
މޫސާގެފާނު އަވަހާރަވުމަށްފަހު ބަނީއިސްރާޢީލު ބާގައިގެ މީސްތަކުންގެ ގާތަށް ނަބީކަމައިގެން ފޮނުއްވީ ޔޫޝަޢުގެފާނެވެ. ޔޫޝަޢުގެފާނު އެބައިމީހުންނަށް ތެދުމަގު ދެއްކެވުމުގައި ދުވަސްތަކެއް ވޭތުކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވުމުން އެކަލޭގެފާނުގެ ޚަލީފެއްގެ ގޮތުން ދީނުގެ ކަންތައްތައް ކުރިއަށް ގެންދެވީ كالب بن يوفنا އެވެ. كالب بن يوفنا އަޖަލުގެ ގޮވެއްޗަށް އިޖާބަދެއްވުމުން ބަނީއިސްރާޢީލު ބާގައިގެ މީސްތަކުންގެ ގާތަށް ނަބީކަމުގެ މަތިވެރި މަސްއޫލިއްޔަތާއިގެން حزقيل (ހިޒްޤީލު) عليه السّلام ފޮނުއްވިއެވެ.
އިބްނު އިސްޙާޤު، ވަހަބު ބިން މުނައްބިޙުގެ އަރިހުން ރިވާކުރައްވާ ގޮތުގައި حزقيلގެފާނުގެ ފުރިހަމަ ނަންފުޅަކީ، حزقيل بن بوذي އެވެ.
حزقيل ގެފާނުގެ ނަންފުޅު ކަނޑައެޅިގެން ކީރިތި ޤުރުއާނުގައި ބަޔާވެގެންނުވެއެވެ. ރަސޫލާގެ ސުންނަތުންވެސް ސައްޙަ ގޮތުގައި އެކަލޭގެފާނުގެ ޙަޔާތްޕުޅާ ބެހޭ މަޢުލޫމާތެއް ބަޔާންވެފައެއްނުވެއެވެ. ތާރީޚުގެ ބައެއް ފޮތްތަކުގައި حزقيل ގެފާނުގެ ވާހަކަ ކޮންމެވެސް ވަރަކަށް ބަޔާންވެގެންވެއެވެ. ބައެއް މުފައްސިރުން ވިދާޅުވާގޮތުގައި ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 243 ވަނަ އާޔަތުގައި މާތް ﷲ ބަޔާންކުރައްވާފައިވަނީ حزقيل ގެފާނުގެ ވާހަކައެވެ. އެ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
أَلَمْ تَرَ إِلَى الَّذِينَ خَرَجُوا مِن دِيَارِهِمْ وَهُمْ أُلُوفٌ حَذَرَ الْمَوْتِ فَقَالَ لَهُمُ اللَّـهُ مُوتُوا ثُمَّ أَحْيَاهُمْ ۚإِنَّ اللَّـهَ لَذُو فَضْلٍ عَلَى النَّاسِ وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ﴿٢٤٣﴾
“އެތައްހާސް ބަޔަކުކަމުގައިވާ حال، މަރަށް ބިރުން އެއުރެންގެ ގޯތިގެދޮރުން ނުކުމެގެންދިޔަ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭތޯއެވެ؟ ފަހެ، اللَّه، އެއުރެންނަށް وحى ކުރެއްވިއެވެ. ތިޔަބައިމީހުން މަރުވާށެވެ! (ދެން، އެއުރެން މަރުވީއެވެ.) ދެން، އެކަލާނގެ އެއުރެން ދިރުއްވިއެވެ. ހަމަކަށަވަރުން، اللَّه އީ، މީސްތަކުންގެ މައްޗަށް فضل ވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުން ކުރެ ގިނަ މީހުން شكر އެއް ނުކުރެތެވެ.”
محمد بن إسحاق ވިދާޅުވެފައިވެއެވެ. “އެއްފަހަރަކު بني إسرائيل ބާގައިގެ މީހުންނަށް ޠާޢޫނު ވަބާ ލައިގަތެވެ. އެބައިމީހުން ޠާޢޫނު ވަބާއަށް ބިރުން ރަށުން ނުކުމެ، ސަހަރާތެރެއަށް ގޮސް ވަޒަންވެރިވިއެވެ. އެބައިމީހުންގެ މަޤްޞަދަކަށް ވެފައިއޮތީ މަރަށް ބިރުން ރައްކާތެރިވުމެވެ. މަރުވެދާނެތީ މަރަށް ފިލުމެވެ. ދެން މާތް ﷲ އެބައިމީހުންނަށް މަރުވާށޭ ވަޙީ ކުރެއްވިއެވެ. އެވަގުތު އެންމެން މަރުވެގެން ބިންމަށްޗަށްވެއްޓިއްޖެއެވެ. ދެން، އެތަނުގައި އެބައިމީހުން ވަށައިގެ ހުރަހެއް ނުވަތަ ފާރެއްލެއްވުނެވެ. އެބައިމީހުންގެ ހަށިތަށް ވަލުޖަނަވާރު ކެއުމުން ބަރީޢަކުރުމަށްޓަކައެވެ.
މިކަން މިހެން ހިނގައި އެތަށް ދުވަހެއް ފާއިތުވެ ދިޔަފަހުން حزقيل ނަބިއްޔާ އެމަގުން ވަޑައިގެންނެވިއެވެ. އެބައިމީހުންގެ އެންމެން މަރުވެފައިވަނިކޮށް ދެކެވަޑައިގެން ވަރަށް ބޮޑަށް އަޖާއިބުވެވަޑައިގެން، ޚިޔާލުފުޅެއްގައި ހުންނެވިއެވެ. އެ އެންމެން އަލުން ދިރުވާނީ ކިހިނެތްކަމާއި މެދު ފިކުރުފުޅުކުރައްވަން ހުންނެވިއެވެ. މިޚިޔާލުފުޅު ކުރައްވަން ހުންނަވަނިކޮށް އެކަލޭގެފާނަށް އެންގެވުނެވެ. “އެބައިމީހުން އަލުން ދިރުއްވާތަން ދެކެވަޑައިގަންނަވަން ކަލޭގެފާނު ބޭނުންފުޅުތޯއެވެ؟” حزقيل عليه السّلام ވިދާޅުވިއެވެ. “އާދޭހެވެ!” އެކަލޭގެފާނަށް އެންގެވުނެވެ. “އެބައިމީހުންގެ ވިރިފައިވާ ކަށިތަކަށް މަސްލެވި، ވަކިވެފައިވާ ގުނަވަންތަށް ގުޅި، ފުރާނައެޅިގެން ތެދުވުމަށް އެބައިމީހުންނަށް ގޮވާލައްވާށެވެ.” ދެން އެކަލޭގެފާނު މާތް ﷲ ގެ އިސްމުފުޅުން ގޮވައިލެއްވުމުން އޭގެ އެންމެން ފުރަނައެޅި ދިރިގެން ތެދުވެއްޖެއެވެ. އެބައިމީހުން ތެދުވީ މާތް ﷲ އަށް تكبير ކިޔަމުންނެވެ.{ البداية والنهاية – الجزء الثاني}
އިތުރު އެހެން ރިވާޔަތެއްގައިވެއެވެ. ابن مسعود رضى اللّـه عنه އާއި އަޞްޙާބުބޭކަލުންގެ ޖަމާއަތެއްގެ ބޭކަލުން ވިދާޅުވެފައިވެއެވެ. މިކަމެއް ހިނގީ داوردانއެވެ ކިޔުނު ރަށުގައެވެ. އެރަށުގެ މީސްތަކުންނަށް ޠާޢޫނުގެ ވަބާލައިގަތުމުން ރަށުގެ އާބާދީގެ ބޮޑުބައެއް ރަށުންނުކުމެ،ރަށްބޭރުގައި ފޭލިގެ ޖަހައިގެން ތިބެއްޖެއެވެ. ރަށުގައި ޤާއިމުވެތިބި މީސްތަކުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ޠާޢޫނުގެ ވަބާގައި މަރުވެނެތިއްޖެއެވެ. ދެން ޠާއޫނުގެ ވަބާގެ އަސަރު ފިލައިގެން ދިޔުމުން ރަށްބޭރުގައި ތިބި މީސްތަކުން ރަށަށްއަރައި، ރަށުގައި ސަލާމަތުން ތިބި މީހުންނާ ބައްދަލުކުރިއެވެ. ރަށުގައި ސަލާމަތުން ތިބި މީހުން ބުނެފިއެވެ.
“މިބައިމީހުން ކަން ކުރިގޮތަށް ކަންކުރިނަމަ، ޠާއޫނުގެ ވަބާއިން އެންމެން ސަލާމަތްވީހެވެ. ދެން ޠާޢޫނުގެ ވަބާ ޖެހިއްޖެހިއްޖެނަމަ، އަހަރެމެން އެންމެން އެބައިމީހުންނާއެކުގައި ރަށްބޭރަށް ނުކުންނާނީއެވެ.”
ޖެހިގެން އައި އަހަރު އަނެއްކާވެސް ޠާޢޫނުގެ ވަބާ ކުރިމަތިވެއްޖެއެވެ. މިއަހަރު ރަށުގެ އެންމެން ޠާއޫން ވަބާއަށް ފިލަން ރަށުންނުކުމެގެން ހިނގައްޖެއެވެ. އެބައިމީހުންގެ އަދަދު ތިރީސްހާހަށް ވުރެ ގިނައެވެ. މިފަހަރުވެސް ދިޔައީ އިހުވެސް އެބައިމީހުން ދިޔަ ތަނަށެވެ. ތަނުގެ ނަމަކީ أفيح އެވެ. ދެން ދެމަލާއިކަތްބޭކަލުން އެ ވާދީގެ މަތިންނާއި ތިރިން ވަޑައިގެން “ތިޔަބައިމީހުން އެންމެން މަރުވާށޭ” ވިދާޅުވުމުން އެންމެން އެއްފަހަރާ މަރުވެގެން ވެއްޓިއްޖެއެވެ. އޭގެ ވަރަށް ދުވަސްފަހުން އެތަނުގެ ކައިރިން حزقيل ނަބިއްޔާ ވަޑައިގަތެވެ. ދެން މިބައިމީހުން އެތަނުގައި މަސްތަށްވިރި، ގައިމުޅިން ކައްޓަށްވެފައިވަނިކޮށް ފެނިވަޑައިގެން އެކަމާ ވަރަށް ފިކުރުފުޅު ކުރައްވަން ހުންނެވިއެވެ. މިހެން ފިކުރުފުޅުގައި ހުންނަވަނިކޮށް މާތް ﷲ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ.
“ތިމަން ﷲ މަރުވެފައިވާ ތެކެތި ދިރުއްވާގޮތް ކަލޭގެފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅުތޯއެވެ؟ ”
حزقيل عليه السّلام ވިދާޅުވިއެވެ. އާދޭހެވެ! މާތް ﷲ ވަޙީ ކުރެއްވިއެވެ. “ކަލޭގެފާނު އެބައިމީހުންނަށް ގޮވާލައްވާށެވެ!” ދެން އެކަލޭގެފާނުވިދާޅުވިއެވެ.
“އޭ ކަށިތަކާއެވެ. ﷲގެ އިޒުނަފުޅާއެކު އެއްވާށެވެ.”
ދެން އެކަށިތަށް ﷲ ގެ އިޒުނަފުޅާކު އެއްވެ ފުރިހަމަ ކަށިގަނޑަކަށްވެއްޖެއެވެ. ދެން މާތް ﷲ އެކަލޭގެފާނަށް އެންގެވިއެވެ. “އެ ކަށިގަނޑަށް މަސްއެރުމަށް ގޮވާލައްވާށެވެ.” ދެން އެކަލޭގެފާނު އެހެން ގޮވައިލެއްވުމުން އެކަށިތަކަށް މަސްއެރި އެބައިމީހުން މަރުވިއިރު ތިބި ފޭރާމަށް ދާންދެން ލެވިއްޖެއެވެ. ދެން އެނަބިއްޔާއަށް އެބައިމީހުން ފުރާނެލެވިގެން ތެދުވުމަށް ގޮވައިލެއްވުމަށް އަމުރުކުރެވުނެވެ. މިހެން ގޮވާލެއްވުމުން އެ އެންމެން ﷲ ގެ އިޒުނަފުޅާއެކު ފުރާނަ ލެވިގެން ތެދުވިއެވެ.”
މިދެންނެވި ދެ ރިވާޔަތަކީ ތާރީޚީ ދެ ރިވާޔަތެވެ. ދެ ރިވަޔާޔަތުގެ ތަފްޞީލުގައި ފަރަޤު ހުރި ކަމުގައި ވިޔަސް ދޭހަވަނީ އެއް މާނައެކެވެ. އެއީ މަރަށް ބިރުން ރަށުން ނިކުމެގެން ދިޔަ ބައެއްގެ ވާހަކައެވެ. ދެން، އެބައިމީހުން މަރުގެންނެވިކަމެވެ. އެތަން ބަނީއިސްރާޢީލުންގެ ނަބީބޭކަލަކަށް ފެނިވަޑައިގެން އެބައިމީހުން އަލުން ދިރުއްވާނީ ކޮންފަދަޔަކުންތޯއޭ ހިތްޕުޅަށަ އަރައި ފިކުރުފުޅެއްގައި ހުންނެވި ވާހަކައެވެ. ދެން އެކަލޭގެފާނަށް އެބައިމީހުން އަލުންދިރުއްވާގޮތް ކަޝްފުކުރައްވައި ދެއްކެވި ވާހަކައެވެ.
ބަޤަރާ ސޫރަތުގެ 243 ވަނަ އާޔަތުންނާއި މި ދެންނެވި ދެ ރިވާޔަތުން ދޭހަވާ ޢިބްރަތްތެރި ފިލާވަޅުތަކެއްވެއެވެ. އެއީ، މަރަށްބިރުން ފިލަންދިޔަކަމުގައި ވިޔަސް ނުވަތަ ހުރިތަނެއްގައި ހުރިނަމަވެސް ﷲ އިރާދަކުރައްވާ ބަޔަކު އިރާދަކުރައްވާ ވަގުތަކު މަރުގަންނަވާނެކަމެވެ. އިންސާނުނަށް އޮތީ މަރަށް ތައްޔާރުވުމުގެ ގޮތުން ހެޔޮކަންތައްކޮށް ކަނާއަތުގެ ތިލަފަތް ބަރުކޮށްގެން ތިބުންކަމުގައެވެ.
ދެވަނަ ކަމަކީ މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ ދާއިރާއިން އެއްވެސް މަޚްލޫޤަކަށް ބޭރަށް ނުދެވޭނެކަމެވެ. ދުނިޔޭގެ އެންމެހައިކަމެއް ފުރޮޅުއްވުމުގެ ޙަޤީޤީ ބާރުވެރިކަން އެކަލާނގެއަށް ލިބިވޮޑިގެންވާކަމެވެ. ތިންވަނަ ކަމަކީ އަލުންދިރުއްވުމަކީ ޙަޤީޤަތެއްކަމެވެ. ޚިޔާލީ ކަމެއްނޫންކަމެވެ. އެހެނީ ކޮންމެ ޒަމާނެއްގައިވެސް އަލުންދިރުއްވުމަށް އިންކާރު ކުރާބަޔަކު އުޅެއެވެ. އެހެންކަމުން އެބައިމީހުންނަށް ވާ ރައްދު ޖަވާބު މިއާޔަތުގައިވެއެވެ.
7 Comments!
Comments are closed.
subhaanallah….
Jazakallah Khair mi kahala ibraiytheri vahaka genesdheythy
Hahhhah
Thikhala vaahala genesdheynah alhugandu
Subhanallah?..vrh reethi stry eh..
Very nice storyyyy
Varah ibraitheri
Varah ibraitheri vaahakaeh