ވިލާދޭ ސޯސަން
ނ.މަނަދޫގެ ހިތްފަސޭހަ ހިސާބެކެވެ. މި ހިސާބުގައި މީހުން އާބާދުވެފައި ވަނީ ވަރަށް މަދުންނެވެ. އަހަރެމެންގޭ އެއްކޮށް ތަޅާލީ ރަގަޅު ފެންވަރެއްގައި
ޒަމާނާ ގުޅޭގޮތުން އަލުންހެދުމަށެވެ. މީހުން އާބާދުނުވާ ހިސާބެއްގައި ހުރި ގެއަކަށް ބަދަލްވީ ގޭ ހެދެންދެން އެގޭގައި އުޅުމަށެވެ. ގެއަކީ މީގެ
ފަނަރަވަރަކަށް އަހަރުކުރިން މީހުން ދިރިއުޅުނު ގެއެކެވެ. ބާވެފައި ނުވިނަމަވެސް ކުޑަމަރާމާތެއް ކުރަންޖެހުނެވެ. ”ވިލާދޭ ސޯސަން” ކިޔާ މިގޭގައި
ފަސްކޮޓަރި ހުރެއެވެ. އެއްކޮޓަރި ނެގީ މަންމަ އާއި ބައްޕައެވެ. ދޮންތަ އާއި ތިއްތަ ނެގީ ޖެހިގެންހުރި ކޮޓަރިއެވެ. ދޮންބެއަށް ވަކިން ކޮޓަރިއެކެވެ. މާމަ
އާއި އަހަރެން ނިދަންޖެހެނީ އެއްކޮޓަރީގައެވެ. މާމަ ބަލިކަމުންނާއި މާމަ ކޮޓަރީގައި އަހަރެން ނިދުމަށް މާމަ އެދުނީމައެވެ. ފަސްވަނަ ކޮޓަރި ހުރީ
ހުހަށެވެ.
ރޭގަނޑުގެ ނާސްތާއަށް ފަހު ޓީވީ ބަލަން ގިނައިރު އަހަރެމެން ތިބީމެވެ. ބަލަން ތިބީ އިގިރޭސި ބިރުވަރި ފިލްމެކެވެ. ފިލްމު ނުނިމެނީސް އަހަރެން
ނިދި އައިސް ތާއްޔާ ޖެހެންފަށައިފިއެވެ. ދެން ފިލްމު ނުބެލޭނެކަން ޔަގީން ވުމުން އަހަރެން ނިދަން ވަނީމެވެ. މާދަމާ ނުބަލާ ބައި ބެލުމަށް
ނިންމައިގެންނެވެ. ކޮޓަރީގައި ވަނީ ފަޑުއަލިކަމެކެވެ. ވަކިން ހުރި އެދެއްގައި ކުރުގެޅިގެން މާމައޮތެވެ. އަވަސްއަވަހަށް ހެދުން ބަދަލްކޮއްލައިގެން
އެދުގައި އޮށޯވެލީމެވެ. ނުނިދި އުޅެނިކޮއް ފަރުދާކައިރިން މީހަކު ހުރަސްކުރިހެން ހީވިއެވެ. އެދުން ތެދުވެ ގޮސް ފަރުދާ ކަހައިލައި ބަލައިލީމެވެ. މީހަކު
ނެތެވެ. ފަހަރެއްގައި ހިރުދުގަހުގެ ގޮފިގަނޑެއް އައިސް ކުޑަފޮރުގައި ކޭއްތުމުން އެޅުނު ހިޔަންޏެއްކަމަށް ބަލާފައި ނިދަން އޮށޯތީމެވެ. ކިތަންމެ
ހަމޖެހެން ބޭނުންވި ނަމަވެސް ހިތް ތެޅެމުން ދިޔައީ ބާރަށެވެ. ބެލުނު ފިލްމެއްގެ ސަބަބުން ހިތްބިރުގަނީ ކަންނޭގެއެވެ.
ޝަހާދަތުގެ ދެކަލިމަ ކިޔުނު އަދަދެއްވެސް ނޭގެއެވެ. ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ދަންނަހައި ހެޔޮއެއްޗެއް ކިޔަމުން ދެލޯ ބާރަށް މަރައިލައިގެން
އޮތީމެވެ. ލައިގެން އޮތް ތުނި ނައިޓީމަތިން މީހަކު އަތްކާއްތައިލިހެން ހީވިއެވެ. ލޮލެއް ނުހުޅުވަމެވެ. އަހަރެންގެ ބަނޑުން މައްޗަށް އެމީހަކު
އަތްގެންނަހެން ހީވިއެވެ. ބިރުން ހަޅޭއްލަވައި ގަންނަމުން ލޯ ހުޅުވައިލީމެވެ. ސިއްސައިގެން ގޮސް މާމަވެސް ތެދުވެއްޖެއެވެ. ވެރިވެފައިވާ ފަޑުއަލިކަން
ތެރެއިން ކޮޓަރި ވަށައިގެން ނަޒަރު ހިންގައިލީމެވެ. މީހެއްގެ ހިލަމެއްވެސް ނެތެވެ.
“ ޝަހާ ކިހިނެއްވީ؟” އަހަރެން ބޮލުގައި އަތްބާއްވައިލަމުން މާމަ އަހައިލީމެވެ.
“ ކާކު މިކޮޓަރީގައި އުޅުނީ ދެންމެ؟” ބިރުން ތުރުތުރު އަޅަމުން އަހައިލީމެވެ.
“ މިތާ އަހަރެމެން ދެމީހުން ފިޔަވައި މީހަކު ނެތޭނުން..” މާމަ ބުނެލިއެވެ.
“ ނޫން..މާމާ މީހަކު އުޅުނޭ..މަ ގައިގަވެސް އަތްލި..މަދުށިން އެ ކުޑަދޮރުކައިރިން މީހަކު ހުރަސްކުރިތަން..” ކުޑަދޮރަށް ބަލައިލަމުން ބުނެލީމެވެ. “
މީހަކު އުޅުން ނަމަ ފެންނާނެ އޭނުން..ޝަހާ ކޮޓަރި ތަޅުލިންތަ..” މާމަ އަހައިލިއެވެ. އަހަރެން ބޯޖަހައިލީމެވެ. މާމަ ޔަގީން ކުރަން ދޮރު ޗެކުވެސް
ކުރިއެވެ. އާއެކެވެ. ތަޅުލާފައެވެ. ތަޅުލީ އަހަރެންގެ ދެއަތުންނެވެ. ގައިމުވެސް މިހަކަށް ނުވަދެވޭނެއެވެ.
“ޝަހާ ޝަހާދަތް ނުކިޔަނީ ދޯ..” ރުޅިވެރިކަމާއެކު މާމަ ބުނެލިއެވެ. އަހަރެން ބޯ ހޫރުވައިލީމެވެ. ޝަހާދަތް ކީމެވެ. ބިރުން އޮވެ ނިދީމައި ހީވިގޮތެއް
ކަންނޭގެއެވެ. ނޫނީ ފިލްމުގައި އުޅޭ އަންހެންކުއްޖާއާއި އެއްގޮތަށް މަށަށްވެސް ނައިޓްމެއާ ފެންނަނީކަންނޭގެއެވެ. ފެންފޮދެއް ބޯލުމަށްފަހު ނިދޭތޯ
މަސައްކަތްކުރީމެވެ.
ހެދުނުގެ ސައިގަޑީގައި އެވާހަކަ ނެގީ މާމައެވެ. މާމަ ހުރީ ހިތްހަމަނުޖެހިފައެވެ. މާމަގެ ނިދިކޮޅު ގެއްލުނީމައެވެ. އެއީ މާމަގެ މިޒާޖެވެ. ވަރަށް ކުދި
ކަންތަކާ އަވަހަށް ރުޅިއަންނާނެއެވެ.
“ ޝަހާ…ދޮންބެ ބުނީމޭނުން ބިރުވެރި ފިލްމު ބަލާކަށް ނުވާނޭ ބިރުގަންނަންޏާ..” ދޮންބެ ސައިފޮދެއްބޯލަމުން ބުނެލިއެވެ.
“ މަ އަލައްތަ ފިލްމު މި ބެލީ… އެހެންނަކާ ނުވޭ މިހެންނެއް…ޔަގީން މީހަކު އުޅުނޭ ރޭގަ..” އަހަރެން ބުނީމެވެ. އެކަކުވެސް ގަބޫލެއް ނުކުރިއެވެ.
އެންމަ ގިނައިން މަލާމަތްކޮއްފައި އުޅުނީ ތިއްތައެވެ. އަހަރެން އަޅައެއްނުލަމެވެ. ސްކޫލަށް ދާންވާއިރަށް ފިލާވަޅުތައް ހެދުމަށް ދިޔައީމެވެ. އަހަރެން
އުޅުނީ ކޮޓަރީގައި އެކަންޏެވެ. އެންމެން ތިބީ ސިޓިންރޫމްގައި މޮޅުވާހަކަ ދައްކާށެވެ. ރޭގަ ވީ ކަންތަކުގެ ސަބަބުން އަދިވެސް ސިކުނޑި ހަމަޔަކަށް
ނޭޅެއެވެ. ފިލާވަޅު ހަދަންއިންދައި ކޮޓަރީގައި މީހަކު އުޅޭކަހަލަ އިހްސާސެއް ކުރެވުނެވެ. ވަށައިގެން ހޯދައިލީމެވެ. މީހަކު ނެތެވެ. އަނެއްކާ ދޮންބެ މަ
ބިރުންގަންނުވަން ކުރާ ކަންތައްހެއްޔެވެ؟ މީހުންނަށް ލަނޑުދިނުމަކީ އޭނަގެ ކަށީގައި ހިފާފައި ހުރިކަމެކެވެ.
ކުއްލިއަކަށް އިވުނީ ފާހާނާ މާގަނޑުން ފެންއަންނަ އަޑެވެ. ދުވެފައި ގޮސްބަލައިލީމެވެ. މީހަކު ނެތި މާގަނޑު ދޫކުރީ ކާކުހެއްޔެވެ؟ ގައިމުވެސް
ކުރިއަކުން ފެންއަންނަ އަޑެއްނީވެއެވެ. މިގޭގައި ކޮންމެވެސް ކަންތައްގަނޑެއް އެބަ އުޅެއެވެ. މާގަނޑު ބާރުނުކޮށް މަންމަމެނަށް ގޮވީމެވެ. އަހަރެން
ދައްކަނީ ތެދުކަން ޔަގީންކޮއްދިނުމަށެވެ.
“ ޝަހާ …ދައްކާ ވާހަކަ އަމިއްލައަށް އިސްކުރު އެނބުރި ފެންއާދޭތަ..” ތިއްތަ ހޭންފެށިއެވެ. މަންމަމެންވެސް ހޭންފެށިއެވެ. ނަމަވެސް އަހަރެން
ކުރުނުކުރުމުން ބަލަން ދިޔުމަށް އެއްބަސްވިއެވެ. ކުރީގައި ހުރީ ތިއްތައެވެ. މީހުންނަށް މަލާމަތްކުރަންވެއްޖެއްޔާ އޭނަ ހުންނާނީ އަބަދުވެސް
އެއްވަނާގައެވެ.
“ ޝަހާ ތިހުރީ މޮޔަވެފައި..” ފާހާނާއިން ނުކުންނަމުން ތިއްތަބުނެލިއެވެ. އަހަރެންބަލައިލީމެވެ. ފެނެއްނާދެއެވެ. ފެންއެޅި ތެތްވެފައިވާ ތަޅުންގަނޑު
އޮތީ ހިކިވެފައެވެ. މީން އިރަކު ފެންއެޅުނު ކަމުގެ ނިޝާނެއްވެސް ނެތެވެ. އެވީ ކިހިނެއްހެއްޔެވެ؟. މިފަހަރުވެސް މަށަށް ހީވިގޮތެއްހެއްޔެވެ؟ ނޫނެކެވެ.
މިފަހަރު ހަމަ އަހަރެން ދުށީމެވެ. ހީއެއްނޫނެވެ. ޔަގީނެވެ.
“ މަ މިހަދަނީ ދޮގެއްނޫނޭ..” އަހަރެން ބުނީމެވެ. ބޭނުންވަނީ ޔަގީން ކޮއްދޭށެވެ.
“ ދޮންބެ ކައިރިން ދަސްކުރީދޯ މީހުން ހައްދަން…” މަންމަ ބުލިއެވެ. “ މަ ނޫޅެމޭ ފޭކް ޖައްސާކަށް..މަ ދުށީމޭ..”
“ ޝަހާ ދައްކާވާހަކަ ކިހިނެއް ގަބޫލްކުރާނީ…” ތިއްތަ މަލާމާތް ކޮއްލިއެވެ. އަހަރެންގާތަށް އައީ ރުޅިއެވެ. އަހަރެން މިހުރީ ސައިކޯ ވެފައެއްނޫން
ވިއްޔާއެވެ. އަހަރެން ހިމޭންވީމެވެ. ދައްކާ ވާހަކަ ގަބޫލްނުކުރާނެތީ އާއި ހެކި ނެތީމައެވެ.
ކަޅުފޮއިރެއެކެވެ. ހަނދުގެ އަލިކަން އެއްވެސް ވަރަކަށް ނެތްކަހަލައެވެ. މުޅި ދުނިޔެ އިރުއޮއްސުމާއި އެކު ނިދާފައި ވާކަހަލައެވެ..އިރުއްއޮއްސުމާއިއެކު
އެހެންނާ ފެންނަ ލޯބިވެރިންގެ ޖޯޑުތައްވެސް ހިގާތީއެއް ނުދެކެވެ. ބޭރު ޖޯލީގައި އިރުކޮޅަކު އޮތުމަށްފަހު ނިދަން ވަނީމެވެ. ރޭގައި ރަނގަޅަށް
ނުނިދުނީތީ މިރޭ މާއަވަހަކަށް ތާއްޔާ ޖެހެންފެށީމައެވެ.
އެނދުގައި އޮށޯވެ މާގިނައިރުތަކެއް ނުވެ ނިދިއްޖެއެވެ. ކުއްލިއަކަށް ހޭލެވުނީ ހަޅޭކުގެ އަޑަށެވެ. އަޑު އަންނަ ދިމާ ފާހަގަ ކުރުމަށް އިރުކޮޅަކު
ސަމާލްކަން ދީގެން އޮތީމެވެ. އޭރުވެސް މެނދުކެޑުމެއްނެތި އެ އަޑު އިވިއިވި ހުއްޓެވެ. އަޑު އަންނަނީ ދޮންތަ އާއި ތިއްތަ ނިދާ ކޮޓަރިންނެވެ.
އަވަސްއަވަހަށް އެދިމާލަށް ދުއްވައިގަތީމެވެ.އޭރު މަންމަ އާއި ބައްޕަވެސް އެކޮޓަރިއާއި ދިމާލަށް އާދެއެވެ. މަންމަ ދޮރުގައި ތަޅަންފެށިއެވެ.
އަހަރެންވެސް ދޮރުގައި ތެޅީމެވެ. ކޮޓަރި ދޮރުހުޅުވާލާފައި ދޮންތަ އާއި ތިއްތަ ބޮޑުބިރެއް ފެނިގެން އަންނަހެން އައިސް މަންމަ އާއި ބައްޕަގެ ގައިގައި
އޮޅުލައިގަތެވެ.
“ ކީއްތަވީ؟” މަންމަ އޯގާތެރިކަމާއެކު ދޮންތަގެ ބުރަކަށީގައި އަތް ފިރުމާލަމުން އަހައިލިއެވެ.
“ އެތާ އެބައުޅޭ މީހަކު…”’ ދޮންތަ ރޮއިގަތެވެ. އަހަރެންބަލައިލީ ތިއްތަގެ މޫނަށެވެ. އޭނަވެސް އާއެކޭ ބުނާގޮތަށް ބޯޖަހއިލިއެވެ.” ދުށިންތަ؟”
އަހަރެން އަހައިލީމެވެ.
“ އާން..ދުށިން..ކޮޓަރި ކުޑަދޮރުގައި މޫނުޖަހައިގެން އަހަރެމެންނާ ދިމާލަށް ބަލަން ހުރި..ވަރަށް ބިރުވެރި ވައްތަރަކަށް ހުރީވެސް.” ތިއްތަގެ އަޑު
ތުރުތުރު އަޅަމުން ދިޔައެވެ. ”އެމީހާ ހުރިތަނުން ވަރަށް ގިނަ ކާލުތަކެއްވެސް އުދުހޭ..” ދޮންތަ ތަފްސީލް ކިޔައިދިނެވެ.
” މަ ނުބުނާނަން ތި ހަދަނީ ދޮގެކޭ..މަ ބުނީމަ ކާކު ގަބޫލް ކުރި…އެންމެން ވެސް މަލާމަތްކުރީ..” އަހަރެން ތިއްތަގެ މޫނަށް ބަލައިލަމުން ބުނެލީމެވެ.
އެއީ އޭނާއަށް ހާއްސަކޮށް ބުނެލިއެއްޗެކެވެ. “ މިގޭގައި އެބަ އުޅޭ ނުބައެއް..” ފަހަތަށް ބަލައިލި އިރު ދޮންބެ ހުއްޓެވެ
” އެ ކިހިނެއް ދަރިފުޅަށް އެގެނި..” ބައްޕަ ދޮންބެގެ މޫނަށް ބަލައިލަމުން އަހައިލިއެވެ. މަށަށް ވެސް އިރާކޮޅު ކަމަކާ ދިމާވި …މަ ނުބުނީ އެންމެން
ބިރުގަންނާނެތީ…” ދޮންބެ ވާހަކަ މެދުކަނޑައިލިއެވެ.
” ކޮންކަމެއް ދިމާވި….” ދޮންތަ ބިރުންހުރެ އަހައިލިއެވެ. ކިތައްމެ ބިރުން ހުއްޓަސް އެކަހަލަ ވާހަކަ ތަކަކީ އޭނާ ވަރަށް ޝައުގުވެރިވާ ވާހަކަތަކެވެ.
ބިރުވެރި ފިލްމުވެސް ބިރުން ހުރެ ވެސް ބަލާނެއެވެ. ފިލްމެއް ބަލަންޏާ އޭނާއަށް ބެލޭނީ ތަންތަންކޮޅެވެ. ގިނަ ވަގުތު އިންނާނީ މޫނުގައި ބާލީސް
އަޅައިގެންނެވެ.
” މަ ހުދާ ކައިރިން އާއިރު މިގޭ ދޮރުމަތީ އަންހެނަކު ހުރި… ހުދުކުލައިގެ ހެދުމެއްގައި..އިސްތަށިގަނޑު ވަނީ ހާވާލެވިފައި…މަ ބަލަ ބަލާ ހުއްޓައި
ދުންތަކެއް އަރާފައި ގެއްލިއްޖެ..” ދޮންބެ އަށް ދިމާވިގޮތް ކުރު ގޮތަކަށް ކިޔައިދިނެވެ. އެރޭ އިރުއަރަންދެން ހޭދަކުރީ ނުނިދައެވެ. ސޯފާގައި އެންމެން
ތިބިއިރު އިތުރު އެހެން ވާހަކައެއް ނުދައްކަމެވެ. ފަތިސް ނަމާދު ބަންގި ގޮވުމުން ދޮންބެއާއި ބައްޕަ ދިޔައީ ނަމާދަށެވެ.
ހެނދުނުގެ ސައިގަނޑީގައި އެންމެން ތިބީ މަޑުންނެވެ. އެހެންނާ ސަކަރާތް ޖަހާ އެކަކު އަނެއްކަކަށް ޖެއްސުން ކުރުމެއްނެތެވެ. ސައިބޮއި ނިމިގެން އެކި
މަސައްކަތުގައި ޝާމިލްވީމެވެ. ނަމަވެސް ކުރީ ދެރޭ ދިމާވިއެއްވެސް ކަމެއް ހަނދާނެއް ނުނެތެއެވެ.
މެންދުރު ވަނިކޮއް ބައްޕަ މަސައްކަތުން އެނބުރި އައެވެ. މެންދުރުގެ ކެއްކުމުގެ ކަންތަކުގައި އިސްކޮށް އުޅުނީ އަހަންނާއި ތިއްތައެވެ ކާން
ތައްޔާރުކުރުމަށް ފަހު ކާންގޮވީމެވެ. މެންދުރަށް ހެދީ ބައްޕައަށް އެންމެ ކަމުދާ ބަނބުކެޔޮ ކިރުގަރުދިޔަޔާއި ބަތެވެ.
” ބައްޕަ ވާހަކަ ދައްކައިފިން ފަންޑިތަ ހަދާ މީހަކު ކައިރީ…ހަކީމްބޭ ބުނި މިއަދު އިރުއޮއްސޭހާއިރު މަގެއަށް ޖައްސާލާނަމޭ…” ބައްޕަ ބަތް ސުވާއެއް
އަގަޔަށް ލަމުން ބުނެލިއެވެ. އެވަގުތު ވަރަށް ބާރަށް ފުރާޅު މައްޗަށް އެއްޗެއް ޖެހިގަތެވެ. އަދި ހަމައެއާކު ކާޅުތައް ހޭރިގަތް އަނޑުވެސް އިވުނެވެ.
އެންމެން އެކުއެކީ ކަހަލަ ގޮތަކަށް ބޭރަށް ނުކުތީމެވެ. އެއްވެސް ކަމެއްގެ އަސަރެއް ބޭރުތެރެއަކުން ފެންނާކަށް ނެތެވެ. ކާޅެއްގެ ހިލަމެއްވެސް ނެތެވެ.
އެކަންތަކާ ގުޅިގެން އަނެއްކާވެސް ބިރުވެރިކަން އެންމެން ހިތަށްވެސް ވަނެވެ. މެންދުރުގެ ކެއުން އެހިސާބުން މެދުކަނޑައިލީމެވެ. ބައްޕަވެސް
މަސައްކަތަށް ނުގޮސް މަޑުކުރީ ގޭގައެވެ.
އިރުއޮއްސި ހައެއްޖެހުމާއި އެކު ހަކީމްބޭ އަތުވެއްޖެއެވެ. އަހަރެން ތެދުވެ ހަކީމްބޭ އިއްތަން ތަންދެއްކީމެވެ. މަންމަ ތަބަކަކަށް ލައިގެން ފިނިފެންތައްޓެއް
ގެނެސްދިނެވެ. ފެންފޮދެއް ބޯލަމުން މުޅިގެއަށް ނަޒަރެއް ހިންގައިލިއެވެ. ”އެ ކޮޓަރީގައި އުޅެނީ ކާކު؟” ގޭގައި ހުރި ހުސްކޮޓަރި އާއި ދިމާލަށް
އަތްދިއްކޮލަމުން އަހައިލިއެވެ. ” އެކަކު ވެސް ނޫޅޭ..ފަޅަށް ހުންނަނީ…” މާމަ ކޮޓަރިން ނުކުންނަމުން ޖަވާބުދިނެވެ. ހަކީމްބޭ ހިގައިގަތީ އެކޮޓަރިއާއި
ދިމާލަށެވެ.
ހަކީމްބޭގެ ފަހަތުން އަހަރެމެންވެސް ހިގައިހަތީމެވެ. އެ ކޮޓަރީގެ ދޮރުހުޅުވާލުމާއި އެކު ދިޔައީ ސިއްސައިގެންނެވެ. ކޮޓަރިއަށް އައިސްފައިވާ
ބަދަލްފެނިގެންނެވެ. ކޮޓަރީގައިވަނީ ހިރަފުހާ މަކުނުވަލެވެ. ހީވަނީ މިވީ ފަނަރަ އަހަރުވެސް މީހަކު މިތަނަށް ވަދެފައި ނުވާހެންނެވެ. ނަމަވެސް
އެހެންވާންވީ ކިހިނެއްހެއްޔެވެ؟
“ މިހެން މިވީ ކީއްވެ؟ ކޮޓަރި ސާފްކުރީ އަހަރެންގެ އަތުން..އެހެން ކޮޓަރިތަކެކޭ ތަފާތެއްނެތި..ދެދުވަސްތެރޭ މިފަދަ ބަދަލެއް މިއައީ ކީއްވެ؟” ބައްޕަ
ހަކީމްބެއާ ސުވާލްކުރިއެވެ. އެބުނީ ތެދެކެވެ. ބައްޕަ އާއި އެކު އަހަންނާއި ދޮންބެ ވެސް އެކޮޓަރި ސާފްކުރަން އެހީވީމެވެ. ކުޑަވެލިފުކެއް ހައި
ހިސާބުވެސް ނުބާއްވަމެވެ. އަހަންނަށް އެވަގުތު ހަކީމްބޭގެ މޫނުމަތިންވެސް ނުތަނަވަސްކަން ފާހަގަވިއެވެ.
ކޮޓަރި ވަށައިގެން ހަކީމްބޭ ހިގައިލިއެވެ. ލޯމަރައިގެން ހުރެ އެއްޗެއް ކިޔަވަން ފެށިއެވެ. އެވަގުތު ވަރަށް ބާރަށް ވައިޖެހެންފެށިއެވެ. ހުޅުވާފައިވާ
ކުޑަދޮރުން ޖެހޭވައިން ހީވަނީ ވިއްސައިގެން ހިގައިދާނެހެންނެވެ. ކާރޓެއިން ފޮތިގަނޑުގެ ވެސްހީވަނި ދެންމެ ދެންމެ ލުހިގެން އައިސްދާނެހެންނެވެ.
ބުޅާ ގޮވާއަޑުވެސް މެދުނުކެނޑި އިވެމުންދިޔައެވެ. ފަސްވަރަކަށް މިނެޓްފަހުން ހަކީމްބޭގެ ލޯ ހުޅުވާލައި އެކިޔެވި އެއްޗެއް ކިޔުން ހުއްޓާލިއެވެ.
”އެއްވެސް މީހެއް ދުށިންތަ؟” ކުޑަދޮރާއި ދިމާލަށް އަތްދިމާ ކޮއްފައި އަހައިލިއވެ. އެންމެން އެކުއެކީގަހެން ބޯހޫރުވާލިއެވެ. އިވުނު އަޑުތައް
ކިޔައިދިނީމެވެ. ހަކީމްބޭ އިތުރު އެއްޗެއް ނުބުނެ ކޮޓަރިން ނުކުތެވެ. ހަކީމްބޭ ފަހަތުން އަހަރެމެންވެސް ނުކުތީމެވެ.
” ނުބައެއް އެބައުޅޭ…އެކަމަކު މިރެއަކު އަދި ނެތް ކަމެއް ކުރެވޭކަށް..ފޮތްތައް އެބަޖެހޭ ބަލާލަން…ޤުރުވާން ޖަހާފައި ބަހައްޓާ ..މާދަމާ ފަތިހު
އަންނާނަން…” ތާކިހާ ރަގަނޅުކޮއްލަމުން ބުނެލިއެވެ. އަދި ތަށީގައި ހުރި ބާކީފެންފޮދު ބޯލުމަށްފަހު ހިގައިގަތެވެ. ހަކީމްބޭ ބުނިގޮތަށް އެރޭ ބެހެއްޓީ
ޤުރުއާން ޖަހާފައެވެ. ރޭގަނޑު ކައިނިމިގެން އަވަހަށް ނިދީމެވެ. ހަމަ ނުނިދޭތާ ދެރޭ ކަމުން އިސާހިތަކުން ނިދިއްޖެއެވެ. އެރެއަކު އެއްވެސް މީހަކަށް
އުދަގުލެއް ނުވެއެވެ.
ހޭލެވުނީ ފޯންއެލާމް ވާއަޑަށެވެ. ގަޑިން ފަސްގަނޑިބައިވަނީއެވެ. އަވަސްއަވަހަށް ތެދުވެ މޫނު ދޮވެލައި ވުޟޫކޮއްލައިގެން އައިސް
ފަތިސްނަމާދުކޮއްލީމެވެ. ދެން ޤުރުއާން ކިޔަވަން އަލިވިލެންދެން އިނީމެވެ. ހިތުގައިވާ ބިރުވެރިކަން ފިލައި މުޅިން ހަމައަކަށް އެޅުނެވެ. ހެނދުނު
ބަދިގެއަށް ދިޔައިރު މަންމަ އާއި ދޮންތަ ސައިހަދަން އުޅެއެވެ.
“ ތިއްތަ ނުހޭލަނީތަ؟” ހުޅިޖަހަމުން ބަދިގެއަށް ވަންނަމުން އަހަރެން އަހައިލީމެވެ.
“ ޝަހާ ގޮސްގޮވާބަލަ ….މިއަދު ސްކޫލަށްވެސް ނުދާންވީ ކަންނޭގެ…” މަންމަ ހުރީ ހިތްހަމަ ނުޖެހިފައެވެ. އަހަރެން އިތުރު އެއްޗެއް ނުބުނެ ތިއްތަ
ކޮޓަރިއާއި ދިމާލަށް ހިގައިގަތީމެވެ. ކޮޓަރި ދޮރުހުޅުވާލުމާއި އެކު ފެނުނީ ރަޖާގަނޑު އަޅައިގެން ކުރުގެޅިގެން އޮއްވައެވެ. އަހަރެން ގޮސް ތިއްތަގެ
ނިތްކުރީގައި އަތްޖައްސާލީމެވެ. ހުންގަދަކަމުން ހީވަނީ ފިހިދާނެހެންނެވެ.
” މަންމާ…ދޮންތާ..ދޮންތާ…” އަހަރެން އަޑުނެތްކޮޅަށް ގޮވީމެވެ. ދުވެފައި މަންމަ އާއި ދޮންތަ ކޮޓަރިއަށް އައެވެ.
” ތިއްތަ ހުންއައިސް..” އަހަރެން މަންމަގެ މޫނަށް ބަލައިލަމުން ބުނީމެވެ.. މަންމަ އައިސް ތިއްތަގެ ނިތްކުރީގައި އަތްލިއެވެ.
” މިޝާ..ލޯ ހުޅުވާލަބަލަ ދަރިފުޅާ….ޝަހާ އަވަހަށް ގެނޭ ރުމާލަކާ ފެންޖަގެއް..” މަންމަގެ އަޑުވަނީ ކުރަކިވެފައެވެ. ދެލޯ ވަނީ ފެންކަޅިވެފައެވެ.
އަހަރެން އަވަސްއަވަހަށް މަންމަ އެބުނި އެއްޗެހި ގެނެސްދެވޭތޯ އުޅުނީމެވެ. އަހަރެން ފެންޖަގު ހިފައިގެން އައުމުން ދޮންތަ ފެންޖަގުގައި ހިފިއެވެ. އަދި
ރުމާ ފޯކޮއްލާފައި ނިތްކުރީގައި ބޭއްވިއެވެ.
” މިޝާ..މިޝާ..ދަރިފުޅާ ލޯ ހުޅުވާލަބަލަ…” މަންމަ ރޮވިފައި ތިއްތައަށް ގޮވަމުން ގެންދިޔައެވެ. ނަމަވެސް ތިއްތަގެ ލޮލެއް ނުހުޅުވައެވެ. ކުކުރުމުގެ
އަޑެއް ނޫނީ އަގަޔަކުން ނުނިކުމެއެވެ.
“ ޝަހާ ބައްޕައަށް ގުޅާބަލަ..ހޮސްޕިޓަލަށް ގެންދަންވީ ކަންނޭގެ..ހާދަ ހުންގަދައޭ…” ދޮންތަ ތިއްތަގެ މަގަތުގައި އިށީދެ އިދެ އަހަންނާ
ވާހަކަދެއްކިއެވެ. އަހަރެން އަވަސްއަވަހަށް ބައްޕައަށް ގުޅާ ގެއަށް އައުމަށް އެދުނީމެވެ. ބައްޕަ ވަރަށް އަވަހަށް ގެއަށް އައެވެ. އަދި އެންބިއުލެންސްގައި
ތިއްތަ ހޮސްޕިޓަލަށް ގެންދިޔައެވެ. ތިއްތަ އާއިއެކު ހޮސްޕިޓަލަށް ދިޔައީ ބައްޕައާއި ދޮންތައެވެ. މަންމަ އާއި އަހަރެން މަޑުކުރީ ގޭގައެވެ.
މެންދުރެއްހާއިރެވެ. މެންދުރު ކެއްކުމަށް ހަނޑޫހޮވަން މަންމަ ޖޯލީގައި އިނެވެ. މަންމަ އާއި ޖެހިގެން އިން ޖޯލީގައި އަހަރެން އިނީމެވެ. އަހަރެންގެ
މޫޑުހުރީ ކަޑަވެފައެވެ. ދުވާލަކު ކަމަކަށް ވުރެބޮޑު ކަމެއް ފެންމަތިވާތީ ހިތްނުތަނަވަސްވެފައެވެ. އެވަގުތު ސަލާމްގޮވާލާފައި ވަނީ ބޮޑުދައިތައެވެ.
ހޮވާފައިވާ ކާށިކޮޅެއް އަތުގައި ހުއްޓެވެ.
” މިޝާ ރަނގަޅުތަ؟” މަންމަގެ ކަނާތްފަރާތުގައި އިން ޖޯލީގައި އިއްތަމުން އަހައިލިއެވެ.
”އާން ރަނގަޅު….ހުންވެސް މަޑުވެއްޖެޔޭ ހިޝްމާ ބުނި..މެންދުރު ކައްކާފައި ހޮސްޕިޓަލަށް ޖައްސާލަން މިއުޅެނީ…” މަންމަ ވާހަކަ ދެއްކީ
އިސްޖަހައިގެން އިދެއެވެ. ބޮޑުދައިތަ ބޯގުޑުވަ ގުޑުވާލައި އިނެވެ. ހީވާގޮތުން އެއްޗެއް ބުނަން އެބަ މަސައްކަތް ކުރެއެވެ.
” ރަށުތެރޭ ދައްކަނީ ތެދުވާހަކައެއްތަ؟” ބޮޑުދައިތަ މަންމަގެ މޫނަށް ބަލައިލަމުން އަހައިލިއެވެ. ” ކޮންވާހަކައެއް؟” މާ ނޫންކަމަށް ހަދާފައި މަންމަ
އަހައިލިއެވެ. ޔަގީނުންވެސް ބޮޑުދައިތަ ފަށަންއެއުޅެނީ ކުރީ ދެދުވަހު މިގޭގައި ހިގިކަންތަކުގެ ވާހަކައެވެ.
” މިގޭތެރެއިން އެއްޗެހި ފެންނީޔޯ….އެހެރަ އާސިމާ ބުނީ އެކަހަލަ ވާހަކައެއް…” ބޮޑުދައިތަ އަހައިލިއެވެ.
” މިމީހުން ކިޔާ އެކަހަލަ އެއްޗެއް..ގައިމުވެސް މަށެއް ނުދެކެން..މަވެސް މިއުޅެނީ މިގޭގަ ވިއްޔަ..އެންމެންނަށް ފެންނަ އެއްޗެއް މަށަށް ވެސް ފެންނަން
ޖެހޭނެއޭނުން…..” މަންމަ ވާހަކަ ދެއްކީ ޖެއްސުމަށެވެ. މަންމަ އަހަރެމެން ދައްކާ ވާހަކަ ގަބޫލްނުކުރަނީކަން ޔަގީންވިއެވެ. އިއްޔެ ހަކީމްބޭ އައިގަޑީގައި
އިވުނު ބުޅާގޮވާއަޑު އަވިފައިވެސް ގަބޫލްނުކުރަނީބާއެވެ؟
”ދެން އެކުދިންވެސް ފެނުނީމަ އޭނުން ބުނާނި ފެނުންވާހަކަ…ދޮގު ހަދާނެތަ…” ބޮޑުދައިތަ ޗޮކެއް ކަޑައިލިއެވެ.
” އެމީހުން އެއުޅެނީ ބިރުވެރި ފިލްމުތަކެއް ބަލައިގެން އެކަމާ ބިރުން…ބިރުން ހުރީމަ ފެންނާނެ އަމިއްލަ ހިޔަނިވެސް އެއްޗެހި ސިފައިގަ…” މަންމަގެ
ވާހަކަތައް ހުރިގޮތުން ހުދު އަހަރެންވެސް ހައިރާންވިއެވެ.
” މަންމާ ހަކީމްބޭވެސް ބުންޏޭނުން މިގޭގައި ނުބައެއް އެބައެޅެއޭ….” އަހަރެން މަންމައަށް ހަދާންކޮއްދިނީމެވެ.
” އޭނަ ދައްކާވާހަކަ މަނުކުރަން ގަބޫލެއް… ކަމެއް އުޅޭނަމަ ރަނގަޅު ކުރަންވީނުން…ފައިސާއާ ހެދި އުޅޭނި އެމީހުން….އެނާސިރާމެންގޭ ހަސްމާ
ޖިންނި މޮޔަވިއްޔޭ ކިޔައިގެން އެ ހަކީމްބޭ ލައްވާ ކިހައި ފަންޑިތައެއް ހެދުއްވި….ވީ ކަމެއް ހަރާން..މާލެ ގެންގޮސް ޑޮކްޓަރަށް ދެއްކީމަ ބުނީ ނަފްސާނީ
ކޮންމެސް ބައްޔެކޭ…މިހާރު ރަނގަޅު…” މަންމަ ބުނެލިއެވެ. މަންމަ ފަންޑިތަ ގަބޫލް ނުކުރެއެވެ.
” އެކަމަކު ވާ …އެކުދިން ބިރުން އުޅެންޏާ މިގެއިން ނުކުންނަން ވީނުން…” ބޮޑުދައިތަ ބުނެލިއެވެ. ” ކޮންތާކަށްތަ ދާނި ވަކި؟” މަންމަ ޖޯލިން
ތެދުވަމުން ބުނެލިއެވެ. ‘
” އަހަރެމެން ގެއަށް..” ބޮޑުދައިތަވެސް ތެދުވަމުން ބުނެލިއެވެ. ” ތިގޭގައި އެބުހުރިތަ އަހަރެމެން ގޮސް އުޅޭނެތަނެއް…” މަންމަ ބޮޑުދައިތައަށް
ފުރަގަސްދީ ހިގައިގަންނަމުން ބުނެލިއެވެ. ” އޮތްތަނެއްގައިވެސް ބާއްވާނަމޭ… މަ ފައިކުރުކޮއްފަވެސް ތިއެންމެން ބާއްވާނަން…” ބޮޑުދައިތަވެސް
މަންމގެ ފަހަތުން ހިގައިގަތެވެ.
މަންމަ ހުއްޓުމެއްނެތި ބަދިގެއަށް ވަނެވެ. ސިންކު ކައިރީ ހުރެ ހަނޑޫ ދޮންނަން ފެށިއެވެ. ބޮޑުދައިތަ ކާމޭޒު ދޮށުގައި ހުރި ގޮނޑިއެއް ދަމާލުމަށް ފަހު
އިށީނެވެ.
” މަ އަޑުއަހަން މިގެއާ ބެހޭގޮތުން މީހުން ދައްކާ ވާހަކަ….މި ވަރަށް ނާންމާ ހިސާބެކޯ ކިޔާ… ސަންފަ އިން މުނީރުއަށްވެސް އެއްޗެއް ފެނުނޯ މިގޭ
ކައިރިން…” ބޮޑުދައިތަގެ ވާހަކަތއް ކަނުލައި އަޑުއަހަން އަހަރެން ވަރަށް ޝައުގުވެރިކަމާއެކު އިނީމެވެ.
” މިގެއިން ކީއްވެތަ އެއްޗެހި ފެންނަންވީ….ކުރީގައި ކަމެއހިގީތަ މިގޭތެރެއިން….؟” ބޮޑުދައިތަ އިތުރު އެއްޗެއް ނުބުނުމުން އެންމެ ފަހުން އަހަރެން
އަހައިލީމެވެ.
” އަހަންނަށް އަޑުއިވިފައިވާ ގޮތުން މިގޭގައި އޭރު އުޅުނީ މިރަށު ތައްހާނުގެ އާއިލާ…. ތައްހާނު އަކީވެސް ވަރަށް މޮޅަށް ފަންޑިތަ ހަދާމީހެއް..މިގޭތެރޭ
ތާސްކުޅުމާއި އަދި ޝައިތޯނުން ކައިރިވާ އެންމެ ހައިކަންތައް ކުރުން އޮންނަނީ މަނާކޮއްފަ…އެކަމަކު އޭނަގެ ތިންކުދިން އެއްރެއަކު
ތަށިދުއްވި…ބުނާގޮތުން އެރޭ އެކުދިން ކޮންމެވެސް ޖިންނިއެއް ގެނެސް ސުވާލްވެސް ކުރި… އެރޭ އެކުދިން ގެނައި ޖިންނި ފޮނުވައި ނުލާ އެކުޅިވަރު
ނިންމައިލީ ތައްހާނު ގެއަށް އަންނަ ވަގުތުޖެހޭތީ..އޭގެ ފަހުން އެޖިންނީގެ އުދަނގޫ އެކުދިންނަށް ފޯރާ.. ތައްހާނު ވަރަށް މަސައްކަތް ކުރިކަމަށް ވަނީ އެ
ޖިންނި ކިބައިން އެކުދިން ސަލާމަތް ކުރަން..އެކަމަކު އެކުދިންނާ ތައްހާނުގެ މުޅިއާއިލާ ފަނާވެ ދިޔައީ….” ބޮޑުދައިތަގެ ވާހަކަތަކުން އަހަރެންގެ ހިތަށް
ބިރުވެރިކަން ވަންނަން ފެށިއެވެ.
” މީހުން ދައްކާނެ ފާޑުފާޑު ވާހަކަ… އެމީހުން މަރުވީ އޭރުއުޅުނު ޑެންގީހުން ޖެހިގެން އެކަމަށް ފަރުވާނުކުރުމުން….” މަންމަ ބޮޑުދައިތަގެ ވާހަކައެއް
ގަބޫލެއްނުކުރިއެވެ. ނަމަވެސް އަހރެން ގަބޫލުކުރަމެވެ. ފަހަރެއްގައި އެފަދަ ކަމެއް މީގެ ކުރިން މިގޭގައި އެފަދަ ކަމެއް ހިގީކަންނޭގެއެވެ. ތައްހާނުގެ
އާއިލާ ކުއްލި މަރަކުން މަރުވި ހާދިސާއަކީ މިރަށު މީހުންނޫނަސް މުޅި ރާއްޖެއަށް ވެސް ސިހުމެއް ގެނެސްދިން ކަމެކެވެ. ކުއްލިއަކަށް އެންމެން
މަރުވެފައި ތިބިތިބުން ރަށުމީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކަމުން ދިޔައެވެ.
މެންދުރު ކެއްކުމަށް ފަހު އަހަންނާއި މަންމަ ތައްޔާރުވެލައިގެން ތިއްތަ ކައިރިއަށް ހޮސްޕިޓަލަށް ދިޔައީމެވެ. އޭރު ތިއްތަ އަށް ވަނީ ނިދިފައެވެ. ދޮންތެ
ތިއްތަގެ އަތުގައި ހިފަހައްޓައިލައިގެން އިނެވެ. ” ދަރިފުޅާ ޑޮކްޓަރ ބުނީ ކީކޭތަ؟” މަންމަ ދޮންތަ ކައިރީ އަހައިލިއެވެ.
” ބުނީ ރަނގަޅޭ..އިންޖެކްޝަން ޖެހިފަހުން މިހާރު ހުމެއްވެސް ނާދޭ….މިރޭ ބަލާފަ ދޫކޮއްލާނަމޭ ބުނި….” ދޮންތަ އެހެން ބުނުމުން ހުންހުރިތޯ
ޔަގީންކޮއްލަން އަހަންނަށް ތިއްތަގެ ގައިގައި އަތްލެވުނެވެ. ތެދެކެވެ. މިހާރަކު ހުމެއްނެތެވެ.
” ދޮންތާ ދެން ދޭ ގެއަށް…އަހަންނާ މަންމަ މިކޮޅުގައި މަޑުކުރާނަން… މާމައަށް ކާންދޭތި…” ދޮންތަގެ މޫނަށް ބަލައިލަމުން އަހަރެން ބުނީމެވެ. ދޮންތަ
އިތުރު އެއްޗެއް ނުބުނެ ގެއަށް ދިޔުމަށް ހިގައިގަތެވެ. ދޮންތަގެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓެވެ.
ހޮސްޕިޓަލްގައި މީހަކު ބާއްވައިގެން އުޅުމަކީ ތިބޭ އެހީތެރިންވެސް ބަލިވާކަމެވެ. އަހަރެން ފުރަތަމަވެސް ހޮސްޕިޓަލަށް ވަންނައިރަށް ބޮލުގައި
ރިއްސަން ފަށައެވެ….ބައްޔެއްވިއަސް ޑޮކްޓަރަށް ދައްކަން ނާދެވޭތޯ އަހަރެން އަބަދުވެސް ބަލަމެވެ. އެދުމަތި ކުރުމާއި އިންޖެކްޝަން އަކީ އަހަރެން
ވިހަ ގަދަ ބިޗުލަށް ވުރެ ބިރުގަންނަ ދެކަމެވެ.
ހަވީރު ފަހެއްޖަހަނިކޮއް ތިއްތަ ލޯ ހުޅުވާލިއެވެ. ހުން ނެތުމުގެ ސަބަބުން ކުރިން ވާހަކަ ދައްކާ ގޮތަށް ވާހަކަ ދައްކާ ސަކަރާތްޖެހިއެވެ. މަންމަ އަސުރު
ނަމާދާށް ދިޔަފަހުން ތިއްތަ ކައިރީ އިނީ އަހަރެން އެކަންޏެވެ. ދެމީހުން އަގަތަޅަން ތިއްބައި ގަނޑިދިޔަ ގޮތްވެސްނޭގުނެވެ.
އިރު އޭގެ ވާޖިބުއަދާކުރުމަށް ފަހު އަލްވަދާކިޔައިފިއެވެ. ރަތްވިލާތަކުން ނާއި އުދަރެހުގައި އެވަގުތު ހުރި ފިޔާތޮށިކުލައިން ވަނީ ގުދުރަތީ ރީތި
މަންޒަރެކެވެ. ހޮސްޕިޓަލްގެ ތޭރިތަކުން ފޫއަޅުވާލާފައި އެއަލިކަން ތިއްތަގެ އެދަށް ފޯރާފައިވެއެވެ. ހަގަޑި ބައިވަނިކޮށް ދޮންބެ އައުމުން އަހަރެންވެސް
މަޢްރިބް ނަމާދުކުރުމަށް ގެއަށް އައީމެވެ. ގޭ ހުންނަ ހިސާބާ ހޮސްޕިޓަލާ ފުދޭވަރަކަށް ދުރެވެ. ހިގައިފައި އަންނަން ވިއްސަކަށް މިނެޓް ނަގާނެއެވެ.
މީހުން ނޫޅޭ ހިސާބަށް އާދެވުމުން ހިތަށް ފާޑުފާޑުގެ އެއްޗެހި އަރަންފެށިއެވެ. ތަނަށް ވެރިވެފައިވާ އަދިރިކަމުންނާއި އިތުރު އަލިކަމެއް ނެތުމުން މީހަކު
ގައިގައި ޖެހުނަސް ނޭގޭނެއެވެ. ހިތުދަސްވެފައިވާ މަގުން ހިތުމިސާލަށް ކުރިއަށް ދެވޭތޯ ބެލީމެވެ. ލޯ ސަލާމަތުން ހުރިކަމުގައި ވިއަސް މިވަގުތު
އަހަންނެކޭ ލޯފަންކުއްޖެކޭ ބަލާމީހަކަށް ތަފާތެއް ނުހުންނާނެއެވެ.
ހަނިމަގުތަކުން ގޭ ފެންނަ ހިސާބަށް އާދެވުނެވެ. ގޭ އަސްކަނީގައި ހަރުކޮއްފައި ހުރި އެނާރޖީ ސޭވިން ލައިޓްގެ އަލިކަން ފެނި ތުންފަތްމައްޗަށް ލުއި
ހިނިތުންވުމެއް ވެރިވިއެވެ. ފަޔަށް ބާރުލާފައި ދުއްވައިގަތީމެވެ. ނަމަވެސް ވަކިހިސާބަކުން ހުއްޓުން އެރީ މަގުހުރަސްކުރި ބުޅަލެއްގެ ސަބަބުންނެވެ.
އޭތީގެ ބަރުއަޑުން ގޮވަމުން ދިޔައީ ދެން އިތުރަށް ކުރިއަށް ނުދާށޭ ބުނާފަދަ ގޮތަކަށެވެ. އެވަގުތު މާމަ ބުނާ ޖުމްލަ މަތިން ހަދާންވިއެވެ.
” މަގު ހުރަސްކުރަނިކޮށް ބުޅަލެއް ގޮވަމުން ހުރަސްކޮއްފިނަމަ އެބުނަނީ ދެން ކުރިއަށް ނުދާށޭ…މާނައަކީ ނާމާނޭ…ދެން ރަނގަޅު ވާނީ އާދިމާލަށް
ދިޔާމަ…..”’
ނަމަވެސް އަހަރެން އަނެއްކާ އަނބުރާލާފައި ދާކަށް ބޭނުމެއް ނުވިއެވެ. ދެން ދާނި ވަކި ކޮންތާކަށްހެއްޔެވެ؟ ހޮސްޕިޓަލަށް ހެއްޔެވެ؟ ނޫނެކެވެ. އަދިރި
ހަނި މަގުތަކުން މިހިސާބަށް މިއާދެވުނީ ގަދަ ކަނޑެއްގައި ފަތާފައި އަތްކަހަލަ ގޮތަކަށެވެ. ދެން ފަހަތަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ބޭނުމެއް
ނޫނެވެ. ފަޔަށް ބާރުލާފައި އަނެއްކާވެސް ގެއާ ދިމާލަށް ދުއްވައިގަތީމެވެ.
ގޭދޮރު ހުރީ ލައްޕާފައެވެ. ބިރުން ހުރެ ވަރަށް ބާރަށް ދޮރުގައި ތަޅައިގަތީމެވެ. މީހަކު ދޮރު ހުޅުވަން އަންނަ އަޑެއް ނައެވެ. ގޭތޭރޭ މީހަކު ނޫޅެނީބާއެވެ؟
މިވަރަށް ތަޅާއިރުވެސް އަޑުނީވެނީބާއެވެ؟ އަނެއްކާވެސް ކުރިއަށްވުރެ ބާރަށް ދޮރުގައި ތަޅައިގަތީމެވެ. އެއްފަހަރު ދޮރަށް އަނެއްފަހަރު ފަހަތަށްވެސް
ބަލައިލެވެއެވެ. މީހަކު ފަހަތުގައި އުޅޭކަހަލ އިހްސާސެއް ކުރެވިގެންނެވެ. އެއްވެސް ފަހަރަކު މީހަކު ފެންނާކަށް ނުހުރެއެވެ. ނަމަވެސް އުޑުމަތީ އުދުހި
އުދުހި ކާޅުބައިގަނޑެއް އުޅެއެވެ.
ދޮރުގައި ތަޅަތަޅާ ހުއްޓައި މަންމަ ދޮރުހުޅުވާލިއެވެ.
” ސާބަހޭ ޝަހާއަށް….ދޮރު ވައްޓާލަންތަ ތިއުޅެނީ؟” މަންމަ ހުރީ ހިތްހަމަ ނުޖެހިފައެވެ. މަންމަ އާއި އެއްވަރަށް އަހަރެންވެސް ހުރީ ހިތްހަމަނުޖެހި
ރުޅިގަދަވެފައެވެ.
” ދޮރު ހުޅުވާކަށް ނޭގޭވިއްޔަ….ބިރުން ހަލާކް…” ސޯފާއަށް ވެއްޓިގަންނަމުން ބުނީމެވެ.
” މަނަމާދު ކުރާށޭ ހުރީ…ދޮރުގައި ތަޅާއަޑުވެސް އިވެއޭ…އެކަމު ދެން ނިމެގެންނުން އާދެވޭނި…” މަންމަ ދޮރު ހުޅުވަން އެހައި ގިނައިރު ނެގި ސަބަބު
އޮޅުންފިލުވައިދިނެވެ. އަހަރެން ވަކި އެއްޗެއް ނުބުނަމެވެ. ތެޅެމުން ދިޔަ ހިތާދިމާލުގައި އެއްއަތް ބާއްވައިލައިގެން އަނެއްއަތް ނިއްކުރީގައި
ބާއްވައިލައިގެން އޮތީމެވެ.
” މަންމާ ހަކީމްބޭ ނާދޭތަ…” އަހަރެން ކުއްލިއަކަށް ހަދާންވެގެން އަހައިލީމެވެ. ހަކީމްބޭ އައިސް ބުނާނެ އެއްޗެއް އަޑުއެހުމަށް ވަނީ
ޝައުގުވެރިވެފައެވެ. ބޮޑުދައިތަ ދެއްކި ވާހަކަ އަކީ ކިހައި ހަގީގަތެއް އެކުލެވޭ ވާހަކައެއް ތޯ ނޫނީ އެއީ މަންމަ ބުނާކަހަލަ ތޯތޯ ޥާހަކައެއް ތޯ
ބަލަންބޭނުމެވެ. ”އަންނާނެ މިރޭ އިޝާނަމާދަށްފަހު” މަންމަ ޖަވާބުދިނެވެ.
އިޝާނަމާދަށް ކައިރިވެފައި ވަނިކޮށް ދޮންބެ ގުޅާފައި ތިއްތަ ވަރަށް ގަދައަށް ހުންނެގި ވާހަކަ ބުންޏެވެ. މަންމަ އަވަސްއަވަސް ކޮއްލައިގެން
ހޮސްޕިޓަލަށް ދަމުން ބުނެލިއެވެ.
” ޝަހާ މަޑުކުރޭ ގޭގައި….މަންމަ އާއި ދޮންތަ މިދަނީ ހޮސްޕިޓަލަށް……ބައްޕަ އާއި ހަކީމްބޭ އުޅޭނެ އަންނަން މިހާރު….” މަންމަ އެހެން ބުނުމުން
އަހަރެން ހިތްހަމަ ޖެހުނެވެ. އަހަރެން ބޭނުމީވެސް ގޭގައި މަޑުކޮށް ހަކީމްބޭ ބުނާ އެއްޗެއް އަޑުއަހާށެވެ. މަންމަ ހޮސްޕިޓަލަށް ދިޔަތާ
ބައިގަޑިއިރުވީއިރުވެސް ހަކީމްބޭ ނާދެއެވެ. އެމީހުން އާދޭތޯ ކުރުކާލި ކަޑަކަޑާ ސިޓިންރޫމްތެރޭ އަހަރެން ހުރީމެވެ. ނަމަވެސް ބިރުން ދޮރުހުޅުވާލައި
ބޭރު ބަލާކަށް އަހަންނަކަށް ނުކެރެއެވެ. ތުނި ތުނިކޮށް ވިއްސާރަވެހޭ އަޑު މެދުނުކެޑި އިވެމުން ދިޔައެވެ.
ފަހަތުން މީހަކު ހިގާ އަޑުއިވޭހެން ހީވެއެވެ. ލަސްލަހުން ބަލައިލީ އިރު އެއްވެސް މީހެއް ނެތެވެ. އޭގެ އިރުކޮޅެއްފަހުން ބިއްލޫރިތަކެއް ނޫނީ އެކަހަލަ
ކޮންމެވެސް އެއްޗެއްގެ އަޑު އިވެންފެށިއެވެ. އަޑު އަންނަނީ ފަޅަށް ހުންނަ ހުސްކޮޓަރި އާއި ދިމާލުންނެވެ. އެކޮޓަރީގައި މީހަކު އުޅެނީބާއޭ ހިތަށް އަރައި
އެދިމާލަށް ހިގައިގަތީމެވެ. ތެޅި ފޮޅިއޮތް ހީވަނީ މޭ ފަޅާފައި ދެންމެ ދެންމެ ނުކުމެދާނެހެންނެވެ.
އެކޮޓަރި ދޮރުކައިރީ މަޑުކޮއްލީމެވެ. އަދި އެތެރެއަށް ވަނުމުގެ ކުރިން ހަމަޖެހެވޭތޯ މަސައްކަތް ކުރީމެވެ. ދަންނަ ހައި ހެޔޮއެއްޗެއް ކިޔެވީމެވެ. އެއަސް
ފަހު ދޮރުގެ ތަޅުގައި ހިފާ އަނބުރާލަމުން އެތެރެއަށް ދޮރު ކޮއްޕާލީމެވެ. ކޮޓަރިތެރެ ވަރަށް އަދިރިއެވެ. ހޮޅިބުރި ދިއްލަން ހާއްސަކުރިވެފައިވާ
ސްވިޗްވެސް އިންނާނީ ކުޑަދޮރުކައިރީގައެވެ. އެހެންކަމުން ހިތުމިސާލަށް އެދިމާލަށް ހިގައިގަތީމެވެ.
ފައިގައި ފިނި އެއްޗެއް ޖެހުނެވެ. މުޅި މީހާ ގަނޑުވިކަހަލައެވެ. ފައިގައި މިހޭކެނީ އަނެއްކައި ކޯއްޗެއްބާއޭ ހިތަށްއެރިއެވެ. ހިންދިރުވާލުމަށްފަހު
އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އެޅީމެވެ. އެވަގުތު މަތިން އައިސް ފިނިއެއްޗެއް ކޯތާފަތްމަތީޖެހުނެވެ. ފިލްމުތަކުގައި ފެންނަ ގޮތަށް މީހަކު މަރާލާފައި
މަތީގައި އެލުވާފައި އޮތީބާއެވެ.؟ މޫނުގައި މިޖެހުނީ އޭގެން ފައިބާ ލޭތިއްކެއްބާއޭ ހިތަށްއެރިއެވެ.
ސްވިޗް އާއި ހަމަޔަށް ދެވުނު އިރު މުޅިމީހާ ބިރުން ތުރުތުރު އަޅައެވެ. މިކޮޓަރިއަށް ވަނީ މޮޔަކަމުންނޭވެސް ހިތަށް އަރައެވެ. ސްވިޗް ދިއްލުމުން
ފެނުނީ ތަޅުންމަތީ ހުރި ފެންތަކެކެވެ. މަތީ ސީލިންގް އާއި ދިމާލަށް ބޭއިޚްތިޔާރުގައި ބަލާލެވުނެވެ. އާއެކެވެ. ފޫނުބެދޭ ކުޑަ ލޯވަޅެއްވަރުގެ
ތަންކޮޅަކުން ފެންފައިބަނީއެވެ. އެހިސާބު ހުރަސްކުރިއިރު ކޯތާފަތްމަތީ މިޖެހުނީވެސް މިތަނުން ފައިބަމުން ދިޔަ ފެންތާއޭ ހިތަށް އަރައި ހެވުނެވެ.
މަންމަ ބުނީ ތެދެކެވެ. ބިރުން ހުންނައިރު އަމިއްލަ ހިޔަނިވެސް ގޮތްގޮތަށް ފެނުމަކީ ވެދާނެކަމެކެވެ. އެކަމަކު މިކޮޓަރިން އިވުނު ބިއްލޫރި އަޑަކީ
ކޮންއެއްޗެއް ހެއްޔެވެ.؟ މުޅި ކޮޓަރިއަށް ނަޒަރެއް ހިންގައިލީމެވެ. ބިއްލޫރި ނުވަތަ އެއަޑު އަންނަ އެއްވެސް އެއްޗެއް މިކޮޓަރިއަކު ނުވެއެވެ. އަހަރެން
ކުޑަދޮރަށް ބަލައިލީމެވެ. ބިއްލޫރިޖަހާފައި ހުއްޓަސް މިކުޑަދޮރަކުންވެސް މިފަދަ އަޑެއްނާންނާނެއެވެ. ކުޑަދޮރުހުރީ ރަނގަޅަށް ތަންޑުއަޅާފައެވެ.
”ޝަހާ…” އަހަރެން ސިހުނީ މާމަ އަހަރެންނަށް ގޮވާލިއަޑަށެވެ.
” ބައްޕަ އެބަހޯދާ…” މާމަ އަހަރެންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. މާމަ ހިގައިގަތުމުން އަހަރެންވެސް ފަހަތުން ހިގައިގަތީމެވެ. ކޮޓަރި
ދޮރުލެއްޕުމަށް ފަހު ބައްޕަ އިންނެވި ސޯފާއާއި ދިމާލަށް ހިގައިގަތީމެވެ. އޭރު ބައްޕަ އާއި ހަކީމެބޭ އޮލަ ވާހަކައެއްގައި ތިއްބެވެ. ބައްޕަ އަހަރެން
ދިޔުމުން ކާންތައްޔާރުކޮއްދިނުމަށް އެދުނެވެ. އަހަރެން ބަދިގެއަށް ގޮސް ކާންތައްޔާރު ކުރުމަށްފަހު ބައްޕައަށް ގޮވީމެވެ.
ބައްޕަ އާއި ހަކީމެބޭ ކާމޭޒުދޮށުގައި އިށީނުމުން އަހަރެންވެސް އެތަނުން ދުރަށް ނުގޮސް ހުރީމެވެ،..
” އަހަރެން ވަރަށް ގިނަ ފޮތްތައް ބެލިއްޖެ… މިގޭގައި ތިދިމާވާ ކަންތައްތަކާ ޖިންނި އަކާ ގުޅުމެއް އެބަހުރި……..” ހަކީމްބޭ ވާހަކަ ފެށީ
އެހިސާބުންނެވެ. ބަތްތަށިން ބަތްސަމުސަލެއް ތައްޓަށް އެޅުމަށްފަހު އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.
” އެ ޖިންނި އަކީ މިގޭގައި އެތަކެއް އަހަރުތަކެއް ކުރިން މިގޭގައި އުޅޭ އެއްޗެއް…އަސްލު އެ ޖިންނި ހިތްހަމަނުޖެހެނީ މިގޭގައި އިތުރު ބަޔަކު
އުޅެން…އެހެންވެ ކަންނޭގެ ކުދި ކުދި އުދަނގޫ އެކުރަނީ…….”’ ހަކީމްބޭގެ ވާހަކަ މެދުކަނޑައިލީ ބައްޕައެވެ.
” އެކީއްވެ މިގޭގައި އުޅެންވީ…މިގެއާ އެ ޖިންނި އާއި ކޮންގުޅުމެއް އޮތީ…” ބައްޕަ އެކުރީ އހަރެންގެ ހިތުގައި އެބުރެންފެށި ސުވާލެވެ. އެހެންކަމުން
ޖަވާބަށް ވަރަށް ސަމާލްކަން ދިނީމެވެ.
” މިގޭގައި އެޖިންނި ވަނީ ހައްޔަރުކުރެވިފައި……..އެ ޖިންނި މިނިވަންކުރުމުން ސަލާމަތްވާނެ….” ހަކީމްބޭ ދިން ޖަވާބުން އިތުރު އެހެން
ސުވާލްތަކެއްވެސް ހިތަށް އަރަމުން ދިޔައެވެ…
” ހައްޔަރު ކުރީއޭ..ކިހިނެއް؟…” ބައްޕަ މޭޒާއި އިތުރަށް ކައިރިއަށް ޖެހިލަމުން އަހައިލިއެވެ.
” މި އީ ތައްހާނުމެން ގެއޭނުން…. ހަނދާން އެބުހުރިތަ ތައްހާނުމެން މަރުވި ދުވަސް މަތިން……ތައްހާނު މަރުވިއިރު އާދަޔާ ޚިލާފް އެތައް ކަމެއް
އަހަރެން ދުށީމޭ…ތައްހާނު ހިނެވުމުގް ކަންތަކުގައި އެންމެ އިސްކޮށް އުޅުނީ އަހަރެން…..އޭނަގެ ކަރުދޮށާ މޭވެސް ހުރި ނޫވެފައި……..” ހަކީމް ބޭ
ވާހަކަ މެދުކަނޑައިލިއެވެ. އަދި އަނެއްކައި ވާހަކަ ކުރިއަށް ގެންދިޔައެވެ.
” އެގޭތަ ތައްހާނުގެ ދެފިރިހެން ކުދިންވެގެން ދެނަމާދު ދޭތެރޭ ތަށިދުއްވި…އެއީ ޖިންނި ޝައިތޯނުން ހާޟިރުކޮއްގެން ކުޅޭ އެންމެ ބިރުވެރި
ކުޅިވަރު….ނޭގޭ މީހުން ނުވާނެ އެކަހަލަ ކަންތައް ކުރާކަށް…އެކުދިން ތަށިދުއްވަށް ދަސްކުރީ ތައްހާނު ގެންގުޅޭ ފޮތްތަކެއް ބަލައިގެން……އެކުދިން
ތަށިދުއްވީ އެދުވަސްވަރު ކުޅުނު ފުޓްބޯޅަ މެޗުން މޮޅުވާނީ ކޮންބައެއްތޯ ބެލުމަށާއި އަޖުމަ ބެލުމަށް….ނަމަވެސް އެޖިންނި އަކު ގެނެސް ފޮނުވާނުލައި
ކުޅިވަރު ނިންމާލީ………” ހަކީމްބޭގެ ވާހަކަތަކުން އަހަންނަށް ބޮޑުދައިތަ ދެއްކީ ރަނގަޅު ވާހަކަތައްކަން ޔަގީންވިއެވެ.
” ތައްހާނަށް އެކަން އެގިގެން އެޖިންނި ފޮނުވާލަން ވަރަށް މަސައްކަތް ކުރި…….ނަމަވެސް ނޭގުމެއްތެރޭގައި ތައްހާނަށްވެސް ވަރަށް ގިނަ ގޯސްތަކެއް
ހެދި އެޖިންނިއަށް ވަރަށް ހާނިކަކުރެވުނު…..އެހެންވެ އެޖިންނި އެކަމުގެ ބަދަލް އެއާއިލާއިން ހިފި…” ހަކީމްބޭ ވާހަކަ ހުއްޓާލުމަށް ފަހު ފެންފޮދެއް
ބޯލިއެވެ.
” ދެން އަހަރެމެންނަށް މިގޭގައި އުޅެގެން ގެއްލުމެއް ވާނެތަ؟” ބައްޕަ އެސުވާލުން ހަކީމްބޭ ހުއްޓިފައި ބައްޕަގެ މޫނަށް ބަލައިލިއެވެ.
” އޭގެ ފަރާތުން ގޯނާތަކެއް ލިބިދާނެ…..ފަންޑިތަ އަކީ ވަރަށް ފާޑެއްގެ އެއްޗެއް……..އެ ސަލާމަތްކުރަން ވެގެން ކުރާކަމުން އެ ޖިންނިއަށް އިތުރު
ގޯނާތަކެއް ވެއްޖެއްޔާ މިރަށު އެންމެންނަށްވެސް ގެއްލުމެއް ދޭކަށް ފަހެއްނުޖެހޭނެ……” ހަކީމްބޭ އެހެންބުނުމުން އަހަރެންގެ ހިތްބިރުގަތެވެ.
ފަންޑިތަ އަކީ ވަރަށް ފާޑެއްގެ އެއްޗެއް ތާއެވެ. ހަކީމްބޭ ދަމުން ކިޔެވެލި ފަށާނެ ދުވަހެއް ކަނޑައެޅުމަށްފަހު ބުނާނެކަމަށް ބުނެލިއެވެ. އަދި އެކަމަށް
ބޭނުންވާ ސާމާނު ހޯދުމަށް ބައްޕަ ކައިރީ އެދުނެވެ. ބައްޕަ އާއި ހަކީމެބޭ ދިޔުމުން އަހަރެން މާމައަށް ކާންދިނީމެވެ. އަދި އަހަރެންވެސް ކައިގެން
އަވަހަށް ކޮޓަރިއަށް ވަނީމެވެ.
ރޭގަނޑު ނުވައެއް ޖަހަނިކޮށް ދޮންތަ ގެއަށް އައެވެ. މަންމަ މިރޭ ތިއްތަ ކައިރީ މަޑުކުރާތީއެވެ. އެންމެން ދަންބަލަން ތިބުމުގެ ބޭނުމެއްވެސް ނެތްތާއެވެ.
ދޮންތަ އައިސް ކައިގެން ނިދަން ވަނެވެ. އަހަރެންވެސް ނިދަން ވަނުމުގެ ކުރިން ގޭ ހުރިހައި ދޮރުތަކެއް ތަޅުލީމެވެ. އަދި ނިދަން އެނދުގައި
ޖައްސާލީމެވެ.
ނިދަން އޮވެފައި ހޭލެވުނީ މީހަކު ދޮރުގައި ޓަކިޖަހާހެން ހީވެގެންނެވެ. ރަނގަޅަށް އަޑުއަހައިލީމެވެ. އިވުނީ ރަނގަޅަށެވެ. ހަމަ ޓަކިދެނީއެވެ. އަހަރެން
ފޯންގެ ގަނޑި ބަލައިލީމެވެ. ގަނޑިން ބާރަގަނޑި ބައިވަނީއެވެ. މިގަނޑީގައި ޓަކިދެނީ ކާކުހެއްޔެވެ؟ ދޮންތައަށް ވެސް ވެދާނެއެވެ. އެކަނި ކޮޓަރީގައި
ނޯވެ އަހަރެމެން ކައިރިއަށް އަންނަންބޭނުންވެގެން އައީކަމަށްވެސް ވެދާނެއެވެ. ނިދިފައި އޮތް މާމަގެ މޫނަށް ބަލައިލަމުން ދޮރާދިމާލަށް
މިސްރާބުޖެހީމެވެ.
ދޮރުހުޅުވާލައި ބަލައިލިއިރު މީހަކު ފެންނާކަށް ނެތެވެ. ދޮންތަގެ ނިދާކޮޓަރިވެސް ވަނީ ދޮރުލައްޕާފައެވެ. ދެން އެހެންވީއިރު ޓަކިދިނީ ކާކުހެއްޔެވެ؟
ޗޮކެއް ކަޑާލުމަށް ފަހު ކޮޓަރިއަށް ވަންނަށް އެނބުރިލިތަނާ ފެނުނީ ގޭ ބޭރުދޮރު ހުޅުވިފައި ހުރިތަނެވެ. މިގަނޑީގައި ދޮރުހުޅުވާފައި އެހުރީ ކީއްވެބާއޭ
ހިތަށްއެރިއެވެ. ދޮރު ލައްޕާލުމަށްޓަކައި ދޮރާ ދިމާލަށް ހިގައިގަތީމެވެ.ލަސްފިޔަވަޅުތަކެއް ނަގަމުންނެވެ.
ދޮރު ކައިރިއަށް ހުއްޓިލައި ބޭރުބަލައިލީމެވެ. ފިނިވައިރޯޅިއެއް ޖެހިލިއެވެ. ދޫކޮއްލެވިފައިވާ އިސްތަށިގަނޑާ ލައިގެންހުރި ނައިޓީގެ ފަސްބައި
ވިހުރިލިއެވެ. ފެނުނު މަންޒަރުން ސިހުމެއް ލިބުނެވެ. ހުދު ހެދުމެއްލައިގެން ހުރި އަންހެނަކު ދޮރާ ފުރަގަސްދީގެން ހުއްޓެވެ. އަތުގައި ފާނޫޒެއް
އޮތެވެ. ނުރަވެފައިވާ އިސްތަށިގަނޑު ދިގުކަމުން އުނަގަނޑާ ހަމަޔަށް އަންނާނެއެވެ. އެ އަންހެންމީހާ އަހަރެންހުރި ދިމާލަށް އެނބުރެން އުޅޭހެން
ހީވުމުން ދޮރުލައްޕާލީމެވެ. އަދި ބިރުން ހުރެ ކޮޓަރިއާއި ދިމާލަށް ދިޔުމަށް އެނބުރުނުތަނާ ސިއްސައިގެން ގޮސް ހަޅޭއްލަވައިގަނެވުނެވެ.
މޫނާ ޖެހޭނުޖެހޭ ހިސާބުގައި ހުރީ ބިރުވަރި ސިފައަކަށް ހުރި އަންހެނެކެވެ. ދެންމެ ބޭރުގައި ހުރި އަންހެންމީހާކަންނޭގެއެވެ. ހަމަ އެހުދު ހެދުމެވެ.
ކަނާތުގައި ފާނޫޒުއޮތެވެ. ވާތުގައި ވަނީ ލެއިން ކަޅިވެފައިވާ ވަޅިއެކެވެ. މޫނު ހުތުރު ބިރުވެރިއަންހެނެކެވެ. މުޅިމޫނު ފިހިފައި ހުރިހެންހީވެއެވެ. ލޮލުގެ
ކަޅިއެއް ނެތެވެ. އަގައިގެ އެއްކައިރިން ލޭއައިސް ހުއްޓެވެ.
”މަންމާ” އހަރެން އަޑުގެ ނެތްތަނަށް ގޮވައިލީމެވެ.
” ކޮންމަންމަ އަކަށް ގޮވާކަށް…އެއްވެސް މީހަކު ނާންނާނެ” އެއަޑުގައިވަނީ ބިރުވެރިކަމެވެ. އެކޯވެގެން އެ އަޑު ގުގުމަމުން ދިޔައެވެ.އަހަންނާ ދިމާލަށް
އަންނަން ފެށުމުން އަހަންނަށް ރޮވޭގޮތްވިއެވެ.
” ހެޔޮނުވާނެ…އަހަރެން ދޫކޮއްލާ…” އަހަރެން ބިރުން އާދޭސްކުރީމެވެ. އޭގެ ބަދަލުގައި އަންހެންމީހާގެ ފަރާތުން އައީ ހުނުމުގެ އަޑެވެ.
” ދޫކޮއްލާކަށް ބޭނުމެއް ނުވޭ…”
” އަހަރެން ކޮންގެއްލުމެއްތަ ކަލެއަށް ދިނީ….ކުށެއް ނެތި އަހަރެން މަރައިނުލާ..” ބިރުން ރޮއިގަނެވުނެވެ. މިފަހަރުވެސް އެ އަންހެންމީހާގެ ފަރާތުން
އިވުނީ ހުނުމުގެ އަޑެވެ.
” މަ ކުށެއް އޮވެގެންތަ މަށަށް ފަންޑިތަ ހަދައި މަ މަރާލަން މަސައްކަތް ކުރީ…ކަލޭމެން އިންސާނުންދެކެ އަހަރެން ނަފްރަތު ކުރަން…އަހަރެން
ބަދަލްހިފަން މިއުޅެނީ…ހުރިހައި އެންމެންގެ ދުވަސް ދުއްވާލާނަން..” އޭނާވަނީ ރުޅިއައިސްފައެވެ.
ހިތުގެ ތެޅުން ހުއްޓުނުކަހަލައެވެ. ބިރުން އަގައިން އަޑެއްނުނިކުތްތާގައި އަތުންފައިން ހަރަކާތެއްވެސް ނުކުރެވުނެވެ. ފަހަތަށް ފިޔަވަޅެއްވެސް އެޅެނީ
ނުހަނު އުދަގުލުންނެވެ. އަހަރެން ފަހަތަށް ފިޔަވަޅެއް އަޅާއިރަށް އެ އަންހެންމީހާ ކުރިއަށް ފިޔަވަޅެއް އަޅައެވެ. ފަހަތަށް ޖެހެމުން ޖެހެމުންގޮސް އަހަރެން
ފާރާތައްވިއެވެ. އިތުރަށް ފަހަތަކަށް އަދި ކުރިއަކަށް ފިޔަވަޅެއް އެޅޭކަށްނެތެވެ. ފަހަރުގައިވަނީ ފާރެވެ. ކުރިމަތީ ހުރީ އެބިރުވެރި އަންހެންމީހާއެވެ.
އެއަންހެން މީހާގެ އަތުގައިވާ ފާނޫޒު ތިރިއަށް ވައްޓާލިއެވެ. އަދި ވަރަށް ހަލުވިކަމާއެކު އަހަރެންގެ ކަރުގައި އެއަތުން ހިފިއެވެ. ވަރަށް ބާރަށެވެ.
ނޭވާއެއްވެސް ނުލެވޭހާ ބާރަށްވަނީ ކަރުގައި ހިފާފައެވެ. އަހަރެންގެ ލޮލުން ކަރުނަ ފާއްދައިލިއެވެ. އަދި އަނެއްއަތުގައިވާ ވަޅި އަހަރެންގެ ބަނޑަށް
ހަރައިލިއެވެ.މޫނުމަތި ފުސްވަމުން ގޮސް ތަނެއްނުފެންނަ ވަރަށް ފުސްވިއެވެ.
ސިއްސައިގެން ގޮސްހޭލެވުނެވެ. މުޅިބަނޑުގައި އަތްފިރުމައިލީމެވެ. ކުރިން އެފެނުނީ ހަމަ ހުވަފެނެކެވެ. ފުންނޭވާއެއް ދޫކޮއްލުމަށްފަހު އަނެއްކައިވެސް
ނިދޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެހެންއޮވެ އޮވެ ފޫހިވީއިރުވެސް ނިދީގެ އަސަރެއްނުވެއެވެ. ފެނުނު ހުވަފެނެއްގެ ސަބަބުން ހިތްތެޅެމުން
ދިޔައީ ނޭގޭ ބާރުމިނެއްގައެވެ. ޖަހާފައިވާ ފަންކާއިން ވައިޖެހޭކަމަކަށް ނުވިއެވެ. މުޅިމީހާ އޮތީ ދާހިއްލާ ފޯވެފައެވެ. ލައިގެން އޮތް ތުނި ނައިޓީވެސް
ވަނީ ގައިގައި ތައްލަވާފައެވެ.
ފަތިސްނަމާދަށް ބަންގި ގޮވުމުން ހިތްތެޅޭވަރު މަޑުވިއެވެ. ކޮންމެވެސް ވަރަކަށް ހަމަޖެހިލެވުނެވެ. ވުޟޫކުރަން ފާހާނާއަށް ވަނުމުގެ ކުރިން
ބޭރުބަލައިލަން ބޭނުންވިއެވެ. ކުޑަދޮރު ހުޅުވާފައިބަލައިލީމެވެ. އަދިވެސް ވަނީ އަދިރިކަމެވެ. ރީތި ކޮވެލި ގޮވުމުގެ އަޑުހުއްޓެވެ. އުޑުމަތި އޮތީ
ސާފުކޮށެވެ. ވިލާކޮޅެއްވެސް ނެތެވެ. ތަރިތައް ހީވަނީ އުފަލުން ނަށާހެންނެވެ. އެންމެ ފަހުވަގުތުކޮޅުގައިވެސް މީހުންގެ ހިތްތައް އުފާކޮއްދެން
މަސައްކަތް ކުރަނީއެވެ. ޖެހެމުން ދިޔަ ފަތިހުގެ ފިނިވައިރޯޅި ހުރަހެއްނެތި މޫނުގައި ބީހެމުން ދިޔައެވެ. ދޫކޮއްލެވިފައިވާ އިސްތަށިގަނޑުވެސް
ރަނގަޅުކޮއްލާކަށް ބޭނުމެއްނެތެވެ.
އިރުކޮޅަކު އުޑުމައްޗަށް ބަލަންހުރެފައި އަހަރެން ފާހާނާއަށް ވަނީމެވެ. ވުޟޫކޮއްލައިގެން ހެދުންވެސް ބަދަލްކޮއްލީމެވެ. ނަމާދުކޮއްލައިގެން
ކުޑައިރުކޮޅަކު ޤުރުއާން ކިޔެވީމެވެ. އެއީ އހަރެންގެ އާދައެވެ. ކޮންމެ ނަމާދަކަށްފަހުވެސް ޤުރުއާންކިޔަވަމެވެ. އަލިކަން ދުނިޔެ މައްޗަށް
ވެރިވިއިރުވެސް އަހަރެން އިނީ ޤުރުއާން ކިޔަވާށެވެ. ދެން ޚަތިމްލައްޕާލުމަށްފަހު ކަބަޑުގައި ބޭއްވީމެވެ. އަދި ބަދިގެއަށް މިސްރާބުޖެހީމެވެ.
އަހަރެން ބަދިގޭގައި ސައިހަދަންހުއްޓައި ދޮންތައައެވެ. މޫނުމަތީ ތާޒާކަމެއް ނެތެވެ. ބުޅިއިސްތަށިގަނޑުވަނީ ހޭވިފައެވެ.
” އަހަރެން ހީކުރީ މިހާރު ދޮންތަ ހޮސްޕިޓަލަށް ދިޔައީކަމަށް…….މަންމަ އިންނާނެ ގެއަށް އަންނަން ބޭނުންވެފަ……..” އަހަރެން މޮޑެފައިހުރި
ފުށްތަޢް ބައިކުރަމުން ބުނެލީމެވެ.
” ޝަހާ ދާންވީނުން މަންމަ ފޮނުވަން..ދޮންތަ ސައިހަދާފާނަމޭ…” ހުޅިއެއްޖަހާލަމުން ބުނެލިއެވެ. އަހަރެން ހުރިމަސައްކަތްތައް ބެހެއްޓުމަށްފަހު
ކޮޓަރިއަށް ވަނީމެވެ. ކުޑަގޮތަކަށް ފަރިވެލީމެވެ. ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ކޮފީއެއް ބޯލީމެވެ. ހަށިގަނޑު ތާޒާކޮއްލުމަށެވެ. އޭރު ދޮންތަ ތިއްތައަށް
ގެންދަން ކާއެއްޗެހި ތައްޔާރުކޮއްދިނެވެ.
ގޯތިތެރޭ ހައްދާފައިހުރި ހިރުދުގަސްފެނުމުން އަނެއްކާވެސް ރޭގައި ފެނުނު ހުވަފެން މަތިން ހަދާންވިއެވެ. އެއަންހެން މިހާ ހުއްޓިގެން ހުރި ހިސާބަކީ
އެއީއެވެ. ހިތަށް ބިރުވެރިކަން އަނެއްކާވެސް ސަވާރުވިއެވެ. އަޅާކޮންމެ ފިޔަވަޅަކާ އެކު މަދުގެ ހަތަރުފަރާތްބެލެއެވެ.
ވާބޯވެފައިވާ ގަސްތަކުން ދެންމެ ދެންމެ އެއްޗެއް ނުކުމެދާނެހެން ހީވެއެވެ. ކިތައްމެ ދުވާލަކަސް ބިރުގަނެއެވެ. ހޮސްޕިޓަލާ ހަމަޔަށް ދެވުނީވެސް
ވަރަށް ހާލުންނެވެ. މަގުގެ ދެފަރާތްބަލަމުން ދިޔައީ ކުއްލިއަކަށް ނުރައްކަލަކާ ކުރިމަތިވެދާނެތީއެވެ. ހޮސްޕިޓަލަށް ވަނުމާއިއެކު މިސްރާބުޖެހީ ތިއްތަ
ބާއްވާފައި އޮތްވޯޑާއި ދިމާލަށެވެ. ވޯޑްގައި އެޑްމިޓްކޮއްފައި ތިބިމީހުންގެ އަދަދު މަދެވެ. ތިއްތަ ކައިރިއަށް ދިޔައިރު ތާއްޔާ ޖެހިޖެހި މަންމައިނެވެ.
ދެލޮލުގައިވާ ރަތްކަމުން ނިދިއައިސްކަން ހެކިދެއެވެ.
މަންމަ ދިޔުމުން ތިއްތަކައިރީ އަހަރެން މަޑުކޮއްލީމެވެ. އަދި ތިއްތައަށް ގެނައި ކާއެއްޗެހި ނަގައި ކާންދިނީމެވެ. ޑޮކްޓަރުން ރައުންޑަށް އަންނަންވާއިރަށް
ތިއްތަ ތައްޔާރުވެލިއެވެ. މިއަދު ދޫކޮއްލާވާހަކަ ބުނެފައި އޮތީމައި އެކަމާ ތިއްތަހުރީ ވަރަށް އުފަލުންނެވެ. ޑޮކްޓަރުން ބަލަން އައިސް ގެއަށް ދިޔުމަށް
ހުއްދަދިނެވެ. ހުންރަނގަޅުވިއެއް ކަމަކު ގައިގައި ވަރުނުހުންނާތީ ގެއަށް އައީ އެންބިއުލެންސްގައެވެ. ތިއްތަގެ ހާލުރަނގަޅވެފައި ހުރުމުން ގޭ
އެންމެންވެސް ތިބީ އުފަލުންނެވެ. ރޭގައި ފެނުނު ހުވަފެންމަތިން ކިތައްމެ ހަދާންވިނަމަވެސް އެއްވެސް މީހަކު ކައިރީބުނާކަށް ބޭނުމެއްވެސް ނޫނެވެ.
މުޅިދުވަސް ދިޔައީ ރަނގަޅަށެވެ. ކުރިން ފެންނަ އުފާވެރިކަން ފެންނަމުން ދިޔައެވެ. ބައްޕަވެސް މިއަދު ކުރިއަށް ގެއަށް އައިސް އަހަރެމެންނާއި އެކު
ވަގުތުހޭދަކުރިއެވެ. އެންމެން އޮލަވާހަކައެއްގައި ތިއްބައި ގެއަށްވަނީ ހަކީމްބެއެވެ. އެހެންޏާ ގެއަށް ވަނުމުގެ ކުރިން ސަލާމްގޮވިނަމަވެސް މިއަދު
ސަލާމްވެސް ގޮވާނުލާ ގެއަށް ވަނެވެ. މޫނުމަތިން ފެންނަނީ ހާސްކަމެވެ. ކަމެއްވެއްޖެއެވެ. ނޫނީ ކަމެއް ގޯސްކޮއްހިގައިފިއެވެ.
ހަކީމްބޭ މޫނުގައިވާ ދާތިކިތައް އަތުން ފޮހެލިއެވެ. ބައްޕަ ހަކީމްބޭ މޫނަށް ބަލައިލުމަށްފަހު ސޯފާގައި އިށީނުމަށް ބުންޏެވެ.
” ކަމެއް ގޯސްވީތަ؟” ބައްޕަ ހަކީމްބޭގެ މޫނަށް ބަލައިލުމަށް ފަހު އަހައިލިއެވެ.
” އެއްވެސް ކަމެއް ރަނގަޅެއް ނޫން……….. އެ ޖިންނި ހައްޔަރުން ނެއްޓިއްޖެ…” ބޮލުގައިވާ ތާކިހާ ނަގައި އުނގުމަތީ ބާއްވާލަމުން ބުނެލިއެވެ.
” އެ ކިހިނެއް؟” ބައްޕަ ސުވާލުކުރިއެވެ.
” ނޭނގެ އެއްގޮތަކަށްވެސް…. ” ހަކީމްބޭ ބުނެލިއެވެ. ގޭ އެންމެންގެ މޫނުމަތިން ވަނީ ހާސްކަމެވެ. ކުރީދުވަހު ބައްޕައާއި ހަކީމްބޭ ދެއްކި ވާހަކަވެސް
އެނގެނީ އަހަންނަށެވެ. ދެން ތިބި މީހުންތިބީ ވާނުވާ ނޭނގިފައެވެ.
” ވަރަށް ހުޝިޔާރުވާތި…އޭތި ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެ…. އިންސާނުން ކިބައިން ބަދަލު ހިފުމުގެ ރޫޙް ހުންނާނެ…. ތައްޚާނު ދިން އަނިޔާގެ
ބަދަލް ހިފާނެ..” ހަކީމްބޭ އެހެންބުނުމުން އަހަރެން ހަނދާންވީ ރޭގައި ފެނުން ހުވަފެން މަތިންނެވެ.
” އަން….މިތަވީދު މިގޭ ދޮރުމަތީ ވަޅުލާ…އެކަމަކު ބުނަން މީ ވަގުތީ އެއްޗެއް….ދާއިމީ ޙައްލެއް ބޭނުންވާނެ…ހަމައެކަނި މިގޭ މީހުންނަކަށް
ނޫން..މިރަށު އެންމެންނަށް ޓަކައި…” ޖީބުން ތަވީދެއްނަގައި ދިއްކޮއްލަމުން ބުނެލިއެވެ.
” ކޮންމެ ކަމެއް މިގޭތެރެއިން ދިމާވިއަސް އަހަރެން ކައިރީ ބުނަންވާނެ…” ހަކީމްބޭ އިންޒާރެއްދޭ ކަހަލަ ރާގަކަށް ބުނެލިއެވެ. ކަމުގެ ސީރިއަސްކަން
މޫނުމަތިން ފާހަގަވާން ހުއްޓެވެ. އެއްވެސް މީހަކު އިތުރު އެއްޗެއް ނުބުނެ އެކަކު އަނެއްކަކުގެ މޫނަށް ބަލަންތިބީއެވެ.
” މަ ރޭގައި ބުނި އެއްޗެހި ހަމަކުރެވިއްޖެތަ؟” ހަކީމްބޭ ބައްޕަގެ މޫނަށް ބަލައިލަމުން އަހައިލިއެވެ. ބައްޕަ ބޯހޫރުވައިލިއެވެ.
” އަދި ވަގުތުނުވާތީ އެކަމަކާ ނޫޅެވޭ..” ބައްޕަ އެހެން ބުނުމުން މާމަ ބޯހޫރައިލިއެވެ. ހަކީމެބޭވެސް އިނީ ފާޑަކަށެވެ.
” ރާޝިދު…ފަރުވާތެރި ކަމާއެކު ތިކަން ކޮއްބަލަ…އަވަހަށް ހޯދާތި…ހެޔޮ މިރެއިން މިރެއަށްވިއަސް…ވީހާވެސް އަވަހަކަށް ކިޔެވެލި ފެށިގެންނޫނީ
މިކަމެއް ނުވާނެ….” ހަކީމްބޭ ވާހަކަމެދުކަޑައިލީ ބައްޕައެވެ.
” ލަސްވެގެން ކަމެއްވާނެތަ..؟” ބައްޕަ އަހައިލިއެވެ
” ކުރިންވެސް ބުނެފިންދޯ ކޮންމެ ފަދަ ކަމެއްވެސް ވެދާނެ…އޭތީގެ ނުރައްކާތެރިކަން ތީގެން އެކަކަށްވެސް ނުވިސްނޭނެ…” ހަކީމްބޭ
އޮޅުންފިލުވައިދިނެވެ. ” އަހަރެން ގެއަށް އަންނާތި މިރޭ….ފާލެއް ބަލައިގެން ކުރިއަށްދާން އެގޭނި…” ހަކީމްބޭ ތެދުވަމުން ބައްޕައާއި ދިމާލަށް
އެހެންބުނުމަށް ފަހު ނުކުމެގެން ދިޔައެވެ. ހަކީމްބޭ ދިޔުމުން ހަކީމްބޭ ކުރީދުވަހު ދެއްކިވާހަކަވެސް ބައްޕަ އެންމެންނަށް ކިޔައިދިނެވެ. އެންމެންވެސް
ތިބީ ހިމޭނުންނެވެ. ބައްޕައާއި ދޮންބެ ވެގެން ގޭދޮރުމަތީ ތަވީދު ވަޅުލިއެވެ.
އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަން ވެރިވިއެވެ. ހަނދުގެ އަލިކަން މައްޗަށް ވިލާތައް އަރައި ދުނިޔެއަށް އިތުރު އަނދިރިކަމެއް ގެނެސްދިނެވެ.
ފިޔަޖަހާލާނެ އެންމެ ތަރިއެއްހައި ހިސާބުވެސް ފެންނާކަށް ނެތެވެ. ފުސްވިލާތަކުން މުޅިއުޑުމަތި ބަނަކޮއްލިއެވެ. ވައިގަދަވާންފެށިއެވެ. ހަގަޑިބައި
އެހާއިރު ވިއްސާރަކަނި ތަޅަންފެށިއެވެ. އަދި ވައިވަރަށް ގަދަވެ ގުގުރިޖަހައި ވިދަންވެސް ފެށިއެވެ. ގަދައަށް ވާރޭވެސް ވެހެންފެށިއެވެ.
ގޭތެރޭގައިވަނީ ހިމޭންކަމެވެ. އެންމެންވެސް އުޅެނީ އެމީހެއްގެ ކޮޓަރީގައެވެ. އަހަރެން ސޯފާގައި އިނީ އެގަޑީގައި އަންނަ ޑްރާމާއެއް ބަލާށެވެ. ވިދާލި
ވިދުވަރާއެކު ބާރުގަދަ ގުގުރިއެއްވެސް ޖަހައިފިއެވެ. އެއާއެކު މުޅިގެއިން ކަރަންޓު ހިނގައްޖެއެވެ. މަންމާއޭ ކިޔައި ހަޅޭއްލަވައި ގަނެވުނީ ބިރުންނެވެ.
އޭރު އަހަންނަށް ދޮންތައާޢި ތިއްތަވެސް މަންމައަށް ގޮވާއަޑުއިވެއެވެ. ވިދާލާ ވިދުވަރާއެކު ގޭތެރެ އަލިވެގެން ދިޔައެވެ. އެވަގުތުކޮޅުގެ ބޭނުން އަހަރެން
ހިފީމެވެ. އަލިވިވަގުތު ކަނބަޑުހުރި ދިމާފާހަގަކުރީމެވެ. ދެން ހިތުމިސާލަށް އެދިމާލަށް ހިގައިގަތީމެވެ.
ބިރުންގޮސް މުޅިދެފައި ތުރުތުރު އަޅަންފެށިއެވެ. ދަތްދޮޅިވެސް ފަހާފޮށީ ދަތްގަނޑެއްހެން ތެޅެމުން ދިޔައެވެ. ކަބަޑުގެ ވަތްގަނޑުން އުއްބަތިއާއި
ލައިޓަރެއް ނެގީމެވެ. އަދި އުއްބަތި ދިއްލީމެވެ. އުއްބަތި އަލިން ގޭތެރެ ކޮންމެވެސް ވަރަކަށް އަލިވިއެވެ. އޭރު ދޮންތައާއި ތިއްތަވެސް ކޮޓަރިން
ނުކުމެގެން ސިޓިންރޫމަށް އަތުވެއްޖެއެވެ. ސޯފާކައިރީ ހުންނަކުޑަމޭޒުގައި އުއްބައްތި ބެހެއްޓީމެވެ. މަންމަގެ އެހީގައި މާމަވެސް ސިޓިންރޫމަށް
ނުކުތެވެ. ބައްޕަ ޓޯޗެއްހިފައިގެން ކަރަންޓްބޯޑު ބަލަމުން ދިޔައެވެ.
” ސާރކިޓެއް ވެއްޓިފައެއްނެތް…ވެދާނެ މުޅިރަށުން ކަރަންޓްދިޔައީ ކަމަށް…އަންނާނަން ބަލާފައި..” ބައްޕަ އެހެންބުނުމަށް ފަހު ގެއިން ނުކުތުމަށް
ހިގައިގަތެވެ.
” ބިރުގަނޭ ބައްޕާ..” ބައްޕަ ގެއިން ނުކުމެ ނުކުމެހުއްޓައި ދޮންތަ ބުނެލިއެވެ. ދޮންތަ އިނީސޯފާގައި ދެފައި ވައްކޮށްލައިގެންނެވެ.
” ދޮންބެ ވެސް އެހުރީނުން…” ބައްޕަ ހީލަމުން ބުނެލިއެވެ. ކަރަންޓުދިޔުމުގެ ސަބަބުން އެންމެންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ. ބައްޕަ
ދިޔުމުން ދޮންބެ އަހަރެމެން ކައިރީހުއްޓެވެ. ދޮންބެ އިތުރު އުއްބައްތިއެއް ފެނޭތޯ ކަބަޑު ވަތްގަނޑު ހާވަންފެށިއެވެ.
” އަދި އުއްބައްތިއެއް އޮންނާނެ އަހަރެން ކޮޓަރި އަލަމާރީގައި….” މަންމަ ދޮންބެއާއި ދިމާލަށް ބުނެލިއެވެ.
” އަހަރެން އަންނާނަން ހިފައިގެން…” އަހަރެން ސޯފާއިން ތެދުވަމުން ބުނީމެވެ. މަންމަ ބޯޖަހައިލިއެވެ. ދޮންބެ އަހަރެން އަތަށް ޓޯޗްދިނެވެ. ދޮންބެ
މަޑުކުރީ މަންމަމެން ކައިރީގައެވެ. އަހަރެން މަންމަމެން ކޮޓަރި ދޮރުހުޅުވާލިއިރު ފުދޭވަރަކަށް އަނދިރިއެވެ. ޓޯޗުން އަލިކުރަމުން ކޮޓަރިއަށް ވަނީމެވެ.
އަލަމާރި ހުރި ދިމާލަށް ހިގައިގަތްތަނާ ކުޑަކުއްޖެއްގެ ރުއިމުގެ އަޑުއިވުނެވެ. އަހަރެން ހައިރާންވިއެވެ. ރޯއަޑު އަންނަންވީ ކީއްވެހެއްޔެވެ؟ މިގޭގައި
ގައިމުވެސް ކުޑަކުއްޖެއްނެތެވެ. މިހިސާބަކީ މީހުން އާބާދުނުވާ ހިސާބެއްކަމުން އިތުރު ކުޑަކުއްޖަކު ނޫޅޭނެކަން ޔަގީންވިއެވެ.
ބިރުވެރިކަން ހިތަށްވަނެވެ. އަވަސްއަވަހަށް ކޮޓަރިން ނުކުތީމެވެ. ސޯފާކައިރީ ދެކޮޅަށް ހިގާލަހިގާލާ ހުރި ދޮންބެ އަހަރެންގެ މޫނަށްބަލައިލިއެވެ.
” އަހަންނަށް ކުއްޖަކު ރޯއަޑު އިވިއްޖެ…”އަހަރެން ބިރުން ދޮންބެގައިގައި އޮޅިލައިގަންނަމުން ބުނީމެވެ. ” ޝަހާއަށް ކީއްވެ ކުއްޖަކު ރޯއަޑު
އިވެންވީ…ކުއްޖަކު އުޅޭނަމަތާ އިވޭނީވެސް…” މަންމަ ބުނެލިއެވެ. ” ހަމަ ހުވައޭ….” އަހަރެން އަނެއްކާވެސް ބުނީމެވެ. އިތުރު މީހަކު އެއްވެސް
އެއްޗެއް ނުބުނެއެވެ. ދޮންބެ އަހަރެން ކޮނޑުގައި ހިފައި ސޯފާގައި ބޭންދިއެވެ. އަދި ފެންތައްޓެއް އަހަންނަށް ދިނެވެ. އަހރެން ކުޑަ
ފެންފޮދެއްބޯލީމެވެ.
ދެން ދިޔައީ ހަމަހިމޭންވަގުތުކޮޅެކެވެ. އެކަކު އަނެއްކަކާ ވާހަކަދެއްކުމެއް ނެތެވެ. ދޮރުގައި މީހަކު ޓަކިދޭ އަޑަށް ދޮންބެ ގޮސް ދޮރުހުޅުވައިލިއެވެ.
ދޮރުމަތީ ހުރީ ބައްޕައާއި އިތުރުމީހެކެވެ. ތެމިފޯވެގެން ހުރި ބައްޕަ ގެއަށްވަނެވެ. އެމީހާވެސް ފަހަތުންވަނެވެ.
” މިގެއިން އެކަނި ކަރަންޓްގޮސްގެން މިއުޅެނީ…އެހެންގ ޭތަކުގައި ކަރަންޓް އެބަހުރި…އެހެންވެ އިންޖީނުގެއިން މީހަކު އެއައީ ބަލަން…” ބައްޕަ
މާނޭވާލަމުން ބުނެލިއެވެ. އެމީހާ ދޮންބެއާއި އެކު ކަރަންޓްބޯޑުހުރި ދިމާލަށް ދިޔައެވެ. މާގިނަ އިރުތަކެއް ނުވެ ގެއަށް ކަރަންޓް ލިބުނެވެ. ދާހިއްލާ
ފޯވެފައި ހުރި ދޮންބެ ފުރަތަމަވެސް ޖެއްސީ ފަންކާއެވެ. އެމީހާއަށް އަގުދިނުމުން އެމީހާ ހިނގައްޖެއެވެ.
” މަހިތަށް އަރާ މިގެއިން އެކަނި ކަރަންޓް ދިޔައީ ކީއްވެބާއޭ؟” މަންމަ ބުނެލިއެވެ.
” ވިއްސާރަވީމަ އެކަހަލަ ކަންތައްވެސް ދިމާވާނެ….މިގޭ އެކަނި މ މިހުންނަނީ ވަކިން…” ބައްޕަ، މަންމަ ހިތްހަމަޖައްސައިދިނެވެ. ހަކީމްބޭ ބުނި
ބަސްކުއްލިއަކަށް އަހަރެން ހަދާންވިއެވެ. ކޮންމެ ކަމެއްވިއަސް އޭނަކައިރީ ބުނަންޖެހެއެވެ. ބައްޕަ ކައިރީ އަހަރެން ކުއްޖަކު ރޯއަޑު އިވުނުވާހަކަ
ބުނީމެވެ.
” ވިއްސާރަ ތުނިކުރީމަ ބައްޕަ ހަކީމްބޭ ގެއަށް ގޮސްތިވާހަކަ ބުނާނަން… ބިރުނުގަންނާތި އިނގޭ…” ބައްޕަ އަހަރެންގެ ބޮލުގައި ފިރުމާލަމުން
ބުނެލިއެވެ. ގޭގެ އެންމެ ހަގުމީހާކަމުން ބައްޕަ އަހަރެންދެކެ ވަރަށް ލޯބިވާނެއެވެ. އަހަރެން ބޯޖަހައިލީމެވެ.
ރޭގަނޑު ކައިނިމިގެން ބައްޕަ ދިޔައީ ހަކީމްބޭ ގެއަށެވެ. މަންމަ ވެސް މާމަވެސް އުޅެނީ ކޮޓަރީގައެވެ. އަހަރެމެން ހަތަރުބެއިން ޓީވީބަލަން ތިބީމެވެ.
މިސްޓަރ ބީންގެ ސީރީސްއެކެވެ. އެއީ އަހަރެމެންނަށް ވަރަށްމަޖާ ސީރީސްއެކެވެ. ދިހައެއް ޖަހަނިކޮއް ދޮންތަވެސް ތިއްތަވެސް ނިދަން ދިޔައެވެ.
ދޮންބެ ވެސް ފޯނެއް އައުމުން ކޮޓަރިއަށް ދިޔައެވެ. ދެން ޓީވީ ބަލަން އިނީ އަހަރެން އެކަންޏެވެ. ސޯފާގައި ދިގުދެމިލައިގެން އޮށޯވެލީ މެދުބަދައިގައި
ރިއްސާތީއެވެ.
ދޮންތަ މަށަށް ގޮވާހެން ހީވިއެވެ. އާއެކެވެ. ހަމަ ގޮވަނީ އަހަރެންގެ ނަމުންނެވެ. އަޑު އަންނަނީ ދޮންތަގެ ކޮޓަރީންނެވެ. އަހަރެން އެދިމާލަށް
ދިޔައީމެވެ. ކޮޓަރި ދޮރުހުޅުވާލުމުން ފެނުނީ ގަބޫލްކުރަންބޭނުންނުވާ މަންޒަރެކެވެ. ފަންކާގައި ވަލެއްޖަހައި މަޅިއެއްހަދާފައިވެއެވެ. ދޮންތަ ހުރީ
ދެއަތުން މަޅީގައި ހިފަހައްޓައިލައިގެންނެވެ. ކުޑަ ގޮނޑިއަކަށް އަރައިގެންނެވެ. އަހަރެން ދޮންތައަށް ގޮވީމެވެ. ދަންނުޖެހުމަށް ބުނެބުނެ އޮއްވައި
މަޅިކަރަށް މަހައިލިއެވެ. އަރައިގެން ހުރި ކުޑަގޮނޑި ފައިންޖަހައި ވައްޓައިލިއެވެ.
ފުންމައިގެން ތެދުވެވިއްޖެއެވެ. އަނެއްކައިވެސް ހުވަފެނެކެވެ. އަހަރެން އޮތީ ސޯފާގައި ޓީވީބަލަން ޖައްސައިލިގޮތަށް ނިދައިފައެވެ. ޖެހިޖެހިގެން ދެރޭ
ބިރުވެރި ހުވަފެން މިފެނުނީއެވެ. ކީއްވެ ހެއްޔެވެ؟ އަހަރެން ހިތުތެރޭ ވަނީ ބިރުވެރިކަމެވެ. ޔަގީނުންވެސް ކޮންމެވެސް ކަމެއްނުބައިކޮށް
ހިނގަންއުޅެނީއެވެ. ހުވަފެނަކީ ބިލާހެއްކަމަކު މިއީ ނުބައިކަމެއް ހިގަންއުޅޭކަމުގެ ސިގުނަލަކަށް ވެދާނެއެވެ.
ބައްޕަ އެވަގުތު ގެއަށްވަނެވެ. އަހަރެން ސޯފާގައި އިނުމުން އައިސް ކައިރީ އިށީނެވެ.
” ނުނިދަނީތަ ދަރިފުޅާ؟” ބައްޕަ އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ. އަހަރެން ބޯޖަހައިލީމެވެ. ބިރުގެންފައި އިންވަރުން އަނގައިންބުނަން އުދަގޫ
ވިއެވެ. ބައްޕަ އަހަރެންގެ އަތުގައި ހިފިއެވެ. އަތްފިނިވެފައިކަން އެގުމުންއަނެއްކައިވެސް އަހައިލިއެވެ.
” ކަމަކާ ބިރުންތަ ތިހުރީ؟”
އަހަރެން އެސުވާލްގެ ޖަވާބުދިނީމެވެ. ފެނުނު ހުވަފެނުގެ ވާހަކަ ކިޔައިދިނީމެވެ. މިދެރޭ މިފެންނަނީ ކޮންކަހަލަ ހުވަފެނެއްކަމެއް ހުދު އަހަންނަކަށްވެސް
ނޭގެއެވެ.
” އެކަމަކު މީ މިގޭ ރައްކަލަށް ދިން އެއްޗެއް ނުން..މި އެއްލައިލީމަ…” އަހަރެން ބުނެލީމެވެ.
” މިއޮތީ އެހެން ތަވީދެއް ދީފައި …މީތި ވަޅުލާނި އެހެރަ މާގަސްކައިރީ…” ޖީބުން ތަވީދެއްނަގައި އަހަންނަށް ދިއްކޮއްލިއެވެ. އަހަރެން އަތުގައިވާ
ތަވީދު އެއްލައިލީމެވެ. ގޭގެ ވާތްފަރާތުގައި ހެދިފައިވާ މަގޫގަސްތައް ތެރެއަށެވެ. އެއަށް ފަހު ބައްޕަ ދިން ތަވީދު މާގަސްކައިރީ ވަޅުލީމެވެ.
” ފަންޑިތަ ހަދަން ގެނައި ބޭސްކޮޅުވެސް އުކާލާތި..ބައްޕަ މިދަނީ ލަސްވާތީ…” އެހެން ބުނުމަށްފަހު ބައްޕަ ހިގައިގަތެވެ. އަހަރެން ގެއަށްވަދެ
ކަނބަޑުގައި ހުރި ބޭސްތައް އުކައިލީމެވެ. ދެން މާމަ ކޮޓަރިއަށް ވަތްއިރު މާމައަށް އޮތީ ނިދިފައެވެ. މާމައަށް އުދަގޫ ނުކުރަންވެގެން ސޯފާގައި
ޖައްސައިލީމެވެ.
ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ބޭރުޖޯލީގައި މަންމަ އާއި ދޮންތަ ވާހަކަދައްކަން ތިއްބެވެ. ތިއްތަ ވާހަކަ ފޮތެއް ހިފައިގެން ސޯފާގައި އޮތެވެ.
އަހަރެންވެސް ބޭރުގައި މަޑުކޮއްލީމެވެ. ފިނިފެންމާ ގަހުގައި އިން ރީތި ފިނިފެންމާ އުފުރައި އިސްތަށިގަނޑުގައި ޖަހައިލީމެވެ. އޭރު ބައްޕަ އާއި
ހަކީމްބެއާއި އަދި އިތުރު މީހެއް އައިސް ޖޯލީގައި އިށީނެވެ.
” މިއީ ގަފޫރުބޭ…ހުވަދުއަތޮޅުގައި ފަންޑިތަ ހަދަން ވަރަށް މަޝްހޫރުމީހެއް….” އެމީހާ ތަޢާރަފް ކޮއްދިނެވެ. ޤަފޫރުބެއަކީވެސް ހަކީމްބެއާ ދާދި
އެއްއުމުރެއްގެ މީހެކެވެ.
” ޝަހާ ދަރިފުޅާ..އެއްކަލަ ބޭސްކޮޅު ގެނެސްދީބަލަ ބޭބެއަށް ދައްކާލަން…” ބައްޕަ އަހަރެންނަށް ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ.
” އުކާލައިފިން….” އަހަރެން ބުނުމުން ބައްޕަ ވަރަށް ހައިރާންވެ ތެދުވެ އަހަންނާ ދިމާލަށް އައެވެ.
” އުކާލީއޭ….އެގޭތަ އެ ކިހައި މުހިއްމު އެއްޗެއްކަން….ކިހައި އުދަގުލަކުންކަން އެ ހޯދި…ކާކު ބުނީ އެ އުކާލާށޭ…” އަހަރެން ކޮޑުގައި ހިފައި
ތަޅުވައިލިއެވެ. ބައްޕަ އެހައި ރުޅިއައިސް ހުރެ ވާހަކަދެއްކި އަޑެއް އަހަރެން ނާހަމެވެ.
; ބައްޕަ އޭނުން ބުނީ…. އަހަރެން ބުނީމެވެ.
; މަ ކޮންއިރަކު ތަ ބުނީ.. ބައްޕަގެ މޫނުމަތިން ފެނުނު ކުލަވަރުން ގޯހެއްހިގައިފިކަމުގެ އިހްސާސް ކުރެވުނެވެ.
މެންދުރު…
މެންދުރޭ….މަ ނުވެސް އަންނަން ގެއަކަށް …އަޅެ މަ އުޅުނި ގެވަޅަކު ނޫންތަ.. ބައްޕަ މަންމައާއި ދިމާލަށް އެނބުރިލާފައި އަހައިލިއެވެ.
; އެވާނި އޮޅުމަކުން އެމަންޖެއަށް އެއްލައިލެވުނީކަމަށް…. ބައްޕަގެ ކޮޑުގައި ހިފާ އަނބުރާލަމުން ހަކީމްބޭ ބުނެލިއެވެ.
އަހަރެން ވިސްނައިލީމެވެ. ބައްޕަ ބުނި އެއްޗެއް ނުބައިކޮށް އަޑުއިވުނީބާޢެވެ؟ މާ އަވަސް އަރުވާލާފައި ބައްޕަ ދަމުން ބޭސްކޮޅު ފޮރުވާށޭ ބުނުމުން
އަހަރެންނަށް އެހެން އިވުނީބާއެވެ؟ އަހަރެން ހައިރާންވިއެވެ. ބައްޕަ ރުޅިއައުމުން އަހަރެން ވަރަށް ދެރަވިއެވެ. ކޮޓަރިއަށް ވަދެ އެދުމައްޗަށް
ވެއްޓިގަތީމެވެ. މޫނުބާލީހުން ފޮރުވައިލީމެވެ. އަހަރެންހުރީ ހިތްހަމަ ނުޖެހިފައެވެ.
އިރުއޮއްސި އަނދިރިވީއިރުވެސް އަހަރެން އޮތީމެވެ. ކޮޓަރިވެސް ދިއްލަން ބޭނުންނުވެފައެވެ. ހޫނުނޭވާއެއް އަހަރެންގެ މޫނަށް އެޅުނުހެން ހީވިއެވެ.
ސާބަސް…އަދިރީގައި ކީއްތަވާނީ ގޭތެރެ ދިއްލައިލިއްޔާ…. މާމަ ކުދިކިޔަމުން ކޮޓަރިއަށް ވަދެ ހޮޅިބުރި ދިއްލައިފިއެވެ. އަހަރެން އަގައަކުން
ނުބުނަމެވެ. އޮތްގޮތަށް އޮތީއެވެ.
ނަމާދުވެސް ނުކުރަނީތަ…. އަންހެނުން ނުވާނެ ދެނަމާދު ދޭތެރޭ ނިދާކަށް….. މާމަ އެދުގައި އިށީންނަމުން އަހައިލިއެވެ. އަހަރެން
ގަނޑިބަލައިލީމެވެ. ހަގަނޑިވބައިވަނީއެވެ. ފާހާނާއަށް ވަދެ ވުޟޫކޮއްލައިގެން ނުކުމެ ނަމާދުކޮއްލީމެވެ. އަދި އާދައިގެ މަތިން ޤުރުއާންވެސް
ކިޔެވީމެވެ.
ރޭގަނޑު ކެއުމުގެ ވަގުތެވެ. ބައްޕަ ހަކީމްބެއާއި އެކު ކުރިން ކައި ނިއްމާލައިފިއެވެ. އަހަރެމެން ކާންތިބެގެން އެކި ވާހަކަތައް ދެއްކީމެވެ. ސަކަރާތްޖަހާ
މަޖާވެސް ކުރީމެވެ.
ތިއްތަ ބާރތުޑޭގައި ދޭނި ކޯއްޗެއް….މަމީ އެއް ދޯ… ދޮންބެ އެއްލޯ މަރައިލަމުން ބުނެލިއެވެ. މަމީ އަކީ ގަބުރެވެ. ތިއްތަ ތުން އަނބުރާލިއެވެ.
އަހަރެމެން ހޭންފެށީމެވެ.
ހޫމް…ރަނގަޅުވާނެ…އޭރުން ޓެޑީ ބެއާރ އެއްހެން ބައްދާލައިގެން ނިދާނެ އޭނުން…. ދޮންތަވެސް ސަމާސާކޮއްލިއެވެ. އަނެއްކައިވެސް އެންމެން
ހޭންފެށިއެވެ. ތިއްތަ ބޮޑާހާކައި ކުސްތަޅަން ފެށިއެވެ.
ދެން ވަރަށް ފޫހި….ދިމާކުރާނެ ކަމެއްނެތް…މަށަށް ލަޑެއް ދީފިއްޔާ ހަދާންކުރާތި.. ތިއްތަ އިންޒާރެއް ދިނެވެ.
ކީއްކުރާނި… އެއްކަމެއްވެސް ނުކުރެވޭނެ….ކުރަފި ޑަޒަނެއް ޕާރިސަލްކޮއްފައި ދީފާނަން… އަހަރެންވެސް ދިމާކޮއްލީމެވެ. އެވަގުތު އުދުހިފައި އައި
ކުރައްޕެއް ތިއްތަ ބޮލުގައި ޖައްސައިފިއެވެ. މަޖާގޮތަކަށް ހަޅޭއްލަވައިގަންނަމުން ދުވަންފަށައިފިއެވެ. އަހަރެމެންނަށް އަދި އެކަން މާމަޖާވިއެވެ.
ނާމް ލިޔާ ޝައިތާނު ހާޒިރު ހޯގަޔާ…. ކުރަތްޕާ ދިމާލަށް ބަލައިލަމުން ދޮންތަ ބުނެލިއެވެ. ހިންދީ ސީރީޒްތައް ބަލާބަލާ ހިންދީ ފެންފަދައެވެ.
ދޮންބެ މާ އުދަގުލަކާ ނުލައި ކުރަފި މަރާލައި ޑަސްބިނަށްލައިފިއެވެ.
ކެއުން ހަރާބު….; ދޮންބެ އަތްދޮންނަމުން ބުނެލިއެވެ. އަހަރެން ހީލަމުން އަތްދޮންނަން ދިޔައީމެވެ.
ރޭގަނޑު ދިހައެއްޖަހާއިފިއެވެ. އަޅުވާފައިވާ ފިލްމު ނުނިމޭތީ އަހަރެމެން ތިބީމެވެ. އަހަރެން ފަހަތުގައި މީހަކު އުޅޭހެން ހީވިއެވެ. ބައެއް ފަހަރު
އިސްތަށިގަނޑާ ކުޅޭހެންވެސް ހީވެއެވެ.
އާތް… ތިއްތަ ފާޑަކަށް ހަޅޭއްލަވައިގަތެވެ.
ކީއްވީ؟ އެންމެނަށް އެއްފަހަރާ އަހައިލެވުނެވެ.
މަގޭ ކަންފަތަށް ފުމެލިހެން ހީވިއްޖެ.. ދޮންބެ ކަމެއްދޯ… ދޮންބެއާއި ދިމާލަށް ލޯ ހަނިކޮއްލަމުން ބުނެލިއެވެ.
ނޫން.. އެހެން ބުނުމަށްފަހު ދޮންބެ ހޭންފެށިއެވެ. އަސްލު ތިއްތަ މޫނުމައްޗަށް ޖައްސާވައްތަރު ތަކުންނެވެ. ތިއްތަ ހީކުރީ ދޮންބެ ހަމަ ކުރިކަމެއް
ކަމަށެވެ. ތިއްތަ ތެދުވެގެން އައިސް ދޮންބެ ކަންފަތުގައި ހިފަން މަސައްކަތް ކުރަމުން ގެންދިޔައެވެ.
ސާބަހޭ… މަޑުން ތިބެބަލަ.. ދޮންތަ ރުޅިއައިސް ބުނެލިއެވެ. ޓީވީގެ ކުރިމައްޗަށް އަރައިގެނ ދޮންބެ އާއި ތިއްތަ ސަކަރާތްޖަހާތީއެވެ. އެކަމަކު
އެމީހުން އަޅައިނުލާ ސަކަރާތްޖަހަމުން ދިޔައެވެ. އަހަންނަށް މިސްޓަރބީން އަށް ވުރެ ތިއްތަމެން ޖަހަމުން ދިޔަ ސަކަރާތް މަޖަލެވެ. އުޅޭ ގޮތުން
އަޑިއަށް ހީހީ ބަނޑަށް ތަދުވަންފެށިއެވެ.
އެންމެންވެސް ސިއްސައިގެން ދިޔައީ މޭޒުމަތީ ހުރި ބިއްލޫރިޖަގު ވެއްޓުމުންނެވެ. އެހާ ބިއްދޮށުގައި ހުރި ޖަގެއް ވެއްޓެންވީ ސަބަބެއް ނުވިސްނުނެވެ.
ހަމައެވަގުތު ޓީވީ މަތީ ހުރި މާވަށިގަނޑުވެސް ވެއްޓިއްޖެއެވެ. އަހަރެން ބިރުން ދޮންބެ ކައިރިއަށް ޖެހިލީމެވެ. އެންމެންވެސް ތިބީ ހައިރާންކަންމަތީ
ބުނާނެ އެއްޗެއް ނޭގިފައެވެ.
ކީއްވެ އެ ވެއްޓުނީ….؟ތިއްތަ އަހައިލިއެވެ. ނަމަވެސް ޖަވާބުގައި ބުނާނެ އެއްޗެއް ނޭގޭތީ މަޑުންތިބީއެވެ. ދެން ބޭރުގައި ހުރި ހޮޅިބުރި ނިވިފައި
ދިއްލުންހެން ހީވިއެވެ. ބަލާލިއިރު ހަމަ ނިވިނިވިފައި ދިއްލެނީއެވެ. ކޮކާލެއް ފިޔަޖަހާ ހެންނެވެ.
ހޮޅިބުރި އަދަނީ ކަންނޭގެ ދޯ.. ދޮންބެ އަހަރެންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އަހަރެން ނޭނގެޢޭ ބުނެލުމުގެ ގޮތުން ކޮނޑުއަރުވައިލީމެވެ.
އެންމެ ފަހުން އެ ހޮޅިބުރި އެއްކޮށް ނިވިއްޖެއެވެ. ބޭރު އޮތީ އެއްކޮށް އަދިރިވެފައެވެ. ދޮންބެ ގޮސް ބޭރުދޮރުލައްޕާލިއެވެ. ބޭރު ހޮޅިބުރިއަށްފަހު
ސިޓިންރޫމްގައި ހުރި ހޮޅިބުރިވެސް އެފަދައިން ފިޔަޖަހަން ފަށައިފިއެވެ. ބައެއް ފަހަރު ނިވިފައި އިރުކޮޅެއްވާ ފަހުންވެސް ދިއްލެއެވެ. އަޖައިބެކެވެ.
މިއީ ކުޅޭ ކުޅިވަރެއްހެއްޔެވެ؟ އަދަންވީ ވަކި ތަރުތީބަކުން ބާއޭ ހިތައްއެރިއެވެ.
ސިޓިންރޫމްގައި ހުރި ހޮޅިބުރި އެއްކޮށް ނިވުންވަގުތު ބިރުވެރި ހަޅޭކުގެ އަޑެއްއިވުނެވެ.
ބައްޕާ… މަންމާ ތިންބެއިން އެކުއެކީގަހެން މަންމަ އާއި ބައްޕައަށް ގޮވަންފެށީމެވެ. ތަނަށްވެރިވެފައިވާ އަނދިރި ކަމުންނާއި ގަނެފައިހުރި ބިރުން
ތިންމީހުންވެސް ތިބީ ދޮންބެއަށް ގުޑައިވެސް ނުލެވޭ ވަރަށް ހިފަހައްޓައިގެންނެވެ. ބައްޕަ ނުކުތީ ޓޯޗެއް ހިފައިގެންނެވެ.
މިރޭވެސް ކަރަންޓް ދިޔައީތަ…. ބޭރަށް ނުކުންނަމުން ބައްޕަ އަހައިލިއެވެ.
ކަރަންޓް މައްސަލައެއް ނޫން ކަންނޭގެ އުޅެނީކީ އެހެން ކަމެއްހެން ހީވަނި…ބައްޕަ ދާންވީނުން ހަކީމްބޭ ބަލާ… ދޮންބެ ބުނެލިއެވެ.
ދަރިފުޅު ދޭ..ބައްޕަ މަޑުކުރާނަން ގޭގައި.. ދޮންބެ އަށް ބުނެލިއެވެ. ދޮންބެ ހިގައިގަތުމުން އަހަރެމެން ބައްޕަކައިރިއަށް ދިޔައީމެވެ.
އުއްބައްތިއެއްގެ އަލީގައި އަހަރެމެން ތިބީ އެނޫންގޮތެއް ނެތީމައެވެ. ހޫނުވެގެން ގޮސް ލައިގެން ހުރި ހެދުން ގައިގައި ތަތްލަވާފައި ވެއެވެ. މާލަސްތަކެއް
ނުވެ ދޮންބެ އާއި އެކު ހަކީމްބެ އަދި ޤަފޫރުބޭވެސް އައެވެ. ތަޅައިގެން ގޮސްފައިވާ ޖަގުގެ ބައިތައް އޭރުވެސް މުށިތައްމަތީ ހުއްޓެވެ. އެހެންކަމުން
އެމީހުން އަހަރެމެންނާ ހަމަޔަށް އައީ ވަރަށް ބަލައިގެންނެވެ.
މިގޭގައި ގޯހެއް އެބައުޅޭ….. ޤަފޫރުބޭ ބުނެލިއެވެ. އަދި ލޯމަރާލައިގެން ހުރެ އެއްޗެއް ކިޔަވަން ފެށިއެވެ.
ހަކީމް….މިގޭ ރައްކަލަކަށް އެއްވެސް ކަމެއް ނުކޮއްދެނީތަ؟ ޤަފޫރުބޭ ހަކީމްބެ ކައިރީ އަހައިލިއެވެ. ހަކީމްބޭ ބައްޕައަށް ބަލައިލިއެވެ.
މަ ދިން ތަވީދު ވަޅުނުލަނީތަ؟ ހަކީމްބޭ ބައްޕަ ކައިރީ އަހައިލިއެވެ. ނޫން ހަކީމްބޭ ބުނިތާ އޮންނާނެ ވަޅުލާފައި…. ބައްޕަ ޔަގީންކަމާއެކު
ބުނެލިއެވެ. ދެން ބައްޕަ ހަކީމްބޭ އަތުގައި ހިފައިގެން ބޭރަށް ހިގައިގަތެވެ. އަހަރެމެން އެމީހުން ފަހަތުން ދިޔައީ އެތެރޭގައި އެކަނި ނުތިބެންވެގެންނެވެ.
މިތާ؟ ބައްޕަ އަތުގެ އިޝާރާތުން ދެއްކީ ކުރިން ތަވީދު ވަޅުލި ތަނެވެ. އެތަނުގައި އޮތް ތަވީދު ނަގައި މާގަސްކައިރީ ތަވީދު ވަޅުލިކަން ބައްޕަ
ހަނދާންނެތީބާއެވެ؟
; ނޫން..ބައްޕަ ބުނެގެން އަހަރެން ވަޅުލީ އެތާ.;އަހަރެން ބުނެލީމެވެ. އެ މާގަސް ކައިރިއަށް އިޝާރަތްކުރަމުންނެވެ.
މަ ކޮންއިރަކު ތަ ބުނި؟ ބައްޕަ ނުރުހުންވެފައި އަހައިލިއެވެ.
މެންދުރު… ތިތާ ވަޅުލާފައި އޮތް ތަވީދު ނަގައި އެއްލާލީ ބައްޕަ ބުނެގެންނޭނުން….ދެން މިތާ ވަޅުލީ އަހަރެން ދެއަތުން….އަދި ބައްޕަ
ބުނެގެންނޭނުން އެ ބޭސްތައް އުކާލީވެސް…ހަދާންކޮއްބަލަ ބައްޕާ… ބައްޕަ ފާޑަކަށް ހުރުމުން އަހަރެން އޮޅުންފިލުވައިދިނީމެވެ. ބައްޕަގެ
ހަނދާންބަލިކަމުން އަހަރެން ހައިރާންވެއެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަނީ ހައިރާންކަމެވެ.
ކޮއްކޯ އެތަވީދު އެއްލާލީ ކޮންތާކަށް… ހަކީމްބޭ އައިނު ރަނގަޅު ކޮއްލަމުން އަހައިލިއެވެ.
އެތަނަން… މަގޫ ގަސްތަކަށް އިޝާރާތް ކުރަމުން އަހަރެން ބުނީމެވެ. ދޮންބެ ޓޯޗްގެ އަލިން އެދިމާ އަލިކޮއްލިއެވެ. ގަސްތަކުތެރޭވާ
އަނދިރިކަމުންނާއި ވާބޯކަމުން އެއްޗެއް ފެންނަވަރެއް ނުވެއެވެ.
އަހަންނަށް ހުރިހައި ކަމެއްވެސް ވިސްނިއްޖެ… ހަކީމްބޭ ބުނެލިއެވެ. އަހަރެން ވިސްނައިލީމެވެ. ބައްޕަ ބުނާގޮތުން ވިއްޔާ ބައްޕަ އެގަޑީގައި އުޅުނީ
މަސައްކަތުގައެވެ. އެހެންވީ އިރު އެގަނޑީގައި އެ އައީ ކާކުހެއްޔެވެ؟ އަނެއްކާ……………..
އަހަރެން ބިރުން ފަހަތައް ޖެހިލެވުނެވެ. އަދި މަންމަގެ އަތުގައި ހިފަހައްޓާލީމެވެ.
ބިރުނުގަނޭ…ނަސީބު ތީ ކުރިއަށް ހުރިހައި ކަމެއް އެގުނުކަން…. ޤަފޫރުބޭ ބުނެލިއެވެ. އަދި އަތުގެ އިޝާރާތުން ގޭތެރެއަށް ވަނުމަށް އެދުނެވެ.
; ވީހާވެސް އަވަހަކަށް ކިޔެވެލި ފަށަންވީ…އެ ޖިންނިއަށް އެއްވެސް ހުރެހެއް ނެތި އުޅެވޭނެ މިހާރު…. އޭތި ކޮންމެ ފަދަކަމެއްވެސް ކޮއްފާނެ…..މިރަށު
މީހުންނަށް ކޮންމެފަދަ އުދަގުލަކާވެސް ކުރިމަތި ވެދާނެ ހަކީމްބޭ ބައްޕަގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
ފަރިތަކޮށް ޤުރުއާން ކިޔަވާނެ ސާޅީސް މީހުން ހޯދާ… އަދި މިތަނުން މި ފަރުނީޗަރުތައް ދުރުކޮށް ކިޔެވޭނެގޮތަށް ތައްޔާރުކުރޭ….މާދަމާ ރޭ
ފަށަންވާނެ….ހުރިހައި ކަމެއް ޖެހޭނެ ތައްޔާރުވާން… ޤަފޫރުބޭ ބުނެލިއެވެ. އެވަގުތު ވަރަށް ބާރަށް ފުރާޅުމައްޗަށް އެއްޗެއް ޖެހުނު އަޑުއިވުނެވެ. އަދި
ގަދައަށް ވައިޖެހެންވެސް ފެށިއެވެ. އަނެއްކާވެސް އޭރު އިވުނު ހަޅޭކުގެ އަޑުވެސް އިވުނެވެ.
ޤަފޫރުބޭ އަތުގެ އިޝާރާތުން މަޑުން ތިބުމަށް އެދުނެވެ. އަދި ކޮންމެވެސް އެއްޗެއް ކިޔަވަން ފެށިއެވެ.
އަހަރެމެން ފިރހެން ވެރިން ހޭލާތިބޭނަން…މިހާރު އެއޮއް ދޭއްޖަހަނީ…ދޭ ނިދަން… ހަކީމްބޭ ބުނެލިއެވެ.
& އެކަކަށް އެއްކަމެއްވެސް ނުވާނެ… އަހަރެމެން ނުދާން ތިބުމުން އަނެއްކައިވެސް ބުނެލިއެވެ. އަހަރެމެން ހުރިހައި އެންމެންވެސް ވަނީ
އެއްކޮޓަރިއަކަށެވެ. ނިދުމަށް ޖައްސައިލިއެއް ކަމަކު ނިދީގެ ކުލަވެސް ނެތެވެ. ބިރުން ހިތްތެޅެމުން ދާއިރު ނިދޭނީ ވަކި ކިހިނެއްހެއްޔެވެ؟
ފަތިސްނަމާދުގެ ބަންގި ގޮވިއިރުވެސް އަހަރެން އޮތީ ހޭލާއެވެ. ދެން ތެދުވެ ނަމާދުކޮއްލީމެވެ. ބޭރުގައި ނުނިދާ ތިބި މީހުންނަށް ސައިދިނުމަށް
ނުކުތީމެވެ. އޭރުވެސް އެމީހުން ސޯފާގައި ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. އެންމެންނަށް ހޫނުކޮފީ ގެނެސްދިނީމެވެ. އޭރު މަންމަވެސް ހޭލައިގެން
އުޅެއެވެ.
މިއަދަކީ ވަރަށް ބުރަދުވަހެކެވެ. ކަމަކަށް ތައްޔާރުވާތީ މީހުންވެސް ގިނައެވެ. އެ މީހުންނަށް ކެއުން ތައްޔާރުކުރަން ޖެހޭތީ މަންމަގެ ބައެއް
ރައްޓެހިންނާއި އާއިލާގެ ގިނަ އަންހެނުން އުޅެއެވެ. މުޅި ރަށުތެރޭ އެއްވާހަކައަކަށް މިރޭގެ ކިޔެވެލި ވާހަކަ ފެތުރިފައިވާތީ ހަމައެކަނި ހަބަރުބަލަންވެސް
މީހުން އާދެއެވެ. މީހުން އާބާދުނުވާ ފަޅުހިސާބެއް ނަމަވެސް މިއަދު މީހުން މަދެއްނޫނެވެ.
ރޭގަނޑުވުމުން ގޭގައި އުޅޭ މީހުންނާއި ކިޔަވަން އައިސްތިބި މީހުން ފިޔަވައި އެންމެން ހިގައްޖެއެވެ. މިރޭ މިހިސާބަށް މީހުން އައުން ވަނީ
މަނާކޮއްފައެވެ. ސިޓިން ރޫމްވަނީ ހާއްސަކޮށް މިކަމަށް ތައްޔާރުކޮއްފައެވެ. ކޮންމެ މީހަކު ކިޔަވަން ވަކިން ހަތިމެއް ބޭއްވިފައި އޮތެވެ. ހަކީމްބެއާއި
ޤަފޫރުބޭ އިށީންނަން ހުރި ތަންވަނީ ފާހަގަކޮއްފައެވެ. ފާޑެއްގެ އެއްޗަކުން މުޅިގޭތެރެއަށް ދުންބުރުވައިފިއެވެ. ދެން ހަކީމްބޭ ބުނުމާއި އެކު ކިޔަވަން
ފަށައިފިއެވެ. އަދި މަޑުމަޑުން ބާރުކުރަމުން ގޮސް އަޑުހަރުކޮން ކިޔަވަންފަށައިފިއެވެ.
ކުއްލިއަކަށް ވައިބާރުވެއްޖެއެވެ. ބޭރުގައި ހުރި ގަސްތައް ހީވަނީ ދެންމެ ދެންމެ ލުހިގެން އައިސްދާނެހެންނެވެ. ބޭރުގައި ހުރި ހިކިފަތްތައްވެސް ވަޔާ
އެނބުރެން ފަށައިފިއެވެ. ބޭރުން ގަދަ އައްޔެއް ފާޅުވިއެވެ. ގެއްލިފައި އަނެއްކައިވެސް އަލި ގުޅަގުޅަ ފެންނަން ފަށައިފިއެވެ. ކިޔަވަން ތިބި މީހުން
ހުއްޓާލާފާނެކަމަށް ހީވުމުން ހަކީމްބޭ ކިޔެވުން ހުއްޓައިނުލުމަށް އިރުޝާދުދިނެވެ. ޤަފޫރުބޭވެސް މަޑުމަޑުން ކޮންމެވެސް އެއްޗެއް މެދުނުކެޑި ކިޔަވަމުން
ދިޔައެވެ.
ރޭ ދެބައިވީރުވެސް މިކަމެއް މިފަދަ ގޮތަކަށް ހިގަމުން ދިޔައެވެ. ވައިގަދަވެ ވިއްސާރަވެސް ވެއްޖެއެވެ. ގަދަ މިއުޒިކެއްހެން ވާރޭވެހެމުން ދިޔައެވެ.
ބައެއްފަހަރު ވިދާލުމާއި އެކު ގުގުރިވެސް ޖަހައެވެ. ހަކީމްބޭ ކުރިމަތީ ހުރި ފޮތިގަނޑަކަށް ފިޔޮހި ހަރައިލިވަގުތު ހީވީ މުޅިގެ ހަލާކުވެގެން ދިޔަހެންނެވެ.
ބިންހެލުން އަންނަފަދަ ގޮތަކަށް މުޅިގޭވެސް ގުޑައިގެން ދިޔައެވެ. ކިޔަވަން ތިބި މީހުންތެރެއިން އެކަކު ހޭނެތިގެން ވެއްޓުނެވެ. ތިއްތަ އާއި ދޮންތަ ވީ
މަންމަގެ ކޮޓަރީގައެވެ. އަހަރެން ކިތައްމެ ބިރުގަތަސް ބޭނުންވީ ބަލަން ހުންނާށެވެ. މިފަދަ ކަމެއް ކުރާތަން ފެންނާނީ މަދުންކަމަށް ވާތީއެވެ.
ވިދާލި ވިދުވަރަކާއެކު އަންހެނަކު ފާޅުވިއެވެ. ނަމަވެސް ހުރީ ފުރަގަސްދީގެންނެވެ. ހަރާލާފައިވާ ފިޔޮހި އާއި ދިމާލަށް ފެންފޮދެއް ބުރުއްސާލިއެވެ.
އެއާއެކު އެދިމާލުން ކަޅުދުންތަކެއް އެރިއެވެ. ކިޔަވަންތިބި މީހުންގެ އަޑުގަދަވަމުންދިޔައެވެ.
ބުނޭ..ކީއްވެ އަހަރެމެންނަށް އުދަގޫ ތިކުރަނީ….އަންދާނުލަނީސް ދޭ….އަމިއްލަ ދުނިޔެއަށް ދޭ… ހަކީމްބޭ ފުރަތަމަވެސް ދިނީ އިންޒާރެކެވެ.
ނަމަވެސް އެ އަންހެންމީހާގެ ފަރާތުން އައީ ހުނުމުގެ އަޑެކެވެ. މުޅިތަން ގުގުމަމުން ދިޔައީ އެބިރުވެރި ހުނުމުގެ އަޑުންނެވެ.
އަހަރެން ހަމަ ހުރެފަ އެއް ނޫން އުދަގޫކުރީކީ…އަހަރެމެންގެ އުސޫލެއް ނޫން އެއީ ބާރެއް ލިބިހުއްޓަސް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ….ކަލޭމެން
އިންސާނުން އަހަރެމެންނަށް އުދަގޫކުރަނީ….ބޭނުންވީމަ ގެނެސް ބޭނުންވީމަ ފޮނުވާލާ ހަދަނީ….އަހަރެމެން މީ ކުޅޭ ކުޅިވަރަކަށް ހަދައިގެން…. އެ އަންހެންމީހާ ހުނުން ހުއްޓާލައި ވާހަކަދެއްކިއެވެ.
މިތާކު ނެތޭނުން ކަލެއަށް އަނިޔާދިން އެކަކުވެސް..އެހެންވީމަ އަހަރެމެން ދޫކޮއްލާ…. ޤަފޫރުބޭ ބުނެލިއެވެ.
ހީކުރީތަ ދާނެޔޭ….ތައްހާނު ކުރި ކަންތަކުގެ ބަދަލު އަހަރެން ހިފަންބޭނުން…ހުރިހައި އިންސާނުން ކިބައިން….. އެ އަންހެންމީހާ ބުނެލިއެވެ.
އެއީ ތައްހާނުއަށް ނޭގިދެވުނު އަނިޔާތަކެއް…އެކަން ހަދާންނައްތާލާ…. ހަކީމްބޭ މިފަހަރު ވާހަކަދެއްކީ މަޑުންނެވެ.
ނޭގިއެއް ނޫން…ހަމަ ގަސްތުގައި އަނިޔާދެނީ….ހެހެހހެ…ހީކުރަނީތަ އެ ތައްހާނަކީ ވަރަށް ރަނގަޅު މީހެކޭ…އެއީ ރަނގަޅު މީހެއް ނޫން….މިރަށް
ހަލާކުވީ ހަމަ އޭނާގެ ސަބަބުން….ތައްހާނަކީ ފަންޑިތަ ހަދާމީހެއް ނޫން…އޭނާ ހަދަނީ ސިހުރު…މިރަށު ކިތައްމީހުންކަން އެނގޭތަ އޭނާ މަރާލީ….
މިރަށުގައި އޭނާއަށް ވުރެ މޮޅު ކޮންމެ މީހަކު މަރާލާނެ….ދޮން އީސާވެސް މަރާލީ ހަމަ ތައްހާނު… އެ އަންހެން މީހާ ކިޔައިދެމުން ދިޔައެވެ.
ހަކީމްބެއާ ޤަފޫރުބޭވެސް ތިބީ ހިމޭންވެފައެވެ. އެ އަންހެންމީހާގެ ވާހަކަތައް ގަބޫލްކުރަން ދަތިވެފައެވެ.
ތައްހާނު ކަލެއަށް ދިނީ ކޮންގެއްލުމެއް؟ ހަކީމްބޭ އަހައިލިއެވެ.
އޭނާ އަހަރެން ސިހުރުހަދަން އަންޑަނައަކަށް ބޭނުންކުރަންވެގެން ހައްޔަރުކުރި…މީހުން ކައިރީ އޭނަގެ ދަރިން ތަށިދުއްވައިގެންނޭ ކިޔައި ހެދީ ހުސް
ދޮގު…އަހަރެން އޭރު އިނީ ހަގުދަރިފުޅަށް ބަލިވެ…އަހަރެން ހައްޔަރުކޮށް ސިހުރު ހަދަން ބޭނުންކުރަންފެށި….އަހަރެން އާއިލާއާއި
ދުރުކޮއްލީ….އަހަރެންނާ އާއިލާއާ ދުރުކޮށް އެދިނީ ކުޑަ އަނިޔާއެއްތަ…ކަލޭމެން އިންސާނުން ހީކުރަނި ކަލޭމެން އެކަނި ކަމައްތަ ދެރަވާނި ގާތްތިމާގެ
މީހުންނާ ވަކިވީމަ….. އެ އަންހެން މީހާގެ އަޑުގައިވަނީ ހިތާމަވެރިކަމެވެ.
ދެން ބުނެބަލަ އެހެންވީ އިރު ކަލޭ ހައްޔަރުން ނެއްޓުނީ ކިހިނެއް؟ ހަކީމްބޭ އަހައިލިއެވެ. ތެދެކެވެ. ހައްޔަރުކޮއްފައިވާ ޖިންނިއަކު މިނިވަންވީ
ކިހިނެއްބާއޭ ހިތައްއަރައެވެ. އެސުވާލާއެކު އަންހެންމީހާ އަނެއްކާވެސް ހިނިގަނޑެއް ޖަހައިލިއެވެ. އަދި އެވަގުތު ގަދަ ވިދުވަރެއްހެން ދެލޯ ދިއްލުނެވެ.
ތައްހާނު އަހަރެން ހައްޔަރު ކުރީ ދިހަ އަހަރަށް….ދިހަ އަހަރުވުމުން އަހަރެން މިނިވަންވީ….. އަންހެންމީހާ ޖަވާބުދިނެވެ.
ބުނެބަލަ ކަލޭ ހައްޔަރުގައި ހުރިއިރު ތައްހާނު މަރައިލީ ކާކު؟ ހަކީމްބޭ އެ އެހީ ވަރަށް މުހިއްމު ސުވާލެކެވެ. އަހަރުތަކެއް ކުރިން މަރުވި އާދަޔާ
ޚިލާފް އެމަރަކީ ރަށު ރައްޔިތުން އެގެންބޭނުންވާ ސިއްރެކެވެ.
ތައްހާނު މަރައިލީ އަހަރެންގެ ފިރިމީހާ…އަހަރެން ހައްޔަރުކޮއްފަ ހުރިއިރު އަހަރެންނާ ބައްދަލްނުކުރެވޭތީ އެކަމާ ރުޅިއައިސްގެން….އަހަރެން ފިރިމީހާ
ތައްހާނުގެ މުޅިއާއިލާ ނެތިކޮއްލި…. އަންހެންމީހާގެ ޖަވާބުން ހަކީމްބޭ މޫނުމަތިން ހާސްކަން ފެނުނެވެ.
ދެން މައްސަލައެއް ނެތް…..އަހަރެމެންނަށް ގެއްލުމެއް ނުދީ ކަލޭ ދޭ…ކަލޭ ޢާއިލާކައިރިއަށް ދޭ ހަކީމްބޭ ބުނެލިއެވެ.
ނުދާނަން….ދުވަހަކުވެސް ނުދާނަން ބަދަލު ނުހިފެނީހެއް އެ އަންހެން މީހާ ބުނެލިއެވެ.
ހަކީމްބޭ ޖީބުން ކުޑަ ކޮތަޅެއް ނެގިއެވެ. އަދި އެ ހުޅުވައި ފާޑެއްގެ ކަރުދާސްތަކެއް ނެގިއެވެ. އޭގެން ކޮންމެ ކަރުދާސްކޮޅެއްގައިވެސް އެއްޗެއް
ލިޔެފައިވެއެވެ. ހުރިހައި ކަރުދާސްތަކެއް މުށިމަތީ އަތުރާލިއެވެ. އަދި އަލިފާން ރޯކޮއްފައިވާ ތައްޓެއް ގެނައެވެ.
މިދެނީ ފަހު އިންޒާރު….ދެން ނުގޮއްސިއްޔާ ހަމަ އަންދާލާނި…. ހަކީމްބޭ އެހެންބުނުމުން އެ އަންހެން މީހާ ހިނިގަނޑެއް ޖަހާލިއެވެ. އަދިވެސް
ދާހިޔާލެއް ނެތެވެ. ހަކީމްބެއާއި ޤަފޫރުބޭ ކޮންމެ ކަރުދާސްކޮޅެއް ނަގައި އެއަށް ފުމެލައެވެ. އަދި ފުރަމަތަ ކަރުދާސްކޮޅު އެ އަލިފާން ރޯކޮއްފައިވާ
ތަށިތެރެއަށް ވައްޓާލިއެވެ. ހަމަ އެއާއެކު އަންހެންމީހާގެ ގައިގައި އަލިފާން ރޯވެއްޖެއެވެ. އޭރު ވަރަށް ގަދައަށް އެ އަންހެންމީހާ ރޮމުންގެންދިޔައެވެ.
ބާރަށް ހަޅޭއްލަވަމުން ގެންދިޔައެވެ.
ހަމަ އެއާއެކު ދެވަނަ އަދި ތިންވަނަ ކަރުދާސްކޮޅުވެސް އަންދާލައިފިއެވެ. އަލިފާންގަނޑު ވަރަށް ބޮޑަށް ހުއްޓެވެ. ކުޑައިރުކޮޅެއް ތެރޭގައި
އަލިފާންގަނޑު ތިރިވަމުންގޮސް ނިވިއްޖެއެވެ. އަލިފާން ރޯވެފައިހުރި ތާގައި ހުރީ އަޅިކޮޅެއް އެކަންޏެވެ. ހަކީމްބޭ ކުޑަ ބިއްލޫރި ފުޅިއަކަށް އެ އަޅިކޮޅު
އަޅާލިއެވެ. ދެން އަހަރެމެންނަށް ބަލާލައި ހިނިތުންވެލިއެވެ.
ކިޔެވުން ހުއްޓާލައި އެންމެން ތެދުވެއްޖެއެވެ. އަދި މަންމަމެންވެސް ކޮޓަރިން ނުކުމެގެން އަތުވެއްޖެއެވެ.
ހުރިހައި ކަމެއްވެސް ދިޔައީ ވަރަށް ރަނގަޅަށް…އިރާދަކުރެއްވިއްޔާ ދެން ނެތް އެއްވެސް ނުރައްކަލެއް….. ހަކީމްބޭ ހިނިތުންވެލަމުން ބުނެލިއެވެ.
ވިލާދޭ ސޯސަންވެސް މުޅި މަނަދޫވެސް އަމާންވީ….. ޤަފޫރުބޭ އަޑުގައިވަނީ އުފާވެރިކަމެވެ. އަހަރެމެންވެސް ތިބީ އުފަލުންނެވެ. ހިތުގައި ބިރުވެރިކަމެއްނެތެވެ. މިރޭ އުފަލުންވެސް ނިދޭނެއެވެ. ދުވަސްތަކަކަށްފަހު ހަމަޖެހުމުގެ ނޭވާއެއް ލެވޭނެއެވެ. (ނިމުނީ)
5 Comments!
Comments are closed.

Woooooww varah salhi story. Varah reethi. Birun halaakunuvee hama kiriyaa. Varah habeys. When next story… Ly koookkkiiee
Aslu vaahaka ehthr?? Aslu vejjeya nukereyne dhn manadhoo ah dhaakah. Ehaa reethi kn viyya sifa kohdhinee. Vrh reethi ingey.
Kurin kommes thanakun mivaahaka kiyaalin kanneyge
Ekahala handhaaneh ebavey
Am I right?
V v v v rythi biruveri vhk eh❤?… Sifa kohfa hurileh hama v obi..Ibraaiy kurun vx..I hope i can c a beautiful story from ya as like this…Ly kokkkkiiiee❤?