
ދިވެހިރާއްޖޭގައި، އިސްލާމާދީން ނޫން އެހެން ދީނަކަށް ފުރްޞަތު ލިބިފައިނެތުމުން ކާފިރު ބައެއް ޤައުމުތަކަށް އެކަން ބޮޑުކަމެއްކަމުގައިވެގެން ދިޔަ ޒަމާނެއްވެސް ދިވެހީންވަނީ ދެކެފައެވެ. ދިވެހިޤައުމުން އިސްލާމްދީން ނައްތާލުމުގެ ނިޔަތުގައި ކްރިސްޓިއަންދީން ފަތުރަން މަސައްކަތްކުރި ބައެއްގެ ވާހަކަވެސް ދިވެހިން ހަނދާންނެތިފައިވާނެއެކޭ އަޅުގަނޑަކަށް ހީއެއްނުވެއެވެ. ކޮންމެއަކަސް ޒަމާންދިގުވެ، ދިވެހިރާއްޖެ މިދެކެމުން އަންނަ ތަރައްޤީ އާއި ތަހުޒީބުގެ ކުރިމަތީގައި ދިވެހިޤައުމުގެ ތެރެއިންވެސް އިސްލާމްދީނަށް ހަޖޫޖަހައި އެދީނުގެ “ހަތުރުންތަކެއް” ވަނީ އުފެދިފައެވެ. މިއީ ދިވެހިޤައުމު މިދެކެމުން އަންނަ ހުއްރިޔަތާއި މިނިވަންކަމަށް އަންނާން އުޅޭ ކޮޅިގަނޑެއް ނޫންބާއޭ އަޅުގަނޑު ހިތަށް އަރައި ބިރު ހީވެއެވެ. އެއީ، އެފަދަ ކޮންމެ ޢަމަލަކުން، މާޒީގެން ފަށްފުށްތަކުގެ ހަނދާން އާވެގެންދާތީއެވެ. އިހު މުސްލިމަށް ހުރި، ފަހުން ކްރިސްޓިއަން ދީން ޚިޔާރުކުރި ނުވަ ވަނަ ޙަސަން ރަސްގެފާނު ފަދަ އެތައް ޚާއިނުން ދީނަށާއި ޤައުމަށްވި ޚިޔާނާތުގެ އަސަރުތައް ސިކުނޑިއަށް ތަޞައްވަރު ކުރެވޭތީއެވެ. އެކަމުގެ ހިތި ނަތީޖާ، އަޅުވެތިކަމަކުން ދިވެހިން ތަޖްރިބާކޮށްފައިވާތީއެވެ.
ކޮންމެއަކަސް، އިސްލާމްދީނުގެ ޢަދުއްވުންގެ މަކަރުވެރި ކެހިވެރި ރޭވުންތަކުން ގަތާ ބޮޑުކުރަމުން ގެންދިޔަ “ދާ” ނަލަނަލަ ދިވެހި ޖަޒީރާތަކުގެ ތެރެއަށް އެއްލާލުމުން އޭގައި މިވަނީ ދިވެހި “ރޯފިލާފައިވާ” ކަމަށް ދަޢުވާ ކުރާ ބަޔަކު ޖެހިފައެވެ. އާދެ! ފިކުރީ ހަނގުރާމައޭ މިކިޔޭ ހަނގުރާމައިގައި ޖެހި ހައްޔަރުވެފައެވެ. އެބަޔަކަށް، ޤުރްއާނާއި ސުންނަތުން ސާބިތުވާ ޙުކުމްތައްވަނީ ގޯސްވެފައެވެ. ރަސޫލާއަކީ އިހު އުޅުއްވި ހައްދުފަހަނަ އެޅި ޖީލުގެ ރަޢީސްކަމަށްވަނީ ވެފައެވެ. ޓެރަރިސްޓުންގެ ޒަޢީމުކަމަށްވަނީ ވެފައެވެ. ޤުރްއާނުގައި ނުފެންނަ އާޔަތްތަކެއް ވާކަމަށް ދަޢުވާކުރެވެން ވަނީ ފަށާފައެވެ. މިހެންގޮސް އެތައްބައިވަރު ކަމެކެވެ. ދުލައްގެންނާންވެސް ކީއްކުރަންތޯ؟ ހިތްގެންނާންވެސް ނުކެރޭފަދަ ދައުވާތަކެކެވެ.
މިދެންނެވި ނަޢުރާތައް ނުވަތަ ދަޢުވާތައް ތަކުރާރުކޮށް ގުރާގެ ބީދައިން ފަށްފަށް ކުރަމުންގެން ދަނީ ދިވެހި ވަޠަނުގައެވެ. ދިވެހިން އެންމެ ފަޚްރުވެރިވާ ދިވެހިބަހުންނެވެ. މިކަންތައްތަކުގެ ތެރެއިންވެސް އެންމެ ވައިގައި ހިތްޕާލާފައިވަނީ ރަޖަމު ކުރުމުގެ ޙުކުމް ޤުރްއާނުގައި ނެތުމުންނެވެ. މި ސުވާލުތައް ފެނިފައި، މިބައިމީހުން މިސުވާލުތައްކޮށް ދީނާއިމެދުގައި ޝައްކު އުފައްދަން މަސައްކަތްކުރަނީ ހަމަނޭނގިގެން ބާވައޭ އަޅުގަނޑުގެ ހިތައް އެރިއެވެ. އެހެނީ އެ ހުރިހާ ސުވާލުތަކުގެ ޖަވާބު އަޅުގަނޑުގެ އުމުރުން 15 އަހަރު ނުފުރެނީސް އަޅުގަނޑަށް އެނގިފައިވާތީއެވެ. ހަމަ މިހާރުވެސް ދިވެހި ފަސްގަނޑުގައި އުޅުއްވާ ދިވެހި ޢިލްމުވެރިންގެ ލިޔުއްވުން ތަކުންނެވެ. އެހެންކަމުން، ފޮތްތެރިކަމާއި ޤުރްއާން ދިރާސާކުރުމުގެ ކަންފުޅެއްވެސް “ލޮބުވެތި” ދިވެހީންގެ ކިބައިގައި ނެތްކަމަށް އަޅުގަނޑު ޔަޤީންކުރީމެވެ. މަޢާފުކުރައްވާށެވެ!
އަނެއްކާވެސް އެނބުރި މައުޟޫއަށް ރުޖޫއަވާނަމެވެ. ރަވާޢިއުލް ބަޔާންއޭ ކިޔުނު ފޮތުގައި އޮންނަކަމަށް ކީރިތި ޤުރްއާނުގެ ތަފްސީރު ގައި ޑރ. ޢަބްދުއް ސައްތާރު ޢަބްދުއްރަޙްމާނު ލިޔުއްވާފައިވެއެވެ. “ކާވެނިކޮށްގެން ހުރި އަންހެނަކާއި ފިރިހެނަކު ޒިނޭކޮށްފިނަމަ އެދެމީހުން ރަޖަމް ކުރާހުށިކަމެވެ. މިއީ މާތް ﷲ ގެ ޙަޟްރަތުން އައި ޢިބްރަތްތެރި ޢުޤޫބާތެކެވެ. މާތް ﷲ އީ ގަދަފަދަވަންތަ ޙަކީމްވަންތަ ރަސްކަލާންގެއެވެ.” މިއާޔަތަކީ، ނޫރު ސޫރަތުގެ އާޔަތެކެވެ. ޤުރްއާނުގައި މި އާޔަތް ލިޔެފައި ނުވަނީ މިއާޔަތް ތިލާވަތުކުރުން މަންސޫޚްކުރެވިފައި ވާތީއެވެ. ނަމަވެސް މިއާޔަތުގެ ޙުކުމަށް އަމަލުކުރެވޭ ހުއްޓެވެ. 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދަރުމަ މަޖައްލާއަށް ޑރ. ޢަބްދުއް ސައްތާރު ޢަބްދުއްރަޙްމާނު ލިޔުއްވާފައިވާ މިލިޔުމުގައި މިދެންނެވި “ތިލާވަތުކުރުން މަންސޫޚް ކުރެއްވި އާޔަތް” ލިޔުއްވާފައިވަނީ ނާސިހާއި މަންސޫޚްގެ އާޔަތް ތަފްސީރުކުރައްވަމުންނެވެ. “އާޔަތް ތިލާވަތުކުރުން މަންސޫޚްވި ނަމަވެސް އެ އާޔަތުގެ ޙުކުމް މަންސޫޚްނުވެ އޮތުން” މި ސުރުޚީ ޖައްސަވާފައެވެ.
މިދެންނެވި ކަމުގެ އިތުރުން ރަޖަމުގެ ޙުކުމަކީ ރަސޫލާގެ ސުންނަތުން ސާބިތުވާ ކަމެކެވެ. ޙުކުމެކެވެ. ރަސޫލާ އެކަމެއް ކުރައްވައިފިނަމަ ނުވަތަ ޙުކުމެއް ކުރައްވަފިނަ އެކަމެއް އުއްމަތަށް ކަނޑައެޅިގެންދެއެވެ. ދަލީލަލީ ޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތެވެ.
وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ
“އަދި رسول އާ ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި، ފަހެ، ތިޔަބައިމީހުން ހިފާށެވެ! އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން، ފަހެ، ތިޔަބައިމީހުން ދުރުވެގަންނާށެވެ!”
މިދެންނެވި އާޔަތް މިހެން އޮތުމުން ރަސޫލާ ކުރެއްވި ރަޖަމުގެ ޙުކުމަކީ، ކޮންމެ މުސްލިމަކު ތެދު ހިތުން ޤަބޫލު ކުރަންޖެހޭ ޙުކުމެއްކަން ދޭހަވެއެވެ. ރަސޫލާގެ ޒަމާނުގައި ރަޖަމުގެ ޙުކުމެއް ކުރެއްވިކަމާއި އެކަމުގެ ތަފްޞީލުތައް މަލިންގޭ ޙުސައިންދީދީ ލިޔުއްވި “ކީރިތި ޤުރްއާނުގެ ތަރުޖަމާއާއި ތަފްސީރު” މިފޮތުގައި ބަޔާންކުރައްވާފައިވެއެވެ. ބަލައި ދިރާސާ ކުރަން ބޭނުންނަމަ އެ ފުރްޞަތު ދިވެހިންނަށް އެބަ އޮތެވެ.
އާދެ! ރަޖަމު ކުރުމުގެ ޙުކުމްގެ އިތުރުން، މީސްމީޑިއާގެ އެކިއެކި ޕްލެޓްފޯމުތަކުގައި ދީނަށް ފުރައްސާރަ ކުރުމުގެ ކަންތައްތައް ވަނީ މެކުހަށް ޖަހާފައެވެ. ނަމަވެސް އެބައިމީހުން ކުރާ ދަޢުވާތަކަކީ އެއްވެސް ބުރަދަނެއްނެތް ދަޢުވާތަކެއްކަން ހޯދާބަލައި ދިރާސާކުރާ ފަރާތްތަކަށް ކަށަވަރުވާނެއެވެ. މެންދުރުގެ އިރުފަދައިން ފާޅުވެ އެނގޭނެއެވެ.
ދީނަށް ފުރައްސާރަކޮށް މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ހަޖޫކިޔައި ޖޯކުޖަހަމުން ގެންދާއިރު އެކަމުން ތިމާގެ އަމިއްލަ ނަފްސަށް ވެވޭ އަނިޔާވެރިކަން ހިތަށް ތަޞައްވަރު ނުކުރެވޭ ކަހަލައެވެ. އުއްމަތް އެކީ އެކަށްޗަކަށްވެ، ފުއްމަފުއްމައިގެން، އަރައަރައިގެން، އައިސް މާތް ﷲ އާއި ރަސޫލާގެ ޙުކުމްފުޅަށް ގޮންޖެހިކަމުގައިވިޔަސް އެދެފަރާތަށް ކުޑަވެސް އުނިކަމެއް ނާންނާނެއެވެ. އެދަފަރާތުންގެ މާތްކަމާއި މަތިވެރިކަމަށް ކިލަނބުކަމެއް އުނިކަމެއް ނާންނާނެއެވެ. އަންޢާމު ސޫރަތުގެ 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُم مَّا كَانُوا بِهِ يَسْتَهْزِئُونَ ﴿١٠﴾
“އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނު މީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ.”
ދީނަށް ފުރައްސާރަކުރާ މީހުންގެ ހިތްތައްވާނީ ކަނުވެފައެވެ. އުރަލެވި ބަންދުވެފައެވެ. އެބައިމީހުންގެ ހިތްތަކަށް އިލާޙީ ތެދުމަގުގެ އެއްވެސް އަސަރެއް ނުކުރާނެއެވެ. ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ އެއްވެސް ބާރެއް ނުހުންނާނެއެވެ. އެބައިމީހުންގެ ކަންފަތްތަކަށް ޙައްޤުގެ އަޑެއްނީވޭނެއެވެ. މާތް ﷲ ހެޔޮ ވިސްނުންދެއްވައި އަލުން ހިދާޔަތު ދެއްކެވި މީހަކުމެނުވީ މަރުދުވަހަށް ދާންދެންވެސް ހުންނާނީ ކުފުރުގެ ފަރާތަށް މީހުންނަށް ވަސްވާސްދީދީއެވެ.
ކަހަފު ސޫރަތުގެ 57 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَاتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرًا ۖ وَإِن تَدْعُهُمْ إِلَى الْهُدَىٰ فَلَن يَهْتَدُوا إِذًا أَبَدًا ﴿٥٧﴾
“އެމީހެއްގެ ވެރިރަސްކަލާނގެ آية ތަކުން އެމީހަކަށް ހަނދާންކޮށްދެއްވުމުން، އެ آية ތަކަށް ފުރަގަސްދީ، އެނބުރިގަނެ، އަދި އޭނާ އިސްކުޅަ عمل ތައް ހަނދާންނެތުނު މީހާއަށްވުރެ އަނިޔާވެރިކަންބޮޑީ ފަހެ، ކާކުހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެއުރެންނަށް އެ قرآن ވިސްނުމަށް ހުރަސްއަޅާ ހުރަސްތަކެއް، އެއުރެންގެ ހިތްތަކުގައި ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއް ލެއްވީމެވެ. އަދި ކަލޭގެފާނު އެއުރެންނަށް ތެދުމަގަށް ގޮވައިލައްވައިފިނަމަ، ފަހެ، އޭރުން އެއްގޮތަކަށްވެސް އެއުރެން ތެދުމަގު ލިބިއެއް ނުގަންނާނެތެވެ.”
އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ ދިވެހި ޤައުމުގެ އެންމެހައި މުސްލިމުންނަށް އިސްލާމީ ރިސާލަތުގެ މަތީގައި ޤާއިމުވުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން.
6 Comments!
Comments are closed.
Varahves thedhu.. Masha allah.. Adhives mikahala liyunthah liyahchey ingey
Aameen! Aslu ves v bodu thedheh..v furihama Masha Allah!! Mi masakkathuga Allah barakaaiy lavvashi…Aameen!
Aameen… Hahdhava bodu kurehvi raskalaako….Dhivehi raajjeyga mi kan nuvisnigen ulhey miihunna mikan visnava dhehva ebai miihunnah hidgayathuge magu dhahkavaandheyve… Aameen… Adhi mi bimugaa islaam dhiin nuun ehan dhiinakah furusathu nudhehvaa faadheynve… Aameen… Adhi dhivehi raajje akii 100 percent muslim gaumehge gothuga giyaamathah dhaandhen dhamahahtavaan dheyve…. Aameen
Aameen
V reethi..mi kahala dheenee liyuntha v reethi. Keep going. May Allah bless u. Ameen.
Keep it up ..May Allah Bless you Aameen