ލޯބި އޭގެ އިންތިހާ
އުފަން ފަސްގަނޑުގައި ފައިޖެހުމާއެކު ފައިނާއަށް ހަމަޖެހުމުގެ ނޭވާއެއް ވައިގެ ތެރެއަށް ދޫކޮއްލެވުނެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ އަމިއްލަ ވަޒަނަށް އާދެވުމުން ސިކުޑިއަށް ފިނިކަމެއް ލިބިގެން ދިޔައެވެ. މެލޭޝިޔާގެ ހަލަބޮލި މާޙައުލުގައި ހޭދަކުރި ފަނަރަ އަހަރު އޭނާއަށް އިހުސާސްވީ ފަނަރަ ޤަރުނުގެ ގޮތުގައެވެ. ކޮއްޓެއްގެ ތެރޭގައި ޤައިދު ވެފައިވާ ގުރައެއް މިނިވަން ފަޒާއަށް ނިކުމެވުމުން އެކުރާ އުފާ ފައިނާ އަށް މިއަދު އިޙުސާސްވެއެވެ.
ފައިނާ ހުރީ ވަށާއިގެން ފެންނަމުން ދިޔަ މަންޒަރުން އާޝޯޚު ވެފައެވެ.ރީތި އުސް އިމާރާތް ތަކެއް ފެންނާކަށް ނެތެވެ. މަގުމަތީގައި ހޭލަމޭލައަށް އުޅެމުން ދިޔަ މީހުންގެ ތެރޭގައި ޒަމާނީ ފާޑުވެރިކަމެއް ނެތެވެ. މީ ގެ ފަނަރަ އަހަރު ކުރީގެ މަންޒަރުތައް ފައިނާގެ ލޮލުގެ ކުރިމަތީގައި ތަކުރާރުވަމުން ދިޔައެވެ. ހިތާހިތާ ކިޔައިލެވުނެވެ. އަދިވެސް މިރަށު މީހުން ހާދަހާ ތަހުޒީބެއް ނުވެއެވެ. އެހެނަސް ހަފަރާތުން ފެންނަނީ މިނިވަންކަމެވެ. އަމާންކަމާއި ސުލްޙަ މަސަލަސް ކަމެވެ. ބައްޕައަށް ފިލައިގެން އާދެވުނު ކަން އެއީ ހަމަ ނަސީބެކެވެ. ދެން އެނބުރި ބައްޕައާއި ދޮންމަންމަގެ ވަކިތަކުގެ ދަށަކަށް ނުދާނަމެވެ.
ފައިނާގެ ޚިޔާލީ ވާފަށް ކަނޑައިލީ ކާރުގެ ޑްރައިވަރުގެ އަޑެވެ. ގެޔަށް އާދެވުނު ކަން ޢިޢުލާން ކުރީއެވެ. ކާރަށް ފައިސާ ދިނުމަށްފަހު ކާރުން ފޭބުމަށް އަވަސްވެގަތެވެ. އޭނަ ފަނަރަ އަހަރު ވަންދެން އެމީހެއްގެ އިންތިޒާރުގައި ހުރި މައިމީހާ ގެ ކައިރިއަށް ދިޔުމަށެވެ. އެވަގުތު ގޭގެ މައިދޮރު ހުޅުވާފައި ބެރަށް ނިކުތް ހައްވަ ގެ އަނގަ ތަންމިނަށް ހުޅުވިގެންދިޔައެވެ. ލޯ ފޮހެލީ ފެނުނު މަންޒަރު ޤަބޫލު ކުރަންދަތި ވުމުންނެވެ. ކާރުން ފައިބައިގެން ގޯތި ތެރެއަށް ވަދެގެން އެ އަންނަ ފަންމިންޏަކީ ހަމަ އޭނާގެ ލޮލުގެ ކޮއި ބާވައޭ ހައްވަ ހިތަށް އަރަމުން ދިޔައެވެ. ހައްވަ އަށް ހުރެވުނީ ގަނޑު ވެފައެވެ. ހަމަ ހޭ ވެރިކަން ވީ ފައިނާ ދުވެފައި އައިސް މަންމާ އޭ ކިޔާ ފައި އޮޅުލައިގަތުމުންނެވެ. މަގޭ ދަރިފުޅާ އޭ ކިޔާ ހައްވަ ފައިނާ ގައިގައި ބައްދާލިއެވެ. އެއާއެކު ބަޑިފަޅައިގެން ދިޔައެވެ.
ހައްވަ ގެ ހަޔާތުގެ ހަމަ އެކަނި އުންމީދު ކަމަށް ވާ ހުރި ހަމަ އެކަނި ދަރިފުޅާއި އުމުރުގެ ބާކީބައިގައި ބައްދަލުވެދާނެ ކަމުގެ އުންމީދު ވެސް އޭނައަށް ހުރީ ގެއްލިފައެވެ. ފައިނާގެ ޙާލަކީ ވެސް މިއީ އެވެ. އެދެމައިން އެ ރޮނީ އުފަލުން ނެވެ. އުމުރުން 9 އަހަރުއްސުރެ ފައިނާ އަށް މަންމަ ހަމަ ލޮލުން ފެނުމުގެ ނަސީބު ލިބިފައެއް ނެތެވެ. އާތިފް ހައްވަ ދޫކޮށް ހަޔާތުގެ އިތުރު ބާބެއް ފެށީ ފައިނާ ގެ އުމުރުން އެންމެ ނުވަ އަހަރުގައެވެ. ކައިވެންޏަށް ފަހު އާތިފް މެލޭޝިޔާއަށް ދިރިއުޅުން ބަދަލުކުރީ ހިތެއް ފިތެއް ނެތި ގަދަ ބާރުން ފައިނާ ޖަހައި ގަނެގެންނެވެ. އޭގެފަހުން މިއަދާއި ޖެހެންދެން ދުވަހަކުވެސް ހައްވައަށް އޭނާގެ ދަރިފުޅު ހަމަލޮލުން ދުށުމުގެ ނަސީބެއް ނުލިބެއެވެ.
އޭގެ އިރު ކޮޅެއް ފަހެވެ. ހައްވަ ފައިނާ އަތުލަފި ކޮށްލައިގެން ކަހަލަ ގޮތަކަށް އައިސް ގޯއްޗަށް ވަނެވެ. އޭނާ ހުރީ އުފަލުން ފޮޅިފައެވެ. ހަތާ ނެތި އުޅޭ ވައި ކުޅަނދުރެއް ހެން ގަނަތެޅޭ ތާ އެތަށް އަހަރުތަކެއް ވެއްޖެއެވެ. އާތިފް ގެ ކެހިވެރި ލޯބި ހައްވަ ގެ ދިރި އުޅުން ފަނާ ކޮށްލުމުން އިތުރު ކައިވެންޏެއް ނުކޮށް ހުރީ ފިރިހެނުންނަށް ކުރި ޤަދަރު ނެތުނީމައެވެ. ހައްވަ ދަރިފުޅަށް ޖޫސް ތެއްޓެއް ގިރައިގެން އައިސް އުދޯލީގައި އިށީނެވެ. ފައިނާ ގެ ބޮލުގައި ފިރުމާލާފައި ޖޫސް ތަށި ބޯންދިނެވެ. ފައިނާ އަށް ހައްވަ އާއި ހަމައަށް އާދެވުނު ގޮތް އޮޅުން ފިލުވާލާނެ ހަނދާނެއް ވީ އެހާ ހިސާބުންނެވެ.
ފައިނާ ކިޔައިދޭން ފެށިއެވެ.ފައިނާ އާއި ނާނު ބައްދަލު ވީ އިޖުތިމާއީ ވިއުގައި ގެ އެހީގައެވެ. ފިލާވަޅު ދަސްކޮށް ނިމުމުން ފޫހި ފިލުވާ ލުމަށް އެހެން ފޮތެއް ޚިޔާރު ކުރެވުނު ހިސާބުންނެވެ. އާއެކެވެ. އެންމެން އެ އެއްޗެއްގެ އަވައިގައި ޖެހިފައި ވާ ފޭސްބުކުންނެވެ. ނާނު އާއި ފައިނާ ގެ ބީރައްޓެހިކަން ރައްޓެހިކަމަށް ބަދަލުވެ އެ ގުޅުމުގައި ކުރިލައި ހެދިގަތީ ވަރަށް އަވަހަށެވެ. ދެމީހުން އެކަކު އަނެކަކަށް ތަޢާރަފް ވެ މިހާ ހިސާބަށް އެކުވެރިކަން ބަދަހި ވެވުނީ ދެމީހުންނަށް އެކަކު އަނެކަކަށް ކުރެވުނު އިތުބާރެއް ގެ ބޮޑުކަމުންނެވެ.
ފައިނާ އަށް މިއަދު ލިބިފައި މިވާ އުފާވެރިކަމުގެ އަސްލަކީ ނާނު އެވެ. މަންމަ އާއި ހަމައަށް ވާސިލު ވެވުނީ އޭނާ ކޮށައިދިން މަގުންނެވެ. އެކުވެރި މަލަކާގެ މަދަދާއި ނާނުގެ ހިކުމަތްތެރި ކަމެވެ. އެހެނަސް މިއަދާއި ހަމައަށް ވެސް އެދެމީހުން ބައްދަލު ވަނީ ހަމަ އެކަނި ނެޓުގެ ޒަރީޢާ އިންނެވެ.
އޭގެ ދެދުވަސް ފަހެވެ.އޮފީހަށް ވަދެގެން އައި ހެޑްމާސްޓަރު ނިހާނަށް ސިހުމެއް ލިބިގެން ދިޔައީ ބައްދަލު ކުރާ ކޮޓަރީގައި އިން ފަންމިންޏަކުންނެވެ. ކިތަންމެ ހަރުދަނާ މީހަކަސް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން އޭނާ ގެ ހިތް އެދިމާލަށް ލަންބުވައިފިއެވެ. ފުރަތަމަ ނަޒަރުން ވެސް އެ ރީތި އަންހެން ކުއްޖާގެ ގެ ރީތީގެ ޖާދޫގައި ޖެހިއްޖެއެވެ. ނިހާންގެ ހިތަށް އެރިއެވެ. ފޮޓޯއިން ފެންނަ އިރަށް ވުރެ އަސްލު ސޫރަ ހާދަހާ ފުރިހަމަ އެވެ. ހީކުރި ވަރަށް ވުރެ ފަސޭހައިން ފައިނާ އަށް ވަޒީފާ ހަމަޖެހުނެވެ.
ގެޔަށް އައިސް ވަދެވުމާއެކު ފައިނާ އެނދު މައްޗަށް ވެއްޓިގަތެވެ. އެނދުގައި ލެޕްޓޮޕް ބެހެއްޓުމަށް ފަހު އެންމެ އިސްކަމަކަށް ހެދީ ޢިޖްތިމާޢީ ވިއުގަ ތަކުގައި އޭނަގެ ނަމުގައިވާ ހުރިހާ އެކައުންޓު ތަކުގައި ވަޒީފާ ހަމަ ޖެހުނުކަން ޢިޢުލާނު ކޮއްލާށެވެ. އިރުކޮޅެއް ނުވެ މަރުޙަބާގެ މެސެޖްތަށް އޮހެން ފެށިއެވެ. ރައްޓެހިންނާއި ބީރައްޓެހިންނެވެ. ފައިނާ މެސެޖަކަށް ފަހު މެސެޖެއް ކިޔަމުން ޝުކުރު އަދާ ކުރަމުން ދިޔައެވެ. ކުއްލިޔަކަށް ފައިނާގެ ލޮލުގައި އަޅައިގަތީ އެކުވެރިއަކު ކޮށްފައިވާ މެސެޖެކެވެ. ވީ އުފަލުން ލެޕްޓޮޕުގައި އޮޅުލައިގަތެވެ. މެސެޖް ފޮނުވި މީހާގެ ނަމަކަށް “ނާނު” އޮތީމައެވެ. ނާނު އާއި އެތަށް އިރަކު ވަހަކަ ދައްކަން ތިބެވުނެވެ.
ހައްވަ ހީވަނީ ރެވިތެޔޮ ވަށައިގެން އުޅޭހެންނެވެ. ދަރިފުޅަށް މީރުހެން ހީވާ ހުރިހާ އެއްޗެއް ކާމޭޒު މައްޗަށް ޖަމާކޮށްލިއެވެ. ފެނު ކެއްކި ބަނބުކޭލާއި ގަރުދިޔައެވެ. ފިހުނު މަހާއި ލޮނުމިރުހެވެ. ދެ ތިން ވައަތަރުގެ ފަނި ގިރާފައި ހުއްޓެވެ. ދުވާ މީރުވަހުން ހީވަނީ ބަނޑު ފުރި އަރައި ދާނެހެންނެވެ.ބަލާ މީހަކަށް ހީވަނީ ހައްވައަށް ޢީދެއް އައިސްގެން އުޅޭ ހެންނެވެ. ހަޤީގަތަކީ ވެސް އެއީ އެވެ. މި އިން ޒަމާނަކު ވެސް ރޯޝަން ބަހާރު ގެ ބަދިގެ ތެރެ މިހާ ތަނަވަސް ކޮށް ފެނިފައެއް ނެތެވެ.
ދުވަސްތައް މާޒީ އާއި އެކުވަމުން ދެއެވެ. ނިހާން އަށް ފައިނާގެ ފަހަތުން މުގޯލި އަޅަމުން ދެވެނީ އިޚްތިޔާރަކާއި ނުލައެވެ. ފައިނާ ދާ ކޮންމެ ދިމާލަކުން ނިހާން ނުފެނި ނުދެއެވެ. ބައެއް ފަހަރު އެއީ އިންސާނެއް ބާއޭ އޭނާގެ ހިތަށް އަރާވަރު ވެއެވެ. އޭނަޔަށް ހިތް ކިޔާ އެތަށް އަންހެން ކުދިންނެއްގެ ހުށަހެޅުމަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. ފައިނާ ނޫން އެހެން ކުއްޖަކު ނުފެންނަ ފަދައެވެ. އެހެނަސް ފައިނާ ކަހާތަން ހިރުވައި ވެސް ނުލައެވެ. ނިހާން ބަލާލަން ހުތުރުވެގެން ނެތް ނޫނެވެ. އޭނާއަށް ވެސް ނިހާން ކަމު ދެއެވެ. އެހެނަސް އޭނާގެ އަތުގައި ނިހާންއަށް ހަދިޔާ ކުރާނެ ހިތެއް ނެތެވެ. އޭނާ ލޯބިވަނީ އެހެން މީހެއް ދެކެއެވެ.
އޭނައަށް ވަނީ ސިއްރިއްޔާތުގައި މީހަކަށް ހިތް ހަދިޔާ ކޮށްފައެވެ. އެއީ އޭނާގެ ހިތުގެ ރަސްގެފާނެވެ. ކޮންތާކު އުޅޭ ކާކުކަން ނޭނގުނަސް ހިތް ހަދިޔާ ކުރެވުނީ އިޚްތިޔާރަކާއި ނުލައެވެ. މީހުން ބުނަނީ ތެދެކެވެ. ލޯތްބަކީ ކަނު އެއްޗެކެވެ. ނާނުގެ އޯގާތެރި ކަމާއި އެހީތެރި ކަމުގައި ދެވަނަ މާނައެއް ވާ ކަމަށް އޭނާގެ ހިތް ބުނަމުން ދިޔަޔަސް މިއަދާއި ހަމަ އަށް އެކަން ސިއްރު ވެފައި އޮތީ ނާނުގެ އިޝާރާތެއް ނާންނާތީއެވެ.
ނިހާން އޮފީހަށް ސަލާމުގައި ހުންނަތާ ހަފްތާއެއް ވެއްޖެއެވެ. އަލަތު ލޯބީގައި ކުރި އޮޔާދިޔަ ދަތުރު އޭނާގެ ހިތްހަލާކު ކޮށްލައިފިއެވެ. ފައިނާ ގެ ލޯބި ހޯދުމުގައި އޭނާ ވަނީ ނާކާމިޔާބު ވެފައެވެ. އޮފީހުގައި މަސައްކަތުގެ މައިދާނުގައި ހަރަކާތް ތެރިވަމުން ދިޔަ ފައިނާ އިނީ ފިކުރު ބޮޑުވެފައެވެ. އޭނަ ނިހާނާމެދު ހަމްދަރުދީވެއެވެ. ކީއްވެގެން ކަމެއް ނޭގެއެވެ. ނިހާން ނުފެންނާތީ ހިތުގެ އެއްކަނުގައި ރިހޭކަމުގެ އިޙްސާސް ވަމުން ދިޔައެވެ. އަނެއް ކޮޅުން ނާނު އާއި ބައްދަލު ނުވާތާ ދުވަސްކޮޅެއް ވީއެވެ. ނާނުއަށް ލޯބި ހުށަހެޅުމުން ޖަވާބު ނުދިނީ ކީއްވެ ބާވައެވެ.ފައިނާ ކިތަންމެ ބޭނުން ވިޔަސް ނާނު އޭނާ ދެކެ ލޯބިވާ ހެނެއް ހިޔެއް ނުވެއެވެ. އެންމެ ފަހުން ފައިނާ ނިންމީ މަންމަގެ މަޝްވަރާ ހޯދުމަށެވެ.
ޖޯލިފަތީގައި ދޮން އަނބު މަށަން އިން ހައްވަ ސިއްސައިގެން ދިޔައީ ފައިނާ އައިސް ދޮރާށި ޖެހި އަޑަށެވެ. ދަރިފުޅުގެ މިލާފައިވާ މޫނު ފެނުމުން ކޮންމެވެސް ކަމެއް ވެއްޖެކަން ހައްވައަށް ގައިމު ވިއެވެ. ހައްވަ ނުހަނު ލޯތްބާއެކު ދަރިފުޅުގެ ޙާލަތު މަންމަ އަށް ކިޔައިދިނުމަށް އެދުނެވެ. ފައިނާ ކޮޅުން ފެށިގެން އަލިފުން ޔާ އަށް ހުރިހާ ވާހަކަ އެއް ކިޔައިދިނެވެ. ނިހާނު ވީ މަންމަ އަށް ވަރަށް ކަމުދާ މީހަކަށެވެ. މަންމަގެ ލޮލުން ބޮލުން އެކަމާ ޤަބޫލުކަން އެންގިއެވެ. ފައިނާ އަށް ވެސް މަންމަ ގެ ނިންމުން ކަމުގޮސްފިއެވެ.
ކުއްލިޔަކަށް ފައިނާ ނާނުގެ މެސެޖެއް އަތުވެއްޖެއެވެ. ފޯނު ބަލާލުމާއެކު އެ ދޮން މޫނުގެ ކުލަ ބަދަލުވެގެން ހިނގައްޖެއެވެ. އުފަލުން ގޮހެވެ. ނާނު ދެކެ އިންތިހާއަށް ލޯބިވާ ވާހަކަ އާއި ބައްދަލު ކުރަން ބޭނުން ވާހަކަ މީގެ ހަފްތާއެއް ހާ ދުވަސް ކުރިން ފައިނާ އޮތީ ފޭސްބުކުގެ އެހީގައި އެދިފައެވެ. ނާނުގެ ގެ ޖަވާބެއް ނައުމުން ހިތް މާޔޫސް ވެ ލޯބި ވެރިޔާ ހަނދާން ނައްތާލަން މަސައްކަތް ފެށީއެވެ. ފައިނާ ގެ ހިތަށް އެތައް ކުލައެއް އަރައި ފައިބަމުން ދިޔައެވެ. ނާނު މިރަށަށް އައީ ހެއްޔެވެ؟ ހަވީރު ފަހެއް ޖަހާއިރު ތުނޑިޔަށް ދިޔުމަށް އެދިފައި ވުމުން ފައިނާ އަވަސް އަރުވާލިއެވެ. ވަރުގެ ކޮޅަށް ނަލަ ހެދިގެން ނިކުމެއްޖެއެވެ. ފެނުނު ކޮންމެ މީހަކަށް ފައިނާއަށް ތަޢުރީފު ކުރެވޭހާވެއެވެ. އެހާ ވެސް ފުރިހަމަ އެވެ.
ދުވަމުން ކަހަލަ ގޮތަކަށް ފައިނާ ގޮސް ތުނޑިޔާ ދިމާލަށް ނިކުތެއެވެ. އޭނާގެ ހިތުގެ ރަސްގެފާނު އޭނާއަށް ދޭނެ ޖަވާބަކަށް ކެތް މަދު ވެފައިވާ ޙާލެއްގައެވެ. ހަފަރާތަށް ބަލާލުމުން ވެސް އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ނާނުގެ އިންތިޒާރުގައި ފައިނާ ގަހެއްގެ ދަށުގައި އިނެވެ. ފުން ޚިޔާލެއެއްގައި އިން ފައިނާ ސިއްސުވާލީ ފިރިހެނެއްގެ އަޑެވެ. ބީރައްޓެހި އަޑެއް ނޫނެވެ. ނިހާނެވެ. ނިހާން މިތާ ކީއްތަ ތިކުރަނީ؟ ފައިނާ އަށް އަހާލެވުނެވެ. އަހަރެން މިތަނަށް އައިސްގެން ނުވޭތަ؟ ނިހާން ޖަވާބު ދީފައި ހީލިއެވެ. ހިތް ދަމައިގަންނަ ހިނިތުން ވުމެކެވެ. ފައިނާ ކުރިޔަށް ހިނގައިގަތެވެ. ” ހަނީ ..؟” ކުރިޔަށް އެޅިފިޔަވަޅު މަތީ ފައިނާ އަށް ހުއްޓެވެނެވެ. ޤަބޫލު ކުރަން ދަތިވެފައެވެ. މިހާ ދުވަސް ވަންދެން އޭނާގެ ފަހަތުން މުގޯލި އަޅަމުން އާވާރާ ވެގެން ދުވަމުން ދިޔަ ނިހާނު އަކީ އޭނާ ގެ ނާނު ހެއްޔެވެ؟ ފައިނާ ގެ ދުލު ކުރިން އެންމެ ބަހެއް ވެސް ނުނިކުތެވެ. ދުވެފައި ގޮސް ނިހާން ގެ ގައިގައި ބައްދައިލިއެވެ. ނޭނގުމެއްގެ ތެރޭގައި ނާނުގެ ހިތުގައި ޖެއްސުނީތީ މާފަށް އެދެމުންނެވެ. ނިހާނުވެސް މާފަށް އެދުނެވެ. އޭނާ އަށް ކުރެވުނު ހުށް ހީތަކަށެވެ. އާއެކެވެ. އޭނާއަށް ހީވި ގޮތުގައި ފައިނާ ނޫނެކޭ ބުނަމުން ދިޔައީ އޭނައަކީ ކާކުކަން އެނގި ހުރެއެވެ. އެދެމީހުން ގެ އަތުގައި ނަސީބު ހިފީއެވެ. ލޯބި ފަސްދީ އޮބާފައި ދިޔުމަށް ފަހު ހީވެސް ނުކުރާ ފަދަ ގޮތަކަށް ލިބުނީމައެވެ. އެވެސް ލޯބި އޭގެ އިންތިހާއަށެވެ.
7 Comments!
Comments are closed.
nimuneee tha?
NIMUNEE
hehehehe somewhat interesting!!!!vahaka thankolheh dhigu kohlafa nanu aky kakukan angali nama adhi miah vure furihama vees kanneynge..
what a beautiful piece of writing!
Varah habeas vaahaka e mee thankolhe dhigunama varah furihamavaane
fudhey varehvey dhen:p
aslu kyhve leyfa kiyani..