(ކުރީގެ ޢަދަދާ ގުޅޭ)
ވަފުދުތަކުގެ އަހަރު މަދީނާއަށް އައި ވަފުދުތަކުގެ ތެރޭގައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ގެ ވަންހަފުޅުކަމުގައިވާ ހިލާލުވަންހައިގެ ވަފުދުވެސް ހިމެނުނެވެ. އެ ވަފުދުގައި އެކަމަނާގެ އެއްބަނޑު އެއްބައްޕާފުޅު އުޚްތެއްކަމުގައިވާ عزّة بنت الحارث ގެ ދަރިކަލުން ޒިޔާދު ބިން ޢަބްދު ﷲ ބިން މާލިކު، ވެސް މަދީނާއަށް ވަޑައިގެންނެވިއެވެ. ޒިޔާދު މަދީނާއަށް ވަޑައިގެންފައި އެކަލޭގެފާނުގެ ބޮޑުދައިތާފުޅު ދެކެވަޑައިގަތުމަށްޓަކައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ގެ ގެކޮޅަށް ވަޑައިގެންނެވިއެވެ.
ކައުސާހިބާ صلّى اللّـه عليه وسلّم އޭރު ވަޑައިގެންވީ ބޭރުގައެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އެގެކޮޅަށް ވަޑައިގެންނެވިއިރު އެގެކޮޅުގައި ބޭރުމީހަކު އިންދައި ދެކެވަޑައިގެންނެވިއެވެ. އެވަގުތު ކައުއިތުރު ސާހިބާގެ މޫނުފުޅުމަތީން ހިތްޕުޅާ ނުވުމުގެ އަސަރު ފާޅުކުރައްވައި އެގެކޮޅުން ނިކުމެވަޑައިގެންނެވިއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ އަށް އެކަން އެނގިވަޑައިގެން އިތުރު ސާހިބާގެ އަރިހަށްވަޑައިގެން ވިދާޅުވިއެވެ.
“އޭ މާތް اللّـه ގެ رسول އާއެވެ! މިއީ އަޅުގަނޑަށް ބޮޑުދައިތަކިޔާ ކުއްޖެކެވެ. މީނާގެ މަންމައަކީ އަޅުގަނޑުގެ އުޚުތެކެވެ.” ކައު ސާހިބާ صلّى اللّـه عليه وسلّم އަށް، أمّ المؤمنين ގެ ވާހަކަފުޅު އަޑުއިވިވަޑައިގަތުމުން އެގެކޮޅަށް ވަދެވަޑައިގެންނެވިއެވެ. އެއަށްފަހު ޒިޔާދު ބިން ޢަބްދު ﷲ ބިން މާލިކު، އާއެކު އެދުވަހުގެ މެންދުރު ނަމާދަށް ވަޑައިގެންނެވިއެވެ. ނަމާދުފުޅުން އަވަދިވެވަޑައިގެން ޒިޔާދަށް ރަޙްމަތާއި ބަރަކާތްލެއްވުން އެދިވަޑައިގެން ހެޔޮދުޢާފުޅު ކޮށްދެއްވިއެވެ. ކައުސާހިބާގެ ދުޢާފުޅުގެ ބަރަކާތުން ޒިޔާދުގެ މޫނުފުޅުން އަބަދުވެސް އަލިކަމާއި އުޖާލާކަން ފާޅުވޭވޭ ހުރެއެވެ. ބަނޫ ހިލާލުވަންހައިގެ މީސްތަކުން ބުނެއުޅެއެވެ. ” زياد ގެ މޫނުފުޅުން އަލިކަމާއި އުޖާލާކަން އަހަރެމެންނަށް އަބަދުވެސް ފެނެއެވެ.”
ޙައްޖަތުލް ވަދާޢުގައި ބައިވެރިވެވަޑައިގެންނެވުން
ކައުސާހިބާ صلّى اللّـه عليه وسلّم ހިޖުރައިން ދިހަވަނަ އަހަރު ޙައްޖުވެވަޑައި ގެންނެވުމަށަޓަކައި މައްކާއަށް ވަޑައިގެންނެވިއެވެ. އިސްލާމީ ތާރީޚުގައި އެ ޙައްޖު މަޝްހޫރުވެފައި ވަނީ ޙައްޖަތުލް ވަދާޢުގެ ނަމުންނެވެ. އެދަތުރުފުޅުގައި މުސްލިމުންގެ ތެރެއިން އެތައްހާސް ބޭކައުކަނބަލުންނެއް ބައިވެރިވެވަޑައިގެންނެވިއެވެ. ކައުސާހިބާގެ އަނބިއަނބިކަނބަލުންނާއެކު އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ވެސް އެދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ޙައްޖުގެ ޢަރަފާތް ދުވަހު ކީރިތި ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم، ހުންނެވީ ރޯދަފުޅަށްކަން ނުވަތަ ނޫންކަމާއި މެދު މީސްތަކުންގެ މެދުގައި ދެބަސްވުމެއް އުފެދުނެވެ. ބައެއް ޞަޙަބީ ބޭކަލުން ވިދާޅުވަމުން ގެންދެވީ އިތުރު ސާހިބާ ހުންނެވީ ރޯދަފުޅަށް ކަމުގައެވެ. އަނެއްބައި ބޭކަލުން ވިދާޅުވަމުން ގެންދެވީ އެކަލޭގެފާނު ރޯދަފުޅެއް ނޫންކަމުގައެވެ. މީސްތަކުންގެ މިވާހަކަތައް އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ އަށް އެނގިވަޑައިގެންނެވުމުން އިތުރު އެކަލޭގެފާނަށް އެކަމަނާ ކިރުތަށި ކޮޅެއް ފޮނުއްވިއެވެ. އެހިނދު އެކަލޭގެފާނު އެ ކިރުތަށި ކޮޅު ހިއްޕެވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم، ގެ މި ޢަމަލުފުޅުން ޢަރަފާތްދުވަހު ޙައްޖުވެރިން ފިޔަވައި އެހެން މީސްތަކުން ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެއްކަން ހާމަވެގެން ދިޔައެވެ.
ކީރިތި ރަސޫލާ صلّى اللّـه عليه وسلّم، ޙައްޖަތުލް ވަދާޢުން އެނބުރި ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަލޭގެފާނަށް ސުވަރުގެވަޑައިގެންވުމުގެ އާލާސްކަންފުޅު ފެށިއްޖެއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަ ﷲ ޢަންހާ އާއި އުއްމުލް މުއުމިނީން އައްސައްޔިދާ އުއްމު ސަލަމާ ރަޟިޔަ ﷲ ޢަންހާ ގެ އަރިހުން ރިވާވެފައިވާ ގޮތުގައި ކައުސާހިބާގެ އާލާސްކަންފުޅު ފެށުނީ އެކަލޭގެފާނު އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ގެ ގެކޮޅުގައި ހުންނަވިކޮށެވެ. އެކަލޭގެފާނުގެ އާލާސްކަންފުޅު ބޮޑުވުމުން އެހެން އަނބިއަނބިކަނބަލުންގެ އިޒުނަފުޅާއެކު އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަ ﷲ ޢަންހާ ގެ ކޮޓަރިކޮޅަށް ވަޑައިގެންނެވިއެވެ. ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހު އެކަލޭގެފާނު ސުވަރުގެވަޑައިގެންނެވީ އެކޮޓަރި ކޮޅުގައި އޮންނަވަނިކޮށެވެ.
ކީރިތި ރަސޫލާ صلّى اللّـه عليه وسلّم، ސުވަރުގެވަޑައިގެންނެވުފަހު، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ އެކަމަނާގެ އެންމެހާ ވަގުތުތަކެއް ހުސްކުރައްވާފައިވަނީ އަޅުކަން ކުރެއްވުމަށްޓަކައެވެ. ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި އެކަލާނގެއަށް ހަނދުމަކުރައްވައި ޒިކުރުކުރެއްވުމަށްޓަކައެވެ. ކީރިތި ރަސޫލާ صلّى اللّـه عليه وسلّم، އަށްފަހު އެކަމަނާ ޒީނަތްތެރިކަމުން ދުރުވެވަޑައިގެން އިންނެވި ކަމަށް ރިވާވެފައިވެއެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ އަކީ ވަރަށް ތަޤްވާވެރި ދީންވެރި ބޭކަނބަލެކެވެ. ރަސޫލާގެ ސުންތަށް އަމަލުކުރެއްވުމުގެ ފުރިހަމަ ނަމޫނާއެކެވެ. އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެއްކަމުގައިވާ ޔަޒީދު ބިން އަޞުމް ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. ” އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ، އެކަމަނާގެ ގިނަ ވަގުތުތައް ހޭދަކުރައްވަނީ ނަމާދުކުރެއްވުމުގައެވެ. އެހެން ނޫނީ ގެކޮޅުތެރޭގެ ކޮންމެވެސް މަސައްކަތްޕުޅެއްގައެވެ. އެދެކަންތަކުން އަވަދިވެވަޑައިގެން އިންނަވާނަމަ އިންނަވާނީ މިސްވާކު ކުރެއްވުމަށެވެ.”
(ނުނިމޭ)
4 Comments!
Comments are closed.



Nice….. ???
keep up the good work
Good????❤???
Jazakallah khair