އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންޙާއަކީ، ހިލާލުވަންހައިގެ ބޭކަނބަލެކެވެ. ބައްޕާފުޅަކީ އެވަންހައިގެ ބޮޑެއްކަމުގައިވާ حَارِث بن حَزْن އެވެ. އެމަނާގެ މަންމާފުޅަކީ ޔަމަނުކަރައިގެ ޙިމްޔަރުވަންހައިގެ ބޭކަނބަލެކެވެ. ނަންފުޅަކީ، ހިންދު ބިންތު ޢައުފެވެ. ހިންދު ބިންތު ޢައުފަކީ ތާރީޚުގެ ފަތްފުށްތަކުގައި ވަރަށް ބޮޑު މަޝްޙޫރުކަމެއް ހޯއްދަވާފައިވާ ބޭކަނބަލެކެވެ. ތާރީޚް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަމަނާއަށް ވުރެ ރަނގަޅު ދަނބިދަރިންތަކެއް ލިބިފައިވާ ދެވަނަ އަންހެނަކު އިންސާނީ ތާރީޚް ދެކެފައެއް ނުވެއެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންޙާ، ރައްކައުވީ ރަސޫލާ صلّى اللّـه عليه وسلّم ނަބީކަމައިގެން ފޮނުއްވުމުގެ ސޯޅަވަރަކަށް އަހަރު ކުރީންނެވެ. މާތްވެގެންވާ މައްކާގައެވެ. އެކަމަނާ ރައްކާވުމުން އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅު ދެއްވާފައިވާ ނަންފުޅަކީ بَرَّةَ އެވެ. مَيْمُوْنَةُ އޭ ވިދާޅުވެ އެކަމަނާއަށް ނަންފުޅު ދެއްވީ ރަސޫލާ صلّى اللّـه عليه وسلّم އެވެ. އެއީ، ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އެކަމަނާއާ ކާވެނި ބައްލަވައިގަތުމަށް ފަހުގައެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންޙާގެ ވަރަށް ގިނަ އުޚްތުން ތިއްބަވައެވެ. އެ އެންމެހައި ބޭކައުކަނބަލުންވެސް ކާވެނީގެ ގޮތުން ގުޅިވަޑައިގެން ތިއްބެވީ ނުހަނު ޤަދަރުވެރި ބޭފުޅުންނާއެވެ. އުއްމުލް ފަޟުލު ރަޟިޔަ ﷲ ޢަންޙާ އާ ކާވެނި ބައްލަވައިގެން އުޅުއްވީ ކައުސާހިބާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު عبّاس بن عبدالمطّلب رضى اللّـه عنــه އެވެ. އުއްމުލް ފަޟުލު ރަޟިޔަ ﷲ ޢަންޙާއަކީ އިސްލާމްދީނުގެ ވަރަށް ކުރީކޮޅުގައި ކައުސާހިބާގެ ނުބުއްވަތާއި ރިސާލަތަށް އީމާންވެވަޑައިގެން އިންނެވި ބޭކަނބަލެކެވެ. ސީރަތުގެ ވަރަށް ގިނަ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާ ގޮތުގައި أمّ المؤمنين السّيّدة خديجة رضى اللّـه عنــها އަށްފަހު ދެން ދެވަނައަށް އިސްލާމްވެވަޑައިގެނެވުމުގެ ޝަރަފު ހާސިލު ކުރެއްވީ އުއްމުލް ފަޟުލު ރަޟިޔަ ﷲ ޢަންޙާ އެވެ.
އިސްލާމްދީނުގެ މަތިވެރި ކޮމާންޑަރު ސައިފުއް ﷲ ޚާލިދު ބިން ވަލީދު ރަޟިޔަ ﷲ ޢަންހުގެ ގެ މައިކަނބަލުން ލުބާބަތުއް ޞުޣުރީ ބިންތި ޙާރިޘަކީވެސް އައްސައްޔިދާ މައިމޫނާ ގެ އެއްބަނޑު އެއްބައްޕާފުޅު އުޚްތެކެވެ. ލުބާބަތުއް ޞުޣުރީ އަކީ މައްކާގެ ބޮޑުންގެ ތެރޭގައި ހިމެނޭ ވަލީދު ބިން މުޣީރަތު ގެ އަނބިކަނބަލުންނެވެ.
އަސްމާ ބިންތި ޢުމައިސް ރަޟިޔަ ﷲ ޢަންޙާ އަކީ އައްސައްޔިދާ މައިމޫނާ ގެ އެއްބަނޑު އުޚްތެކެވެ. އެކަމަނާ ކާވެނި ބައްލަވައިގެން އިންނެވީ ކައުސާހިބާގެ ބޮޑުބޭބޭފުޅު އަބޫ ޠާލިބުގެފާނުގެ ދަރިކަލުން ޖަޢުފަރު ބިން އަބީ ޠާލިބު ރަޟިޔަ ﷲ ޢަންހު އާއެވެ. ހިޖުރައިން ނުވަވަނަ އަހަރު ކުރެވުނު މުޢުތާ ހަނގުރާމައިގައި ޖަޢުފަރުއް ޠައްޔާރު ރަޟިޔަ ﷲ ޢަންހު ޝަހީދުވެވަޑައިގެންނެވިއެވެ. އޭގެ ފަހުން އަސްމާ ބިންތި ޢުމައިސް ރަޟިޔަ ﷲ ޢަންޙާ އާ ކާވެނި ބައްލަވައިގެންނެވީ މުސްލިމުންގެ ފުރަތަމަ ޚަލީފާ أبو بَكر الصّدِّيق رضى اللّـه عنــه އެވެ. ހިޖުރައިން 13 ވަނަ އަހަރުގެ ތެރޭގައި އެކަލޭގެފާނު ފުރައުއްތަވެވަޑައިގެންނެވުމުން އަސްމާ ބިންތި ޢުމައިސް ރަޟިޔަ ﷲ ޢަންޙާ އާ ދެން ކާވެނި ބައްލަވައިގެންނެވީ ހަތަރުވަނަ ޚަލީފާ علي بن أبي طالب رضى اللّـه عنــه އެވެ.
ސަލްމާ ބިންތި ޢުމައިސް ރަޟިޔަ ﷲ ޢަންޙާއަކީ ވެސް، އައްސައްޔިދާ މައިމޫނާ ގެ އެއްބަނޑު އުޚްތެކެވެ. އެކަމަނާ ކާވެނި ބައްލަވައިގެން އިންނެވީ ސައްޔިދުއް ޝުހަދާޢު ޙަމްޒަތު ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަ ﷲ ޢަންހު އާއެވެ. އިތުރު ސާހިބާ ހިޖުރައިން އެއްތިރީސްވަނަ މައްސަރު ކާވެނި ބައްލަވައިގެންނެވީވެސް އައްސައްޔިދާ މައިމޫނާ، ގެ އެއްބަނޑު އުޚްތެއް ކަމުގައިވާ ޒައިނަބު ބިންތި ޚުޒައިމާ އާއެވެ. އެމާތް ދެކަނބަލުންގެ ކާވެނިފުޅަށް އަށެއްކަ މަސްދުވަސްވީތަނާ އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޚުޒައިމާ ރަޟިޔަ ﷲ ޢަންހާ، ފުރައުއްތަވެއްޖެއެވެ.
އެންމެ ހެޔޮ ރަނގަޅު ދަނބިދަރިތަކެއް ލިބިވަޑައިގެންނެވި އަންހެނާގެ ގޮތުގައި ތާރީޚުގެ އެދުރުން ހިންދު ބިންތު ޢައުފު ސިފަ ކުރައްވާފައިވަނީ މިދެންނެވި ސަބަބަށްޓަކައެވެ. މި އުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم ވެސް ދެފަހަރެއްގެ މަތިން އެކަމަނާގެ ދަނބިދަރިކަލެއް ކަމުގައި ވެވަޑައިގެންފައިވެއެވެ.
އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންޙާ އަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅުންގެ ތެރޭގައިވެސް ދަރަޖަ މަތިވެރި ޞަޙާބީ ބޭކަލުން ހިމެނިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި މުސްލިމުންނަށް އެތައް ނަޞްރަކާއި ފަތަޙައެއް ހޯއްދަވައި ދެއްވި ޖެނަރަލު ސައިފުއް ﷲ ޚާލިދު ބިން ވަލީދު ރަޟިޔަ ﷲ ޢަންހު ހިމެނި ވަޑައިގަންނަވައެވެ. މުސްލިމު އުއްމަތުގެ ހިބުރު ނުވަތަ ތަރުޖަމާނުލް ޤުރުއާނުގެ ލަޤަބުފުޅުން މަޝްހޫރުވެވަޑައިގެންފައިވާ ޢަބްދު ﷲ ބިން ޢައްބާސް ރަޟިޔަ ﷲ ޢަންހު އަކީވެސް އެކަމަނާއަށް ބޮޑު ދައިތަ ވިދާޅުވާ ދެބޭފުޅުންނެވެ. އެދެބޭފުޅުން ވަރަށް ގިނައިން އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންޙާ ގެ އަރިހަށް ކައުސާހިބާގެ ގަނޑުވަރަށް ވަޑައިގެން އުޅުއްވައެވެ.
ކުރީގެ ދިރިއުޅުއްވުން
އައްސައްޔިދާ މައިމޫނާ އާ އެންމެ ފުރަތަމަ ކާވެނިފުޅު ބެއްލެވީ ޘަޤީފުވަންހައިގެ ބޮޑެއްކަމުގައިވާ މަސްޢޫދު ބިން ޢަމްރޫ ބިން ޢުމައިރުއް ޘަޤަފީއާއެވެ. މާގިނަ ދުވަސްތަކެއްނުވެ، އޭނާ އެކަމަނާ ވަރިކުރައްވައިފިއެވެ. ދެން، އައްސައްޔިދާ މައިމޫނާ އާ ކާވެނިބައްލަވައިގެންނެވީ ޢާމިރު ބިން ލުއައްޔުވަންހައިގެ ޒުވާނެއްކަމުގައިވާ އަބޫ ރުހުމް ބިން ޢަބްދުލް ޢުއްޒާއެވެ. އޭގެ ދެކަނބަލުން ކާވެނީގެ ގޮތުން ގުޅިވަޑައިގެން ނުހަނު އުފާފާގަތިކަމުގައި ދިރިއުޅުއްވަމުން ވަޑައިގަންނަވަނިކޮށް އަބޫ ރުހުމް ބިން ޢަބްދުލް ޢުއްޒާ މަރުވެއްޖެއެވެ. އެހެންކަމުން اއައްސައްޔިދާ މައިމޫނާ ވަރަށް ޒުވާން ޢުމުރުފުޅެއްގައި ހުވަފަތްވެވަޑައިގެންފިއެވެ.
ކައުސާހިބާ السّيّدة ميمونة އާ ކާވެނިބެއްލެވުން
ހިޖުރައިން ހަވަނަ އަހަރުގެ ތެރޭގައި ކައުސާހިބާ صلّى اللّـه عليه وسلّم އަށް ވަރަށް ބަރަކާތްތެރި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނާއެކު މައްކާއަށް އަރާވަޑައިގެން ޢުމްރާގެ އަޅުކަން އަދާކުރައްވާ މަންޒަރެވެ. އޭގެ ތެރެއިން ބައެއް ބޭކަލުންގެ އިސްތަށިފުޅު ތުރުކުރައްވައި އަނެއްބައި ބޭކަލުންގެ އިސްތަށިފުޅުން ބައެއް ކަނޑުއްވާފައިވާ މަންޒަރެވެ.
އިތުރު ސާހިބާ އެކަލޭގެފާނަށް މި ފެނިވަޑައިގެންނެވި ބަރަކާތްތެރި ހުވަފެންފުޅުގެ ވާހަކަ އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންނަށް ދެއްވިއެވެ. އެބޭކަލުން އެކަމާ ވަރަށް އުފާފުޅު ކުރެއްވިއެވެ. އެބޭކަލުންގެ މަޝްވަރާގެ މަތިން އިތުރު ސާހިބާ މައްކާއަށް ޢުމްރާވެވަޑައިގެންނެވުމަށްޓަކައި ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނާއެކު ފަނަރަ ސަތޭކައެއްހާ ޞަޙާބީބޭކަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މައްކާގެ މުޝްރިކުންނަށް މި ޚަބަރު ލިބުމުން، ކައުސާހިބާއާއި އެކަލޭގެފާނުގެ އަޞްހާބުން މައްކާއަށް އެރިޔަ ނުދިމުނަށްޓކައި ހަނގުރާމައިގެ ހަތިޔާރާއެކު ނުކުމެގެންފިއެވެ. މައްކާގެ ޙުރުމަތްތެރި ބިމުގައި ލޭއޮހޮރުވިޔަ ނުދެއްވުމަށްޓަކައި އިތުރު އެކަލޭގެފާނު މައްކާގެ މުޝްރިކުންނާއެކު ޞުލްހަނާމާއެއް ލިޔުއްވުމަށް ނިންމެވިއެވެ. އެ ޞުލްހަނާމާ ނުވަތަ އެގްރިމެންޓްގައި މައިގަނޑު ހަތަރު ޝަރުތެއް ފާހަގަ ކުރެވިފައިވެއެވެ. އޭގެ ތެރެއިން އެއްޝަރުތަކީ، މުސްލިމުން މިއަހަރު ޢުމްރާގެ އަޅުކަން އަދާނުކޮށް އެނބުރި މަދީނާއަށް ދިޔުމަށެވެ. އަންނަ އަހަރު އިތުރު ސާހިބާ އާއި އަޞްޙާބުން ވަޑައިގެން ތިން ދުވަހުގެ ތެރޭގައި ޢުމްރާގެ މަތިވެރި އަޅުކަން ކުރައްވައި ފުރިހަމަ ކުރެއްވުމަށެވެ. ކޮންމެއަކަސް މައްކާގެ މުޝްރިކުންގެ ޝަރުތުތައް ޤަބޫލު ކުރައްވައި ރަސޫލާ صلّى اللّـه عليه وسلّم އެނބުރި މަދީނާއަށް ވަޑައިގެންނެވިއެވެ.
ހިޖްރައިން ހަތްވަނައަހަރު މުސްލިމުންނާއެކު ކައުސާހިބާ صلّى اللّـه عليه وسلّم ޢުމްރަތުލްޤަޟާއަށް މައްކާއަށް ވަޑައިގެންނެވިއެވެ. މައްކާގެ މުޝްރިކުންގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތިންދުވަހު މައްކާގައި މަޑުކުރައްވައި ޢުމްރާގެ އަޅުކަން އަދާ ކުރެއްވުމަށްޓަކައެވެ.
ކުރިވެސް ދެންނެވިފައިވާނޭ ފަދައިން އޭރު އައްސައްޔިދާ މައިމޫނާ އިންނެވީ ހުވަފަތްވެވަޑައިގެންފައެވެ. އެކަމަނާ ދިރިއުޅުއްވަމުން ގެންދެވީ އެކަމަނާގެ ދައިތާފުޅު އުއްމުލް ފަޟުލު ރަޟިޔަ ﷲ ޢަންޙާ އާއެކުގައެވެ. އެކަމަނާ ހިތްޕުޅުގެ އަޑިން އެދިވަޑައިގަންނަވަމުން ގެންދެވީ ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އާ ކާވެނިބައްލަވައިގެން މި އުއްމަތުގެ މުއުމިނުންގެ މައިކަނބަލަކަށް ވެވަޑައިގެންނެމަށެވެ. އެހެންކަމުން އެކަމަނާގެ ހިތްޕުޅުގެ އެދުންފުޅުގެ ވާހަކަ އެކަމަނާގެ އުޚްތުންގެ އަރިހުގައި ވިދާޅުވެ ދެއްވިއެވެ.
އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންޙާ ގެ އެދުންފުޅަކީ، ތައިމުވަންހަޔަށާއި، އަދިއްޔުވަންހަޔަށާއި، އުމައްޔަތުވަންހަޔަށާއި، މަޚްޒޫމުވަންހަޔަށާއި، އަސަދުވަންހަޔަށާއި، މުސްޠަލިޤުވަންހައިގެ މީސްތަކުންފަދައިން، ކާވެނީގެ ގޮތުން ބަނޫ ހިލާލުވަންހަ އާ ކައުސާހިބާ އާ ގުޅުން ބަދަހިކުރެއްވުމެވެ. އުއްމުލް ފަޟުލު ރަޟިޔަ ﷲ ޢަންޙާ، އައްސައްޔިދާ މައިމޫނާ ހިތްޕުޅުގެ އަޑީގެ އެދިވަޑައިގެންނެވުމުގެ ވާހަކަ، އެކަމަނާގެ ފިރިކަލުން ޢައްބާސް ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަ ﷲ ޢަންހު ގެ އަރިހުގައި ވިދާޅުވެދެއްވިއެވެ.
ޢައްބާސް ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަ ﷲ ޢަންހު މިވާހަކަ ކައުސާހިބާ صلّى اللّـه عليه وسلّم އަރިހުގައި ނުހަނު އަދަބުވެރިކަމާއެކު ދެންނެވިއެވެ. ކައުސާހިބާ، އެކަމަނާގެ އެދިވަޑައިގަތުން ޤަބޫލުފުޅު ކުރައްވައި އެކަމަނާއާ ކާވެނި ބައްލަވައި ގެންނެވުމަށް ނިންމެވިއެވެ. ކާވެނިފުޅުގެ ކަންތައްތައް ހަމަޖެއްސެވުމަށް ޖަޢުފަރު ބިން އަބީޠާލިބު ރަޟިޔަ ﷲ ޢަންހު އާ ޙަވާލުކުރެއްވިއެވެ. އައްސައްޔިދާ މައިމޫނާ ގެ ފަރާތްޕުޅުން ވަލީވެރިއަކަށް އައްޔަންކުރެއްވީ ޢައްބާސް ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަ ﷲ ޢަންހު އެވެ. [Great Women of Islam. Author: Mahmood Ahmad Ghadanfar]
ކާވެނިފުޅެއް ކުރައްވައިފިނަމަ، އެކަން މީސްތަކުންނަށް އަންގަވައި ވަލީމާއެއް ދެއްވުމަކީ ރަސޫލުންނާއި ނަބީބޭކަލުންގެ ސުންނަތެކެވެ. މުސްލިމުންގެ މައްޗަށްވެސް ގަދަވެގެންވާ ސުންނަތެއްމެއެވެ. އެހެންކަމުން ކައުސާހިބާ صلّى اللّـه عليه وسلّم ވެސް، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންޙާ އާ ކާވެނި ބައްލަވައިގެން، މައްކާގެ ޤުރައިޝުންނަށް ނުހަނު ވަރުގަދަ ވަލީމާއެއް ދެއްވުމަށް ޤަޞްދުކުރެއްވިއެވެ.
ނަމަވެސް، ހިޖުރައިން ހަވަނަ އަހަރުގެ ތެރޭގައި މުސްލިމުންނާއި މައްކާގެ ޤުރައިޝުންނާއި ދެމެދުގައި ވެފައިވާ އެއްބަސްވުމުގައިވަނީ ކައުސާހިބާއާ މުސްލިމުން މައްކާގައި ތިބެންޖެހޭނީ ތިން ދުވަހުގެ މުއްދަތުގައި ކަމުގައެވެ. އެއްއަށްވުރެ ގިނަ ދުވަސްވަންދެން މައްކާގައި މަޑުކޮށްގެން ނުވާނެ ކަމުގައެވެ.
އެހެންކަމުން، ކައުއިތުރު ރަސޫލާ މުޙައްމަދު صلّى اللّـه عليه وسلّم މައްކާގައި ހުންނަވާތާ ހަތަރު ވަނައަށް ވީދުވަހު މައްކާގެ މުޝްރިކުން ފޮނުވައިގެން މުޝްރިކުންގެ ޖަމާއަތަކާއިގެން ޙުވައިޠިބު ބިން ޢަބްދުލް ޢުއްޒ،ާ އައިސް ކައުސާހިބާ އާއި މުސްލިމުން މައްކާއިން އެނބުރި މަދީނާއަށް ވަޑައިގެންނެވުމަށް ދަންނަވައިފިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم، އެބައިމީހުންނާއެކު ވެފައިވާ މުޢާހަދާއަށް ޙުރުމަތްތެރިކޮށް ހިއްތެވުމުގެ ގޮތުން މައްކާއިން ފައިބައިވަޑައިގެންނެވިއެވެ. މައްކާއިން ނުކުމެވަޑައިގެން ދަތުރުފުޅު ކުރައްވައި ވަޑައިގެން ސަރިފު އޭ ކިޔުނު މަންޒިލުގައި ފޭލިގެ ޖެއްސެވިއެވެ. އެތަނަކީ މައްކާއިން ދިހަ މޭލު ދުރުގައި އޮންނަ މަންޒިލެކެވެ.
އިތުރު އެކަލޭގެފާނު ސަރިފުގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ ޚާދިމު އަބޫ ރާފިޢު ރަޟިޔަ ﷲ ޢަންހު ، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންޙާ، ޖަމަލަކަށް ސަވާރުކުރައްވައިގެން ގެންނަވައި ކައުސާހިބާއާ ޙަވާލުކުރެއްވިއެވެ. އެ ދެކަނބަލުންގެ ކާވެނިފުޅުގެ އެންމެހައި ކަންތައްތަކެއް ކުރިއަށް ދިޔައީ ސަރިފުގައެވެ.
(ނުނިމޭ)
One Comment
Comments are closed.



…..Whn nxt part