Skip to content
އެސްފިޔަ

ދޮންބައްޕަ

މިއީ ކޮންކަހަލަ ދުނިޔެއެއް ހެއްޔެވެ؟ ދުނިޔޭގެ އުފަލާއި އަރާމު ލިބެނީ ހަމައެކަނި ކެހިވެރީންނަށް ހެއްޔެވެ؟ ނުވަތަ ދުނިޔޭގެ ޙަޤީޤީ ހައްޤުވެރިންނަކީ އަނިޔާވެރީން ހެއްޔެވެ؟ މި ސުވާލުތަކަކީ އަހަރެންގެ ޒަޚަމްވެފައިވާ ހިތަށް އަބަދުހެން ކުރެވެމުންދާ ސުވާލުތަކެކެވެ. މަޒީގައި އަހަރެންނާއި މެދުގައި ކަންތައްވެފައިވާ ގޮތުންނެވެ. މިހާރު ކަންތައް ހިނގަމުންދާ ގޮތުންނެވެ.

އަހަރެންގެ ބައްޕައަކީ ރ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ. މަންމައަކީ އެ އަތޮޅު އެހެން ރަށަކަށް ނިސްބަތްވާ މީހެކެވެ. ބައްޕަ މަންމަ އާއި ކާވެނިކޮށްގެން މަންމަ ގޮވައިގެން ދިޔައީ ބައްޕަމެންގެ ރަށަށެވެ. އަހަރެންގެ މިއަނަރޫފަ ހަޑިގަނޑު ލޯބިލޯބި ތުއްތު ކުއްޖެއްގެ ސޫރައިގައި އުފަންވީ އެރަށުގައެވެ.

އަހަރެން ހަނދާން ހުންނަންފެށި އުމުރަށް އެޅިގެން ދުވަސްތައް ގުނަމުން ގެންދިޔަ އިރު، އަހަރެންނަކީ މަންމަ އާއި ބައްޕަގެ ފުރިހަމަ ލޯބި ލިބިގެން ބޮޑުވަމުން އައި ކުއްޖެކެވެ. ބައްޕައަކީ ވަޑާން ކުރާ މީހެއްކަމުން މާލީގޮތުން އެއްވެސް ދައްޗެއް އަހަރެންނަށް ކުރިމައްޗެއް ނުވެޔޭ ބުނެވިދާނެއެވެ. ޚުދު އަހަރެންގެ ހިތައްވެސް ތަޞައްވަރު ކުރެވެމުން ދިޔައީ ރަށުގައި ހުރި އެންމެ އުފާވެރި ކުއްޖަކީ އަހަރެންކަމުގައެވެ. ބައްޕައާއި މަންމަ އަބަދުވެސް ހުންނަނީ އަހަރެން ރަންގަހެއްހެން ހައްދާލާފައެވެ.

ޒަމާނުގެ ބުރު އެނބުރެމުންގޮސް އަހަރެންގެ އުމުރުން ދިހަ އަހަރަށް ދިޔަތަނާ އަހަރެންގެ އުފާވެރި ދިރިއުޅުމަށް ހިޔަނި އެޅީ ހިތި ދުވަސްތަކެކެވެ. އެއީ އަހަރެންގެ ބައްޕަ ކުއްލިގޮތަކަށް މަރުވުމެވެ. އެމީހެއްގެ ފަރާތުން އަހަރެންނަށް އަބަދުވެސް އުފަލާއި ލޯބި ލިބެމުން ދިޔަ ފަރާތް މުޅިން އަހަރެންނާއި ވަކިވުމެވެ. އަހަރެންނާއި އަހަރެންގެ މަންމަގެ ޙަޔާތަށް ވެރިވެގެން ދިޔައީ ކަޅު ދުވަސްތެކެވެ. ބައްޕަގެ ނިޔާވުމަށްފަހު މަންމަ ޤަޞްދުކުރީ ދިރިއުޅުން މަންމަގެ އުފަން ރަށައް ބަދަލު ކުރާށެވެ.

ރަށައް ބަދަލުވިތާ މާގިނަ ދުވަސްތަކެއް ނުވެ. މަންމަ އެހެން ކާވެއްޏެއް ކުރިއެވެ. އަހަރެންނަށް ބައްޕަގެ ބަދަލުގައި ދޮން ބައްޕަގެ ލޯތްބާއި އަޅާލުން ލިބޭނެ ކަމަށް އުއްމީދުކޮށް، އަހަރެންވެސް އެދުވަހު ނިހާޔަތައް އުފާ ކުރީމެވެ. ބައްޕަނެތި ދިއުމުން ލިބުނު ހުސްކަން ފަޅުފިލުވާލަދީ އަހަރެމެންގެ ކުޑަ ޢާއިލާއަށް އުފާވެރިންކަން ގެނެސްދޭނެކަމަށް އުއްމީދުކޮށްގެންނެވެ.

އަހަރެންގެ އުފަން ބައްޕައެކޭ އެއްގޮތަށް ދޮންބައްޕައަކީވެސް ވަޑާން ކުރުމުގެ މަސައްކަތް ކުރާމީހެކެވެ. މީގެ އިތުރުން ބައެއް ދުވަސްދުވަހު އެރަށު އާދަމްބެ އޮޑިން މަހަށްގޮސްވެސް އުޅެއެވެ. ދުވަސްވަރަކީ މަސްވެރިކަން ދަށް ދުވަސްވަރަކަށްވުމުން ކަނޑުމަހަށް ދިޔުމުގެ ބަދަލުގައި ދޮން ބައްޕަ ވަރަށް ގިނައިން ދާއަޅަންދެއެވެ. މަންމަގެ އެދުމުގެ މަތީން ބައެއް ފަހަރު މަސްފަތި ހިފަހައްޓައިދޭން އަހަރެންވެސް ގޮސް އުޅެމެވެ.

މިހެންގޮސް އުޅޭ އުޅުމުގައި އަހަރެންނަށް ބައެއް ފަހަރު ދޮންބައްޕަގެ ފަރާތުން ތަފާތު ކަންތައްތަކެއް ތަޖުރިބާ ކުރެވެމުން ދެއެވެ. ބައްޕަޔާ ޚިލާފަށް ދޮންބައްފަ އަހަރެންގައިގައި ފިރުމާ ކޮލުގައި ހިފާލާ ހަދައެވެ. އެހުރިހާ ކަމެއްވެސް އަހަރެންނަށް ތަޖުރިބާ ކުރެވެމުންދަނީ ދޮންބައްޕަގެ ޙަޤީޤީ ލޯތްބާއި އަޅާލުމުގެ ނަން ބޯޑުގެ ދަށުންނެވެ. އަހަރެންނަށްވެސް ފުރަތަމަ ޤަބޫލު ކުރެވެމުން ދިޔައީ އެގޮތަށެވެ.

ދުވަސްތައް ހަފްތާތަކަށް، ހަފްތާތައް މަސްތަކަށް ބަދަލުވަމުންދެވެ. ދޮންބައްޕަގެ އެ “ލޯތްބާއި އަޅާލުމުގެ” ބައި ތަންކޮޅެއް މައްޗަށް ދާހެން އަހަރެންނަށް ހީވިއެވެ. އެހެންކަމުން އަހަރެން ވަރަށް ހިތްވަރުކޮށްފައި މަންމަގާތުގައި އެވާހަކަ ބުނީމެވެ. މަންމަގެ ފަރާތުން އަހަރެންނަށް ލިބުނީ އުއްމީދު ކުރި ޖަވާބާއި ދިމާ އިދިކޮޅުގެ ޖަވާބެކެވެ. “އެއީ ބައްޕަ ލޯބިން ކުރާކަމެކޭ. ބައްޕައެއްގެ މަޤާމުގައި ހުރި މީހަކަށް ތިޔަފަދަ އިލްޒާމެއް އަޅުވަން ލަދެއް ނުގަނޭހޭ. ދެން ތިޔަ ކަހަލަ ވާހަކަ ނުދައްކައްޗޭ” މިފަދަ ޖަވާބު ތަކެކެވެ. ނުވަތަ އިންޒާރުތަކެކެވެ.

ކޮންމެއަކަސް އަހަރެން ދެއްކި ވާހަކަތައް ކޮންމެވެސް ގޮތަކުން ދޮންބައްޕައަށް އެނގިއްޖެއެވެ. އޭނާ އެކަމާ ވަރަށް ރުޅިއައެވެ. ދެން، އެފަދަ ވާހަކައެއް މަންމަ ގާތުގައި ދައްކައިފިނަމަ ފެންނާނީ މަންމަގެ ފުރާނަނެތް މަސްގަނޑު ކަމުގައި ބުނެ ބިރުދެއްކިއެވެ. މި ބިރުދެއްކުމާއި އިންޒާރުތަކާއެކު ދޮންބައްޕަގެ ފަރާތުން ސީދާ އުނދަގޫތަކާއި ގޯނާތަކާއި އަހަރެންނާއި ކުރިމަތިވާން ފަށައިފިއެވެ.

އެ އުނދަގޫތަކުގައި އަހަރެންގެ ދުވަސްތައް ދިގުވާން ފަށައިފިއެވެ. އަހަރެންގެ މޫނުމަތިން ކުރިން ފެންނަން ހުރި އުޖާލާކަންގެއްލި މިލައިމޯޅިވާން ފަށައިފިއެވެ. ފުޅިބައްތިޔެއްގެ ތެޔޮތައް ފީތާގައި ހިފާފައިވާ އަލިފާންކޮޅުންގެ ބާރުން ހުސްވެ އިންދިރާސްވާމުން ދާންހެން އަހަރެންގެ ހަށިގަނޑުވެސް ހިކި އަނަރޫފަވަމުންދެއެވެ. ނަމަވެސް ޝަކުވާކޮށް ފަރިޔާދު ކުރާނެ ފަރާތެއް އަހަރެންގެ ނެތެވެ. ހުރިނަމަވެސް އެދެމެދުގައި ވަނީ އުސްބިޔަ ފާރެއް ލެވިފައެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ދޮންބައްޕަގެ ފަރާތުން އަހަރެންނަށް ދެމުން ގެންދިޔަ އަނިޔާތަކުގެ ނަތީޖާ އަހަރެންގެ ހަށިގަނޑުން ފެންނަނަން ފަށައިފިއެވެ. އަހަރެންގެ ހަށިގަނޑުގައި ދެވަނަ ފުރާނައެއް ވާކަމުގެ އިޙްސާސްވާން ފަށައިފިއެވެ. އެންމެފަހުން، އެކަންތައް މުޅި ރަށައް ފަޅާއަރައިފިއެވެ. ތަފާތު ވާހަކަތައް ރަށުތެރޭގައި ދެކެވެން ފަށައިފިއެވެ. އަހަރެންގެ ހުރި ގޮތްކުޑަކަމާއި ވިޔާނުދާކަމުގެ ވާހަކަތަކެވެ. އަހަރެންގެ އުޅުމެއްނެތްކަމުގެ ވާހަކަތެކެވެ. ނަމަވެސް، އަހަރެންނަށް މި ހިތި ޝަޒާދިން މީހާއާއި މެދު ވިސްނާލީ ކިތައް މީހުންކަމެއް ނޭނގެއެވެ. އޭނާގެ ކުށެއްވާކަން ޤަބޫލު ނުކުރެވެނީ ކަންނޭނގެއެވެ.

އަހަރެންގެ ބަނޑަށް ނުވަމަސްފުރި ލޯބިލޯބި އަންހެން ކުއްޖަކު ވިހައިފިއެވެ. ދޮންބައްޕައާއި މަންމަގެ ފަރާތުން އަހަރެންނަށް ލިބުނީ ވަރަށް ވަނދު އެއްބާރުލުމެވެ. އެޙާލުގައި ދުވަސްތައް ވޭތުކުރަނިކޮށް އަހަރެންގެ ޝަރީޔަތްފެށިއްޖެވެ. ޝަރީޔަތުގެ މަޖްލީހުގައި ހުރިހާ ވާހަކަތަކެއް ތެދުބަހުން އަހަރެން ކިޔާދިނީމެވެ. ނަމަވެސް އެހުރިހާ ކަމަކަށް ދޮންބައްޕަ އިންކާރުކުރިއެވެ. އޭނާގެ އެއްވެސް ކުށެއްނެތްކަމާއި އެފަދަކަމެއް ނުކުރާކަމަށް ހުވާކޮށް ޙުކުމުން ސަލާމަތްވިއެވެ.

ދެރަލިބުނީ އަހަރެންނަށެވެ. ނަހަލާލަށް ބަލިވެއިނދެ ވިހޭމީހަކަށްވުމުން ޙައްދުޖަހައި ށ އަތޮޅުގެ މީސްކޮޅުމަދު ރަށަކަށް އަރުވާލެވުނެވެ. އެކަނި ރަށެއްގައި އަރުވާލީމާގޮސް އުޅެން އުނދަގޫވާނެ ވަރު ކިޔުންތެރިން ތަޞައްވަރުކޮށްލަން ދޫކޮށްލާނެވެ. އޭރު އަހަރެންގެ އުމުރުންވީ 14 އަހަރެވެ.

އަހަރެންގެ ޙަޔާތުގައި ދިމާވިކަންތައްތަކުގެ ސަބަބުން އަހަރެންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ގައިގައި ވަރެއް ނުހުރެއެވެ. ނާރުތައް ހީވަނީ އައްސިވެފައި ހުންނަހެވެ. ބައެއްފަހަރު ބޮލަށް އެނބުރުން އަރާވަރުން ތެދުވެވޭ ވަރެއް ނޫނެވެ. ނަމަވެސް ނުތެދުވެ އޮވެވޭކަށްވެސް ނެތެވެ. ދަރިފުޅުގެ ކަންތައްތައްކޮށްދޭނެ އިތުރު މީހަކު ނެތީމައެވެ.

އަހަރެންގެ ބަލި އެއްގޮތަކަށްވެސް ރަނގަޅުވާކަށް ނޫޅުނެވެ. ތަފާތު ބޭސްތައްވެސް ކުރެއްވިއްޖެއެވެ. ފަންޑިތަތައްވެސް ހެދިއްޖެއެވެ. ނަމަވެސް އެއްވެސް ކުރިއެރުނެއް ނުލިބުނެވެ. އެހެންއުޅުމުގެ ތެރޭގައި މާގަދައަށް ކެއްސަންފަށައިފިއެވެ. ކެއްސާއިރު ލޭއައުމާއި، ނޭވާލާންދަތިވުމާއި، މޭގައި ރިއްސުން އިތުރުވާންފަށައިފިއެވެ. އަހަރެންނަށް އަހަރެންގެ ދަރިފުޅު ނުބެލޭނެހެން ހީވުމުން ރަށުގެ އޮފީސްމެދުވެރިކޮށް މަންމައަށް ސިޓީއަކުން އެކަން އެނގީމެވެ. ހަފްތާއެއްގެ ތެރޭގައި މަންމަ ރަށައްއައިސް ދަރިފުޅުގެންގޮސްފިއެވެ. މަންމަ އަހަރެންގެ ގާތުގައި މަޑުވެސްނުކޮށްލައެވެ. ފަހަރެއްގައި އެއީ ދޮންބައްޕަގެ ނުފޫޒުންވިކަމެއް ކަމުގައިވެސް ވެދާނެއެވެ. ނުވަތަ އަހަރެންގެ ސަބަބުން އެ މަންމަވި ފަޟީހަތުގެ ސަބަބުން އަހަރެންގެ މޫނުފެންނަން ބޭނުން ނުވީކަމުގައިވެސް ވެދާނެއެވެ.

އަހަރެންގެ ބަލިހާލުބޮޑުވުމުން ރަށު އޮފީހުގެ ފަރާތުން އަހަރެން ކުޅުދޫފުށީ ހޮސްފި÷ޓަލަށް ދައްކާ ހެދި ޓެސްޓުތަކުން އެނގުނީ އަހަރެނަށްވަނީ ޓީބީ ޖެހިފައިކަމެވެ. ރަނގަޅުވާނެކަމުގެ އުއްމީދެއްނެތްކަމުގައެވެ. އަހަރެންނަކީ ކުށެއްގައި އަރުވާލާފައިވާ މީހެއްކަމުން ކިތަންމެ ބަލިވެ ހާލެއްނެތަސް ވީއްލޭނެއެއްވެސް ގޮތެއްނެވެ. ދުވަސްކޮޅެއްނުވެ، އަހަރެން މާލެގެންގޮސް އެފަދަމީހުންނަށް ފަރުވޭދޭތަނަކަށް ލައިފިއެވެ. މިހާރުދެން އޮތީ މިތާނގައި އަހަރެންގެ ދަރިފުޅުގެ ހަނދާން އާކޮށް ކޮށް އޮވެ ނިމިދުޔުން ކަން ގައިމެވެ. ދުނިޔެއަށް އުފަވެންވެ ޙަޔާތުގެ އެއްވެސް ފޮނިމީރުކަމެއް ނުލިބިއެވެ. އަހަރެންފަދަ ކިތައް މީހުން ދުނިޔޭގައި އުޅޭނެބާއެވެ.؟

ނޯޓް. މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ޙާދިސާއަކީ 1980 އަހަރުތަކުގައި ހިނގާފައިވާ ޙާދިސާއެކެވެ.

Comments (7)

  1. Ibsha

    Reethi varah dheravejje

  2. Ibsha

    Dhera enulafaa dhon bappa ge aiy dhasah dharifulhu fonuvyma

  3. Sneyha

    Varah ves Reethi and so sad ?????

  4. Rish

    Ekahala dhon bappain v hama maraalan.
    V hithaamaveri mivaahaka.??

  5. Bravo

    Noomaraa ah tha aruvaaaleeee

  6. Sssss

    Kon kahala lolhumeh he miaii mulhi hayaathah adhu Magey… Dhen jeheyny Mi lava kiyan…

  7. Zoe

    Varah vex reethi but haadha goahey bappa $#¡* varah sad

Comments are closed.