އޯގާވީ ހިތަކުން…50
ދެމަސް ފަސް…
އުޑުމަތި ބައްދާލާފައި ހުރި ވިލާތައް ފޫއަޅުވާލަމުން ދުރުދުރަށް ދާންދެން އިރުގެ ރަން ދޯދިތައް ފެތުރިގެން ދިޔައިރު ފަޒާގައި ހަރުލާފައި އޮތް ގަދަ ފިނިކަމަށް ވެސް ލަސްލަހުން ނިމުން އަންނަމުން ދިޔައެވެ. ފަތިހު ވެހުނު ވާރެއާއެކު މަގުތަކުގައި ބޮޑެތި ފެން އާރުތައް ހެދި ހިނގަން އުނދަގޫވާވަރު ވެފައި ވެއެވެ. ނަމަވެސް އިރުގެ ގަދަ އާތްވާއެކު އެފެން އާރުތައް ވެސް ހިނދިގެން ދިޔައީއެވެ.
ހެނދުނު އިރުއެރީއްސުރެ ގެއަށް ވެރިވެފައި ވަނީ ހަލަބޮލި ކަމެވެ. ގަޑިއަށް ކައިވެނީގެ ހުރިހާ މަސައްކަތެއް ނިންމާލުމަށް އަޒުމު ކަނޑައަޅައި އެންމެންވެސް އެމީހަކާއި ހަވާލުކުރެވުނު މަސައްކަތާއިގެން އުޅެއެވެ.
ރޫޔާ ސޯފާގައި އިށީންދެލައިގެން އިންއިރު ހުރިހާ ދިމާއަކަށް ނަޒަރު ހިންގައެވެ. އެންމެން މަސައްކަތުގައި އުޅޭތީ އޭނަ ހުރީ ފޫހިވާ ގޮތްވެފައެވެ. ނަޒްޔަކް ވެސް ބާޒާރަށް ދިޔަ ގޮތަށް ޚަބަރެއް ނުވިއެވެ. ގުޅާގުޅާ ފޯނު ވެސް ނެގީކީ ނޫނެވެ. އީނާ ވެސް އުޅެނީ ކުލްޘޫމްއާއެކު ޑެކެރޭޓަރުންނަށް އިރުޝާދު ދިނުމުގައެވެ. ރޫޔާ އިނީ ފޫހިވެގެން ގޮސް މަރުވާވަރު ވެފައެވެ. އޭނައާއި އެއްވެސް މަސައްކަތެއް ހަވާލުނުކުރެވުނު ތާންގައި އޭނައާ އަނގަތަޅާލާނެ މީހަކު ވެސް ނުވިއެވެ.
”ނިކްއަށް ގުޅަންވީ ކަންނޭގެ، މިހާރު ދެގަޑިއިރު ވެދާނެ ފިހާރަޔަށް ދިޔަތާ….” ރޫޔާ ފެންޑާއާއި ދިމާއަށް ހިނގައިގަންނަމުން އޭނަގެ ފޯނު ނެގިއެވެ. ނަސީބަކުން ގުޅާލިއިރަށް ނަޒްޔަކް ފޯނު ނަގައިފިއެވެ.
”ކޮންތާކުތަ ތިހިރީ؟…. އަހަރެން ފޫހިވެގެން ގޮސް މަރުވާވަރު އެބަވޭ، ޕްލީޒް އަވަހަށް އާދެބަލަ، އެންމެންވެސް ނުލާހިކު ބިޒީ….” ރޫޔާ ބުނެލިއެވެ.
”ފަސް މިނެޓް ތެރޭގަ އަންނާނަން…. މިއަދު ހާދަ ވަރަކަށޭ އަހަރެން މަތިން މިސް ތިވަނީ….” ނަޒްޔަކް ބުނެލިއެވެ. ”ދެން އަވަހަށް އާދެބަލަ….” ރޫޔާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ރަކި ހިނިތުންވުމެއް ވެސް އެތުންފަތުގައި ކުޅެލަމުން ދިޔައެވެ. އޭނަ ނިކަން އަވަހަށް ފޯނު ކަނޑާލީ ނަޒްޔަކް ކޮންމެވެސް ލާނެއް ވާހަކައެއް ފަށާނެކަން އިނގޭތީއެވެ.
ރޫޔާ ގޮސް އެތާ ހުރި އުނދޯލީގައި ޖައްސާލާއިރަށް އެތެރެއަށް ވަދެގެން އައި ތާރާ ފެނި ގޮވާލެވުނެވެ. ”ތާރާ މިގަޑީގަ؟…. އިސް އެވްރީތިންގް އޯކޭ؟….” ރޫޔާ ޚައިރާންކަމާއެކު އަހާލިއެވެ. އޭނަ ހީކުރީ އޮފީހުގައި މައްސަލައެއް ދިމާވީ ކަމަށެވެ.
”އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަގަޅު، މިއައީ ރޫގެ ޕެންޑްރައިވް ދޭން، އިއްޔެ މާ އަވަސް އަރުވާލާފަ ދިޔައިރު ދިޔައީ މީތި ބާއްވާފަ، ބްރޭކްގަޑީގަ ގެއަށް ދަނިކޮށް ހިތަށް އެރީ ރޫއަށް މީތި ދީފައޭ ދާނީ…. ނަސީބެއް އަހަންނަށް މީތި ފެނުނުކަން، އެއުޅޭ ޒެލީން ގަނޑަށް ފެނުނަމަ ނުބައި ފައިދާއެއް ނެގީސްކަން ނޭގެ….” ތާރާ އޭނަގެ އަތްދަބަސް ތެރެއިން ޕެންޑްރައިވެއް ނަގާ ރޫޔާއަށް ދިއްކޮށްލިއެވެ.
”ތޭންކްސް…” ރޫޔާ ބުނެލިއެވެ.
”ރޫ ކީއްވެތަ އެ ޒެލީން ގަނޑަށް އިންވިޓޭޝަން ކާޑު ދިނީ؟…. އިނގެޔެއްނު އޭނަގެ ގޮތް، އަނެއްކާ މިރޭ ވެޑިންގްއަށް އައިސް ކަމެއް ނުހިންގިއްޔާވެސް ރަގަޅު، ޔޫ ނޯ ވަޓް؟ ޝީ އިޒް ޓޯޓަލީ އިންސޭން، އޭނަ ކޮންމެ ފަދަ ކަމެއް ވެސްކޮށްފާނެ، ބީ ކެއާރފުލް….” ތާރާ އޭނަގެ މައުޟޫޢަށް ޖެހިލައިފިއެވެ. އޭނަ ކޮންމެހެން އެގެއަށް އައީ އެޕެންޑްރައިވް ދޭކަށެއް ނޫނެވެ. ރޫޔާ ޒެލީންއަށް އިންވިޓޭޝަން ކާޑު ނިދުމުން އެކަން ހަޖަމު ނުކުރެވިގެންނެވެ. އިއްޔެ އެވާހަކަ ދައްކާލާނެ ފުރުސަތެއް ވެސް އޭނައަށް ނުލިބުމާ އެކުގާވެސް މެއެވެ.
‘އެންމެހާ މުވައްޒިފުންނަށް އިންވައިޓްކޮށްފަ ޒެލީންއަށް އިންވައިޓް ނުކުރީމަ މުވައްޒަފުން ފާޑުފާޑުގެ ވާހަކަ ދައްކާނެ….. އެންޑް ޒެލީންއަކީ ނިކްގެ ޕާސްޓް…….” ރޫޔާ އިތުރަށް ޒެލީންގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ނަޒްޔަކް ވަނީ އޭނައަށް ޒެލީންގެ ހަޤީޤަތް ކިޔަދީފައެވެ.
”ސީރިޔަސްލީ…. ޔޫ ޓްރަސްޓް ހާރ؟…. އެ ބޮޑު ނާގަ ހަރުފައެއް، ކޮންމެ ފަދަ ވަގުތެއްގައި ވެސް ރޫއަށް ހަމަލާދީފާނެ، އޮފީހުގަ އުޅޭއިރުވެސް އެނަ ޖައްސާ ހުތުރު ވައްތަރު ފެނިވެސް ބޮލަށް އުނދަގޫވޭ……” ތާރާ ބުންޏެވެ.
”ތާރާ ދެން އެކަމާމެދު ނުވިސްނަމާ…..” ރޫޔާ ބުންޏެވެ. ތާރާގެ ވާހަކަތަކުން ކުށެއް ކުރެވިއްޖެކަމަށް ރޫޔާގެ ސިކުނޑިން ސިގްނަލް ދިނެވެ. ހަޤީޤަތުގައި ވެސް ޒެލީން ފެނި އޭނަގެ ހިތުގައި ބިރުވެރިކަން އުފެދެއެވެ. އަދި ހަމައެއާއެކު ޒެލީން އަކީ ބުއްދިހަމަނުޖެހޭ މީހެއްކަން އެނގުމުން އެބިރުވެރިކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ.
”ދެން ދަނީ، މިރޭ މީޓް ވާނެ….” ތާރާ ގަޑި ބަލާލަމުން ދާން ހިނގައިގަތެވެ.
ތާރާ ދިޔަތާ މާގިނަ އިރެއް ނުވެ ނަޒްޔަކް އަތުވެއްޖެއެވެ. އެކަނިމާއެކަނި އުނދޯލީގައި އިން ރޫޔާ ފެނި ނަޒްޔަކްގެ ތުންފަތްމައްޗަށް ވެރިވެގެން ދިޔައީ ލާނެއް ހިނިތުންވުމެކެވެ. ލަސްފިޔަވަޅުތަކެއްގައި އޭނަ ފުރަގަހުން ގޮސް ރޫޔާގެ ލޯމަތީގައި އަތްއެޅިއެވެ. ”ކޮންކަމަކަށްތަ ގެއްލިފަ ތީނީ؟….” ނަޒްޔަކް ރޫޔާގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ. ނަޒްޔަކްގެ އަޑު ދާދި ގާތުން އިވި ރޫޔާގެ ގައިން ހީބިހި ނެގިއެވެ.
”ނަތިންގް….” ނަޒްޔަކް އޮނދޯލީގައި އިށީނުމުން ރޫޔާގެ އަތްތިލައަށް ފިނިކަމެއް ސަވާރުވެގެން ދިޔައެވެ. އޭނަ ދެއަތް ޖޯޑުކޮށްލަމުން ފުންނޭވާއެއް ލިއެވެ.
”ހުވަފެނެއް ހެން ދޯ ހީވަނީ؟….” ނަޒްޔަކް ރޫޔާގެ އަތްތިލައިގައި ހިފާލިއެވެ.
”ހޫމްމްމް….” ކުރު ޖަވާބެއް ދެމުން ރޫޔާ ނަޒްޔަކްގެ ދެލޮލަށް ބަލާލިއެވެ. އެދެލޮލަށް ބަލާލުމުން އޭނަ ހާސްކުރަމުން ދިޔަ ހުރިހާ ކަމެއް މަތިން ހަނދާން ނެތިގެން ދިޔައެވެ. އެދެލޮލުން ފެނުނު ލޯބީގެ ސަބަބުން ހިތަށް ފިނިކަމެއް ލިބުނެވެ. ނަޒްޔަކްގެ ލޯބި އޭނައަށް ތާއަބަދު ލިބޭނެމަ އޭނަ ކޮންމެ ކަމަކާއި ވެސް ކެރިގެން ކުރިމަތިލާނެއެވެ. ދެމީހުންގެ އުފާވެރި ހަޔާތަށް އެއްވެސް މީހެއްގެ ހިޔަނިވެސް އެޅުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ.
****
ރުޅިއައިސް ރަތްވެފައިވާ ދެލޮލުން ޒެލީން އޭނަގެ އަތުގައި އޮތް ކާޑަށް ބަލަމުން ދިޔައެވެ. ގުޅައަކަށް ލަމުން އޭނަ އެކާޑު ނަގާ ހޫރާލިއެވެ. އެއީ އޭނަގެ މޭގަނޑަށް ވަރުގަދަ އެތިފަހަރެއް ވީއްލަލި އެއްޗެކެވެ. ލޮލަށް ގިނަވެގަތް ކަރުނަތައް އޭގެ މަގާމް ދޫކޮށް ފައިބަން ފެށިއިރު އެމަންޒަރު ފެނި ހިލަހިތެއްގެ ވެރިޔަކަށް ވެސް އަސަރުކުރާނެއެވެ. ސިކުނޑީގެ ނާރުތަކަށް ބާރުވެ ފަޅާއިގެން ހިނގައިދަނެހެން ވެސް ހީވިއެވެ. މަޑުތުރުތުރުލުމެއް އުފެދިގެން ދިޔަ ތުންފަތުގެ ތެރޭން ވޭނީ އާހެއްގެ އަޑު ބޭރުވިއިރު ޒެލީންގެ ހިތްވަރު އެލިއްޖެއެވެ. އޭނަ ވަރަކަށް ރުޔެވެ. ގިސްލިއެވެ.
”ވައި އާރ ޔޫ ޑުއިންގް ދިސް ޓު މީ؟…. އަހަރެންގެ ފަރާތުން ބަދަލު ހިފަންތަ؟ ނިކްއަށް ނުވިސްނެނީ ކީއްވެތަ؟ އަހަރެން ލޯބި ވާވަރު އިހުސާސް ނުކުރެވޭތަ؟….. ޕްލީސް ޑޯންޓް ޑޫ ދިސް!…..” ޒެލީން އެނދަށް ވެއްޓިގަނެ ބަނާތު ގެނެސް މޫނު ފޮރުވާލިއެވެ. ނަޒްޔަކް އެހެން މީހެއްގެ ހައްޤަކަށް ވާތަން ދެކެން ކެތްނުކުރެވޭނެއެވެ. ރޫޔާ އޭނައަށް އެކާޑު ދިނީ ގަސްދުގައި އޭނަ ރޮއްވާލަން ކަން ޔަޤީނެވެ. ނުލަފާ އަންހެނެކެވެ.
”އަހަރެންގެ އުފާތައް ފޭރިގަނެ ކަލެއަކަށް ވެސް ދުވަހަކު އުފަލުގަ ނޫޅެވޭނެ…..” ޒެލީން ރޫޔާއާއި ދިމާއަށް ހިތަށް އައިހާއެއްޗެއް ގޮވާލާފައި އެވަރުންވެސް ހިތަށް ފިނިކަމެއް ނުލިބުމުން ބަދުދުޢާކުރަން ފެށިއެވެ. ރޫޔާ މަރުވާނެހެން އޭނަ އެތައް ފަހަރަކު ބަދުދުޢާކުރިއެވެ. ނަފްރަތުގެ ދިލަހޫނުކަމުގެ ތެރޭގައި އޭނަ ވަނީ ރަގަޅަށް ވެސް ދުނިޔެއިން މޮޔަވެފައެވެ.
އިރުއޮއްސި އަނދިރިކަން ވެރިވާން ފެށިއިރު ވެސް ޒެލީން އޮތީ ވިސްނާށެވެ. ރޮއިރޮއި ދެލޯ ދުޅަވެފައި ވެއެވެ. އޭނަ ކޯތާފަތް ފޮހެލަމުން ތެދުވެ ފުން ނޭވާއެއް ލިޔެވެ. މިހުރިހާ އިރު ވިސްނާލުމަށްފަހު އޭނަ ނިންމީ އެކައިވެންޏަށް ދާށެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނަ އެދެމެދަށް ޒަހަރު ލާނެއެވެ. ލޯބި ހާސިލުކުރަން ނުބައި ބައި ކުޅެން ޖެހުނަސް އޭނައަށް ހެވެވެ. ރޫޔާގެ ސިކުނޑިއާއި ކުޅެލެވޭނެ ފަދަ ރޭވުމެއް ވެސް އޭނަ ތައްޔާރު ކުރިއެވެ.
****
ހުދާއި ޕީޗް ކުލައިގެ ”ބޯލްގައުން” ގައި ރޫޔާ ވަރަށް ވެސް ފުރިހަމައެވެ. ހެދުމާއި ގުޅޭ ގޮތަށް ލުއި މޭކަޕެއްކޮށްފައި ވާއިރު ދެއްކުންތެރިކަމެއް ނެތެވެ. ޕީޗް ކުލައިގެ ބުރުގާ އަޅާނިމުނުއިރު ވަގުތު އޮތީ ކުޑަތަންވެފައެވެ. ބިއުޓީޝަނުން ދިއުމާއެކު ރޫޔާ އަވަސް އަވަހަށް ގަޑިބަލާލިއެވެ. އޭނަ ދެތިން ފަހަރު ލޯގަނޑުން އޭނަގެ ސޫރައަށް ބަލައިލަމުން ދެއަތް ޖޯޑުކޮށްލިއެވެ. ހިތް އަވަސްވެފައިވަނީ ވެސް އިންތިހާއަށެވެ. އީނާ ވެސް ދިޔަ ގޮތަށް ޚަބަރެއް ނުވުމުން ރޫޔާ ހުރީ ވާހަކަ ދައްކާލާނެ މީހަކުވެސް ނުވެފައެވެ. އަދި ހަމައެއާއެކު ފާއިތުވެގެންދާ ކޮންމެ މިނެޓަކާއެކު އޭނަގެ ހިތް އާދަޔާ ހިލާފް ބާރުމިނެއްގައި ތެޅިގަނެއެވެ. މިކަމުގެ ސަބަބުން ރޫޔާ ހުރީ ހިސާބަކަށް ކަންބޮޑު ވެފައެވެ.
ފުރުސަތަކަށް ބަލަބަލާ ހުރި ޒެލީންއަށް އޭނަ ބޭނުންވެފައި ހުރި ފަދަ ފުރުސަތެއް ލިބިގެން ދިޔައީ ބިއުޓީޝަނުންތަކެއް ކޮރިޑޯގެ އެންމެ އެކޮޅުގައި ހުރި ކޮޓަރިން ނިކުމެގެން ދިޔަ ތަން ފެނުމާއެކުގައެވެ. މިމަންޒަރު ބަލަން ހުރެފައި އޭނަ ބާރު ބާރަށް އެކޮޓަރިއާ ދިމާއަށް މިސްރާބު ޖަހައިފިއެވެ.
”އީނޫ، އަހަރެން ވަރަށް ބޮޑަށް ހާސް އެބަވޭ….” ވިސްނުމަކަށް ގެއްލިފައި ހުރި ރޫޔާއަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ބުނެލެވުނެވެ. އެއީ އީނާ ނޫންކަން އޭނައަށް އެނގުނީ މާފަހުންނެވެ. ފަސްއެނބުރި ބަލާލެވުމުން ރޫޔާގެ ޚައިރާންކަން އިތުރުވެގެން ދިޔައެވެ.
ޒެލީން ރޫޔާއަށް ބަލަހައްޓައިގެން ހުރީ ފާޑަކަށެވެ. މިއަދު ރޫޔާ ހުރި މަގާމުގައި ހުންނަން ޖެހޭނީ އޭނާ ކަމަށް އެމޫނުމަތިން އަރާފައިބަމުން ދިޔަ ކުލަވަރުތަކުން ހާމަކޮށްދެއެވެ. ބުމަ ކައިރިކޮށްލަމުން ޒެލީން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ރޫޔާ އަޅާފައިވާ ބުރުގާގައި ހިފާ ދަމައިގަންނަން ވެސް ހިތަށް އެރިއެވެ. އެނާޒުކު ހިތަށް އެންމެ ބޮޑަށް ތަދުވެގެން ދިޔައީ ރޫޔާ ނަޒްޔަކްގެ އަންބަކަށް ވެއްޖެނަމަ ރޫޔާގެ ރީތިކަމުން ނަޒްޔަކް މޮޔަކޮށްލަފާނެކަމުގެ ބިރުން ހިތް ފިނިކޮށްލީމައެވެ.
”ޒެލީން؟….” ރޫޔާއަށް ބުނެވުނެވެ.
”ކަލޭ ހީކުރީ އަހަރެން ނާންނާނެކަމަށް ދޯ؟…” ޒެލީން ބުނެލިއެވެ. ރޫޔާ އެކަމަށް ސަމާލުކަމެއް ނުދިނެވެ.
”ކަލޭގެ ވަކިތަކުން އަހަރެންގެ ނަޒްޔަކް ސަލާމަތްކުރަން އަހަރެން ކޮންމެފަދަ ކަމެއް ވެސް ކުރާނަން، ކަލޭގެ ސުންޕާކަމުން ކުރީގެ ކައިވެނި ވެސް ރޫޅިގެން ދިޔައީ، މިފަހަރުވެސް ވާނީ ހަމަ އެހެން، ކަލޭ ތީ ބޮޑު ސުންޕާއެއް، ކަލޭ ދާ ކޮންމެތަނެއްގެ ހަމަޖެހުން ނިމިގެންދޭ، ހީނުކުރާތި އަހަރެންގެ ނަޒްޔަކް ޖަހައިގެން ކަލެއަށް ކުރިއެރުން ލިބިދާނެޔެކޭ…..” ޒެލީން ރުންކުރު ރާގަކަށް ބުންޏެވެ. ޒެލީންގެ ޖުމްލައިން ރޫޔާގެ ބުމަ ކައިރިވެގެން ދިޔައެވެ.
”ޝަޓް އަޕް!….” ރޫޔާ ވެސް ދުލެއް ނުކުރިއެވެ. އޭނައާއި ނަޒްޔަކްގެ ދެމެދަށް މީހަކު ވަންނަން އުޅޭނަމަ އޭނަ އެމީހަކަށް ކާމިޔާބުވުމުގެ ފުރުސަތެއް ނުލިބޭނެއެވެ.
”ކަލޭ ހުރެބަލަ ވާހަކަ ނުދައްކާ!… ކަލޭތީ އެހެނިހެން މީހުންގެ އުފާތައް ހަލާކުކުރަމުން ދުވާ މީހެއް…..” ޒެލީން ދަތްތަކަށް ބާރުލަމުން އިއްވާލިއެވެ.
”އަހަރެންތަ އެހެނިހެން މީހުންގެ އުފާތައް ހަލާކުކުރަމުން ދުވަނީ؟… ތި ސުވާލު އެންމެ ފުރަތަމަ އަމިއްލަ ނަފްސާކޮށްބަލަ، ދެން އެއަށް ފަހު އެހެން މީހުންނާ ދިމާއަށް އިނގިލިދިއްކޮށްބަލަ!…. އަހަރެން ވަރަށް ގިނަ އިރު ކެތްކޮށްފިން، ދެން އަހަރެން މަޑަކުން ނުހުންނާނަން، ޒެލީން ބުނާ ކޮންމެ އެއްޗަކަށް އަހަރެން ރައްދުދޭނަން… އަމިއްލަ ކުށް ޤަބޫލުކުރާނީ ކޮންދުވަހަކުންތަ؟ ގޯސްކޮށް އުޅޭމީހުންނަކަށް ދުވަހަކު ކުރިއެރުމެއް ނުލިބޭނެ، ނަޒްޔަކް ވަނީ އަހަންނަށް ހަޤީޤަތް ކިޔާދީފައި…..” ރޫޔާ އިންޒާރުގެ ނަޒަރަކުން ބަލާލިއެވެ. އޭނަ ހުރީ ޒެލީންގެ މިފަދަ ހަމަލާއަކަށް ތައްޔާރުވެގެންނެވެ. މިއަންހެންކުއްޖާގެ ފުށުން ރޫޔާ ހުރީ އޭނަގެ އުފާތައް ދިފާއުކުރަން އަޒުމު ކަނޑައަޅައިގެންނެވެ.
”ހުރިހާ ހަޤީޤަތެއް ކިޔައިދިންތަ؟….” ޒެލީން ކަޅި އަޅާލިއެވެ. އޭނަ އަނގަޔަށް ހުތުރު ވައްތަރެއް ޖައްސާލިއެވެ.
”އާނ… ސޯ ޔޫ ބެޓާރ ގެޓް ދަ ހެލް އައުޓް އޮފް ހިޔާރ!……” ރޫޔާ ޝަހާދަތް އިނިދިލި ދިއްކޮށްލަމުން ބުންޏެވެ. އޭނަ ރުޅިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތްކުރިއެވެ.
”ތިހެން ވިއްޔާ އިނގޭނެ ދޯ ނަޒްޔަކް އަހަންނާއެކު ސްލީޕްކުރިކަން ވެސް…..” ޒެލީންގެ ޖުމްލައާއެކު ރޫޔާ ބާރަކަށް ޒެލީންގެ ކޯތާފަތުގައި ޖެހިއެވެ. އެބާރުގަދަ އެތިފަހަރާއެކު ޒެލީންގެ ދަތްދޮޅީގައި ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ.
”ދެން ތި ދުލުން ނަޒްޔަކްގެ ނަން ވެސް ނުކިޔާތި، ހުރި ނުލަފާކަން ބަލާބަ، ހަމަ މިހާރު އަހަރެންގެ ކުރިމަތިން ދުރަށްދޭ! ކަލޭގެ ތި ދޮގުތައް ޤަބޫލުކުރާނީ އެހެން މީހެއް!… ނަޒްޔަކް ތިފަދަ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން އަހަންނަށް އެބައޮތް… އައި ސެޑް ގެޓް އައުޓް!…… އަޑެއް ނީވޭތަ؟…..” ރޫޔާގެ ދެލޮލުން އަލިފާންކަނި ބުރައެވެ. އެވަގުތު އީނާ އެކޮޓަރިއަށް ވަނުމުން ޒެލީން ކޯތާފަތުގައި ފިރުމަމުން އެތަނުން ނިކުތެވެ. އޭރުވެސް އޭނަ ހުރީ ވައްޓާލި ބޮމުގެ ސަބަބުން ރޫޔާގެ ސިކުނޑިއާ ކުޅެވުނުކަމަށް ނިންމައިގެންނެވެ. ރޫޔާ އެފަދަ ޖުމްލައެއް ބުނާނެކަން އޭނައަށް މާކުރިން ވެސް އިނގެއެވެ. ނަޒްޔަކް ދިފާޢު ކުރާނެކަން ވެސް އިނގެއެވެ. ނަމަވެސް ސިކުނޑިއަށް ކުރާނެ ފުން އަސަރުތައް އޭނައަށް ރަގަޅަށް އަންދާޒާ ކުރެވެއެވެ.
”ހިޓް ދި ބުލްސް-އައި….” ޒެލީން ހިތާހިތުން ކިޔާލިއެވެ. އޭނަ ގެއަށް ނުގޮސް މަޑުކުރިއެވެ. އެކައިވެނި ރޫޅޭނެކަމުގެ އުއްމީދާއެކު ވިހަ ހިނިތުންވުމެއް ވެސް ތުންފަތުގައި ކުޅެލަމުން ދިޔައެވެ.
****
”އެއީ ދޯ ޒެލީން އަކީ؟…..” އީނާ އަހާލުމާއެކު އެސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ރޫޔާ ބޯޖަހާލިއެވެ. ”ވަޓް ވޯޒް ޝީ ޑުއިންގް ހިޔާރ؟….”
ރޫޔާ ދެންމެ ހިނގި ހާދިސާ އީނާއަށް ކިޔައިދިނެވެ.
”ހުސް ދޮގު… ރޫ އޭނަގެ ވާހަތަކަށް ނުހެއްލޭތި….” އީނާ ބުންޏެވެ. ”އަހަންނަށް އިނގެޔޭ އޭނަ ހަދަނީ ދޮގުކަން، ވަރަށް ފޫހިވޭ، ދެން ނިކްއޭ ކިޔައިގެން އެފަދަ ވާހަކައެއް ދައްކައިފިނަމަ ހޭއަރުވާލާނަން…..” ރޫޔާ ރުޅިވެރި ރާގަކަށް ބުންޏެވެ.
”ރޫ ކާމް ޑައުން…… ގާޟީވެސް އައިއްސި، ލެޓްސް މޫވް…. މިރޭ ނިކް ވަރަށް ރީތި އިނގޭ……” އީނާ ހިނިތުންވުމަކާއެކު ބުންޏެވެ. ރޫޔާ ވެސް ހިނިތުންވެލަމުން ފުން ނޭވާއެއް ލިޔެވެ. އީނާ އާއެކު އޭނަ ބޮޑު ކޮޓަރިއަށް ދިޔައެވެ. މޭޒު ދޮށުގައި އިށީންދެލައިގެން އިން ނަޒްޔަކް ފެނި ރޫޔާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ނަޒްޔަކްއަށް ބަލާލެވުނު ގޮތަށް އޭނަ ހުރީ ހުއްޓުން އަރާފައެވެ.
”ރޫ…” އީނާ މަޑުމަޑުން ގޮވާލަމުން ނަޒްޔަކް ހީލިތަން ފެނި ރޫޔާ ލަދުން ގޮސް ފައިއޮޅޭވަރު ވިއެވެ. އޭނައަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީންއިރު ހިތުގެ ތެޅުން އިންތިހާއަށް އަވަސް ވެއްޖެއެވެ.
ދުރުގައި މަންޒަރު ބަލަން ހުރި ޒެލީންގެ ހިތަށް ވީ ތުރާލެކެވެ. ލޮލުން ކަރުނަ ނީރާލީ އޭނަގެ ރޭވުން ފުނުފުލުން ދިޔަ ކަމުގެ ހިތިރަހަ ކަރުބުޑުގައި ލީ ފަހުންނެވެ.
މަދު ވަގުތުކޮޅެއްގެ ތެރޭގައި ކައިވެނީގެ ކަންތައް ފެށިގެން ކުރިއަށް ދިޔައެވެ. ޒެލީން އެތަނުން ނިކުންނަން ދިޔައީ އިތުރަށް އެތާންގައި ހުންނަން ނުކުޅަދާނަ ވެގެންނެވެ. ރޫޔާ އާއި ނަޒްޔަކްގެ އުފާވެރިކަން ފެނި އޭނަގެ ހިތް އެތިކޮޅުތަކަށް ބުރައިގެން ގޮސްފިއެވެ. ލިބުނު ހިތާމަތަކަށް ދުވަހަކުވެސް ނިމުމެއް ނެތެވެ. މި ހިތްދަތިކަމުން ސަލާމަތްވެވޭނެ މަގެއް ފަހެ ނެތީ ހެއްޔެވެ؟ އިސާހިތަކު ރޫޔާއާއި ނަޒްޔަކް ކައިވެނީގެ ގޮށުން ބަނދެލެވޭނެއެވެ. ދެމަފިރިން އެކުގައި އާހަޔާތެއް ފަށާނެއެވެ. ބަދުނަސީބާ ކުރިމަތިލާން ޖެހުނީ އޭނައަށެވެ. ނަޒްޔަކް ރޫޔާ ދެކެ ވާ ލޯބި ފެނި ޒެލީންއަށް ވަރަށް އަސަރުކުރިއެވެ. ދުނިޔެއަކީ ކެހިވެރި ތަނެއް ކަމަށް މީހުން ބުނެއުޅޭ ސަބަބު އޭނައަށް އެނގިއްޖެއެވެ.
ޒެލީންއަށް ގެއަށް އާދެވުމާއެކު ސިނގުރުޅިގަނޑު ބާލަންފެށީ ކޮޓަރީގެ ސާމާނު ތަކަށެވެ. އޭނަގެ ރުއިމުގެ އަޑު ކޮޓަރީގައި އެއްއަޑަކަށް ހަރުލާފައި އޮތެވެ. ”އާރގްގް، ވިސްނުން ތޫނު އަންހެންގަނޑެއް، އެއްވެސް ޕްލޭނެއް މަސައްކަތް ނުކުރި، އައި ލޮސްޓް މައި ނިކް…. ނިކް ޕްލީސް ކަމް ބެކް ޓު މީ، އައި ލަވް ޔޫ، ޕްލީސް ކަމް ބެކް……” ޒެލީން ޓައިލްސް މައްޗަށް ތިރިވަމުން މޫނުގައި ދެއަތް އެޅިއެވެ. ނަޒްޔަކް އާއި ރޫޔާ އެކީގައި އުޅޭ މަންޒަރެއް ސިފަވުމުން އޭނައަށް ހަޅޭއްލަވައިގަނެވުނެވެ. ޒެލީން އެކަމާމެދު ވިސްނަމުން ގޮސް ސިކުނޑި ގޮވަން ކައިރިވިއެވެ.
(ނުނިމޭ)
6 Comments
Comments are closed.
hey all, dhen story ga baaki inaani 5or6 parts, dhen comment kohli hurihaa kudhinah varah bondhah shukuriyaa and i’ll finish the story by next week in sha allah 🙂 <3
Thanks ..muthaa mihaareethi story eh alhugadumen kiyaalan liyunu kamah takai….v v v nice mi part ves …ummeedhu kuran muthaage reethi thi story eh badhives kiyaakan libeyne kamah…..keep it up muthaa…..
V v reethi mibaives
Vreethi bi bai ves aneh bayah inthizaaru kuran vvvvvvvvvvvvvvvvvvv reeeeeeeeeeeeeeeeeethi
v nice story 🙂 THANKS MUTHA 🙂
Salhi ♥♥♥♥♥