ޔަހޫދީންނަކީ މޫސާގެފާނަށް ތަބާވެ ތަޢުރާތަށް އީމާންވި މީސްތަކުންނެވެ. އަދި މިހާރުވެސް ތަޢުރާތަށް އީމާންވެގެން އުޅޭކަމަށް ދަޢުވާކޮށް އުޅޭ މީހުންނެވެ. ޔަހޫދީންވަނީ އެބައިމީހުން މުޤައްދަސް ކޮށްގެން ގެންގުޅޭ ތަޢުރާތު އެތަށް ގޮތަކަށް ބަދަލުކޮށް އޭގައިވާ ޙުކުމްތަކާއި އާޔަތްތަށް އޮޅުވާލާފައެވެ. މިހާރު ތަޢުރާތޭ ކިޔައިގެން ދައުވާކޮށްގެން އެބައިމީހުން ގެންގުޅޭ ފޮތަކީ އަމިއްލަ އަތްތަކުން ބަދަލުގެނެސް ހަދާފައިވާ “މަސްހުނި ރުނބަ” އެކެވެ.
މޫސާގެފާނުގެ ޝަރީޢަތުގައި ހޮނިހިރު ދުވަހަކީ ޚާއްޞަ އިމްތިޔާޒީ މަޤާމެއް ދެއްވާފައިވާ ދުވަހެކެވެ. އަޅުގަނޑުމެން ގެ މި މާތްވި އިސްލާމީ އުއްމަތަށް ހުކުރު ދުވަސް ޚާއްޞަ ކުރައްވައި މާތް ކުރެއްވި ފަދައިން ޢައްޔަން ކުރެވިފައިވާ ދުވަހެކެވެ. އެ ދުވަހު އެބައިމީހުން ތަޢުރާތު ކިޔަވައި ހަދައެވެ. މާތް ﷲ ހަނދުމަކޮށް ޒިކުރުކޮށް ހަދައެވެ. އިލާހީ ޢަމުރުފުޅުގައިވާ ފަދައިން އެބައިމީހުން އެދުވަސް ޚާއްޞަ ކޮށްފައިވަނީ އަޅުކަން ކުރުމަށެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން ޔަހޫދީންގެ ތާރީޚުގެ ޞަފްޙާތަށް ނިއުޅާލުމުން ފެންނަނީ ކަޅުކަމެވެ. އަނދިރިކަމެވެ. އެބައިމީހުންގެ ނޭއްގާނީކަމެވެ. އެބައިމީހުންގެ ފަސްބައިވަނީ ނަބީބޭކަލުންގެ ލޭފޮދުން ތަތްތެޅިފައެވެ. ޔަހޫދީންވަނީ އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ވަރަށް ގިނަ ނަބީބޭކަލުން ޤަތުލުކޮށްފައެވެ. ނުހަނު އިހާނެތި ގޮތްގޮތުންނެވެ. މިދެންނެވި ވާހަކަތަކީ ކީރިތި ޤުރުޢާނުގައި ޞަރީޙަ އިބާރާތުން ބަޔާންވެގެންވާ ވާހަކަތަކެކެވެ.
މިފަދަ އަގަލެއް ސަގަލެއް، އަދަބެއް ސަދަބެއް ނެތް ބަޔަކަށް އަރަހުށި މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ދުވަހެއްގެ ޙުރުމަތް ކަނޑާލުމަކީ ނުހަނު ކުޑަކަމެވެ. އެބައިމީހުންގެ ނަޒަރުގައި ނުހަނު ފެންކަމެކެވެ. ނަމަވެސް ޔަހޫދީންގެ ތެރޭގައި މާތް ﷲ ގެ ޢަމުރުފުޅަށް ކިޔަމަންތެރި، އިޚްލާސްތެރި މީހުން އުޅުނުކަމީ ޝައްކުލާ ރައްދެއްނެތް ކަމެކެވެ. ކޮންމެއަކަސް ޔަހޫދީންގެ ތެރެއިން ހޮނިހިރު ދުވަހުގެ ޙުރުމަތްކެނޑި މީސްތަކުން ރާމާމަކުނު ތަކަކަށް ބަދަލުކުރެއްވި ވާހަކަ އަކީ މަޝްހޫރު ވާހަކައެކެވެ.
ކީރިތި ޤުރުޢާނުގެ ބަޤަރާ ސޫރަތުގެ 63 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
وَلَقَدْ عَلِمْتُمُ الَّذِينَ اعْتَدَوْا مِنكُمْ فِي السَّبْتِ فَقُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ ﴿٦٥﴾
އަދި ތިޔަބައިމީހުންގެ ތެރެއިން، ހޮނިހިރުދުވަހާމެދު (ދެކޮޅުވެރިވެ، ނުކިޔަމަންތެރިވުމުގައި) ހައްދުފަހަނަޅައިދިޔަ މީހުންގެ ވާހަކަ، ތިޔަބައިމީހުންނަށް އެނގިފައިވާކަން ކަށަވަރެވެ. ފަހެ، ތިމަންރަސްކަލާނގެ، އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ދެރަވެ، ނިކަމެތި ވެގެންވާ ރާމާމަކުނުތަކަކަށް ވާށެވެ!
މި ދެންނެވި ބަޤަރާ ސޫރަތުގެ 63 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވާ ވާހަކަ އިތުރު ތަފްސީލާއެކު އައުރާފު ސޫރަތުގައި މާތް ﷲ ބަޔާން ކުރައްވާފައިވެއެވެ. އެ ސޫރަތުގެ 163 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މި ދަންނަވާ ފަދައިންނެވެ.
وَاسْأَلْهُمْ عَنِ الْقَرْيَةِ الَّتِي كَانَتْ حَاضِرَةَ الْبَحْرِ إِذْ يَعْدُونَ فِي السَّبْتِ إِذْ تَأْتِيهِمْ حِيتَانُهُمْ يَوْمَ سَبْتِهِمْ شُرَّعًا وَيَوْمَ لَا يَسْبِتُونَ ۙ لَا تَأْتِيهِمْ ۚ كَذَٰلِكَ نَبْلُوهُم بِمَا كَانُوا يَفْسُقُونَ ﴿١٦٣﴾
އަދި ކަނޑުގެ އައްސޭރީގައިއޮތް ރަށާމެދު، ކަލޭގެފާނު އެއުރެންނާ سؤال ކުރައްވާށެވެ! (އެއީ) ހޮނިހިރާމެދު އެއުރެން عداوة ތެރިވަމުންދިޔަ ހިނދެވެ. އެއުރެންގެ މަސްތައް، އެއުރެންގެ ހޮނިހިރުދުވަހު ފާޅުވެ، ފެނިގެން އެއުރެންނާ ހަމަޔަށް އަންނަހިނދެވެ. އަދި އެއުރެން ހޮނިހިރު ނުކުރާދުވަހު، އެ މަސްތައް އެއުރެންނާ ހަމަޔަކަށް ނާދެއެވެ. އެފަދައިން ތިމަންރަސްކަލާނގެ އެއުރެން امتحان ކުރައްވަމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ.
މި ޙާދިޘާ ހިނގި ދުވަސްވަރަކާ ބެހޭގޮތުން މުފައްސިރުންގެ މެދުގައި ހިސާބެއްގެ ޚިލާފެއް ހިނގާފައިވެއެވެ. އަލް އިމާމު ޤުރުޠަބީ އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވަނީ މި ޙާދިޘާ ހިންގާފައިވަނީ ދާޢޫދުގެފާނުގެ ޒަމާނުގައި ކަމުގައެވެ. ތަފްހީމުލް ޤުރުއާނުގައި އަބުލް ޢައުލާ މަޢުދޫދީ ވިދާޅުވެފައިވަނީ އެކަމެއް ހިނގާފައިވަނީ ލާރިމިޔާ އޭ ނަމަކަށް ކިޔުނު ނަބީބޭކަލެއެގެ ޒަމާނުގައެވެ. ޢީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވުމުގެ 586 އާއި 628 ދެމެދުގެ އަހަރުތަކުގެ ތެރޭގައެވެ.
އައުރާފު ސޫރަތު 163 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ “ކަނޑުގެ އައްސޭރީގައި އޮތް ރަށޭ” އޮތް ބަސްފުޅު ރައްދުވާ ރަށަކާ ބެހޭގޮތުން އިބްނު ކަޘީރު، ޤަތާދާގެ އަރިހުން ރިވާ ކުރައްވާފައިވެއެވެ. ޤަތާދާ ވިދާޅުވިއެވެ. ” އެރަށަކީ އައިލާއޭ ކިޔުނު ރަށެކެވެ.”
ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން ޔަހޫދީންގެ މުޤައްދަސް ދުވަހެއްކަމުގައި މާތް ﷲ ހަމަޖައްސަވާފައިވަނީ ހޮނިހިރު ދުވަހެވެ. އެދުވަސް ޚާއްޞަކުރައްވާ އެދުވަހު އަޅުކަމުގައި މަޝްޢޫލުވެ އުޅުމަށްވަނީ އަންގަވާފައެވެ. އެބައިމީހުންނަށް ހޮނިހިރު ދުވަހު ދިރިއުޅުމުގެ އެއްވެސް ކަމެއްގައި މަޝްޢޫލުވެ އުޅުންވަނީ މަނާކުރައްވާފައެވެ.
ދުވަސްތަށް ފާއިތުވަމުން ދިޔަ ވަރަކަށް އެބައިމީހުން ދިޔައީ މާތް ﷲ އެބައިމީހުންގެ ފަތާތުން ހިތްޕެވި އަހުދު ކަށަވަރުގެ މަތިން ހަނދާނެތުމުންނެވެ. ދީނާ ދުރުވަމުން ދިޔަ ވަރަކަށް އެބައިމީހުން އެކިގޮތްގޮތުން އިމްތިޙާނު ކުރައްވަމުން ގެންދެވިއެވެ. އެގޮތުން ހޮނިހިރުދުވަހު އެބައިމީހުންގެ ކަނޑުގެ އައްސޭރިފަށަށް މަސްތައް ކެވި އުތުރި އަރަމުން އައިން އައިނަށް އާދެއެވެ. އެދުވަހަކީ މަސްހިފުން ޙަރާމްދުވަހެކެވެ. ހޮނިހިރު ދުވަސް ނޫން ދުވަސްދުވަހުގައި ކަނޑުން އެބައިމީހުނަށް ބޮޑު މަހެއް ނުފެންނަތާ ކުޑަ މަހެއްވެސް ނުފެނެއެވެ.
މިގޮތުގެ މަތީގައި ދުވަސްތަކެއް ވޭތުވެ ހިގައްޖެއެވެ. އެބައިމީހުންގެ ތެރެއިން ބައެއް މީހުންނަށް މި މަންޒަރު ދެކެންތިބުންވީ އުނގަދޫ ކަމަކަށެވެ. އެހެންކަމުން ހީލަތްތެރި ރޭވުމަކުން އޭގެތެރެއިން މީހަކު މަހެއްގައި ވާގަނޑަކުން އައްސައި އެވާގަނޑު ގެންގޮސް އެގަމުގައި ޖަހާފައިވާ ކަޑައެއްގައި އައްސައިފިއެވެ. ދެން އާދީއްތަ ދުވަސް އައުމުން އެ މަސްހިފައި ބުންޏެވެ. “އަހަރެން މިމަސް ބޭނީ ހޮނިހިރު ދުވަހަކު ނޫނެވެ. އާދިއްތަ ދުވަހުއެވެ.”
ދެން އެމަސް ހިފައިގެން ގޮސް އެކައްކައިގެން ކައިފިއެވެ. ދެން ޖެހިގެން އައި ހޮނިހިރު ދުވަހުވެސް އެބައިމީހުން ކަންތައް ކުރީ ހަމަ ކުރިން ދުވަހު ކަންތައް ކުރި ފަދައިންނެވެ. ދެން މީނާ މިކަންތައް ކުރާގޮތް އެނގި ވަރަށް ގިނަ ބަޔަކު އެ މަޅީގައި ޖެހިގެން މަސްހިފަންވަށައިފިއެވެ. ފުރަތަމަކޮޅު މަސްހިފައި އުޅުނީ ސިއްރުންނެވެ. ދެން ދުވަސްކޮޅެއްފަހުން ހަމަ ފާޅުގައި އެކަން ކުރަންފަށައިފިއެވެ.
އެބައިމީހުން ފާޅުގައި މަސްހިފައި ހޮނިހިރު ދަވަހުގެ ޙުރުމަތް ކަނޑަންފެށުމުން އެބައިމީހުންގެ ތެރެއިން އެއްބަޔަކު އެކަން ވަރުގަދައަށް މަނާކުރިއެވެ. މާތް ﷲ އަށް ބިރުވެރިވުމަށް ނަޞޭހަތްތެރިވިއެވެ. އެރަށުގެ އަހުލުވެރިންގެ ތެރެއިން އަނެއް ބަޔަކު އެ މަސްހިފާ މީހުންނަށް އެކަން މަނާވެސް ނުކޮށް އެބައިމީހުންނާ ބައިވެރިވެސްނުވެ އެކަހެރިވެގެން ތިއްބެވެ. މިބައމީހުން އެކަންތައް މަނާ ކުރަން އުޅުނު މީސްތަކުންނަށް ބުނެ އުޅުނު ބަސްތަށް ޤުރުޢާނުގެ އައުރާފު ސޫރަތުގެ 164 ވަނަ އާޔަތުގައި މާތް ﷲ ބަޔާން ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.
وَإِذْ قَالَتْ أُمَّةٌ مِّنْهُمْ لِمَ تَعِظُونَ قَوْمًا ۙ اللَّـهُ مُهْلِكُهُمْ أَوْ مُعَذِّبُهُمْ عَذَابًا شَدِيدًا ۖ….
އޭގެތެރެއިން އެއްބަޔަކު ބުނިހިނދެވެ. اللَّه، އެބަޔަކު ހަލާކު ކުރައްވަން، ނުވަތަ ގަދަވެގެންވާ عذاب އަކުން عذاب ދެއްވަންވެފައިވާ ބަޔަކަށް، ތިޔަބައިމީހުން وعظ އިއްވަނީ ކީއްވެގެން ހެއްޔެވެ؟
ދެން މަސްހިފުން މަނާކޮޅު އުޅުނު މީހުން ޖަވާބު ދެމުން ބުންޏެވެ.
قَالُوا مَعْذِرَةً إِلَىٰ رَبِّكُمْ وَلَعَلَّهُمْ يَتَّقُونَ ﴿١٦٤﴾
އެއުރެން ބުނޫއެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް عذر ހުށަހެޅުމުގެ ގޮތުންނެވެ. އަދި އެއުރެން تقوى ވެރި ވުމަށްޓަކައެވެ.
މިގޮތަށް މިބައިމީހުން އުޅުމުގެ ތެރޭގައި އެއްވަހަކު މަސްހިފައި އުޅުނު މީހުންގެ އެއްވެސް ހިލަމެއް ނުގެން ބެލިއިރު އެބައިމީހުންވަނީ ރާމާމަކުނު ތަކަކަށް ބަދަލުވެފައެވެ. އެބައިމީހުންނަށް މިޙާލު ޖެހުނީ މާތް ﷲ ގެ އަޙުދު މުގުރުމުގެ ސަބަބުންނެވެ. އައުރާފު ސޫރަތުގެ 165 ވަނަ އާޔަތާއި 166 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
فَلَمَّا نَسُوا مَا ذُكِّرُوا بِهِ أَنجَيْنَا الَّذِينَ يَنْهَوْنَ عَنِ السُّوءِ وَأَخَذْنَا الَّذِينَ ظَلَمُوا بِعَذَابٍ بَئِيسٍ بِمَا كَانُوا يَفْسُقُونَ ﴿١٦٥﴾ فَلَمَّا عَتَوْا عَن مَّا نُهُوا عَنْهُ قُلْنَا لَهُمْ كُونُوا قِرَدَةً خَاسِئِينَ ﴿١٦٦﴾
ފަހެ، އެއުރެންނަށް ހަނދުމަކޮށްދެއްވި ކަންތައް އެއުރެން ހަނދާންނައްތައިލި ހިނދު، ނުބައިކަންތައް ނަހީކޮށް އުޅޭމީހުން، ތިމަންރަސްކަލާނގެ މިންޖުކުރެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ގަދަފަދަވެގެންވާ عذاب އަކުން އަނިޔާވެރިވީ މީހުން ހިއްޕެވީމެވެ. (އެއީ) އެއުރެން فاسق ވެ އުޅުނުކަމަށްޓަކައެވެ. ފަހެ، އެއުރެންނަށް ނަހީކުރެއްވި ކަންތަކާމެދު، އެއުރެން ބޮޑާވެގަތްހިނދު، ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ. ދެރަވެ، ނިކަމެތިވެގެންވާ ރާމާމަކުނުތަކެއް ކަމުގައި ތިޔަބައިމީހުންވާށެވެ!
ކީރިތި ޤުރުޢާނުގެ ނައުޞުން ޘާބިތުވާގޮތުގައި އެބައިމީހުންގެ ތެރެއިން އެއްބަޔަކުވީ ރާމާމަކުނު ތަކަކަށެވެ. އަނެއްބަޔަކު ވީ އޫރުތަކަކަށެވެ. ދަލީލަކީ މާއިދާ ސޫރަތުގެ 60 ވަނަ އާޔަތެވެ.
قُلْ هَلْ أُنَبِّئُكُم بِشَرٍّ مِّن ذَٰلِكَ مَثُوبَةً عِندَ اللَّـهِ ۚ مَن لَّعَنَهُ اللَّـهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ ۚ أُولَـٰئِكَ شَرٌّ مَّكَانًا وَأَضَلُّ عَن سَوَاءِ السَّبِيلِ ﴿٦٠﴾
ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ حضرة ގައި ޖަޒާދެއްވުމުގެ ގޮތުން އެއަށްވުރެ ނުބައިބަޔެއްގެ ވާހަކަ ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައި ދެއްވަންހެއްޔެވެ؟ އެއުރެންނީ، اللَّه އެބަޔަކަށް لعنة ލައްވައި، އަދި އެބަޔެއްގެ މައްޗަށް ކޯފާލައްވައި އެބަޔެއްގެ ތެރެއިން ބަޔަކު ރާމާމަކުނުކަމުގައްޔާއި، އޫރުކަމުގައި ލައްވައި، އަދި އަނެއްބަޔަކު شيطان އާއަށް އަޅުކަންކުރާ މީހުން ކަމުގައިލެއްވި މީހުންނެވެ. އެއުރެންނީ (قيامة ދުވަހުން) ތިބޭނެ ތަނުގެގޮތުން ނުބައިކަން ބޮޑުވެގެންވާ ބަޔެކެވެ. އަދި ހަމަ މަގުން އެއްކިބާވެ މަގުފުރެދުން ބޮޑު ބަޔެކެވެ.
عبد اللّـه بن عبّاس رضى اللّـه عنه އަށް ޙަވާލާދެއްވައި އިބްނު ކަޘީރު ލިޔުއްވާފައިވެއެވެ. “އެބައިމީހުންގެ ތެރެއިން ޒުވާނުން ވެގެންދިޔައީ ރާމާމަކުނަށެވެ. މުސްކުޅީން ވެގެން ދިޔައީ އޫރު ތަކަކަށެވެ.” އަދިވެސް عبد اللّـه بن عبّاس رضى اللّـه عنه ވިދާޅުވެފައި ވެއެވެ. “އެ ރާމާމަކުނަށް ނުވަތަ އޫރަށް ބަދަލު ކުރެއްވުނު މީހުންގެ ނަސްލު ދެމިގެނެއް ނުދެއެވެ. އެބައިމީހުން އޭގެފަހުން ދިރިތިބީ ތިންދުވަސް ވާންދެނެވެ.” ) ތަފްސީރު އިބްނު ކަޘީރު)
عبد اللّـه بن عبّاس رضى اللّـه عنه ގެ މިދެންނެވި ބުނުމަށް ބާރުލިބޭ ޙަދީޘެއް ޞަޙީޙު މުސްލިމުގައި ރިވާވެގެންވެއެވެ. عبدالله بن مسعود رضى اللّـه عنه ވިދާޅުވިއެވެ. އެއްފަހަރަކު މީހަކު ކައުއިތުރު ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. މިހާރު މިއުޅޭ ރާމާމަކުނާއި އޫރުތަކަކީ ކުރިން ސިފަބަދަލު ކުރެވިފައިވާ އުއްމަތުގެ މީސްތަކުންތޯއެވެ؟ އިތުރު ސާހިބާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. ސިފަބަދަލުކުރެވުނު އުއްމަތުގެ މީސްތަކުން އެބައިމީހުންނަށް ދަރީންލިބި އެބައިމީހުންގެ ނަސްލު ފެތުރިގެން ދިޔުމަކަށް މާތް ﷲ ދޫކޮށެއް ނުލައްވައެވެ. އެބައިމީހުން ސިފަ ބަދަލުކުރެއްވުމުގެ ކުރިން މާތް ﷲ ވަނީ ރާމާމަކުނާއި އޫރު ހައްދަވާފައެވެ.
މުފައްސިރުންގެ ތެރެއިން ޖުމްހޫރުން ވިދާޅުވާ ގޮތުގައި ބަނޫ އިސްރާއީލްގެ މީސްތަކުން ތިންބަޔަކަށް ބެހިގެން ދިޔައެވެ. ފުރަތަމަ ބަޔަކީ އަމުރަށް ނުކިޔަމަންތެރިވެ ހޮނިހިރު ދުވަހު މަސްހިފި މީހުންނެވެ. ދެވަނަބަޔަކީ މާތް الله ގެ އަމުރުފުޅާ ޚިލާފުނުވާ ބައެކެވެ. އަމުރަށް ނުކިޔަމަންތެރިވި މީހުނަށް ހޮނިހިރު ދުވަހު މަސްހިފުން މަނާކޮށް ނަޞީޙަތްތެރިވީ މީހުންނެވެ. ތިންވަނަ ބަޔަކީވެސް މާތް الله ގެ އަމުރުފުޅާ ޚިލާފުނުވާ ބައެކެވެ. ނަމަވެސް މިމީހުން ނަޞީޙަތްތެރިވި މީހުނަށް މާތް الله އެބަޔަކު ހަލާކު ކުރެއްވުމަށް އިރާދަކުރެއްވި ބަޔަކަށް ނަޞީޙަތްތެރިވަނީ ކީއްވެގެން ހެއްޔެވެ ބުނެވެސް އުޅެތެވެ.
މިދެންނެވި ތިން ބައިގެ މީހުންގެ ތެރެއިން މާތް الله ގެ އަމުރުފުޅާ ޚިލާފުވެ ހޮނިހިރު ދުވަހު މަސްހިފި މީހުން ހަލާކުވެގެން ނުވަތަ އޫރުތަކަކަށާއި ރާމާމަކުނުތަކަށް ބަދަލުވިކަން ކީރިތި ޤުރުޢާނުގެ ޞަރީޙަ ނައްސުން ދޭހަވެއެވެ. ހަމައެހެންމެ، ހޮނިހިރު ދުވަހު މަސްހިފާ އުޅުނު މީހުނަށް އެކަން މަނާ ކުރި މީހުން ސަލާމަތް ވީކަންވެސް ދޭހަވެއެވެ. ތިންވަނަ ޖަމާޢަތާ ބެހޭގޮތުން އިތުރު ތަފްޞީލެއް އާޔަތުގައި އައިސްފައެއް ނުވެއެވެ. ނަމަވެސް عبد اللّـه بن عبّاس رضى اللّـه عنه އާއި عكرمة (އިކްރިމާ)އާއި الحسن (އަލް ޙަސަން) ފަދަ ބޭކަލުން ބުރަ ވެވަޑައިގަންނަވަނީ އެބައިމީހުންވެސް ސަލާމަތްވި ކަމުގައެވެ.
ސިފަ ބަދަލުކުރެއްވުމުގެ ޢަޛާބަކީ ހަމައެކަނި ކުރީގެ އުއްމަތްތަކުގެ މީސްތަކުންނަށް ޚާއްޞަ އަޛާބައެއްނޫނެވެ. މި އުއްމަތުގެ ބަޔަކުވެސް އެފަދަ އަޛާބެއް ދެއްވާ ސިފަ ބަދަލު ކުރައްވާނެކަން ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ صلّى اللّـه عليه وسلّم ޚަބަރު ދެއްވާފައިވެއެވެ. أبو مَالِكٍ الأَشْعَرِيّ ގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވާފައިވެއެވެ.
“ لَيَشْرَبَنَّ نَاسٌ مِنْ أُمَّتِي الْخَمْرَ يُسَمُّونَهَا بِغَيْرِ اسْمِهَا يُعْزَفُ عَلَى رُءُوسِهِمْ بِالْمَعَازِفِ وَالْمُغَنِّيَاتِ يَخْسِفُ اللَّهُ بِهِمُ الأَرْضَ وَيَجْعَلُ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ ”
ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ އުއްމަތުން ބަޔަކު ރާބޯ ހުއްޓެވެ. ނަމަވެސް އެބައިމީހުން އެއަށް ދީފައިވަނީ އެނޫން އެހެން ނަމެކެވެ. އެބައިމީހުންގެ ކުރިމަތީގައި މިޔުޒިކް ޖަހާ މީހުން މިޔުޒިކް ޖަހާ، ލަވަކިޔާ އަންހެން ކުދިން ލަވަކިޔާ ނެތެވެ. މާތްالله އެމީހުން ބިމަށް ގަންބަވައިލައްވައި އޭގެތެރެއިން ބަޔަކު ރާމާ މަކުނުތަކަކާއި އޫރުތަކަކަށް ހައްދަވާ ހުއްޓެވެ. { ސުނަނު އިބްނު މާޖާ…..މިއީ ޞަޙީޙު އެއްކަމަށް އައްޝައިޚުލް އަލްބާނީ ވިދާޅުވެފައިވެއެވެ.}
މިފަދަ ވާހަކަތަށް ކީރިތި ޤުރުޢާނާއި ރަސޫލާ صلّى اللّـه عليه وسلّم ގެ ސުންނަތުގައި ބަޔާން ކުރެއްވުމުގެ ބޭނުމަކީ އެފަދަ ވާހަކަތަކުން އަޅުގަނޑުމެން ޢިބްރަތް ޙާޞިލުކުރުމެވެ. މިފަދަ ވާހަކަތަށް ޤަބޫލުކޮށް އިބްރަތް ޙާޞިލްކުރެވޭނީ ތަޤްވާވެރިންނަށެވެ. އެނޫން މީސްތަކުންނަށް މިފަދަ ވާހަކަތަށް ޤަބޫލުކުރުންވެސް ވާނީ ދަތިކަމަކަށެވެ. ހޮނިހިރު ދުވަހުގެ ޙުރުމަތްކެނޑި މީސްތަކުންގެ ވާހަކަ ބަޔާން ކުރައްވައި މިދެންނެވި ވާހަކައަށް އިޝާރާތް ކުރައްވާފައިވެއެވެ. ބަޤަރާ ސޫރަތުގެ 66 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
فَجَعَلْنَاهَا نَكَالًا لِّمَا بَيْنَ يَدَيْهَا وَمَا خَلْفَهَا وَمَوْعِظَةً لِّلْمُتَّقِينَ﴿٦٦﴾
ފަހެ، އެކަންތަކުގެ ކުރިމަތީގައިވާ މީހުންނަށާއި، އޭގެފަހުން އަންނާނޭ މީހުންނަށް ވަރުގަދަ عبرة އެއް ކަމުގައްޔާއި، تقوى ވެރިންނަށް ފުރިހަމަ نصيحة އެއް ކަމުގައި ތިމަންރަސްކަލާނގެ އެކަންތައް ލެއްވީމެވެ.
{މިއީ ކުރިން ޝާއިއުކޮށްފައިވާ މަޒުމޫނެކެވެ.}
ޙަވާލާ
1.ތަފްސީރު އިބްނު ކަޘީރު ޞަފިޔުއްރަޙްމާނު މުބާރަކް ޕޫރީ
2.ތަފްހީމުލް ޤުރުޢާން އަބުލް ޢައުލާ މައުދޫދީ
3.ކީރިތި ޤުރުޢާނުގެ ތަފްސީރު ޑރ. ޢަބްދު ސައްތާރު ޢަބްދުއް ރަޙްމާން
- https://sunnah.com
- https://islamqa.info/en/14085
- ކީރިތި ޤުރުޢާނުގެ ދިވެހި ތަރުޖަމާ
5 Comments!
Comments are closed.



masha Allah…vv iburehtheri vaahaka kolheh…ginaginain mikahal dheenee liunthah genesdheynekamah ummedhukuran
ma sha Allah.. vara furihama. vara gina mauloomaathu libijje.. jazak’Allah khairan. adives gina ginain dheenee mauloomaathu migotha genesdhene kama ummeedhu kuran. maaih Allah thi faraatha heyo rahumaih lavvashi.. amin
shukran ihsaan
raaboa meehunnaa nashaa meehunn bimah ganbavaalaane kamah oiy hadhees ge number libidhaane tho? sunan Ibn maajaa inn thifadha hadhees eh nufenun
raaboa meehunna nashaa meehun bimah ganbavaalaane kamah oiy hadith ge number akee kobaithoa? sunan Ibn maajaa inn mi hadith eh nufenun.