީގެން އޮތް ނިޔާޒްގެ މަންމަގެ މަގަތުން
ނިހާ އިށީނެވެ. މަޑުމަޑުން އޯގާތެރި ރާގެއްގައި ގޮވައިލިއެވެ.
” މަންމާ… ” ނިހާ ގޮވައިލުމާއި އެކީގައި އިވިގެން ދިޔައީ ނިޔާޒްގެ އަޑެވެ.
“ނިހާ ” ސިހިފައި ނިހާ ދޮރާއި ދިމާއަށް ބަލައިލިއެވެ. ނިދިފައި އޮތް ނިޔާޒްގެ މަންމަވެސް ސިއްސައިގެން ދިޔައެވެ. ނިޔާޒްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ހަރުކަށިކަމެވެ. ނިހާއަށް އެނދުންތެދިވެވުނެވެ. ނިޔާޒްގެ އަތުގައި ނިހާގެ ވާހަކަ
ފޮތް އޮތެވެ.
” ކިހިނެއްވީ ނިޔާޒް؟” ނިހާ ޙައިރާންވެފައި އަހައިލެވުނެވެ.
” ކިހިނެއްވީހޭ އެބައަހައެއްނު. މަކަރުވެރިޔާ ކީއްވެގެން އަހަރެންނަށް އޮޅުވާލީ؟ އަހަރެން ނިހާ އަށް ކުރިއިތުބާރު ނިހާ ގެއްލުވައިލައިފި. އެއީ ކީއްވެގެން؟ ” ނިޔާޒް ރުޅިއައިސްފައި ބުނަމުން ދިޔައެވެ. ނިހާ އަށް ބުނާނޭ އެއްޗެއްނޭނގިފައި ނިޔާޒް އަށް ބަލަހައަޓައިގެން ހުރެވުނެވެ. ނިޔާޒްގެ މަންމަ ނިހާއަށް ބަލައިލައިފައި އަހައިލިއެވެ.
” ނިހާ. ނިޔާޒް އެކިޔަނީ ކީއްކޭތަ؟”
” މަންމާ… ނިހާކުރެން އެހިއޭކިޔާފައި ޖަވާބު ދޭނެތަ؟ ޖަވާބު އެނގޭނީ މިސިޓީ ކީމައި. ލޯބިވެރިޔާގެ ސިޓީ އޭނާގެ ހަށިގަނޑާއިވަހިނު ކޮށް ގެންގުލެވޭނީ އަބަދު ކިޔަންއިންނަ ވާހަކަ ފޮތަށް ލައިގެނެއްނު. ހުރި ގޮތަކުޑަކަން ހިތައްއަރާ…. ”
” ސިޓީއޭ؟ ކޮންސިޓިއެއް؟” ޙާއިރާންވެފައި ނިހާ އަހައިލިއެވެ.
” އަދި ނޭނގޭކަމަށް އެބަހަދައެއްނު. މިއީ ހަމަކަލެއަށް ނޭނގޭ ސިޓީއެއްތަ؟” ސިޓީ ދިއްކޮށްލަމުން ނިހާ އާއި ދިމާއަށް ބުންޏެވެ.

” އާން. އަހަރެންނަކަށް ނޭނގޭ ތިއީ ކޮންސިޓިއެއްކަމެއް.” ނިހާ ބުންޏެވެ.
” ހާދަ ދޮގުހަދައޭދޯ. އަހަރެންގެ ފަރުވާކުޑަކަމުގެ ވާހަކަ ދައްކާނީ. ތިމާގެ ބޭވަފާތެރިކަމެއް ހިތަކަށް ނާރާދޯ. އަހަރެން ތިކަހަލަ މީހަކާއި އިނދެގެން އެނމެހިނދުކޮޅަކަށްވެސް އުޅޭކަށް ބޭނުމެއްނޫން. ތިއިނީ ވަރިކޮށްފައި…. ނިކުމެގެންދާހަނދާ…” ނިޔާޒް ދުލުން ބޭރު
އެކުރި ޖުމްލައަކުން ނިހާގެ ފައިދަށުން ބިންގަނޑުކެހިގެންދިޔަހެން ހީވިއެވެ. ހިތްކުދިކުދިވެގެން ދިޔަހެންހީވިއެވެ. ހަށިގަނޑުގައި ދައުރުވަމުންދިޔަ ލޭނާރުތަކުގައި މީހަކު ހިފެހެއްޓިހެން ހީވިއެވެ. ނޭވާކުރުވެ މީހާދާހިތްލައިލިއެވެ. ބުނާނޭ އެއްޗެއްނޭނގިފައި
ނިހާ ނިޔާޒްގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ނިޔާޒް ނިހާގެ އަތުގައިހިފައި ދަމަމުން ބޭރު ދޮރާއިދިމާއަށް ދިޔައެވެ. ނިޔާޒްގެ މަންމަގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ތިމާގެ ދަރިފުޅުގެ ނުވިސްނޭކަމަށް ހިތާމަކުރަމުންދިޔައެވެ. ބޭރު ދޮރުހުޅުވައިލައިފައި ނިޔާޒް ނިހާ ނެރެކޮށްޕާލިއެވެ. ނިހާ ވެއްޓުނެވެ. ނިޔާޒް އަތުގައި އޮތްފޮތާއިސިޓީވެސް އެއްލައިލިއެވެ. މަގުމައްޗަށް މީހުންގަނޑު އެއްވަމުންދިޔައެވެ. ނިހާގެ ލޮލުން ހިފެހެއްޓުމެއްނެތިކަރުނަ އަންނަމުންދިޔައެވެ. ގިސްލާރޮއިގަނެވުނެވެ. ނިހާރޮމުން ތެދުވެ ވާހަކަ ފޮތްނެގިއެވެ. އަދި ސިޓީނަގައިކިޔައިލިއެވެ. ނިހާގެ ހާސްކަން އިތުވެގެންދިޔައެވެ. ނިޔާޒް އޭނަގެ އަޑުއެހުމެއްނެތި އޭނަދޫކޮށްލީ ކުއްހީއެއްގައިކަން އެނގުނެވެ. އެކަމަކު ނިޔާޒް އެގޮތަކަށް ކަންތައްކުރުމުން އެއީ ކުއްހީއެއްކަން އަނގައިދޭކަށް ނިހާ ބޭނުމެއްނުވިއެވެ. ހަޤީޤަތްބެލުމެއްނެތި ތިމާގެ ރުޅިއިސްކުރާމީހަކާއި އިނދެގެން އުޅުމަށްވުރެން މީހަކާއި ނީދެހުރުންވެސް މާހިތައްފަސޭހަވާނެކަމަށް ނިހާގެ ހިތްބުނަމުން ދިޔައެވެ. ގެޔަށްގޮސް ވަނުމާއި އެކު އަޑުގެކޮޅަށް ނިހާރޮއިގަތެވެ. ފަހާފޮށިދޮށުގައި ފަހަންއިން ނިޝާ އަށް ނިހާ ހުރިގޮތްފެނިފައި ބޮލަށް އެނބުރުން އަރައިގެންދިޔައެވެ. އޭނާގެ ކޮކޮގެ ދެލޯވަނީ ރޮއިރޮއި ދުޅަވެފައެވެ.
” ނިހާ ކިހިނެއްވީ؟” ނިޝާ އަވސްއަވަހަށް އަހައިލިއެވެ.
” ދޮންތާ… ” ނިހާ އަށް ހަމައެކަނި ނިޝާ އަށް ގޮވައިލެވުނީއެވެ. ނިޝާގެ ހަބަރުހުސްވެގެން ކާޕެޓްމައްޗަށް ވެއްޓުނވެ. ނިޝާ ދުވެފައިގޮސް ނިހާ ނެގިއެވެ.
” މަންމާ. ބައްޕާ. ނިހާ އަށް ގޮތެއްވެއްޖެ.” ނިހާގެ ގައިގައި އޮޅުލައިގަންނަމުން ނިޝާ އަޑުގެ ކޮޅަށް ގޮވާލިއެވެ.
ނިހާ ހޭއެރުމުން ކަންހިނގާދިޔަގޮތް ސާފުވިއެވެ. އެކަމަކު މިހާރު ކުރެވޭނެކަމެއްނެތްކަން އެނގުނެވެ. ނިޔާޒް އަކީ ގޮތްދޫނުކުރާ ހަރުކަށިމިޒާޖެއްގެ މީހެކެވެ.
” ދޮންތާ އަހަރެން ހިޔެއްނުކުރަން އަހަރެންނަށް މިކަހަލަ ދުވަހެއް އަތުވެދާނެކަމަކަށް. ” ނިހާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.

އަނާން އާދެވެގެނެން މިހާރު ކޮންމެދުވަހަކު ނިހާއިން ފިހާރަދޮށުގައި ބުރުއަޅައެވެ. ބައެއްފަހަރު ފިހާރައަށްވަދެއެވެ. ނިހާ ފިހާރައިން ނުފެނުމުން އެކަމާ ދެރަވެއެވެ.
އެކަނިވެލާ ވަގުތު އަމިއްލަނަފުސާ ވާހަކަ ދައްކައެވެ. ހިތްނުތަނަވަސްވެއެވެ. ނިހާގެ ސޫރަދެކޭހިތުން އަނަނާންވަނީ ބޭޤަރާރުވެފައެވެ.
” އަޅެ ނަމެއްވެސް ނޭނގޭ. އުޅޭތަނެއްވެސް ނޭނގޭ. ހޯދާނީވެސްކިހިނެއް؟ އަޅެ ކޮންތާކަށްތަ ތިދިޔައީ؟” ކޮންމެދުވަހަކުހެން އަނާން ހިތާއިހިތާ އެސުވާލުތައްކުރެއެވެ. ކޮންމެދުވަހަކުވެސް އާއުންމީދަކާއި އެކީގައި ފިހާރަ ދޮށަށްދެއެވެ. އެކަމަކު އެނބުރި
އަންނަނީ މާޔޫސް ކަމާއިއެކީގައެވެ.
” އަހަރެންނަށް މިވަނީ ކިހިނެއްތަ؟ އަހަރެން މިއީ ލޯތްބަށް އިތުބާރުކުރާމީހެއްނޫން. ދެން މިވަނީ ކިހިނެއް؟ މިއީ ލޯބިތަ؟”

އަނާން ފެންވަރައި ރީތިވެލައިގެން ބޭރަށް ދާންނިކުތެވެ. ސައިކަލަށް އަރާ އިސްޓާޓްނުކުރެވިގެން އުޅެނިކޮށް ފާރިޝް އައިސްމަޑުކޮށްލިއެވެ.
” މާރީތިވެލައިގެން ކޮންތާކަށް؟؟” ފާރިޝް އަހައިލިއެވެ.
” މިގަޑީގައި އަހަރެން ދާނީކޮންތާކަށްހެން ފާރިޝް އަށް ހީވަނީ؟” އަނާން އަހައިލިއެވެ.
” ނޭނގެ. ތިއީ ލޯބިވެރިއެއްގެންގުޅޭ މީހެއްނޫން. އަހަރެން ނޫނީ ރަހުމަތްތެރިއެއް ނުހުންނާނެ. ބުނެބަލަ ކޮންތާކަށްތަ؟” ފާރިޝް އަހައިލިއެވެ.
” އެއްކަލަ މާވިއްކާފިހާރަޔަށް.” އަނާން ހީލަމުން ބުންޏެވެ.
” އަނާން. އެކަމަކުވާ… އަނާން އަށް އެނގޭތަ އެއީ ކާކުކަން. ” ފާރިޝް ހަރުދަނާ ގޮތަކަށް އަހައިލިއެވެ.
” އެޔެއްނު އޮޅުންފިލުވަން މިދަނީ. ގޮސްގޮސް ހުއްޓާ ކަޅުބުޅަލެއްހެން އަހަރެންގެ މަގަށް ހުރަސްއެޅީނު. ” އަނާން ސަމާސާ ރާގަކަށް ފާރިޝް އަށް ބުންޏެވެ.
” އަނާން. އެއީ މީހެއްގެ އަންބެއް. ” ފާރިޝް ބުންޏެވެ. އަނާން ސިހިފައި ފާރިޝް އަށް ބަލައިލިއެވެ.

ފާރިޝް އެހެން ބުނުމުން އަނާންގެ މޫނުގެ ކުލަބަދަލުވެގެންދިޔައެވެ. މޫނުމަތިން ހާސްކަމާއި ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ.
” ފާރިޝަށް އެނގުނީ ކިހިނެއް؟” އަނާން އަހައިލިއެވެ.
” އެފިހާރައިގެ ބޮޑުމީހާ ނިޔާޒްގެ އަންހެނުން ނިހާ. ނިޔާޒް ނިހާ ވަރިވެސް ކޮށްފި. ވީކިހިނެއްކަމެއް ނޭނގޭ. އެގޭދޮށުމީހުން ބުނަނީ ނިހާ މީހަކާއި ހިތާވީޔޯ. ނިޔާޒަށް އެކަން ފަޅާއެރީމައި ނިޔާޒް ނިހާ ދޫކޮށްލީކަމަށް މީހުން ބުނަނީ. ” ފާރިޝް ބުންޏެވެ.
” ފާރިޝަށް ކިހިނެއް ނިހާ އެނގުނީ؟” އަނާން އެސުވާލުތަކުރާރުކުރިއެވެ.
” ނިޔާޒް އެއީ އަހަރެންގެ ގޭދޮށުމީހެއް. އެދުވަހު ނިޔާޒް ނިހާ ނެރެއެއްލާލީ އަހަރެންގެ ކުރިމައްޗަށް. ރުޅިއައިސްގެން އޭނަހީވަނީ ފަޅައިގެން ހިނގައިދާނެހެން. ނިޔާޒްގެ އަތުގައި އޭރުއޮތް ނިހާ އެއްކަލަދުވަހު ކިޔަންގެންގުޅު ވާހަކަ ފޮތްވެސް. އެފޮތްވެސް ނަގައި
އަތުކޮޅަށް ހޫރާލީ. އަދި އެފޮތާއި އެކީގައި ކޮންމެވެސް ސިޓިއެއްކަހަލަ ގަނޑުކޮޅެއްވެސް އެއްލާލި. … އެކަމަކު އަހަރެންނަށް ނިހާ އަކީ އެކަހަލަ ވިޔާނުދާ ކުއްޖެއްވައްތަރެއްނުޖަހާ. އެކަމަކު އެވީތާދޯ. މީހެއްގެ ގޮތެއްވެސް ބަލައިލާފަކާއެއްނޭނގޭނެ. ” ފާރިޝް ބުންޏެވެ.
” ރަނގަޅު ނޭނގޭނެ. ނިޔާޒް އަށްވެސް އެކުރެވުނީ ކުއްހީއެއް.” އަނާން ބުންޏެވެ.
” އާން. މިހާރު އަނާނަށް ތިހެންހީވާނެ. ރުހުމުގެ ލޮލަކަށް އައިބެއްނުފެންނާނޭ ބުނެއެއްނު. އަނެއްކޮޅު ލޯތްބަކީ ކަނުއެއްޗެއްކޭވެސް ބުނާތީ އަހަން. އަހަރެންނަށް އެނގެޔޭ އަނާން އަށް ތިވީ ކިހިނެއްކަން. ކޮންމެރެއަކު އިރުއޮއްސޭދަޅަމައްޗަށް ފެންވަރައި ވަރުގެ ކޮޅަށް ނަލަހެދިގެން ސައިކަލުގައި ފިހާރަ ދޮރުމަތިން ބުރުއަޅަން ފެށީމައިވެސް އަހަރެންނަށް ކަމެއްހެން ހީވެއްޖެއޭ. އަމިއްލައަށް އިނދެ ވާހަކަދައްކާ ސުވާލުތަކާއި އެއްޗެހިކުރަންފެށިމައިވެސް މަށައްވިސްނިއްޖެ. ” ފާރިޝް ބުންޏެވެ.
” ނޫނޭ ފާރިޝް. ތިހެންނުބުނޭ. ވީކީ ތިހެނެއްނު. ވީގޮތް މަށައްމިހާރު ރަނގަޅަށް އެނގިއްޖެ. އެފޮތުގެ ތެރެއަށް ސިޓިއެއް އަހަރެންލީމޭ. އަހަރެންނަށް ކިހިނެއްތަ އެނގެނީ ނިހާ އަކީ މީހެއްގެ އަނބެއްކަމެއް. އެކަމަކު މިވީ ވަރަށް ދެރަކޮށް. ފުރަތަމަ ފަހަރަށް. އަހަރެންގެ އިޙްސާސްތަކާ ފެނުނުފުރަތަމަ ވަގުތުން ކުޅެލީ ނިހާ. އަހަރެންގެ ހިތުން ހަމައެވަގުތު ޖާގަ ދެވުނީ ނިހާއަށް. އެއީ ކާކުކަން ކޮންނަމެއްކިޔާ ކާކުގެ ދަރިއެއްކަމެއްވެސް ބަލާކަށް އަހަރެން ބޭނުމެއްނުވި. އަހަރެންނަށް ހަމައެކަނި އިޖާބަދެވުނީ އަހަރެންގެ ހިތައް. އަހަރެންގެ އިޙްސާސްތަކަށް. ލޯތްބަކީ ކޮބައިކަން ނޭނގެ ލޯބިވެވުނީ. ލޯތްބަށް އިތުބާރު ނުކުރާމީހާއަށް ލޯތްބަށް އިތުބާރުކުރަން އެނގުނީ ނިހާ ފެނުމުން. ފާރިޝް އަހަރެންނަށް މިވީ ކިހިނެއް؟ އަހަރެން އެދުވަހު އޭނަކުރެން އިންނަންވެސް އެހީމޭ. ” އަނާންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ” އޭނަ އަހަރެން ނާއި ދޭތެރޭގައި ވިސްނާނީ ކޮންގޮތަކަށްބާ! އޭނާ ހިތައްއަރާނެ އަހަރެންމިއީ ވަރަށް ވިޔާނުދާ މީހެކޭ. އޭނަގެ ދިރިއުޅުން ހަލާކުގެ ތެރެއަށް އެއްލާލި މީހަކީ އަހަރެންނޭ. ”
” އަނާން. ދެން އެކަމާ އަޅާނުލާ. އެއީ ދެން މިހާރު ނުވާކަމެއްކަމަކަށްކަށްނުވާނެ. ކަނޑުގުރުވަ ނޫނީ ނުކާން އުޅެންޏާވާނީ ތިހެން. ލޯތްބަކީ ކޮބައިކަން އެނގެން ބޭނުންނުވާމީހުންނަށް ލިބޭނެ އެންމެ ނުބައިލަނޑު ތިލިބުނީ. ދެންތިކަމާ ހިތާމަ
ކުރިޔަސް ވާނެކަމެއްނޯންނާނެ. އެއްވެސް ކުއްށެއްނެތް އަންހެންކުއްޖެއްގެ ދިރިއުޅުން އަނާންގެ ސަބަބުން ހަލާކުވެގެން އެދިޔައީ. ނިހާ ހީކުރާނީ ކީކޭ ކަމެއްވެސް ނޭނގޭ. އޭނަޔަށް ރަނގަޅަށް އަހަރެން އެނގޭނެ. އޭނަ ހީކުރާނެ އަހަރެން ނިޔާޒް އާއި އޭނަގެ ދިރިއުޅުމަށް ވަނީއޭ. އަނާން ތިކުރިކަމަކުން އަހަރެންވެސް ބެދުނީ. ” ފާރިޝް ދެރަވެފައި
ބުންޏެވެ.
” ފާރިޝް އަހަރެން އޭނަޔާއި ބައްދަލުކުރަން ބޭނުން. އަހަރެންނަށް އޭނަޔާއި ބައްދަލުކުރެވޭނެ ގޮތް ހަދައިދީފާނަންތަ؟” އަނާން އަހައިލިއެވެ.
” މަސައްކަތް ކުރެވިދާނެ. އެކަމަކު އަނާން ހަނދާން ކުރާތި ނިހާ އަކީ ވަރަށް ތަފާތު ކުއްޖެއް. އޭނަޔަށް އޯގާތެރިވިވަރަކަށް އޭނަ އެމީހަކަށް ކަމޭ ހިތާނެ. އޭނަޔަށް ވަފާތެރިވި މީހަކަށް އޭނަވެސް ވަފާތެރިވާނެ. މިއީ އަހަރެންނަށް ހީވާގޮތެއް. ” ފާރިޝް ބުންޏެވެ.
” އަދި ބުނަން ނަމަނަމަ ނިހާ ރުޅިއަންނަކަހަލަ ވާހަކައެއް ނުދައްކާތި. ”
” ފާރިޝް ޔަގީންކުރޭ. ނިހާ ރުޅިއަންނަކަހަލަ އެއްވެސް ވާހަކަ އެއް އަހަރެން ނުދައްކާނަން. އަހަރެން ހަމައެކަނި ބޭނުންވަނީ ނިހާގެ ކިބައިން މައާފަށް އެދެން. ” އަނާން ބުންޏެވެ.
” އަނާން ހަގީގަތުގައިވެސް އަނާން ނިހާދެކެ ލޯބިވޭތަ؟” ފާރިޝް އަހައިލިއެވެ.

” ހަޤީގަތަކީ ކޮބައިކަމެއް ނޭނގޭ. ލޯބިވީމައި ވަނީކިހިނެއްކަމެއްވެސް އަހަރެންނަކަށް ނޭނގޭ. އެމީހެއްގެ ސޫރަދެކެން ހިތް އަބަދުއެދެންފެށުން އެއީ ލޯބިކަމަށްވަންޏާ އަހަރެންނަށް މިވެވުނީ ލޯބި. އޭނަފެންނަ އިރަށް ހިތުގެ ވިންދު އަވަސްވެ ލޭދައުރުވުން
އަވަސްވަނީނަމަ މިވެބުނީލޯބި. އެއަޑުއަހަން ކަންފަތް ވަނީ ބޭގަރާރުވެފައި. އެހެންކަމަށްވަންނީނަމަ މިވެވުނީލޯބި. ލޮލާއި ނިދިދުރުވެރޭތައް ދިގުކަމަށް ހީވުން އެއީ ލޯބިކަމަށްވަންޏާ މިވެވުނީ ލޯބި. ބުނަން ނޭނގޭ އިޙްސާސްތަކެއް ކުރުވާކަން އަހަރެންނަށް
އެނގެނީ. ވަގުތުދާލެއްލަސްކަމުގައި ހީވަނީ. އަހަރެންނަށް މިވަނީ ކީއްކަމެއް ބުނެދޭކަށް ނޭނގޭ. ފާރިޝް ބުނެބަލަ މިއީތަ ލޯތްބަކީ. ހަމަ ފުރަތަމަ ބައްދަލުވުމުން ލޯބިވެވިދާނެތަ؟” އަނާން އަހައިލިއެވެ.
” އާން. އަނާން. ލޯބިވެވިދާނެ. ފުރަތަމަ ބައްދަލުވުމުންވެސް ލޯބިވެވިދާނެ. އަދި އެތަކެއްއަހަރުތަކެއް އެއްކޮށް ހޭދަކުރާފަހުންވެސް ލޯބިވެވިދާނެ. ލޯތްބަކީ މިއީ ފާޑެއްގެ އެއްޗެއް. ފޮނިއިޙްސާސްތަކެއް އެކުލެވޭ އިޙްސާސްއެއް. އެހާ ހިތިވެސް އެއްޗެއް.” ހިޔާލީ
ގޮތެއްގައި ހުރެގެން ފާރީޝް ބުންޏެވެ.
” ފާރިޝް އަހަރެން ހަމަ އެންމެފަހަރަކު ނިހާ އާއި ބައްދަލުކޮށްލަން ބޭނުން. ” އަނާން ބުންޏެވެ.
” އަނާން. މިގޮތައްމިކަންތައް ވީކަން އަނާންގެ ބައްޕައަށް އެނގިއްޖެއްޔާ ހަދާނީ ކިހިނެއް؟”
” ހެދޭނެ ވަކިގޮތެއް އޮންނާނެތަ؟ ކޮންމެގޮތެއްވިޔަސް އަހަރެންގެ ފަރާތުން އަންހެންކުއްޖެއްގެ ދިރިއުޅުން ހަލާކުއެވީ. އަހަރެންނަށް ވީވަރަކުން އޭނަޔަށް އެހީވާންޖެހޭނެކަން އަހަރެންނަށް އެނގެނީ. ” އަނާން ބުންޏެވެ.
” އެހެންވިއްޔާ އަނާން ތިވީ ލޯތްބެއްނޫންތާ. މިހާރު އަނާން ތިއުޅެނީ ހަމައެކަނި ނިހާއަށް ހަމްދަރުދީވެގެން. އެނޫން އެއްވެސްކަމެއްނޫން. ” ފާރިޝް ބުންޏެވެ.
” ނޫނޭ ފާރިޝް ތިހެން ނުބުނޭ. ހަމައެކަނި މިހިނގާދިޔަ ދިހަވަރަކަށް މިނެޓްތެރޭގައިވެސް ނިހާ އަށްޓަކާ އަހަރެންގެ ހިތުގައި ލޯބި އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެ. މިވަނީ. މިވަނީ ކިހިނެއްކަމެއްވެސް ބުނެދޭކަށް އަހަރެންނަކަށް ނޭނގޭ. ” އަނާން މަޑުމައިތިރި ރާގެއްގައި ބުންޏެވެ. ފާރިޝް އަނާންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ބުނާނޭ އެއްޗެއްނޭނގިފައެވެ. ސަމާސާކުރުމާއި ސަކަރާތް ޖެހުމަށް އާދަވެފައިވާ އަނާން މިރޭފެންނަނީ އާދަޔާއި ޙިލާފަށް މާޔޫސްވެފައި ހުއްޓެވެ. ސީރިޔަސްކަން މޫނުމަތިން ފެންނަމުންދިޔައެވެ. ގޭންބޭރަށް ނިކުތީ އާދަޔާއިޙިލާފު އުންމީދަކާއިގެންނެވެ. އެކަމަކު އިވިގެން އެދިޔަ ޙަބަރަކުން އަނާންގެ އުންމީދު ފުޑުފުޑު ވެއްޖެއެވެ. ހިތްމާޔޫސްވެއްޖެއެވެ.

ނިހާއަށް އުންމީދުކުރެވެނީ ކޮންކަމަކަށްހެއްޔެވެ. އިންތިޒާރު ކުރެވެނީ ކާކަކަށްހެއްޔެވެ. އޭނަޔަށް ސިއްރުން އޭނަގެ ހިތުގައި ޓަކިޖަހައިލީ ކާކުގެ ލޯތްބެއްހެއްޔެވެ. އޭނަޔަށް ލޯބިވެވުނީ ހަމައެކަނި ނިޔާޒް ދެކެއެވެ. ހަޔާތުގެ ބައިވެރިޔަކީވެސް ނިޔާޒެވެ.ވީއިރު މިހާރު އެލޯބި ކޮބައިހެއްޔެވެ. ވީކޮންތާކު ހެއްޔެވެ. އޭނަ ދުނިޔެއަށް ގިނަކޮށްލާފައި ނިޔާޒް އެދިޔައީ ކީއްވެހެއްޔެވެ. ހަމައެކަނި ކުރެވުނު ކުއްހީއަކުންނެވެ. އޭނަ ނިޔާޒަށް ވަފާތެރިވިއެވެ. އޮޅުވައެއްނުލައެވެ. ނިޔާޒްގެ އަނިޔާތަކަށް ކެއްކުރިއެވެ. އެކަމުގެ އިނާމަކީ މިއީހެއްޔެވެ. ކެއްކުރަން ދަތި އުދަގޫވޭންހެއްޔެވެ. ވަފާތެރިކަމުގެ ހައްގު ހަދިޔާއަކީ މިއީހެޔެވެ. އަބަދަށްކަރުނަހެއްޔެވެ. ހިތާމަޔާއި ގިސްލުންހެއްޔެވެ. ނޫނެކެވެ. އެރަހުމުކުޑަ އިންސާނަށްއަށްޓަކާ ކަރުނައެއްދެން ނާޅާނެއެވެ. ކެއްކުރާނަމެވެ. ހިތުގައިލީ ފާރުގަނޑަށް ޝިފާ ހޯދާނެއެވެ. ނޭނގޭ އިޙްސާސްތަކެއްކުރެވެނީ ކީއްވެގެންހެއްޔެވެ. ކުރިންވެވުނީ އެއީ ލޯތްބެއްނޫންހެއްޔެވެ. މިހާރު ހިތުގައި މިޖަހަނީ ކޮންވިންދެންހެއްޔެވެ. އާއިޙްސާސްތަކެވެ. އާއުންމީދެކެވެ. ނޭނގޭ ގޮތެއްގައި ލޯބިވެވުނީބާއެވެ. ދަތުރުފެށުނީއެވެ. މަންޒިލް
ކޮބައިހެއްޔެވެ. ނިހާގެ ހިތުގައި އާދަޔާޙިލާފު ސުވާލުތަކެއް އުފެދިގެންދިޔައެވެ. ލޮލުން އައިސްފައިވާ ކަރުނަތައް ފުހެލެވުނީ އާހިތްވަރަކާއި އާއުންމީދަކާއި އާއަޒުމަކާއި އެކުގައެވެ. ކުޑަދޮރުގެ ކައިރީގައި އެތައްއިރަކު އުޑުމައްޗަށް ބަލަހައްޓައިގެން ހުރުމަށްފަހު ބެލްކަންޏަށް ނިކުމެލިއެވެ. މަޑުމަޑުފިނި ވައިރޯޅިތައްނިހާގެ ހަށިގަނޑުގައި ބީހިލިއެވެ. ނިހާ ހަރަމްބަދެލައިގެން ބޭރުބަލަހައްޓައިގެން ހުއްޓެވެ. ހޭވިފައިވާ އިސްތަށިގަނޑުން އުދަގޫވާން ފެށުމުން އިއްތަށިގަނޑު އެއްކޮށްލުމަށްފަހު ހުޅިއެއްޖަހައިލިއެވެ. ޙިޔާލީ އޮއިވަރެއްގައި ނިހާ ބެހިގެންދަނިކޮށް ކޮޓަރިތެރޭން ފޯނުރިންގުވާ އަޑުއިވުނެވެ. ނިހާ އެތެރެއަށްވަދެ ފޯނުނެގިއެވެ.
” ހަލޯ. ”
” ހަލޯ ނިހާ އުޅުއްވާތޯ؟”
” ވާހަކަ ދައްކަނީ ނިހާ. ” ނިހާގެ ނަން އިވުމާއި އެކު ފޯނުން ވާހަކަ ދައްކަމުންދިޔަ އަޑުބަދަލުވެގެންދިޔައެވެ. ނިހާ އަށް ކުއްލިޙައިރާން ކަމެއްލިބުނެވެ. ” ކާކު؟” ނިހާ އަށް އަހައިލެވުނެވެ.
” ނިހާ މިއީ އަނާން. ސޮރީ އިނގޭ. ” ހަމަހިމޭން އަޑަކުން އަނާން ވާހަކަ ދައްކަމުން ދިޔައެވެ.
” ކޮނކަމަކަށް؟” ނިހާގެ ހިތުގެ ވިންދުއަވަސްވެގެންދިޔައެވެ. އަތްތިލަފިނި މިލާމޯޅިވެފައިވާ މޫނުގެ ކުލަބަދަލުވިއެވެ. ތުންފަތްމައްޗަށް ހިނިތުންވުމެއްއައެވެ.
” އަހަރެންގެ ސަބަބުން ނިހާގެ ހަޔާތް….. ހަޤީގަތުގައި ނިހާ އަހަރެންނަކަށް ނިހާ ތިއީ ކާކުކަމެއް އޭރަކު ނޭނގޭ. ތިއީ މީހެއްގެ ހައްގެއްކަން އެނގުނުނަމަކަ އެކަހަލަ ސަމާސާއެއް އަހަރެންނެއް ނުކުރީމުސް. ވަރަށް ބޮޑަށް މައާފުކުރޭ. ” އަނާންގެ ދުލުން
ސަމާސާ މިލަފުޒުއިވުމާއިއެކު ނިހާގެ އަތުން އަތްގަނޑުދޫވިއެވެ. މޫނުމަތިން އުފާވެރިކަން ގެއްލުނެވެ. މީހާ ރޫރޫ އަޅައިގެންދިޔައެވެ. ލޮލުން ކަރުނަ އަންނަންފެށިއެވެ. ނިހާ ތިރިވެލައިފައި އަތްގަނޑުނެގިއެވެ.
” ހަލޯ. އެއީ އަނާންގެ ކުށެއްނޫން. އެކަމާ އަޅާނުލާ. ވާންހުރިކަމެއް ބަދަލުކުރެވޭނީ ކިހިނެއް؟ މިއީ އަހަރެންގެ ތަޤްދީރު. ” ނިހާ ފޯނުބޭއްވިއެވެ. ހުރިތަނަށް މަޑުމަޑުން ތިރިވާންފެށިއެވެ. ރޮމުން ކާޕެޓްމަތީގައި އޮށޯވެލިއެވެ. މިވަގުތު އަޑުން އަޑުނަގައި ގިސްލާރޯން ހިތައްއެރިއެވެ. ނުދަންނަނޭނގޭ މީހަކަށް ވަގުތުން ހިތްދެވުނީ ކީއްވެގެންހެއްޔެވެ. ނިޔާޒް ކުރިވަރު ކުޑަކަމުންހެއްޔެވެ. ނިޔާޒް މިނިވަންކުރިތާ އަދި މިއުޅެނީ މާގިނަދުވަސްތަކެއްނުވެގެންނެވެ. ކީއްވެގެންހެއްޔެވެ. ހިތާއިހިތާ ވާހަކަ ދައްކަމުން
ގިސްލާރޮމުން ދިޔައެވެ. ނިޝާ އެތެރެއަށް ވަންއިރު ނިހާ އޮތްގޮތް ފެނުމުން ކަންބޮޑުވިއެވެ.
” ނިހާ ކިހިނެއްވީ؟ ކާކު ފޯނުކުރީ؟” ނިޝާ އަހައިލިއެވެ.
” ދޮންތާ… ” ނިޝާގެ ގައިގައި އޮޅުލައިގަންނަމުން ނިޝާ އަށް ގޮވައިލިއެވެ.
” ނިހާ ހުއްޓާލަބަލަ. ނިޔާޒްތަ ފޯނުކުރީ؟… ނިހާ. އިހަށް ހުއްޓާލަބަލަ . މީހަކު… ” ނިޝާ ބުނަން އުޅުނެވެ. ނިޝާގެ ޖުމްލަ ފުރިހަނުވެގެން އުޅެނިކޮށް ނިހާ ވާހަކަ ދައްކަން ފެށިއެވެ.
” ދޮންތާ އަނާން އެއީވެސް ވަރަށް ގޯސްމީހެއް. އޭނަ މިއަދު އެކޮށްލިސަމާސާއަކުން އަހަރެންގެ ދިރިއުޅުން ބަރުބާދުވީ. ދޮންތާ… ކީއްވެގެންތަ އަހަރެންނަށް މިހެންމިވީ؟ އޭނަ އަހަރެންގެ ކަންފަތް ދޮށުގައި އެބުނިޖުމްލަ ކަންފަތުގައި ގުގުމަމުން އެދަނީ ކީއްވެގެންތަ؟ ނިޔާޒް އަހަރެން ދޫކޮށްލީމައި އެވަގުތު ދެރަވެފައި މިހާރު އެކަމުގެ އަސަރު ނެތީ ކީއްވެގެންތަ؟ އަނާން އާއި ބައްދަލުވި މަދުވަގުތުކޮޅުތެރޭގައި އޭނަދެކެ ލޯބިވެބުނީ ކީއްވެގެންތަ؟ އޭނަ އަހަރެންނާއި އެކޮށްލީ ހަމައެކަނި ސަމާސާއެއް. ލޯތްބަކީ މިއީ ސަމާސާއެއްތަ؟ ” ނިހާ ގިސްލާރޮމުން ވާހަކަ ދައްކަމުންދިޔައެވެ. ނިޝާ ނިހާގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. އަދި އޯގާތެރިކަމާއި އެކީގައި ބުރަކަށީގައި ފިރުމަމުންދިޔައެވެ. އެވަގުތު ދޮރުމަތީގައި މީހަކު ހުރިހެން ނިހާއަށް ހީވިއެވެ، ނިހާ ފަރުވާތެރިކަމާއި އެކީގައި ދޮރާއި ދިމާއަށް ބަލައިލިއެވެ. ނިހާ ސިހުނެވެ. ނިޝާ އާއި ދުރަށް ޖެހިލިއެވެ. ނިޝާވެސް
ދޮރާއިދިމާއަށް ބަލައިލިއެވެ.

” ނިހާ ހޯދަން އައިސްހުރި ކުއްޖެއް އެއީ. ވަރަށް ބޮޑުކަމަކު ބައްދަލުކޮށްލަންށޯ. ” ނިޝާ ބުންޏެވެ،
” ކިހިނެއްވީ؟ އަހަރެން ބުނެފީމެއްނު އެކަމާއި އަޅާނުލާށޭ. ވީކަމެއް ނުވާކަމަކަށް ނުވާނޭ. ރަނގަޅުވާނީ އަނާން މިތަނުންދިޔައްޔާ. ” ނިހާ އަނާން އާއި ފުރަގަސްދެމުން ބުންޏެވެ. އަނާން މަޑުމަޑުން އެތެރެއަށްވަނެވެ. ކޮޓަރިތެރެއަށް ނަޒަރު ހިނގާލިއެވެ. މޭޒުމަތީގައި އޮތް ވާހަކަ ފޮތްފެނުނެވެ. އަނާން ގޮސް ފޮތް ނަގައި ފޮތްހުޅުވައިލިއެވެ. އެފޮތުތެރޭގައި އަނާންގެ ސިޓީ އޮތެވެ.
” އަހަރެން ސިޓީގައި ބުނިގޮތަށް ނިހާ އާއި އެންމެގާތުގައިދޯ މިސިޓީތިގެންގުޅެނީ. ” ހަމަހިމޭން އަޑަކުން އަނާން އަހައިލިއެވެ. ނިހާ އަނާނަށް ބަލައިލިއެވެ. ” އަހަރެންނާއި ވާހަކަ ނުދައްކާ ފޯނުބޭއްވީ ކީއްވެގެންތޯ ސުވާލުކުރަން އަހަރެން މިގެއަށް މިއައީ. އެކަމަކު ދެނެއް އެސުވާލެއް އަހަރެން ނުކުރާނަން. ކީއްވެގެންކަން މިހާރު އަހަރެންނަށް އެނގިއްޖެ. ނިހާ އަށްޓަކާ އަހަރެންގެ ހިތުގައި އުފެދެމުން އައި ލޯބީގެ ހުޅުކޮޅުނުނިވި މިހާތަނަށް ހުރީ ކީއްވެގެންކަންވެސް އެނގިއްޖެ. އަހަރެންނަށް ނިހާގެ އިޙްސާސްތައް އިޙްސާސްކުރެވުނީ ކީއްވެގެންކަން އެނގިއްޖެ. ނިހާގެ ނަންނޭނގި ނިހާތިއީ ކާކުކަން ނޭނގި ހަމައެކަނި ނިހާގެ ސޫރަފެނިފައި ލޯބިވެވުނީ ކީއްވެގެންކަން އެނގިއްޖެ. ނިހާވެސް އަހަރެންދެކެ ލޯބިވާތީ. އިންތިހާއަށް އަހަރެންދެކެ ލޯބިވާތީ. ނިހާ ތިވާލޯބީގެ އަސަރު ރަނގަޅަށް އަހަރެންނަށް ކޮށްފި. ނިހާ ތިވާލޯބާގާތައްވެސް އަހަރެންނަށް ނިހާދެކެ ލޯތްބެއްނުވެވުނު. އެވަރަށް ލޯބިވެވުނުނަމަ މިހާރު ހުރީހީ ނިހާ އަހަރެންގެ ގާތުގައި. އަހަރެންގެ މީހެއްގެ ގޮތުގައި. ” އަނާންގެ ލޮލުން ކަރުނައަންނަންފެށިއެވެ.
” ނިހާ އަހަރެން ނިހާ އާއި ކުރީ ސަމާސާއެއްނޫން. އެއީ ހަމަ ހަގީގަތެއް. ނިހާގެ މިޒާޖް އަހަރެންނަށް ނޭނގޭތީ ނިހާ އާއި ވާހަކަ ދައްކަން ބޭނުންވެފައި ހުރިވަރުން އޮޅުވާލެވުނީ. އަހަރެންނަށް މައާފު ކޮށްދީފާނަންތަ؟ ” ނިހާގެ ކުރިމައްޗަށް ހުޓިލަމުން އަނާން އަހައިލިއެވެ. އަދި އަތްދިއްކޮށްލަމުން އަހައިލިއެވެ. ” އަހަރެންނާއި އިންނާނަންތަ؟” ނިހާ އަނާންގެ މޫނަށް ބަލައިލިއެވެ. އަނާންގެ ލޮލަށް ބަލައިލެވުނެވެ. އެލޮލުގައި އެއްވެސް ފޮރުވުންތެރިކަމެއް ނެތެވެ. ސާފުރީތި ދެލޮލެވެ. ތެދުވެރިކަމާއި ވަފާތެރިކަމާއި
އޭނާއަށްޓަކާއި ލޯތްބެވެ. ނިހާ އިސްޖައިލިއެވެ. އަދި ބޮލުން އާންއެކޭ ބުނެލިއެވެ. އަނާން ނިހާގެ އަތުގައި ހިފިއެވެ.
” އޭއި ވާހަކައިގައި ދެންވީ ކިހިނެއް؟” ކަރުނަފުހެލަމުން ސަމާސާ ރާގެއްގައި އަނާން އަހައިލިއެވެ.
” ނޭނގެ އޭގެފަހުން އަދި ވާހަކަ ކިޔާކަށް ފުރުސަތެއްނުލިބޭ. ވާހަކަ އަށް ވުރެން މުހިއްމު އެއްޗެއް ކިޔަނީ. ”
” އެއީ ކޯއްޗެއް؟” ނިހާގެ މޫނަށް ބަލައިލަމުން އަނާން އަހައިލިއެވެ.
” އަނާންގެ ސިޓީ. ” ހީލަމުން ނިހާ ބުންޏެވެ.
ނިޝާ ލޮލުން އައިސްފައިވާ ކަރުނަތައްފުހެލިއެވެ. އޭނަގެ ކޮއްކޮގެ ދިރިއުޅުން އާބާދުވާތީ އުފާވިއެވެ. އެކަމާއި ﷲގެ ހަޒުރަތުގައި ދުޢާކުރިއެވެ. ނިހާ އާއި އަނާންގެ ލޯތްބާއި އެގުޅުން އަބަދުގެ އަބަދަށް ދަމަހައްޓަވާތޯ ދުޢާކުރިއެވެ.
” ކޮބާ މަބުނިތަން އައީއެއްނު. ކަނޑުގުރުވަނޫނީ ނުކާން. ރަނއިލޮށިންކަދުރުކާން އުޅުނު މީހާއަށްމިވީކިހިނެއް؟ އަހަރުމެންގެ ރާއްޖެކުއްޖެއްނޫންބާ އަނާންގެ ހިތަފަތަހަމިކުރީ. ކިހާދުވަހެއްވީ. އެހެން ބުނިތާ 24 ގަޑިއިރުވެސް ނުވަނީސް ހިތްކިޔާ ނިމުނީ. ގަޑިއެއްގެ އިރުތެރޭ ލޯބިވެވުނީ. ނަން އަހާލުމެއްނެތި ސީދާ އިންނަން އެހީ. ” ހީގަންނަމުން ސަމާސާ ރާގަކަށް ފާރިޝް ބުންޏެވެ. އަނާން ލަދުން އިސްޖަހައިލިއެވެ. ” އަދި އެއީ ވެސް މީހެއްގެ އަންބެއްދެކެ. ” ފާރިޝް ބާރަށް ހީގަތެވެ. ނިޝާ އަށާއި ނިހާ އަށް ހީގަނެވުނެވެ.
” ފާރިޝް ހުއްޓާލާ. ދެންހެވޭ. ފާރިޝް ބުނީމެއްނު ލޯބިއެއީ ވާއެއްޗެއްނޫނޭ ވެވޭ އެއްޗެކޭ. އަހަރެންނަށްވެސް ލޯބިވެވުނީ. އެއީ ކުށެއްތަ؟” އަނާން އަހައިލިއެވެ.
” ނޫނޭ ކުށެއްނޫން. އެކަމަކު… ” ފާރިޝް ބުނަން އުޅުނެވެ.
” ވަރިހަމައޭ. އަހަރެން ނިހާ ދެކެ ލޯބިވަމޭ. ” އަޑުގެ ކޮޅަށް އަނާން ބުންޏެވެ.

އާދުވަހަކަށް އިރުއަރައިފިއެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވަމުންނެވެ. ނިހާގެ ހިތާމަވެރި ދުވަސްތައް މާޒީ އާއި އެކުވެގެން ހިނގައްޖއެވެ. މިހާރު ނިހާވަނީ އުފަލުން ފޮޅިފައެވެ. އެއްވެސްކަމަކަށް ވިސްނާ ފިކުރުކުރާކަށް ނުޖެހެއެވެ. އެކަމަކު އަދިވެސް ނިހާގެ ހިތުގައި ބިރުވެރިކަމެއް ފޮރުވިފަވެއެވެ. ނިޝާ އާއި ދޭތެރޭގައެވެ. އޭނަޔަށް ލިބުނުކަހަލަ
ނަސީބެއް ނިޝާ އަށް ދެއްވާތޯ ހިތާއިހުތުން ﷲގެ ހަޒުރަތުގައި ދުޢާކުރެއެވެ. އަނާންކަހަލަ ވަފާތެރި އޯގާތެރި ފިރިއެއް ދެއްވާތޯ ދުޢާކުރެއެވެ.

ނިހާ މޭޒުމައްޗަށް ކާންހަދައިލައިފައި ބޭރަށްނިކުތެވެ. ފާރިޝް ސިއްރުސިއްރުން އެތެރެއަށް ބޯދެމުން ދިޔައެވެ. ނިޝާގެ ކުޑަމީހާ ފާރިޝް ފެނުމުން ދުވެފައި ގޮސް އުރަށްއެރިއެވެ. ފާރިޝް ޖީބުން ޗޮކްލެޓެއް ނަގައިކުޑަމީހާއަތައްދިނެވެ.
” ކޮބާ މަންމަ؟” ފާރިޝް ސުވާލު ކޮށްލިއެވެ.
” ކޮޓަރީގައިވީ. ގޮވަންތަ؟” ކުޑަކުއްޖާ އަހައިލިއެވެ.
” ނޫނޭ. ފަހުންދޯ. ” ކުޑަމީހާ ތަޅުންގަނޑުމަތީގައި ބަހައްޓަމުން ފާރިޝް ބުންޏެވެ. އެވަގުތު ފާރިޝަށް ނިހާ ފެނުނެވެ.
ފާރިޝް ހީލިއެވެ. ” މިހެންދަމުން ވަދެލީ. ކޮބާ އަނާން؟”
” އަހަރެން މިހިރީއޭ. ކިހިނެއްވީ؟” ނިހާގެ ފަހަތުގައި ހުރި އަނާން ޖަވާބުދިނެވެ.
” ކަމެއްނުވޭ. ކޮންއިރަކުން؟” ފާރިޝް ބުނަން އުޅުނެވެ.
” ފާރިޝް މިގެޔަށް ތިއައީ އަނާން ހޯދަންތަ؟ ނޫނީ ދޮންތަ ހޯދަންތަ؟ ” ފާރިޝް ނިހާ އަށް ބަލައިލިއެވެ.
” ހަޤީގަތައް ބުނަނީނަމަ ނިޝާ ހޯދަން. ” ފާރިޝް ބުންޏެވެ.
” ކީއްކުރަން ނިޝާ އެއީ ފާރިޝް ތިހީކުރާ ޒާތުގެ ކުއްޖެއްނޫން. ” ނިހާ ބުންޏެވެ.
” ތިކަން އަހަރެންނަށް އެނގެޔޭ. އެނގިހުރެ އަހަރެން މިގެޔަށް މިއަންނަނީ. ނިހާގެ އާއި ޤަބޫލުނަކަ އަހަރެން ބޭނުންވަނީ ނިޝާ އަހަރެންގެ މީހަކަށް ހަދަން.” ފާރިޝް ބުންޏެވެ.
” ނިޝާ އަކީ ކުރިންވެސް މީހެއްގެ އަނިޔާވެރި ވަކިތަކުން ޒަހަމްވެފައިވާ ނިކަމެއްޗެއް. ފާރިޝް އެހެން ނުވާނެކަމުގެ ގެރެންޓީއަކީކޮބާ؟” ނިހާ ސުވާލުކޮށްލިއެވެ.
” ޔަޤީޏްކަން ދެން. އަނާން ފަދަވަފާތެރި އޯގާތެރިއަކަށް އަހަރެންވާނަން. ނިހާގެ ދޮންތައަށް ގެއްލުމެއް ނުދޭނަން. އަހަރެން ނިޝާދެކެ އިންތިހާއަށް ލޯބިވޭ. ” އެލަފުޒު އައިސް ނިޝާގެ ކަންފަތުގައި ޖެހުނެވެ. އުރުގައި ހުރި މާޒިން ތަޅުންގަނޑުގެ މަތީގައި
ބެހެއްޓިއެވެ. ޔަޤީންނުވާކަހަލަ ގޮތަކަށް ފާރީޝަށް ބަލަމުން ދިޔައެވެ. ފާރިޝަށް ނިޝާ ފެނުން އިސްޖަހައިލިއެވެ.
” ނިޝާ އަހަރެންނަކީ އަނާން ކަހަލަ ހިތްވަރުގަދަމީހެއްނޫން. މުވާޒް އާއި ނިޝާގެ ކައިވެނިކުރެވުނުއިރުވެސް އަހަރެން ނިޝާދެކެ ލޯބިވަން. އެކަން ހާމަކުރާކަށް އަހަރެންނަކަށް ނުކެރުނު. އެކަމަކު އަނާން ނިހާދެކެވީ ލޯތްބާއި އޭނަގެ ހިތްވަރުގަދަކަން
ފެނިފައި އަހަރެންވެސް އާއުންމީދަކާއި އެކު މިއަދު މިއައީ ނިޝާގެ ލޯތްބަށް ސަލާން ޖަހަން. ނިޝާގެ ލޯބި އަހަރެންނަށް ލިބިދާނެތަ؟” ފާރިޝް އަހައިލިއެވެ.
” މައާފުކުރޭ ފާރިޝް. އަހަރެންގެ ހުރިހާވެސް މީހަކީ މުވާޒް. އަހަރެން ދެވަނަފަހަރަށް ވެސް ހަޔާތެއްފަށާނީ މުވާޒް އާއި އެކީގައި. މުވާޒް ނުލިބިއްޖެނަމަ މިހުރިގޮތައް އަހަރެން ހުންނާނީ. ” އެހެން ބުނެފައި ނިޝާ އެތެރެއަށް ދުއްވައިގަތެވެ.
ފާރީޝް މާޔޫސްވެގެން ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. އެވަގުތު ނިހާ ފާރީޝް މަޑުކުރުވިއެވެ.
” ފާރިޝް ދެރަނުވޭ. ދޮންތަގެ އަޒުމްކީ އެއީ. އެކަމަކު ފާރިޝް އަށް ދޮންތަގެ ލޯބިހޯދަން މަސައްކަތް ކުރެވިދާނެއެއްނު. ސާބިތު އަޒުމެއްގައި ހުރެގެން ހިތްމަތާއި އެކު މަސައްކަތް ކުރަނީނަމަ ކާމިޔާބު ވާނެ. ﷲ އިރާދަކުރެއްވިއްޔާ ފާރިޝްގެ ލޯބި ފާރިޝް އަށް ލިބޭނެ. “ނިހާ ބުންޏެވެ.
” އަހަރެންގެ އުންމީދަކީވެސް ތިއީ. ” ފާރިޝް ނިކުމެގެން ދިޔައެވެ.
އަނާން ނިހާ އަނާން އާއި ކަރިޔަށް ގެނައެވެ. ނިހާ އަނާންގެ މޭގައި ބޯއަޅާލިއެވެ. ހިތްމަތާއި އެކު މަސައްކަތް ކުރަނީނަމަ ކާމިޔާބުލިބޭނެއެވެ. ލޯބިލިބޭނީ ލޯބި ދީގެންނެވެ.
( ނިމުނީ )

Share Article

Follow Me Written By

koookkkiiee

Level 1

Other Articles

Previous

އިމްތިޙާން

Next

ހިތުގެ ގޮވުން 1

Next
September 3, 2019

ހިތުގެ ގޮވުން 1

Previews
September 3, 2019

އިމްތިޙާން

9 Comments!

  1. Girl says:
    September 3, 2019 at 7:47 pm

    V reethi mi vaahaka ♥️

  2. Rai says:
    September 3, 2019 at 9:28 pm

    koookkkiiee ge vaahaka thah dhigu veema varah kamudhey.Unmeedhu kuran thigothuga abadhuves hunnaane kamah.And thee L.Maavashu kuhjehtha.Just asking ingey

  3. drax says:
    September 4, 2019 at 4:06 am

    Your stories are great
    Unlike most your stories I have the feeling that it will be till end .
    Great work ??
    Keep it up

  4. kolaz says:
    September 4, 2019 at 1:24 pm

    v v salhi

  5. arshan says:
    September 5, 2019 at 12:45 pm

    Masha allah! Vvvv reethi

  6. maaasssss says:
    September 5, 2019 at 9:06 pm

    Mee film eh dhw
    dont copy others hard work

  7. Jungkook and v ge fan says:
    September 19, 2019 at 4:10 pm

    Jongkook ge fan akah veema thr koookkkiiee kiyanee.story v loabi.

  8. koookkiie says:
    September 24, 2019 at 1:55 pm

    yeah.. bts ge fan eh.. 🙂

  9. Ainth says:
    October 21, 2019 at 7:48 pm

    Reethi

Comments are closed.



All Right Reserved!