
އަރަހުށި މާތް الله سبحانه وتعالى، ވަރަށްގިނަ އަދަދެއްގެ ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ފޮނުއްވިއެވެ. އެކަލާނގެ އަށް އަޅުކަންކުރަން ގޮވައިލެއްވުމަށެވެ. މީސްތަކުންނަށް ތެދުމަގު ދައްކުވައި އެބައިމީހުން ހަމަމަގަށް އެޅުވުމަށެވެ. ހަމަހަމަކަމާއި ޢަދުލެވެރިކަން ޤާއިމުކުރެއްވުމަށާއި، ނަހަމައިގައި ތިބި މީސްތަކުންނަށް އިންޒާރު ދެއްވައި ހަމަމަގަށް އެޅުވޭތޯބެއްލެވުމަށެވެ. އެގޮތް ޤަބޫލުނުކޮށްފިނަމަ އެބައިމީހުންނަށް ﷲ ގެ އަޛާބުން ހުރިކަން އަންގަވައެވެ. ނުވަތަ އެޤައުމެއްގެ ނަބީބޭކަލެއްގެ ބަސްޤަބޫލު ނުކުރިބަޔަކަށް މާތް ﷲ ގެ ގަދަފަދަ އަޛާބުދެއްވައި ހަލާކުކުރައްވާނެކަން އަންގަވައެވެ. އެފަދައިން މާތް ﷲ ވަނީ ވަރަށް ގިނަ ޢަދަދެއްގެ ޤައުމުތަކުގެ މީސްތަކުން ހަލާކުކުރައްވާ ނެތިކުރައްވާފައެވެ. އެބައިމީހުންގެ ކާފިރުކަމުގެ އަސަރުތަށް މުޅި މި ބިންމަތިން ފޮހެލައްވާފައެވެ. މަޤުސަދަކީ އެބައިމީހުންގެ ފަހުން އަންނަންއޮތް ބަޔަކަށް ޢިބްރަތެއްކަމުގައި ލެއްވުމެވެ.
ވަރަށްގިނަ ޢަދަދެއްގެ މީސްތަކުން މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުނުކޮށް އެކަލާނގެ ރަސޫލުންނާއި ނަބީއްޔުން ދޮގުކުރުމުން ދުނިޔެމަތީ އަޛާބުދެއްވައި ހަލާކުކުރެއްވިއެވެ. އޭގެތެރޭގައި نوح عليه السّلام ގެ ޤައުމުގެ މީސްތަކުންނާއި هود عليه السّلام ގެ ޤައުމުގެ މީސްތަކުންނާއި، صالح عليه السّلام ގެ ޤައުމުގެ މީސްތަކުންނާއި شعيب عليه السّلامގެ ޤައުމުގެ މީސްތަކުންނާއި، لوط عليه السّلام ގެ ޤައުމުގެމީސްތަކުންވިއެވެ. މިގޮތަށް ޢަޛާބުދެއްވައި ޤައުމުތަށް އެއްކޮށްފާނާ ކުރައްވާފައިވަނީ مُوسَى عليه السّلام ގެ ކުރީގެ ޖީލުތަކުގެ މީސްތަކުންނެވެ. އޭގެފަހުގެ ޖީލުތަކަށް އަޛާބެއްގެ ގޮތުގައި ގިނައިން ފާކުރައްވާފައިވަނީ ހަތުރުންނެވެ. އެބައިމީހުން ވެރިވެގަނެ އެޤައުމެއް ސުންނާފަތިކޮށް ޤައުމުގެ މީސްތަކުން ވިއްސިވިހާލި ކުރާ އުސޫލުންނެވެ.
ކުރިންވެސް ދެންނެވި ފަދައިން مُوسَى عليه السّلام އަށް ތަޢުރާތު ބާވައިލެއްވުމުގެފަހުގައި އުއްމަތްތަކުގެ ކާފިރުންނަށް އަޛާބުދެއްވައި ހަލާކުކުރައްވާފައެއްނުވެއެވެ. މިކަމަށް އިޝާރާތްކުރައްވާ ކީރިތި ޤުރުޢާނުގެ ޤަޞަޞު ސޫރަތުގެ 43 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ ﴿٤٣﴾{سورة القصص}
“އަދި ހަމަކަށަވަރުން، އިހުގެ جيل ތައް ހަލާކު ކުރެއްވުމަށްފަހުގައި، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި عبرة އެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.”
އިބްނު ޖަރީރާއި، އިބްނު އަބީ ޙާތިމް، أبو سعيد الخدرى رضى اللّـه عنه އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “މާތް ﷲ ތަޢުރާތު ބާވައިލެއްވުމަށްފަހު އެއްވެސް އުއްމަތެއްގެ ބަޔަކު އުޑުންވިޔަސް ނުވަތަ ބިމުންވިޔަސް އަޛާބެއްފޮނުއްވައިގެން ހަލާކު ކުރައްވާފައެއްނުވެއެވެ. އެރަށެއްގެ އަހުލުވެރިން ކުރެބަޔަކު ރާމާމަކުނުތަކަކަށް ބަދަލުކުރެއްވި ޤައުމުގެ މީސްތަކުންމެނުވީއެވެ.” ދެން أبو سعيد الخدرى رضى اللّـه عنه މި އާޔަތް ކިޔަވައި ވިދާޅުވިއެވެ.
وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ بَصَائِرَ لِلنَّاسِ وَهُدًى وَرَحْمَةً لَّعَلَّهُمْ يَتَذَكَّرُونَ ﴿٤٣﴾{سورة القصص}
“އަދި ހަމަކަށަވަރުން، އިހުގެ جيل ތައް ހަލާކު ކުރެއްވުމަށްފަހުގައި، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) މީސްތަކުންނަށް ހުރި عبرة އެއް ކަމުގައްޔާއި، ތެދުމަގެއް ކަމުގައްޔާއި، رحمة އެއް ކަމުގައެވެ. (އެއީ) އެއުރެން ހަނދުމަކުރުމަށްޓަކައެވެ.”
ކީރިތި ޤުރުއާނުން މޭރުންވާގޮތުގައި، رسّގެ އަޙުލުވެރިންވަނީ މާތް ﷲ ހަލާކުކުރެއްވި ޤައުމުތަކުގެ ތެރެއިންނެވެ. رسّ ގެ އަހުލުވެރިންނަށް އެނަމުން ނަންދެވުނު ގޮތާއިމެދު ބުނެވެއެވެ. رسّ އަކީ އެބައިމީހުން ފެން ރައްކާކުރުމަށްޓަކައި ހެދިބޮޑުވަޅުގަންޑެކެވެ.
މިބައިމީހުންގެ ވާހަކަ މާތްﷲ ސޫރަތު ޤާފުގައި ވަޙީކުރައްވާފައިވެއެވެ. އެ ސޫރަތުގެ 12ވަނަ އާޔަތުންފެށިގެން 14 ވަނަ އާޔަތުގެ ނިޔަލަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَأَصْحَابُ الرَّسِّ وَثَمُودُ ﴿١٢﴾ وَعَادٌ وَفِرْعَوْنُ وَإِخْوَانُ لُوطٍ﴿١٣﴾ وَأَصْحَابُ الْأَيْكَةِ وَقَوْمُ تُبَّعٍ ۚ كُلٌّ كَذَّبَ الرُّسُلَ فَحَقَّ وَعِيدِ ﴿١٤﴾{سورة ق}
“އެއުރެންގެ ކުރީގައި، نوح ގެފާނުގެ قوم ގެމީހުންނާއި، رسّ ގެ އެކުވެރިންނާއި، ثمود ބާގައިމީހުން (رسول ން) ދޮގުކުރޫއެވެ.އަދި عاد ބާގައިމީހުންނާއި، فرعون އާއި لوط ގެފާނުގެ إخوان ންވެސް (ދޮގުކުރޫއެވެ.)އަދި الأيكة ގެ އެކުވެރިންނާއި، تُبّع ގެ قوم ގެމީހުންނާއި، އެހުރިހާ އެންމެންވެސް رسول ން ދޮގުކުރޫއެވެ. ތިމަންރަސްކަލާނގެ وعيد (އެއުރެންނަށް) حق ވެއްޖެއެވެ.”
ފުރުޤާން ސޫރަތުގައިވެސް އެބައިމީހުންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެ ސޫރަތުގެ 38 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
وَعَادًا وَثَمُودَ وَأَصْحَابَ الرَّسِّ وَقُرُونًا بَيْنَ ذَٰلِكَ كَثِيرًا ﴿٣٨﴾
“އަދި عاد ބާގައިމީހުންނާއި، ثمود ބާގައިމީހުންނާއި، رس ގެأهل ވެރިންނާއި، އެދެމެދުގައިވާ އެތައް ޖީލުތަކެއްވެސްމެއެވެ. (ނޯޓު: رس ގެ أهل ވެރިންނީ، نجد ކަރައިގެ يمامة އެވެ ކިޔާ ރަށުގައި އުޅުނު ބަޔެއްކަމަށް ވެއެވެ.)”
ބަޔާންވެދިޔަ އާޔަތްތަކުން ދޭހަވަނީ، رسّ ގެ އަހުލުވެރިން ހަލާކުކުރައްވަފައިވާކަމެވެ. ހަލާކުކުރައްވައި އެބައިމީހުންގެ ވަސްވެސް ދުނިޔެއިން ފޮހެލައްވާފައިވާކަމެވެ. އެބައިމީހުންގެ އަސްލުން ނެތިކުރެއްވިކަމެވެ. އިބްނު ޖަރީރުގެ ތަފްސީރުގައި عبد اللّـه بن عبّاس رضى اللّـه عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. عبد اللّـه بن عبّاس ވިދާޅުވެފައިވެއެވެ.” رسّގެ އަހުލުވެރިންނަކީ ޘަމޫދުބާގައިގެ މީސްތަކުންގެ ތެރެއިންވާ ބައެކެވެ. އެބައިމީހުންގެ ޤަބީލާއަކަށް ކިޔުނުނަމެކެވެ.”
އިބްނު އަޝާކިރު ރިވާކުރައްވާފައިވަނީ މި ދަންނަވާފަދައިންނެވެ. “رسّ ގެ އަޙުލުވެރިންގެ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި އެބައިމީހުންގެ ގާތަށް حنظلة بن صفوان عليه السّلام ނަބީބޭކަލެއްގެ ގޮތުގައި ފޮނުއްވިއެވެ. ނަމަވެސް އެބައިމީހުން އެކަލޭގެފާނަށް ކާފިރުވިއެވެ. ކާފިރުކަމުގައި ހައްދުފަހަނަ އަޅައިގޮސް އެކަލޭގެފާނު ޤަތުލުކުރިއެވެ. އެކަލޭގެފާނު ޤަތުލުކުރެއްވުމުން އެބައިމީހުންގެ ތެރޭގައިވި، ޢާދު ބިން އައުސްބިން އިރަމް ބިން ސާމް ބިން ނޫޙު އެޤައުމުން ނުކުމެވަޑައިގެންނެވިއެވެ.
އެކަލޭގެފާނުގެ ދަރިކަލުންނާއިގެ ވަޑައިގެން އަހްޤާފުއެވެ ކިޔުނުތަނުގައި ވަޒަންވެރިވިއެވެ. އޭގެފަހުގައި މާތް ﷲ رسّގެ އަޙުލުވެރިން ހަލާކުކުރެއްވިއެވެ. އެބައިމީހުން ކުރެ ސަލާމަތްވި މީސްތަކުން ޔަމަނާއި ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރިގަތެވެ. އެތަނުން ކުރިން ބުނެވިޔަ ޢާދުގެ ދަރިކަލުންގެ ތެރެއިން ސައުދުގެ ދަރިކަލުން ޖަބުރޫން ދިމިޝްގަށް ވަޑައިގެން އެތަނުގައި ރަށެއްބިނާކުރެއްވިއެވެ. އެރަށުގެ ނަމަކީ ޖަބުރޫންއެވެ. ކީރިތި ޤުރުޢާނުގައިވާ އިރަމުގެ އަހުލުވެރިންނަކީ މިބައިމީހުންނެވެ. އޭގެފާހުގައި އެބައިމީހުންގެ އުޅުންގޯސްވެ ބުދަށް އަޅުކަން ކުރަންފެށުމުން މާތްﷲ އެބައިމީހުންގެ ގާތަށް ޙޫދުގެފާނު ރަސޫލުކަމައިގެން ފޮނުއްވިއެވެ. އެކަލޭގެފާނުގެ ޤައުމުގެމީސްތަކުންވެސް އެކަލޭގެފާނު ދޮގުކުރުމުން މާތްﷲ އެޤައުމުގެ މީސްތަކުން ހަލާކުކުރެއްވިއެވެ.”
ބަޔާންވެ ދިޔަ ވާހަކަތަކުން رسّގެ މީސްތަކުން ދިރިއުޅުނީ ޙޫދުގެފާނުގެ ކުރިންކަން ދޭހަވެއެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.
އަބޫބަކުރު ބިން ޙަސަން ވިދާޅުވެފައިވެއެވެ. “رسّގެ އަހުލުވެރިންނަށް ވަރަށް ބޮޑުވަޅެއްވިއެވެ. އެވަޅުން އެބައިމީހުން އެބައިމީހުންގެ ބޭނުންތަކަށް ފެންނަގައި އުޅުނެވެ. އެބައިމީހުންގެ ދަނޑުތަކަށް ފެންދިނުމަށް އެވަޅުންފެންނަގައިގެން ބޭނުންކޮށްއުޅުނެވެ. އެބައިމީހުންގެ ރަސްކަލަކަށް އޭރު ހުންނެވީ ވަރަށް ރަނގަޅު އަދުލުވެރި ބޭކަލެކެވެ. ދެން އެރަސްގެފާނު އަވަހާރަވުމުން އެބައިމީހުން އޭނާ އަވަހާރަވިކަމަށްޓަކައި ވަރަށް ދެރަވެ ހިތާމަ ކޮށްފިއެވެ. މިހިތާމަތަށް އެތަށް ދުވަހަކަށް ދިގުދެމިގެން ދިޔައެވެ.
އެގޮތުގައި ދުވަސްތަށް ވޭތުވިފަހުން އެރަސްގެފާނުގެ ސިފަޖެހިގެން ޝައިތާނާ އެބައިމީހުންގެ ގާތަށްއައެވެ. އައިސް ބުނެފިއެވެ. “އޭ މީސްތަކުންނޭވޭ! ތިމަން އަދި މަރެއްނުވަމެވެ. އަދި ކިއެއްތަ ތިޔަބައިމީހުން ތިމަންގެ ފަހުގައި ކަންތަށް ކުރާގޮތެއްބެލުމަށްޓަކައި ދުވަސްކޮޅަކަށް ޣައިބުވީއެވެ”. މިވާހަކަތަށް އިވި މީސްތަކުން ވަރަށް އުފާކޮށްފިއެވެ. ދެން ބުނެފިއެވެ.”ތިމަންރަސްގެފާނާއި ތިޔަބައިމީހުނާ ދެމެދުގައި ފާރެއްލައިދެއްވާށެވެ! ތިމަން ރަސްގެފާނު ދުވަހަކުވެސް މަރުނުވާހުށީމެވެ!” ވަރަށް ގިނަ ޢަދެއްގެ މީސްތަކުން އޭނާގެ ބަސްއަހައި ފިތުނަވެރިވެއްޖެއެވެ. އަދި އެބައިމީހުން އޭނާގެ ބަސްއަހައި އޭނައަށް އަޅުކަންވެސް ކުރަންފެށިއެވެ. ދެން މާތްﷲ އެބައިމީހުންގެ ގާތަށް ރަސޫލުބޭކަލަކު ފޮނުއްވިއެވެ. އެރަސޫލާ އެބައިމީހުންނަށް ފާރުގެ އަނެއްފަރާތުގައި ފަރުދާވެ ނިވާވެގެން މީސްތަކުން ހައްލަމުން ގެންދަނީ ޝައިތާނާކަން ބާޔާންކޮށްދިނެވެ. އެ ޝައިތާނާއަށް އަޅުކަން ނުކުރުމަށް އެންގެވިއެވެ. ހަމައެކަނި މާތްﷲ އަށް އަޅުކަން ކުރުމަށް ގޮވައިލެއްވިއެވެ.
الإمام سهيلى ވިދާޅުވެފައިވެއެވެ. “رسّ ގެ އަހުލުވެރިންގެ ގާތަށް ރަސޫލުބޭކަލަކު ކަމުގައި ފޮނުއްވުނީ حنظلة بن صفوانعليه السّلام އެވެ. އެކަލޭގެފާނަށް ވަޙީ ލިބިވަޑައިގަންނަވަނީ އެކަލޭގެފާނު އަވަހާރަފުޅަށް އޮންނަވަނިކޮށްނެވެ. ދެން އެޤައުމުގެ މީސްތަކުން އެނަބީކަލޭގެފާނަށް އަދާވާތްތެރިވެ، އެކަލޭގެފާނު ޤަތުލުކޮށްފިއެވެ. ޤަތުލުކޮށް އެބައިމީހުން އެކަލޭގެފާނުގެ ހަށިކޮޅު ވަޅެއްގެތެރެއަށްލިއެވެ. އެއަށްފަހު އެވަޅުގެ ފެންތަށް އެއްކޮށް ހިނދި އެބައިމީހުންނަށް ފެނުގެ ދަތިކަމާއި ކުރިމަތިލާން ޖެހުނެވެ. ބޯނެފެނާއި ދަނޑުތަކަށް ޖަހާނެފެނެއް ނުލިބުނެވެ. އެގޮތުގައި އެބައިމީހުން ފެނަށްޖެހިތިބެ ފަހަރަކުބައެއް މަރުވަމުންގޮސް އެބައިމީހުންގެ އެންމެން ނެތިހިނގައްޖެއެވެ.”
ބަޔާންވެ ދިޔަ ރިވާޔަތްތަކަކީ ތާރީޚީ ރިވާޔަތްތަކެވެ. ރައްސުގެ އަހުލުވެރިންނާއި ބެހޭ ގޮތުން ކައުއިތުރު ރަސޫލާގެ އަރިހުން ޞައްޙަ ގޮތުގައި ވާރިދުވެގެންވާ ރިވާޔަތްތަކެއް އަޅުގަނޑު ބެލި ފޮތްތަކުން ފެންނާކަށްނެތެވެ. ކީރިތި ޤުރުއާނުން ޘާބިތުވަނީ ހަމައެކަނި އެ ރަށުގެ އަހުލުވެރިން އަޛާބު ދެއްވައި ހަލާކު ކުރެއްވި ކަމެވެ. އިތުރު ތަފްޞީލެއް ބަޔާން ކުރައްވާފައެއް ނުވެއެވެ.
މިނޫންވެސް އެތަށް ވާހަކައެއް އެޤައުމާއި ދޭތެރޭގައި ލިޔެވިގެންވެއެވެ. އެގޮތުން އެޤައުމަށް ރަސޫލަކުކަމުގައި ފޮނުއްވުނީ ސަލާމްލެއްވި ޝުޢައުބުގެފާނުކަމުގައިވެސް ބުނެވިފައިވެއެވެ. މުފައްސިރުންގެ މެދުގައި އެފަދަ އިޚްތިލާފްތަށް އުފެދިފައިވަނީ އެޤައުމުގެ ވާހަކަ ޤުރުޢާނުގައި އާއި ކައުސާހިބާ صلّى اللّـه عليه وسلّم ގެ ހަދީޘުފުޅުތަކުގައި އެވާހަކަތަށް ބަޔާންވެފައިނެތުމުން ކަމަށް ޢިލްމުވެރިން ލިޔުއްވައެވެ.
تفهيم القرآن ގައި ابو الاعلی مودودی ލިޔުއްވާފައިވެއެވެ. “رسّގެ އަހުލުވެރިންނާމެދު ޢިލްމުވެރިން ތަފާތު ގޮތްގޮތަށް ލިޔުއްވާފައިވެއެވެ. އެލިޔުއްވުންތަކުން ދޭހަވަނީ އެބައިމީހުން އެބައިމީހުންގެ ގާތަށް ފޮނުއްވި ނަބިއްޔާ ދޮގުކޮށް އެކަލޭގެފާނު ޤަތުލުކޮށް ވަޅަކަށް އެއްލައިލިކަމެވެ.”
ޙަވާލާ
1. ސްޓޯރީސް އޮފް ޕްރޮފެޓް ރަޝާދު އަޙްމަދު އަޒަމީ ދާރުއްސަލާމް
2. ކީރިތި ޤުރުޢާނުގެ ދިވެހި ތަރުޖަމާ ރަޢީސް އޮފީސް
3. ތަފްހީމުލްޤުރްއާން ސައްޔިދު އަބުލް އަޢުލާ މައުދޫދީ
4. ތަފްސީރު ޢިބްނު ކަޘީރު ޞަފިއްޔުއް ރަޙްމާނު މުބާރަކް ޕޫރީ
3 Comments!
Comments are closed.
v.ragalhu masahkatheh thiya vkohdhevvy .shukran.
Vrh aguhuri mauloomaathu kolheh thi dhevyy. Shukuriyaa
Salhi