Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ…..31

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
May 23, 2019 8 Mins Read
20 Comments

އަޒްހަދްގެ ދައުވަތަށް ހަމްޒާ ހުޅުމާލޭގައި ހުރި ރެސްޓޯރަންޓަށް ދިޔައިރު އެތާ ތިބި އަންޖަލްމެންގެ އިތުރަށް އޭނާގެ ދޮންތަ ފެނުމުން ހައިރާންކަން ލިބުނެވެ. އޭނާއަށް ވިސްނުނީ އަންޖަލްއަށްވެސް ވިސްނުނު ގޮތަށެވެ. ލިބުނު ސިހުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. އަދި އަންޖަލްއާ ދިމާއަށް ބަލާލެވުނީ ވާނީ ކިހިނެއްހޭ އަހާ ފަދަ ގޮތަކަށެވެ. އަންޖަލްއަށް ދެކޮނޑު އަރުވާލެވުނީ އޭނާއަށްވެސް ވާނުވާ ނޭންގޭކަން ހަމްޒާއަށް އެންގުމުގެ ގޮތުންނެވެ.
ޖެހިލުންވެފައި އިނދެ ހަމްޒާ ގޮސް ސުނައިނާ ކައިރީ ހުހަށް އިން ގޮނޑި ދަމާލާފައި އިށީނެވެ. ސުނައިނާ އިސްޖަހައިގެން އިނުމުން އޭނާއަށް ރީއްޗަށް ސުނައިނާގެ މޫނެއް ނުފެނުނެވެ.
ހަމްޒާ އައިތާ އިރުކޮޅެއްނުވެ ކާއެއްޗިހި ހިފައިގެން އައެވެ. އައުމުގެ ކުރިން އަޒްހަދް އައީ އޯޑަރު ދީފައެވެ. ކޭގަޑީގައި އެކަކުވެސް އެކައްޗެކޭވެސް ނުބުނެއެވެ. ރާނިޔާއަށްވެސް ވަނީ ކިހިނެއްކަމެއް ނޭންގެއެވެ. އެހެނަސް އަނގައިން އެއްޗެކޭ ނުބުނު އޭނާވެސް ކަމުން ދިޔައެވެ.
އަންޖަލްއާ ހަމްޒާ ހިތަށް އަރާ ފައިބަމުން ދިޔަ އެއްޗިހިން ރަނގަޅަށް ކެވޭ ގޮތެއްވެސް ނުވެއެވެ. މީގެ ދުވަސްކޮޅެއް ކުރި ނަމަ އަންޖަލް ހުރީހީ އުފަލުންނެވެ. އެހެނަސް ވަގުތާ ހާލަތު މިވަނީ ވަރަށް ބޮޑަށްވެސް ބަދަލުވެފައެވެ.

ރީހާންއާ ރައިހާނާ ތިބީ ޓެރަހުގައެވެ. ދެކުދިން ތިބީ ޕާސްތާ ކާށެވެ. ޖެހެމުން ދިޔަ ވައިރޯޅި ކޮންމެސް ވަރަކަށް ދެކުދިންނަށްވެސް ގޯނާ ކުރަމުން ދިޔައެވެ. ރީހާން ފޫހި ގޮތަކަށް އިނދެ ތަށީގައި އޫ ހާކަމުން ދިޔައެވެ. އެކަތި ކޮޅު އަނގަޔަށް ލާފައި ދެން އަނެކަތިކޮޅު އަނގަޔަށް ލެވޭވަރު ވަނީ ފަސްވަރަކަށް މިނެޓު ފަހުންނެވެ. ރައިހާނާ ދެތަށީ ޕާސްތާ ކައި ނިމުނުއިރުވެސް ރީހާންއަށް އެއްތަށި ވެސް ހުސްނުކުރެވުނެވެ. “ރީއްކޯ!!! ތި ރީއްޗަށް ކައިބަ ދޯ. ދޮންތި ވަރަށް ބޮލަށް އެބަ އުނދަގޫވޭ ރީއްކޮ ތިހެން ކާތީވެ!” އެންމެން ފަހުން ބޮލަށް އުނދަގޫވެގެން ރައިހާނާ ރީހާންއަށް އަޑުލިއެވެ. ރައިހާނާ އަޑުލުމާއެކު ރީހާން ތަންކޮޅެއް އަވަހަަށް ކައިހުސްކުރިއެވެ. “ރީއްކޮ. ދޮންތިއަށް އެނގޭ ތިހުންނަނީ އަންޖަލް ކަންތަކާ ބޯ ގޮވާފަކަން. ރަަށަށް އައިވެސް އެކަންތައް މަތިން ހަނދާންނައްތާލާފަ ފެމިލީއާ އެކީ ޓައިމް ސްޕެންޑް ކުރާކަށްނު؟ ދެން ކީއްވެ އަބަދު މޫޑީވެފަ ތިހުންނަނީ؟ ރީއްކޮ ތިހެން އުޅޭތީ ޒާންވެސް ދެރަވެގެން ދޮންތި ގާތު އެވާހަކަ ދައްކައިފި. ހިސާންބެ ވެސް ކިޔާފި ރީއްކޮ މިފަހަރު ވަރަށް ޑިފެރެންޓްްއޭ. ރީއްކޮ ތިހެން އުޅުނީމަ ޒާންމެން ކިހާ ދެރަވާނެ. އެޓްލީސްޓް އެމީހުންނަށްޓަކައިވެސް ހެޕީކޮށް އުޅެބަ” “ދޮންތީ. ދޮންތި ހީކުރާހާ ފަސޭހައެއް ނޫނޭ ހެޕީވާކަށް. ރަށަށް އައިމަ އަންޖަލްގެ ހަނދާންތައް މާ ބޮޑަށް އާވޭ” ރީހާން ދެލޯ މަރާލުމަށްފަހު ހަށި ފުރާ ނޭވައެއްލިއެވެ. އޭރު އޭނާގެ ލޮލުގައި ކޮންމެސް ވަރަކަށް ކަރުނައިގެ އަސަރު ހުއްޓެވެ. ކޮއްކޮގެ ލޮލުން ކަރުނަ ފެނުމުން ރައިހާނާގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ. ރީހާންގެ ހިތަށް ވަރަށް އަސަރު ކުރާކަން ރައިހާނާއަށް އެނގުނެވެ. “ރީއްކޮ. ދޮންތި ސީކްރެޓެއް ބުނަންތަ؟” ރީހާން ބޯ ޖަހާލުމާއެކު ރައިހާނާ އޭނާ ހަމްޒާދެކެ ލޯބިވާ ވާހަކަ ބުންޏެވެ. ރައިހާާނާއަށް ގަބޫލުކުރެވުނު ގޮތުގައި ރީހާންއަށް އެކަންތައް އެގެން ޖެހެއެވެ. އަކުރުން އަކުރަށް އެއްވެސް ފޮރުވުމެއް ނެތި ރީހާންއަށް ހުރިހާ ވާހަކައެއް ރައިހާނާ ކިޔާދިނެވެ. ލިބުނީ ޝޮކުގައި ރީހާން ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އޭނާއެކޭ އެއްފަދައިން އޭނާގެ ދޮންތިވެސް އެއުޅެނީ ލޮތްބޭ ކިޔާ ބަލިޖެހިގެންކަން އެނގުމުން ދެރަވިއެވެ. އެހެނަސް އަންހެން ކުއްޖަކަށް ވެފައި ދޮންތި ހިތްވަރު ކުރާއިރު އާއިލާ މީހުންނަށްޓަކައި އޭނާއަށް އެވަރު ނުވާންވީ ކީއްވެ ހެއްޔެވެ؟ ރައިހާނާގެ ފެންކަޅިވެފައިވި ދެލޯ ވަރަށް ލޯބިން ރީހާން ފުހެދިނެވެ. އަދި މީގެ ފަހުން އެއްވެަސް ކަމެއް އޭނާއަށް ސިއްރުނުކުރަން އެދުނެވެ.

އަޒްހަދް ހާމަކޮށްލި ހަގީގަތުގެ ސަބަބުން ހީވީ ތަނުގައި ކުޑަވަރެއްގެ ބޮމެއް ގޮއްވާލިހެންނެވެ. އަންޖަލްއަށް ދެލޯ ބޮޑުކޮށްފައި އަނގަމަތީ އަތް އަޅާލެވުނެވެ. ގަބޫލުކުރަން ދަތިވެފައި ރާނިޔާއަށް އަޒްހަދްއަށް ބަލަހައްޓައިގެން އިނދެވުނެވެ. ހަމްޒާ އަޒްހަދަށް ބަލާލިއިރު ހީވީ ދެންމެ ދެންމެ އެނަޒަރުން އަޒްހަދް ފިއްސާލާފާނެހެންނެވެ. ދެލޯ ރަތްވެ މީހާ ތުރުތުރު އަޅަންފެށިއެވެ. އަތާއި ކަރުގެ ނާރުތައް ފުއްޕާފައި ހުރި ގޮތުން ހަމްޒާ ހުރީ އިންތިހާ ދަރަޖައަށް ރުޅިއައިސްފަކަށް އެނގެއެވެ. އޭނާގެ ކަތުރު ކަށިގަނޑުވެސް ރުޅިން ތުރުތުރު އަޅަމުން ދިޔައެވެ. ގޮނޑި ދަމާފައި ހަމްޒާ ތެދުވިލެއް ބާރުކަމުން ބާރު އަޑެއް ކިޔާފައި ގޮނޑިވެސް ވެއްޓުނެވެ. ހަމްޒާގެ ރުޅިފެނި އެންމެންވެސް ތިބީ ބިރުންނެވެ. އަންޖަލްއަަށްވެސް ބިރުންގޮސް ހިންދިރުވާލެވުނެވެ. އަޒްހަދް އެއްޗެކޭ ބުނަން އަނގަހުޅުވާލިހެން ހަމްޒާއަށް ހީވެގެން ބާރަކަށް މޭޒުމަތިގައި ގޮށްމުށުން ޖެހިއެވެ. އެއަށްފަހު އަޒްހަދްއަށް ކަޅި އަޅާލަމުން ނިކަން ބާރަށް އެތަނުން ނުކުމެގެން ދިޔައެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ ތިދިން ކެއުމަށް. އެކަމަކު މީގެ ފަހުން އަހަރުމެންގެ ހަޔާތަށް ނައިސިއްޔާ ވަރަށް ރަނގަޅު” ރޮވިފައި ހުރި އަޑަކުން ސުނައިނާ އެހެން ބުނުމަށްފަހު ތެދުވިއެވެ. ސުނައިނާ ނިކުތުމާއެކު މިރާޝްވެސް ސުނައިނާ ފަހަތުން ދިއައެވެ. ފެންކަޅިވެފައިވާ ހާލު އަޒްހަދްއަށް ކޮޅަށް ތެދުވެވުނެވެ. ދުވަހަކުވެސް ހިތަށް ތަދުނުވާވަރަށް އޭނާގެ ހިތަށް މިރޭ ތަދުވެއްޖެއެވެ.
ރާނިޔާއަށް އިނީ އަޒްހަދް ދެންމެ އިއްވާލި ވާހަކަތައް ގަބޫލުނުކުރެވިފައެވެ. އެކާވިސް އަހަރުވަންދެކަށް އެކީގައި އުޅުނުއިރުވެސް އެވަރުގެ ބޮޑު ކަމެއް އަޒްހަދް އޭނާއަށް ސިއްރުކުރުމުން ދެރަވެ ރުޅި އާދެވުނެވެ. އެތާ އިން އަންޖަލް މަތިންވެސް ރާނިޔާ ހަނދާންނެތް ކަހަލައެވެ. އަނގައިން ބަހެއް ބުނުމެއްވެސް ނެތި އަޒްހަދް ގޮވަ ގޮވާ އޮއްވާ އެތަނުން ނުކުމެގެން ދިޔައެވެ. އަޒްހަދްއަށް ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލެވުނެވެ. ބޮލަށް އެރި ތަދާއެކީ ބޮލުގައި އަތް އަޅައިގެން ހުރެ ގޮނޑީތެރެއަށް ވެއްޓިގަތެވެ. އޭރު ހޯސްލާފައި އަޒްހަދްގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އަންޖަލް އިނީ ހަނދަންވީ ގޮތެއް ނޭންގިފައެވެ. ކުޑަކުއްޖެއް ފަދައިން ކަރުނަ އަޅަމުން ބައްޕަ ރޯ މަންޒަރު ބަލާކަށް އޭނާއަކަށް ފަސޭހައެއް ނޫނެވެ. މަންމަ ފަދައިން ބައްޕަ ދޫކޮށްލާފައި ދާކަށް އަންޖަލްއަކަަށް ނުކެރުނެވެ. ބައްޕައާ މެދު ހިތުގައި އެތަކެއް ޝަކުވާއެއް ވީ ނަމަވެސް އަންޖަލްއަށް އަނގައިންވެސް ބުނެލާކަށެއް ނުކެރުނެވެ.

ރެސްޓޯރަންޓުން ނުކުތް ހަމްޒާއަށް އެއްވެސް އެއްޗެއް ވިސްނޭވަރެއްނޫނެވެ. އެއަށްވުރެ ރުޅިވެރިކަން ވަނީ އޭނާގެ ސިކުނޑި ހިސާރު ކޮށްފައެވެ. މަގުމަތިން ދުއްވާ އެއްޗަކަށް ބެލުމެއްނެތި އެއްވެސް މިސްރާބެއް ނެތި ހިނގަމުން ދިޔައެވެ. ސުނައިނާއާ މިރާޝް އޭނާއަށް ގޮވާހެން ހީވިއަސް އަޅައެެއް ނުލައެވެ. އޭނާ ހުރީ ސުނައިނާ ދެކެވެސް ރުޅި އައިސައެވެ. އެނގިހުރެ ސުނައިނާ އަޒްހަދްއަކީ ކާކުކަން އޭނާއަަށް ސިއްރުކުރީމައެވެ.
ކުއްލިއަކަށް ހަމްޒާއަށް ހުއްޓެވުނީ ގޯޅިން އެޅި ކާރުގެ އަލި އޭނާގެ މޫނަށް އެޅުމުންނެވެ. ކާރުކުރިމަތިން ދުރަށް ދާންވެސް ހަނދާންނެތުނެވެ.
ސުނައިނާއަށް ކަންފަތުގައި އަތް އަޅާ ހަޅޭއްލަވައިގަނެވުނީ ލޯކުރިމަތީގައި ހިނގައިދިޔަ ކަމަކުންނެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރު ކޮންޓްރޯލް ނުވެގެން ގޮސް ޖެހުނީ ހަމްޒާ ގައިގައެވެ. އެއާއެކު މާދުރަށް ހަމްޒާގެ ވިއްސައިގެން ދިޔައީއެވެ. ސުނައިނާއަށް ހީވީ ބޯ މައްޗަަށް އުޑުވެއްޓުނުހެންނެވެ. އަޑުން އަޑުނަގާފައި ރޮއެ ގަނެވުނެވެ. މިރާޝްވެސް ހުރީ ބަސްހުއްޓިފައެވެ. ލޯކުރިމަތީހިނގައިދިޔަ ހާދިސާގެ ސަބަބުން ކުރިއަށް އެންމެ ފިޔަވަޅެއް އަޅަންވެސް އޭނާ ނުކުޅެދުނެވެ. ސުނައިނާ މަސަލަސްކުރަންދާކަށްވެސް ނޭންގުނެވެ.
ހަމްޒާގެ ޚަބަރުވަނީ ހުސްވެފައެވެ. މުޅި ސަރަހައްދުގައިވެސް ވަނީ ލޭގެ ކޯރެއް ދަމާލެވިފައެވެ. މީހުން ގަނޑު އެތައް މިތަނުން އައިސް އެއްވަމުން ދިޔައެވެ. އެކަކުވެސް ހަމްޒާއަށް އެހީތެރިވާކަށް ނޫޅުނެވެ. ކޮންމެ މީހަކުވެސް ބެލީ ފޮޓޯ ނަގާފައި ސޯޝަލް މީޑީއާއަށް ލެވޭތޯއެވެ.
ސުނައިނާ ދުވަމުން ކަހަލަ ގޮތަކަށް އައިސް ހަމްޒާ ގާތު އިށީނެވެ. އެއަށްފަހު އެހީއަކަށް އެދި ހަޅޭއްލަވަން ފެށިއެވެ. މިރާޝް ފޯނުނަގައި ޕޮލިހަށާއި އެމްބިއުލާންސަށް ގުޅިއެވެ.

އަންޖަލް ހަދަންވީ ގޮތެއް ނޭންގިފައި އިނދެ އެންމެ ފަހުން ބޭރަށް ނުކުތެވެ. ތަންކޮޅެއް ދުރުގައި މީހުން އެއްވެފައި އޮތުމުން ވީ ކިހިނެއްތޯ ބަލާލާ ހިތްވިއެވެ. އަންހެނެއްގެ ރުއިމާ ހަޅޭކުގެ އަޑުވެސް އިވެމުން ދިޔައެވެ. ރެސްޓޯރަންޓާ ދިމާއަށް ނަޒަރެއް ދިނުމަށްފަހު އަންޖަލް އެދިމާއަށް ހިނގައުގަތެވެ. މީހުންގެ ތެރެއިން ލާފައި އެތެރެއަށްވަން އަންޖަލްގެ ބޮލަަށް އެނބުރުން އަރާގަނެގެން ނުވެއްޓުނީ ކިރިޔާއެވެ. ލެއިން ތަތްތެޅިފައި އޮތް ހަމްޒާފެނި އަންޖަލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އިޚްތިޔާރަކާ ނުލައި ހަމްޒާ ގާތަށް ދެވުނެވެ. އޭރު އޭނާގެ ރީތި ބޮޑު ދެލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ހިތްދަތިވެގެން ގޮސް ގިސްލެވެން ފެށުނެވެ. އެންމެ އަސަރުުކުރީ މޮޔައެއްހެން ސުނައިނާ ހަމްޒާއަށް ގޮވާ މަންޒަރު ފެނިފައެވެ. އަންޖަލްއަށް އިންތިހާއަށް ބައްޕަދެކެ ރުޅި އާދެވުނެވެ. މަންމަ ވީތަނެއް ހޯދާކަށްވެސް ހިތަކަށް ނޭރިއެވެ. އެމްބިއުލާންސް އައުމާއެކީ ހަމްޒާ އެއަށް އަރުވައިގެން ގެންދެވުނެވެ. އަންޖަލްއާ ސުނައިނާ ހަމްޒާއާއެކީ އެމްބިއުލާންސަށް އެރިއެވެ. މިރާޝް އޭނާގެ ސައިކަލު ނަގައިގެން އެމްބިއުލާންސްގެ ފަހަތުން ހޮސްޕިޓަލަށް ދިޔައެވެ.

ސުނައިނާ ލައިގެން އިން މުޅި ހެދުން ވަނީ ލެއިން ފޯވެފައެވެ. އަތާ މޫނުގަވެސް ލޭ ހުއްޓެވެ. އޮޕަރޭޝަން ތިއޭޓާރ ކުރިމާތީ ހުރި ގޮނޑިއެއްގައި އިށީންދެގެން އިންއިރު އެލޮލުން ކަރުނަ ހުސްނުވެއެވެ. މަންމަ ފަދައިން ކޮއްކޮވެސް އޭނާ ދޫކޮށްފައި ގޮސްދާނެތީ ސުނައިނާ ބިރުގަތެވެ. ހަމްޒާ ރަނގަޅުވާނެތޯ އެތަށް ފަހަރަކު މިރާޝް ގާތު އެހިއެވެ. މިރާޝަށް އެއިން އެއްފަަހަރުވެސް ދޭނެ ޖަވާބެއް ނޭންގުނެވެ. އަންޖަލް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު ހިތުން ދުޢާ ކުރެވެމުން ދިޔައީ ހަމްޒާ ސަލާމަތްވުމަށެވެ. ހަމްޒާއަކީ އޭނާއަށް ޚާއްސަ ފަރާތެވެ. އަބަދުވެސް އޭނާ އެމީހަކަށްޓަކައި އުއްމީދު ކުރިފަރާތެކެވެ. އެފަރާތެއް ނެތިގެން އެތަށް ފަހަރަކު މަންމައާ ބައްޕަ ގާތު ޝަކުވާކުރެވުނު ފަރާތެވެ. އަންޖަލްގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު ދަބަހުން ފޯނުނެގިއެވެ. ހަމްޒާގެ އެކްސިޑެންޓްގެ ޚަބަރު ރައިހާނާއަށް ދިނުމަކީ މުހިންމުކަމެއްކަމަށް އަންޖަލް ދެކުނެވެ. ރައިހާނާގެ ފޯނަށް ދެތިން ފަހަރު ގުޅާލުމުންވެސް ލިބުނީ އެއް ޖަވާބެކެވެ. ފޯނު އޮތީ ނިއްވާލާފައި ކަމަށެވެ. ވަރަށް ވިސްނުމަށްފަހު ތުރުތުރު ލާ އާތަކުން އަންޖަލް ރީހާންގެ ނަންބަރަށް ގުޅާލިއެވެ.

ރައިހާނާ ދިން ނަސެހަތުގައި ހިފައިގެން ރީހާން މަސައްކަތް ކުރަމުން ދިޔައީ އާއިލާއަށްޓަކައިވެސް އުފާވެރިކަން ދައްކާށެވެ. ޒާންއާ ރީހާން ތިބީ ފޯރިގާދަ ފީފާ މެޗެއް ކުޅޭށެވެ. ރައިހާނާވެސް ޕޮޕްކޯން ތަށްޓެއް ހިފައިގެން ސޯފާއަށް އަރާ އިނެވެ. ޒާންއާ ރީހާން ފޯރީގައި މެޗު ކުޅެމުން ދިޔައެވެ. ދޭތެރެއަކުން ކޮންމެސް އެކެއްގެ ހަޅޭކުގެ އަޑުއިވެެއެވެ. ރައިހާނާވެސް ފޯރިއަރާ ވަގުތު ހަޅޭއްލާވައިގަނެއެވެ. މެޗުގެ ފޯރީގައި ތިބުމުގެ ސަބަބުން ރީހާންގެ ފޯނު ރިންގް ވަމުން ދިޔައިރުވެސް ތިން ކުދިން ކުރެ އެކަކަށްވެސް ރޭކާނުލިއެވެ. ހުއްޓާ ނުލާ ދިހަ ވަރަކަށް ފަހަރު ފޯނު ރިންގުވިއެވެ.

އަންޖަލް ދިހަވަރަކަށް ފަހަރު ގުޅައިގެންވެސް ރީހާން ފޯނެއް ނުނެގިއެވެ. ރިންގްވެފައި ކޮންމެ ފަހަރަކުވެސް ކެނޑެނީއެވެ. ރީހާން ފޯނު ނުނެގުމުން އަންޖަލް ރުޅި ގަދަވިއެވެ. ބިންމަތީގައި ތެފައި ތަޅާގަނެވުނީ އައިސްފައި ހުރި ރުޅިންނެވެ.

އެގާރަ ގަޑި ބައިވުމާއެކު ނިދިއައިސްފި ކަމަށްބުނެ ޒާން ނިދަން ދިޔައެވެ. ރައިހާނާވެސް އާފުރޭތީވެ މައްޗަށް ދާން ސޯފައިން ތެދުވިއެވެ. ރީހާން ފޯނު ނަގާ ބަލާލިއިރު އަންޖަލްގެ ދިހަ މިސްޑް ކޯލްފެނި ދެލޯ ބޮޑުވިއެވެ. މިއޮށް ރޭގަނޑު ގަޑީ އެހާ ގިނަ ފަހަރު އަންޖަލް ގުޅާނީ ބޮޑު ކަމެއް ވެގެންނޭ ރީހާންގެ ހިތް ބުންޏެވެ. “ދޮންތީ” ސިޑިން ފައިބަން ދިޔަ ރައިހާނާއަށް ވައި އަޑުން ރީހާން ގޮވާލިއެވެ. ނިދިފައި އިނދެ ކަހަލަ ގޮތަކަށް ކހިނެއްވީތޯ ރައިހާނާ އެހިއެވެ. އަންޖަލްގެ ދިހަ މިސްޑް ކޯލް އިން ވާހަކަ ބުނުމުން ރައިހާނާގެ ނިދިވެސް ފިލިއެވެ. ދުވެފައި އައި ގޮތަށް އައިސް ރީހާން އަތުން ފޯނު އަތުލައި އަންޖަލްގެ ނަންބަރަށް ގުޅާލާފައި ސްޕީކަރަށް ލިއެވެ.
އަތުތެރޭ އޮތް ފޯނު ރިންގްވުމާއެކު އަންޖަލްއަށް ހިނގުން ހުއްޓާލެވުނެވެ. އަވަހަށް ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ. “މްމް. ސޮރީ އެގަޑީގަ ފޯނު ނުނެގުނީމަ. ނޭންގުނީ ގުޅިކަން. ކީއްވީ މާގިނަ ފަހަރު ގުޅާފަ އޮތީ؟” ރީހާންގެ އަޑުއިވުމާއެކު އަންޖަލްއަށް ދެލޯ މަރާލެވުނެވެ. މިއޮށް ހުރިހާ އިރު އަޑުން އަޑުނަގާ ނުރޯން އިނދެފައި ރޮއެގަނެވުނެވެ. އަންޖަލްގެ ވޭނީ ރުއިމުގެ އަޑުއިވިފައި ރީހާންއަށް ހީވީ އޭނާގެ ހިތަށް މީހަކު ފައިން އަރާ ޗިސްކޮށްލިހެންނެވެ. ކަންބޮޑުވުމާއެކު ކިހިނެއްވީތޯޯ އަހާލެވުނެވެ. ރައިހާނާވެސް އަންޖަލް ރޯތީވެ ކަންބޮޑުުވެ ހުރެ ވީ ކިހިނެއްތޯ އަހާލެވުނެވެ. “ހަމް…ޒާ..” އަންޖަލްއަށް ހަމައެކަނި ބުނެވުނީ އެހިސާބަށެވެ. އިތުރަށް އެންމެ ލަފްޒެއް ދުލުން ބޭރުކުރާނެހާ ހިތްވަރެއް ނުލިބުނެވެ. ކުރެވުނުހާވެސް ކަމަކީ ރުއިމެވެ.
ރައިހާނާގެ ހިތުގައި ނޭންގޭ ބިރުވެރިކަމެއް އުފެދުނެވެ. ހަމްޒާއަށް ޔަގީނުންވެސް ބޮޑުކަމެއް ވެއްޖެކަން އެނގުނެވެ. އެހެންނޫނިއާ އަންޖަލް ހަމްޒާއޭ ބުނެ އެވަރަކަށް ނުރޯނެއެވެ. ނޫނީ އަނެއްކާ ހަމްޒާ އަންޖަލްއާ ރުޅިވީ ބާއޭވެސް ހިތަށް އެރިއެވެ. ހިތާހިތުން ހަމްޒާއަށް ދެރަކަމެއް ނުވޭތޯ ދުޢާ ކުރެވުނެވެ. “ހަމްޒާ ކީއްކުރީ އަންކޮއަށް؟” ޖެހިލުންވެފައި އިނދެ ރައިހާނާ އަހާލިއެވެ.
ހަމްޒާ އޭނާއަށް ކަމެއް ކުރިނަމަވެސް މިހާރުގެ ހާލަތަށްވުރެ ހިތަށް މާ ފަސޭހަވީސްއޭ އަންޖަލް ހިތަށް އެރިއެވެ. ދެންވެސް ޖަވާބު ދިނުމުގެ ބަދަލުގައި އަންޖަލްއަށް ރޮވުނީއެވެ. ވީގޮތް ނުބުނެ އަންޖަލް ރޯތީވެ ރީހާން ގާތަށް ރުޅިއައެވެ. “ކިހާ ދެރަކަމެއް ވީގޮތެއް ނުބުނެ ރުޔަކަސް ނުވާނެ ދޯ. ކިހިނެއްތަ ވީ؟” ރީހާންގެ ރުޅިވެރި އަޑު އިވުމުން އިތުރަށް އަންޖަލްގެ ހިތުގައި ޖެހުން ނޫން ކަމެއް ނުވިއެވެ. އޭނާއަށް އަނގައިން އެންމެ ބަހެއްވެސް އިތުރަށް ބޭރުނުކުރެވޭނެކަން އެނގުމާއެކު ފޯނު ކަނޑާލުމަށްފަހު އަނގަމަތީގައި އަތް އަޅާލިއެވެ.
އަންޖަލް ރޯތަން ފެނި ސުނައިނާއަށް އަންޖަލް ގާތަށް ދެވުނެވެ. އަންޖަލް ރޯތަން ފެނުމުން އެހިތަށް ނުހަނު އަސަރުކުރިއެވެ. ހަމްޒާއާ އޭނާ ފަދައިން މިރޭ އަންޖަލްއަށްވެސް އެވަނީ ނުހަނު ބޮޑު ހިތާމައެއް ލިބިފައެވެ. އަޒްހަދް ކުރިކުށެއްގެ ސަޒާ އަންޖަލްއަށް ދޭކަށެއް ނުޖެހެއެވެ. ދެބެއިން އެކީގައި ބައްދާގެން ތިބެ ރޯ މަންޒަރު ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރިއެވެ. މިރާޝްވެސް ފެންކާޅިވެފައި ހުރެ އެ މަންޒަރު ބަލަމުން ދިޔައެވެ.

އަންޖަލް ފޯނު ކަނޑާލުމުން ރީހާންއަށާ ރައިހާނާއަށް ހައިރާންކަން ލިބުނެވެ. ދެމީހުންގެ ހިތުގައި އެތައް ސުވާލެއް އުފެދިގެން ދިޔައެވެ. ރީހާން އަންޖަލްއަށް ގުޅަން އުޅެނިކޮށް ދުވެފައި މައްޗަށް އެރި ޒާން ފެނުމުން ހުއްޓުން އެރިއެވެ. ޒާންގެ މޫނު މަތިން އިންތިހާ ދަރަޖައިގެ ނުތަނަވަސްކަން ފެންނަން ހުއްޓެވެ.
“ދޮންތީ ރީއްކޯ. ހަމްޒާބެ އެކްސިޑެންޓް ވެގެން އެބައުޅޭ. ވަރަށް ކްރިޓިކަލްއޯ ދޮންތަބޭ ދެންމެ ގުޅާފަ ބުނި” ރައިހާނާއަށް ހީވީ ކަންފަތް ދޮށުގައި ހޮނު ގުގުރިއެއް ޖެހިހެންނެވެ. މީހާގެ ހެއަށްވެސް ގޮތްނުވީ ކިރިޔާއެވެ. ސިކުނޑި މަސައްކަތް ކުރަންފެށީ އިރުކޮޅެއް ފަހުންނެވެ. މޫނުގައި އަތް އަޅައިގެން ހުރިތަނަށް ތިރިވެވުނެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ ފައިބާ ގަތެވެ. “ރީއްކޯ. ހަމްޒާ. ދޮންތި ގެންގޮސް ދީ ހަމްޒާ ގާތަށް” ރައިހާނާއާ އެއްވަރަށް ރީހާން އިށީނުމާއެކު ރީހާންގެ ޓީޝާޓް އަތަށް ބޮނޑިކުރިއެވެ. ހަމްޒާގެ އެކްސިޑެންޓްގެ ޚަބަރަކީ އެހިތަށް ބަރުދާސްތްކުރެވޭ ވަރަަށް ވުރެ ބޮޑު ޚަބަރަކެވެ. ރީހާން ރައިހާނާ ގެނަސް އޭނާގެ މޭތެރޭގައި ފޮރުވާލިއެވެ. ރައިހާނާގެ ހޫނު ކަރުނައިން ރީހާންގެ ޓީޝާޓް ތެމެމުން ދިޔައެވެ. އޭރުވެސް ރައިހާނާ ކިޔަމުން ގެންދިޔައީ ހަމްޒާ ގާތަށް ގެންގޮސްދޭށެވެ. ގިސްލަ ގިސްލާފައި ރައިހާނާ ރޯތަން ފެނި ރީހާންގެ ދެލޯވެސް ފެންކަޅިވިއެވެ. އޭނާގެ ދޮންތި ފަދައިން އަންޖަލްވެސް ރޯނެކަން އެނގުމާއެކު ރީހާންގެ އަނގައިން މަޑު އާހެއް ނުކުމެގެން ދިޔައެވެ. އޭނާ އެންމެ ލޯބިވާ ދެއަންހެން ކުދިން އެއްފަހަރާ ހިތާމަ ކުރާތަން ބެލުމަކީ ރީހާންއަށް ކެއްވާނެ ވަރުގެ ކަމެއް ނޫނެވެ. ރައިހާނާ ގިސްލާފައި ރޮމުން ދިޔައިރު ރައިހާނާ މަސަލަސް ކުރާނެ އެއްވެސް ގޮތެއް ރީހާންއަކަށް ނޭންގުނެވެ.

ވިޝާހްއަށް ހަމްޒާގެ އެކްސިޑެންޓްގެ ޚަބަރު ލިބުމާއެކު ވަގުތުން ހުޅުމާލެއަށް ދިޔައެވެ. ހަމްޒާއަށްޓަކައި ވިޝާހްއަށްވެސް ހެޔޮ ދުޢާ ކުރެވުނެވެ. ހަމްޒާ އޮތް ގޮތް ފޮޓޮއާކުން ވިޝާހްއަށް ވަނީ ފެނިފައެވެ. ފިރިހެނަކަށްވިއަސް އޭނާއަށްވެސް ރޮވުނެވެ. ރިސްޕްޝަންގައި އިން ކުއްޖާ ގާތުން މަޢުލޫމާތު އިޅުން ފިލުވިއިރުވެސް އޭނައަށް ހުރީ ރޮވިފައެވެ. ދުވަމުން ކަހަލަ ގޮތަކަށް އެކުއްޖާ ބުނި ތަނަށް ދިޔައިރު ޝިމާންއާ ސަރްވާވެސް ތިއްބެވެ. ސަރްވާ ގައިގައި އޮޅުލައިގެން އިނދެ ކުޑަ ކުއްޖަކު ފަދައިން ޝިމާންވެސް ކަރުނަ އޮއްސަމުން ދިޔައެވެ. ސުނައިނާ ގައިގައި ބައްދާލައިގެން ރޯންއިން އަންޖަލް ފެނުމުން ވިޝާހްއަށް މޭގައި އަތް އަޅާލެވުނެވެ.
ޑޮކްޓަރު ނިކުތުމާއެކު އެންމެންނަށް އެއްފަހަރާ ތެދުވެވުނެވެ. ކޮންމެ މީހަކުވެސް ޑަކުޓަރުގެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދިޔައެވެ. ޑަކުޓަރުގެ މޫނު މަތިން އޭނާ ދޭން އުޅެނީ އުފާވެރި ޚަބަރެއް ނޫންކަން އެނގެއެވެ.

ރައިހާނާ ކުއްލިއަކަށް އިނދެފައި ރީހާންއާ ދުރަށް ޖެހިލިއެވެ. އަދި ލޮލުން ކަރުނަ ފުހެމުން ރީހާން ފޯނު އަތުލާ ރުހާމްއަށް ގުޅިއެވެ. ރައިހާނާ އުޅެމުން ދިޔަ ގޮތް ބަލަން ހުރި ޒާން ހުރީ ފާޑަކަށް އަނގަ ހުޅުވިފައެވެ. ރައިހާނާއަށް އެހާވަރު އެވީ ކީއްވެތޯ ހިތާހިތުން ސުވާލުކޮށްލެވުނެެވެ.
“ހަލޯ ބައްޕާ. ރައިބޭނުން އެންމެ އަވަހަަށް ދާ ފްލައިޓުން މާލެ ދާން ޕްލީޒް ރީއްކޮއަށާ ދެމީހުންނަށް ޓިކެޓް ނަގައިދީބަ ޕްލީޒް” ރޮމުން ރޮމުން ރައިހާނާ ރުހާމް ގާތު މާލެދާން ޓިކެޓެއް ނަގައި ދިނުމަށް އެދުނެވެ. ރައިހާނާ އެވަރަށް ރޯތީވެ ރުހާމް ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ. ރައިހާނާގެ އެދުމަށް އާއެކޭ ބުނީވެސް އެހެންވެއެވެ. ނަސީބަކުން އެރޭ ބާރަ ޖަހާއިރު އިން ފްލައިޓިން ރީހާންއަށާ ރައިހާނާއަށް ޓިކެޓް ލިބުނެވެ. ކުޑަ ގޮތަކަށް ތައްޔާރުވެލައިގެން ދެކުދިން އަވަހަށް އެއާޕޯޓަށް ދިޔައެވެ. ރީހާންއާ ޒާން އެދުމުން އެކަކުވެސް ރައިހާނާއަކާ ސުވާލެއް ނުކުރެއެވެ. އެއާޕޯޓްގައި އިނދެފައި ރައިހާނާ ފޯނު ހުޅުވާފައި އަންޖަލްއަށް ގުޅާލިއެވެ.
ޑަކުޓަރު ދިން ޚަބަރަކުން އެންމެނަށްވެސް ހީވީ ފައިދަށުން ބިންގަނޑު ކަނޑާގެން ދިޔަހެންނެވެ. ހަމްޒާ ބޮލަށް ލިބިފައި ހުރި އަނިޔާގެ ސަބަބުން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ސަލާމަތްވިއަސް ހަމްޒާ ކުރިން އުޅޭހެން ކުޅެދޭ މީހެއްގެ ގޮތުގައިވެސް އުޅުމުގެ ފުރަސަތު ވަރަށް ކުޑަކަމަށް ޑަކުޓަރު ބުންޏެވެ.
ރައިހާނާ ގުޅުމުން ފޯނުނަގާނެހާ ހިތްވަރެއް އަންޖަލްއަކަށް ނުލިބުނެވެ. ފޯނު ކަނޑާލެވުނީ އެހެންވެއެވެ.

ޭހަމްޒާގެ އެކްސިޑެންޓްގެ ޚަބަރު އަޒްހަދްއަށް ލިބުނީ ޒައިދް ގުޅާފައި ބުނުމުންނެވެ. އަޒްހަދް އަވަސްވެ ގަތީ ހޮސްޕިޓަލަށް ދާށެވެ. ހޮސްޕިޓަލާ ހަމައަށް ގޮއްސައިވެސް އަޒްހަދްއަކަށް ވަންނާކަށް ނުކެރުނެވެ. އޭނާގެ މޫނު ދެކޭކަށް ސުނައިނާ އެއްގޮތަކަށް ވެސް ނޭދޭނެކަން އެނގެއެވެ. ހޮސްޕިޓަލް ގޯތި ތެރޭ ހުރި ފާރުބުރިއެއް މަތީ އަޒްހަދްއަށް އިށީންދެވުނެވެ. އޭނާ އަންޖަލްއާ ރާނިޔާ މަތިންވެސް ހަނދާންވީ ދެނެވެ. މޫނު ގައިއަތް ހާކާލެވުނީ އެދެމައިން ވީތަން ހޯދަން ޖެހޭނެތީއެވެ.

ބޯޓި ޖެއްސިއިރު ޝައުފާއާ ރުހާމް ތިބީ ރައިހާނާއާ ރީހާން ބަލާ އައިހެވެ. ރުއިމުގެ ސަބަބުން ރައިހާނާގެ މޫނު ވަނީ ރަތްވެ ވަރަށް ބޮޑަށް ދުޅަވެފައެވެ. ރުހާމް ގާތަށް ގޮސް ރައިހާނާ އެދުނީ ޓްރީޓޮޕސް ހޮސްޕިޓަލަށް ގެންގޮސް ދިނުމަށެވެ. “ދަރިފުޅާ. ހަމަޖެހިބަ. ތިރުއިން ހުއްޓާލާފަ ބައްޕަމެން ގާތު ވީގޮތް ބުނެބަ” ރުހާމް ލޮތްބާއެކު ރައިހާނާ ގާތުއެހިއެވެ. “ބައްޕާ ހަމްޒާބެ އުޅެނީ ވަރަށް ބޮޑު އެކްސިޑެންޓެއް ވެގެން” ރައިހާނާގެ ބަދަލުގައި ޖަވާބު ދިނީ ރީހާންއެވެ. ޝައުފާއަށާ ރުހާމްއަށްވެސް ލިބުނީ ޝޮކެކެވެ. އިތުރު ސުވާލެއް ނުކޮށް ދެމީހުންވެސް އެދެކުދިން ގޮވައިގެން ކާރަށް އެރީ ހޮސްޕަޓަލަށް ދިއުމަށެވެ.
ހޮސްޕިޓަލް ކުރިމައްޗަށް ކާރު ކިރިޔާ މާޑުކޮށްލި ކަމެއް ނޭންގެ ރައިހާނާ ފައިބައިގެން ދުއްވައިގަތެވެ. ރައިހާނާ އުޅެމުން ދިޔަ ގޮތުން ޝައުފާއާ ރުހާމް ތިބީ ކަންބޮޑުވެފައެވެ. ރައިހާނާގެ ފަހަތުން ރީހާންވެސް ދުއްވައިގަތެވެ.
އެތެރެއަށް ވަންނަން ދިޔަ ރުހާމްއާ ޝައުފާއަށް އަޒްހަދް ފެނުމާއެކު ދެމީހުންނަށް ނަޒަރެއް ދެވުނެވެ. އަޒްހަދް އިން ގޮތުން ރުހާމްއާ ޝައުފާ އެތެރެއަށް ވަނުމުގެ ބަދަލުގައި އަޒްހަދް ގާތަށް ދިއައެވެ.
ދުވަމުން ލޮލުން ކަރުނަ ފުހެމުން އެތެެރެއަށް ވަން ރައިހާނާ އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ބުދެއްހެން ގޮނޑީގައި އިން އަންޖަލްގެއެވެ. ރައިހާނާ އައި ގޮތް ފެނުމުން އަންޖަލްއަށް ގޮނޑިން ތެދުވެވުނެވެ.
ކޮންމެ މީހަކު ކޮންމެ އެއްޗެއް ހީކުރިއަސް އޭނާއަށް ހެޔޮއެވެ. ހަމްޒާއަށް ޓަކައި އެހިތުގައި ވީ ލޯބި އިތުރަކަށް ދެނެއް ނުފޮރުވޭނެއެވެ. ހަމްޒާ އަބަދަށްޓަކައި ވަކިވެދާނެތީ ރައިހާނާ ބިރުގަތެވެ. ސަރްވާއަށްވެސް ރައިހާނާ ފެނުމުން ކޮޅަށް ތެދުވެވުނެވެ. ޝިމާންގައިގައި ކޮށްޓާލާފައި ރައިހާނާ ދައްކާލިއެވެ.
“ކޮބާ ހަމްޒާ. އަންކޮ ހަމްޒާ އޯކޭތަ؟” އަންޖަލް ގައި ހިފައި ތަޅުވައިގަންނަމުން ރައިހާނާ އެހިއެވެ. ރައިހާނާ އުޅެންފެށި ގޮތުން ރީހާންއާ ވިޝާހް ފިޔަވާ ދެންތިބި އެންމެން ހައިރާންވިއެވެ. ވަކިން ޚާއްސަކޮށް އަންޖަލްއެވެ. ރައިހާނާގެ އެއްވެސް ސުވާލަކާށް ދޭނެ ޖަވާބެއް އެކަކު އަތުގައިވެސް ނެތެވެ. “އަޅޭ ކޮންމެސް މީހަކު ބުނެބަ ހަމްޒާ ރަނގަޅޭ. ހަމްޒާއަކަށް އެއްވެސް ގޮތެއް ނުވެޔޭ” ގިސްލަމުން ރައިހާނާ ހަޅޭއްލަވައިގަތެވެ. މޮޔައަކުފަދައިން ބޮލުގައި ދެއަތުން ހިފަހައްޓައިގެން އިނދެ ރައިހާނާ ހަޅޭއްލެވިއެވެ. މިވަގުތި ވާ އެއްވެސް ކަމެއް ރައިހާނާއަކަށް ނުވިސްނެއެވެ. ހަމްޒާގެ ހާލެއްނޭންގޭތީ މުޅި ކުއްޖާ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ރީހާން ގޮސް ރައިހާނާ ގައިގައި ހިފެހެއްޓިއެވެ. “ދޮންތި ހަމްޒާބެ އިޒް ފައިން” ރީހާން ދެތިން ފަހަރު އެހެން ބުނުމުން ރައިހާނާ ރުއިން ހުއްޓާލިއެވެ. ރައިހާނާ އުޅެމުން ދިޔަ ގޮތްފެނި އަންޖަލްގެ ބޯ ހާސްވިއެވެ. ހަމްޒާއާ ހެދި އެވަރަކުން ރައިހާނާ އުޅޭތަން ފެނުމުންނެވެ. ވިސްނަންވީ ކިހިނެއް ކަމެއް އަންޖަލް އަކަށް ނޭންގުނެވެ.
“ވަރަށް އަވަހަށް އޭބީ ނެގެޓިވް ލޭ ޕޭޝަންޓަށް އެބަ ބޭނުންވޭ.” ނަރުހަކު ނިކުމެފައި ބުންޏެވެ. އޭބީ ނެގެޓިވްއަކީ އެންމެ ހޯދަން އުނދަގޫ ވައްތަރުގެ ލޭކަމުން އެންމެންގެ މޫނަށް ހާސްކަން ވެރިވިއެވެ. ސުނައިނާއަށް އަންޖަލްއާ ދިމާއަށް ބަލާލެވުނެވެ. އަންޖަލްއަށް ދެފަރާތަށް ބޯހޫރާލެވުނީ އޭނާ ގައިގައި ހުންނަނީ އޭބީ ނެގެޓިވްލެއަށް ނުވީމައެވެ.
“އައި ހޭވް އޭބީ ނެގެޓިވް” ކުއްލިއަކަށް ފުންމައިގެން ރައިހާނާ ތެދުވިއެވެ. ހަމްޒާއަށް ލޭހަދިޔާ ކުރެވޭނެތީ ރައިހާނާގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ލޯބިވަން

Next

ނަފްރަތުވުމުން…..3

Next
May 24, 2019

ނަފްރަތުވުމުން…..3

Previews
May 23, 2019

ލޯބިވަން

20 Comments!

  1. Hana says:
    May 23, 2019 at 11:58 pm

    Dhen kihinehbaa vaany pls hamza salaamaih kurahchey and raihanaa aw gulhuvaba avahah.

  2. Kiyara says:
    May 24, 2019 at 12:04 am

    Salam all Here is 31st part of bunaashey lobi nuvanyhey. Hurihaa kudhinnah ves mi part kamudhaane kamah ummedhu kuran. Next part Tuesday ga

  3. Molo says:
    May 24, 2019 at 12:08 am

    Tuesday ah Varah kurin please up kohlahcheyy

  4. Junkook says:
    May 24, 2019 at 12:10 am

    Alhey Varah sad mi bai ekam vess reethi hamzaa salaimah kurahhchey kohfa Raihaanaa aa gulhuvaaba avahah ????

  5. Ibsha says:
    May 24, 2019 at 12:24 am

    Varah reethi

  6. Shix says:
    May 24, 2019 at 12:55 am

    Alhey hamza salaamai kohdhehchey plx n raihaana ar dhemyhun gulhuvahchey…

  7. Ammi says:
    May 24, 2019 at 1:05 am

    Wow… v salhi mi part vx?

  8. Dhonthee says:
    May 24, 2019 at 1:09 am

    Alheyy kiyaaraa
    Hamza salaamai vaanetha??? Raihaanaa ehaa bodau dhera nukurachchey….Hamza auves ehaa bodu gellumeiy nudhechchey

    Anyways mi part ves hama varaha reethi ingey????Ekamaku mi part kiyaa nimunuiru vvvv curious vefa mi hunnanee?????Dhen oiy part kiyaahithun….Lasnukoh dhen oiy paer genesdhechchey kiyaa dear?????This is my favourite story????And i appreciate your hard work?????
    Take great care kiyaaraa????????????????????????????
    And i love you sooooo much????????????????????????????????????????????????????❤❤❤❤❤??????????????

    1. Dhonthee says:
      May 24, 2019 at 1:11 am

      Sorry…not paer
      *part???????

  9. inaak says:
    May 24, 2019 at 3:16 am

    Alheyy haadha sad koh evy… Kiyaa..hamxa ah dhera gotheh nahadhahchey ingey.. n hamxa hey araairah raii ah govaalabala.. eyrun ingeyne enmenn ah u two loabii vaakan.. just hope hamxa k vaane kamah.. curiously waiting for the nxt prt… Thankolheh avahah up koh dhehchey ingey kiyaa… Cn’t wait to knw wht will happen… Luvv y kiyaa

  10. azuker says:
    May 24, 2019 at 4:14 am

    noooo??????thihen nuhadhaaaa hamxa ah….. i might die if he dies……. kiyaraaa noooo… pls hamxa bali myhehkamuga nulaathi… ???

  11. ??? says:
    May 24, 2019 at 4:26 am

    ??Haaaa kihineh miviii hithah vess thadhu vehjje..? Kobaa ehme fahun Rai hama aiii dw hamza kairi ah vvvvv rythi mibaii❤️❤️❤️

  12. Lilly Aish says:
    May 24, 2019 at 4:49 am

    Please save Hamzaa ???? I do not want everyone one to cry especially Raihaanaa. ???????

  13. Reeenn says:
    May 24, 2019 at 10:10 am

    Alhey haadha reethi yey mi part vx
    Masha Allah…
    N vvv Las ei Tuesday igey
    Thankolheh avahah up kohdhybaa PLXXXXXX????

  14. jiji says:
    May 24, 2019 at 10:13 am

    Kiyaaaa nooooooooo???????…plc hamza die nukurahce nd Nukulhudhey meeheh gothah Nahadhahchey…Hama rovey varu v mi part kiyaaha…Kiyaa yuh r amazing..hehe..I really Appreciate yuhr hard workk…TC n LY????????

  15. Mal? says:
    May 24, 2019 at 12:25 pm

    ?? Pls save hamza.. Vv reethi mi part vas

  16. Mary says:
    May 24, 2019 at 1:11 pm

    Reethi, ley hodhan haadha lahu bunii, Accident vegen theater ah veddhifahun etha gadi iru fahun male ah rihana menna e edhevunii, e thankolhu hama eh nujehey.

  17. ??? says:
    May 24, 2019 at 2:18 pm

    Plz tuesday ge kurinn next part up kohdhybala!! ???

  18. Shua says:
    May 24, 2019 at 5:22 pm

    Noooo kiyaa pls hamzaa maruviyanudheyythi??

  19. Kitty says:
    May 25, 2019 at 11:39 pm

    Nooooooo… This can’t happen… Kitty roe halaaku mi vany heyo nuvaane plx hamza ah dhera gotheh nahadhahhche.. Alheyyy noo????

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ….32←


All Right Reserved!