ުލޯބީ ގައި ދީވާނާ….
“އާހްހްހް…މީ ދެން ކޮންފަދަ ކަމެށް ހެއްޔެވެ؟ މި ވާގޮތް ތަކަށް އަހަރެން ސަލާން ބުނަމެވެ. ހާދަ އުފަލެއްވެއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް މިކަހަލަ އިހުސާސް ތަކެއް އަހަރެން ގެ ހިތުގައި އުފެދުނީ ކޮންއިރަކު، ކޮންތާކު، ކިހިނެއް ކަމެށް ވެސް އަހަން ނަކަށް ނޭންގެއެވެ. އިގޭހާ ވެސް އެއްޗަކީ އެވީ ގޮތެއް އެވީ ފުރަތަމަ ނަޒަރުންކަމެވެ. މިހާރު އަހަންނަށް އަބަދު އިދެވެނީ އަލަތު ލޯބި ހާސިލް ވޭތޯ ކިޔޭވެލި ކިޔަވާލާ ކިޔަވާލައެވެ.
ރިވެތި އަހުލާގެއްގެ ވެރިއެކެވެ. ހިމަ ތޮޅި ނަމަވެސް އިސްކޮޅުން މެދުވަރުގެ ކުއްޖެކެވެ. ރީތި ބައްޓަމަކާއި އޮމާން ތުނި ހަންގަނޑެވެ. އާހްހްހް….. ހާދަ ހިއްގައިމެވެ. ހަމަގައިމު ވެސް ބަލާ ބަލާ ފޫހި ނުވާނެއެވެ. އެނިޔަނެތި މައުސޫމް މޫނެވެ. ފިޔާތޮށި ފިނިފެން މަލުގެ ފިޔައެއް ފަދަ އެރީތި ތުންފަތް ހީވަނީ ހަމަ ޗެރީ ކޮޅެއް ހެންނެވެ. ރަހަ ބަލާލަން ކިތަންމެ ބޭނުމަސް އަދި އެއީ ވާން ނެތް ކަންކަމެވެ. އެހެން މީހުން އެމީހެއްގެ ލޮލުގެ ޖާދޫގައި ޖެއްސޭނޭ ވަރުގެ ހިއްގައިމު ލޮލެކެވެ. ބަލާ ބަލާ ފޫހި ނުވެއެވެ. އަދި އެ ދިގުވެގެން ވީ އެސްފިޔަ ތަކާއި ކަޅުކަން ގަދަވެގެން ވީ ކަޅިއެވެ. ﷲ ގެ ކުޅަދުން ވަންތަ ކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ނަމަވެސް އަހަރެން ގެ ތަގުދީރުގައި މީނާ ލިބޭނޭ ކަމުގެ އެއްވެސް އިޝާރާތެއް އަހަންނަށް ފެނިފަ އެއްނުވެއެވެ.”
ކޯފީ ޖޯޑުން އެތިފުކެއް ބޯލަމުން އާދީ އަށް އޭނާ ދައްކަމުން ދިޔަ ވާހާކަ ކުރިޔަށް ގެންދެވުނީ އެހިސާބަށްށެވެ. ދެންއިވިގެން ދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ މީކާއިލް ގެ ސުވާލުތަކެވެ.”ބުރޯ ތިހުރީ ހަމަ ރަގަނޅަށް ވެސް ދީވާނާވެފަ. ތިއަންހެން ކުއްޖަކީ ކާކުން އާދީ އަށް އިގޭތަ؟ އައިމީން އެޑްރެސް އޯރް ހާ ނޭމް؟ ތި ނަސީބުވެރި ކުއްޖަކީ ކާކު ތޯ ބަލާލަން އަހަރެން މިހުރީ ކެތްމަދުވެފަ. ކައޭ ވާނެ އަވަސް ވީ ގޮތުން ފަހަރިއާ ދިމާ ކޮއްދެން.” އެދެ ޒުވާނުންގެ ވާހަކަ އެހާ ހިސާބުން މެދު ކަނޑާލަން ޖެހުނީ އާދީ އަށް ފޯން ކޯލެއް އައުމުންނެވެ. ފޯން ކޯލް ނިންމައިފައި ފަސްވަރަކައް މިނެޓު ފަހުން އައި އާދީ ގެ މޫނު މަތިން ފެންނަމުން ދިޔައީ ތަފާތު ކުލަވަރެކެވެ. ވެގެންއުޅޭ ގޮތެއް އޮޅުން ފިލުވުމުގެ ގޮތުން މީކާއިލް ވެސް ހާސްވެފައި ހުރެއަހާލިއެވެ. ނަމަވެސް އާދީ ގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ވެގެން އުޅޭގޮތް ނޭންގުނެތް ކަމަކު އާދީ އުޅޭ ގޮތުން މީކާއިލް ހުރީ ބިރުންނެވެ.
