އެކުގާ މަންޒިލަށް
އިރު މަޑުމަޑުން ދަތުރުކުރަމުން ގޮސް ދުނިޔެއާއި އަލްވަދާޢު ކިޔުމަށް ތައްޔާރުވެފައިވާއިރު، މުޅި އުޑުގެ ސަތަހަވަނީ އޮރެންޖުކުލައިން ކުލަޖެއްސިފައެވެ. އޮމާންކަމާއެކު ދުރުދުރަށް ފެތުރެފައިވާ ފުންމިން ވަޒަންކޮށްލަން ނޭންގޭ، ބިޔަ ކަނޑުގެ މަތިން އެ މަންޒަރު ބަލާ ފޫހިނުވާނޭ ގޮތަކަށް ކުރެހިފައިވާތީ ފެނެއެވެ.
ހުޅުމާލޭގެ ހުޅަނގުފަރާތުގައި މިމަންޒަރު ދެކިލަން އެތައް ބަޔަކު މަޑުކޮށްލައިގެން ތިބިއިރު، ކޮންމެ މީހަކުވެސް އެމީހެއްގެ ފޯނުގައި އެ ތަސްވީރު ފޮރުވާލަމުން ދިޔައެވެ.
އެވަގުތު ކަސްރަތަށް ދުވަމުން އައިސް އެތާ މަޑުކޮށްލި 35 އަހަރުގެ ޒުވާނާއަށް އެތަނުގައި ތިބި އެންމެންގެ ނަޒަރު ހުއްޓުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ހަމުގެ ކުލަ މެދުމިންވަރަކަށް ދޮންއިރު، ޒުވާނާގެ ސިފަ ކިތައްމެހާވެސް ރީއްޗެވެ. ބޮލުގެ އިސްތަށިގަނޑު ކަޅުކަން ގަދަވެފައި ތުނިކޮށް ކޮށާލެވިފައި ވުމުން ނުހަނު ފުރިހަމައެވެ. އަލި މޫނުގައިވާ ކަޅުކަން ގަދަ ލޮލާއި ވަރުގަދަ ބުމަ އަދި އެހާ ދިގުނޫން ތުނބުޅިން، ފިރިހެންވަންތަކަންވީ އިތުރެވެ. ކަނާތު ލޮލާ ދިމާލުން މޫނުގެ އަރިމަތީގައިވާ ކުޑަ ލަކުނުންވެސް އެ މޫނުގެ ފުރިހަމަ ކަމަށް އުނިކަމެއް ނުގެނުވައެވެ. އިސްކޮޅުން އެހާމެ ދިގު ވެފައި ލާފައިވާ ދޫ ހުދު އަތްދިގު ޓީޝާޓްގެ އެތެރޭގައި ފޮރުވިފައިވަނީ ކަސްރަތީ ހަށިގަނޑެއްކަން ޖެހިލާ ވައިރޯޅި ޒުވާނާގެ ގައިގާ ބީހިލާކޮންމެ ފަހަރަކު ޔަޤީންކޮށްދިނެވެ. ކަކުލަށްވުރެ ތިރިއަށް އަރާ ދޫ ޓްރެކްޝޫޓާއި އޭނާގެ ބޭރުފުށުން ފެންނަ ސިފަތަކުން ސުންނަތަށް ލޯބިކުރާ މިންވަރު އަންގައިދެއެވެ. މާތް ﷲ ތިމާއަށް ދެއްވާފައިވާ ރީތި ސޫރައިގެ ދެއްކުންތެރިކަމެއް ޒުވާނާގެ ނެތެެނެވެ.
އެހެން މީނުންނެކޭ އެއްފަދައިން ޒުވާނާވެސް ފޯނުން ތަސްވީރެއް ނަގަމުން ސުބުޙާނަﷲ އޭ ބުނެލިއެވެ. ތޫނު ދެލޮލުން މުޅިކައުނަށް ނަޒަރު ހިންގާލުމުން، މާތްﷲ ސުބުޙާނަހޫވަތަޢާލާގެ ކުޅަދުންވަންތަކަމާއި ޢަޒީޒުވަންތަކަށް ހިތަށް ތަސައްވަރުވެ ޒުވާނާގެ އީމާންތެރިކަން އިހުނަށްވުރެ އިތުރުވިއެވެ. އޭރު އޭނާ ކަންފަތަށް ޖަހައިގެން ކުރި ވަޔަރލެސް ހެޑްފޯނުން މަޑުމަޑުން މުލްކު ސޫރަތް އިވެމުން ދިޔައެވެ. އޭނާ މާގިނަވަގުތެއް އެތާމަޑުކުރަން ނުހަދާ އައިކޮޅަށް ދުއްވައިގަތީ އެތާ ތިބި އެތައް އަންހެންކުދިންނެއްގެ ހިތްތައް ފަތަހަ ކުރުމަށްފަހުގައި ނަމަވެެެސް، ޒުވާނާގެ ނިޔަތުގައި އެފަދަ އެއްވެސް ކަމެއް ނެތެވެ.
ދުވެފައި އައިސް އަތިރިމައްޗާއި އެންމެކައިރީ ހުރި”ބައިތުލް ހުދާ” ގޭގެ ބޮޑު ގޭޓް ހުޅުވާލުމަށްފަހު ފައުޒާން ގޯތިތެރެއަށް ވަތްއިރު ވަރަށް އަނދިރި ވެއްޖެއެވެ. ކުރިމަތިން ފެންނަން އޮތް ބޮޑު މާބަޤީޗާގެ މެދުން ހިނގެން އޮތް ފުޅާމަގުން ގޮސް ތިންބުރީގެ ރީތި އިމާރާތުގެ ތެރެއަށް އޭނާ ވަތްއިރު ނޭފަތުގައިވަނީ ބަޤީޗާތެރޭ ހެނދުނުއްސުރެ ފޮޅުނު މާމެލާމެލީގެ މީރުވަހެވެ. އޭރު ކަޅުމޫނުބުރުގާއާއި ކަޅު ބޮޑު ހެދުމުގައި ހުރި މަންމަ، އުންމުސަލްމާ ބަދިގެތެރޭގައި، ގޭގައި ކައްކަން ގެންގުޅޭ ބަންގްލަދޭޝްގެ ޝާދިޔާއަށް ކޮންމެވެސް ކަމެއް ކުރަންވީގޮތް އޮޅުން ފިލުވައިދެމުން ދިޔައެވެ. އެވަގުތު ޝާދިޔާގެ ފިރިމިހާ މުރުޝިދުވެސް ގެއަށް ވަދެގެން އައިސް ބާޒާރުންގެނައި ކޮތަޅުތައް ކާމޭޒުމަތީ ބަހައްޓަނީއެވެ. މިއީ މުރުޝިދު ބާޒާރުން ތަކެތި ގަނެގެން ގެންނަ ވަގުތެވެ. އޭނާ މި ވަގުތު ނޫނީ މިގެއަށް ވަދެނުހަދައެވެ. ގޯތިތެރޭގައި އެދެމަފިރިން އުޅެން ކުޑަ ގެއެއް ހަދާދީފައިވަނީ ގޭގެ އަންހެންވެރިންނަށް އަބަދު ނިޤާބްްއަޅައިގެން މުރުޝިދުގެ ކުރިމަތީ އުޅެން އުނދަގޫ ވާނެތީއެވެ.
އެއީ ތަނަވަސް ފުޅާ ސިޓިންގް ރޫމަކާއި ބަދިގެއެކެވެ. ފަރުނީޗަރާއި ހިފާގެންގުޅޭ އެއްޗިއްސަށް ދާންދެން ހެކިވަނީ ގޭގެ އަހުލުވެރިންގެ ތަނަވަސްކަމެވެ. ބަލާލިކޮންމެ ދިމާމަލަކުން ފެންނަނީ މުއްސަނދިކަމުގެ އަސަރުތަކެވެ. ﷲ ސުބުޙާނަހޫ ވަތާޢާލާގެ ރަޙްމަތުން މިތަނަވަސްކަމުގެ ބޭނުން ގޭގެ ފަރުދުން އެެންމެ ފުރިހަމައަށް ބޭނުން ކުރެއެވެ. ޞަދަގާތުގެ ގޮތުގައާއި އެހީވުމުގެ ނިޔަތުގައި ކޮންމެ އަހަރަކު އެތައްބަޔަކަަށް މި އާއިލާއިން އެހީވެއެވެ. ލާރނިންގް އިން ހައުސް ގެ ނަމުގައި ހިލޭ ހިންގާ ޔަތީމްޚާނާނާއަކީ މީގެ އަލިގަދަ ހެއްކެކެވެ. އެތައްސަތޭކަ ޔަތީމު ކުދިން އެތާ ތަޢުލީމް ހާސިލްކުރަނީ ނުހަނުއަރާމާއި އުފަލުގައެވެ.
މަޢްރިބަށް ވަގުތު ކުޑަތަންވެފައި ވުމާއެކު ފައުޒާން އަވަސްކޮށްލާފައި ކުރިމަތިން އެރެން ހުރި ސިޑި ގިރާކޮށް ލުމަށްފަހު ލިފްޓުން އެރީ ތިންވަނަ ބުރިއަށެެވެ. ތިންކޮޓަރި ހިމެނޭ މިބައިގެ މަތީގައިވާ ޓެރެސްގައި ހިޔާކުރެވި ބޭރަށް ހާމަނުވާނޭފަދަގޮތަކަށް ޑިޒައިންކޮށްފައިވާ ސްވިމިންގް ޕޫލެއް އޮވެއެވެ. ޕޫލްގެ ވަށައިގެންވަނީ މުޅިންވެސް ފިނިފެންމާ ގަހެވެ. ހެނދުނުއްސުރެ ގަސްތަކުގައި ފޮޅި ބަރާވެފައި ހުރި މާތައް މިހާރު ހިސާބަކަށްވަނީ މިލާފައެވެ. ތަންކޮޅެއް ދުރުގައި ރެއިލިންގައި ޖެހިލައިގެންހުރި މަދީހާ ހުރީ ހައިދަރުގެ އަތުތެރޭގައެވެ. ހައިދަރަކީ އުއްމު ސަލްމާގެ ހަމައެކަނި ހުރި ކޮއްކޮއެވެ. އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުންދާ މަދީހާއާއި ފަންސާސް އަހަރުގެ ހައިދަރުގެ ކައިވެންޏަށް އަދި ދޮޅު މަސްވެސް ނުފުރެވެ. އަލަތު ކައިވެނި ނޫން ކަމުގައިވިޔަސް ބަލާބެލުމަށް ދެހިތުގައި އުފާވެރިކަން އިންތިހާއަށްވާކަން ޔަޤީންކޮށްދިނީ ތުންފަތުގައި ނުފިލާ ހުންނަ ހިނިތުންވުމެވެ.
ފައުޒާން ވެފެންވަރާ ތައްޔާރުވެލައިގެން ތިރިއަށް ނިކަން އަވަހަށްފޭބީ ޖަމާޢަތްލިބޭނޭ ކަމުގެ ފުރިހަމަ އުންމީދާއެކުއެވެ. އެއާއެކު ހިތްތައް އުފާވާނެ އަދި ނޭފަތަށް އަރާމުލިބިގެންދާ ފަދަ މީރު އަތަރެއްގެ ވަސް އެހިސާބުގައި ފެތުރުނެވެ. ތަނބިކަށްޓަށްވުރެ މައްޗަށް ފޯރާ ގަދަ ނޫކުލައިގެ ޖިންސަކާއެކު ލާފައިވާ ދޫ ހުދު ގަމީސް ފައުޒާންއާ ނުހަނު ގުޅެއެވެ. އެހެންޏާ އުނޅަބޮއްޓަށްވުރެ މައްޗަށް އޮޅާލަފައި ހުންނަ ގަމީހުގެ އަތް ނަމާދަށް އަރަން ތައްޔާރުވެފައިވާތީ ވަނީ ތިރިއަށް ދޫކޮށްލަފައެވެ.
“ދަރިފުޅު މިރޭ އިޝާކޮށްގެން އަވަހަށް އަންނައްޗޭ!..މަންމަ ބުނީމެއްނު “ދާރުއް ސަލާމް” ގޭގެ މީހުން ފިރުނާސް ދެކެން އަންނަ ވާހަކަ!…” ކުރިމަތިން ދިމާވި އުންމު ސަލްމާ ފައުޒާނަށް ބުންޏެވެ. ” އިންޝާﷲ …އެކަމަކުވެސް އަޅުގަނޑަށް އާދެވޭނީ އޮފީހަށް ވަދެލާފަ…މާލަހެއް ނުވާނެ…ދެންދަނީ މަންމާ..” އަތުކުރީއޮތް ގަދަ ނޫކުލައިގެ ބްރޭންޑެޑް ގަޑިއަށް ނަޒަރު ހިންގަލާފައި، މަންމަގެ ނިތްކުރިއަށް ބޮސް ދިނުމަށްފަހު ހިނިތުންވަމުން ފައުޒާން ކުރިއަށް ހިނގައިގަތެވެ. މިދުނިޔެމަތީގައި އޭނާ ހިތުގެ އެންމެ ފުންމިނުން ލޯބިވާ މީހަކު ހުރިނަމަ އެއީ އޭނާގެ ލޮބުވެތި މަންމައެވެ. މަންމަ އޭނާއަށްޓަކައި ވީޤުރުބާނީ ދުވަހަކުވެސް ހަނދާން ނައްތައި ނުލާނެއެެވެ. ދުވަހަކުވެސް އަދި މަންމަ ހިތުގައި ޖެހޭފަދަ ކަމެއް އޭނާކޮށްފައި ނެތްއިރު ހުރި ދެކުދީންގެ ތެރެއިން ޚާއްސަ ދަރަޖައެއް ވަކި ކުއްޖަކަށް ދޭން ބޭނުންނުވިޔަސް، އުންމުގެ ހިތުން ފައުޒާނަށްވަނީ ދެވިފައެވެ. ކިޔަމަން ތެރިކަމުގައި ފިރުނާސަށްވުރެ ކުރީގައި އުޅެނީވެސް ފައުޒާނެވެ. ތޫނުފިލިކަމުގެ މިސާލަކީ ނުހަނު ކުޑައިރު ޤުރުޢާން ހިތުދަސްކުރުމެވެ. މެލޭޝިޔާއިން އިސްލަމިކް ފައިނޭސް ކިޔެވުމަށްފަހު ބައްޕަ ފީރޯޒް ގެ އިސްލާމިކް ފައިނޭންސް ބޭންކުގައި އޭނާ މަސައްކަތް ކުރާތާ މިވީ ހަތްއަހަރެވެ.
ޝަހުސިއްޔަތުގައި ބައެއްފަހަރު ހަރުކަށިކަމެއް ހުރި ނަމަވެސް، އުންމުއަށް އޭނާގެ ހަމައެކަނި ހުރި ފިރިހެން ދަރިފުޅުގެ ކިޔަމަންތެރި، އޯގާތެރި އަދި ދީންވެރިކަމަށް ހިތާހިތުން ތަޢުރީފުކުރެވުނެވެ. ދުވަހަކުވެސް އޭނާގެ ކުރިމަތީން މި ދަރިފުޅު ބީވެގެން ދާކަށް އޭނާނޭދެއެވެ. އޭނާގެ މަޤާމަށް އެހެން މީހަކު ދުވަހަކުވެސް ފައުޒާން ނުގެންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަބަދުވެސް އޮވެއެވެ.
ގެއިން ނުކުމެ ނުކުމެ ހުރި ފައުޒާން ހުއްޓެލީ ގެއަށް ވަދެގެން އައި މޫނުބުރުގާ އެޅި ދެ އަންހެން ކުދިން ފެނިފައެވެ. ފައުޒާން ފެނިފައި އެތަނުން އެއް އަންހެން ކުއްޖާގެ ލޯ ވަކިން ބޮޑަށް ވިދާލިތަން ފެނި އުންމު ސަލްމާގެ ތުންފަތަށްވެސް ހިނިތުންވުމެއްވެރިވިއެވެެ. ޝައްކެއް ނެތް ގޮތުގައި އޭ ފައުޒާނަށްޓަކައި އުންމު ހޮވައިދިން އަގުބޮޑު ޖަވާހިރެކެވެ.
“ދޮންބޭ….” ފިރުނާސް ފައުޒާން ފެނުމާއެކު ގޮވާލިއެވެ. ” ބަންގި ގޮވަނީ އެއޮށް…..އަވަސްކޮށްލައިގެން ނަމާދަށް އަރާ އިނގޭ ދެކުދިން….” ފައުޒާން އެއްއަތް ހިއްލާލާ ދެ ކުދިންގެ ބޮލުގައި ވަކިވަކީން ފިރުމާލުމަށްފަހު ފަހަތުގައި ހުރި އޭނާގެ އަންހެނުން ނަބާގެ ކޮލުގައި ނިޤާބުގެ މަތިން ހިފާލިއެވެ. އަދި ނަބާގެ ރީތި ބޮޑު ދެލޮލަށް ތޫނު ނަޒަރެއް ދިނުމަށްފަހު އަވަހަށް ހިނގައިގަތީ ނަބާގެ ހިތަށް ބުނަން ނޭންގޭ ފަދަ ފިނިކަމެއް ދީފައެވެ. ކައިވެންޏަށް ހަތް އަހަރުވީއިރުވެސް އަދިވެސް ފައުޒާންގެ އެ ބެލުމުން ހިތަށް އަސަރު ނުކޮށް ނުދެއެވެ. ހިތް އެއްކޮށް ވިރިގެން ދާފަދަ ބާރެއް އެނަޒަރުގައިވެއެވެ.
“މަންމާ!…” އަށާރަ އަހަރުގެ ފިރުނާސް ޅަކުއްޖެއްހެން ދުވެފައި ގޮސް މަންމަ ގައިގައި އޮޅުލިއެވެ. ދޮންބެ އާއި ބައްޕަގެ ކުރިމަތީ ހަރުގޮތެއް ގެންގުޅުނު ކަމުގައިވިޔަސް އުއްމުގެ ގާތުގައި ހުންނާނީ ތުއްތު ކުއްޖަކަށްވެފައެެވެ. “ކޮބާ ދެކުދިންނަށް ޝޮޕިންގް ކޮށްލެވުނުތަ؟…” ފިރުނާސްގެ ބޮލުގައި ފިރުމަމުން އުންމު ހިނިތުންވެ ހުރެ ބެލީ ނަބާއަށެވެ. “ލައްބަ މަންމާ …މިހިރީ އޮތްހާ ސާމާނު…ގިނައީ ފިރާ ފެއާވެލްގައި ރައްޓެހިކުދިންނަށް ދޭން ގެނައި ހަދިޔާތައް…” ނަބާ ބުންޏެވެ. ” ދެންދޭ އަވަހަސް ނަމާދަށް އަރަން…އަށެއް ޖަހާއިރަށް ތައްޔާރު ވާތި އިނގޭ….” އުންމު އެހެން ބުނުމުން ނަބާ ދިމާކުރާ ފާޑަކަށް ފިރުނާސަށް ކަޅި އެއްލިއެވެ. “ދެން ހާދަ އެކަނިވެރިވާނޭ ދޯ އަޅުގަނޑާ މަންމަ، ފިރާ މިގެއިން ދިޔައީމަ….” ނަބާ ފިރުނާސް ގައިގައި ބައްދާލަމުން ބުންޏެވެ. “އެހެންވެ އެއްނު އިރު އިރުކޮޅާ އަޅުގަނޑު މިބުނަނީ އަޅުގަނޑު ނެތްތަން ފޫބައްދާނެ ތުއްތު ބޭބީއެއް އަވަހަށް ގެންނަން އުޅޭށޭ!…ދޮންބެ ދައްތަ ތި ހުންނަނީ އަދިވެސް ޤަބޫލް ނުކުރާށެއްނު…..” ފިރުނާސް ކުއްލިއަކަށް ބުނެލި އެތިން ނަބާއަށް ލިބުނު ކުއްލި ސިހުމުގައި ބަލާލެވުނީ އުއްމު އަށެވެ. އުންމުއަށް ނަބާގެ ދެލޮލުން ކަރުނަ ވިދާލިތަންފެނި ހިތަށް ގޮތެއްވިއެވެ. ފިރުނާސަށް ނޭންގުނަސް ވޭތުވެ ދިޔަ ހަތް އަހަރު އެކަމަށްޓަކައި ނަބާގެ ދެމަފިރިން ދުނިޔޭގެ އެކި ކަންކޮޅުތަކުންވަނީ ފަރުވާ ހޯދާފައެވެ. ނަމަވެސް ކާމިޔާބު ނުވުމުން މިއީ ވަރުގަދަ އިމްތިހާނެއް ކަމަށް ނިންމައި އެ ދެމަފިރިންވެސް ތިބީ އިންތިހާއަށް ކެތްތެރިވެގެންނެވެ. އުންމީދުގެ ހުޅުކޮޅު އަދިވެސް އެ ދެ ހިތުން ނިވިގެން ނުދެއެވެ. “އިންޝާﷲ އަދި ތި އެދުން ވަރަށް އަވަހަށް ފުރިހަމަ ވާނެ…އޭ މަންމަގެ ދުޢާ…” ހިތްވަރު ދޭފަދަ ގޮތަކަށް އުންމު ނަބާގެ ބޮލުގައި ފިރުމާލިއެވެ.
މާލޭގެހިމަ ގޯޅިގަނޑެއްގައި ހުރި ބާވެ ބޮލަށްވެއްޓެން ކައިރިވެފައިވާ ގެއެއްގެ ދެކޮޓަރިތެރޭން އެއްކޮޓަރީގައި ހުޅުވާފައި ހުރި ކުޑަ ދޮރުގައި ލެނގިލައިގެން ހުރެ އަށާރައަހަރުގެ މިޝެލް ސިނގިރޭޓެއް ބޮމުން ދިޔައީ އަތުގައި އޮތް ކުޑަފޯނަށް ބަލަމުންނެވެ. ލާފައިވަނީ ނިވާކަން ކުޑަ ސޯޓަކާއި ޓީޝާޓެކެވެ. ކަންފަތުގައާއި ނޭފަތުގައި ކުޑަ ބޮޅެއްލަފައިވާއިރު އެއްވެސް މޭކަޕެއްނެތް ދޮންމޫނުގައި މާބޮޑު ދިރުމެއްނެތެވެ. ތުންފަތްވަނީ މަޑު ކަޅުރަތްކުލައަކަށް ބަދަލުވެފައެވެ. އުމުރުގެ ގިނަ ދުވަސްތަކުގައި ސިގިނރޭޓް ބޮއެފައިވާ ކަމުގެ އަލާމާތް އެ ތުންފަތުން ފެނެއެވެ. ރަންކުލައަރާ، ކުދި މުޅިތަކެއް ލާފައިވާ ދިގު އިސްތަށިގަނޑު ވަނީ ހާވާލެވިފައެވެ. ރީތި ސޫރައެއް ނަމަވެސް އެއްވެސް ތަރުތީބުކަމެއް ތާޒާކަމެއް ނެތެވެ. ވާނީވެސް އެހެންތާއެެވެ. މާލެ މީހެއްގެ ގޮތުގައި އުފަންވިޔަސް ވީ އެއްވެސް ފައިދާއެއްނެވެ. ބައްޕަ އެއީ ކާކުކަން ހުދު މިޝެލްއަށްވެސް ނޭންގެއެވެ. މަންމަގެ މާބޮޑު އަޅާލުމެއްމެތި ދިރިއުޅުން ކުރިއަށް ގެންދިޔައީ ރައްޓެހިންނާއެކު އެކި ތަންތަނުގައެވެ. ކިޔެވުނީވެސް ގްރޭޑް ހަތަކާ ހަމައަށެވެ. ސްކޫލުންވަކިވާންޖެހުނީ ސިނގިރޭޓް ބޯން ފާހާނާތެރޭގައި ހުއްޓާ ފެނުމުންނެވެ. ދިރިއުޅުމުގައި އެއްވެސް ރޭވުންތެރިކަމެއް ނެތެވެ. މަންމަ މަދީހާ މުއްސަންޖަކާަ އިނދެގެން ލޮލަށް ނުފެންނަތާ މަސްދުވަސް ވީއެވެ. ހިތުގައި އޮތީ ހުސްވެސް ޝަކުވާއެވެ. ހަނދާންވާން ފެށީއްސުރެ މިއަދާހަމަށެވެ. ލޮލުން ކަރުނަ ނާޅާ ދުވަހެއް މަދެވެ. މިޝެލް ދެތިންފަހަރު ފޯނުން މަންމަ ޖަހާފައި އިންނަންބަރަށް ގުޅިއެވެ. ފޯނު ނުނެގުމުން ޗޮކެއް ކަނޑާލާފައި ފޯނު އެއްލާލީ ގޮދަޑި މައްޗަށްށެވެ. އޭރު ބޮޑު ދެލޮލުގައި ކަރުނަ ވިދާލިތަންފެނުނެވެ. ހިތަށް ތަދުވެފައިވާ މިންވަރު އެ މައުސޫމު މޫނުން ދޭހަވިއެވެ. އެންމެ ފަހު ފަހަރަށް ސިނގިރޭޓު ދަމާލުމަށްފަހު މަގުމައްޗަށް އެ އެއްލާލީ މާބޮޑު ސަމާލުކަމެއް މަގަށް ނުދީއެވެ. މީހަކު ގައިގައި ޖެހުނުކަން ރޭކާލީ ހަމައެވަގުތު އެއްލިކަޅިއަކުންނެވެ. ބޭރުގައި ހުރި ބޮކީގެ އަލިން އެވަގުތު އެ ޒުވާނާ ރީތިކޮށްވެސް މިޝެލްއަށް ފެނެއެވެ. ފައުޒާންގެ ހުދު ސާފު ގަމީހުގައި ސިނގިރޭޓުގެ އަޅި ހޭކިފައި އެ ވެއްޓުނީ އޭނާގެ ބޫޓުމަތިން ބިންމައްޗަށްށެވެ. އޭނާ ދެބުމަ ކައިރި ކޮށްލަމުން މިޝެލްއަށް ބަލާލިއެވެ. އެ ނުރުހުންތެރި ބަލާލުމުން މެޝެލްގެ ހިތަށް ފާޑެއްގެ ހޫނުގަނޑެއް އަރައިގެން ދިޔައީ ޖެހިލުންވިވަރުންނެވެ.
12 Comments!
Comments are closed.

Varah heevey kopy ehhen. Reethi ekm.
Nice
Keep it up ??
V salhi vaanehen heevanee inshaa allah
Assalaam Alaikum…
Alhugandu mee kurinves ehen name ehgai vaahaka liyunu liyun theri eh…namaves mee mi ID gai liyaa furathama vaahaka…its very difficult to give feedback to each n every comment…but Jazakallah khairan to everyone in whoever reading this story…and ummeedhakee vaahaka in ibraiy haasil kurun….mee ehves vaahaka ehge coppy ehnoon kanves bunelan…
varah reethi…
maa sha allah……
when is next part..waiting for the next part..
Ma Sha Allah feshun v v v v rythi ingey..V furihama ibaraaiy kurumaa sifakurun vx..i am sooo curious to read next ingey..ly yaff sissyy?????????✨✨✨✨???????
Masha Allah story v
Salhi ?????
Maa sha Allah. Vrh furihama. Kuriyah huri baithah ves Vrh reethi vaanehen heevey. Jazakallah khairan for publishing this. Baarakallah feek.
Maa Shaa Allah v reethi❤❤❤❤.Nxt part kohirakun..n koh dhuvas thakeh ga story up vaany
Masha allah Vara reethi. Dhen huri baithah ves varah reethi vaane kama unmeedukuran
Masha allah vrh furihama…kurin ehen sitehga tha vaahaka liyunee..
New part eh kohirakun baa libeynee kiyaalan. Mi story dhen nuliya neebaa