Skip to content
އެސްފިޔަ

“އަޅުގަނޑަށް ޒިނޭ ކުރުމުގެ ހުއްދަ ދެއްވަފާނުތޯއެވެ؟”

އެއްފަހަރަކު ޒުވާން ފިރިހެނަކު އައިސް ކައުސާހިބާ صلّى اللّـه عليه وسلّم  ގެ އަރިހުގައި ދެންނެވިއެވެ. “އަޅުގަނޑަށް ޒިނޭ ކުރުމުގެ ހުއްދަ ދެއްވަފާނުތޯއެވެ؟”  އޭނާ އެހެން ދެންނެވުމުން އިތުރު ސާހިބާ صلّى اللّـه عليه وسلّم  ގެ އަރިހުގައިވާ ޞަޙާބީބޭކަލުން ނުރުހުންވެވަޑައިގެން އޭނާއާ ދިމާލަށް އެއްޗެތި ކިޔުއްވަން ފައްޓަވައިފިއެވެ. ނަމަވެސް އިތުރު ސާހިބާ ނުހަނު ހަމަޖެހިވަޑައިގެން އިންނަވައި ޙަދީޘު ކުރެއްވިއެވެ. “އަހަރެންގެ ކައިރިއަށް އަންނާށެވެ.”

ދެން އޭނާ އައުމުން އިށީންނުމަށް ވިދާޅުވިއެވެ. އޭނާ އިށީނުމުން ޙަދީޘު ކުރެއްވިއެވެ. “ތިބާގެ މަންމަ ޒިނޭ ކުރުމަށް ތިބާ ރުހޭނު ހެއްޔެވެ؟” އޭނާ ދެންނެވިއެވެ. “އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ.” ޙަދީޘު ކުރެއްވިއެވެ. “އެހެން މީހުންވެސް އެމީހުންގެ މައިންބަފައިން ޒިނޭކުރުމަކަށް ނުރުހޭނެއެވެ.”

އިތުރަށް ކައުސާހިބާ صلّى اللّـه عليه وسلّم  އޭނާއަށް އޮޅުން ފިލުއްވައި ދެއްވުމަށްޓަކައި ޙަދީޘު ކުރެއްވިއެވެ. “ތިބާގެ ދަރިން ޒިނޭކުރުމަށް ތިބާއަށް ރުހެވޭނެ ހެއްޔެވެ؟” އޭނާ ދެންނެވިއެވެ. “އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ.” ޙަދީޘު ކުރެއްވިއެވެ. “އެހެން މީހުންވެސް އެމީހުންގެ ދަރިން ޒިނޭކުރުމަކަށް ނުރުހޫނެއެވެ.”

އޭނާއަށް އިތުރު މިސާލެއް ދެއްކެވުމަށްޓަކައި ޙަދީޘު ކުރެއްވިއެވެ. “ތިބާގެ ބައްޕަ ފަރާތުގެ ބޮޑުދައިތަ އެހެން މީހަކާއެކު ޒިނޭކުރުމަށް ތިބާ ރުހޭނުހެއްޔެވެ؟” އޭނާ ދެންނެވިއެވެ. “އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ.” ޙަދީޘު ކުރެއްވިއެވެ. “އެހެން މީހުންވެސް އެމީހުންގެ ބަފައިފުށުގެ ބޮޑުދައިތައިން ޒިނޭކުރުމަކަށް ނުރުހޫނެއެވެ.”

އަނެއްކާވެސް އިތުރު ސާހިބާ صلّى اللّـه عليه وسلّم  ޙަދީޘު ކުރެއްވިއެވެ.  “ތިބާގެ މަންމަ ފަރާތުގެ ބޮޑުދައިތަ އެހެން މީހަކާއެކު ޒިނޭކުރުމަށް ތިބާ ރުހޭނުހެއްޔެވެ؟” އޭނާ ދެންނެވިއެވެ. “އަޅުގަނޑުގެ ނަފްސު ކަލޭގެފާނުގެ މައްޗަށް ފިދާކޮށް ބުނަމެވެ. ދުވަހަކުވެސް ނުރުހޭނަމެވެ. “އެހެން މީހުންވެސް އެމީހުންގެ މައިފުށުގެ ބޮޑުދައިތައިން ޒިނޭކުރުމަކަށް ނުރުހޫނެއެވެ.”

ދެން އިތުރުސާހިބާ صلّى اللّـه عليه وسلّم  އޭނާގެ ބޮލުގައި އަތްޕުޅު ބީއްސަވައި ޙަދީޘު ކުރެއްވިއެވެ. “ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! މީނާގެ ފާފަ ފުއްސަވައިފާންދޭވެ. މީނާގެ ހިތް ޠާހިރު ކުރައްވާފާންދޭވެ! މީނާ ޢިއްފަތްތެރި ކުރައްވާފާންދޭވެ!”

ބުނެވޭ ގޮތުގައި، އޭގެ ފަހުން އެޒުވާނާ އެފަދަ ނުބައި ފާހިޝް އެއްވެސް ކަމެއްގެ ވާހަކައެއް ނުދައްކަވައެވެ. އެކަހަލަ އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއްވައެވެ. {ރިވާކުރީ އިމާމު އަޙްމަދު}

މިދެންނެވި ޙަދީޘުން ރަސޫލާصلّى اللّـه عليه وسلّم އެވަނީ ޒިނޭކުރުމަށް ބޭނުންވެފައިވާ ޒުވާނަކަށް އެއީ ކިހާވަރެއްގެ ނުބައި ކަމެއްކަން ނުހަނު ސާފު ސީދާކޮށް ބަޔާންކޮށް ދެއްވާފައެވެ. އެއްވެސް މީހަކު އޭނާގެ ގާތް އަންހެން ކުއްޖަކު ޒިނޭފަދަ ޢަމަލެއް ކުރާކަށް ހިތެއް ނުރުހޭނެއެވެ. އެއްވެސް ބަފަޔަކު އޭނާގެ އަންހެންް ދަރިފުޅު ޒިނޭ ކުރާ މީހެއްކަމުގައި ވުމަކަށް ނުރުހެވޭނެއެވެ.

Comments (6)

  1. ismail ali kaleyfaanu

    good job

  2. Lotus

    Adhuge mujthamau ah v muhimmu msg eh..
    looking forward for more writings from u

  3. Kitty

    Masha allah… Gud job ingey

  4. Eyelash

    Masha allah!may God bless u….

  5. Sssss

    ?????

  6. Xoona

    Mashaa Allah may God bless you

Comments are closed.