Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާން (ފަހުބައި)

Faathii Level 410 Stories100 Comments100 Login
December 18, 2018 6 Mins Read
17 Comments

ޙިބާމެންގެ ކުޑަކުޑަ އާއިލާ ޖެޓީ ކައިރީ ތިބީ އަންނަންއުޅޭ އާއިލާ މީހުންގެ އިންތިޒާރުގައެވެ. އައިޝާ މާހިލްގެ އަތުގައި ހިފަހައްޓާލައިގެންހުރެ އިރުއިރުކޮޅާ ކާފަމެން އަދިވެސް ނާދެޔޭ ބުނެލައެވެ. ޙިބާވެސް ހުރީ ކެތްމަދުވެފައެވެ. މާގިނަ އިރެއްނުވެ ލާންޗެއް އައިސް ޖެޓީ އާއި ކައިރި ކޮށްލުމުން ތިން މައިން ހިނގައިގަތީ ޖެޓީއަށް އަރާށެވެ. ލާންޗުން ފެއިބި ނާސިރާއި ރަހްމާ ލޯބިން އައިޝާ އުރާލާ، ބައްދާލާ އެކިއެކި ވާހަކަ ދައްކަން ފެށިއެވެ. ރަހްމާ ފެނުމުން ޙިބާއަށް ހައިރާންކަން ލިބިގެންދިޔައީ ރަހްމާ ބުރުގާ އަޅާފައި ހުރުމުންނެވެ. ރަހްމާ ބުރުގާ އެޅިވާހަކަ އެއްވެސްމީހަކު އޭނާގާތުގައި ނުބުނޭ ވިއްޔާއެވެ. ހުމާ ކުޑަކޮށް ޙިބާ ކައިރީ ބައްދާލާ މާހިލްއަށް ސަލާން ގޮވާލިއެވެ. މާހިލްވެސް ސަލާމަށް ރައްދު ދިނުމަށްފަހު ނާސިރު ދެމަފިރިންނަށްވެސް ސަލާން ގޮވާލަމުން އަތާއަތް ޖޯޑުކޮށް ސަލާންކޮށްލިއެވެ. ހުމާ އައިޝާ އުރާލައިގެން ނާސިރާއި ވާހަކަ ދައްކަމުންދިޔަ ޙިބާމެންގެ ފަހަތުން ގެޔާއި ދިމާލައް މިސްރާބު ޖެހިއެވެ.

އެމީހުންނަށް އާދެވުނީ ހަވީރު ފަހެއް ޖަހާއިރުކަމުން ޙިބާހުރީ ސައި ތައްޔާރުކޮށްފައެވެ. ހަވީރު ސަޔައްފަހު އެކިއެކި ވާހަކަ ދައްކަންތިއްބާ މަޢްރިބް ވަގުތު ވުމުން އެންމެންވެސް އަޅުކަމުގައި ޝާމިލްވެވޭތޯ އުޅުނެވެ. މާހިލް ނާސިރު ގޮވައިގެން މިސްކިތައް ދިއުމުން ޙިބާ އައިޝާ ގޮވައިގެން އޭނާގެ ކޮޓަރީގައި ނަމާދައް އަރަން އުޅުނެވެ. ނަމަވެސް އައިޝާ ބޭނުންވީ މާމަޔާއި ބޮޑުދައިތަޔާއެކީ ނަމާދު ކުރާށެވެ. އެކަމަށް ހުއްޓާނުލާ ބޮޑާ ހަދަން ފެށުމުން އައިޝާ ގޮވައިގެން ރަހްމާގެ ކޮޓަރިއަށް ވަތްއިރު ހުމާޔާއި ރަހްމާ ތިބީ ނަމާދުކުރާށެވެ. ރަހްމާ އިސްވެ ހުރެ ނަމާދުކުރަމުންދިޔަ މަންޒަރު ފެނުމުން ޙިބާއަށް އުފަލުން ރޮވުނެވެ. އެއީ އޭނާ ހާދަ ބޭނުންވެގެން، ހާދަ ދުވަހަކު ދުޢާ ދެންނެވި ކަމެއް ވިއްޔާއެވެ. ހަޤީޤަތުގައިވެސް ﷲ އީ ދުޢާ އިޖާބަ ކުރައްވާ ރަސްކަލާނގެޔޭ ހިތައް އެރުމުން އިތުރަށް ވަގުތު ބޭކާރު ނުކޮށް އައިޝާ ގޮވައިގެންގޮސް އެ ޖަމާޢަތުގައި ބައިވެރިވިއެވެ. ނަމާދު ކުރަން ހުރިއިރުވެސް ޙިބާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ފައިބަމުން ދިޔައެވެ. މާތް ﷲ އޭނާގެ އާއިލާ އެންމެނަށް ހިދާޔަތް ދެއްވީތީ ހިތުގެ އަޑިން ޝުކުރުވެރިވާ ހާލުގައި އެ އާއިލާ އެގޮތުގައި ތާ އަބަދު ލައްވާ، ﷲ ރުހި ވޮޑިގެންވާ ހާލުގައި މަރުގަންނަވާތޯ ދުޢާ ކުރިއެވެ.

އެތައް ދުވަހަކައްފަހު އެކުޑަ ކުޑަ އާއިލާއަށް ބަހާރު މޫސުން އައިސްގެން އުޅޭ ފަދައެވެ. އައިޝާވެސް އުފަލުން މާމަ އަށާއި ބޮޑުދައިތަޔައް ފޮނިދެއްކުން ނޫން ކަމެއް ނުކުރެއެވެ. އައިޝާ އަށް ކުރެވޭ މޮޅެތި ކަންތައްތައް ކިޔައިދީ، އޭނާ އަތުގައިހުރި އޭނާގެ ފެވަރިޓް އެއްޗިހި ދައްކާ، މުޅި ގޭތެރޭގައި ދުވެހަދަމުން ދިޔައީ އެންމެންގެ ސަމާލުކަން ހޯދަމުންނެވެ. އޭނާގެ އަމަލުތަކަށް ތައުރީފު ކޮށް ހޭންތިބި އެ އާއިލާގެ އެންމެންގެ މޫނުމަތީގައިވެސްވަނީ ހިނިތުންވުމެވެ.

ހުމާގެ ވާހަކަތަކުން އެނގުނު ގޮތުގައި އޭނާއަށް މާލޭގެ ރަނގަޅު ހޮސްޕިޓަލަކުން ވަޒީފާ ލިބި ހަފްތާއެއް ފަހުން ވަޒީފާ އަށް ނިކުންނަން ޖެހެއެވެ. އަދި އިތުރު ކުލިނިކަކުންވެސް ޕާޓް ޓައިމަށް ވަޒީފާ ލިބިފައިވާ ވާހަކަ ބުންޏެވެ. އެކަމާ ޙިބާ އޭނާގެ ކޮއްކޮޔައް ތަޢުރީފްކޮށް މަރުހަބާ ކިޔެވެ. އަދި އޭނާގެ ކެރިއަރުގައި ﷲ ބަރަކާތް ލައްވާ، އެތައް ބަޔަކަށް އެހީތެރިވުމުގެ ހެޔޮ ތަޢުފީޤު މިންވަރު ކުރެއްވުމަށްއެދި ދުޢާ ކުރިއެވެ.

އިޝާ ނަމާދައްފަހު އައިޝާއަށް ކާންދީ ނިންދެވުމަށްފަހު ޙިބާ ކޮޓަރިން ނިކުތްއިރު ރަހްމާ އިނީ އެގޭ ފެންޑާގައި އެލުވާފައިހުރި އުނދޯލީގައި ފޯނާއި ކުޅޭށެވެ. މާހިލް ދިޔައީ ނާސިރު ގޮވައިގެން ފިހާރައިގެ ކަންކަން ހިނގާ ނުހިނގާގޮތް ދައްކާލަންކަމަށް ބުންޏެވެ. އަދި ހުމާވެސް އެއްޗެއް ގަންނަންވެފައި އެބައޮތްކަމަށްބުނެ އެމީހުން ފަހަތުން ހިނގައްޖެ ކަމަށްވެސް ބުންޏެވެ. ރަހްމާ އެހާ ހިރަފުސް ބޯއިރު ދުރަށް ހިނގާ ހިތްނުވީމާ އެތާގައި މަޑުކޮލީ ކަމަށްވެސް ބުންޏެވެ. ޙިބާވެސް ގޮސް ރަހްމާގެ އެއްފަރާތުން އުނދޯލީގައި އިށީނދެ އެކިއެކި ވާހަކަ ދައްކަމުންދިޔައެވެ. އެތައް ދުވަހަކައްފަހު ރަހްމާގެ ހިތް ޙިބާއަށް ސާފުކަން އެނގުންވުމުން ހިތްހަމަ ޖެހުނެވެ. އަދި މަންމަ ބުރުގާއެޅީމާ ވަރަށް އުފާވާކަން ޙިބާ ހާމަކުރިއެވެ. ރަހްމާ ހިނިތުންވުމެއް ދީފައި ﷲއަށް ޙަމްދު ކޮށްލިއެވެ. ރަހްމާ އަށް އެހާ ބޮޑު ބަދަލެއް އައިސްފައިވާތަން ފެނުމުން ޙިބާގެ ހިތްއުފަލުން ފޮޅުނެވެ. ރަހްމާގެ ވާހަކައިން އެނގުނު ގޮތުގައި އެބަދަލުތައް އޭނާއަށް އައުމަށް އެންމެ އިސް މެދުވެރިއެއްގެ ރޯލު ކުޅުނީ ނާސިރެވެ. ދެމަފިރިން އެކަނިވީންސުރެ ނާސިރު ރަހްމާޔާއެކީ ކުރިއަށްވުރެ ގިނައިން ވަގުތު ހޭދަކޮށް ކަންކަން ހިއްސާކޮށް ހެދުމުގެ ސަބަބުން ރަހްމާވެސް މަޑުމަޑުން ނާސިރުގެ ނަސޭހަތްތަކުގައި ހިފާ ކަންކަން އިސްލާހު ކުރީއެވެ.

ދެމައިން ވާހަކައިގައި ތިއްބާ ނާސިރުމެން އައުމުން އެންމެން އެކީގައި ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ނާސިރު ދެމަފިރިން ނިދަން ދިޔައެވެ. ޙިބާ އާއި ހުމާޔާ ދެކުދިން އެމީހުން ކުރަން ރޭވި ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމުގައި ވަރަށްގިނައިރު ތިއްބެވެ. މާހިލް އިރުކޮޅަކު އެމީހުންގެ ވާހަކައިގެ ބައިވެރިވެލާފައި ދެން ގޮސް ނިދީއެވެ.

އާ ދުވަހަކައް އިރުއެރުމުން ޙިބާ މުޅި ދުވަހު ބުރަކޮށް އުޅުނީ ނާސިރުމެނަށް އެ ރަށުގެ ރީތި ތަންތަން ދައްކާ ރަށުގެ ހިތްގައިމުކަން ބުނެދިނުމުގައެވެ. ހުމާ އަށް ރަށްފުށުގެ ދިރިއުޅުން ހިތްގައިމުކަމުން ހުރީ އެނބުރި މާލެވެސް ދާ ހިތްނުވެފައެވެ. ރަށުގެ ދޮންވެލި ތުނޑި ދައްކާ ހެދުމުން އެތަނުން އެނބުރި ގެއަށްވެސް ދާ ހިތްނުވެފައިހުރީ އެތަނުގެ ހިތްގައިމުކަމުން ހިތައްލިބިދޭ ހަމަޖެހުމުން ދުރުވާ ހިތްނުވުމުންނެވެ. ރާޅު ބީއްސާފަށުގައި ފައިން ވެލިގަނޑުމަތީ ފައިތިލައިގެ ތައްގަނޑު އަރުވަމުން ހިނގަމުން ދިޔައެވެ. ވިލު ނޫކުލައިގެ ރީތި މޫދައް ބަލާލުމުންވެސް އެ ހިތައް ފިނިކަން ލިބިދެއެވެ. ރީތި، ސާފު ދޮންވެލިގަނޑުގެ މަޑުކަމުންވެސް އެތަނުން ފައިނަގާ ހިތްވެސް ނުވަނީއެވެ. ރީތި، ތާޒާ ވައި ހަށިގަނޑުގައި ބީހެމުންދިޔައިރު އުޑުމަތިވެސް ސާފު، ރީތި ދުވަހެކެވެ. އެ ތުނޑީގެ ހިތްގައިމުކަން އިތުރު ކޮށްދެނީ އުޑުމަތިން ފެންނަ މަޑު ނޫ ކުލައިންނާއި ހުދު، ސާފު ވިލާތަކުންނެވެ. އަދި ތަންކޮޅެއް ދުރުން އުދުހެމުން ދޮންވެލި ފަސްގަނޑައް ތިރިކުރަމުންދިޔަ ކިރުދޫނިތަކުގެ ސަބަބުންނެވެ. އޭނާ އެ ރަށުގައި އުޅޭނަމަ އަބަދު ހުންނާނީ އެތަނަށް އައިހޭ ހިތައް އަރަމުން ދިޔައެވެ. ހުމާ އެތަނައް ގަޔާވެފައިވީވަރު އެނގުމުން މާހިލް އާއި ޙިބާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. މުޅި ދުވަހު ބުރަކޮށް އުޅުމުން އެންމެނަށްވެސް ވަރަށް އަވަހައް ނިދުނެވެ.

ޙިބާ ރަށު ސުކޫލުގެ ޕްރިންސިޕަލާއި ވާހަކަ ދައްކައިގެން ހުމާގެ ފަރާތުން ބެލެނިވެރިންނަށް ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ވަގުތެއް ރޭވިއެވެ.

ޜޭގަނޑުގެ ވަގުތެއްގައި އޮތް އެ ސެޝަން ކުރިއަށްދިޔައީ ސުކޫލުގެ ކުލާސްރޫމެއްގެ ތެރޭގައެވެ. ސްކޫލުގެ މުވައްޒިފުންގެ އިތުރުން ހުރިހާ ގްރޭޑެއްގެ ބެލެނިވެރިންނަށް އެކަމުގައި ބައިވެރިވުމަށް ދަޢުވަތު އެރުވުނެވެ. ޙިބާ އާއި ރަހްމާވެސް އެކަމުގައި ބައިވެރިވިއެވެ. ދުނިޔޭގެ އިމްތިޙާންތަކާއި ބެހޭގޮތުން ވާހަކަދައްކަން ނިންމީ އެއީ މުހިންމު މައުޟޫއަކަށް ވީތީއެވެ. ހުމާ ބިސްމިނަށްފަހުގައި އަމިއްލަ ނަފްސުގެ ކުޑައަޢާރަފެއް ދިނުމަށްފަހު ކުޑަކޮށް ބެލެނިވެރިންނާއި ހީ ސަމާސާކޮށް މަޖާކޮށްލީ މިހާރުއުޅޭ ދަރިވަރުންގެ ބައެއް މަޖާ އާދަތަކުގެ ވާހަކަ ދައްކަމުންނެވެ. އެއަށްފަހު އެފަދަ އާދަތައް ދަރިވަރުންގެ ކިބައިން ފެންނަން ދިމާވާ މައިގަނޑު ސަބަބުތަކަށް އަލިއަޅުވާލާ، އސްލާމްދީނުގެ ރިވެތި އުސޫލުތައްމަތީ ކުދިން ބޮޑުކުރުމުގެ މުހިންމު ކަމުގެވާހަކަ ދެއްކީ ދީންމަތީގައި އެކުދިން ބޮޑެތިވެއްޖެނަމަ ނުބައި އާދަތައް ކުދިންގެ ގައިގައި ހަރުލުން އެތައްގުނައެއް ކުޑަވާނެތީއެވެ. އޭނާގެ ވާހަކަގައިގެ ތެރެއިން ބުންޏެވެ.

“މި ދުނިޔެމަތީ އަހަރެމެން އެންމެނަށްވެސް އެތައް އިމްތިޙާން ތަކަކާއި ކުރިމަތި ލާން ޖެހޭނެ. ދަރިންގެ އަމަލުތައް ރަނގަޅު ނުކުރެވުން. ބަލި ކުއްޖަކު ލިބުން. ދެމަފިރިންގެ މައްސަލަތައް. ދަރީން މައިންބަފައިންނަށް އިޙްތިރާމް ނުކުރުން ނުވަތަ އަޅާނުލުން، ބަސްނޭހުން ނުވަތަ ނުކިޔެވުން. އެފަދަ އެތައް ކަމަކާއި ކުރިމަތި ލާންޖެހޭނެ. ނުވަތަ އުފާވެރި ފާގަތި ދިރިއުޅުމަކީވެސް އިމްތިޙާނެއް. އުފާވެރި ވަގުތު ތަކުގައި އަހަރެމެނަށް ﷲ ދެއްވި ނިޢުމަތްތައް މަތީން ހަނދާންކޮށް އެކަލާނގެ އަށް ގިނަގިނައިން ޙަމްދުކޮށް ޝުކުރުވެރިވާންޖެހޭ.. ފުދުންތެރި، ތަނަވަސް ދިރިއުޅުމެއް ލިބިފައިވާނަމަ ގިނަގިނައިން ޞަދަޤާތްކޮށް ފަޤީރުންނާއި ނިކަމެތިން މަތިން ހަނދާންކޮށް އެހީވެދެން ޖެހޭ..

ނަމަވެސް ދުނިޔެވީ އިމްތިޙާން ތަކަށްވުރެ ބޮޑައް އަހަރެމެނަށް މިދުނިޔޭގައި ކުރިމަތިލާންޖެހޭނެ އެންމެބޮޑު އިމްތިޙާންތަކަކީ ދީނުގައި ސާބިތުވެ ތިބުމަށް ކުރިމަތިލާންޖެހޭ އިމްތިޙާންތައް. ދީނީ ޙުކުމްތަކަށް ކަމޭހިތުމަކީ މިއަދުގެ މުޖުތަމަޢުގެ އަހުލުވެރިންނަށް އެންމެކުރަން އުނދަގޫ ކަންކަން. ދުނިޔެ އަހަރެމެނަށް ދައްކާ ދަޅަތަކުގެ ސަބަބުން، ދީނުން އެއްކިބާވެ، ދުނިޔަވީ އުފާތަކާއި ދިމާލައް ދަތުރުކުރެވޭލެއް އަވަސްވޭ. ދީނަށްވުރެ ދުނިޔަވީ ކަންކަން މުހިންމުވޭ. ﷲ ގެ ރުހުން ހޯދުމަށްވުރެ މީހުންގެ އަގެއްނެތް ތަޢުރީފުތަކަށް ހިތްކިޔާ. އެކަހަލަ އެތައް ސަބަބަކާއިހުރެ ދީނުގައި ސާބިތުވެ ހުންނަން އެތައް އުނދަގުލަކާއި ދިމާވޭ.

މިސާލަކަށް ބުނަންޏާ އަޢުރަ ނިވާކުރުން. ދުނިޔެ އަހަރެމެނަށް ދައްކާ ދަޅަތަކުން ސަލާމަތްވެ ﷲ އެންގެވިގޮތައް އަޢުރަ ނިވާކޮށްގެން އެކަމުގައި ތާއަބަދު ސާބިތުވެ ހުންނަން ކުރާމަސައްކަތްތައްވެސް ވާނީ މުސްލިމަކަށް ކުރިމަަތިލާންޖެހޭ އިމްތިޙާނަކަށް. ދުނިޔެވީގޮތުން އެއަށްވުރެ ރީތި، މޮޅެތި ގޮތްގޮތް ދުނިޔެ އަހަރެމެނަށް ދައްކާހިނދު، ﷲ އެންގެވިގޮތުގައި ސާބިތުވެހުރުން ވަނީ ދަތި އުނދަގޫ ކަމަކައް. އެހެންވީމާ އެއީވެސް ބޮޑު އިމްތިޙާނެއް.

މިހާރު ދުނިޔެއޮތް ހާލަތައް ވިސްނާއިރު ﷲގެ ކޮންމެ ޙުކުމްފުޅަކައް ބޯލެނބުން ނުވަތަ ސުންނަތެއްގައި ސާބިތުވެހުރުންވެސް ވާނީ ބޮޑެތި އިމްތިޙާން ތަކުގެތެރޭގައި. ކުރުކޮށް ބުނަންޏާ ދުނިޔެއަކީ އޭގެޒާތުގައި ބޮޑުއިމްތިޙާނެއް. އަހަރެމެން ދުނިޔެއަށް ލައްވާފައިވަނީ އިމްތިޙާނެއްގެ ގޮތުގައި.

މުލްކުސޫރަތުގެ ދެވަނަ އާޔަތުގައި ﷲ ވަހީކުރައްވާފައިވަނީ “އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ އަމަލު ރަނގަޅީ ކާކުތޯ އިމްތިޙާން ކުރެއްވުމަށްޓަކައި މަރުވުމާއި ދިރުއްވުން ލެއްވި ރަސްކަލާނގެއެވެ.” މިއާޔަތުންވެސް އެބައެނގިގެންދޭ އަހަރެމެން ދުނިޔެއަށް ލައްވާފައިވަނީ އަހަރެމެންގެ އަމަލުތައް އިމްތިޙާން ކުރެއްވުމަށްޓަކައިކަން. އެހެންވީމާ އަހަރެމެންގެ ދިރިއުޅުމުގައި ކޮންމެފަދަ ހާލަތެއް ކުރިމަތިވީނަމަވެސް އަމަލުތައް ހުންނަންވާނީ ﷲ އެންގެވިމަގުން. މިއިމްތިޙާނުން ފާސްވާނެގޮތަކީ ހަމައެކަނި އެއީ.

މިދުނިޔޭގައި ދިމާވާ ހުރިހާ އުނދަގޫތައް ކަނޑައްތު ކުރަމުންވެސް ދީނުގައި ސާބިތުވެ ހުރެވިއްޖެނަމަ ކިތަމެ ދަތި އުނދަގޫ، އަދި ހިތާމަޔާއެކުވެސް އަހަރެމެންގެ ދިރިއުޅުން ބާއްޖަވެރިވޭ. ހިތައް ހަމަޖެހުންލިބޭ.

ދަރިން ދީނުގެމަތީ ބޮޑެތި ކުރެވޭނަމަ މި މުޖުތަމަޢު އިން އެތައް މައްސަލައެއް ހައްލުވޭ. މިސާލަކަށް ބުނަންޏާ، އެ ދަރިން މައިންބަފައިންނަށް އިޙްތިރާމްކުރާނެ. ބޮޑެތި މީހުނަށް ކަމޭ ހިތާނެ. ކުދިންގެ ބަހުރުވަ ރީތިވާނެ. އެހެންކުދީންނަށް މަލާމާތް ކުރަން ޖެހިލުންވާނެ. ޢިލްމު އުނގެނެން ހިތްވަރާއެކީ މަސައްކަތްކުރާނެ. އެހެންމީހުންގެ ހެޔޮ ނަސޭހަތް ތަކުގައި ހިފާނެ. މާރާމާރީ ހުއްޓޭނެ. އެފަދަ އެތައް ރީތި ސިފަޔެއް އިސްލާމްދީން މަތީ އެކުދިން ސާބިތުކުރެވިއްޖެނަމަ އެކުދިން ގައިގައި އަށަގަންނާނެކަން ޔަޤީން. އެހެންއާޔަތެއްގައި، ﷲވަހީކުރައްވާފައިވަނީ

“ތިޔަބައިމީހުންގެ މުދާތަކާއި ނަފްސުތަކައިމެދުގައި، ތިޔަބައިމީހުން އިމްތިޙާން ކުރައްވާނެކަން ކަށަވަރެވެ. އަދި ތިޔަބައިމީހުންގެ ކުރިން ފޮތްލިބުނު މީހުންގެ ކިބައިންނާއި، ޝަރީކު ކުޅަ މީހުންގެ ކިބައިން ގިނަވެގެންވާ އުނދަގޫތައް (އެބަހީ: ނުރުހެވޭ ބަސްތައް) ތިޔަބައިމީހުންނަށް އިވޭނެކަން ކަށަވަރެވެ. ތިޔަބައިމީހުން ކެތްތެރިވެ ތަޤުވާވެރިވާނަމަ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެކަންވަނީ އަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.” (3:186)

އަހަރެމެންނަށް އެކިއެކި އިމްތިޙާންތައް ކުރިމަތިވާނޭ ވާހަކަ އެންގެވުމަށްފަހު، ހަމައެޔާއިއެކު ކުރީގައި އިމްތިޙާން ކުރެވުނު އެކިއެކި އުންމަތްތަކުގެ ވާހަކަޔާއި އެ އުންމަތްތައް އިމްތިޙާން ކުރެވުނު ކަންތައްތަކުގެ ވާހަކަވެސް ﷲ އަންގަވާފައިވެއެވެ.

“ތިޔަބައިމީހުންގެ ކުރީގައި އުޅެގޮސްފައިވާ މީހުންގެ ހާލުތައް ތިޔަބައިމީހުންނާއި ހަމައަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނޭކަމަށް ތިޔަބައިމީހުން ހީކުރީ ހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުން އަރައިގެންދިޔައެވެ. ރަސޫލާއާއި އެކަލޭގެފާނުގެ އަރިހުގައިތިބި އީމާންވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާންދެނެވެ. ﷲގެ ނަސްރު އަންނާނީ ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ! ހަމަކަށަވަރުން، ﷲގެ ނަޞްރުވަނީ ދާދިގާތުގައެވެ.” (2:214)

މި އާޔަތުންވެސް އެނގިގެންދަނީ އިމްތިޙާނަކީ ހަމައެކަނި އަހަރެމެނަށް ކުރިމަތި ލާން ޖެހޭ ކަމެއް ނޫންކަން. ދުނިޔެ ހެއްދެވީންސުރެ އެކަމުގެ ޙަބަރުތައް، އިންޒާރުތަކެއްގެ ސިފައިގައިވެސް ﷲ އެކިއެކި ރަސޫލުން މެދުވެރިކޮށް އަންގަވާފައިވޭ. އިމްތިޙާން ތަކާއި ކުރިމަތިލާން ޖެހޭއިރު އަހަރެމެން އެންމެ ވިސްނަން ޖެހެނީ އަހަރެމެނަށް މި އިމްތިޙާން ކުރިމަތި ކުރުވީ ކޮންފަރާތަކުން ތޯ؟ އަހަރެމެންގެ އަމަލުތައް ބައްލަވާ ވޮޑިގެންވަނީ ކޮންފަރާތަކުންތޯ؟ އަހަރެމެންގެ އަމަލުތަކަށް ޖަޖު ކުރާނީ ރައްޓެހިންނެއް ނޫން. ބޮޑެތި މީޑިޔާތަކެއްވެސް ނޫން. މުޖުތަމަޢުގެ އަހުލުވެރިންނެއްވެސް ނޫން. އެކަމަކު ﷲ. އެހެން ފަރާތްތަކަކީ ﷲ ކުރިމަތި ކުރައްވާ އިމްތިޙާންތަކުގެ ތެރެއިން ބައެއް.

މި ހަޤީޤަތް އަހަރެމެންނަށް އެނގުމުން އަހަރެމެންގެ ނަޒަރިއްޔާ ބަދަލުވެގެން ދޭ. ކަންކަމަށް ކުރިމަތިލެވޭ ގޮތް ބަދަލުވެގެން ދޭ. އެއީ އަހަރެމެންގެ އިމްތިޙާންކަން ޔަޤީންވުމުން އަހަރެމެންގެ ސުވާލު ބަދަލު ވެގެން ދޭ. “އަހަންނަށް މިކަން މެދުވެރިވީ ކީއްވެގެން ހެއްޔެވެ؟” “މިއީ އެއްވެސް އިންސާފެއް ނޫނެކޭ” މިފަދަ ސުވާލުތަކުގެ ބަދަލުގައި އަހަރެމެނަށް ވިސްނޭނީ “އަހަރެން ދެން ހަދަންވީ ކިހިނެއްތޯ؟” “މި އިމްތިޙާނުން ފާސްވާނީ ކިހިނެއްތޯ؟” “މިކަމުން އަހަރެން ނަގަންވީ ކޮން އިބުރަތެއް ތޯ؟” މިއެވެ. އަދި އެ އިމްތިޙާނާއި ކުރިމަތިލާނީ ﷲގެ ރުއްސެވުން ހޯދާ އާޙިރަތުގައި ނިމުމެއްނުވާ ބޮޑެތި ނިޢުމަތްތައް މިންވަރު ކޮށްދެއްވުން އެދިއެވެ.

އިސްލާމްދީނުގެ ރިވެތި ކަމަކީ އަދި ﷲގެ އޯގާވަންތަކަން ހާމަވާ އަނެއްކަމަކީ އަހަރެމެނަށް މި ފަދަ އިމްތިޙާންތަކުގެ އިންޒާރު މާކުރިންވެސް ދިނުމާއި އެކު އެ އިމްތިޙާން ތަކުން ފާސްވާނެ ރެސިޕީވެސް ﷲ އަންގަވާފައި ވުމެވެ. އެއީ ތަޢުބާވުމާއި، ކެތްތެރިވުމާއި، އަދި ތަޤުވާވެރިވުމެވެ. ”

ބެލެނިވެރިން ކުރިމަތީ މޫނު ބުރުގާގެ ނިވަލުގައި ދެކޮޅައް ހިނގަމުން، އަތުން ހަރަކާތް ކުރަމުން، ބެލެނިވެރިންނާއި ވާހަކަ ދައްކަން ހުރި ހުމާ ވާހަކަ ނިންމާލީ ތަޢުބާވުމުގެ މާތްކަމުގެ ބައެއް މިސާލުތަކާއި، ތަޤުވާވެރިވެ ކެތްތެރިވި މީހުންގެ މިސާލުން ދެތިން މިސާލެއްގެ ވާހަކަ ބެލެނިވެރިންނަށް ކިޔައިދީފައެވެ. އަދި ކުދިންގެ އީމާން ތެރިކަން އިތުރުކޮށް ތަޤުވާވެރިކަން އަށަގަންނުވަން ކުރެވިދާނެ ބައެއް ކަންތައްތައްވެސް ބެލެނިވެރިންނަށް ބުނެދިނުމަށް ފަހުގައެވެ.

ހަތަރު ދުވަސް ޙިބާމެނާއިއެކު ހޭދަކުރުމަށްފަހު ނާސިރުމެން ފުރައިގެން ދިޔައީ އަދިވެސް އެހެން ފަހަރަކުން އެ ރަށަށް އަންނާނަންކަމުގައި ބުނަމުންނެވެ. އަދި ޙިބާމެންގެ މެހެމާންދާރީ އާއިމެދު ފުރިހަމައަށް ހިތްހަމަ ޖެހިގެންނެވެ.

ނާސިރުމެން ފުރުމުން ކުޑަކޮށް ދެރަވި ނަމަވެސް އެމީހުން ދިޔައީ ހިތްހަމަޖެހި ތިބެކަން އެނގުމުން ޙިބާއަށްވެސް ހިތްހަމަ ޖެހުމުގެ ނޭވާ އެއް ލެވުނެވެ. އަދި އޭނާގެ މައިން ބަފައިންނަށް ތެދުމަގުފެނި އިސްލާހު ވެއްޖެކަން އެނގުންވުމުން އޭނާގެ ބޮލުގައި އެޅިފައިވި ބޮޑު ޒިންމާއެއް އަދާކުރެވިއްޖެ ކަމުގެ އިހްސާސް ކުރެވުނެވެ. އަދި އެކަމާއި ﷲ އަށް ޙަމްދުކޮށްލިއެވެ. އެ އިމްތިޙާނުން އޭނާ ފާސްވެއްޖެކަމުގެ އިހްސާސާއިއެކު އޭނާ އިތުރު އިމްތިޙާނަކަށް ތައްޔާރު ވެވިއްޖެކަންވެސް އިހްސާސްވިއެވެ. އަދި ބުނެވުނެވެ. “ޔާ ﷲ! މިއަޅާ ދެން އޮތް އިމްތިޙާނަށްވެސް ތައްޔާރެވެ.”
**ނިމުނީ**

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 40

Next

ހަދިޔާ (ފަނަރަވަަނަ ބައި)

Next
December 18, 2018

ހަދިޔާ (ފަނަރަވަަނަ ބައި)

Previews
December 17, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 40

17 Comments!

  1. Faathii says:
    December 18, 2018 at 5:55 am

    Assalaam Alykum. Here is the last part. Waahaka mi nimuny mihaa hisaabun. Ummeedhukuran readers ah kamudhaanekamah. 🙂 May Allah reward u all for good. ☺❤❤

  2. liyaa says:
    December 18, 2018 at 7:57 am

    maasha allah v ibraetheri furihama vaahakaye ☺?????❤

    1. Faathii says:
      December 18, 2018 at 10:25 pm

      Alhamdhulillah.? jazaakillah (May Allah reward u) ❤

  3. Hajja says:
    December 18, 2018 at 10:00 am

    Vvv reethi mivaahaka.. thanks… maasha Allah ???

    1. Faathii says:
      December 18, 2018 at 10:26 pm

      ? Jazaakillah ❤

  4. ?Shifna? says:
    December 18, 2018 at 10:13 am

    Masha allah. Mi vaahaka varah reethi adhi varah iburaitheri. Thank u faathi ah mihaa reethi adhi iburaitheri vaahaka eh genesdhinee theeve. Faathige ithuru vaahaka akah varah bodah inthizaaru kurevey??

    1. Faathii says:
      December 18, 2018 at 10:41 pm

      Alhamdhulillah. Jazaakillah (May Allah reward u) In Shaa Allah. Adhi ehen vaahaka ehves genesdheynan.

  5. ??? says:
    December 18, 2018 at 10:36 am

    vrh vrh reethi masha allah.. huma ge kaiveni nukoh nimmaaleema kadaee.. ???

    1. Faathii says:
      December 18, 2018 at 10:43 pm

      Hehe.. ☺
      Jazaakillah

  6. Aroo says:
    December 18, 2018 at 11:15 am

    Varah furuhama iburathun furigen vaa filaavalhu thakeh libbaudhin vaahakaeh

  7. Aroo says:
    December 18, 2018 at 11:16 am

    Varah furuhama iburathun furigen vaa filaavalhu thakeh libbaidhin vaahakaeh

  8. Aroo says:
    December 18, 2018 at 7:47 pm

    Inshaa allah vaahaka v furihama .Mivaaha kiyuvvi enmehaa faraai thakah v ibraiy theri filaavalhu thakeh libigen dhaane

    1. Faathii says:
      December 18, 2018 at 10:46 pm

      Alhamdhulillah. ?
      In Shaa Allah. ❤
      Jazaakillah (May Allah reward u)

  9. Mishy says:
    December 19, 2018 at 2:13 am

    Masha allah.. mi vhk vrh furihama.. adhi dhynaa beheygothun vx vrh gina knthh thakh dhas vhje.. curiously waiting for ur nxt religous stry…

    1. Faathii says:
      December 19, 2018 at 9:21 pm

      Alhamdhulillah. ?
      Jazaakillah(May Allah reward u) ❤

  10. ނާހީ says:
    December 19, 2018 at 8:13 am

    imthihaan mi vahaka aky dhuniyeyge imthihaan mathin handhaan kolla dhin reethi vahaka eh..
    adhives varah avaha mikahala iburaiytheri vahaka eh kiyan libeynwe kama ummedh kuran

    1. Faathii says:
      December 19, 2018 at 9:23 pm

      Alhamdhulillah. In Shaa Allah. ?
      Jazaakillah (May Allah reward u) ❤❤❤

Comments are closed.


All Right Reserved!