
އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާއަކީ ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ގެ ތިންވަނަ ދަރިކަނބަލުންނެވެ. އެކަމަނާގެ ޢިއްޒަތްތެރި މަންމާފުޅަކީ އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަ ﷲ ޢަންހާއެވެ. އެކަމަނާ ރައްކާވީ ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން މާތްވެގެންވާ މައްކަތުލް މުކައްރަމާގެއެވެ.
އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާގެ ތުއްޕުޅު ދުވަސްތައް ހޭދަކުރައްވާފައިވަނީ ނުހަނު ހަރުދަނާ މަންމާފުޅަކާއި، ނުހަނު އޯގާތެރި ބައްޕާފުޅެއްގެ އުނގުފުޅު ތެރޭގައެވެ. މަންމާފުޅުގެ ހަރުދަނާ ބެއްލެވުމާއި ތަރުބިއްޔަތުގެ ދަށުންނެވެ. ނަތީޖާއެއްގެ ގޮތުން އަންހެން ކުއްޖަކު އެދިބޮޑުވަމުން އަންނައިރު އަށަގަންނަން ޖެހޭނެ އެންމެހައި އަޚްލާޤީ ސިފަތަކެއް އެކަމަނާގެ ގައިކޮޅުގައި ވަނީ ހަރުލާފައެވެ.
ކާވެނިފުޅު
السّيّدة أم كلثوم رضى اللّـه عنــها ، ފިރިފުރާވަރަށް އެރުމުން، ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ބޮޑުބޭބޭފުޅެއް ކަމުގައިވާ އަބޫލަހަބުގެ ދަރިކަލުން ޢުތައިބާ އާއި އެކަމަނާގެ ކާވެނިފުޅުކޮށް ދެއްވިއެވެ. އިތުރު އެކަލޭގެފާނުގެ އަނެއް ދަރިކަނބަލުން ރުޤިއްޔާ ރަޟިޔަ ﷲ ޢަންހާ ގެ ކާވެނިފުޅު އަބޫލަހަބުގެ އަނެއް ދަރިކަލުން ޢުތުބާ އާއި ކޮށްދެއްވިއެވެ. ނަމަވެސް އޭރު އެދެކަނބަލުންނަކީ ބާލިޣުވެވަޑައި ނުގަންނަވާ ދެބޭފުޅުން ކަމުގައިވުމުން ތިއްބެވީ މަންމާފުޅުގެ ގަނޑުވަރުގައެވެ. ފިރިކަލުންގެ އަރިހަކަށް ވަޑައެއް ނުގަންނަވައެވެ.
ކައުސާހިބާ صلّى اللّـه عليه وسلّم އަށް ރަސޫލުކަން ލިބިވަޑައިގެން މީސްތަކުންނަށް އެއްކައުވަންތަ ދީނަށް ގޮވައިލައްވަމުން ގެންދެވިއެވެ. ކާބަފައިންގެ ފަރާތުން ވާރުތަވަމުން އަންނަ ބުދުދީން ގޯސްކުރައްވައި ވާހަކަފުޅު ދައްކަވަމުން ގެންދެވުމުގެ ނަތީޖާއަކަށްވީ މީސްތަކުން އެކަލޭގެފާނާއި ދެކޮޅުވެރިވެ ގަތުމެވެ. ދުއްތުރާކޮށް އަނިޔާވެރިވަމުން ގެންދިޔުމެވެ. އެކަމުގައި އެންމެ އިސް މޭސްތިރިއަކީ، އަބޫލަހަބެވެ. އޭނާ އިތުރު އެކަލޭގެފާނުގެ ފަހަތްޕުޅުން ހިޔަންޏެއްހެން އަޅައިގަނެގެން އުޅެއެވެ. އެކަލޭފާނު މަޖްލިސަކަށް ވަޑައިގެންނެވި ކަމުގައިވިޔަސް ނުވަތަ ބާޒާރަކަށް ވަޑައިގެން ދީނުގެ ވާހަކަ ދައްކަވަން ފެއްޓެވިޔަސް އެމާތް ސާހިބާގެ ބަސްފުޅު ދޮގުކުރުމަށް މީސްތަކުންނަށް ގޮވަމުން ގެންދެއެވެ.
ބައެއް ފަހަރު އެކަލޭގެފާނަކީ ދޮގުވެރިއެކޭ ބުނެއެވެ. އަނެއްބައި ފަހަރު އެކަލޭގެފާނަކީ ސިޙުރުވެރިއެކޭ ބުނެ އަޑުފަތުރަމުން ގެންދެއެވެ. އަނެއްބައިފަހަރު އެކަލޭފާނުގެ ފަހަތްޕުޅުން އެކަލޭގެފާނުގެ ފައިންޕުޅުގައި ހިލައިތަޅަމުން އެއްޗެތި ގޮވަމުން ގެންދެއެވެ. އެ މާތް ސާހިބާގެ ފައިންޕުޅު އޭރުވަނީ ލޭފޮދުން ފޯވެފައެވެ.
ކޮންމެއަކަސް، އަބޫލަހަބުގެ ނުބައިނުލަފާކަން އިންތިހާ ދަރަޖައަށް ދިޔުމުން އޭނާގެ ނުބައިކަމާއި ޤިޔާމަތްދުވަހުން އޭނާއަށާއި އޭނާގެ އަނބި އުއްމުޖަމީލަށް ހުރި ޢަޛާބުގެ ވާހަކަތައް ބަޔާން ކުރައްވައި މަސަދު ސޫރަތް ބާވައިލެއްވިއެވެ. އެސޫރަތުގެ ވާހަކަ އޭނާއަށާއި އޭނާގެ އަނބި އުއްމުޖަމީލަށް އެނގުމުން އެކަމާރުޅިއައިސް ފުފިގެން ދިޔައެވެ. މުޙައްމަދުގެފާނު ތިމަންމެންނަށް ޅެންހައްދަވަނީ އޭ ކިޔައި ވާހަކަދައްކައި އުޅުނެވެ. އެންމެފަހު ކައުސާހިބާ صلّى اللّـه عليه وسلّم ގެ ދެ ދަރިކަނބަލުން ވަރިކުރުމަށް އޭނާގެ ދެދަރިންނަށް މަޖުބޫރު ކުރުވިއެވެ. އެ ޠާހިރު ދެބޭކަނބަލުން ވަރިނުކުރާހާ ހިނދަކު އެދެދަރިންނާއެކު އެއްބާލީހެއްގައި ބޯނާޅަންވެސް ހުވާކުރިއެވެ. އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން ވާހަކަ ދެއްކުންވެސް ޙަރާމްކުރިއެވެ.
ދެން، ޢުތުބާ ވަރަށް ހިތާމަކޮށްފައި ގޮސް ރުޤިއްޔާ ރަޟިޔަ ﷲ ޢަންހާ ވަރިކޮށްފިއެވެ. ޢުތައިބާ ނުލަފާކަމުގައި ހައްދު ފަހަނައަޅައިގޮސް، ކައުސާހިބާ صلّى اللّـه عليه وسلّم ހަރަމްފުޅުގައި ޤުރައިޝުންގެ މަޖްލިސެއްގައި އިންނަވަނިކޮށް އެކަލޭގެފާނާ ދިމާއަށް އެއްޗެތިކިޔައި، އެމާތް ސާހިބާގެ މޫނުފުޅަށް ކުޅުޖަހައިފައި އުއްމު ކުލްޘޫމުގެފާނު ވަރިކޮށްފިއެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން އޭނާ ޖެހި ކުޅެއް ކައުސާހިބާގެ ގައިކޮޅަކަށް ނުފޯރައެވެ. ޢުތައިބާ އެގޮތަށް ކަންތައްކުރުމުން އެތާނގައި ތިބި ކާފިރުން ހީގެންފިއެވެ. އެވަގުތު ކައުސާހިބާ صلّى اللّـه عليه وسلّم ކޯފާއިސްކުރައްވައި މިފަދައިން ދުޢާ ކުރައްވައިފިއެވެ.
“ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އޭނާގެ މައްޗަށް އިބަރަސްކަލާނގެ ކުއްތާތަކުގެ ތެރެއިން ކުއްތާއެއް ފާކުރައްވާ ފާންދޭވެ!”
މި ދުޢާފުޅު ކުރެއްވުމުން އެ ތާނގައި ތިބި ކާފިރުންގެ ހުނުމުގެ އަޑު މައިތިރިވެ އެބައިމީހުން ބިރުން ސިހިއްޖެއެވެ. އެހެނީ ކައުސާހިބާ صلّى اللّـه عليه وسلّم ކުރައްވައިފި ދުޢާއެއް އިޖާބަ ނުކުރައްވައި ރައްދު ނުކުރައްވާކަން އެބައިމީހުން ރަނގަޅަށް ދަނެއެވެ. ދެން، ޢުތައިބާ ގޮސް އެ ދުޢާފުޅުގެ ވާހަކަ އަބޫލަހަބު ގާތު ބުނުމުން އޭނާ ވަރަށް ދެރަވެ ހިތާމަކޮށްފައި ބުނެފިއެވެ.
“އެފަދަ މާތް މީހުންގެ މޫނަ ކުޅުޖެހުމަކީ އަދަބު ކުޑަކަމެކެވެ. ތިޔައީ ވަރަށް ހިތާމަ ހުރިކަމެކެވެ.”
ދެން، އެއަހަރު ޢުތައިބާ އާއި އޭނާގެ ބައްޕަ އަބޫލަހަބާއި ދެމީހުން ޝާމުކަރައަށް ދާ ވިޔަފާރި ގާފިލާއާއެކު ނުކުތެވެ. އެބައިމީހުން ރޭގަނޑުގެ ވަގުތެއްގައި ރޭކުރަން މަންޒިލަކަށް ފައިބައިގެން ތިއްބާ އެތާނގެ ފައްޅިއަކުން ނުކުތް ފާދިރީއަކު ބުނެފިއެވެ.
” މިދުވަސްވަރަކީ މިތަނަށް ވަރަށް ނުބައި ސިންގާއެއް ނުކުންނަ ދުވަސްވަރެކެވެ. ތިޔަބައިމީހުން ސަމާލުވެގެން ތިބޭށެވެ.”
މިއަޑު އަހާފައި އަބޫލަހަބު އޭނާއާއެކު ދަތުރު ކުރަމުން ގެންދިޔަ ގާފިލާގެ މީހުންނަށް ބުންނެވެ. “ތިޔަބައިމީހުން އަހަރެންގެ ޤަދަރާއި ޢިއްޒަތް ރަނގަޅަށް ދަންނާނެއެވެ. އެކަމަށްޓަކައި ވިޔަސް މިރޭގެ ނުބައިކަމުން އަހަރެންގެ ދަރިފުޅު ރައްކާތެރި ކުރުމަށްޓަކައި އަހަރެންނަށް އެހީތެރި ވެދޭށެވެ. މުޙައްމަދުގެފާނުގެ ދުޢާއަށް އަހަރެން ބިރުވެތިވަމެވެ.”
ދެން އެބައިމީހުން ޢުތައިބާ މެދަށްލައިގެން، އޭނާގެ ވަށައިގެން އެބައިމީހުންގެ އެންމެ ތަންމަތިތައްހަދައި، އޭގެ ބޭރުގައި ޖަމަލުތައް ބައިތިއްބައިގެން ނިދަން އޮށޯވެއްޖެއެވެ. އިރުކޮޅެއްނުވެ ބޮޑު ސިންގާއެއް ނުކުމެ އެންމެންގެ މޫނަށް ނޭވާ އަޅަމުން ގޮސް ޢުތައިބާގެ ބޯފިސްކޮށްލައި މޭފަޅައިލައިގެން ހިނގައްޖެއެވެ.
ޝިޢުބުގައި
މުޝްރިކުންގެ ދުއްތުރާތަކާއި އެބައިމީހުންގެ އަނިޔާވެރިކަން ބޮޑުކުރަމުން ގެންދެއެވެ. އެބައިމީހުން ބައެއް ފަހަރަށް ކައުސާހިބާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނުގެ އަރިހަށް ގޮސް އެކަލޭގެފާނު ޝަހީދުކުރުމަށް އެބައިމީހުންގެ އަތަށް ދެއްވުމަށްވެސް ދަންނަވައި އުޅެންފަށައިފިއެވެ. މުޝްރިކުންގެ ޢަދާވާތްތެރިކަމާއި ދުއްތުރާ ކުރުންތައް އިންތިހާއަށް ގޮސް ކައުސާހިބާގެ ފުރާނަފުޅަށް ނުރައްކާވާ ހިސާބަށް ދިޔުމުން އަބޫޠާލިބުގެފާނު، ހާޝިމުވަންހައިގެ މީހުންނާއި މުއްޠަލިބުވަންހައިގެ މީސްތަކުން އެއްކުރައްވައި އިތުރު ސާހިބާގެ ހިމާޔަތުގައި ދެމިތިބުމަށް އެއްބަސްވެވަޑައިގެންނެވިއެވެ.
މައްކާގެ މުޝްރިކުންނަށް އެކަން އެނގުމުން އެބައިމީހުން ނިންމީ އެދެވަންހައިގެ މީހުން ބޮއިކޮޓްކުރުމަށެވެ. އިޖްތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނެވެ. އެކަމަށްޓަކައި އެބައިމީހުންގެ ވަންހަތަކުގެ މީސްތަކުން އެއްބައިވެ ފަތެއްލިޔެ ގެފުޅުގައި ހިތްޕިއެވެ. ދެން، އަބޫޠާލިބުގެފާނު ހާޝިމުވަންހައިގެ މީހުންނާއި މުއްޠަލިބުވަންހައިގެ މީސްތަކުންނާއެކު ޝިޢުބު އަބީޠާލިބަށް ވަދެވަޑައިގެންނެވިއެވެ. މުޝްރިކުން ގެންދިޔައީ ޝިޢުބު ވަރުގަދައަށް ޙިޞާރުކުރަމުންނެވެ. އެތެރެއަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެތިވެސް ވެއްދުން އެއްކޮށް ވަނީ މަނާކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ކާބޯތަކެތި ހުސްވެ ގަސްގަހުގެ ފަތްތަކާއި، މުލާއި، ޖަނަވާރުގެ ހަންފަދަ ތެކެތި ކެއުމަށް މަޖުބޫރުވިއެވެ. އެކަމުގެ ސަބުބުން ބައެއް ބޭކައުކަނބަލުންގެ އަނގަފުޅުތައް ފާރުވެގެންދިޔައެވެ. ޝިޢުބުގެ ވަށަވަށައިގެން މުޅިންވެސް އިވެމުންދަނީ ބަނޑުހައި ހޫނު ކަމުގެ ސަބަބުން ޅަކުދީން ރޯއަޑެވެ. ޤުރައިޝުންގެ ބައެއް ފަރާތްތަކުން ހިތަށް ކުޅަދާނަނުވެގެން ސިއްރިޔާތުގައި ބައެއް ފަހަރު ޝިޢުބަށް ކާބޯތަކެތި ފޯރުކޮށްދީ އުޅެއެވެ. އިޖްތިމާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ކައުސާހިބާ صلّى اللّـه عليه وسلّم އާ އެކަލޭގެފާނުގެ ވާގިވެރިން އެއްކިބާކޮށްފައިވިއެއްކަމަކު ކައުސާހިބާ އިސްލާމްދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅު މަޑުޖައްސަވައިލެއްވުމެއްނެތި ކުރިއަށް ގެންދަވަމުން ވަޑައިގެންނެވިއެވެ. ޙައްޖު މޫސުންތަކުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ޙައްޖަށް އަންނަ ފަރާތްތަކަށް ދީނުގެ ކަންތައްތައް އޮޅުންފިލުއްވައި ދެއްވާ ހައްދަވައެވެ.
ކޮންމެއަކަސް މިއަނިޔާވެރިކަން އޭގެ އިންތިހާއަށް ދިޔުމުން، މައްކާގެ އިސްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމުގައިވާ ހިޝާމް ބިން ޢަމްރު އެކަމާ ދެކޮޅަށް ތެދުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެކަމާ ގުޅޭގޮތުން ޤުރައިޝުންގެ ހިތްހެޔޮ، އިންސާނިއްޔަތުކަމަށް ލޯބިކުރައްވާ ފަސް ފަރާތްތަކާއި ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އެއަނިޔާވެރިކަން އެގޮތަށް ކުރިއަށް ގެންދިޔަ ނުދީ އެކަންތައް ނިންމަވައިލެއްވުމަށް ވަޢުދެވެލެއްވުމަށްފަހު އަނެއް ދުވަހު ޤުރައިޝުންގެ މީސްތަކުން މަޖްލީސްތަކުގައި ތިއްބާ ކައުސާހިބާ صلّى اللّـه عليه وسلّم ގެ ދެބެއިންގެ ދެދަރި ބޭކަލެއްކަމުގައިވާ ޒުހައިރު ބިން އަބީ އުމައްޔާ ތެދުވަޑައިގެން ވިދާޅުވިއެވެ.
“އޭ ޤުރައިޝުވަންހައިގެ މީސްތަކުންނޭވެ! ބަނީ ހާޝިމްވަންހައިގެ މީސްތަކުން ހަނާވެގެން ދާއިރުވެސް އަހަރެމެން މީރުހާތެކެތިކައި ރީތިހާ ފޭރާންލައި ނަލަހެދިގެން ތިބެންވީ ހެއްޔެވެ؟ އެބައިމީހުން އެތިބެނީ ގަނެވިއްކުމަކުން މަންފާއެއް ލިބުން މަނާކުރެވިފައެވެ. ޒަރޫރީ އެއްވެސް ބޭނުމެއް ނުފުދިފައެވެ. މި އަނިޔާވެރި އެއްބަސްވުން ވީދައި ކުދުކުދި ކުރުމަށްފަހު ނޫނީ އަހަރެން މިއަދު މިތާކު ނުއިށީންނާނެމެވެ.”
ދެން، އެބައިމީހުން ގޮސް އެ އެއްބަސްވުން ބެލިއިރު އޭގައި ބިސްމި ލިޔެވައިވާތަން ނޫން އެހެން ހުރިހާތަނެއް ވަނީ ކަތުރުފަނީ ކައި ކަފާސްކޮށްފައެވެ. އޭގައި އެބައިމީހުން ވެފައިވާ އަނިޔާވެރި ޝަރުތުތައް ކިޔަންވެސް ނޭނގޭ މިންވަރަށެވެ. އެދުވަހަށްފަހު، އަނެއްކާވެސް މުސްލިމުންނަށް ޝިޢުބުން ނުކުމެ މައްކާގެ ޖައްވުގައި އުޅުމުގެ ފުރްޞަތު ލިބިގެން ދިޔައެވެ.
މުސްލިމުން ޝިޢުބުން ނުކުމެ، މާގިނަ ދުވަސްތަކެއް ނުވަނީސް އައްސައްޔިދާ އުއްމު ކުލްޘޫމުގެފާނުގެ ލޮބުވެތި މައިކަނބަލުން އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަ ﷲ ޢަންހާ މިފަނާވަނިވި ދުނިޔެ އާއި އަލްވަދާއު ވިދާޅުވެއްޖެވެ. އައްސައްޔިދާ އުއްމު ކުލްޘޫމު މަންމާފުޅެއްގެ ލޯބިން މަޙްރޫމުވެވަޑައިގެންފިއެވެ. އޭގެ ދުވަސްކޮޅެއްފަހު ކައުސާހިބާ صلّى اللّـه عليه وسلّم ގެ ހިމާޔަތުގައި ޤުރުބާންވެވަޑައި ގަންނަވަމުން ގެންދެވި ބޮޑުބޭބޭފުޅުވެސް އަވަހާރަވެއްޖެއެވެ. އޭގެ ދެބޭފުޅުން އަވަހާރަވުމުން ކައުސާހިބާއަށް މުޝްރިކުންގެ ފަރާތުން ލިބިވަޑައިގަންނަވަމުން ދިޔަ އުނދަގޫތައް އޭގެ އެތަށް ގުނައެއް އިތުރު ވެގެން ދިޔައެވެ.
އިބްނު ހިސާމް ރިވާ ކުރައްވާފައިވެއެވެ. އަބޫ ޠާލިބުގެފާނު އަވަހާރަވުމުން ޤުރައިޝުވަންހައިގެ މީސްތަކުން އޭގެ ކުރިން ކައުސާހިބާއަށް ނުކުރާ އެއްތަށް އަނިޔާތަކަކާއި ދުއްތުރާތަކެއް ކުރަންފެށިއެވެ. އެއްފަހަރަކު އެކަލޭގެފާނު ކައުބާގެ އަރިހުން ވަޑައިގަންނަވަނިކޮށް މީހަކު އެކަލޭގެފާނުގެ އިސްތަށިފުޅަށާއި މާތް މޫނުފުޅަށް ހިރަފުސް ވެލި މުށްވަރެއް އުކާލިއެވެ. އެކަލޭގެފާނު ގެކޮޅަށް ވަޑައިގެންނެވި އިރު އެކަލޭގެފާނުގެ މޫނުފުޅާއި އިސްތަށިފުޅުގައި ވަނީ ހިރަފުހާއި ވެއްޔެވެ. އެތަން އެކަލޭގެފާނުގެ ދަރިކައުކަނބަލުންގެ ތެރެއިން ބޭފުޅަކަށް ފެނިވަޑައިގެން އެކަލޭގެފާނުގެ އިސްތަށިފުޅާއި މޫނުފުޅު ދޮވެދެއްވައެވެ. އެދަރިކަނބަލުން ބައްޕާފުޅުގެ ޙާލުކޮޅު ފެނިވަޑައިގެން ހިތާމަފުޅު ކުރައްވައި ކީރިތި ކުރައްވައެވެ. ދެން، އިތުރު އެކަލޭގެފާނު އެދަރިކަނބަލުންނަށް ހިތްވަރުދެއްވައި ޙަދީޘު ކުރައްވައެވެ.
“އޭ އަހަރެންގެ ލޯބިވާ ކުޑަ ދަރިފުޅާއެވެ. ނުރޯށެވެ. ހަމަކަށަވަރުން މާތް ﷲ ދަރިފުޅުގެ ބައްޕަ ރައްކާތެރި ކޮށްދެއްވާނެތެވެ.”
މިދެންނެވި ޙާދިޘާގައި ބަޔާންވެފައިވާ ދަރިކަނބަލުންނަކީ އުއްމު ކުލްޘޫމުގެފާނު ނުވަތަ ފާޠިމަތުގެފާނެވެ. އެހެނީ ކައުސާހިބާގެ ދަރިކައުކަނބަލުންގެ ތެރެއިން ގަނޑުވަރުގައި އޭރު ތިއްބަވާނީ އެދެކަނބަލުން ގިނިކަންޏާއެވެ. ރުޤިއްޔާގެފާނު އޭރު ފިރިކަލުންނާއެކު ވަޑައިގެންވީ ޙަބަޝާގައެވެ. ޒައިނަބުގެފާނު އިންނެވީ ފިރިކަލުންގެ އަރިހުގައެވެ. އެހެންކަމުން، އުއްމު ކުލްޘޫމުގެފާނާއި އެކަމަނާގެ ކޮއްކޯފުޅު އަބަދުވެސް ތިއްބަވަނީ ބައްޕާފުޅުގެ ޙާލުކޮޅާ މެދު ފިކުރުފުޅު ބޮޑުވެފައެވެ. ހިތްޕުޅު ނުތަނަވަސްވެވަޑައިގެންފައެވެ.
ޚަދީޖަތުގެފާނު އަވަހާރަވުމަށްފަހު ނަބަވީ ގަނޑުވަރުގެ އެންމެހައި ކަންތައްތަކެއް އިންތިޒާމު ކުރައްވަމުން ގެންދެވީ އުއްމު ކުލްޘޫމުގެފާނާއި ފާޠިމަތުގެފާނެވެ. ނަމަވެސް ގަނޑުވަރުގެ އެންމެހައި ކަންތައްތަކެއް އިންތިޒާމު ކުރައްވައި ބައްޕާފުޅަށް ޚިދުމަތް ކުރެއްވުމަށް ވުރެ އެދެކަނބަލުންނަކީ ތުއްޕުޅު ދެބޭފުޅުންނެވެ. އެހެންކަމުން ކައުސާހިބާ صلّى اللّـه عليه وسلّم ހިޖުރައިން ދިހަ ވަނަ އަހަރުގެ ޝައްވާލުމަހުގެ ތެރޭގައި ސައުދާ ބިންތު ޒަމްޢަތާއި ކާވެނި ބައްލަވައިގެންނެވިއެވެ. ސައުދަތުގެފާނަކީ ޢުމުރުފުޅުން ދުވަސްފުޅުވެ މުސްކުޅިވެފައި އިންނެވި ބޭކަނބަލެކެވެ. ނުހަނު ކުރީކޮޅުގައި އިސްލާމްވެވަޑައި ގެންނެވުމުގެ ނަސީބު ލިބިވަޑައިގެން އިންނެވި ބޭކަނބަލެއްމެއެވެ.
އޭގެ ދުވަސްކޮޅެއް ކުރިން އެކަމަނާގެ ފިރިކަލުން ވަނީ އަވަހާރަވެފައެވެ. އެފިރިކަލުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި ދަރިކަލުން ބައްލަވަމުން ގެންދެވީ އެކަމަނާއެވެ. އޭރު އެކަމަނާގެ ބައްޕާފުޅު ޒަމްޢަތު ހުންނެވީ ކާފިރުކަންމަތީއެވެ. އެހެންކަމުން ކައުސާހިބާ އަނެއް މަޤްޞަދަކަށް ވެވަޑައިގެންނެވީ އެކަމަނާއަށް އެހީތެރިކަމުގެ އަތްޕުޅެއް ފޯރުކޮށްދެއްވުމެވެ.
އުއްމުލް މުއުމިނީން ސައުދާ ރަޟިޔަ ﷲ ޢަންހާ، ކައުސާހިބާ އާއި އެކަލޭގެފާނުގެ ބޭފުޅުން ދެކެ ނުހަނު ބޮޑަށް ލޯބިފުޅު ވަޑައިގަންނަވައެވެ. އެހީތެރިވެވަޑައިގެން އެބޭފުޅުންގެ އުފާފުޅުތަކާއި ހިތާމަފުޅުތަކުގައި ބައިވަރިވެވަޑައި ގަންނަވަމުން ގެންދެވިއެވެ.
ހިޖުރައަށް ވަޑައިގެންނެވުން
ނަބީކަމުން ތޭރަ ވަނަ އަހަރުގެ ތެރޭގައި ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ތާރީޚީ ހިޖުރައިގެ ދަތުރުފުޅަށް ނިކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެދަތުރުފުޅުގައި މިތުރެއްކަމުގައި ބައިވެރި ކުރެއްވީ އަބޫ ބަކްރުއްޞިއްދީޤު ރަޟިޔަ ﷲ ޢަންހުއެވެ. އޭގެ ދެކަލުން ދަތުރުފުޅު ކުރައްވައި މަދީނާއަށް ވަޑައިގެން، އޭގެ ދެކަލުންގެ އަހްލުޢިޔާލުން މަދީނާއަށް ގެންނެވުމުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ.
އެގޮތުން ކައުސާހިބާވެސް އެކަލޭގެފާނުގެ ހުސްހަށިބައި ދެދަރިކަނބަލުންކަމުގައިވާ އުއްމުކުލްޘޫމުގެފާނާއި ފާޠިމަތުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން އުއްމުލް މުއުމިނީން ސައުދާ ބިންތު ޒަމްޢާ މަދީނާއަށް ގެންނެވުމަށްޓަކައި، ޒައިދު ބިން ޙާރިޘަތު ރަޟިޔަﷲ ޢަންހުއާއި، އަބޫރާފިޢު ރަޟިޔަﷲ ޢަންހު މައްކާއަށް ފޮނުއްވިއެވެ.
ސީރަތު އިބްނު ޙިޝާމުގައި ރިވާވެގެން ވެއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ގެ ބޮޑުބޭބޭފުޅު ޢައްބާސްގެފާނު، ފާޠިމަތުގެފާނާއި، އުއްމު ކުލްޘޫމުގެފާނު ޖަމަލަކަށް ސަވާރު ކުރައްވައިގެން ޒައިދު ބިން ޙާރިޘަތު ރަޟިޔަﷲ ޢަންހުއާ ޙަވާލު ކުރައްވަން ވަޑައިގެންނެވިއެވެ. އެތަން މައްކާގެ ކާފިރެއްކަމުގައިވާ އަލް ހުވައިރިޘް ބިން ނުޤައިދަށް ފެނުމުން އޭނާ އައިސް އޭގެ ދެކަނބަލުން އަރާ ތިއްބެވި ޖަމަލަށް ޙަމަލާދިނެވެ، އޭގެ ސަބަބުން ޖަމަލު ތެޅިފިޅިގެން ވަޤުތު އޭގެ ދެކަނބަލުން ބިން މައްޗަށް ވެއްޓި ވަޑައިގަތެވެ. ކައުސާހިބާ صلّى اللّـه عليه وسلّم އޭނާގެ އަނިޔާވެރިކަން ހަނދުފުޅު ހުއްޓެވެ. އެހެންކަމުން މައްކާ ފަތަޙަ ކުރެއްވި ދުވަހު އޭނާ ޤަތުލު ކުރެއްވުމަށް ޢަމުރު ކުރެއްވިއެވެ.
މަދީނާއަށް ވަޑައިގެން ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަހްލުބައިތުން ފައިބައި ވަޑައިގެންނެވީ އަބޫއައްޔޫބުލް އަންޞާރީ ރަޟިޔަﷲ ޢަންހުގެ ގެކޮޅަށްކަމަށާއި، ޙާރިޘަތު ބުނު ނުޢުމާން ރަޟިޔަﷲ ޢަންހު ކައުސާހިބާގެ އަހްލުބައިތުންނަށްޓަކައި ހަދިޔާކުރެއްވި ގެކޮޅަކަށް ކަމަށް ރިވާވެފައިވެއެވެ. އެހެން ރިވާޔަތެއްގައި ވަނީ އެބޭކަނބަލުން ފައިބައި ވަޑައިގެންނެވީ މަސްޖިދުއް ނަބަވީ އާއި އިންވެގެން ހުރި އެކަނބަލުންނަށް ތައްޔާރު ކުރައްވާފައިވާ ކޮޓަރިކޮޅު ތަކަށްކަމުގައެވެ.
ކާވެނިފުޅު
ހިޖުރައިން ދެވަނަ އަހަރުގެ ތެރޭގައި ކުރެވުނު ބަދުރު ހަނގުރާމައިގެ ދުވަސްވަރު އުއްމު ކުލްޘޫމުގެފާނުގެ ދައިތާފުޅު ރުޤިއްޔަތުގެފާނު ވަނީ އަވަހާރަވެފައެވެ. އެކަމަނާ އަވަހާރަވީއިރު ޢުޘްމާނުގެފާނުގެ ފަރާތްޕުޅުން އެކަމަނާއަށް ވަނީ ދަރިކަލަކު ލިބިވަޑައިގެންފައެވެ. އެއީ ޢަބްދުﷲ އެވެ. ހަމަ އެދުވަސްވަރުގެ ތެރޭގައި ފާޠިމަތުގެފާނުގެ ކާވެނިފުޅު ޢަލީގެފާނާއި ކުރެވުނެވެ. ނަމަވެސް އުއްމު ކުލްޘޫމުގެފާނު ކާވެނި ބެއްލެވުމެއް ނެތި އިންނެވީ ބައްޕާފުޅު މުޙައްމަދު صلّى اللّـه عليه وسلّم ގެ ގަނޑުވަރުގައެވެ.
ހިޖުރައިން ތިންވަނަ އަހަރުގެ ތެރޭގައި ކުރެވުނު ބަދުރު ހަނގުރާމައިގައި މުސްލިމުގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭކަލުން ޝަހީދުވެގެން ދިޔައެވެ. އޭގެ ތެރޭގައި ޢުމަރުގެފާނުގެ ދަރިކަނބަލުން ޙަފްޞަތުގެފާނުގެ ފިރިކަލުން ޚުނައިސް ބިން ހުޒާފާ ރަޟިޔަﷲ ޢަންހުވެސް ހިމެނި ވަޑައިގަންނަވައެވެ. އެކަލޭގެފާނު ޝަހީދުވީ ބަދުރު ހަނގުރާމައިގައި ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ސަބަބުންނެވެ. ޚުނައިސް ރަޟިޔަﷲ ޢަންހު ޝަހީދުވެވަޑައިގެންނެވުމުން ޙަފްޞަތުގެފާނަށް ބަރުދާސްތު ކުރައްވަން ދަތިފުޅު ހިތާފަޅުތަކަކާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވިއެވެ. އެކަމަނާގެ ޢިއްޒަތްތެރި ބައްޕާފުޅަށް އަބަދުވެސް ފެނިވަޑައިގަންނަވަނީ އެކަމަނާގެ މިލާފައިވާ މޫނުފުޅެވެ.
ނަތީޖާއެއްގެ ގޮތުން އެކަމަނާއަށް ލިބިވަޑައިގެންފައިވާ ހިތާމަފުޅުތަކަށް ލުޔެއްދެއްވުމަށް ޢުމަރުގެފާނު މަސައްކަތްޕުޅު ފެއްޓެވިއެވެ. އެގޮތުން އެކަމަނާއަށް ޞާލިހު ފިރިކަލެއް ހޯއްދެވުމަށް މަސައްކަތްޕުޅު ފެއްޓެވިއެވެ. އެކަލޭގެފާނު އެކަމަނާގެ ކާވެނިފުޅާ ބެހޭގޮތުން އަބޫބަކުރުގެފާނާއި ޢުޘްމާނުގެފާނާއި ވާހަކަފުޅު ދެއްކެވިއެވެ. ނަމަވެސް މާ އެދެވޭ ޖަވާބެއް ލިބިވަޑައެއް ނުގެންނެވިއެވެ. ޢުޘްމާނުގެފާނު އެކަމަށް އިންކާރު ކުރައްވައި ވިދާޅުވީ އަދި ކާވެނިފުޅެއް ކުރައްވަން ބޭނުންފުޅު ނުވާކަމުގައެވެ. އަބޫބަކުރުގެފާނު އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނުހުންނެވިއެވެ. ޢުމަރުގެފާނު ކަންބޮޑުވެވަޑައިގެން އެވާހަކަ ކައުސާހިބާ صلّى اللّـه عليه وسلّم ގެ އަރިހުގައި ދެންނެވިއެވެ. އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ.
“ޢުޘްމާނުގެފާނަށް ކަލޭގެފާނުގެ ދަރިކަނބަލުންނަށްވުރެ ރަނގަޅު އަނބިކަނބަލެއް ދެއްވައިފިއެވެ. ކަލޭގެފާނުގެ ދަރިކަނބަލުންނަށް ޢުޘްމާނުގެފާނަށްވުރެ ރަނގަޅު ފިރިކަލެއް ދެއްވައިފިއެވެ” ޢުމަރުގެފާނަށް ކައުސާހިބާ ވިދާޅުވި ބަސްފުޅުގެ މުރާދު ވިސްނިވަޑައި ނުގެން ހަނު ހުންނެވުމަށްފަހު ވަޑައިގެންފިއެވެ.
އޭގެ ދުވަސްކޮޅެއްފަހުން ކައުސާހިބާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ލޯފުޅުގެ ނޫފުޅު ކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަނބަލުން އުއްމު ކުލް×ޘޫމުގެފާނު ޢުޘްމާނުގެފާނާއި ކާވެނިކޮށް ދެއްވައިފިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ، ޙަފްޞަތުގެފާނާއި ކާވެނި ބައްލަވައިގެންނެވިއެވެ. ދެން، ޢުމަރުގެފާނަށް ކައުސާހިބާ صلّى اللّـه عليه وسلّم ޙަދީޘްފުޅު ކުރެއްވި ބަސްފުޅުގެ މުރާދު އެނގިވަޑައިގެންނެވިއެވެ.
އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާ، ޢުޘްމާނުގެފާނުގެ އަނބިކަނބަލެއްގެ ގޮތުގައި ހަ އަހަރު ދުވަސްވޭތު ކުރެއްވިއެވެ. ދެބޭފުޅުގެ ދެމެދުގައި އެއްވެސް މައްސަލައެއް ޖެހިވަޑައިނުގެން ސާދާ ނަމޫނާ ދިރިއުޅުއްވުމެއް ދއުޅުއްވަމުން ގެންދެވިއެވެ. އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާއަށް ދަރިކަލަކު ދަރިކަނބަލަކު ލިބިވަޑައެއް ނުގަންނަވައެވެ.
އަވަހާރަވުން
ހިޖުރައިން ނުވަވަނަ އަހަރުގެ ޝައުބާން މަހުގެ ތެރޭގައި އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާ މިފަނާ ވަނިވި ދުނިޔެއާއި އަލް ވަދާޢު ވިދާޅުވެއްޖެވެ. އެކަމަނާ ނޭނޭފުޅު ފިއްލެވީ ކައުސާހިބާ صلّى اللّـه عليه وسلّم ގެ ބޮޑުދައިތާފުޅު ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާ އާއި އުއްމު އަޠިއްޔާ ރަޟިޔަ ﷲ ޢަންހާ އާއި އަސްމާ ބިންތު ޢުމައިސް ރަޟިޔަ ﷲ ޢަންހާ އެވެ.
އުއްމު އަޠިއްޔާ ރަޟިޔަ ﷲ ޢަންހާ ވިދާޅުވެފައިވެއެވެ. އަހަރެމެން ކައުސާހިބާ صلّى اللّـه عليه وسلّم ގެ ދަރިކަނބަލުން އުއްމު ކުލްޘޫމުގެފާނު ނާނޭފިއްލަވަނިކޮށް އެކަލޭގެފާނު އެތަނަށް ވަދެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. “ކުންނާރުފަތު ފެނުން، އެކަމަނާގެ ހަށިކޮޅު ތިން ފަހަރު ނުވަތަ ފަސްފަހަރު ފެންވަރުވާށެވެ. އެއަށްވުރެ އިތުރު ކުރަންވެއްޖެ ނަމަ އިތުރު ކުރާށެވެ. އެންމެފަހު ފަހަރު ކާފޫރު ފެނުން އެކަމަނާ ގެ ހަށިކޮޅު ދޮންނާށެވެ. ދެން އެކަންތައްކޮށް އަވަދިވުމުން ތިޔަ ކަނބަލުން ތިމަންކަލޭގެފާނަށް ޚަބަރު ކުރާށެވެ. އުއްމު އަޠިއްޔާ ވިދާޅުވެފައިވެއެވެ. ދެން އަހަރެމެން އެކަމަނާ ނާނޭފުޅު ފިއްލަވައި ނިމުމުން ރަސޫލާ صلّى اللّـه عليه وسلّم އަށް ޚަބަރު ދެއްވީމެވެ. އެކަލޭގެފާނު ވަޑައިގެން އެކަލޭގެފާނުގެ އިޒާރުކޮޅު ދެއްވުމަށްފަހު ޙަދީޘް ކުރެއްވިއެވެ. “ކަފުނުގެ ތެރޭގައި ބޭނުން ކުރާށެވެ.”
އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާ، ގެ މައްޗަށް ކަށުނަމާދު ފުޅު ކުރެއްވީ ޚުދު ރަސޫލާ صلّى اللّـه عليه وسلّم އެވެ. އެކަމަނާ ޤަބުރުފުޅުގައި ވެޑުއްވެވީ ޢަލީގެފާނާއި އަބޫ ޠަލްޙަތުގެފާނާއި އުސާމާ ބިން ޒައިދާއި ފަޟްލު ބިން ޢައްބާސް ރަޟިޔަ ﷲ ޢަންހެވެ. އެކަމަނާ ފަސްދާނު ވެޑުވުފައިވަނީ އެކަމަނާގެ ދައިތާފުޅުކަން ކަމުގައިވާ ޒައިނަބުގެފާނާއި ރުޤިއްޔާގެފާނާއި ދެބޭކަނބަލުންގެ އަރިހުގައެވެ. މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.
އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާ، އަކީ ކައުސާހިބާ صلّى اللّـه عليه وسلّم ގެ ދަރިދަރިކައުކަނބަލުންގެ ތެރެއިން ބޮޑުފުޅުވެވަޑައިގެން ހަތަރު ދަރިކަނބަލުންގެ ތެރެއިން ތިންވަނަ ދަރިކަނބަލުންނެވެ. އެކަމަނާ އަވަހާރަވުމުގެ އެއް އަހަރު ކުރިން އެކަމަނާގެ ދައިތާފުޅު ޒައިނަބުގެފާނު ވަނީ ފުރައުއްތަވެފައެވެ. ހިޖުރައިން ދެވަނަ އަހަރުގެ ތެރޭގައި ރުޤިއްޔާގެފާނުގެ ވެސް ވަނީ އަވަހާރަވެފައެވެ. ދެން ދުނިޔޭގައި ތިއްބެވީ އުއްމު ކުލްޘޫމުގެފާނާއި ފާޠިމަތުގެފާނެވެ. އެހެންކަމުން އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާ، އަވަހާރަވުމުން އިތުރު ސާހިބާ صلّى اللّـه عليه وسلّم އަށް ވަރަށް ފުން ހިތާމަފުޅެއް ލިބިވަޑައިގެންނެވިއެވެ. އެދުވަހު އެކަލޭގެފާނު ހުންނެވީ ވަރަށް މޮޅިފުޅުންނެވެ. އެ މާތް ލޯފުޅު ކަރުނަ ފޮދުންވަނީ ފުރިފައެވެ.
އަނަސު ބިން މާލިކު ރަޟިޔަ ﷲ ޢަންހު ވިދާޅުވެފައެވެ. “އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާ، ފަސްދާނުވަޑުވަމުން ގެންދެވިއިރު އިތުރު ސާހިބާ صلّى اللّـه عليه وسلّم އެކަމަނާގެ ޤަބުރުފުޅުގެ ކައިރީގައި ވަޑައިގެން ހުންނެވިއެވެ. އޭރު އެކަލޭގެފާނުގެ ލޯފުޅުން ކަރުނަ ފޮދު އޮހޮރި އޮހޮރި ހުއްޓެވެ.”
އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާ، އަވަހާރަވުމުން ޢުޘްމާނުގެފާނަށްވެސް ވަރަށް ފުން ހިތާމަފުޅެއް ލިބިވަޑައިގެންނެވިއެވެ. ކައުސާހިބާ صلّى اللّـه عليه وسلّم ގެ ދަނބިދަރިކަލެއްގެ ޝަރަފު އެކަލޭގެފާނަށް ގެއްލިވަޑައިގެންނެވުމުންނެވެ. އައްސައްޔިދާ އުއްމު ކުލްޘޫމު ރަޟިޔަ ﷲ ޢަންހާ، އަވަހާރަވުމަށްފަހު އެފަހަރަކު އިތުރު އެކަލޭގެފާނު ޢުޘްމާނުގެފާނާ މުޚާތަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ.
“އަހަރެންގެ ތިންވަނަ ދަރިކަނބަލަކު އިންނެވި ނަމަވެސް ކަލޭގެފާނާއި އެކަމަނާ ކާވެނިކޮށް ދެއްވީމުހެވެ”
ޙަވާލާ
- 1. ތަފްހީމުލް ޤުރްއާން
- 2. ސީރަތު އިބްނު ހިޝާމް
- 3. ސީރަތު އިބްނު ކަޘީރު
- 4. އައްރަޙީޤުލް މަޚްތޫމް
- 5. ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަ ﷲ ޢަންހާ
- 6. ވައިވްސް އޮޕް ޕްރޮފެޓްސް
5 Comments!
Comments are closed.
good job
V v v v v v v v v vv v v v v….. Niice ???
Maa Sha Allah . Thanks
???????❣??
Want to read more stories like this
Maa Shaa Allah. v intresting v reethi vaahaka eh. want read more stories like this.