Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…43

މުތާ/ ސ.ހިތަދޫ Level 210 Stories
August 19, 2014 7 Mins Read
8 Comments

”އަހަރެންގެ ދަރިފުޅުގެ ޤާތިލުން މި ހާދިސާގެ ނާޖާއިޒް ފައިދާ ނަގާނެކަން އިނގޭތީ އަހަރެން އައީ! އަޑުއިވިއްޖެތަ؟…” ވީނާ ހުރީ އޭނަގެ ގޮތުގައެވެ. އެތަނުން ދާ ޚިޔާލެއް އޭނަގެ ނެތެވެ. ރޫޔާ ހީވަނީ ރުޅިއައިސް ރޫޅިދާނެހެންނެވެ. ވީނާގެ ވިހަ ދޫގެ ސަބަބުން އޭނަގެ މަންމައަށް ކަމެއް ވެއްޖެނަމަ އޭނަ އެއަންހެނާއަށް ދުވަހަކު މާފެއް ނުކުރާނެއެވެ. ރޫޔާ ލޮލުން ފޭބި ކަރުނަތަށް ފޮހެލަމުން އެތާ ހުރި ގޮނޑިބަރިއެއްގައި އިށީނެވެ. ރޫޔާގެ ފަހަތުން އީނާ ވެސް އިށީނެވެ. އޭނަ ރޫޔާއަށް ހިތްވަރު ލައިދިނެވެ. ބޮޑުދައިތަ ރަގަޅުވެދާނެކަމަށް ބުނިއިރު މައިމޫނާގެ ހާލު ސީރިޔަސްކަމުން އޭނަވެސް ހުރީ ކަންބޮޑުވެފައެވެ. މިހިތާމަވެރި ހާދިސާގެ ސަބަބުން އޭނަގެ ހިތް ސާފުވެއްޖެއެވެ. ބޮޑުދައިތަ އެރޭ ދެއްކި ވާހަކަ ތަކާ މެދުވެސް ވިސްނާލެވުނެވެ.

ޝިޔާޢު ބޭނުންވީ އޭނަގެ ކޮއްކޮ ގޮވައިގެން ބޭރަށް ފުރާށެވެ. ނަމަވެސް ޑޮކްޓަރުންގެ ހުއްދައެއް ނުލިބުނެވެ. މައިމޫނާގެ ހާލު ސީރިޔަސްކަމުންނެވެ. ފާއިތުވެގެންދާ ކޮންމެ މިނެޓެއް ވެގެން ދިޔައީ މައިމޫނާ މަރުގެ ތުންފަތްމައްޗަށް ފޮނުވާލި ވަގުތަކަށެވެ. ޑޮކްޓަރުން އުއްމީދު ކަނޑާލި ވާހަކަ ޝިޔާޢު އާއި ފަޒްލާ ސިއްރުކުރިއެވެ. އެއީ ޝިޔާޢުގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރި ވަގުތެވެ. ލޮލުން ކަރުނަ ފައިބަން ފެށީ އިހްތިޔާރަކާ ނުލައެވެ.

”ރޫ ރެސްޓްކޮށްލަން އަހަންނަށް ފެންނަނީ ގެއަށް ދާން، އަދި ނުވެސް ކައެއްނު ތިހުރީ…” އީނާ ބުންޏެވެ. އޭރު ރޭގަނޑު ނުވައެއް ވެސް ޖަހައިފިއެވެ. ރޫޔާ އެއްބަހެއް ނުވިއެވެ. އޭނަ ހުރީ އޭނަގެ ގޮތުގައެވެ. ”އެހެންވިއްޔާ ހިނގާބަލަ މިތާ ކައިރީ ރެސްޓޯރެންޓަކަށް ދާން….” އީނާ ބުންޏެވެ. ”އީނޫ މެން ދޭ، އަންނައިރު އަހަންނަށް ދޭން ކާއެއްޗެއް ގެނައީމަ ނިމުނީއެއްނު….” ރޫޔާ ދުރުބަލަން ހުރެ ބުނެލިއެވެ. ޝިޔާޢު އާއި ފަޒްލާ ދުރުން އުޅޭތީ އޭނަ ހުންނަނީ ޝައްކެއްގެ މަތީގައެވެ. ޑޮކްޓަރުންނާ އެހާ ގިނައިން ވާހަކަ ދެކެވޭއިރުވެސް މައުލޫމާތު ސާފުކޮށެއް ނުދެއެވެ. ކެތްނުކުރެވިގެން ސުވާލުކޮށްލުމުން ވެސް ޖަވާބެއް ނުލިބުނެވެ. އީނާ އާއި އަވްޝަން އާއި ރާނިޔާ ދިއުމުން ރޫޔާ އެކަނި ވިއެވެ. އޭނަ އެތަނުގައި ހަރަކާތްތެރިވާ މީހުންނަށް ބަލަން އިންއިރު މާތް ﷲއަށް ދުޢާ ކުރެވުނު އަދަދެއް ނޭގުނެވެ.

”ބޭބޭ، އަހަރެން ބޭނުން މަންމައާ ބައްދަލުކޮށްލަން….” ޝިޔާޢު އައިސް ރޫޔާ ކައިރިއަށް ހުއްޓިލަމުން ބުންޏެވެ. ޝިޔާއު ބަލާލީ ފަޒްލާއަށެވެ. ފަޒްލާ ބޯޖަހާލުމުން އެކަމުގެ އިންތިޒާމުތައް ޝިޔާޢު ހަމަޖައްސާލަ ދިނެވެ.

އައި.ސީ.ޔޫގެ އެތެރެއަށް ވަދެވުމުން ރޫޔާގެ ދެފައި މިބުގައި ތަތްލިހެން ހީވިއެވެ. އޭނައަށް ހުރެވުނީ ހިނގައިގަންނަން ނޭގިފައެވެ. މަންމަ ބާއްވާފައި އޮތް އެނދާއި ދިމާއަށް ބަލާލެވުނުއިރު އޭނަގެ ހިތް އެތިކޮޅުތަކަށް ބުރައިގެން ދިޔަ ކަހަލައެވެ. ހިތުގައި އަޅަން ފެށި ބަޔާން ކުރަން ދަތި ވޭނެކެވެ. އެތެރެއަށް ނޭފަތް ދަމާލަމުން ރޫޔާ ހިތްވަރުކޮށްލިއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނަ މައިމޫނާ ބާއްވާފައި އޮތް އެނދާއި އަރާހަމަކުރިއެވެ. އޭރު ފައިން ވާގިދޫވެގެން ވެއްޓި ދާނެހެން ވެސް ހީވިއެވެ. މަންމަގެ އަތުގައި ހިފާލަމުން ރޫޔާ އެއަތްތިލައަށް ބޮސްދިނެވެ. ހާދަ ފިންޏެވެ. ރޫޔާއަށް ނުރޮވުނީ ކިރިޔާއެވެ. ކޯމާގައި ތިބޭ މީހުންނަށް ދައްކާ ވާހަކަ އަޑުއިވޭނެކަން އެނގިފައިވުމުން ރޫޔާ އޭނަގެ މަންމައާއި ވާހަކަ ދެއްކިއެވެ.

”މަންމާ، އަހަރެން މަންމައަށް މާފުކޮށްފިން، ޕްލީސް ލޯހުޅުވަބަލަ، އައި ލަވް ޔޫ….” ރޫޔާއަށް ތުންފަތުގައި ދައިގަނެވުނެވެ. އޭނައަށް ކެތްކުރެވެނީކީ ނޫނެވެ. ހައްތާހާވެސް ހީވަނީ މަންމަ އޭނަ ދޫކޮށް ހިނގައިދާނެ ހެންނެވެ! މާފުކޮށްފީމޭ ބުނެވުނު އަދަދެއް ނޭގުނެވެ.

ރޫޔާ ބޭރަށް ނިކުމެލިއިރު އެރީތި މޫނުމަތި ވަނީ މިލައިގެން ގޮސްފައެވެ. އެމޫނަށް ބަލައިފިނަމަ ކޮންމެ މީހެއްގެ ހިތަށް ވެސް އަސަރުކުރާނެއެވެ. ލޯބިވާ މީހަކަށް އެފަދަ ހާދިސާއެއް ދިވާވުމުން ކުރެވޭ ހިތްދަތިކަމަކީ ބަޔާންކުރެވޭނެ ކަމެއް ނޫނެވެ. އެފަދަ ކަމެއް ތަޖުރިބާކުރެވުމުން މެނުވީއެވެ. ހިތުގައި އަޅާ ވޭނާއި ލޮލުން އޮހޭ ކަރުނަތަކަށް ނިމުމެއް ނެތް ފަދައެވެ.

ރޫޔާ އައިސް ގޮނޑިބަރީގައި އިށީންތަނާ އީނަމެން ވެސް އަތުވެއްޖެއެވެ. އެމީހުންނާއެކު އަލްޔަސް އާއި ނަޒްޔަކް ވެސް އައެވެ. އޭގެ އިރުކޮޅެއް ފަހުން ތާއިފްގެ ދެމަފިރިން ވެސް އައެވެ.

އީނާ ގެނައި ޕާރުސަލް އަތުލަމުން އެއިން އެތިކޮޅެއް ކެވޭތޯ ރޫޔާ އުޅުނެވެ. އަރުތެރެއިން ކާއެއްޗެހި ދިޔައީވެސް އެހާމެ އުނދަގުލުންނެވެ.

”ތި ވާހަކަތައް ރޫޔާ ގާތު ނުބުނަނީތަ؟ ޝިޔާއު ތިކަން ސިއްރެއް ނުކުރެވޭނެ އެއްނު….” މައިމޫނާ ސަލާމަތްވާނެ ކަމުގެ އުއްމީދު ކަނޑާލާފައިވާކަން ހާމަކުރުމުން ކުލްޘޫމްވެސް އިނީ ޝޮކެއްގައެވެ. ”އިނގޭ، އެކަމަކު….” ޝިޔާޢުއަށް ވާހަކަ ކުރިއަށް ނުގެންދެވުނެވެ. އެވަގުތު ޑޮކްޓަރު އައިސް އެމީހުންނާ ވާހަކައެއް ދައްކާލިއެވެ. ޝިޔާޢުގެ ހާސްކަންވީ އިތުރެވެ. އެއީ ކަންތައް އިތުރަށް ގޯސްވުމުގެ ސިގްނަލެކެވެ.

އުމެއިރާއަށް ޒިޔާރަތްކުރަން އައި ޒެލީންއަށް ނަޒްޔަކް ފެނި އޭނަ ހުރީ އެތަނަށް ނަޒްޔަކް އައި ބޭނުމެއް ސާފުކޮށްލާ ހިތުންނެވެ. ނަޒްޔަކް ރޫޔާ އާއި ވާހަކަ ދައްކާލިތަން ފެނި އޭނަގެ މޭގައި ރިއްސާލިއެވެ. މޫޑު ވެސް ހަރާބުވިއެވެ. މޫނު ކުނިކޮށްލަމުން ގޮސް އޭނަ އުމެއިރާ ބާއްވާފައި އޮތް ވޯޑަށް ދިޔައެވެ. އޭރު އެތާންގައި ޕޮލިހުންތައް ތިއްބެވެ.

ޒެލީންގެ މޫނަށް ބަލާލުމާއެކު ކަމެއް ގޯސްވެއްޖެކަން އުމެއިރާއަށް ނަގައިގަނެވިއްޖެއެވެ. އޭނަ ސުވާލުކުރުމުން ޒެލީން ހުރިހާ އެއްޗެއް ކިޔައިދިނީ ރުންކުރުވެފައި އިނދެއެވެ. އޭނަ އުމެއިރާ ކުށްވެރި ކުރިއެވެ. ޒެލީންގެ ވާހަކަތަކުން އުމެއިރާ ވީ ދެރައެވެ.

”ކުރިން ވެސް އިނގެޔޭ މިހެން ވާނެކަން، އެކަމަކު ދަރިފުޅު ހިތްވަރު ދެރަނުކުރައްޗޭ، މީ ނަޒްޔަކް ހާސިލުކުރަން މަސައްކަތް ކުރަންވީ ވަގުތު، ދޫދީފިއްޔާ އޭނަ ގެއްލިދާނެ…” އުމެއިރާ އިނބުލީހަކަށް ދުލެއް ނުކުރެއެވެ. ބަލި ހާލުގައި އޮވެވެސް ކަންތައް ކުރަންވީ ގޮތް ކިޔައިދޭން ފެށުމުން ޒެލީން ކަޅިއަޅާލިއެވެ. ”މަންމަގެ ސަބަބުން މިހުރިހާކަމެއް ދިމާވީ، އަދި އެތާރާގަނޑު….. ވަރަށް ފޫހިވޭ….” އުމެއިރާގެ ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ޒެލީން އިނީ އުމެއިރާ ދެކެ ރުޅިއައިސްފައެވެ.

”ދަރިފުޅާ ރުޅިފިނިކޮށްބަލަ، މީ ވިސްނުންތެރިކަމާއެކު ކުރިއަށް ދާންވީ ވަގުތޭ….”

”ހުއްޓާލަބަ… ތިހެން ކަންތައް ކުރީމަ މުޅި އުމުރަށް ނަޒްޔަކް ގެއްލިދާނެ….” ދާންވެގެން ތެދުވެލަމުން ޒެލީން ބުންޏެވެ. އެވަރުންވެސް އުމެއިރާ ހުއްޓާނުލިއެވެ. އެންމެފަހުން ޒެލީން ނިކުމެގެނެް ދިޔައީ ބޮލަށް އުނދަގޫވެގެންނެވެ.

ޒެލީން ހޮސްޕިޓަލްގެ ބޭރަށް ނިކުމެލި ތަނާ ނަޒްޔަކް ބޭރުގައި ހުރިތަން ފެނި ހިތްތެޅިލިއެވެ. އޭނަ ނަޒްޔަކް ގާތަށް ދާން ހިނގައިގަތް ވަގުތު ނަޒްޔަކް ފަސްއެނބުރި ބަލާލުމުން ކުރިއަށް ދާން ކުޑަކޮށް ޖެހިލުންވިއެވެ. ނަޒްޔަކްގެ ބަލާލުމުގައި ވަނީ ނަފްރަތެވެ. ހިތަށްވީ ތުރާލަކުން ޒެލީންގެ ލޮލަށް ކަރުނަ ޖަމާނުވީ ކިރިޔާއެވެ. ހިތްވަރުކޮށްލަމުން އޭނަ ނަޒްޔަކް ގާތަށް ދިޔައެވެ.

”ނަޒްޔަކް…” ޒެލީން ގޮވާލިއެވެ. މިފުރުސަތުގައި އެދެމުގައިވާ މައްސަލަތައް ހައްލުކުރަން ޒެލީން ބޭނުންވިއެވެ. ނަޒްޔަކް ޒެލީންއަށް ބަލާލީ އިންޒާރުގެ ނަޒަރަކުންނެވެ. ޒެލީން ނަޒްޔަކްގެ ފަހަތުން ދާން އުޅެނިކޮށް އެތަނަށް އަލްޔަސް އައުމުން އޭނަގެ މިސްރާބު ބަދަލުކޮށްލިއެވެ. އަލްޔަސް ވެސް ޒެލީންއަށް ބަލާލީ ފޫހި ގޮތަކަށެވެ.

”ނިކް ދަންނަންތަ އޭނަ؟…” އަލްޔަސް ސުވާލުކުރިއެވެ.

”އުހޫނ…” ނަޒްޔަކް ދޮގެއް ހަދާލިއެވެ. ޒެލީންގެ ވާހަކަ ދައްކަން ވެސް އޭނަ ފޫހިވިއެވެ.

”އޯހް… ދީބަލަ ކާރުގެ ތަޅުދަނޑި….” ނަޒްޔަކްގެ ޖަވާބުން އަލްޔަސްގެ ސިކުނޑިއަށް ލުޔެއްލިބުނެވެ. އޭނަ ދަމުން ދިޔައީ ޒެލީން ފަދަ އަންހެންކުދިންނަށް ސަމާލުވުމަށް ބުނެލާފައެވެ.

ނަޒްޔަކް އެތެރެއަށް ވަންއިރުވެސް އެތަނަށް ވެރިވެފައި އޮތީ ކުރީގެ ހިމޭންކަމެވެ. ރޫޔާ ރޯތަން ފެނުމުން ނަޒްޔަކްގެ ހިތަށް އަސަރުކުރިއެވެ. އެރީތި ދެލޮލުގައި ކަރުނަތައް ވިދާތަން ފެނި މެޔަން ނުބައި ގޮތެއްވެސް ވިއެވެ.

ދިހަ މިނެޓް ވެސް ނުވަނީސް ލިބުނު ޚަބަރަކުން ރޫޔާގެ ހިތް ހުއްޓޭވަރުވިއެވެ. ޑޮކްޓަރު ބުނި ޖުމްލަތަކުން ކަންފަތަށް ހޮނުއެޅި ކަހަލައެވެ. އަނގަމަތީގައި އަތްއަޅާލެވުނު އިރު ތާޒާ ކަރުނަތަށް ލޮލުގެ ތެރެއަށް ޖަމާވެގަތެވެ. ނަޒްޔަކް ރޫޔާގެ ހަށިގަނޑުގައި ނުހިފެހެއްޓިނަމަ ރޫޔާ ބިމަށް ތިރިވީހެވެ. އެފަދަ ވަގުތެއްގައި މީހެއްގެ އެހީތެރިކަން ލިބުމުން ރޫޔާއަށް އިތުރަށް ރޮވުނީއެވެ. ނަޒްޔަކްގެ ހަށިގަނޑުގައި ބާރަކަށް ބައްދާލަމުން ރޫޔާއަށް ރޮވުނެވެ. ނަޒްޔަކް ހުރީ ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ. ރޫޔާގެ ގިސްލުމުގެ އަޑު އަޑުއަހަން ކެތެއް ނުކުރެވުނެވެ. އެހަށިގަނޑުގެނެސް މެޔާލާބޮޑިކޮށްލެވުނީ އިހްތިޔާރަކާ ނުލައެވެ. ހިމާޔަތްދޭން ބޭނުންވެފައި ހުރެއެވެ. ރޫޔާގެ ލޮލުން ފައިބަން ފެށި ކަރުނަތަށް ހުއްޓުމަކަށް ނައެވެ. އީނާވެސް އެވަގުތު އައިސް ހިތްވަރު ލައިދިނެވެ.

”އެއީ ދޮގެއް….” ނަޒްޔަކް އާ ދުރަށް ޖެހިލަމުން ރޫޔާ ބުންޏެވެ.

ކުލްޘޫމް އައިސް ރޫޔާ ހަމައަކަށް އަޅުވަން މަސައްކަތް ފަށައިފިއެވެ. ފަޒްލާ ވެސް މެއެވެ. ނަޒްޔަކްއަށް އަސަރުކުރިއެވެ. ރޫޔާ ރޯތަން ބަލަން އޭނައަކަށް ނުހުރެވުނެވެ. ދެވަނަ ފަހަރަށްވެސް އެތުނި ހަށިގަނޑު ގެނެސް މެޔާލާ ބޮނޑިކޮށްލަން ބޭނުންވިއެވެ. އެލޮލުން ފައިބާ ކަރުނަތައް ފޮހެލަދޭން ބޭނުންވިއެވެ. އެދިގި އެސްފިޔަތަކުގައި ބޮސްދޭން ބޭނުން ވިއެވެ. ކުއްލިޔަކަށް ހޭލައިގަތް ޖަޒުބާތުތަކުން އެހިތުގައި ނޭގޭ ރިހުމެއް އުފެދިގެން ދިޔައެވެ.

ރޫޔާ ހަމައަކަށް އެޅޭވަރުވީ ބައިގަޑިއިރު ފަހުންނެވެ. އޭރުވެސް އޭނައަށް ގިސްލެވެއެވެ. ނަޒްޔަކް ހުރީ ރޫޔާ އާއި ވާހަކަ ދައްކާލަން ބޭނުން ވެފައެވެ. އޭނައަށް އެފަދަ ފުރުސަތެއް ލިބޭގޮތެއް ނުވިއެވެ. އަންހެންވެރިން ތިބީ ރޫޔާ ވަށާލައިގެންނެވެ.

ހިނަވައި ނިމުމާއެކު މަންމައާއި ވަދާއީ ސަލާމް ކުރުމަށް ރޫޔާ ދިޔައިރު އޭނަ ހުރީ ކަރުނަތައް ހިފަހައްޓާލައިގެންނެވެ. މަންމައަށް އަޑު އިވޭ ހިސާބުގައި ރޯން އޭނަ ބޭނުމެއް ނޫނެވެ. މަންމަގެ މޫނަށް ބަލާލުމާއެކު ރޫޔާގެ ލޮލުން ކަރުނަތައް ފައިބައިގަތީ ކޮންޓްރޯލް ނުކުރެވިގެންނެވެ. މަންމައަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ހެއްދެވި ފަރާތަށް އެތައްފަހަރަކު ދުޢާ ކުރެވުނެވެ.

ރޫޔާގެ ހިތަށް އެންމެ އަސަރުކުރީ މޫނުގައި އެޅިވަގުތުގައެވެ. އެހިތާމަވެރި ވަގުތުކޮޅު ދުވަހަކު ހިތަކުން ފިލައިގެން ނުދާނެއެވެ. ރޫޔާއަށް އަޑުން އަޑުނަގާފައި ރޮއިނުގަނެވުނީ ކިރިޔާއެވެ. ތިރީތުންފަތުގައި ދަތްއަޅާލިއިރު މޭގަނޑަށް ތޫނު ރިހުމެއް އަރައިގެން ދިޔައެވެ.

ވަޅުލުމުގެ ކަންތައް ނިމި ގެއަށް އާދެވޭ ވަރު ވީ ހެނދުނު ދިހައެއްވެސް ޖެހި ފަހުންނެވެ. ގެއަށް އާދެވުމާއެކު ރޫޔާ ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. ޝިޔާޢު ދެން އަވަސް ވެގަތީ މައިމޫނާގެ ދަރަންޏެއް ވާނަމަ އެދަރަންޏެއް ދައްކާށެވެ. އެކަންތައް ވެސް ލަސްނުވެ ނިންމާލެވުނެވެ.

މަރަކީ ކޮންމެ ނަފްސަކާއި ވެސް ބައްދަލު ކުރާނެ އެއްޗެކެވެ. ދުރާލާ އަޖަލުގެ ކުރިން އެކަމަށް ތައްޔާރުވާން ޖެހޭނެއެވެ. މަރަކީ ވަކި އުމުރެއް ވެސް ކަނޑައެޅިފައިވާ އެއްޗެއް ވެސް ނޫނެވެ. މި ވަގުތީ ގޯތީގެ އުފަލާއި، އަރާމާއި، ހިތްހަމަޖެހުން އިސްކުރުމުގެ ބަދަލުގައި ތިމާގެ އާޚިރަތް ބާއްޖަވެރިކުރަން މަސައްކަތްކުރާށެވެ. އަދި މަރުގެ ތަކުލީފުން މިންޖުވާން ވެސް މަސައްކަތްކުރާށެވެ. ކުރެވިފައިވާ ފާފަތަކަށް ތައުބާވެ، ފާފަފުއްސެވުން އެދި މާތް ﷲ އަށް ދުޢާކުރާށެވެ. އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙްމާނުވަންތަ ރަސްކަލާނގެއެވެ.

ފަސް ދުވަސް ފަސް….

މަޑުމަޑުން ގޭތެރޭގެ މާހައުލު ހަމައަކަށް އެޅި ރޫޔާވެސް ހަމައަކަށް އެޅިއްޖެއެވެ. މަންމަގެ ހަނދާންތަކުން އޭނަ ރޮއްވާލިޔަސް ރޫޔާގެ ހިތްވަރުގަދަކަމާއެކު އެހިތާމަތަކާއި ހަނގުރާމަ ކުރެވުނެވެ.

 

****

އީނާ އާއި އަލްޔަސްގެ ކައިވެނި ވެސް އެހިތާމަ ވެރި ހާދިސާގެ ސަބަބުން ދެ ހަފްތާއަށް ފަސްކުރެވުނެވެ. ރޫޔާ އީނާ އެކު ބޭރަށް ނިކުމެ ހަދައެވެ. ހަވީރުގެ ވަގުތު ދެކުދިން އާރޓިފިޝަލް ބީޗަށް ދެއެވެ. އެއުފާވެރި މާހައުލުގައި އަނގަތަޅާލަން ތިބެއެވެ.

ނަޒްޔަކްއަށް ރޫޔާ ފެންނަ ކޮންމެ ފަހަރަކު ވާހަކަ ދައްކާލަން ބޭނުންވެއެވެ. ރޫޔާގެ ހިތާމަތަކަށް ނިމުމެއް ގެނެސްދޭން ވެސް ބޭނުންވެއެވެ. އޭނައަށް ރޫޔާ ނޫން ކުއްޖަކާ މެދު ނުވިސްނެއެވެ. ހިތުގައި ބިންވަޅުނެގެމުން ދިޔައީ އެލޮބުވެތި ސޫރައެވެ. އަދިވެސް އެރޭ ރޫޔާ އޭނަގެ ގައިގައި ބައްދާލައިގެން ރުއި މަންޒަރު ސިކުނޑީގައި ރައްކާކުރެވިފައިވެއެވެ. އޭނައަށް އެއަންނަ ބަދަލުތަކާ މެދު ވިސްނާލިޔަސް އޭނަ ޚައިރާންވެއެވެ. އަނެއްކާ އޭނައަށް ރޫޔާ ދެކެ ލޯބި ވެވުނީ ބާވައެވެ؟

ރޫޔާ އާއި އީނާ ބާޒާރުކޮށްލަން ނިކުމެ އުޅުނު ދުވަހެކެވެ. މަޖީދީމަގުން ހިނގާފައި ދަނިކޮށް ސައިކަލެއް ދާދިގާތުން ބަރުގޮނު އަޅާލުމުން ދެކުދިން ދިޔައީ ސިއްސައިގެންނެވެ. ”ނިކް ދޯ؟ ޕާޓޭއެއް ކަމަށް ހީކޮށް ސްލެޕް ކުރަން އުޅެނިކޮށް މޫނު ތިފެނުނީ، އެހެންނޫންނަމަ ޖެހޭނީ ޑެންޑިސްޓެއްގެ ގާތަށް ދާން… މަގުންދާ އަންހެންކުދިންނަށް ހެރޭސްކުރަން ވެސް ފެށީތަ؟….” އީނާ ނަޒްޔަކްއަށް ބަލާލަމުން ބުންޏެވެ. ރޫޔަ ވެސް ނަޒްޔަކްއަށް ބަލާލަމުން ހިނިތުންވެލިއެވެ. އެހިނިތުންވުމުން ނަޒްޔަކްގެ މޭގައި ގަނޑުފެން އާޅާލަދިންހެން ހީވިއެވެ. އޭނަ ރޫޔާއަށް ހިނިތުންވެލިއެވެ.

”ދަންނަ ބަޔަކުހެން ހީވެގެންނޭ މިއައީ….” ނަޒްޔަކް ބުނެލިއެވެ.

”ދަންނަވައްތަރު ޖެހިޔަސް ތިހެން އައިސް ބަރުގޮނު އަޅާކަށް ނުވާނެއެއްނު، ތިހެން އުޅެންޏާ ދުވަހަކު ގާރލްފެރެންޑެއް ނުލިބޭނެ، ކުދިން ހިކުރާނީ ޕާޓޭއެއްކަމަށް….” އީނާ ބުނެލިއެވެ.

ތިން މީހުން ވާހަކައިގައި ތިބެފައި ދިޔައީ ރެސްޓޯރެންޓަކަށެވެ.

ރޫޔާ އިށީންދެލައިގެން އިން ގޮނޑީއާއި ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީންދެލަމުން ނަޒްޔަކް ގޮނޑިއަށް އެހަށިގަނޑު ދޫކޮށްލިއެވެ. ނަޒްޔަކްގެ ހަރަކާތްތައް އީނާއަށް ފާހަގަ ވިއެވެ. ރޫޔާއަށް އެކަން ފާހަގަ ނުކުރެވުނީ ފޯނުގެ ތެރެއަށް ގެއްލިފައި އިނީމައެވެ.

”އެހެމް…” މާހައުލަށް ވެރިވެފައި އޮތް ހިމޭންކަން އީނާއަށް ކަމަކު ނުދިޔައެވެ.

”ހީވަނީ ފިއުނެރެލްއެއް ހެން….” އީނާ ބުންޏެވެ. ރޫޔާއަށް ވެސް އެތަނަށް ވެރިވެފައި އޮތް އާދަޔާ ހިލާފް ހިމޭންކަން ފާހަގަ ކުރެވުނީ ދެނެވެ. ”އީނޫ ގުޅާބަލަ ސޭމްއަށް…. ލާނެތް ގަނޑު ނެތީމަ މިތަން އެހާ ފަޅީ….” ރޫޔާ ބުނެލިއެވެ. ރޫޔާ އެހެން ބުނެލާއިރަށް އީނާ ނަޒްޔަކްއަށް ގުޅާލައިފިއެވެ. ”ދިހަވަރަކަށް މިނެޓް ތެރޭ އެބައަންނަމޯ….” އީނާ ފޯން ކޯލް ނިންމާލަމުން ބުނެލިއެވެ.

”ސޯ ރޫ ދެން ކިޔަވަން ޕްލޭން ނުކުރަންތަ؟….” ފަށާނެ ވާހަކައެއް ނޭގިފައި އިން އީނާ ބުނެލިއެވެ. ”ދެން އިތުރަށް ކިޔަވާ ހިތެއް ނުވޭ…..” ރޫޔާ އެއްވެސް ކަމެއް ކުރާ ފަދަ މޫޑެއް ނެތެވެ. އޭނަގެ ދިރިއުޅުން ސިފަކުރެވެނީ ހަނަފަސް ސަހަރާއެއްގެ ގޮތުގައެވެ. އޭނަ ވަނީ ހުރިހާ އުފަލަކުން މަހްރޫމްވެފައެވެ. އޭނަގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދޭނެ މީހަކުވެސް ނެތީ ބާވައެވެ!

”ވަޓް އެބައުޓް މެރިއޭޖް؟….” ނަޒްޔަކް ކޮށްލި ސުވާލަކުން ރޫޔާ ސިހުނެވެ. އޭނައަށް ނަޒްޔަކްއަށް ބަލާލެވުނެވެ. ”އައި މީން ބީއެފްއެއް….” ނަޒްޔަކްއަށް ވާހަކަ ކުރިއަށް ގެންދާކަށް ނޭގުނެވެ. ދެންވެސް ރޫޔާ އިނީ ބަލާށެވެ.

އީނާ ފަހަރަކު މީހެއްގެ މޫނަށް ބަލަން އިނީ ފަރުވާތެރި ކަމާއެކުގައެވެ.

”ވާއު، އީނޫ މިއަދު ހާދަ ރީއްޗޭ…. ރެޑް ސޫޓްސް ޔޫ….” އަލްޔަސްގެ އަޑާއެކު އީނާ ލަދުން ގޮސް ހަލާކުވާވަރުވިއެވެ. ވަށައިގެން ތިބި މީހުން ވެސް ތިބީ އެމީހުންނަށް ބަލާށެވެ. އެޖުމްލަ ބުނެވުނީ ތަންކޮޅެއް ބާރަށް ކަން އަލްޔަސްއަށް ރޭކާލީ އިރުކޮޅެއް ފަހުންނެވެ.

”ޕިސް ޕިސް، ތަންކޮޅެއް މަޑުން ނުބުނެވޭތަ….” އަލްޔަސް އައިސް އީނާ އާއި ކައިރީގައި ހުރި ގޮނޑީގައި އިށީނުމާއެކު އަލްޔަސްގެ އަތުގައި ވިކައިގަންނަމުން އީނާ ބުންޏެވެ. ”ސޮރީ، އީނޫ ފެނުނީމަ ނޭގެ ފީލިންގްސްތައް ކޮންޓްރޯލް ކުރަންވެސް….” އަލްޔަސް ތަންކޮޅެއް މަޑުން ބުންޏެވެ.

ނަޒްޔަކްއާއި ރޫޔާ ތިބީ ހޭށެވެ.

މަޖަލާއެކު ވަގުތު ފާއިތުވެގެން ދިޔަ ގޮތެއް ނޭގުނެވެ. ވާހަކައިގެ ތެރޭން ރޫޔާ އާއި ނަޒްޔަކްއާ ދެމެދު ގާތް އެކުވެރިކަން އުފެދިގެން ދިޔައެވެ. ނަޒްޔަކް އާއި ވާހަކަ ދައްކާލެވުމުން ރޫޔާއަށް ބުނަން ނޭގޭ ގޮތްތަކެއް ވެއެވެ. އެއަޑުން ވެސް އޭނަގެ ހިތާއި ކުޅެލާހެން ހީވިއެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. އެގޮތުގެ މަތީން ދެހަފްތާ ފާއިތުވެގެން ދިޔަ ގޮތެއް ވެސް ނޭގުނެވެ. އީނާ އާއި އަލްޔަސްގެ ކައިވެނީގެ ތާރީޚް އައިސް ކުރިމަތިލިއިރު ގެއަށް ވެރިވަފައި ވަނީ ހަލަބޮލިކަމެވެ. ކައިވެނީގެ އެކިކަންކަމުގައި މީހުންތައް ހޭބޯނާރައި އުޅުނުއިރު ގަޑިއަށް ހުރިހާ ކަމެއްވެސް ނިންމާލެވޭތޯ އުޅުނެވެ. އީނާ ހުރީ ކުޑަކޮށް ހާސްވެފައެވެ. ރޫޔާ ވެސް އުޅުނީ މަސައްކަތުގައެވެ. ނަޒްޔަކް އާއި ދެމީހުން އެކީގައި އުޅޭއިރު ހާދަ ލޯތްބެވެ. ދެމީހުންގެ ގުޅުން އިތުރަށް ރަގަޅުކުރަން އީނާ ވަނީ ޕްލޭންތަކެއް ރާވާލާފައެވެ.

ވަގުތު ފާއިތުވަމުން ގޮސް ރޭގަނޑު އަށެއް ޖަހަން ކައިރި ވެއްޖެއެވެ. ގާޟީއާއި ހެކިވެރިން އައުމުން ރޫޔާއާއެކު އީނާ ސިޓިންގްރޫމަށް ނިކުތެވެ. ސިޓިންގް ރޫމް އޮތީ ދެޢާއިލާގެ މެންބަރުންނާއި އެކުވެރިންތަކުން ފުރާލާފައެވެ.

އީނާ ލައިގެން ހުރީ އެހަށިގަނޑުގެ ވަނާތައް ފޮރުވޭނެ ފަދަ ހުދާއި ފިޔާތޮށިކުލައިގެ އަތްދިގު މެކްސީއެކެވެ. މެކްސީއާއި ގުޅޭ ކުލައިން ބުރުގާ އަޅާފައި ހުރިއިރު އީނާގެ ރީތިކަން ފުރިހަމަކޮށްދެނީ އެތުންފަތުގައިވި ރަކި ހިނިތުންވުމުންނެވެ. އަނދުނުގެ ތެރޭން ދެލޯފެނިލަނީ އެހާމެ ޖާދުވީ ގޮތަކަށެވެ. ފިނިވެފައިވާ ދެއަތްތިލަ ޖޯޑުކޮށްލަމުން އައިސް އީނާ އަލްޔަސް އާއި ޖެހިގެން ހުރި ގޮނޑީގައި އިށީންދެލިއެވެ. އޭނަގެ ދެފައި ސިފަވަނީ ޖެލީކޮޅެއް ހެންނެވެ. މުޅި މީހާ ވަނީ ހާސްވެފައެވެ. ނޭވާ ލެވެނީ ވެސް އުނދަގުލުންނެވެ. އަލްޔަސް އީނާގެ ފިނި އަތްތިލައިގައި ހިފަހައްޓާލުމުން އީނާގެ ހާސްކަން އޭނައަށް އަންދާޒާ ކުރެވުނެވެ. އަލްޔަސް އީނާއަށް ހިނިތުން ވެލިއެވެ.

ކައިވެނީގެ ކަންތައް ފެށިގެން ދިޔައިރު އީނާގެ ހިތް ހީވަނީ ފުންމާލަފާނެހްނެނެވެ. އޭނަ އަވަސް ނޭވާތަކެއް ލަމުން ދިޔައެވެ. ހަޔާތުގައި ވެސް އޭނަ މިހާ ހާސްވި ދުވަހެއް މިނޫނީ ނާދެއެވެ. އުފަލުން ކަމަށް ވެސް ވެދާނެއެވެ.

”އަނބި ޤަބޫލުކޮށްފިން……” އަލްޔަސްގެ ބުނި ޖުމްލައިން އީނާއަށް އިހުސާސްކުރެވުނު އުފާވެރިކަން ދުލަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. އޭނައަށް އަލްޔަސްގެ މޫނަށް ބަލާލެވުނެވެ. ދެމީހުން ކުރި ދިގު އިންތިޒާރުގެ ނިމުން އައިސްފިއެވެ. އޭނަ ދެކުނު ހުވަފެންތައް ހަޤީޤަތަކަށް ވެއްޖެއެވެ. ހެއްދެވި ފަރާތަށް އޭނަ ޝުކުރުކުރިއެވެ.

(ނުނިމޭ)

 

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ފުރަތަމަ ލޯބި (ފަހުބައި)

Next

ހައްވާ

Next
August 21, 2014

ހައްވާ

Previews
August 18, 2014

ފުރަތަމަ ލޯބި (ފަހުބައި)

8 Comments!

  1. Faathu says:
    August 19, 2014 at 10:51 am

    v v v salhi finally they married so so happy

  2. mikko says:
    August 19, 2014 at 10:57 am

    wow…vvv nice …n so romantic….eyoh kiyaa hithun indhaa enimuny….nd dhn rooyaa nd nazyak dhw….am dying to read next part……..hope to read it soon…..

  3. unaan says:
    August 19, 2014 at 1:56 pm

    ehaa kiyaa hithn indhaa e nimuny….finally eenoo sem ge myhakah v dho…mi prt vx obi novey…..dhn roo nd nik dho.. eenu nd roo.. egge akah….hahaha…plx up nxt prt ASAP

  4. ނިނި says:
    August 19, 2014 at 2:24 pm

    މިޕާޓުގަ ހީވަނީ އެއްބައި މަދުހެން.. އެނީ ވެއިސް މިޕާޓު ވެސް ދެން ހަމަ ވ ވ ނަލަ…

  5. kudooo says:
    August 19, 2014 at 8:47 pm

    bunan tha.. nazuyaku eenoo n roo dhiyaee restaurent ah dhw ekminyy eenoo avas avahah nazuyaku ah gulhaaliyey ehn,.. ekm alyas aa dhw gulhany 😛

  6. nahu says:
    August 19, 2014 at 9:04 pm

    !!…….wow! mi part ves v rythi. waiting for the next part

  7. Anonymous says:
    August 21, 2014 at 11:21 pm

    Avsskokoh dhybslspls

  8. mikko says:
    August 22, 2014 at 9:52 pm

    kobaatha next part….avaskohladhyba…..plx plx plx plx…..

Comments are closed.


All Right Reserved!