Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފުރަތަމަ ލޯބި (3ވަނަ ބައި)

Aimy Level 1
August 4, 2014 7 Mins Read
4 Comments

ނިލާމް އޭނާއާ ރައްޓެހިވީ ކީއްކުރަން ހެއްޔެވެ؟ އަހަރެންވެސް މިހުރީ ނޫން ހެއްޔެވެ؟ އެކަމަކު…އެކަން ނިލާމްއަށް އެނގޭނީވެސް ކިހިނެތް ހެއްޔެވެ؟ އަހަރެން ބޭނުންވީ އަމިއްލައަށް އެއްވެސް އެއްޗެއް ނުބުނެ ހުރެ ހުރިހާ ކަމެއް ނިލާމް ލައްވާ ކުރުވާށެވެ.

އޭގެ ފަހުންވެސް އަހަރެމެން ވާހަކަ ދެއްކީމެވެ. އަހަރެން އެހާ ބޮޑަށް އެވާހަކަ އޮޅުންފިލުވާ ހިތެއް ނުވިއެވެ. އެފުރުސަތު ނުވެސް ލިބުނީއެވެ. ނިލާމް އަހަރެން މާޔޫސް ވިޔަ ނުދިނީއެވެ. އޭނާ އަދިވެސް އެއެދެނީ އޭނާއާ އަހަރެން ގުޅުމަށެވެ. އަހަރެން އެންމެ ފަހަރަކުވެސް އާނބަސް ބުނެލާނެ ވަގުތަކަށް ނިލާމް އަދިވެސް އިންތިޒާރު ކުރަނީތާއެވެ. ނިލާމް އަހަންނަށްޓަކައި ހުރިކަން އެނގުމުން އުފާވީ ނަމަވެސް އަހަރެންގެ ސަމާލުކަން ހުއްޓުނީ އޭނާގެ ފަރާތުން މިފެނުނު އާކަންތަކަށެވެ. އޭނާ އަހަރެންދެކެ އެބުނާހާ ލޯތްބެއް ވާނަމަ އެކުއްޖާއާ ރައްޓެހިވީ ކީއްކުރަންހެއްޔެވެ؟ އެކުއްޖާއަށް ނިލާމް މިކުރާ ކަމެއް އެނގިއްޖެއްޔާ ވާނެ ދެރަ އަހަންނަށް އިހުސާސް ކޮށްލެވުނެވެ. އެހެންވެގެން ކަންނޭނގެއެވެ. ނިލާމް އޭނާއާ ރައްޓެހިވެގެން އުޅުން އިރުވެސް އަހަންނަކަށް ރުޅިއެއް ނާދެވުނެވެ. ހަސަދަވެރިކަމުގެ ހުޅުގަނޑު ރޯވުމުގެ މާކުރިން އެހުޅުގަނޑު ނިވުނީއެވެ. އެއީ އެއަންހެން ކުއްޖާއަށް އަހަރެން ވެވުނު ހަމްދަރުދީ ކަމެއް ނުވަތަ ނިލާމްދެކެ އެހާވަރަށް ލޯބި ވެވިފައި ނެތުނީމާ ވީގޮތެއް ކަމެއް ނޭނގެއެވެ. އޭރު އެވަރަކަށް ނުވެސް ވިސްނަމެވެ. ވިސްނޭހާ ތަޖުރިބާ ވެސް ނެތީއެވެ. ސިކުނޑި ޅައީއެވެ.

ނިލާމްއާ ބައްދަލު ވެވެމުން ދިޔަ ނަމަވެސް އަހަރެން އޭނާއަށް ދެމުންއައި ސަމާލުކަން ކުޑަކުރީމެވެ. އެގޮތުން އެކުވެރިން އެއްވެލައި އުޅުން ދުވަހެކެވެ. އޭނާ ދޭތެރެއަކުން އަހަންނާ ވާހަކަ ދައްކަމުން ދިޔައެވެ. ހަމަ އެއް ވާހަކައެކެވެ.ނިލާމް ތަކުރާރުކޮށް އެދެމުން ދިޔައީ އޭނާއާ އެކީ އުޅުމަށެވެ. މިއީ ކޮންކަހަލަ ފިރިހެނެއްބާއޭ އަހަރެން ހިތަށް އެރިއެވެ. އެއްމަލުގެ ފޮނިން ނުފުދޭ މާބުރެއް ހެއްޔެވެ؟ ނޫނީ އެކުއްޖާގެ ފަރާތުން ނިލާމްއަށް ލޯބި ނުލިބެނީ ބާވައެވެ؟ އަހަރެންގެ ހިތުގައި އުފެދުނު ސުވާލުތައް ވީ އިތުރެވެ.

އެކުވެރިންނާއެކު އޮތް ކުޑަ ބައްދަލުވުން ނިމި، ގިނަ ކުދިން  ގޭގެއަށް ދިޔައިރުވެސް އަހަރެންހުރީމެވެ. ނިލާމްގެ ކިބައިން އެނގެން ބޭނުންވެފައިވާ ޖަވާބުތަކެއް ހުރީތީއެވެ.

ނިލާމްއާއެކީ އަހަރެން އެގެއިން ނުކުތީމެވެ. އަހަރެމެން މަޑުކޮށްލީ އެގޭ ސިޑި މަތީގައެވެ. ދެމީހުން އެކަނި ތިބެގެން ވާހަކަ ދައްކާލާނެ ވަގުތުކޮޅެއް ނުލިބިގެން ހުރީ އަހަރެން އެކަނި ނޫންކަން އެނގުނީ އެވަގުތުއެވެ. ސުވާލުތަކާ ޝަކުވާތައް އުފެދިފައި ހުރީ ހަމައެކަނި އަހަރެންގެ ހިތުގައި ނޫންކަން އެނގުނީ އެރޭ ދެކެވުނު ވާހަކަ ތަކުންނެވެ.

އެހެން ކުއްޖަކާ ނިލާމް ރައްޓެހިވުމުން ދެން އަހަންނާ ހެދި އެގޮތަށް ނޫޅޭށޭ އަހަރެން ބުނީމެވެ. އެކުއްޖާ ދެރަވާފަދަ ކަމެއް ނުކުރާށޭވެސް އަހަރެން ބުނީމެވެ. އެތާ ހުއްޓާވެސް އެކުއްޖާ ނިލާމަށް ގުޅިއެވެ. ކިތަންމެ ވަރަކަށް އޭނާއަށް ހެޔޮ އެދެވުނު ނަމަވެސް އަހަރެން ވަރަށް ކަޑަވިއެވެ.

ނިލާމްގެ ޝަކުވާ އަކަށްވީ އަހަރެން އުޅޭ ގޮތެވެ. އަހަރެން ބޭނުންވާ ގޮތް ރަނގަޅަށް ބުނެނުދޭކަމެވެ. ނިލާމް އެވަރަށް އުޅުނު އިރުވެސް ޖަވާބެއް ނުދިނީ އަހަރެން ކަމުގައި އޭނާ ބުންޏެވެ. އަދިވެސް އަހަންނަށް ފުރުސަތު އޮތްކަން އޭނާ ގެ ވާހަކައިން ހާމަވިއެވެ.

ނިލާމް އަދިވެސް ލޯބިވަނީ އަހަރެން ދެކެއެވެ. އޭނާ ބޭނުންވީ އޭނާ ލޯބިވެއޭ ބުނި އިރު އަހަރެން އަޅާ ނުލާ، އަހަރެން ބޭނުންވި އިރު ނިލާމް ކުއްޖަކާ ރައްޓެހިވެފައިވީނަމަވެސް ދެމީހުންގެ އިހުސާސްތައް އެއްގޮތް ވެފައިވާ ކަން އެނގުނު ވަގުތު ދެމީހުން ގުޅުމަށެވެ. އަދިވެސް ނިލާމް އެވަގުތު ވާހަކަ ދެއްކިއިރު އެހުރި އަސަރުން ފުރިގެންވާ ގޮތް ހަނދާން އެބަ ހުއްޓެވެ. އޭނާ ދެއްކި ވާހަކަ ތަކުގެ އިތުބާރު އަހަންނަށް ލިބުނީ އޭނާ އަހަންނަށް ބަލަހައްޓައިގެން ހުރި ވޭނުން ފުރިގެންވާ ގޮތް ފެނުމުންނެވެ. ގޮތް ހުސްވެފައިވީ ކަމުގެ އަސަރުތައް އެވަގުތު އޭނާގެ މޫނުމަތިން ފާޅު ވޭވޭ ހުއްޓެވެ.

އެރޭ އަހަރެމެން ވަކިވީވެސް އަހަރެންގެ ފަރާތުން ނިލާމަށް އެއްމީދުގެ އާއަލިކަމެއް ނުދީއެވެ. އަހަރެން ބިރުގަތީއެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. އަޑުއިވިފައިވީ ލޯބީގައި މީޙުންނަށް ލިބިފައިވާ ދެރައެވެ. ޚާއްސަކޮށް ފުރަތަމަ ލޯބީގައެވެ. އެގޮތް ވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ހިތްހަލާކުވެ، ފިރހެނުން މަތިން ފޫހިވާކަށް އަހަރެންގެ ހިތެއް ނޭދުނެވެ. އެހެން ކަމުން އަހަރެން ދެންވެސް މަޑުކޮށްލައިގެން ހުރީއެވެ. ވަގުތު އައިސް ޖެހެންދެނެވެ.

އެރެއަށްފަހު އަހަންނަށް އެޚިޔާލުތަކާ ދުރުވެވޭ ގޮތެއް ނުވިއެވެ. ގޮތެއް ނިންމޭތޯ ވަރަށް ވިސްނީމެވެ. އަހަރެންގެ ސަބަބުން ނިލާމްގެ ދިރިއުޅުމަށް ދަތި އުނދަގޫކަމެއް ގެނުވަން ބޭނުން ނެތީތީއެވެ. އެކުވެރިންނާ ދިމާވެގެން އޭނާގެ ވާހަކަ ދެއްކިއަސް އަހަރެންގެ ހިތުގެ ހަމަޖެހުން ގެއްލޭ ގޮތް ވާންފެށިއެވެ. ފިކުރުތައް ބޮޑުވީމައެވެ. އެއީ ރައްޓެހިންނާ އަހަރެން ހިއްސާ ކޮށް އުޅޭ ކަހަލަ ވާހަކަ އަކަށް ނުވުމުން އެކުވެރިންގެ ލަފައެއް ހޯދުމަށްވެސް ފަސް ޖެހުނީމެވެ. އެހެން އުޅުމުގެ ތެރޭގައި ނިލާމް އަހަންނާމެދު ބުނެފައިއޮތް ވާހަކައެއް އަޑު އިވުނެވެ. އެއީ އަހަރެންގެ ހިތުގައިވީ ބިރުވެރިކަން އިތުރު ކުރުވި ސިއްރެކެވެ. ނިލާމް އަހަންނާ ހެދި އުޅުނީ ކޮންމެހެން ލޯބިވެގެން ނޫން ކަމުގައި އޭނާ ބުނި ބުނުމެވެ. އެވާހަކަ އަޑުއަހާފައިވެސް އަހަރެން މުޅިން ގަބޫލު ކުރީކީ ނޫނެވެ. އޭގެ ތެދު ދޮގު ނިލާމް ކުރެން އޮޅުން ފިލުވީމެވެ. އޭނާ އެކަމާ ދެކޮޅެއް ނުހެދިއެވެ. ބުނިހާވެސް އެއްޗަކީ މަޖަލަކަށް ފެށި ކަމުގައިވިޔަސް ފަހުން ލޯބިވެވުނު ކަމުގައެވެ. އެއީ ގަބޫލު ކުރެވޭފަދަ ޖަވާބަކަސް އެކަމުގައި ކޮންމެވެސް ނުބައެއް އުޅޭކަމުގެ އިހުސާސް އަހަންނަށް ވަމުންދިޔައެވެ. އަންހެނުންނަކީ ޝައްކު ބަލިން ފޯވެފައި ތިބޭ ބައެކޭ ބުނަނީ ސަބަބެއް ނެތިއެއް ނޫންތާއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަނެއްކާވެސް އަހަރެމެން ބައްދަލު ވުމަށް ނިންމާ، ވަގުތާ ތަނެއް ކަނޑައެޅީމެވެ. އެހެން މީހެއްގެ ގޮތުގައި ނިލާމް ހުރިކަން އަހަރެން ކުޑަކޮށްވެސް ހަނދާން ނައްތާލީކީނޫނެވެ. އެހެން މީހެއްގެ މިލްކެއް ގަދަކަމުން ޖަހައިގަންނަ ހިތް ނުވީމައެވެ. އަހަރެން ބުނަމުން އައީ އެހެން މީހަކާ ރައްޓެހިވެގެން އުޅޭހާ ހިނދަކު މިގުޅުމަށް އެއްބަސް ނުވެވޭނޭ ކަމުގައެވެ. އެއީ އަހަރެންގެ ބަހަނާއެއް ކަންނޭނގެއެވެ. ކޮންމެއަކަސް ނިލާމް އެކަމަށް ފަރުވާލެއް ނުބެހެއްޓިއެވެ. ނޫންނަމަ ލަހެއް ފަހެއް ނުވެ އަހަރެން ގާތަށް އައިހެވެ.

އަހަރެން އެކުވެރިއަކާ އެކީ ސަލްޓަން ޕާރކަށް ދިޔައިމެވެ. އެއީ ‘ޑަބަލް ޑޭޓް’ އެކޭ ބުނެވިދާނެއެވެ. އެރޭގެ 7ޖެހުމާ ގާތްވިއިރު އަހަރެމެން ބައްދަލުކުރީމެވެ.

އޭރު ސަލްޓަން ޕާރކު ހުރީ މިހާރު ފެންނަން އެހުރި ގޮތަކަށް ނޫނެވެ. ވަށާފާރު ލެވި ބަންދުވެފައިވުމުންނާ، ރޭގަނޑުގެ އަނދިރިކަމުން ބިރުވެރިކަން ހިތައް ވެރިވަމުންދިޔައެވެ. ނިލާމް ހުރީ އަހަންނާ ވަރަށް ގާތުގައެވެ. ގޯހެއް ހެދުނަ ނުދޭން ކަންނޭނގެއެވެ. ނުވަތަ ނިލާމް ބޭނުންވެއްޖެ ނަމަ ކޮންމެ ކަމެއް ވެސް ކުރެވިދާނޭ ބުނިއަޑު ކަންފަތުގައި ގުގުމާފައި ހުރިވަރުން ތޯއްޗެކެވެ. އަހަރެން ހުރީ ސަރަހައްދު ކަނޑައަޅައިދޭ އިން ފާރެއްގެ ގޮތުން ނިލާމްގެ މޭގައި އަތް ޖައްސާލައިގެންނެވެ. އެކަމާ ދެމީހުންނަށް ހެވެންވެސް ހެވުނެވެ. މޮޔަ ކަންތައް ނުކުރެވޭނީވެސް ފަހެ ކިހިނެތް ހެއްޔެވެ؟  އެންމެ ގާތުގައި ހުރީ އަހަރެންގެ ފުރަތަމަ ލޯބި ނިލާމްއެވެ.

ބައްދަލު ވެވުމާއެކު ނިލާމް ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ދިޔައީ ލޯބިވާ ކަމާ އެކީގައި އުޅެން ބޭނުންވާކަން ތަކުރާރުކޮށް ހާމަ ކުރަމުންނެވެ. އޭނާ އަދާކުރާ ވަޒީފާ ކަމުނުދަނީހޭވެސް ދެތިން ފަހަރަކު ސަމާސާ ރާގެއްގައި އެހިއެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި އޭނާގެ ވާހަކަ ‘ސީރިއަސް’އެވެ. ކުރިންރޭ ނިލާމްގެ ފުށުން ފެނުނު އަސަރުތައް އެރޭވެސް ފެންނަމުން ދިޔައެވެ. ކަނުއަނދިރި ކަމުގެ ތެރެއިންވެސް އެހިތުގައިވާ އިހުސާސްތައް ފެންނަމުން ދިޔަލެއް ސާފުކަމުން އެހިތާ އިތުރަށް ގާތްވެވުނެވެ.

ދެންފެށީ އަހަރެން ވަރަށް ފޫހި ކުރުވި ވާހަކައެކެވެ. ނިލާމް ރައްޓެހި ވެގެން އުޅޭ ކުއްޖައާ ބެހޭގޮތުން ފެށި ވާހަކައެވެ. އޭނާ ނިލާމްގެ ގެއަށް ގެންދިޔަ ކަމާ އޭނާގެ މަންމައާވެސް ބައްދަލުކުރުވި ކަމުގައި ނިލާމް ބުންޏެވެ. ލޯބިވަނީވެސް އަހަރެންދެކެއޭ، ރަނގަޅީވެސް އަހަންނޭ ކިޔާފައި ދެން ތިދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަހަންނަށް އެފުރުސަތު ނުދިނީ ކީއްވެތޯ ސުވާލު ކޮށްފާނަމޭ ހިތަށް އެރިއެވެ. ނަމަވެސް އެފުރުސަތު ނުލިބުމުގައި އަހަރެންގެ އަތެއް ވާކަން ވިސްނުމާއެކީ އެޚިޔާލު ދޫކޮށްލީމެވެ.

އެރޭ އަހަރެމެން ވަކިވީ މާޒީއަށް ފޮނި ހަނދާން ތަކެއް ދޫކުރަމުންނެވެ. އަހަރެން އޭގެ ކުރިން އެހެން އެއްވެސް ފިރިހެން ކުއަޖަކަށް ދީފައިނުވާ ހަދިޔާއެއް އެރޭ ނިލާމަށް ދިނީމެވެ. އޭގައި އެކުލެވިފައިވީ ލޯތްބާ އޭގެ އަގު ނިލާމްގެ ކުރިމަތީގައި އެއްވެސް އެއްޗަކަށް ނުވުންވެސް އެކަށީގެން ވެއެވެ. ބައްދަލު ވެފައި އަހަރެން ނިލާމް ކައިރިވިޔަ ނުދޭން ނެގި ހަތިޔާރު ބަހައްޓާ ނިލާމްއާ ގާތްވީމެވެ. އަދި ނިލާމްގެ އަތުގެ ތެރެއަށް އަހަރެން ދޫކޮށްލެވުނެވެ.  އެވަގުތުކޮޅު އަހަންނަށް ވަރަށް ހާއްސަ ވިއެވެ. އަހަރެންގެ ހިތުގެ އުދާސްތައް ބޭރުވެ ހިތް ހަމަޖެހޭގޮތްވިއެވެ. އިރުކޮޅަކު ބައްދާލައިން ތިބުމަށްފަހު ނިލާމްއާ ދުރުވެލަމުން އޭނާގެ ކޮލަށް  ވަރަށް ލޯބިން ބޮސްދިނީމެވެ. އެއީ ނިލާމްގެ އެދުމެއް ނަމަވެސް އެކަން ކުރީ އަހަރެން ބޭނުންވެގެންނެވެ. އެއީ އަހަރެންގެ ވަދާޢީ ސަލާމް ކަން އެނގުނީ މާފަހުންނެވެ. އެއީ އަހަރެން އެގޮތުގައި ނިލާމްދެކެ ލޯބިވެގެން ހުރެ ބައްދަލުވީ ފަހު ފަހަރެވެ.

އެރެއަށްފަހު އަހަރެން ގޮތެއް ކަނޑައެޅީމެވެ. ނިލާމްގެ ދިރިއުޅުމައިގެން އޭނާ އުޅުނަ ދިނުމަށެވެ. އޭނާގެ ޚިޔާލުތަކާ އެކީ އެކަށް ދުރުވުމަށެވެ. ދިރިއުޅުމައިގެން ކުރިއަށް ދިއުމަށެވެ. އަހަރެންވީ ފުރަތަމަ ލޯބި ހިތުގެ ކޮންވެސް ހިސާބެއްގައި ފޮރުވީ ބިންވަޅުނެގިފައިވީ ހަނދާންތައް އެއްފަރާތް ކޮށްލަމުންނެވެ. އެހަނދާންތައް އަބަދަށް ދެމިހުންނާނޭކަމުގެ އުއްމީދުގައެވެ.

ނިލާމްއަށް އަހަރެން ހަގީގަތުގައި ބޭނުންވި ކަންތައްދެނެއެއް ނުގަނެވުނެވެ. އޭނާއައީ ރުޅިއެވެ. އެއްކަލަ ރުންކުރުގޮތް ދައްކަން ފެށިއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އަހަރެން އޭނާ ހެއްދީއެވެ.މަކަރުހަދާ އޮޅުވާވެސް ލީއެވެ. އެއީ މުޅިއަކުން ދޮގެކޭ ނުބުނާނަމެވެ. ނިލާމްގެ އެދުމަށް ފުރަތަމަވެސް ދެކޮޅުހެދީ އަހަންނެވެ.އޭގައި ނިލާމްގެ ކުށެއް އޮތީއެއް ނޫނެވެ. ހުރިހާވެސް މައްސަލައެއް އޮތީ އަހަރެންގެއެވެ. ތެދެކެވެ. އަހަރެން އޭނާގެ އެދުން ބޮލާލާ ޖެހީމެވެ. އެއީ ނިލާމް ތަޅުވާކަށް ނޫނެވެ. ނިލާމަށް ދެރައެއް ދެވިދާނެކަމުގެ ބިރު އޮތީމައެވެ. ދެންވެސް ނިލާމްގެ ވެދުން ރައްދު ކުރީ ހަމަ އަހަންނެވެ. އެއީ ނިލާމް ބޭނުން ނުވީމައެއް ނޫނެވެ. އެހެން ކުއަޖަކަށް ދެރައެއް ދޭން ބޭނުންނުވީއެވެ. އެހެނަސް ތިޔަ ގުޅުން އެހާ ކުރިއަށް ގެންގޮސްފައި އަހަރެން ތިދޭތެރެއަށް ފާކުރަން މަސައްކަތް ނުކުރާށެވެ. އަހަރެން ބޭނުމިއްޔާ ހެޔޮގޮތުގައި އަންނާށެވެ. އެކަމަކު އުމުރު ދުވަހު އަހަރެން ނިލާމްގެ އިންތިޒާރުގައި ހުންނާނޭ ހީނުކުރައްޗެވެ.

އަހަންނަށް ނިލާމްއާ ދޭތެރޭ ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ކަމަށް ނުވެދާނެއެވެ. ނަމަވެސް އަހަންނަށް ވީވަރަކުން ނިލާމް އުފާކޮށްދެވޭތޯ ބެލީމެވެ.ނިލާމަށް ހެޔޮ އެދުނީމވެ. ނަފުރަތެއް ނުކުރަމެވެ. ނިލާމްއާ އެކީ ހޭދަވީ މަދު ދުވަސްކޮޅުގައި ގިނަ ހަދާންތަކެއް ވީނަމަވެސް އެހަދާންތަކާ އެކީ އުޅެން އަހަރެން ބޭނުމެއް ނޫނެވެ. ނިލާމާ ވާހަކަ ދައްކާކަށްވެސް ބޭނުމެއް ނޫނެވެ. ރުޅިއަކުން ނޫނެވެ. ފައިދާއެއް ނުވާ ތާނގައި ދެމީހުންގެ ދިރިއުޅުން އަމާން ކަމާއެކީ ކުރިއަށް ގެންދިއުމަށް ހުރަހަކަށް ވެދާނެތީއެވެ. އެންމެ ރަނގަޅުވާނީ އެކުވެރިއެކޭ ކިޔައިގެން އަމިއްލަ ނަފުސަށް އޮޅުވާވެސް ނުލިއްޔާއެވެ. މިއީ ދެއެކުވެރިންނެއް ނޫނެވެ. އަހަރެމެންނަކީ އެކީގައި ހިއްސާކުރެވޭ މާޒީއެއް އޮތަސް ދެބީރައްޓެހިންނެވެ. އެހެންކަމުން ހިތްހެޔޮ ކޮށްލައިން ދަންނަ ކަމަށް ނުހެދުނިއްޔާ މާހިތަށް ފަސޭހަވާނެއެވެ. މިހެން ބުންޏަސް ނިލާމް އަންނާނީ ރުޅިކަން ޔަގީނެވެ. އަމުދަކުން ނިލާމް އަހަންނާ ވާހަކަ ދެއްކިގެން ނޫޅެމޭ ބުނެ ވަރިހަމަކަން ދައްކާނީކަން ކަށަވަރެވެ.އެގޮތްވެސް އެންމެ ރަނގަޅެވެ. އެކަމަކު އަހަންނާ ދޭތެރޭ ނުބައިކޮށް ހީނުކުރާށެވެ.

އަހަރެން ނިލާމްގެ ހަނދާންތައް ފޮހެލަން މަސައްކަތް ކުރިނަމަވެސް އެކަން ވީ ވަރަށް އުނދަގޫކަމަކަށެވެ. އެކީގައި ހޭދަކުރެވުނު ވަގުތުކޮޅެއް ވިއްޔާ ފިލްމެއްގެ މަންޒަރެއް ފަދައިން ލޯކުރިމަތިން ފެންނަމުން ދިޔައެވެ. ބައެއް ފަހަރަށް ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް އޭނާ ގާތަށް ދާނީއޭ ހިތައް އަރައެވެ. ފުރަތަމަ ލޯބި ނާކާމިޔާބު ވީކަމުގެ ހިތާމައިގައި ވަނިކޮށް އެކަމަށް ނިމުމެއް ގެނުވީ ޝިޒާން އަހަރެންގެ ހަޔާތަށް އައުމުންނެވެ.

ޝިޒާންއާ ދިމާވީވެސް ފޭސްބުކްއިންނެވެ. ލޯބިވެއޭ އެންމެ ކުރީއްސުރެ ބުނަމުން އައި މީހުންގެ ތެރޭގައި އޭނާ ހިމެނެއެވެ. އާންމުކޮށް މިއުޅޭ ދޯދިޔާ މީހުންގެ މީހެއްކަމަށް ހީކޮށް އަހަރެން އޭނާވެސް އެކަހެރި ކުރީމެވެ. އޭގެ ބަދަލުގައި ޝިޒާން  ކުރަންފެށީ ޖެއްސުމެވެ. ނަމަވެސް ފަހަކަށް އައިސް އެގޮތް ދޫކޮށް ވާހަކަ ދެއްކުންވެސް މަދުވިއެވެ. ޝިޒާންއާ ދިމާވިތާ އަހަރެއްހާ ދުވަސްވީ ފަހުން އޭނާއަށް ނަމްބަރު ދިނީ އަހަރެން ކޯއްޗެއް ހިތަށް އަރައިން ކަމެއްވެސް ނޭގެއެވެ. އެނގޭހާވެސް އެއްޗަކީ މިހާތަނަށްކުރި ކަންތަކުގެ ތެރެއިން ނޭނގިނަމަވެސް ކުރެވުނު އެންމެ ފަޚުރުވެރިވާ އެއްކަމަކީ އެއީކަމެވެ.

ނަމްބަރު ދިނުމާއެކީ ޝިޒާން އަހަންނަށް ގުޅަންފެށިއެވެ. ނިލާމް ގުޅިހެން ދޭތެރެއަކުންނެއް ނޫނެވެ. ގިނަ ވަގުތު އޭނާ ހޭދަކުރަމުންއައީ އަހަންނަށް ގުޅުމުގައެވެ. ފޫހިކަމެއްނެތި ކޮންމެ ވަގުތެއްވެސް އޭނާ ހުސްކުރަމުން އައީ އަހަންނާ ވާހަކަ ދައްކާލުމަށެވެ. އެއީ އާކޮޅުގައި ކޮންމެ މީހަކުވެސް އުޅޭނޭ ގޮތޭ ހިތާ، މާބޮޑު ސަމާލުކަމެއް ޝިޒާނަކަށް ނުދެވުނެވެ. އޭރުވެސް އަހަރެންގެ ހިތް އެދިއެދި ހުރީ ނިލާމް އަހަންނަށްޓަކައި އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ.

ޝިޒާންގެ އުޅުމުން އެއުމުރުގެ އެހެން ކުދިންނާ ތަފާތުކަމެއް އަހަންނަށް ފާހަގަ ކުރެވުނެވެ. ލޯބިވެއޭ ބުނެފައިވީނަމަވެސް އޭނާއަށް އަހަރެން ހިތް ޖައްސުވަން މަޅިއެއް ނުޖަހައެވެ. އެކަންވީ އަހަރެންގެ ސަމާލުކަން ޝިޒާނަށް ދެވުނު މައިގަނޑު ސަބަބަށެވެ. އަހަރެންގެ ދިރިއުޅުމުގައި ހިނގާފައި ވާ ކަންތަކައި ދުވަހުން ދުވަހަށް ވަމުން އައި ކަންތައް އޭނާއާ ހިއްސާ ކުރެވެން ފެށީ އެހެންވެ ކަންނޭނގެއެވެ. މާގިނަ ދުވަސްތަކެއް ނުވަނީސް ޝިޒާން އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށްވީ ގޮތާމެދު އަހަރެން އަންތަރީސްވެއެވެ.

ޝިޒާންއާ ވާހަކަދައްކަމުން ދަނިކޮށް އަހަރެން ކުއްޖަކާ އަލަށް ރައްޓެހިވީމެވެ. އެއީ އަހަރެން އެހާ ދައްކާހިތް ވާ ވާހަކައެއް ނޫނެވެ. އެއީ ލޯތްބަކާ ނުލާ އުފެދި، ލޯތްބަކާ ނުލައި ނިމިދިޔަ ބޭކާރު ގުޅުމެކެވެ. ފުރަތަމަ ރައްޓެހިވީ ކުއްަޖާކަމުގެ ޝަރަފު ދޭނެ ފަރާތެް ޙިޔާރު ކުރެވުނީ ގޯސް ކޮށެވެ. ހަގީގަތަކީ އެއީ އަހަރެން އިހްތިޔާރު ކުރިކަމަށްވުރެ ބޮޑަށް ފާޑެއްގެ މަޖުބޫރީއެއް އޮވެގެން އެޅުނު ކަތި ފިޔަވަޅެއްކަމެވެ. ޮް

އޭނާއާއެކީ އުޅުންއިރުވެސް ހިތްހަމަ ނުޖެހޭކަމެއް އޮވެއްޖެނަމަ ޝިޒާނަށް ކިޔައިދިނީމެވެ. އެއީ ނިލާމާ ޚިލާފަށް އަހަރެންގެ ވާހަކަތައް ކަނުލާ އަޑުއަހާ، އަންހެން ކުދިން އެދޭވަރަށް ސަމާލުކަން ދޭން ދަންނަ ފިސާރި ފިރިހެނެކެވެ. ޝިޒާން ނަސޭހަތް ތެރިވީ އަމިއްލަ އެދުމުގެ ކަންފުޅެއްވެސް ނެތި އަހަންނަށް ލާބަވާނޭ ގޮތަށެވެ. ގުޅުމެއް ތަރައްގީވެގެން ދާނީ ދެމީހުންގެ އެއްބާރުލުން ލިބިގެންކަމާ އަހަންނަށް އުފަލެއް ނުލިބޭނަމަ ރުޅިވާން ނުކެރިފައި ހުރުމަށްވުރެ ވަކިވިއްޔާ ރަނގަޅުވާނޭ ކަމުގައި އޭނާ ބުނީ، ހުސްކޮށް ހުރެއްޖާ ޝިޒާންގެ މީހަކަށް އަހަރެން ހެދުމަށް މަގުފަހި ކުރުވާކަށް ނޫނެވެ. އެދުވަހު އޭނާއާ ރުޅިވުމަށް ނިންމި ނިންމުމުގައި ޝިޒާން އެހީތެރިވެދޭން ހުރި ކަމަށްޓަކައި އަހަރެން ޝުކުރުވެރިވީމެވެ. އެހައިޖާނުގެ ތެރޭގައިވެސް އަހަރެންގެ ހިތުގައި ލިޔެވިފައިވީ ހަމަ އެންމެ ނަމެކެވެ. އަހަރެނެގެ ފުރަތަމަ ލޯބި، ނިލާމްއެވެ.

ޝިޒާންއާ އެހާދުވަހު ވާހަކަ ދައްކަމުން ދިޔަނަމަވެސް އޭނާ ހަމަލޮލަށް ނުފެނެއެވެ. ފޭސްބުކްގައި އިން ފޮޓޯއިންވެސް އޭނާ ހުންނަ ގޮތް އެނގޭ ގޮތެއް ނުވިއެވެ. ފުރަތަމަ ފަހަރަށް ޝިޒާން ފެނުނީ އަހަންނަށް ވަރަށް ހާއްސަ ދުވަހެއްގައެވެ. އަހަރެންގެވެސް އިސްރޯލެއް އޮވެ ކުޅެވުނު މެޗުތަކުގައި ޗެމްޕިއަންކަން ހޯދައި ސްކޫލަށް ތަށި ހޯދައިދިން ފަޚުރުވެރި ދުވަހުއެވެ. އޭގެ ކުރިން ދުވަހަކުވެސް ފެނިފައިނުވިނަމަވެސް އެދުވަހުގެ އެފެނިލުމުން އެއީ ޝިޒާންކަން އެނގުނެވެ. ނުފެންނަ ފަރާތަކުން އެއީ ޝިޒާންއޭ އަހަރެންގެ ކަންފަތް ދޮށުގައި ބުނި ކަހަލައެވެ. އެކަން އިތުރަށް ޔަގީން ވެގެން ދިޔައީ އެދުވަހުގެ ވާހަކަ އޭގެ މާފަހުން ޝިޒާންވެސް ދެއްކީމައެވެ.

ދޭތެރެއަކުން ނިލާމް އާ އަހަރެން ވާހަކަ ދައްކާ އުޅުނީމެވެ.ނަމަވެސް ނިލާމްއާ ވާހަކަ ދެއްކުމުން އެލިބޭ ހިތްހަމަޖެހުން ދުވަހެއް ދުވަހަކަށް ކުޑަވަމުން ދިޔައެވެ. ޝިޒާންގެ ފަރާތުން އަޅާލުން ލިބެމުން އައީ ކޮންމެފަދަ ކެކުޅުމެއްވެސް ފިލައިދާހާ މިންވަރަށް ވިއްޔާއެވެ. އަހަރެމެންގެ ގާތްކަން އިތުރުވަމުން ދިޔަނަމަވެސް އެގުޅުމަށް ނަމެއް ދޭން ދެމީހުންކުރެ އެކަކުވެސް  އިސްނުނަގަމެވެ.

އެންމެ ފުރަތަމަ ފޭސްބުކްއިން ފެނުނު ދުވަހުންސުރެ ޝިޒާން އަހަރެންދެކެ ވަމުން އައި ލޯބި ދުވަހެއް ދުވަހަކަށް އިތުރުވަމުންއައި ކަމުގައި ބުނެ އޭނާވީ ލޯތްބަށް އިގުރާރުވިއެވެ. އަހަރެންގެ ހަޔާތުގައި އެތައް ކަމެއް ހިގައިގޮސް އެތައް ލޮޅުމެއް އަރައިގެން ދިޔައިރުވެސް ހިއްވަރު އާކޮށްދީ އަހަންނާ އެކުގައި ޝިޒާން ވީތީ އުފާކުރިނަމަވެސް އަމިއްލަ ނަފުސާމެދު ލަދުވެތި ވެވުނެވެ. އެހާ ލޯބިވާއިރުވެސް އިތުރު ކަމަކަށް ނޭދި ތެދުވެރި އެކުވެރިއެއްގެ ގޮތުގައި ކެތްތެރި ކަމާއެކު ޝިޒާން ހުރި އިރު، ނިލާމް ދެކެވީ ލޯބި ފަނޑުނުވެވުންކަމީ އަހަރެންގެ ބަދު ނަސީބެވެ. އަހަރެންގެ ލޯބި ވަންހަނާ ކޮށްގެން ހުއްޓަސް ދެން އަންނަންވީ ނޫންހެއްޔެވެ؟ އަހަރެންގެ ލޯބި ކަފުންކޮށް ހަމައެކަނި އަހަރެންދެކެ ވާ ލޯތްބަކަށް މިހިތުން ޖާގައެއް ދިނުމަކީ ކުޅަދާނަކަމެއް ހެއްޔެވެ؟ މިއިންތިޒާރުގެ ނިމުން ފޮނިކޮށްދޭން ނިލާމް އަންނާނެބާވައެވެ؟ ދާނޭ ދިމާއެއް ނޭނގި ހަތަރު އަނގޮޅި ކަންމަތީ ހުރެވުނު ކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ.

 

(ނުނިމޭ)

Share Article

Follow Me Written By

Aimy

Level 1

Other Articles

Previous

ލަހެއްނުވެއެވެ! 2

Next

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..4

Next
August 5, 2014

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..4

Previews
August 4, 2014

ލަހެއްނުވެއެވެ! 2

4 Comments!

  1. shaph says:
    August 5, 2014 at 1:23 pm

    w w w reethi mi part wEs .:D plxxx awahah up kohdhehchey

  2. Aimy says:
    August 5, 2014 at 3:05 pm

    Tnx. I’ll try. But holidays dhiyaima bxy v ma lahun migenes dhevuny.. Sry kudakoh las v ma faharu :/

  3. jumaa says:
    August 5, 2014 at 3:40 pm

    varah salhi

  4. masha says:
    August 7, 2014 at 7:13 pm

    v niceeeeeeeeeeeeeeeeee

Comments are closed.


All Right Reserved!